بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އާދެ، އަޅުގަނޑުގެ ރަސްމީ ޚިދުމަތުގެ ނިމުން ކައިރިވެފައިވާއިރު، އަޅުގަނޑު ދިވެހި ރައްޔިތުންނާ މި ބައްދަލުކޮށްލީ އިޚްލާޞްތެރި ހިތަކާއެކީ. އަޅުގަނޑުގެ މިއަދުގެ ބޭނުމަކަށްވަނީ، އަޅުގަނޑު ރަސްމީ ޚިދުމަތުން ދުރަށްދާއިރު، އަޅުގަނޑު އިޚްތިޔާރުކޮށްފައި ހުރި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި އަޅުގަނޑު އިޚްތިޔާރުކުރި ގޮތަށް ކަންތައްތައް ކުރީ ކީއްވެގެންތޯ ރައްޔިތުންނަށް ދަންނަވާލަން، ފަހު ވާހަކައެއްގެ ގޮތަށްވެސް.

 

އާދެ، އަޅުގަނޑު ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ގެންދިޔައީ، ރައްޔިތުންގެ ފައިދާއަށް. އަޅުގަނޑު އައީ، ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ބައިވަރު ކަންތައްތަކެއް ޙައްލުކޮށްދޭނަމޭ ބުނަމުން. އަޅުގަނޑު މިއަދުވެސް އުފަލާއެކީ ފާހަގަކުރާ ކަމަކީ، އެކިއެކި ދާއިރާތަކުން ރައްޔިތުންނަށް ކުރިއެރުން ލިބިފައިވާކަން. ރައްޔިތުންނަށް ދަތިވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށްދެވިފައިވާތީ، އެކަމުގެ ހިތްހަމަޖެހުން އަޅުގަނޑު މިއަދުވެސް އިޙްސާސް ކުރަން.

 

އާދެ، އަޅުގަނޑު އެންމެ އުފަލާއެކީ ފާހަގަކުރާ ދާއިރާތަކަކީ، ޞިއްޙީ ދާއިރާއަށް އައިސްފައި ހުރި ކުރިއެރުން. އަދި ހަމައެހެންމެ، އެހާ ބަލިކަށިކޮށް އޮތް އިޤްތިޞާދު ނަގައި ކޮޅަށްޖަހައި، އިޤްތިޞާދީ ދާއިރާއަށް ގެނެވިފައި ހުރި ކުރިއެރުންތައް. މިއީ ޝައްކެއްވެސްނެތްގޮތުގައި، ކުޑަކުޑަ ޤައުމަކުން މިކުރާ މަސައްކަތް ފާރަވެރިކަމާއެކީ، ފަރުވާތެރިކަމާއެކީ އަވަށްޓެރި ޤައުމުތަކުންވެސް އަދި ދުރުގައި ތިބި ޤައުމުތަކުންވެސް ބަލަމުން ގެންދާނެ ކަންކަން. އަދި މިކަންކަން މިހާ ކުޑަކުޑަ ޤައުމަކުން މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހާސިލުވެގެން ދިޔުމަކީ، މާގިނަ ބަޔަކަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވެދާނެކަން، ދިވެހި ރައްޔިތުންގެ ސަމާލުކަމަށް އަޅުގަނޑު ދަންނަވާލަން. އަޅުގަނޑު މިކުރި މަސައްކަތަކީ، އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ އިސްކަން މިދެނީ، ޤައުމީ ސަލާމަތް ޙިމާޔަތް ކުރުން ކަމުގައި ބަލައިގެން.

 

އާދެ، ކުޑަކުޑަ ދައުލަތަކުން މިކުރިއެރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، އަމިއްލަ ފައިމައްޗަށް ތެދުވަން ކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓަން ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. މި މަސައްކަތް ކުރުމުގައި، އަޅުގަނޑު ހަމަ ސިޔާސަތެއްގެ ގޮތުން ކަނޑައަޅާފައި އޮތީ، ދިވެހިރާއްޖެއަށް ޚާރިޖީ ސިޔާސަތުގެ ތެރެއިންވެސް އަދި ދާޚިލީ ސިޔާސަތުގެ ތެރެއިންވެސް އެއްވެސް ގޮތަކަށް ރާއްޖެއަށް ބޭރުގެ ފަރާތުން ބަސް ބުނުމުގެ ޖާގަ ނުދިނުމަށް. ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓަން. ދިވެހިރާއްޖޭގެ ސިޔާދަތު ދަމަހައްޓަން. ދިވެހިވަންތަ ސިފަތައް ދަމަހައްޓަން. އަޅުގަނޑުމެންނަށް ބަލައިލި ކޮންމެ ދިމާއަކުން މި ފެންނަނީ، ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ދޭތެރޭގައި، ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހުއްޓިފައިވާ މިންވަރު.

 

އެހެންވީމާ، އަޅުގަނޑު މަސައްކަތް ކޮށްފައި މިވަނީ، މި ދެންނެވި ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ކުރިއެރުން ހޯދައިދޭން ކުރި މަސައްކަތުގައިވެސް، އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ބަލާފައި މިއޮތީ ޤައުމުގެ ސަލާމަތް ޙިމާޔަތް ކުރުން. ޤައުމީ ސަލާމަތަށްދޭ އިސްކަން. އަމިއްލަ ފުދުންތެރިކަމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމީ ސަލާމަތަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެންނޫނީ އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް މިދަނީ އެކި ފަރާތްތަކުގެ އެހީ ހޯދަމުން.

 

ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެންނަށް މިގޮތުން ދިމާވި ކަންކަމުގެ ތެރޭގައި، ޚާރިޖީ ސިޔާސަތު، އޭގެތެރޭގައި ހިމެނިގެން، ވިޔަފާރީގެ ސިޔާސަތު ހިމެނިގެން، އެހެންނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވަން މަޖުބޫރުވެގެން ކުރަންޖެހުނު މަސައްކަތުގެ ތެރޭގައި، ބޭރުގެ ބަޔަކަށް ރާއްޖޭގެ ބައިނަލްއަޤްވާމީ އެއަރޕޯޓު ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ އެއަރޕޯޓަކީ ދިވެހިންގެ އެއަރޕޯޓަކަށް ހެދިކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާލަންޖެހޭ ކަމެއް. އަދި މިކަންކަމުގެ އުނދަގޫ، ދިވެހި ރައްޔިތުން ދެން އުފުލާނީ ކިހާވަރަކަށްތޯ ވިސްނާލަން އޮތް ކަމެއް. މިއީ އަޅުގަނޑަށް ކުރަން ފަސޭހަކަމަކަށްނުވި. އެހެންނަމަވެސް، ދިވެހި ރައްޔިތުންގެ ޙައްޤުގައި އަދި އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މިކުރާ މަސައްކަތުގައި، ޤައުމުގެ އިސްތިޤްލާލާއި، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި، އަޅުގަނޑަށް ފެނިގެން ކުރި ކަމެއް.

 

އަދި ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން. ޚާރިޖީ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެއަކީ، ނޫނީ ދިވެހި ދައުލަތަކީ ބައިނަލްއަޤްވާމީ ހުރިހާ ޤައުމުތަކާވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދައުލަތެއް. އަޅުގަނޑުމެންނަކީ ހުރިހާ ދައުލަތްތަކާވެސް ރަޙްމަތްތެރިކަން އޮންނަ ދައުލަތެއް. އަދި ޚާއްޞަގޮތެއްގައި، އަޅުގަނޑުމެންގެ އިސްތިޤްލާލާއި، އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމަށް ތަޢުރީފު ކުރައްވާ، އަދި އެކަމަށް ޖާގަ ދެއްވާ ހުރިހާ ސަރުކާރުތަކާ ވަކިން ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއް. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ޖާގަ ހޯދާފައި މިވަނީ، އެންމެ އިސް ރައްޓެހިންގެ ގޮތުގައި ޢަރަބި އިސްލާމީ ދައުލަތްތަކާ ގުޅުން ބަދަހިކުރުން. އެހެންނަމަވެސް، ހުރިހާ ދައުލަތްތަކަކީވެސް އަޅުގަނޑުމެންނާ ގުޅުން ގާތް ދައުލަތްތައް. އަޅުގަނޑުމެންގެ އަވަށްޓެރިން، ޚާއްޞަގޮތެއްގައި މިގޮތަށް ފާހަގަކުރެވޭ. އަވަށްޓެރި ޤައުމުތަކާއި އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ ގުޅުމަކީ އަޅުގަނޑުމެން އަބަދުވެސް ފާރަވެރިކަމާއެކީ، އެ ގުޅުން ހީނަރުވިޔަނުދީ ބަލަހައްޓަމުންގެންދާ ގުޅުމެއް.

 

އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ޖާގަ ހޯދާފައި އޮންނަ އެއްކަމަކީ، ދުނިޔޭގައި ހިނގަމުންދާ ޓެރަރިޒަމްގެ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ދައުލަތްތަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރަން. އަދި ލާއިންސާނީ ޢަމަލުތައް ހިންގާ ބައެއް މަދު ދައުލަތްތަކުން ކުރާ ކަންކަމާ އަޅުގަނޑުމެން ދެކޮޅު އެބަ ހަދަމު. އަދި އެކަންކަމުގައި މުޅި ދުނިޔެއާއެކީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ މިވަނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުން ޖާގަ ހޯދާފައި.

 

އަޅުގަނޑުމެންގެ ޚާރިޖީ ކަންކަމާއި، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމާ ބޭރުގެ ފަރާތްތަކުން ގުޅުމަކީ، ބޭރުގެ ފަރާތްތަކުން އެކަންކަމާ ބެހުމަކީ އެއްވެސްއިރެއްގައި ދިވެހި ދައުލަތަކަށް ފަސޭހަކަމަކަށް ވެގެނެއްނުވާނެ. އެކަންކަމާ ބެހުމަކީ އެއްވެސްއިރެއްގައި ދިވެހި ދައުލަތަކަށް ފަސޭހަކަމަކަށް ވެގެނެއްނުވާނެ. އަދި ދިވެހި ރައްޔިތުން އަބަދުވެސް އެކަންކަމާ ދޭތެރޭގައި ފާރަވެރިވާންވާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތައް މިގޮތަށް ބައްޓަން ކުރުމުގެ ތެރޭގައި، ކުރީގައިވެސް ދަންނަވާލިގޮތަށް އަޅުގަނޑަށް ނިންމަން އުނދަގޫވި އެންމެބޮޑު އެއް މައްސަލައަކީ، ކޮމަންވެލްތުން ދިވެހިރާއްޖެ ނުކުންނަން ނިންމި ނިންމުން. އަޅުގަނޑުމެންގެ ދާޚިލީ ކަންކަމާ ކޮމަންވެލްތުގެ ފަރާތުން ބެހެމުންދާ މިންވަރު ބޮޑުކަމުން، އެއީ ހަމަ އެއްގޮތަކަށްވެސް ދައުލަތަކަށް ތަޙައްމަލު ނުކުރެވޭ މިންވަރަށް އެކަންކަން ދިޔައިމާ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ހޯދައިގެން، ލަފާ ލިބިގެން ކޮމަންވެލްތުން އަޅުގަނޑުމެން ނުކުތީމު.

 

އެހެންނަމަވެސް، މިއީ ދިވެހިރާއްޖޭގައި ދެން މިހާރު ހިނގާ ސިޔާސީ އޮއިވަރުގެ ތެރޭގައި، އަދި ދާޚިލީ އޮއިވަރުގެ ތެރޭގައި، މިކަންކަމުން ޖާގަ ހޯދާފައިވާ ކަންކަން ކަން، އަޅުގަނޑު ހިތާމަޔާއެކީ ދިވެހި ރައްޔިތުންނަށް ދަންނަވާލަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރީ، އެންމެ އިސްކަމަކީ، ޤައުމީ ސަލާމަތަށް އިސްކަން ދިނުން ކަމުގައި ދެކިގެން. ކުޑަކުޑަ ޤައުމަކަށް އެންމެ މުހިއްމުވާނީ، ޤައުމުގެ އަމާންކަން، ޤައުމުގެ ޤައުމީ ސަލާމަތު ރައްކާތެރިކަމާއެކީ ދެމެހެއްޓުން. މިއީ އަބަދުވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން، ދާޚިލީ ސިޔާސަތުގެ ތެރެއިން ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުންތަކުގެ ތެރެއިން، ވިޔަފާރީގައި އޮންނަ ގުޅުންތަކުގެ ތެރެއިން އެންމެ ވަރުގަދަ  މަޤާމެއް ހޯދާފައިވަނީ މިކަން. 

 

އަޅުގަނޑުގެ ސަރުކާރުގެ ހުރިހާ މަސައްކަތެއްގައި، ހުރިހާ ސިޔާސަތެއްގެ އަޞްލަކަށްވެފައިވަނީ ޙަޤީޤަތުގައިވެސް ޤައުމުގެ ސަލާމަތްކަމާއި، ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުން. މިކަން ކުރުމުގެ ތެރޭގައި، ސިޔާސީ އެކިއެކި ފަރާތްތަކަށް އުނދަގޫވާ ކަންތައްތައް އަޅުގަނޑަށް ކުރެވިފައި ހުންނާނެ. އަޅުގަނޑުގެ ސަރުކާރުގައި މި ހޭދަކުރި ފަސް އަހަރަކީ، އަޅުގަނޑަށް ފަސޭހަ ފަސް އަހަރެއް ނޫން. އެހެންނަމަވެސް، އަމިއްލަ ފަރާތްތަކުން، ނޫނީ ސިޔާސީ އެކިއެކި ބޭފުޅުން ކުރައްވާފައި ހުރި ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާކަށްނެތިން.

 

އެކަމަކު މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ، އެކަންކަމާ ދޭތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތައް، ސަރުކާރުން އެޅި ވަގުތު އަޅާފައި އެހެރީ މުޅި ދައުލަތުގެ ޙައްޤުގައޭ. އެތައް ހާސް، އެތައް ލައްކަ ދިވެހި ރައްޔިތުންގެ ޙައްޤުގައޭ. އެކަންކަމާ ދޭތެރޭގައި އޭރު ފިޔަވަޅު ނާޅައި ދޫކުރިނަމަ، ދައުލަތުގެ ހިންގުމާއި، ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތާއި، ޞުލްޙަވެރިކަން އޮންނާނީ ކިހާ ހިސާބެއްގައިކަން އަޅުގަނޑުގެ ޚިޔާލަށް ގެނެވޭ. އަދި މިކަންކަމާ ދޭތެރޭގައި ޚިޔާލު ކުރައްވާ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ޚިޔާލުފުޅަށް ގެންނެވޭނެ.

 

މިހުރިހާ ކަމެއް ވެގެންދާއިރުވެސް އަޅުގަނޑަށް ހަމަ ގަބޫލުކުރަން އެންމެ އުނދަގޫ ކަމަކީ، ނޫނީ އެންމެ ދަތިވެގެންދިޔަ ކަމަކީ، ނޫނީވިއްޔާ އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ، މީހުން ދަސްނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެންދިޔައިރުވެސް ދަހެއްނުވި، މީހުންގެ ފިކުރަށާއި، މީހުންގެ ވިސްނުމަށް އަންނަ ބަދަލު މި އަންނަނީ ކީއްވެގެންކަމެއް. އަދި ކޮންކަހަލަ ނުފޫޒުން ކަމެއް، މި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންމިދާ އަވަސްމިނުގައި ވިސްނުންތައް ބަދަލުވެގެން މިދަނީ ކޮންކަހަލަ ނުފޫޒެއްގައިކަން އަޅުގަނޑަކަށް ދަހެއްނުވި. އަދި އެކަންކަން ދަސްނުވީމާ، އެކަންކަމާ ދޭތެރޭގައި އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި.

 

މިކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔަތަން އަޅުގަނޑަށް މި ފެނުނީ، އެއްވެސްއިރެއްގައި ޤައުމުގެ މަޞްލަޙަތަށްވުރެ އިސްކަން ދެވިފައި މި އޮންނަނީ އަބަދުވެސް، ހުރިހާއިރެއްގައިވެސް ދެވިފައި  މި އޮންނަނީ ވަކި ފަރާތްތަކެއްގެ އަމިއްލަ މަޞްލަޙަތަށް. އަމިއްލަ މަޞްލަޙަތުގެ ކުރިއަކަށް ދައުލަތުގެ މަޞްލަޙަތާއި، މުޅި ރައްޔިތުންގެ މަޞްލަޙަތު ކުރިއަށް ނެރެވުނު ތަނެއް އަޅުގަނޑަކަށް، މި ފަސް އަހަރުގެ ތެރޭގައި ފެނިގެނެއްނުދޭ. އަދި އޭގެކުރިންވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކަށް ފެނިގެނެއްނުދިޔައޭ. އަޅުގަނޑުމެން ހުރިހާ އެންމެން މި މަސައްކަތް ކުރަނީ ޤައުމުގެ ޙައްޤުގައި. ދިވެހި ރައްޔިތުންގެ މަޢުޞޫމް ބޮޑު ރައްޔިތެއްގެ ޙައްޤުގައި. މިކަންކަމުން ހުރިހާ ސިޔާސީ ލީޑަރުންވެސް ޖާގަ އެބަ ދެއްވަންޖެހޭ.

 

އެހެންނަމަވެސް، ހިތާމަޔާއެކީ މިއަދުވެސް ފާހަގަކުރަންޖެހެނީ، އިންތިޚާބެއް ނިމިގެން ގޮސް، އަޅުގަނޑުގެ ރަސްމީ މަސައްކަތުގެ އެންމެފަހުން މި ހިނގާ ދުވަސްކޮޅުގެ ތެރޭގައިވެސް، މިއަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، ޤައުމުގެ މަޞްލަޙަތުތޯ އިސްކުރެވިފައި މިވަނީ، ނޫނީ ފަރުދީ މަޞްލަޙަތުތޯ އިސްކުރެވިފައި މިވަނީ.

 

ދިވެހި ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލާނަން. ދިވެހި ރައްޔިތުންނަކީ މަޢުޞޫމް ރައްޔިތެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އިސްކޮށް ކަންކަން ކުރަން ތިބޭ މީހުން، ޤައުމުގެ މަޞްލަޙަތު ހަވާސާގައި ބާއްވާފައި، އަމިއްލަ މަޞްލަޙަތު އިސްކުރާކަމަށްވަންޏާ، ދުވަހަކުވެސް ދިވެހިރާއްޖެއަކަށް ކުރިއެރުމެއް ނުލިބޭނެ. ދުވަހަކުވެސް ދިވެހިރާއްޖެއަކަށް ހަމަޖެހިގެން ކުރިއަށްދެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަދި ދުވަހަކުވެސް ދިވެހިރާއްޖެ، ބޭރުގެ އެކި ފިއްތުންތަކާއި، ބޭރުގެ އެކި ނުރައްކާތެރި ކަންކަމުން ސަލާމަތް ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުއެއްވިސްނޭ. އެހެންނަމަވެސް، ޙާލަތު ބަދަލުވަމުން، ކަންކަން ފުރޮޅެމުންދާނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ.

 

އެކަމަކު އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހެނީ، ދިވެހި ކިތައް މަންމައިން، ކިތައް ބައްޕައިން ޒުވާން ދަރިންނަށް ތަޢުލީމުދީގެން، ޤައުމަށް ޚިދުމަތް ކުރަން ނެރެފިތޯ؟ ޤައުމަށް ޚިދުމަތް ކުރުމަކީ ހަމައެކަނި ސަރުކާރަށް ޚިދުމަތް ކުރުމެއްނޫން. ދައުލަތުގެ މުއައްސަސާތަކުގައި ޚިދުމަތް ކުރުމެއްވެސް ނޫން. އަމިއްލަ ވިޔަފާރީގައިވެސް މަސައްކަތް ކުރުން. އަދި އެނޫންވެސް އެހެން މަސައްކަތްތައް ކުރުން. މައިގަނޑު ގޮތެއްގައި ރާއްޖޭގައި. އަދި ރާއްޖެއިން ބޭރުގައި. މި ކުރެވޭ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، ކޮންކަމަކަށްތޯ ކޮންމެ މީހަކުވެސް އިސްކަންދޭންޖެހެނީ؟ ކޮންމެ މީހަކުވެސް އިސްކަންދޭން މިޖެހެނީ، ޤައުމުދެކެ ލޯބިވުން ކަމަށްވަންޏާ، ދެވަނަ ކަމަކަށްވާނީ އޭނާ އަމިއްލައަށް ކުރާ މަސައްކަތް. މިއީ ހުރިހާ ސިޔާސީ ލީޑަރުންވެސް އަދި ހުރިހާ ޢިލްމުވެރިންވެސް އަޅުގަނޑުމެންނަށް ނަގައިދެއްވާ ފިލާވަޅެއް.

 

އެކަމަކު މިކަންކަން ތަންފީޒުވެގެންދާ މިންވަރާ ދޭތެރޭގައި އަޅުގަނޑުމެން މިއަދުވެސް އޮޑިޓެއް ކޮށްލަންޖެހޭ، ވިސްނާލަންޖެހޭ. އަޅުގަނޑުމެންނަކަށް މިކަން ތަންފީޒު ވެގެންދާތަނެއް ނުފެނޭ. އަޅުގަނޑުމެންނަށް ހުރިހާ ދިމާއަކުންވެސް ފެނިގެން މިދަނީ، ޤައުމީ މަޞްލަޙަތު ހަވާސާގައި ބާއްވާފައި، އަމިއްލަވަންތަ ސިފަތަކަށް، އަމިއްލަ ޚިޔާލުތަކަށް އިސްކަން ދެވިގެން، ޤައުމާ ދޭތެރޭގައި ކޮންމެގޮތެއްވުން ހެޔޮކަމަށް ދޫކޮށްލެވިގެންދާތަން. އަޅުގަނޑުގެ ސަރުކާރުގައި، އަޅުގަނޑުގެ މި ޒަޢާމަތުގައި މިކަމަށް ޖާގަދޭން އަޅުގަނޑެއް ބޭނުމެއްނުވި. އެހެންވެގެން އެކި ފިޔަވަޅު، އަޅަންޖެހުނު ފިޔަވަޅުތައް އަޅުގަނޑު އަޅާފައި ހުރީ.

 

އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރަމުން ގެންދެވޭތޯ ބެލީ އުޞޫލުތަކުގެ ތެރެއިން. ހެދިފައި ހުރި ޤާނޫނުތަކުގެ ތެރެއިން. މިއަދު އަޅުގަނޑު ހިތާމަކުރަން. އެހެންހުރި ބައެއް ކަންތައްތައް، އޭގެ އަނެއްކޮޅަށް ޖެހިގެންދާތަން ފެނުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް. އެހެންނަމަވެސް، ބަދަލުވަމުން، ފުރޮޅެމުންދާ ޙާލަތުގައި، ކަންކަން ބަދަލުވާނެކަންވެސް އަޅުގަނޑަށް ގަބޫލުކުރެވޭ. ބަދަލުނުވާންޖެހޭ ކަމަކީ ޤައުމުދެކެ އޮންނަ ލޯބި. ކޮންމެ މީހަކުވެސް ޤައުމާ ދޭތެރޭގައި ވިސްނާ ވިސްނުން.

 

އަޅުގަނޑުމެންގެ ސަރުކާރުގެ މި ހިނގާ ފަހު ދުވަސްކޮޅު، އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑު ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގައި މިދިޔަ ރިޔާސީ އިންތިޚާބުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމޭ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑަށް ވޯޓު ދެއްވި ކަމަށް ފެންނަން އެ އޮންނަ ނުވަދިހަ ހަހާސް މީހުންނަށް، ނޫނީވިއްޔާ ނުވަދިހަ ހަހާސް ވޯޓަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި، އަދި އަޅުގަނޑަށް އިތުބާރު ކުރައްވައި ތާއީދު ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން. ހަމައެއާއެކީ، އަޅުގަނޑަށް ވޯޓު ނުދެއްވާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

 

އެކަމަކު އެބޭފުޅުންނަށް އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވާ ކަމަކީ، އަޅުގަނޑަށް ވޯޓު ނުލެއްވުނު ކަމުގައިވީނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެބޭފުޅުން އިހުމާލުވެވަޑައިނުގެންނެވޭނެ ކަމަކީ، ދިވެހިރާއްޖޭގެ މަޞްލަޙަތު. ދިވެހި ދައުލަތުގެ މަޞްލަޙަތު. ޤައުމުގެ މަޞްލަޙަތު. ޤައުމުގެ މިނިވަންކަން. ޤައުމުގެ އަމިއްލަވަންތަކަން. ޤައުމުގެ ކަންކަމާ ބޭރުގެ ފަރާތްތަކަށް ބެހެން ޖާގަ ދިނުމަކީ، ކިހާ ނުރައްކާތެރި ކަމެއްކަން، އެބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވަންޖެހޭނެ. މިކަންކަން ކުރެއްވުމުގައި އެބޭފުޅުން ދެމިތިއްބަވައިފި ކަމަށްވަންޏާ، އަޅުގަނޑަށް ވޯޓު ނުދެއްވި ނަމަވެސް، އަޅުގަނޑުގެ ހިތުގެ ޝުކުރު އެބޭފުޅުންނަށް އަބަދުވެސް އޮންނާނެ.

 

އަޅުގަނޑަށް އަބަދުވެސް މުހިއްމީ ޤައުމު. އަޅުގަނޑަށް އަބަދުވެސް މުހިއްމީ އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރުން. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އިންޞާފު ޤާއިމުވެގެންދާއިރު، އެކި ފަންތީގައި، އެކި ގިންތީގައި ތިބޭ މީހުންނަށް އިންޞާފު ޤާއިމުވެގެންވާންވާނީ އެކި މިންވަރަކަށް ކަމަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. މި ވެދާނެ، އަޅުގަނޑުގެ ސަރުކާރަށް ދިމާވި އެންމެބޮޑު ގޮންޖެހުން ކަމުގައިވެސް. އެކަމަކު މިއަދުވެސް ރަސްމީ ޚިދުމަތުން ނުކުންނައިރުވެސް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މި ނިންމި ނިންމުމާއި، އަޅުގަނޑުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، މި ދެންނެވި ކަންކަމުން ޖާގަ ހޯދާފައިވާ މިންވަރާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ޝަކުވާއެއް، ނުތަނަވަސްކަމެއް ނެތް. އަޅުގަނޑު އައީ ޤާނޫނު ތަންފީޒުކޮށްދޭން. އަޅުގަނޑު އައީ ޤާނޫނުގެ ޙުކޫމަތު ދަމަހައްޓަން. ޤާނޫނުގެ ބާރަކީ ހުރިހާ އެންމެންގެ ކުރިމަތީގައި ހަމަހަމަ ބާރެއްކަން ކަށަވަރުކޮށްދޭން. މިނޫން އިންޞާފެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު އިންޞާފު ޤާއިމުކޮށްފައި ހުންނާނީ، އިންޞާފު ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތެރެއިން އެކަށައަޅާފައި ހުރި ކޯޓުތަކުގެ ތެރެއިން. ހުރިހާ މަރުޙަލާއެއްގައި އިލްތިމާސްތައް ނިމިފައި، ދެން ޙުކުމް ތަންފީޒު ކުރެވިގެން ގޮސްފައި ހުންނާނީ.

 

އެހެންވީމާ، އެކަންކަމާ ދޭތެރޭގައި، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަމެއް އޮތް ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، އޭގައި އަޅުގަނޑަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ. އެހެންނަމަވެސް، ގިނަ ރައްޔިތުންގެ ޙައްޤުގައި، މުޅި ދިވެހި ދައުލަތުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް އަޅުގަނޑު ކޮށްފައޭ އޮންނާނީ. އެހެންވީމާ، އެކަމަކާ މިއަދުވެސް އަޅުގަނޑު ހިތާމަކުރާ ވާހަކަ ދަންނަވާކަށްނެތިން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ މީހަކު ހަވާލުވަނީ އިންޞާފުވެރިކަމާއެކީ އުޞޫލުތައް ދަމަހައްޓަން. އިންޞާފުވެރިވުމަކީ މުޅި ދިވެހި ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން. އިންޞާފުވެރިވާންވީ ހަމައެކަނި ޖިނާއީ ޢަދުލަކު ނޫން. އިންޞާފުވެރިވާންޖެހޭނީ މީހުންގެ މަދަނީ ޙައްޤުތައްވެސް ހޯދައިދިނުމަށް. މީހުންގެ ޙައްޤުތައްވެސް ޙިމާޔަތްކޮށްދިނުމަށް. އަދި މުޖުތަމަޢުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް. ޚާއްޞަގޮތެއްގައި، މުޖުތަމަޢުން ހަވާސާވެފައިވާ ނުކުޅެދޭ މީހުންނާއި، އަންހެނުންގެ ޙައްޤުތަކާއި އަދި މިނޫންވެސް ގިންތިތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް. އެ މަސައްކަތް ކުރުމުގައި އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓްގެ ވަޒީރުން ރެޔާދުވާލު މި ފަސް އަހަރު މި ހޭދަކުރެއްވީ. އެގޮތުގައި ދިވެހިރާއްޖެ ކުރިއަށްދިޔުމަކީ އަޅުގަނޑުގެ އެދުން.

 

ދާއިރާތަކަށް އައިސްފައި ހުރި ކުރިއެރުމަކީ މިއަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުއްދަތު ހަމަވެގެން ވަކިވެގެންދާއިރު، ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކުވެސް ރާއްޖޭގެ ރައްޔިތުންނަށް ދޫކުރާނެ ލެގަސީއެއް. އަޅުގަނޑުގެ ހިތުން، އެކި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި ކޮންމެވެސްވަރަކަށް ވިސްނައި، ކޮބައިތޯ އެބޭފުޅުންގެ ޚިދުމަތަކީ ފާހަގަކުރާނެ. އަދި ކޮބައިތޯ އެބޭފުޅުންގެ ވީކްނަސަސްއަކީ ނޫނީ ބަލިކަށިކަމަކީވެސް ރައްޔިތުން އެސެސް ކުރާނެ. ނޫނީ ރައްޔިތުން ވިސްނާނެ.

 

އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑާ ދޭތެރޭގައި ކަންކަން ނިންމަވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ދެތިން ކަމަކަށް ވިސްނާވަޑައިގެންދެއްވާށޭ! ރާއްޖޭގައި އޮތް ޙާލަތު، އެ ޙާލަތުން އެހެން ޙާލަތަކަށް ބަދަލުކުރެވިއްޖެތޯ. ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލު ކުރެވިއްޖެތޯ. ރައްޔިތުންނަށް ކުރިއެރުން ބޭނުންވާ ދާއިރާތައް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، އިޖުތިމާޢީ ދާއިރާތައް، އިޤްތިޞާދީ ދާއިރާ، މިކަންކަމުގައި ރައްޔިތުންނަށް ކުރިއެރުން ލިބިއްޖެތޯ. ނޫނީވިއްޔާ ޙާލަތު ދިޔައީ އިތުރަށް ގޯސްވެގެންތޯ.

 

ދެން އުފެދޭ އެންމެ މުހިއްމު ސުވާލަކީ، އެންމެ މުހިއްމު މިންގަނޑަކީ، ރައްޔިތުންގެ ތެރޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މި ރައީސް މަސައްކަތްކޮށްފައި ހުރީ ކިހިނެއްތޯ؟ އިންޞާފުވެރިކަމާއެކީ ކަންކަން ކުރަން ކޯޓުތަކަށް ދޫކޮށްލިތޯ. ނޫނީ އަރބިޓްރަލީ، މީގެކުރީގައި ސަރުކާރުތަކުގައި ހިނގާފައި ހުރިގޮތަށް، މީހުން ނަގައި ހައްޔަރުކުރިތޯ. ނޫނީ މި ރައީސް ކަންކަން ކޮށްފައި ހުރީ ޤާނޫނުގެ ތެރެއިން ޖާގަ ހޯދައިގެން ކޯޓުތައް މެދުވެރިކޮށްތޯ. އިންޞާފު ޤާއިމުކުރުމުގައި، ރައީސް ހަމަހަމަކަމަށް ލޯބިކުރިތޯ. ޞުލްޙަވެރިކަމަށް ރައީސް ލޯބިކުރިތޯ. ދިވެހިވަންތަ ސިފަތައް، ރައްޔިތުންގެ ކިބައިގައި އަށަގަންނަވަން ރައީސް ލޯބިކުރިތޯ. އެކަންކަމަށް ޖާގަދިންތޯ. ޤައުމުގެ ސަލާމަތާއި، ޤައުމުގެ ހަމަޖެހުމަށް މި ރައީސް ދިނީ ކިހާވަރެއްގެ އަހަންމިއްޔަތެއްތޯ. ޤައުމީ ސަލާމަތަށް މި ރައީސް ދިނީ ކިހާވަރެއްގެ ފާރަވެރިކަމެއްތޯ. އަޅުގަނޑުމެން ކޮންމެ ކަމެއް ނިންމާއިރުވެސް، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހެނީ ޤައުމުގެ ސަލާމަތް. ޤައުމުގެ މަޞްލަޙަތު. ޤައުމީ ސަލާމަތު. ކުރާ ކޮންމެ ކަމަކީ، ނިންމާ ކޮންމެ ނިންމުމަކީ، ޤައުމީ ސަލާމަތަށް ކިހާވަރަކަށް ހިޔަނިއެޅިގެންދާނެ ކަމެއްތޯ، އަޅުގަނޑުމެން ހަމަ ކޮންމެ ދިވެހި ރައްޔިތަކު ވިސްނަންވާނެ. މިކަމަށް ނުވިސްނާކަމަށްވަންޏާ، ދައުލަތެއްގެ ސިފައިގައި، ޤައުމެއްގެ ސިފައިގައި އޮވެގެން އަޅުގަނޑުމެން ކުރިއަށްދާނީ ކޮރުކަމަކާއެކީ. އޭގެ ނުރައްކާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ. މިއަދު، މާދަން، ދެން އަންނަ ދުވަހަކު، މިއީ އަބަދުވެސް އަޅުގަނޑުމެން ވިސްނައި ފާރަވެރިވާންޖެހޭ ކަމެއް.

 

އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، މިހާހިސާބަށް ކަންކަން އައިސްފައި އޮތްއިރު، އަޅުގަނޑު އެދެނީ ހުރިހާ ކަމެއްގައިވެސް ޤައުމުގެ ސަލާމަތަށް، ޤައުމީ ސަލާމަތަށް އެންމެ އިސްކަމެއް ދެއްވަން. ކޮންމެ ކަމެއް ނިންމުމުގައިވެސް، ދިވެހި ރައްޔިތުން، ވިޔަފާރީގެ އުޞޫލުތަކާއެކީ ކަންކަން ނިންމުމުގައިވެސް، ނޫނީވިއްޔާ ކުންފުންޏެއް ހިންގާ ކަމުގައިވީނަމަވެސް، ނޫނީވިއްޔާ ކަސްޓަމް ހިންގި ކަމުގައިވީނަމަވެސް، ޕޯޓްސް އޮތޯރިޓީ ހިންގި ކަމުގައިވީނަމަވެސް، މިނޫން ތަނެއް ހިންގި ކަމުގައިވީނަމަވެސް، އެތަންތަނުގެ ތެރެއިން ޤައުމުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަމަކަށް އަބަދުވެސް ފާރަވެރިވާންޖެހޭ. ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް، ޤައުމުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަންކަމާ ދޭތެރޭގައި ފާރަވެރިވާންޖެހޭ. ޤައުމެއް، ޤައުމެއްގެ ގޮތުގައި އޮތުމަށް، ޤައުމީ ސަލާމަތަށް ރައްކާތެރިވުން ފިޔަވައި އިތުރު ކަމެއް ކުރިއަކަށް ނުނެރެވޭނެ. އެންމެ އިސްކަމަކީ އަބަދުވެސް ޤައުމީ ސަލާމަތަށް އިސްކަންދިނުން. އަޅުގަނޑު ކުރާ ޝަކުވާއެއް، އަޅުގަނޑު ހިންގާ ކަމެއް، އަޅުގަނޑު އުފުލާ ޝަކުވާއެއް އުފުލަނީ އަބަދުވެސް ރައްޔިތުންގެ އެތައްހާސް ބައެއްގެ ޙައްޤު ހޯދައިދިނުމަށްޓަކައި. ރައްޔިތުންގެ އެތައްހާސް ބަޔަކު ނިކަމެތިވެގެންދާތީ، ނޫނީ ރައްޔިތުންގެ އެތައްހާސް ބަޔަކަށް އަޅައިނުލެވިދާތީ، އެ ރައްޔިތުންނަށް އަޅައިލުމަށްޓަކައި އަޅުގަނޑުގެ އުޞޫލުތަކާއި، އަޅުގަނޑުގެ ސިޔާސަތުތައް ކަނޑައަޅާފައި ހުންނާނީ. އެހެންވެގެން މިއަދު ހަވާސާވެފައި ހުރި ގިންތިތައް، އެހާބޮޑަށް ހަވާސާވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަނުކުރެވެނީ.

 

އަޅުގަނޑުގެ ސިޔާސަތުގެ ތެރެއިން، މަސްދަރުތަކުގެ ތެރެއިން އެންމެ އިސްކަންދިނީ އަބަދުވެސް ޤައުމުގެ ސަލާމަތްތެރިކަމާއި، ޤައުމުގެ ރައްކާތެރިކަމަށް. މަޞްލަޙަތާއި ޞުލްޙައަށް. ވަކިވަކި ލީޑަރުންގެ ވިސްނުމަކަށްނޫން. މުޅި ޤައުމުގެ ޙައްޤުގައި، މުޅި ޤައުމުގެ ދިފާޢުގައި، މުޅި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ.

 

މިއަދު މިކުރާ މަސައްކަތަކީވެސް މިއީ. އަދި ޤައުމީ ޚިދުމަތުން، ރަސްމީ ޚިދުމަތުން އަޅުގަނޑު ނުކުމެގެންދާއިރުވެސް، ދެންވެސް އަޅުގަނޑު ހުންނާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި. އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައްހާސް ރައްޔިތުންނާއެކީ ކުރިއަށް ދިޔުމަށް. އަޅުގަނޑު ފަސް އަހަރުގެ ދައުރެއް ނިންމާފައި ދާއިރު، އަޅުގަނޑު މި ދެންނެވި ކަހަލަ ބޮޑެތި ކަންކަން، ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހަމަޖެހުމާއި، ބޭރުގެ ނުފޫޒުތަކުން ދިވެހި ރައްޔިތުން ސަލާމަތްވެފައި ތިބުމާއި، ދިވެހިރާއްޖެ ސަލާމަތްވެފައި އޮތުން. މިކަހަލަ މުހިއްމު ހުރިހާ ކަމެއް އަޅުގަނޑު ވަކީލުކުރަނީ މާތްﷲ އާ. حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ.

 

والسّلام عليــكم ورحـمــة اللّـه.