بســم اللّـه الرّحمـن الرّحيــم

 

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

 

އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު، ކޮލެޖްގެ ވައިސް ރެކްޓަރ ޑޮކްޓަރ ޢަބްދުﷲ ރަޝީދު، އަދި ތަޢުލީމު އުނގަންނައިދެއްވުމުގެ މަތިވެރި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން، މިރޭގެ ޖަލްސާގެ ޝަރަފުވެރިން، ލޮބުވެތި ބެލެނިވެރިން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްގެ ގޮތުގައި އަޅުގަނޑު މިދެކެނީ މިރޭގެ ޝަރަފުވެރި ވަނަތައް ހޯއްދެވި އެންމެހާ ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ރައްދުކުރުން. އާދެ، އޭގެތެރެއިން ވަރަށް މަތިވެރި ކާމިޔާބެއް ހޯއްދެވި ފާޠިމަތު އުފާ ޝާކިރަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން.

 

އާދެ، ކޮލެޖުގެ ޗެއަރމަން އަދި ވައިސް ރެކްޓަރ އަޅުގަނޑާމެދު ވަރަށް ހެޔޮބަސްތަކެއް ވިދާޅުވެއްޖެ. ޙަޤީޤަތުގައި އަޅުގަނޑު ދަންނަވަން އޮތީ، ކޮލެޖުގެ ޗެއަރމަނަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް، މުޅި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން އަދި ވަކިން ޚާއްޞަކޮށް މިއަދު ތަޢުލީމު އުނގެނެމުންދާ އެންމެހާ ދަރިވަރުންނަށް ހުރި ނަމޫނާއެކޭ. އާދެ، ވަރަށް ގިނަގުނަ ގޮންޖެހުންތަކަކާއެކުވެސް ގިނަ ކާމިޔާބުތަކެއް، އާދެ، ޤައުމަށްޓަކައި ދަރިވަރުންނަށް، އާދެ، ޤައުމުގެ ތިޔަފަދަ ދަރިންނަށް ތަޢުލީމުގެ މަތީ ވަނަތައް، މަތީ ކާމިޔާބުތައް ހޯއްދަވައިދެއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވިކަމީ، އެއީ އަޅުގަނޑު ދަންނަވާނީ، ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ކަމެކޭ.

 

އާދެ، އަޅުގަނޑު މިގޮތަށް ދަންނަވާއިރު، ޢަބްދުﷲ މުޝްތާޤު ރަޝާދަށް، ޤައުމީ ފެންވަރުގައި ޤަޢުމީ ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާކަން އަޅުގަނޑު މިފުރުޞަތުގައި ފާހަގަކުރަން. އެކަމަށްޓަކައިވެސް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އާދެ، އަޅުގަނޑުމެންނަށް ޢަބްދުﷲ މުޝްތާޤް ރަޝާދުގެ މާޒީން ފެނިގެން ދިޔައީ، މި ދެންނެވި ގޮތަށް، އާދެ، ވަކިން ޚާއްޞަކޮށް، ޞިއްޙީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް، ވަރަށް ބޮޑު ތަކުލީފުތަކެއް ތަޙައްމަލު ކުރަމުން ގެންދެވިއިރުވެސް ތަޢުލީމަށް ދެއްވި އަހަންމިއްޔަތުކަން، އާދެ، އެއްވެސް ވަރަކަށް އެކަންތަކަން ދެއްވި އަހަންމިއްޔަތުކަން ކުޑަނުކޮށް އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރެއްވިކަން.

 

 އާދެ، މިރޭ ޙަޤީޤަތުގައި އެމަނިކުފާނުގެ ވާހަކަފުޅަށްފަހު، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ދެން އިތުރު މީހަކު ދައްކާނޭ ވަކި ވާހަކައެއްވެސް ނެތޭ. އާދެ، ތިޔަކުދިންނަށް، ތިޔަ އެންމެހާ ފަރާތްތަކަށް ގިނަގުނަ ނަޞޭޙަތްޕުޅުތަކެއް ދެއްވައިފި. އެ އެއްޗެއްގައި، އެ ނަޞޭޙަތުގައި ތިޔަކުދިން، ތިޔަ ޝަރަފުވެރިން ހިއްޕަވައިފިނަމަ، އަޅުގަނޑު ދަންނަވާނީ ތިޔައިން ކޮންމެ ބޭފުޅެއްގެ މުސްތަޤްބަލު ﷲ އިރާދަކުރައްވިއްޔާ އުޖާލާވެގެންދާނެ.

 

އާދެ، ތަޢުލީމު ހާސިލުކުރުމަށްފަހު، ގިނަގުނަ ބުރަ މަސައްކަތްތަކަކަށްފަހު، ތިޔަ ލިބިވަޑައިގެންނެވި އާދެ، ސަނަދާއެކު އެނބުރިގަންނަންޖެހެނީ ޤައުމީ މަސައްކަތާ ދިމާއަށް. އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވޭ، މިއަދު ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އާދެ، ދަރިންނަށް މަތީ ތަޢުލީމުގެ ވަނަތައް ހޯއްދަވައިދެއްވުމަށްފަހު މައިންބަފައިން، ދަރިންގެ ފަހަތުންވެސް އެ ސަނަދުތައް ހޯއްދެވުމަށްޓަކައި ބުރަ މަސައްކަތްތައް ކުރަމުން، ޢާއިލީ ހުރިހާ ޒިންމާތަކެއް އަދާކުރައްވަމުންވެސް، އެ ވަނަތައް ޙާޞިލުކޮށް ފަޚުރުވެރި މައިންބަފައިންނަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދާތަން.

 

އާދެ، އަޅުގަނޑަށް ވަރަށްގިނަ ފަރާތްތަކެއް އެބަ ފެނޭ، އަޅުގަނޑާއެކު، ސްކޫލުގައި، ޕްރައިމަރީ، ސެކަންޑަރީ ތަޢުލީމުގައި އަޅުގަނޑާ އެއްކޮށް އެއް ކްލާހެއްގައި އުޅުނު އެދުވަހުގެ ދަރިވަރުން ނުވަތަ ކުދިން އަޅުގަނޑަށް، އަޅުގަނޑުގެ ކުރިމަތިން އެބަފެނޭ. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން. ވަރަށް ބޮޑަށް މުބާރިކްބާދީ ދަންނަވަން، ތިޔަ ކުރައްވާ މަސައްކަތަށް.

 

އާދެ، މިއަދު ޤައުމުގެ ހުރި މައްސަލަތަކަށް، އާދެ، ޙައްލު ލިބެންއޮތީ ހަމަ އެންމެ ގޮތަކަށް. އެއީ ތިޔަފަދަ ޢަޒުމުގައި އަދާ ހަމައަށް ތަޢުލީމު އުގަންނައިދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި ހީވާގި ފަރާތްތަކުގެ މިންނަތް މަސައްކަތުން. އާދެ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބަދަލުވަމުންދާ ދުނިޔޭގައި، ދުނިޔޭގެ އެހެން ޤައުމުތަކާ ފައިތިލަ ހަމަކުރުމަށްޓަކައި ތަރައްޤީވެގެންމިދާ ޒަމާނުގައި ގިނަގުނަ ކާމިޔާބުތައް ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ސޮސައިޓީއަކީ ނޮލެޖް ބޭސްޑް ސޮސައިޓީއަކަށް ހައްދަވައިދެއްވައި، އަޅުގަނޑުމެންގެ މަސައްކަތްތަކަކީ އުފެއްދުންތެރި މަސައްކަތްތަކެއްގެ ގޮތުގައި ހެދުމަށްޓަކައި، ގުޅިގެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ޤައުމެއްގެ ކުރިއެރުމަކީ، ޤައުމަކަށް ލިބޭނެ ކާމިޔާބަކީ، މުޖުތަމަޢުގެ ހަމަޖެހުމަކީ، މުޖުތަމަޢުގެ އަމާންކަމަކީ، މައިންބަފައިންނަށް ލިބޭނެ ހިތްހަމަޖެހުމަކީ، އަޅުގަނޑު ދަންނަވާނީ މުޅި ދިވެހި އުއްމަތް އެއްކޮށް، އެންމެހާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތެކޭ. އާދެ، ހަމަ މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން މިހާރުވެސް ވަޢުދުވެފައިވާކަން.

 

އާދެ، ވަކިން ޚާއްޞަކޮށް، މިރޭ އިއްތިފާޤަކުން މިކަންތަކުގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ، ތިޔަ އެންމެހާ ކުދިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ތިޔަފަދަ ވަނަތައް ޙާޞިލުކުރުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ މިއަދުގެ ސަރުކާރުން އެ މަގު ތަނަވަސްކޮށްދޭނެއޭ. އާދެ، ފަސްޓް ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑު ގަބޫލުކުރަނީ މުޅި ޤައުމަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ކަމެކޭ.

 

 އާދެ، ކުރީގައިވެސް މި ދެންނެވިގޮތަށް، އަޅުގަނޑު މިއަދު ތިޔަ ހަތަރުސަތޭކަ ހަތްދިހަ އެއް ޝަރަފުވެރިންގެ ކިބައިން އެދެން އޮތީ ޤައުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާށޭ. ޤައުމީ ޒިންމާއަކީ ވަކި މީހަކަށް ދޫކޮށްލައިގެން އޮންނަންޖެހޭނެ ކަމެއް ނޫނޭ. އެއީ އެއްވެސް ހާލެއްގައި ހަމައެކަނި އެވަގުތެއްގައި ތިޔަބޭފުޅުން އިޚްތިޔާރު ކުރައްވާފައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ތިޔަބޭފުޅުންގެ މަސައްކަތްތައް ކުރުމަށް ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވި ހަމައެކަނި ފަރާތްތަކުގެ ޒިންމާއެއް ނޫނޭ. އަޅުގަނޑުމެން ބާރަށް ކުރިއަރައިގެންދާ ބަޔަކަށްވާން ބޭނުންކަމަށްވަންޏާ، ތިޔަ އެންމެހާ ފަރާތްތަކާއި، އަދި ދިވެހިރާއްޖޭގެ އެހެނިހެން ހުރިހާ މަދަރުސާތަކާއި، ކޮލެޖް ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރައްވާ، ދަސްކުރަން ކިޔަވައި ވިދާޅުވާ އެންމެހައި ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ.

 

އާދެ، މިއަދު މި ކުރާ މަސައްކަތަށްވުރެ ގިނަގުނަ ޤައުމީ ޚިދުމަތެއް ކުރަން އެބަޖެހޭ. މިއަދު އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންނަށް ޤައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ. އާދެ، ވަރަށްބޮޑު އިއްތިފާޤެއް. އަޅުގަނޑު ކުޑަކޮށް ލަދުވެސްގަންނަގޮތްވި، މާގިނައިން އަޅުގަނޑާ ބެހޭގޮތުން ވާހަކަ ދެއްކެވީމާ. އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމެއް އެބައޮތް. މީހަކު ރަނގަޅު ކަމެއް ކޮށްފި ކަމަށްވަންޏާ، އެކަން ފާހަގަކުރުމަކީ އެއީ ކުރަންޖެހޭނެ ކަމެއް. އާދެ، އެގޮތުން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވޭ. 1986 ވަނަ އަހަރު، އޭރު އަޅުގަނޑުމެން ވަރަށް ކުޑަކުދިންގެ ގޮތުގައި ތިބިއިރު، އަޅުގަނޑަށް މިއަދާ ހަމައަށް ކުރެވުނު މަދު މަސައްކަތުގެ ފެށުމުގެ ގޮތުން، އެކަންތައް  އަޅުގަނޑަށް ފަށްޓަވައިދެއްވީ، އާދެ، މިކޮލެޖުގެ ވައިސް ރެކްޓަރ ޑޮކްޓަރ ޢަބްދުﷲ ރަޝީދު. އާދެ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޤަބޫލެއްނުކުރަން، އަޅުގަނޑަކީ އެހާ ގިނަ ކަންތައްތަކެއް ކުރެވުނު މީހެއް ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ކުރެވުނިއްޔާ ކުރެވުނު ކޮންމެ ކަމެއް ކުރެވިފައި އޮތީ ވަރަށް ގިނަ ބައެއްގެ، އަޅުގަނޑުގެ ޢާއިލާއާއި، މައިންބަފައިންނާއި، އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި، އަދި އެކުވެރިން، އެތައް ބައެއްގެ، އެކަމުގައި ބައިވެރިވުން އޮވެގެން. އަޅުގަނޑުގެވެސް މަންމައާއި ބައްޕަ، އަޅުގަނޑަށް އެ ދެއްވި އެހީތެރިކަމާއި، އެ އަޅާލުމާއި ލޯބި އަޅުގަނޑަށްވެސް ލިބުނީތީވެ.

 

އާދެ، އަޅުގަނޑުމެން ކިޔަވަން ތިބި ދުވަސްވަރަކީ ތަފާތު ދުވަސްވަރެއް. އޭރު އަޅުގަނޑުމެން އެކަނި މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން، ނުވަތަ އެކަހަލަ ގޮތަކަށް އަޅުގަނޑުމެން އުޅެންޖެހުނީ. ވަރަށް ޢާއިލާއާ ދުރުގައި. ވަރަށް މަދުންނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަންމަ ބައްޕަ، އޭރު އަޅުގަނޑުމެންނަކަށް ނުފެނޭ. މިއަދާ ވަރަށް ތަފާތު. އެއަރޕޯޓެއް އޭރަކު ނޯވޭ. އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ކުދިން ހިތްވަރު ކުރައްވާށޭ. ތިޔަ ކުދިން ޢަޒުމް ވަރުގަދަ ކުރައްވާށޭ. މިޤައުމު މާދަމާ ހިންގަވަން ތިއްބެވި ޙަޤީޤީ ދަރިންނަކީ ތިޔައޭ.

 

އާދެ، އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުންވޭ. މިއަދު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް މިއައިސްފައި މިވާ އިންޤިލާބު. އާދެ، މި ބަދަލު މި އައިސްފައި ވަނީ ވަރަށް ގިނަގުނަ ބައެއްގެ މިންނަތް މަސައްކަތުން. އެވިޑް ކޮލެޖާއެކު އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގައި ގިނަގުނަ އިންސްޓިޓިއުޓްތަކެއް އުފެދި، އާދެ، އެފަރާތްތަކުންވެސް ކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެން ހަމަ ފާހަގަކުރާ ކަންތައްތަކެކޭ. އަޅުގަނޑުމެން އެކަމަކަށްޓަކައި ޝުކުރު ދަންނަވައި، އަޅުގަނޑުމެން އެބަޔަކަށް އަބަދުވެސް ހިތްވަރުދޭންޖެހޭ ކަމެކޭ. އަޅުގަނޑު މިއަދު ދިވެހިރާއްޖޭގައި ތަޢުލީމު އުނގަންނައިދޭ އެންމެހައި ފަރާތްތަކަށާއި، ކޮލެޖް، ޔުނިވަރސިޓީތަކަށް ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ތިޔަބޭފުޅުން ކުރައްވާ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ، ފަސޭހަކަމާއެކު، އާދެ، މުޅި ދިވެހި މުޖުތަމަޢަށް، މުޅި ދިވެހި ދަރިންނަށް ތަޢުލީމު އުނގަންނައިދިނުމަށްޓަކައި ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތަށް، އަޅުގަނޑުމެންނަށް ހަމަ ވެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަމޭ.

 

އާދެ، އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދަކީ، ދިވެހި މުޖުތަމަޢަށް ކުރެވެންހުރި ހަމަ ހުރިހާ ކަމެއްވެސް ކުރުން. އަދި ހަމަ މިއާއެކު، އަޅުގަނޑު ހަމަ ޝުކުރުވެރިކަމާއެކު، ވޭތުވެދިޔަ ސަރުކާރުތަކުންވެސް ދިވެހިރާއްޖޭގެ ތަޢުލީމަށްޓަކައި، ދިވެހިދަރިންނަށްޓަކައި ކޮށްފައިވާ އެންމެހާ މަސައްކަތް ފާހަގަކޮށް، އެކަމަށްވެސް ޝުކުރު ދަންނަވަން ބޭނުންވޭ.

 

އާދެ، ކުރީގައިވެސް މި ދެންނެވި ގޮތަށް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤަޢުމުގައި މިއަދު ހުރި މައްސަލަތައް ޙައްލުކުރެވޭނީ އަޅުގަނޑުމެން ހުރިހާ ފަރާތްތައް އަތުގުޅައިލައިގެން، އަޅުގަނޑުމެންނަކީ އެކަކު އަނެކަށް އިޙްތިރާމު ކުރާ، އަނެކާ ކުރާ ރަނގަޅު ކަންތައްތައް ބަލައިގަންނަ ބަޔަކަންވާން އެބަޖެހޭ. އަނެކާ ކުރާ ގޯސްކަމެއް އޮތް ކަމަށްވަންޏާ، އެކަމެއް ހަނދާންކޮށްދީ، ތިމާގެ އެކުވެރިޔާ ކަންތައްތަކުން ސަލާމަތްކޮށް، އެމީހާއަށް އަބަދުވެސް ނަޞޭޙަތްތެރިވާ ބަޔަކަށްވެސް އަޅުގަނޑުމެން ވާން އެބަޖެހޭ. ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދިވެހި ޤައުމު ފެނިގެންދާނީ، އަޅުގަނޑު ދަންނަވާނީ ހަމަ ސިންގަޕޯރ ކަހަލަ ދުނިޔޭގެ ތަހުޒީބު ވެފައިވާ މުޖުތަމަޢެއް އޮތް ޤައުމެއްގެ ގޮތުގައޭ. 

 

އާދެ، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް އަޅުގަނޑުމެންނަށް މި ބޭނުންވާ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަމާންކަން ޤާއިމުކުރުމަކީ އެއީ އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ މަސައްކަތުން ކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަގުނަ ކަންތައްތަކެއް އެބަހުރި، އަޅުގަނޑުމެންނަށް ޙައްލުކުރެވޭނެ. އާދެ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ސާފުތާހިރުކަމާއި، އަޅުގަނޑުމެންގެ މަގުމަތީގައި މި ހިނގަމުންދާ އެކްސިޑެންޓްތަކަކީ، މިއީ ހަމަ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް.

 

އަޅުގަނޑު މި ވާހަކަ ދައްކާއިރު އަޅުގަނޑަށް އެބަ އެނގޭ، ވަރަށް ވަރުބަލިކަމާއެކު ހުރިހާ ބޭފުޅުންވެސް ތިޔަ ތިއްބެވީ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މިފަދަ ވަގުތެއްގައި އަޅުގަނޑުމެން ހަމަ ޤައުމީ މިކަހަލަ ކަންތައްތައް ފާހަގަކުރުމަކީ އެއީ ހަމަ ކޮށްލަންޖެހޭ ކަމެއްހެން. ކޮންމެ ދުވަހަކީ މަގުމަތީގެ އެކްސިޑެންޓަކުން ނުވަތަ ބްރިޖުމަތީ އެކްސިޑެންޓަކުން ނުވަތަ ލިންކް ރޯޑެއްގެ ނުވަތަ ބޮޑު މަގެއްގެ އެކްސިޑެންޓަކުން އެތައް އަނިޔާތަކެއް ލިބި އަދި ވަރަށް ހިތާމަވެރި ކަންތައްތަކެއް ހިނގަމުންދާ ދުވަހެއް. މިއީ އަޅުގަނޑުމެން ހުރިހާ މީހުން ސަމާލުވާންވީ ކަމެއް. އާދެ، މަގުމަތީގައި ދުއްވުމުގައާއި، ހިނގުމުގައި އަޅުގަނޑުމެން ބަލަން އެބަޖެހޭ. ކޮންމެ މީހަކުވެސް ސަމާލުވެއްޖެނަމަ، ފަރުވާތެރިވެއްޖެނަމަ އަޅުގަނޑަށް ހަމަ ސަތޭކަ ޕަސެންޓް ޔަޤީން، ﷲ އިރާދަކުރެއްވިއްޔާ، މިހާރު މި ދިމާވާ ކަންތައްތައް މިހާވަރަށް ދިމައެއްނުވާނެ. ކޮން މަޔަކު ބަފަޔަކުތޯ ބޭނުންވާނީ، އެމީހެއްގެ ދަރިޔަށް ބޮޑު ހިތާމައެއް ލިބޭފަދަ ނުރައްކާތެރި ކަންތައްތައް ހިނގަން. މިތިބަ ކަންތައްތަކަކީ މިއަދު އަޅުގަނޑުމެން ސަމާލުވާންވީ ކަންތައްތައް. މުޅި މާލެއާއި ދިވެހިރާއްޖޭގެ ސާފުތާހިރުކަން އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އަޅުގަނޑުމެން ހޮސްޕިޓަލްތަކަށް ދާއިރު، އަޅުގަނޑުމެންނަށް މި ފެންނަނީ ހޮސްޕިޓަލްތައް ފުރިގެން އެނދުތައް މަދުވެފައި އޮންނަ ތަން. އަޅުގަނޑުމެން ޕްރިވެންޝަނަށް މަސައްކަތްކުރާ ބައަކަށްވާން އެބަޖެހޭ. ކަމެއް ހިނގުމުގެ ކުރިން އެކަމަކަށް ފިޔަވަޅު އަޅައި ރައްކާތެރިވެ ތިބޭ ބަޔަކަންވާން އަޅުގަނޑުމެން އެބަޖެހޭ.

 

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަ އެންމެހާ ބޭފުޅުންނަށް ބާއްޖަވެރި ރެޔަކަން އެދެމުން. އަދި އަޅުގަނޑުމެން ތިޔަ އެންމެހާ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތުގައި، ޤައުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތުގައި، اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި އަދި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި އެވިޑް ކޮލެޖާއި އަދި އެހެނިހެން ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ކުރާ މަސައްކަތުގައި އެބޭފުޅުންނަށް ކާމިޔާބު ލެއްވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ.   

  

والسّلام عليــكم ورحـمــة اللّـه وبـركاتـه.

               ______________________