މިޔަންމާގެ ލިޔުންތެރިންނަށާއި، އެހެނިހެން ޤައުމުތަކުގެވެސް ސަރުކާރުތަކަށް ފާޑުކިޔާ ލިޔުންތެރިންނަށް ދެއްވެން އޮތް ޙިމާޔަތެއް ދިވެހިރާއްޖެއިން ދެއްވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އ.ދ.ގެ ސްޕެޝަލް ރެޕޮޓުއަރ އޮން އޮޕީނިއަން އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން މިސްޓަރ ފްރޭންކް ލާ ރޫ އާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ދައުލަތުގެ މީޑިއާ މިހާރުވެސް ވަނީ ހުޅުއްވާލައްވާފައި ކަމަށާއި، މިހާރަށްވުރެ ބޮޑަށް މިނިވަން ކުރައްވައި، ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ފުރްޞަތު ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކަށް ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ދަތިތައް ޙައްލު ކުރެއްވުމަށާއި، އެ ދާއިރާތަކުގެ ކުރިއެރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސް ބައްލަވާލެއްވިއެވެ.

އ.ދ.ގެ ސްޕެޝަލް ރެޕޮޓުއަރ މިސްޓަރ ލާ ރޫ ދެއްކެވި ވާހަކަފުޅުގައި، ރައީސް ނަޝީދު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިފަހުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއަށް ގެނެސްދެއްވާފައިވާ ކުރިއެރުން ފާހަގަކުރައްވައި، އެކަމަށްޓަކައި މަރްޙަބާ ވިދާޅުވިއެވެ. އަދި މިހާރު އެއްވެސް ބިރެއްނެތި ޢާންމު ރައްޔިތުން ޚިޔާލުފާޅުކުރަމުން އެބަގެންދާ ކަމަށާއި، އެކަން އަމިއްލަފުޅަށް ރާއްޖެއިން ތަޖުރިބާ ކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓަށް އަންނަ ބަދަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެއިން ދައްކާ ވާހަކަތައް، އެ ފޯރަމްތަކުގައި އަޑުއަހައި، އެ ވާހަކަތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިކަމާ ގުޅިގެން، މިސްޓަރ ލާ ރޫ ދެއްކެވި ވާހަކަފުޅުގައި، އެކިޤައުމުތަކަށް އެޤައުމެއްގެ ޙައިޘިއްޔަތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލައްވައި، އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އ.ދ.ގެ ސްޕެޝަލް ރެޕޮޓުއަރ އޮން އޮޕީނިއަން އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން މިސްޓަރ ފްރެންކް ލާ ރޫ، ޕްރެސް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޒުހައިރާވެސް މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އަލްފާޟިލް މުޙަންމަދު ޒުހައިރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ޚިޔާލުފާޅުކުރުމުގެ ފުރްޞަތު މިވަނީ ފުޅާ ދާއިރާއެއްގައި ހުޅުއްވާލައްވާފައި ކަމަށާއި، ދައުލަތުގެ މީޑިއާވެސް ސިޔާސީ ޕާޓީތަކަށް ވީހާ ފުޅާ ދާއިރާއެއްގައި ހުޅުވާލުމަށް ރަސްމީ ސިފައެއްގައި އިލްތިމާސް ކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ ލާ ރޫ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކަށް މިއަދުގެ ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވައި، ޚިޔާލުފާޅުކުރުންވެސް ފުޅާ ދާއިރާއެއްގައި ހުޅުއްވާލައްވާފައިވާތީ، އެކަމަށް ތަޢުރީފު ކުރެއްވިއެވެ.