بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށްވެސް އުފާވެރި ވަގުތެއްގައި އަޅުގަނޑަށް ކުޅުދުއްފުށްޓަށް މިއާދެވުނީ. ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް އުފާވާ، އަދި ވަރަށް ގިނަ ދުވަސް ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ކަމެއް ފުދިގެން މިދިޔައީ. ރަޙްމަތުގެ ވާރޭކޮޅުގެ ތެރޭގައި ނަމަވެސް، އަޅުގަނޑު ބޭނުންވޭ މި ވާހަކަ ތިޔަބޭފުޅުންނާ ދައްކާލަން.

 

އާދެ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށްބޮޑުތަން ފަސޭހަވެގެން މި ދިޔައީ، މިތަނުގައި އެއަރޕޯޓެއް ޤާއިމުވެގެން ދިޔައިމާ. އަދި ހަމައެހެންމެ، އެއަރޕޯޓު މިތާ އެޅުމުގައި، ޗަކަބިން، ނޫނީވިއްޔާ ކުޅި ހިއްކާފައި. ހަމަ އެހެންވެސް، އަޅުގަނޑުމެންނަށް ދެން މި ފެނިގެން މިދަނީ، ހަމައެއާއެކީވެސް، މިތަނުގައި ތަޣައްޔަރުވެފައި އޮތް ފެން ހިކިގެން ދިޔައީ. އެހެންނަމަވެސް، ސާފު ބޯފެން ލިބުމުގެ، ބޮޓްލިންގ ޕްލާންޓުގެ ޚިދުމަތްވެސް މިއަދު އިރާދަކުރެއްވިއްޔާ، އިފްތިތާޙުވެގެން މިދަނީ. ހުރިހާ ގޮތަކުންވެސް ކުޅުދުއްފުށްޓަށް އަޅުގަނޑު އެދެނީ، އުފާފާގަތިކަމާއި، މިކަހަލަ ނަސީބު ފުރިހަމަވެގެން ދިޔުން.

 

އާދެ، މިއީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްޤީ. މިއީ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ރައްޔިތުން އެދިވަޑައިގަންނަވާ ތަރައްޤީ. މިއީ، އުތުރުގައި އޮތް އެންމެ ބޮޑު ރަށް. އަޅުގަނޑު ދެންނެވިން. އުތުރުގެ އިޤްތިޞާދުގެ ނާރެހަކަށްވާނީ ކުޅުދުއްފުށްޓޭ. މިއަދު، އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ފެނިގެން މިދިޔައީ އެކަން. އަދި، އެކަން ހާސިލު ކުރެވި އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ޤާއިމުވެގެން މި ދިޔައީ. މިތާ ކައިރީގައި ރިޒޯޓުތައް އެޅުމުގެ މަގު ތަނަވަސްވެގެން މި ދިޔައީ. އިރާދަކުރެއްވިއްޔާ، ކުޅުދުއްފުށީގައި މިއަދު މި އެއަރޕޯޓު ހުޅުވިގެން ދިޔައިމާ. ދާދި އަވަހަށް، އިރާދަކުރެއްވިއްޔާ، މި އަހަރު ހުސްވުމުގެ ކުރިން މިތަނަށް ބޭނުންވާ ޓަރމިނަލްގެ ހުރިހާ މަސައްކަތެއް ނިމިގެންދާނެ. ޓަރމިނަލްގެ މަސައްކަތް ނިމޭނީ، އެހާ އަވަހަށް ނިމޭނެ ސަބަބަކީ، އެއީ ހަމަ މުޅިންވެސް ރާވައިލާ އިމާރާތެއް ކަމަށްވާތީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ، ޓަރމިނަލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ހުސްވުމުގެ ކުރިން ނިމިގެންދާނެ.

 

އާދެ، މިކަންކަމާއެކީ އަޅުގަނޑު ދަންނަވާނަން. މި ސަރަޙައްދުގައި މި އެއަރޕޯޓު އޮތީމާ، އަޅުގަނޑުމެންނަށް މި ސަރަޙައްދުން، އަޅުގަނޑު އުއްމީދުކުރާ ގޮތުން ވެއްޖިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަންނަ ރިޔާސީ ދައުރުގެ ފުރަތަމަ ދެ އަހަރު، ނޫނީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، މި ސަރަޙައްދުން އެކަނި ތިންހާސް، އިތުރު ޓޫރިޒަމް އެނދު އެޅިގެންދާނެ. ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައިވާއިރު، ކުޅުދުއްފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ކުރިއަށްދާނެކަމާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި ހަމަ އެއްވެސް ކަހަލަ ޝައްކެއްނެތް.

 

އެހެންވީމާ، މި ހުރިހާ ކަމަކީ، ރައްޔިތުންނަށް ތަރައްޤީއާއި އުއްމީދު ލިބިގެންދާ ކަންކަން. އަޅުގަނޑު ރައީސްކަމަށް އައީ، ރައްޔިތުންނަށް ތަރައްޤީއާއި އުއްމީދު ކަށަވަރުކޮށްދެމުން. އިރާދަކުރެއްވިއްޔާ، މި ފަސް އަހަރު ނިމިގެން މިދަނީ، ރައްޔިތުންނަށް އެކި ދިމާއިން އުފާފާގަތިކަމާއި، ތަރައްޤީގެ ކުލަތައް އަޅުގަނޑުމެން ބަލަން ބޭނުން މިންވަރަކަށް ފެނިގެންދާތަން.

 

އެހެންވީމާ، އަޅުގަނޑު ހަމަ ކުޅުދުއްފުށީގައި ދަންނަވާލަން ބޭނުންވަނީ، މިއީއޭ އަޅުގަނޑުމެން އުއްމީދު ކުރަންޖެހޭ ކަންކަމަކީ. މީގެ ދެ ދުވަހެއްގެ ފަހުން، މި ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ދެ ކަމެއް. އެއް ކަމަކީ، އިދިކޮޅުން ދައްކަވާ ވާހަކަ. އަނެއްކަމަކީ، އަޅުގަނޑު ދައްކާ ވާހަކަ. އަޅުގަނޑު މި ދައްކަނީ، ތަރައްޤީއާއި، ރައްޔިތުންނަށް ތަނަވަސްކަން ލިބުމާއި، ރައްޔިތުންނަށް އާމްދަނީ އިތުރުވެގެން ދިޔުމާއި، ރަށްރަށަށް ބޭނުންވެފައިހުރި ކަންތައްތައް ފުދިގެން ދިޔުން. މި ވާހަކައެއް އިދިކޮޅު ފަރާތްތަކުން ނުދައްކާނެ. އިދިކޮޅު ފަރާތްތަކުން ދައްކާނީ، ޑިމޮކްރަސީގެ ވާހަކަ. އިދިކޮޅު ފަރާތްތަކުން ވަރަށް ރީތި ޝިޢާރުތަކުގެ ދަށުން ދައްކާ ވާހަކައިގެ ތެރޭގައި، ހުޅަނގުގައި އަޅުގަނޑުމެންގެ މުޖުތަމަޢު، ނޫނީވިއްޔާ، އަޅުގަނޑުމެންގެ ވިސްނުމަށް މުޅިން ނުތަކާވަރުގެ ބައެއްކަހަލަ ކަންކަން، ޑިމޮކްރަސީގެ ގޮތުގައި އެބޭފުޅުން ދައްކަވާނެ. އެ ޑިމޮކްރަސީތޯ އަޅުގަނޑުމެން ބޭނުންވަނީ. ނޫނީވިއްޔާ، އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ ހިދާޔާތުގައި ތިބެގެން، އަޅުގަނޑުމެންނަށް އެ ޑިމޮކްރަސީއަކާއެކީ ހިނގޭވަރުގެ މިނިވަންކަމެއްތޯ. އަޅުގަނޑުމެންގެ ޑިމޮކްރަސީގައި، އަޅުގަނޑު ޒުވާނުންނަށްވެސް މިއަދު ދަންނަވާލަން ބޭނުންވޭ. ޑިމޮކްރަސީގައި ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވާ ކަމަކީ، އަޅުގަނޑުމެންގެ ޒުވާނުން ޚިޔާލުފާޅުކުރުން. ހުރިހާ ޢުމުރުފުރައެއްގެ މީހުން ޚިޔާލުފާޅުކުރުން.

 

މިއަދު، އަޅުގަނޑު ހުރިހާ ޒުވާނުންނަށް ދަންނަވާނަން. ސަރުކާރަށް ފާޑުކިޔާނެވަރަކަށް ފާޑުކިޔާށޭ. އޭގައި، މަނަލެއް ނެތް. ސަރުކާރަށް ފާޑުކިޔާނެވަރަކަށް ފާޑުކިޔަންވީ. ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފާޑުކިޔާނެވަރަކަށް ފާޑުކިޔަންވީ. ޒުވާނުންގެ އަނގަޔަކު، ޒުވާނުންގެ ދުލަކު އަޅުގަނޑު ނުހިފަހައްޓަން. އަޅުގަނޑު ކުރީ ހަމައެކަނި އެންމެ ދެ ކަމެއް. އެ ދެ ކަމަކީ މުޅި ޤައުމުގެ ޙައްޤުގައި އަޅުގަނޑަށް ކުރަން މަޖުބޫރުވި ކަމެއް. އެއީ، މުރުއްވަތްތެރިންނާއި، އަބުރުވެރިންގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި އަޅުގަނޑު ކުރަންޖެހުނު ކަމެއް. ހަމައެކަނި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިގެން މި އަންނަނީ، އެއްވެސް ކަހަލަ އަސާސެއްނެތި، އެއްވެސް ކަހަލަ ސާބިތުކަމެއްނެތި، މީހުންގެ އަބުރާބެހި، މީހުންގެ އަބުރު ނަގައިލާ މައްސަލައިގައި، އެ އަބުރުގެ ކުށް، އަޅުގަނޑު ހަމައެކަނި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަހެއް އަންނަ ކަމެއްގެ ގޮތުގައި މިކުރީ. އެއަކުންނެއް ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވާކަށް، ހަމަ ކުޑަކުޑަ މިންވަރަކަށްވެސް ފަހަތަކަށްދާކަށް ނުޖެހޭނެ.

 

ދެން، އަޅުގަނޑު ކުރި މަސައްކަތަކީ، ހަމަ އެވަރުގެ ވަރުގަދަ މަސައްކަތެއް. އާދެ، އެ މަސައްކަތަކީ، ޚިޔާލުފާޅުކުރިނަމަވެސް، ޤައުމުގެ ސަލާމަތާއި، ސަލާމަތީ ބާރުތަކާ އެއްގޮތަކަށްވެސް ބެހެވިގެނެއް ނުވާނެ. ޤައުމުގެ ސަލާމަތީ ބާރުތަކުން ކުރާ ކަންކަމާއި، ސާބިތު ނުހިފޭގޮތަށް ކޮށްގެން ނުވާނެ ހަމަ އެއްވެސް ކަމެއް. އެހެން މި ދަންނަވާލި ސަބަބަކީ، އަޅުގަނޑުމެންގެ ރަށުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މުޒާހަރާ ހިނގަމުންދާއިރު، ބޭރުގައި ތިބެގެން އަޅުގަނޑުމެންގެ އެކިއެކި މީހުން އެބަ ބުނަމުންދޭ. ރާއްޖޭގައި މިހާރު ސިފައިން ނުކުތީ، ހަތިޔާރު ހިފައިގެން ރައްޔިތުންނާ ކުރިމަތިލާށޭ. އަޅުގަނޑުމެންގެ މުޒާހަރާ ކޮންޓްރޯލް ކުރަންޖެހޭ ހިސާބަށް ދިޔައިމާ މުޒާހަރާކުރަން. އެކަމަކު، ސިފައިން، ޢަސްކަރިއްޔާއިން ހަތިޔާރު ހިފައިގެން ރާއްޖޭގެ މަގުތަކުގައި މިހާރު ޢަސްކަރިއްޔާއިން ހަރަކާތްތެރިވެޔޭ ބުނީމާ، މިއީކީ އަޅުގަނޑުގެ ޑިމޮކްރަސީގައި އަޅުގަނޑު ޖާގަދޭނެ ކަމެއްނޫން.

 

އެހެންވީމާ، މިކަހަލަ ކަންކަން އަޅުގަނޑުމެން ހުއްޓުވައިގެން މިއުޅެނީ. އެއްގޮތަކަށްވެސް ޒުވާނުންގެ ޚިޔާލުފާޅުކުރުމަކަށް، ޒުވާނުން ޚިޔާލުފާޅުކުރަން ބޭނުންވާ ކަމަކަށް އެއްވެސް ހުރަހެއް ނެތް. އިދިކޮޅު ފަރާތްތަކަށް، އަޅުގަނޑު މި ދައްކާ ވާހަކައަށް ޖަވާބު ނުދެވޭ ސަބަބަކީ، މި ތަރައްޤީ އިދިކޮޅު ފަރާތްތަކަށް ލިބިވަޑައިގެންނެވި. ފުރުޞަތު ލިބިވަޑައިގެންނެވި. އެކަމަކު، މި ތަރައްޤީ، އިދިކޮޅު ފަރާތްތަކަށް ނުގެނެވުނީމާ، ދެން އެ ވާހަކަ ދެއްކޭނެ ގޮތެއް ނޯންނާނެ. އެ ވާހަކައިގެ އަޑު ކަނޑުވާލަން ކުރަންޖެހޭ ކަމަކީ، ކޮންމެވެސް މީހެއްގެ އަބުރާ ބެހެން ކުރާ މަސައްކަތް. މިއޮތީ، އަޅުގަނޑާއެކީ ރައްޔިތުން ތިއްބެވިކަން މިއޮތީ. މިގަދަ ވާރޭތެރޭގައިވެސް ކުޅުދުއްފުށްޓަށް އައިސްފައި މިއޮތް ތަރައްޤީ، އަޅުގަނޑުމެން އިޙްސާސްކުރަން ބޭނުންވޭ.

 

މި ތަރައްޤީއާއެކީ، އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑުމެން ވިސްނާލަންވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނަގާ ވޯޓަކީ، ކޮންކަމަކަށް ނަގާ ވޯޓެއްތޯ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންކަމުގެ ތެރޭގައި މިއޮތީ، ރައީސް ޔާމީނަށް ކިހާވަރެއްގެ މެންޑޭޓަކާއި، ކިހާވަރެއްގެ ދައުރެއް ރައްޔިތުން ދިންތޯ. ރައީސް ޔާމީން މަސައްކަތްކުރަން ކިހާވަރެއްގެ ފުރުޞަތެއް ރައްޔިތުން ދިންތޯ. މިއީ، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ. މިކަމުގައި ވިސްނަވާ! ރައީސް ޔާމީނަށްވުރެ، ފަސް އަހަރުގެ ޒަޢާމަތެއް، ދަތިކޮށް ކަޑައްތުކުރި މީހަކު ނުހުންނާނެ. އެއްވެސް ރައީސަކު ނުހުންނާނެ. އަދި، އަޅުގަނޑަށް ޙަމަލާތައް މިއައީ، އަޅުގަނޑު ހީނުކުރާހާ ކައިރިން. އަޅުގަނޑުގެ ގޭތެރެއިން އަޅުގަނޑަށް މި ހަމަލާތައް މިއައީ. މިއީ، އެއްވެސް މީހަކު އުއްމީދު ކުރާނެ، އެއްވެސް މީހަކު އިންތިޒާރު ކުރާނެ ކަމެއް ނޫން. އަދި ކޮބައިތޯ؟ ހުރިހާ މަރުޙަލާއަކުން އަޅުގަނޑަށް ޙަމަލާދިން. ހުރިހާ މަރުޙަލާއަކުން ޙަމަލާދީފައި، ރާއްޖޭގައި ހުރި އުސޫލުތައް މުގުރާލާފައި، ރާއްޖޭގައި ހުރި ޤާނޫނުތަކުގެ ބޭރުން، ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރާއިރު، އެކަން ކާމިޔާބުވީނަމަ، ރައްޔިތުންނަށް އަންނާނީ ކިހާވަރެއްގެ ނިކަމެތިކަމެއްތޯ. ނޫނީވިއްޔާ ރައްޔިތުންނަށް ލިބިގެންދާނީ ކިހާވަރެއްގެ އަނިޔާއެއްތޯ، އަޅުގަނޑުމެން ވިސްނާކަށް ޚިޔާލަކަށް ނާދޭ. އެކަންކަން ކުރި މީހުން، އެކަން ކުރިއިރު، އެމީހުންގެ ޚިޔާލަކަށް ނާދޭ، ޤާނޫނު އަރައި ހަމަކުރާނެކަމެއް. ޤާނޫނުއަރައި ހަމަކުރާއިރު، އެމީހުން ގަބޫލުކުރަންޖެހޭނެ. އެންމެ ކަންކަމާ ދޭތެރޭގައި ވިސްނާ މީހުންނަށްވެސް އެނގޭނެ. މީހުންނަށް އަނިޔާވެރިވާ މީހުން، މީހުންނަށް އަނިޔާވެރިވާއިރު، އެ ކުރެވެނީ ކީއްކަމެއް ނޭނގޭނެ. އެކަމަކު، އެމީހުންނާ ޤާނޫނު އަރައިހަމަކުރީމާ، ދެން އެ މީހުން ލޮލުން ކަރުނަ ވައްޓާނެ. އާއިލާތަކުން އާދޭސް ކުރާނެ. މިއަދުވެސް އެ ކުރަނީ އެ އާދޭސް. މިވެނި މިވެނި މީހުން މިވަނީ ޖަލުގައޭ. އެހެންވީމާ، އެ މީހުންނަށް ޖަލުގައި ތިބީމާ، އެ މީހުންނަށް ކޮންމެވެސްކަހަލަ ލުއިތަކެއް ހޯދައިދޭނެ ވާހަކަ މި ދައްކަނީ. އެކަމަކު، ފަހަރުގައިވެސް ޚިޔާލުކޮށްނުލާ، މި މީސްމީހުން ޖަލަށް ވަންނަން މިޖެހުނީ ކީއްވެގެންތޯ. ޖަލަށް ވަންނަންޖެހުނީ ކީއްވެގެންތޯ ވިސްނައިލާ ކަމަށްވަންޏާ، އެ މީސްމީހުންނަށް އެނގެންވާނެ، އެ މީހުންގެ ފަރާތުން މުޅި ރައްޔިތުންނަށް ދޭން މިއުޅުނީ ކިހާވަރެއްގެ އަނިޔާއެއްތޯ.

 

މިއީ، އަޅުގަނޑުމެންގެ ކުރިމަތީގައި، މީގެ ފަހުން ދެ ދުވަހާ ހަމައަށްދާއިރު ނަގަން އޮތް ވޯޓު. މިއޮއްހާ ޒަމާން، ކުޅުދުއްފުށީގެ ރައްޔިތުން އެދިވަޑައިގެންފައި އޮތް ތަރައްޤީ ނުލިބިގެން ދިޔައީ. މިއަދު އެބަފެނޭ، އެ ތަރައްޤީ ލިބިގެންދާތަން. މިއަދު އެބަފެނޭ، ގަދަ ކަނޑެއް ހުރަސްކުރަން ނުޖެހޭނެކަން. މިއަދު އެބަ އެނގޭ، ހަނިމާދޫ އެއަރޕޯޓާ ނުލައި ކުޅުދުއްފުށީގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެކަން. މިއަދު އެބަ އެނގޭ، ގަދަވިޔަސް ދެން އިރާދަކުރެއްވިއްޔާ، މާލޭން ފުރައިގެން ސީދާ ކުޅުދުއްފުށްޓަށް ޖެއްސޭނެކަން. އަދި ހަމައެހެންމެ، ރާއްޖޭގެ ކޮންމެ ދިމާއަކުން، ކުޅުދުއްފުށީގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަކީ، ފަސޭހަކަމެއް.

 

އެހެންވީމާ، މިއަދު ރައްޔިތުން ބޭނުންވާ ކަންތައްތައް، ރައްޔިތުންނަށް ފުދިގެންދާތަން މި ފެންނަނީ. މި ވާހަކަތަކެއް ބޭނުމެއްނުވާނެ، އިދިކޮޅު މީހުން ދައްކާކަށް. އިދިކޮޅު މީހުން ހައްތަހާވެސް އަޅުގަނޑުމެންނަށް ދައްކާނީ، ޑިމޮކްރަސީގެ އެކި ކަހަލަ ކުލަ ހުވަފެންތައް.

 

އެހެންވީމާ، އަޅުގަނޑުމެން ވޯޓާ ހަމައަށްދާއިރު، އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މުޅި ރައްޔިތުންގެ ޙައްޤުގައި، ކުޅުދުއްފުށީގެ ކޮންމެ ބޭފުޅަކާއި، އަދި މި ބައްދަލުވުމަށް ކައިރި ރަށްރަށުން ވަޑައިގެންނެވި ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި މިނޫން ރަށްރަށުން ވަޑައިގެންނެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މުޅި ދިވެހިރާއްޖޭގެ ޙައްޤުގައި، އަޅުގަނޑުމެންގެ ހުރިހާ ޢާއިލާތަކުގެ ޙައްޤުގައި، މި ވޯޓާ ދޭތެރޭގައި ވިސްނާށޭ. މިއަދު އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެން ތަރައްޤީއާއެކީ ކުރިއަށް ދިޔުމާއި، އަޅުގަނޑުމެންގެ ސިޔާސީ މަޞްރަޙަށް އައިސްފައި މިއޮތް ބަނަކަން. މި ބަނަކަމުގެ ތެރޭގައި އަބަދު ނުޖެހޭނެ ދިވެހިރައްޔިތުން އުޅޭކަށް. މިއީ، ސިޔާސީ ތިން ހަތަރު ލީޑަރުންގެ ތެރޭގައި އުޅޭ ވާދަވެރިކަމެއް. މި ވާދަވެރިކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުން، މި ގިލަންތައް އުފުލާކަށް ނުޖެހޭނެ.

 

އެބަޖެހޭ އަޅުގަނޑުމެން ހުރިހާ އެންމެން ވިސްނާލަން. އަޅުގަނޑުމެން ހުރިހާ އެންމެން ވިސްނާލާފައި، މި ބޭބޭފުޅުންނަށް ދަންނަވާލަން އެބަޖެހޭ، ތަރައްޤީއަށް، ރައްޔިތުންގެ ހަމަޖެހުމަށް، ޤާނޫނީ އުސޫލުތައް ދަމަހައްޓަން، އެންމެންގެ ތެރޭގައި ހަމަހަމަކަން ޤާއިމުކުރަން، އަދި، އަޅުގަނޑުމެން ދާން ބޭނުންވާ މިނަށް، އަޅުގަނޑުމެން ރާއްޖެ ދަތުރުކުރަން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، އަދި، އަޅުގަނޑުމެން އުފުލައިލަން ބޭނުންވާ މަތިންދާބޯޓުތައް، ކޮންމެ ބަނދަރަކަށް ޖެއްސޭވަރުގެ ޖާގަ، އެބަޖެހޭ އަޅުގަނޑުމެންނަށް ލިބެން. އަޅުގަނޑުމެންގެ ރައްޔިތުން އެބަޖެހޭ، ހުރިހާ ލީޑަރުންނަށް ދަންނަވަން، ތިޔަބޭފުޅުންނަށްޓަކައި، ތިމަންނާމެން ޤުރުބާން ވެއްޖައީމުއޭ. އެހެންވީމާ، ދެން ކުރިއަށް އޮތް ތަނުގައި، ތިމަންނާމެންނަށްޓަކައި، ތިމަންނާމެންގެ ޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު ކުރިއަށް ދިޔުމަށްޓަކައި، އަމަންއަމާންކަން ޤާއިމުކުރުމަށާއި، މަޞްލަޙަތަށްޓަކައި ތިޔަބޭފުޅުން އެބަޖެހެޔޭ، މިފަހަރު ތިމަންނާމެންނަށް ފުރުޞަތު ދެއްވަން. މިފަހަރު އެބޭފުޅުން އެބަ ދެއްވަންޖެހޭ. ހުރިހާ ދިވެހިރައްޔިތުންގެ ޙައްޤުގައި، ދިވެހިރައްޔިތުންނަށް ޗާންސް އެބަ ދެއްވަންޖެހޭ. މި ޤައުމަށް ހަމަޖެހުމާއެކީ ކުރިއަށް ދިޔުމުގެ ޗާންސެއް އެބަ ލިބެންޖެހޭ. އަޅުގަނޑުމެން އަބަދު ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން މި ކުޅިޖަހާ ޖެހުމުގެ ތެރޭގައި، އަޅުގަނޑުމެން މުގޯލި އަޅާލަ އަޅާލަ ތިބޭކަށް.

 

މުޅި ޖީލެއް ހަލާކުވެގެން މި ދިޔައީ. ޒުވާން ޖީލެއް ހަލާކުކޮށްލައިފި. އަދި ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގެ ތެރެއަށް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ކިތަންމެ ފުރިހަމަ ޤާނޫނީއަސާސީއެއް ލިބިފައި އޮތް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، ކަންކަން ނިންމާ މީހުންގެ ތެރެއަށް ފައިސާއާއި، ރިޝްވަތުގެ ނުފޫޒު އައީމާ، ކަންކަން ވެގެންދާނެގޮތް. އެމީހުން ގޯސް އެ ހަދަނީ. އެހެންވީމާ، މިހާރު އެބަޖެހޭ ރައްޔިތުން ބުނަން، މިފަހަރު މިއީ ރައްޔިތުންގެ ފަހަރޭ. ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުޅުދުއްފުށްޓާއި، އުތުރުގެ ބޮޑު ތިލަދުންމައްޗާއި، ރައްޔިތުންގެ ހަމަޖެހުމަށްޓަކައި  އެބަޖެހޭ ރައީސް ޔާމީން އެ ބުނާ ކަންކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރެވޭތޯ ބަލައިދިނުމަށްޓަކައި، ތިމަންނާމެން މި ފުރުޞަތު ދޭން ބޭނުންވެޔޭ.

 

އަޅުގަނޑުމެންގެ ކުރިމަތީގައި، އިންތިޚާބަކާ ހަމައަށްދާއިރު މި އޮތް ޗޮއިސްއަކީ، މިހާރު މި ހިނގާ ދެ ދުވަހެއްގެ ތެރޭގައި، ސައުވީސް ގަޑިއިރެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި ފައިސާއާއި ހަދިޔާ ދައުރުވާނެ.  ތިޔަ އެއްޗެއް ލިބުމަށްފަހު ސެޕްޓެންބަރު 23 ގެ ބޭނުން ނެތުނީ. އޭގެ އަނެއްކޮޅުގައި މިއޮތީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދައްކާ ރާސްތާ. އެއީ، ކޮންމެ މީހަކަށް އާމްދަނީ ލިބިގެންދާއިރު. އެހެންވީމާ، ވަގުތީ ފައިދާއަކަށް، މުޅި ޤައުމަށް ބޭނުންވާ ފައިދާތޯ، އަދި، އެ މީހަކު ވަޒީފާ އަދާކުރުންމަތީ ހުރެގެން ކުރިއަށްދާ ގޮތުގައިތޯ، މިއީ ރައްޔިތުން ނިންމަވަންޖެހޭ ކަމަކީ.

 

މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުން. މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން އަޅުގަނޑު ޓެސްޓްކޮށްފި. އެންމެ ކައިރިން އަޅުގަނޑު ޓެސްޓްކޮށްފި. ފުލުހުންގެ ތެރެއިން ބަޔަކު ނުކުމެ ޓެސްޓްކޮށްފި، ރައީސް ޔާމީނުގެ ވެރިކަން ނިންމާލަން. އަދި އެނޫން ގޮތްގޮތަށް ޓެސްޓްކޮށްފި. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކޮށްފި، ރައީސް ޔާމީން ޓެސްޓްކުރަން. ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން. އެންމެ ކައިރިން ޕާޓީގެ އިސް މީހުން މަސައްކަތްކޮށްފި. އަޅުގަނޑުމެން އިޙްތިރާމުކުރި ބޭފުޅުން މަސައްކަތް ކުރައްވައިފި، ޤާނޫނާ ޚިލާފަށް އަޅުގަނޑުމެންގެ ވެރިކަން ނިންމާލަން. ރައްޔިތުން ޚިޔާލަށް ގެންނަވާ! ހުރިހާ ފެންވަރެއްގެ މަސައްކަތް ކުރެވިއްޖެ، ރައީސް ޔާމީންގެ ވެރިކަން ނިންމާލަން. ނުވިތާކަށް، ހަމަ އެންމެ ގާތުން މަސައްކަތްކޮށްފި، އަޅުގަނޑު އިން ލޯންޗް ކުނޑިކުނޑިވާވަރަށް ގޮއްވާލަން. މި ހުރިހާ ކަމެއް ރައްޔިތުން ކޮށްފި. މި ހުރިހާ ކަމެއް ރައްޔިތުންގެ ތެރޭގައި ތިބި ބަޔަކު ކޮށްފި. މާދަން ނޫން އަނެއް ދުވަހުން މިއޮތީ، މި ހުރިހާ އެންމެން ކުރި ކަންކަމުގައި، މި ހުރިހާ އެންމެން ކުރި ކަންކަމުގައި، ﷲގެ ހަމްދަރުދީއާއި، ﷲގެ ރަޙުމް ހިމެނިގެންވީ އަޅުގަނޑާ އެކީގައި. އެހެންވެގެން، އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިއަދު އައިސް ކުޅުދުއްފުށީގައި މި ވާހަކަ މި ދައްކަނީ.

 

ދެ ދުވަސް ފަހުން މިއޮތީ، މުޅި ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި ކަންތައް ކުރާނީ، އަޅުގަނޑު މި ދެންނެވި މީހުން އަޅުގަނޑާ ދޭތެރޭގައި ކަންތައް ކުރި ގޮތަށްތޯ ބަލަން ނަގާ ވޯޓު. ރައްޔިތުން އަޅުގަނޑާއެކީ ތިއްބަވާ. ވަކިވަކި ސިޔާސީ ލީޑަރުން އަޅުގަނޑަށް ގެއްލުން ދެއްވި ނަމަވެސް، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އާދޭހަކީ، އަޅުގަނޑު މަސައްކަތް ކޮށްފީމޭ. އަޅުގަނޑަކީ އިޚްލާޞްތެރިއަކީމޭ. އަޅުގަނޑު ވަރަށް ގިނަ ކަންތައްތައް ކުރެވޭތޯ ބަލައިފީމޭ. ވަރަށް ގިނަ އުނދަގުލާއެކީއޭ، އަޅުގަނޑުގެ ސަރުކާރު ކުރިއަށް މި ގެންދިޔައީ. ރާއްޖޭގެ ތަރައްޤީއަކީ ބޭނުންވާ އެއްޗެއް ކަމަށްވަންޏާ، އެކަން ލިބިއްޖެއޭ. ހުރިހާ ދިމާއަކުން މަސައްކަތްކޮށްފި، އަޅުގަނޑުގެ ވެރިކަން ނިމުމަކަށް ގެންނަން.

 

އެހެންވީމާ ދެ ދުވަސް ފަހުން މިއޮތީ، ރައްޔިތުންވެސް ހަމަ ތިއްބެވީ، އަޅުގަނޑުގެ ވެރިކަން ނިންމަވަންތޯ، އެ ސުވާލު ދެ ދުވަހުގެ ފަހުން އަޅުގަނޑަށް ޖަވާބު ލިބިގެންދާނެ. އަޅުގަނޑު އުއްމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، ރައްޔިތުން ތިއްބަވާނީ އަޅުގަނޑާ އެކުގައި ކަމަށް. ހަމަކަށަވަރުން، ﷲ ތަޢާލާގެ ރުހިވޮޑިގަތުންވާނީ، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ މަސައްކަތްކުރާ މީހަކަށް. އެއްވެސްގޮތަކަށް މި ވިޔާނުދާ މީހުން މި ކުރާ ތަދުބީރުތަކެއް، ﷲ އިރާދަކުރެއްވިއްޔާ އެކަންކަމެއް ހާސިލުވިޔަކަ ނުދެއްވާނެ.

 

އެހެންވީމާ، ދިވެހި ރައްޔިތުންގެ އަރިހުގައި، ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި، ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އަރިހުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ ކައިރީގައި މަސައްކަތްކުރި މީހުންނާއި، އަޅުގަނޑުގެ ގާތްތިމާގެ މީހުން، އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތް ކޮށްފިއޭ. ޚަންޖަރު ހަރަން މަސައްކަތްކޮށްފިއޭ. ގޮއްވާލަން މަސައްކަތްކޮށްފިއޭ. ރައްޔިތުން އަޅުގަނޑަށް އެހެން ނަހައްދަވާށޭ. ރައްޔިތުން އެހެން އަޅުގަނޑަށް ނަހައްދަވާށޭ. ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް އެހެން ހައްދަވައިފި ކަމަށްވަންޏާ، ދެން ކީއްކުރަންތޯ، އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރަން މީހަކު އުޅެންވީ؟

 

އެހެންވީމާ، އަޅުގަނޑުގެ މި އިލްތިމާސް، ބޮޑުތިލަދުންމަތީގެ ރައްޔިތުންނާއި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އަޅުގަނޑު އެދެނީ އަބަދުވެސް، އަޅުގަނޑު ހުއްޓަސް، ނެތަސް، ތިޔަބޭފުޅުންގެ ޚިދުމަތުގައި އަޅުގަނޑު ހުއްޓަސް އަދި އަޅުގަނޑު ހުންނާނެ ފުރުޞަތެއް ނުލިބުނަސް، އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުން. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް އުފާފާގަތިކަމާއި ކުރިއެރުން. އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތު. އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެއަށް ތަރައްޤީ. އަޅުގަނޑު ބޭނުންވަނީ ތުއްތުކުދިންނަކީ އުފަލުގައި އުޅޭ ކުދިންކަމަށްވާން. އަޅުގަނޑު ބޭނުންވަނީ ޒުވާނުންނަކީ، ދިވެހިރާއްޖެ، އަޅުގަނޑު މި ގެންދަން ބޭނުންވާ ހިސާބު، އަޅުގަނޑު މި ދޫކޮށްލާ ލެގަސީގައި، ހިފައިގެން ކުރިއަށް ގޮސްފައި، މި ދުނިޔޭގައި، އެހެން ޤައުމުތައްވެސް އަޅުގަނޑުމެން މަސައްކަތެއް ކުރާތީ ފަޚުރުވެރިވާ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ހުރިހާ ޒުވާނުންވެސް މަސައްކަތް ކުރައްވާނެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން ބޭނުމީ.

 

އިންސާނުންނަކީ ފަނާވާނެ ބައެއް. އިންސާނުންގެ ޚިދުމަތަކީ، ޝައްކެއްވެސްނެތްގޮތުގައި، އެ ޚިދުމަތާ ދޭތެރޭގައި އެކި ކަހަލަ ވާހަކަ ދެއްކޭނެ ބައެއް. އެކަމަކު، މިއޮއްބޮޑު އިންތިޚާބު ނިމިގެން މިދަނީ. ޢިލްމުވެރިންގެ ތެރެއިންވެސް އެއްވެސް ބޭފުޅަކަށް ކެރިވަޑައެއްނުގަންނަވާ، ބޭބޭފުޅުން މީހުންގެ ޙައްޤުތަކަށް އަރައިގަނެ، ވާހަކަފުޅު ދައްކަވާއިރު، އެއްވެސް ބޭފުޅަކަށް ކެރިވަޑައެއްނުގަންނަވާ، އަސާސެއްނެތި މީހުންގެ އަބުރަށް އަރައިގަތުމަކީ، ދީނުގައި ކިހާވަރެއްގެ ކަމެއްތޯ ވިދާޅުވެލައްވާކަށް މި އިންތިޚާބުގައި ބޭނުންފުޅެއްނުވޭ. ޢިލްމުވެރިންގެ ވާހަކަފުޅު، ބައެއް ޢިލްމުވެރިންގެ ވާހަކަފުޅު މުޅިން އެހެރީ، ސިޔާސީ ބެރަށް ނަށާގޮތަށް ޖަހައިދޭ ލަވަގޮތަށް. އެބޭފުޅުންނަކަށް ކެރިވަޑައެއްނުގަންނަވާ، މިއީ ކިހާވަރެއްގެ ވާހަކައެއްކަމެއް ވިދާޅުވާކަށް. އެކަމަކު މިހާރުވެސް، މިއަންނަ ހުކުރު ދުވަހުވެސް އެބޭފުޅުން މެމްބަރަށް އަރުވާ! ހުކުރު ޚުތުބާކިޔަން މެމްބަރަށް އަރުވާ! އަބުރާ ބެހުމަށްވުރެ ގޯސްކަމެއް ނޯންނާނެ ކަމަށް އެބޭފުޅުން ވިދާޅުވާނެ. ސިޔާސީ ޕޯޑިއަމްގައި އެ ވާހަކަ ދައްކާއިރު، އެއިން ބޭފުޅަކު އެ ވާހަކަ ދައްކަވާކަށް ބޭނުންފުޅެއްނުވޭ.

 

މިއޮއްބޮޑު ސިޔާސީ މޫސުން ނިމިގެން މި އަންނަނީ. އަޅުގަނޑުމެންގެ ދައުލަތުގެ ހާލަތު ބަދަލުވަނީ. ރައްޔިތުންގެ ހާލަތު ބަދަލުވުމުގެ ވޯޓާ ހަމަޔަށްދާއިރު، މި ދެންނެވި ބޮޑެތި ޙައްޤުތަކަށް، އިންސާނުންގެ ޙައްޤުތަކަށް އަރައިގަންނައިރު ޖެހިލުމެއްނުވޭ. އަދި އެކަންކަމާ ދޭތެރޭގައި، އިސްލާމީ އުސޫލުން ކަން ކުރަން އޮންނަ ގޮތުގެ ވާހަކަ ބުނުމުގެ ބަދަލުގައި، އެއީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަމުގައިވެގެން، މިއޮއްބޮޑު މޫސުމެއް ނިމިގެން މިދަނީ. މިއީ އަޅުގަނޑުމެން އިންސާނުންގެ ވިސްނުން ހުރިވަރު. އަޅުގަނޑުމެން އަމިއްލަ އެދުމުން ފޯވެފައި ތިބެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ފުރޮޅާނުލާނެ ގާކޮޅެއް ނޯންނާނެ ކަމަށް އިސްލާމީ ޢިލްމުވެރިންގެ ތެރެއިންވެސް ބައެއް ބޭފުޅުން އެއޮއް ވިދާޅުވަމުން ގެންދަވަނީ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ހިތްވަރުދޭންވީ ކޮންބައެއްތޯ؟ އަޅުގަނޑުމެންނަށް ހިތްވަރުދޭންވީ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުންނަށް އެބަ ގަބޫލުކުރެވޭ، ޚިދުމަތްކޮށްގެން ފަޚުރުވެރި ވަނައެއް ހޯދިޔަސް، އެބޭފުޅެއްގެ އަމިއްލަ މަޞްލަޙަތަށް، އެބޭފުޅަކު މަސައްކަތް ކުރައްވާ ކަމަށްވަންޏާ، ރައްޔިތުންގެ މަތިން ހަނދާނެއްނުހުރޭ. ޤާނޫނުގެ މަތިން ހަނދާނެއްނުހުރޭ. އުސޫލުތަކުގެ މަތިން ހަނދާނެއްނުހުރޭ. އެ ހުރިހާ ކަމެއް އެއްކިބާކޮށްފައި، ކުރަންޖެހޭ ކަމެއް ކުރަން ބޭނުންވަނީ. ޚިދުމަތުގެ ގޮތުން ކައިރީގައި މަސައްކަތްކުރިޔަސް، މަޤާމުގެ ގޮތުން ކިތަންމެ އުފުލިފައިހުރި މަޤާމެއްގައި ހުރި ނަމަވެސް، އޭނާއަށް އަމިއްލައަށް ދާންވާ ހިސާބަށް ދާން ބޭނުންވެއްޖެ ކަމަށްވަންޏާ ވަރިހަމަ، ކައިރީގައި ތިބި އެންމެން މަރާލާފައި، އެންމެން ގޮއްވާލާފައިވެސް އޭނާ ދާންވީ ހިސާބަކަށް ދާންވީ. އަދި އެކަމުގައި ދިވެހި ރައްޔިތުންގެ ހަމްދަރުދީވެސް އޮތް ކަމެއް ނޭނގޭ.

 

ޤާނޫނު ހަދާ މަޖިލީހުގައި މި ތިއްބަވަނީ، ރައްޔިތުންގެ އަމާނާތަށް ރައްޔިތުންނަށް ހުވާކުރައްވައިގެން، ﷲ ގަންދީ ހުވާކުރައްވައިގެން ރައްޔިތުންގެ އަމާނާތްތަކެއް ފުރިހަމަކުރައްވަން، ވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑު ގަބޫލުކުރަން، އިންސާނުންނަށް އެކިކަހަލަ ހަދިޔާ އުފުލިގެންދާނެ. އެކިކަހަލަ ހަދިޔާ ހުށަހެޅިގެންދާނެ. އެކަމަކު ކޮންކަހަލަ ކަމެއްތޯ؟ އެބަޔަކު ހޮވި، މުޅި ރައްޔިތުން ބީވެގެންދާވަރު، އެބަޔަކު ހޮވި، މުޅި ރައްޔިތުން ހަނާވެގެންދާވަރު ކަންތައްތައް ކުރާއިރު، އަޅުގަނޑުމެންގެ ޕާޓީންވެސް ތޭރަ މެންބަރުން މަސައްކަތްކޮށްފި، ޤާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ، މުއްދަތު ހަމަނުވަނީސް ޢަޒުލް ކުރަންވެސް މަސައްކަތްކޮށްފި. އަދި އޭގެ ފަހަތުގައި ތިބި މީހުންނަކީ، ޚިދުމަތްތެރީން ކަމުގައިވީނަމަވެސް، ކޮބައިތޯ އެމީހުން ދިވެހިރާއްޖޭގެ ހަމަޖެހުމާ ދޭތެރޭގައި، އެންމެ ފަހަރަކުވެސް ވިސްނާލިތޯ؟ ދެން ކީއްކުރަންތޯ މިއަދު އެމީހުންގެ ޢާއިލާ މީހުން ނުކުމެ، ގޭގެއަށް ގުޅައި، މީހުންނާ ގުޅާފައި ރޮއި މި ހަދަނީ؟ އަޅުގަނޑުމެން އެއަށްވުރެ މާބޮޑަށް ރުއީމުސް. ރުއިން އާންމުވީސް ރާއްޖޭގައި އެމީހުން އެ ޚިޔާނަތްތެރިވީ ކަންތައްތައް ކާމިޔާބުވެގެން ދިޔަނަމަ. މުޅި ރާއްޖެ ރުއީސް. މުޅި ސަރަޙައްދުގައި ރާއްޖެ ރުއީސް. މުޅި ސަރަޙައްދުގައި އަޅުގަނޑުމެންނަކީ ސަލާންޖަހާ މީހުންނަށްވީސް. މިތަނަށް ގޮވާލަން ގެނައީ ކައިރި ޤައުމަކުން ލަޝްކަރެއް ގެންނަން ގޮވީ. އެކަންވެސް އެމީހުންނަށް ފުދޭ. އެކަންވެސް އެމީހުން އެތިބީ ކޮށްގެން. އަދި ނުވިތާކަށް ކޮންތާކަށްތޯ! ނުވިތާކަށް ސުޕްރީމް ކޯޓުގެ ތެރެއިން ޚިޔާނާތްތެރި ނުބައި އަމުރެއްވެސް ނެރެފި. ރިޝްވަތު ދިނުމަކީ ގޯސްކަމެކޭ ބުނާ ވާހަކަ، ހަމަ އެބޭބޭފުޅުން ވިދާޅުވަނީ. އެކަމަކު އެބޭފުޅުން ކަމެއް ހާސިލުކުރަން ބޭނުންފުޅުވީމަ، އެކަންވެސް ފުދޭ.

 

އެހެންވީމާ ދިވެހި ރައްޔިތުންނޭ ހޭފުޅުލައްވާ! ދިވެހި ރައްޔިތުން ހޭލަންވެއްޖެ ނޫންތޯ؟ މިބުނާ ސިޔާސީ ލީޑަރުންނާއެކީ، ކިހިނެއްތޯ، އަޅުގަނޑުމެން އެމީހުންގެ ފަހަތުން އުޅޭނީ؟ ކިހިނެއްތޯ، އެމީހުންގެ ފަހަތުން އެމީހުން ދައްކާ މަގުން ހިނގާނީ؟ އެއީ އެމީހުން އެ ހިނގާ މަގުން އެމީހުންވެސް ދާނީ އެމީހުންގެ ހަލާކުގެ ތެރެއަށް. އެހެންވީމާ، އެމަގުން ދިވެހި ރައްޔިތުން ވަޑައިނުގަންނަވާ. އަޅުގަނޑު ހަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި، މި ނަގާ ވޯޓުގައި އަޅުގަނޑު ބަލައިލަން ބޭނުންވަނީ، މުޅި ރައްޔިތުންވެސް ކަންތައް ކުރައްވާނީ އަޅުގަނޑާ ދޭތެރޭގައި ހަމަ އެގޮތަށްތޯއޭ. މި ޢަޒުމާއި މި ސާބިތުކަމާއެކީ ދިވެހިރައްޔިތުން ތިއްބަވާ. މި ޢަޒުމާއެކީ ދިވެހި ރައްޔިތުން ތިއްބަވާ. މިހާތަނަށް ރާއްޖެ ކުރިއަށްދިޔަ ކޮންމެ ފިޔަވަޅެއް އެޅިފައި މިއޮތީ، ޙަޤީޤަތުގައި ރައްޔިތުންގެ ތެރޭގައި ރައްޔިތުންދެކެ ލޯބިވާ ސިޔާސީ ލީޑަރު ހުރެގެން، ރައްޔިތުންގެ އަމާންކަމާއި ސަލާމަތްކަން ކަށަވަރު ކޮށްދިނުމާއެކީ، އިޤްތިޞާދީ ދުވެލި ކުރިއަށްގެންދަން މަސައްކަތް ކުރީމާ. އެހެންނޫންނަމަ، ކުޅުދުއްފުށީގައި އެއަރޕޯޓް އަޅާނީކީ މިއަދަކު ނޫން. މީގެ މާކުރިން އޮންނަންވާނެ، ކުޅުދުއްފުށީގައި އެއަރޕޯޓް އެޅިފައި. ފޮނަދޫގައި އެއަރޕޯޓް އަޅާނީކީ މިއަދަކު ނޫން. ފޮނަދޫގެ އެއަރޕޯޓް މިއަށްވުރެ މާކުރިން އޮންނަންވާނީ އެޅިފައި. ކުޅުދުއްފުށްޓަށް ބޭނުންވާ ދެންވެސް ކަންތައްތައް ހުންނަންވާނީ ފުދިފައި. މިއީ ބޮޑު އާބާދީއެއް. މިއީ، އުތުރުގައި އޮތް އެންމެ ބޮޑު ރަށް. ހަމަ މިވާހަކަ ދެކުނަށް އެނބުރިލާފައި އަޅުގަނޑު ދައްކަން އޮތީ. ހަމަ ހިތަދޫގައިވެސް މިކަން އޮތީ މިހެން ނޫންތޯއޭ. ރައްޔިތުން ބޭނުންވަނީ ކުރިއެރުން. ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ރައްޔިތުން ބޭނުންވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ފުދިގެންދިޔުން.

 

އެހެންވީމާ، އެކަންކަން ފުދިގެންދާއިރު، ރައްޔިތުން އެބަ ވިސްނަންޖެހޭ، މިކަންކަން ތިމަންނާމެންނާ ހަމައަށް މި ގެނެސްދެނީ، މިހާރު ކާކުބާއޭ. ކީއްވެގެންބާވައޭ، މިކަންކަން ކުރީގައި ނުވެއޮތީ. ވަކި މުއްދަތަކަށް، ވަކި ޝަރަފުވެރި ޚިދުމަތެއް އަދާކުރުމަކީ، އެއްގޮތަކަށްވެސް އޭނާއަކަށް ލައިސަންސް ލިބޭ ކަމެއް ނޫން، އެބޭފުޅަކަށް ހުއްދަ ލިބޭ ކަމެއްނޫން، އޭގެފަހުން ރައްޔިތުން ހަލާކުވާވަރުގެ ކަންތައް ކުރާކަށް. ވަކި ޝަރަފުވެރި ގޮނޑިތަކެއްގައި، ޢަދުލް ޤާއިމުކުރަން ފަނޑިޔާރުން ތިއްބަވާ ތިއްބެވުމަކީ، އެއްގޮތަކަށްވެސް އެބޭފުޅުންނަށް ޖާގަ ލިބޭ ކަމެއްނޫން، ރައްޔިތުންނާ ޚިލާފަށް، ޤާނޫނާ ޚިލާފަށް އަމުރު ނެރެގެން ދައުލަތެއް ވައްޓާލަން ކުރާ މަސައްކަތް. އެއީ ބަޣާވާތް. ކޮންމެ މީހެއްގެ ފޮތުގައިވެސް، ޝަރަޙައިގައި އޮންނާނީ އެއީ ބަޣާވަތެއް ގޮތަށް. މިއީ އަޅުގަނޑުމެންގެ ތެރޭގައި ދާދި އިހަށްދުވަހުގެ މާޒީ. މާ ދުރަކަށް ދާކަށްނުޖެހޭ. ޙަސަން ތާޖުއްދީނާ ހަމައަށް ދާކަށްނުޖެހޭ. މިއީ އަޅުގަނޑުމެންގެ ޙަޤީޤަތް.

 

އެހެންވީމާ، ރައްޔިތުން ނިންމަވާ، މީގައި ގޮތެއް. ރައްޔިތުން ނިންމަވާއިރު، ރައްޔިތުން ވިސްނާވަޑައިގަންނަވާ، މި ރައީސަކީ، މި ޒަޢާމަތަކީ ހާދަ ބޮޑެތި ތުރާތައް ގިރާކޮށްފައި އޮތް ޒަޢާމަތެކޭ. ހާދަ ބޮޑެތި ނުރައްކާތައް، މި ދައުލަތާ ދިމާވެއްޖެއޭ. ރައީސް ޔާމީނަކީ އެންމެ މީހެއް. އެކަމަކު އެއިން ކަމެއްގެ ނަތީޖާ އެމީހުން އެދުނުގޮތަށް ބައްދަލުކުރިނަމަ، މުޅި ދިވެހިރާއްޖޭގެ ހާލަތާ ދޭތެރޭގައި، ތިޔަބޭފުޅުން ޚިޔާލަށްގެންނަވާ! ކޮން ހާލެއްގައިތޯ އަޅުގަނޑުމެން އޮންނާނީ؟ އަޅުގަނޑުމެންނަށް ފަސޭހަތޯ، އަޅުގަނޑުމެންގެ ޤައުމަށް ބޭރުގެ ލަޝްކަރެއް އަރައިގެން، އަޅުގަނޑުމެންނަކީ މިތާ ނޫޅޭ ބަޔަކަށް ހެދުން. އަޅުގަނޑުމެންނަށް ފަސޭހަތޯ، މިދެންނެވިކަހަލަ ކަންކަމަށް އަޅުގަނޑުމެންގެ ލީޑަރުން ގޮވާލާއިރު، އެއަށް ހަމަ އާނއެކޭ ބުނެލަބުނެލާ ތިބުން. ނޫން، ޑިމޮކްރަސީއަކީ ފާޑެއްގެ އެއްޗެއް. އެކަމަކު އެ ޑިމޮކްރަސީއަކީވެސް އަޅުގަނޑުމެންނަށް އުފުލޭވަރުގެ އެއްޗަކަށްވާން އެބަޖެހޭ. ރައްޔިތުންނަށް ދަތިވަނީ ޚިޔާލުފާޅުކުރުން ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނަން، މިއަދުވެސް އަޑުއައްސަވާ. މިއަށްވުރެ މިނިވަންކަން ބޮޑުގޮތެއްގައި، ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ ދައުރެއް ނޯންނާނެ ގޮސްފައެއް. މީގެ ކުރީގައި އެބަހުރި، ރަން ގަލަން ލިބުނު މީހުންނާއި މިކަހަލަ މީހުން ޚިޔާލުފާޅުކޮށްގެން ޖަލުގޮޅިތަކުގައި ތިބެފައި އެބަހުރި.

 

މި ސަރުކާރުގައި ކޮންމެ މީހަކު، ކޮންމެ ވާހަކައެއް ދެއްކިޔަސް، މީހެއްގެ އަބުރާ ނުބެހޭ ކަމަށްވަންޏާ، ކޮންމެ މީހަކަށް، ކޮންމެ ވާހަކައެއް ދެއްކޭ. ރައީސް ޔާމީނާ ބެހޭވެސް ކޮންމެ ވާހަކައެއް ދެއްކޭ. ސަރުކާރާބެހޭ ކޮންމެ ވާހަކައެއް ދެއްކޭ. ކޮންމެ މީހަކާބެހޭ ކޮންމެ ވާހަކައެއް ދެއްކޭ. އެހެންވީމާ، ކޮބައިތޯ މިނިވަންކަން ނުލިބިފައި. މިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ލިބުނު ޒަމާނެއް ނޯންނާނެ. ހަމައެކަނި މި ސަރުކާރުން ކޮންޓްރޯލް ކުރަނީ މިނިވަންކަމުގެ ތެރޭގައި، މީހުންގެ އަބުރާ ބެހުން. އެނޫން ކަމެއްގައި މި ސަރުކާރުން ކޮންޓްރޯލެއް ނުކުރާނެ. އަޅުގަނޑަކީ އަޅުގަނޑާ ދިމާއަށް އަންނަ މިކަހަލަ ހުރިހާ ވާހަކަތަކަށް ޖަވާބުދޭން ކެރޭނެ މީހެއް. އަޅުގަނޑު މިހާތަނަށް ޖަވާބުދެމުންދާތީ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މި ފަސް އަހަރުވެސް ލިބިގެން މި ދިޔައީ. އަދިވެސް އަޅުގަނޑު ބަދުނާމު ކުރަން ވާހަކަ ދައްކާނެ. އެކަމަކު އަޅުގަނޑު ބަދުނާމު ކުރަން ވާހަކަ ދައްކާއިރު، ރައްޔިތުން އަރިހު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑާއެކީ އެއް މޭޒެއްގައި ޓީ.ވީ ކުރިމައްޗަށް އަންނާށޭ، އަޅުގަނޑު ބަދުނާމުކުރަން ބޭނުންވާ މީހުން. އޭރަށް އެމީހުންނަށް އަޅުގަނޑުދޭ ޖަވާބުން، މުޅި ރައްޔިތުންނަށް އެނގިގެންދާނެ، ކިހާވަރަކަށްތޯ އަޅުގަނޑު ބަދުނާމު ކުރެވެނީ.

 

މާޒީގައި، ދާދި އިހަށްދުވަހެއްގެ މާޒީގައި، މިކަން ފެނިގެން ހިނގައްޖެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް އަޅުގަނޑު ޙާޒިރުކުރީ ހަމަ މިކަހަލަ ބަދުނާމެއްގައި. އެއަށްވުރެ ވަރުގަދަ ބަދުނާމެއް އަޅުގަނޑުގެ ބޮލަކު ނޭޅޭ. އެހެންވީމާ، ދެން ރާއްޖޭގައި ހިނގާ ކޮންމެ ނުބައި ކަމަކީ، އަޅުގަނޑުގެ ބޮލުގައި އަޅުވާ ބަދުނާމު ކަމަށްވަންޏާ، ދެން ހަމަ ކޮންމެ ރައީސަކު، އޭގެކުރީގައި ހިނގާފައި ހުރި ކަންކަމުގެ ބަދުނާމު އުފުލާކަށް ނުޖެހޭބާ! ރާއްޖޭގައި ކޮރަޕްޝަން މީގެކުރީގައި ނެތްބާ! އޭގެކުރީގައި ހުރި ކޮރަޕްޝަން މީގެކުރިން ބެލުނުބާ! އެހެންވީމާ ޒުވާނުން ހޭލުންތެރިވާންވީ. ޒުވާނުން ބޭނުންވާ ހުރިހާ ޚިޔާލެއްފާޅުކުރުމުގެ މިނިވަންކަން، މި ސަރުކާރުން އެއޮތީ ދީފައި. މިއުޅެނީކީ މީހުން ޚިޔާލުފާޅުކުރާތީ ރައީސަށް ދަތިވެގެނެއް ނޫން. މިއުޅެނީ އެހެންނަމަވެސް، ޖަމާލުއްދީން ސްކޫލްގައި ހުންނަ ޓީޗަރެއްގެ، އަންހެން ޓީޗަރެއްގެ އަބުރާ ބެހުނީމާ، މޮޅު ޓީޗަރެއް، ދުވަހަކުވެސް މުޖުތަމަޢުގެ ތެރޭގައި ނުކުމެ ހިނގާލަން ނުކެރޭ ވަރަށް، އޭނާއަށް ލަދުވެތިކަން ކުރިމަތިވީމާ، އޭނާއަށް އަނިޔާވެރިކަން ކުރިމަތިވީމާ، އަޅުގަނޑުމެންނަށް ގެއްލިގެން އެދަނީ އެތައް ދުވަހެއްގެ ތަޢުލީމު ހާސިލުކޮށްފައި ހުރި މޮޅު އަންހެން ޓީޗަރެއް. އަޅުގަނޑުމެން މި އަބުރު ސަލާމަތް ކޮށްދެވޭތޯ މި މަސައްކަތް މިކުރަނީ، ރާއްޖޭގައި މަސައްކަތްކުރާ އެންމެމޮޅު ޑެންޓިސްޓް، އޭނާއާބެހޭ ވިޔާނުދާ ވާހަކަތައް ދެއްކީމާ، ދެން އޭނާ ޚިދުމަތުން ފިލައިގެން އެދަނީ، މުޖުތަމަޢުތެރޭގައި އޭނާއަށް ނުކުމެ އުޅެން ނުކެރުނީމާ. އެއީ އެމީހުންގެ ޙައްޤެއް ނޫންތޯ؟

 

ރައީސް ޔާމީންގެ އަބުރާ ބެހޭނެވަރަކަށް ބެހޭ. މިއަދުވެސް މި ހުޅުވާލަނީ އެ ދަޢުވަތު. ރައީސް ޔާމީނަކަށް މިއިން ކުރާނެ އަސަރެއް ނޯންނާނެ. ރައީސް ޔާމީން ނޫޅޭ އެއްގޮތަކަށްވެސް ރައީސް ޔާމީންގެ އަބުރާ ބެހޭތީ އުނދަގޫވެގެންނެއް. އަޅުގަނޑުގެ އަބުރަށްވުރެ ބޮޑަށް އަރައިގަނެވުނު އެހެން މީހެއްގެ އަބުރެއް ނޯންނާނެ. އެހެންނަމަވެސް، މުޖުތަމަޢުގައި އެބަތިބި މަޢުޞޫމް މީހުންތަކެއް. މުޖުތަމަޢުގައި މިތިބަ ކަނބަލުންގެ ތެރޭގައި، އަޅުގަނޑު މި ދެންނެވި ޢުމުރުފުރައިގެ މި ދެންނެވިކަހަލަ ހީވާގިކަމާއި ޤާބިލުކަމާއެކީ ކިޔަވައިދޭ މުދައްރިސުން އެތިބީ. ހަމަ މިތާ މިތިބަ ތުއްތުކުދިން، މަންމައާއި ބައްޕަޔާއެކީ އެއް ސިޓިންގރޫމެއްގައި ޓީ.ވީ ބަލަން ތިބޭއިރު، ލޯހުޅުވާލަން ނުކެރޭވަރު، ކަންފަތުގައި އަތްއަޅަންޖެހޭވަރުގެ ވާހަކަތައް، މިއޮއް ޓީ.ވީތަކުގައި އާއްމުވެގެން މިދަނީ. އެކަމަކު އަދިވެސް ބުނާނެ، ދަރިން ތަރުބިއްޔަތު ކުރުމޭ، މީގެ ޙައްލަކީ. ދަރިން ތަރުބިއްޔަތު ކުރާނީ ކިހިނެއް؟ ލޯ ހުޅުވާލަން ނުކެރޭ، އަޑުއަހާލަން ނުކެރޭ މި ޓީ.ވީތަކުން، މި ޒިންމާދާރު ބޭފުޅުން ދައްކަވާ ވާހަކައިން. ޒިންމާދާރުކަމާއެކީ ކަމެއް ކުރަންޏާ، އެކަމެއް ކުރަން އޮންނަ މާލަމެއްގައި އެކަން ކުރޭ.

 

އެހެންވީމާ، މިއުޅެނީ ޑިމޮކްރަސީ ނެތިގެނެއްނޫން. އެކަމަކު އެބޭފުޅުން ގެންނެވި ޑިމޮކްރަސީ ކޮބައިތޯ؟ ހުޅަނގުގެ ޑިމޮކްރަސީގައި އެބޭފުޅުން ގެންނެވި ޑިމޮކްރަސީގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކޮންކަމެއްތޯ؟ އެއްދުވަހު މާލޭގައި އެބޭފުޅުން ހިތްވަރު ދެއްވައިގެން، ވިއްސަކަށް ޒުވާނުން އެއްވި، މުޒާހަރާއެއް ކުރަން. ކޮބައިތޯ މުޒާހަރާ ކުރަން އެމީހުން އެއްވި ކަމަކީ؟ އެއްޖިންސުން ގުޅުން ހިންގަން ހުއްދަދޭތޯ ކުރި މުޒާހަރާ. މިއީތޯ ޑިމޮކްރަސީގެ ރީތި ޝިއާރުގެ ދަށުން ދިވެހިރާއްޖޭގައި ނުކުރެވި އޮތް ކަމަކީ. މިއެއްނޫން ދިވެހިރާއްޖޭގައި ނުކުރެވި އޮތް ކަމަކީ. ދެން ކޮންކަމެއް އެ ދުވަހު ކުރީ؟ އިސްލާމްދީނުގެ ޙައްދުތަކާ ބެހޭގޮތުން، ތަފާތު ޚިޔާލުތަކެއް އުޅެގެން، ހުޅަނގުގެ މީހެއް ގެނެސްފައި، އަޅުގަނޑުމެންގެ އެންމެ މުޙްތަރަމްކަން ލިބިފައި އޮތް ރައްޔިތުންގެ މަޖިލީހުގައި، އަޅުގަނޑުމެން ހުރިހާ މެންބަރުންގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ޤާނޫނަށް ފާޑުކިޔާފައި، ދީނުގައި، ޝަރުޢުގައި ކަނޑައަޅާފައި ހުންނަ ކަންތައްތަކަށް ފާޑުކިޔާފައި ދިޔައީވެސް ރައީސް ނަޝީދުގެ ވެރިކަމުގައި، ޢަބްދުﷲ ޝާހިދު ރިޔާސަތުގައި އިނދެގެން މިކަމަށްވެސް ފުރުޞަތު ދެއްވީ. އެހެންވީމާ މިކަހަލަ ކަންކަން ކުރާކަށް، ދިވެހި ރައްޔިތުން ނުޖެހޭ ޖާގަދޭކަށް. މިކަހަލަ ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެން ޖެހޭނީ އެކަހަލަ ބައްދަލުވުންތައް ދޫކޮށްލާފައި ނުކުމެގެންދާން.

 

ދާދި އިހަށްދުވަހެއްގެ ޓީ.ވީއެއްގައި ނޫންތޯ. ޢަބްދުﷲ ޝާހިދު އިންނެވި އެ ޓީ.ވީ ޕްރޮގްރާމްގައި. އެން.ޑީ. ޓީ.ވީ އިން އިންޑިއާގެ އެން.ޑީ. ޓީ.ވީ އިން ގެނައި ޕްރޮގްރާމެއް. ކީކޭތޯ ބުނަމުންދިޔައީ؟ ތިމަންނާއަކީ ކުރީގައި، ސިޔާސީ މުޝީރެއްގެ ގޮތުގައި، ނޫނީ މިލިޓަރީ މުޝީރެއްގެ ގޮތުގައި މަޝްވަރާދޭ މީހެކޭ ބުނަމުންދިޔައީ އިންޑިއާގެ ކޮންމެވެސް މީހެއް. ތިމަންނާ އޭރުވެސް ބުނަމުން ގެންދިޔައިމޭ، ޖީ.އެމް.އާރު. މިތަނުގައި، އެމީހުންގެ އަތުގައި އެއަރޕޯޓް އޮތްއިރު، އެތަނުގައި، އެތަނުގެ އެއަރޕޯޓްގެ ސަލާމަތްކަން ބެލެހެއްޓުމުގެ ނަމުގައި ތިބެންވީ އިންޑިއާ ސިފައިންނޭ. އޭރަށް މި އެއަރޕޯޓް ތިމަންނާމެންގެ އަތުގައި އޮތީހޭ. އެހެންނަމަ ތިމަންނާމެންނަށް، ތިމަންނާމެން ބޭނުންވާގޮތަށް ކަންތައްތައް ކުރެވޭނޭ. މާތްކަލާކޯ! އެތާ އެއިނީ ދިވެހި ދަރިއެއް. އެތާ އެއިނީ އެއްއިރެއްގައި ރައީސްކަމަށް ދައުވާކުރާ، ނޫނީވިއްޔާ އެ އުއްމީދުތައް ހުރި ބޭފުޅެއް. މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއް، އެ މޭޒުކައިރީގައި ވާހަކަ ދައްކަވަން އިންނެވީ.

 

މިވަރު ވާހަކަ ދިވެހިރާއްޖެއަށް، މިވަރު ވާހަކަ ދިވެހިރާއްޖޭގެ ސިޔާދަތަށް ރައްދުކޮށް ދައްކާ މޭޒެއްގައި، ކިހިނެއްތޯ އަޅުގަނޑުމެން ތިބޭނީ. އެކަމަކު އެއީވެސް ދިވެހި ދަރިއެއް. ހަމަ އޭނާވެސް އެމޭޒުން ޖާގަހޯދި. އެކަމަކު މި ބުނަނީ، ތިމަންނާމެން މިތިބީ ރައްޔިތުންގެ ޙިމާޔަތުގައި ނުކުމެ، ރައްޔިތުންނަށް ޑިމޮކްރަސީ ހޯދާށޭ. ކޮބައިތޯ؟ މިއަދު ކީއްވެގެންތޯ، ސިޔާސީ އެތައް މީހުންނަކާއި، ސިޔާސީ އެތައް ލީޑަރުން ހަނުހުރޭ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިނުވެ އެއްފަރާތުގައި ތިބީ ކީއްވެގެންތޯ؟ އެމީހުންނަކަށް ނޭނގުނު، ކޮޅެއް ނަގާކަށް. ރައްޔިތުންގެ ކޮޅުތޯ ނަގާނީ، ނޫނީވިއްޔާ ރައްޔިތުން ބީވެގެންދާވަރުގެ ނުރައްކާތެރި ކޮޅެއްތޯ ނަގާނީ. އެޔާ ދޭތެރޭގައިވެސް ގޮތެއް ނިންމަން ނުކެރިފައި ތިބި އެތައްބަޔަކު އެބަތިބި. މިއީ މިއަދު އަޅުގަނޑުމެންގެ ހާލަތު.

 

އެހެންވީމާ، މި ހާލަތު އަޅުގަނޑުމެން ބަދަލުކުރަންޖެހެނީ، ދިވެހި ރައްޔިތުން ރަނގަޅަށް ވިސްނައިގެން. މި ހާލަތު އަޅުގަނޑުމެން ބަދަލުކުރަންޖެހެނީ، ޙަޤީޤަތުގައިވެސް ކޮންމެ މީހަކީވެސް ޤައުމަށްޓަކައި މިއަދު ތިމަންނާކޮށްދޭނީ ކޮންކަމެއްތޯ އިސްވެ އަހާމީހާ. އެއްގޮތަކަށްވެސް މިއަދު އަޅުގަނޑުމެން އަހަންވީކީ، ޤައުމުގައި ކޮންމެ މީހަކު ހުއްޓަސް، ތިމަންނާމެންނަށް މި ލިބިގެންދާ ޚިދުމަތްތައް ލިބޭނެކަމަށް ވިސްނަންޏާ، ހޯހޯ، އެއީ ގޯހެއް. ޤައުމުގައި މީގެކުރިންވެސް ރައީސުން ތިބެއްޖެ. ކޮންމެ މީހަކު ހުއްޓަސް، ތިމަންނާމެންނަށް މި ހުރިހާ ކަމެއް ކަށަވަރުވާނެ ކަމަށް ވިސްނާކަމަށްވަންޏާ، އެއީ ގޯސް ވިސްނުމެއް. މިއަދު އެހެންވީމާ އަޅުގަނޑުމެން ވިސްނަންޖެހޭނީ، ތިމަންނާމެންގެ ޤައުމޭ މިއީ. ތިމަންނާ އެބަޖެހެޔޭ، ޤައުމަށް ކަމެއްކޮށްދޭން. ތިމަންނާ އެބަޖެހެޔޭ، ތިމަންނާގެ އަޚަށް، ތިމަންނާގެ އުޚުތަށް، ތިމަންނާގެ މާމަ، ކާފަޔަށް ކަމެއް ކޮށްދޭންޖެހޭ. އެ ކޮށްދޭންޖެހޭ ކަމަކީ، ޤައުމަށްޓަކައި ތިމަންނާ ކޮށްދޭނީ ކޮންކަމެއްތޯ މިއަދު އެހުމޭ. ޤައުމަށްޓަކައި މިއަދު ކޮންމެ މީހަކަށް ކޮށްދެވޭ ކަމެއްގެ އިޚްލާޞްތެރިކަމާއެކީ ކޮންދޭކަމަށްވަންޏާ، ދެ ދުވަސް ފަހުން މި ވަޑައިގެން، ދެއްވާ ވޯޓުގައި، އެއް ނަންބަރު ފާހަގައިގައި ރަނގަޅު ފާހަގަލުން ނޫން ޗޮއިސްއެއް ނެތޭ.

 

އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ދިވެހި ރައްޔިތުންގެ އަރިހުން އިޚްލާޞްތެރިކަމާއެކީ ކުރާ އިލްތިމާސަކީ، ތޭވީސްވަނަ ދުވަހު، އާދީއްތަ ދުވަހު ވަޑައިގެން އަޅުގަނޑުމެންގެ ޤައުމު، ހަމަމަގަށް އެޅުވުމަށްޓަކައި އަނެއްކާވެސް ރައްޔިތުން އަޅުގަނޑަށް އެ ފުރުޞަތު ދެއްވާ! އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހެޔޮގޮތުގައި ތިބެގެން ކުރާ މަސައްކަތަކީ، ﷲގެ ރަޙްމަތް، އެކަމުގައި ހިމެނިގެންވާނެ ކަމެއް. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!     

 

  والسّلام عليــكم ورحـمــة اللّـه وبـركاتـه.