بســم اللّـه الرّحمـن الرّحيــم

 

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދައުލަތުގެ ޢިއްޒަތްތެރިން، އަދި މި ޙަފްލާގެ އެންމެ ޝަރަފުވެރިން ކަމުގައިވާ ޤުރްއާން މުބާރާތުގެ އެންމެހާ ބައިވެރިން، އަދި އެ ދަރިވަރުންގެ މައިންބަފައިން، ދިއްދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން މި ރަށަށް އައުމުން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ކިޔުއްވި މަރުޙަބާއަށް، އާދެ، އެކަމަށްޓަކައި ދިއްދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

 

އާދެ، ހަމައެއާއެކު، ނިމިގެންދިޔަ ޤުރްއާން މުބާރާތުން އެކިއެކި ވަނަތައް ހާސިލު ކުރެއްވި އަދި ކުރިއަށް އެކި ވަނަތައް ހާސިލު ކުރައްވަން ތިއްބެވި އެންމެހާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މަރްޙަބާ ދަންނަވަން.

 

އާދެ، ތަފާތު އެކިއެކި ސަބަބުތަކާހެދި މިރޭގެ މި ޖަލްސާ މިވަނީ ވަރަށް ދަން ވަގުތަކާ ހަމައަށް ގޮސްފައި. އަދި މި ޖަލްސާގައި، ވަރަށް ތުއްތުކުދިން ބައިވެރިވަމުންދާތީ، މި ވަގުތަކީ ގިނަ ވާހަކަތަކެއް ދެއްކުމަށް އެންމެ މުނާސަބު ވަގުތެއް ކަމުގައި އަޅުގަނޑު ނުދެކޭތީ، އަޅުގަނޑުގެ ވާހަކަކޮޅު ވަރަށް ބޮޑަށް ކުރުކޮށްލަން އަޅުގަނޑު ގަސްދުކުރަން.

 

އާދެ، އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އިސްލާމިކް މިނިސްޓަރވެސް ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެންނަށް މި ދުނިޔެމަތީގައި ކުރެވޭނެ އެންމެހެޔޮ، އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، އާދެ، ދީނީ ވަޙުދަތު ދެމެހެއްޓުމާއި، ދީނީ ތަޢުލީމު، އާދެ، ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމުގެ މަސައްކަތެއް. އާދެ، އެއްވެސް ޝައްކެއްނެތް، މިފަދަ މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ހެޔޮ ދަރުމައާއި ޘަވާބު ލިބޭނެކަމީ، އެއީ އަޅުގަނޑުމެން އެކަމަށްޓަކައި، އާދެ، އުފާކުރާ ކަމެއް.

 

ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދާއިރާގެ ތަރައްޤީއާއި، ދާއިރާގެ އެންމެހާ ރައްޔިތުންގެ ޙައްޤުގައި ކުރައްވަމުން ގެންދަވާ މަސައްކަތަށް. އަދި ވަކިން ޚާއްޞަކޮށް، މިފަދަ މަތިވެރި މާތް މަސައްކަތެއް ކުރައްވަމުން ގެންދަވާކަމީ، އެއީ އަޅުގަނޑުމެން އެކަމަކަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

 

އާދެ، އަޅުގަނޑު އެންމެހާ ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން އަޅުގަނޑުމެން އެބަޖެހެޔޭ. މި ޤައުމުގައި ހުރި އިޖުތިމާޢީ ތަފާތު ގިނަގުނަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން އެކަމުގައި ޝާމިލުވާން އެބަޖެހޭ. އާދެ، މި ހުރިހާ ކަމެއްގެ ތަޅުދަނޑިއަކީ، މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހާސިލުކުރެވެން އޮތީ، މާދަމާ މި ޤައުމާ ހަވާލުވާނޭ ރަނގަޅު ޖީލެއް ބިނާކޮށްގެން.

 

އާދެ، އަޅުގަނޑުމެން މައިންބަފައިންގެވެސް، މުދައްރިސެއްގެވެސް، އަދި ކޮންމެ މީހެއްގެވެސް ވާޖިބަކީ، މިއަދުގެ ތުއްތު ކުދިންނަށް ހެޔޮގޮތުގައި ތަޢުލީމު ފޯރުކޮށްދީ، ތަރުބިއްޔަތުދީ، މާދަމާއަށްޓަކައި އެކުދިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.

 

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، އަދުގެ ސަރުކާރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިވެހިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި، ދީނީ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި، ދީނީ ވާޖިބުތައް އަދާކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެއޭ.

 

އަޅުގަނޑުގެ މި ކުރު ވާހަކަކޮޅުގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވާ ދެތިން ކަމެއް އެބައޮތް. އާދެ، އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ދެކެނީ، އަޅުގަނޑުމެންގެ މައްޗަށް ފަރުޟް ކުރައްވާފައިވާ، އާދެ، ޙައްޖުގެ އަޅުކަން، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް، އާދެ، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން އެކަންތައް ފުރިހަމަކުރުމުގެ މަސައްކަތް އިންތިޒާމުވެގެންދިޔުން.

 

އާދެ، ހަމައެއާއެކު، އިރާދަކުރެއްވިއްޔާ މިސްކިތްތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ މަސައްކަތާއި، އަދި އެނޫންވެސް ދީނީ މިބާވަތުގެ ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގިނަގުނަ ކަންތައްތަކެއް ކުރަމުންދާނެ.

 

އާދެ، އަޅުގަނޑުމެންގެ ހުރިހާވެސް އެދުމަކީ، ދިވެހި ރައްޔިތުން، ދިވެހި ޤައުމަށްޓަކައި ކުރެވޭ ކޮންމެ ހެޔޮކަމެއްގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންގެ ތެރޭގައި ގެއްލިގެން ގޮސްފައިވާ އަމާންކަމާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން މިކަމުގައި ޝާމިލުވެ، އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރުން.

 

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު އެދެނީ، މުޅި މިއަތޮޅަށާއި، އަދި މުޅި ދިވެހި ޤައުމަށް، އާދެ، ވަކިން ޚާއްޞަކޮށް، މި ދިއްދޫއަށް ކުރިއެރުމާއި ކާމިޔާބު ލިބިގެންދިޔުން.

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އާދެ، ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތުގައި، اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، ހެޔޮގޮތުގައި ދިވެހި ޤައުމު ތަރައްޤީ ކުރުމަށްޓަކައި، ކާމިޔާބު ހޯދުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

 

ވަޑައިގެންދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه