بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ފުވައްމުލަކުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ފުވައްމުލަކުގެ ޒުވާނުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، ފުވައްމުލަކާއި ޕީ.ޕީ.އެމް.އާ ވަރަށްގާތް. އަދި ޝައްކެއްވެސްނެތްގޮތުގައި، ފުވައްމުލަކާއި ރައީސް ޔާމީނާ އަދި އެއަށްވުރެ ގާތް. އަޅުގަނޑު ފުވައްމުލަކަށް ކުރާ ކޮންމެ ޒިޔާރަތެއްގައި، އަޅުގަނޑުގެ ހިތަށް އެތައް އިޙްސާސްތަކެއް، ތިޔަ ލޮބުވެތި ރައްޔިތުން ފޯރުކޮށްދެއްވާ. އުފާވެރިކަން ގެނެސްދެއްވާ. މިއަދު ހަމަގައިމުވެސް މިތާ މި ތިއްބެވީކީ އުލިގަމުންނާއި، ތުރާކުނުންނާއި، ގައްދޫންނާއި، ތިނަދޫން އައިސް ތިބި ރައްޔިތުންނެއް ނޫން. އަޅުގަނޑުމެން ރަށްރަށަށް ދިޔައިމާ، އަޅުގަނޑުމެން އެ ރަށްރަށުގެ ރައްޔިތުންނާއެކީ، އަޅުގަނޑުމެން ޖަލްސާކުރަނީ، އަދި އެ ރަށްރަށުގެ ރައްޔިތުންގެ ޝުޢޫރުތައް އަޅުގަނޑުމެންނާ ހަމަޔަށް އަންނަނީ، އަދި އެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހިތުގެ ލޯތްބާއި، އަޅުގަނޑުމެންގެ ހަމްދަރުދީއާއި އަދި އަޅުގަނޑުމެން އެ ރައްޔިތުންނާ ދޭތެރޭގައި، ހަމްދަރުދީއޭ މި ދެންނެވީ، އެ ރައްޔިތުން އޭގެކުރީގައި އުޅުއްވަންޖެހުނު ގޮތުގެ ހަމްދަރުދީ އެބޭފުޅުންނާ އަޅުގަނޑުމެން ޙިއްޞާކުރަމު. އަދި މިއަދު އެ ޙާލަތު ބަދަލުވެގެން، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އުފަލުގައި ބައިވެރިވާން އަޅުގަނޑުމެން އަންނަ ވާހަކަ ދަންނަވަމުން މިގެންދަނީ. އަޅުގަނޑުމެން ދާ ރަށްރަށުގައި އެއްގޮތަކަށްވެސް އެ ރަށުން ބޭރު މީހުންނެއް ނުތިބޭނެ.   

 

އެހެންވީމާ ކީއްކުރަންތޯ، އެމް.ޑީ.ޕީ އާއި އަޅުގަނޑުމެންނާ ތަފާތު ހުރި ވާހަކަ ދައްކަންވީ؟ ހުރިހާ ގޮތަކުންވެސް ތަފާތު. މިއަދު އަޅުގަނޑު ފުވައްމުލަކަށް މިކުރާ ޒިޔާރަތަކީ ޙަޤީޤަތުގައިވެސް، އަޅުގަނޑުގެ ފުރަގަހުން އެ ފެނިވަޑައިގަންނަވާ ފަދައިން، މިތަނުގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ އެތައް މަޝްރޫޢެއްގެ އުފާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާތީ، އެ އުފަލުގައި ތިޔަބޭފުޅުން ތިއްބަވާ ވަގުތެއްގައި، އަޅުގަނޑުވެސް ހަމަ އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވާން. 

 

މިތަނުގައި ފެނާއި ނަރުދަމާގެ ނިޒާމު އިރާދަކުރެއްވިއްޔާ ޤާއިމުވެގެން މިދިޔައީ. ހަމައެހެންމެ، ފުވައްމުލަކަށް، ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަވާ އެތައް ގިނަ ކަންތައްތަކެއް މިދިޔައީ. އަޅުގަނޑު ނެތިން މި ލިސްޓް ކިޔާކަށް. އެކަމަކު އަޅުގަނޑު ލިސްޓްގައި އަޅުގަނޑު ޖުމްލަ އަދަދެއް ދަންނަވާނަން، އަޅުގަނޑުގެ މި ވާހަކައިގެ ކޮންމެވެސް ހިސާބެއްގައި.

 

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މިކުރާ ޒިޔާރަތްތަކަކީ ޙަޤީޤަތުގައި ހަމައެކަނި ސިޔާސީ މަސައްކަތް ކުރަން ކުރާ ޒިޔާރަތެއް ނޫނޭ. އަޅުގަނޑު މިކުރާ ޒިޔާރަތްތަކަކީ، މީގެކުރީގައި ސަރުކާރުތަކުން އަދި މީގެކުރީގައި މި ރަށްރަށުގައި ރައްޔިތުން ބޭނުންވެ އިންތިހާއަށް ކަންބޮޑުވެފައި ހުރި ކަންކަން ޙައްލުނުވެ، އެކަންކަން ނުފުދި ތިބި އެތައް ޒަމާނެއް، އެތައް އުނދަގުލެއް ބަރުދާސްތު ކުރުމަށްފަހު. އިރާދަކުރެއްވިއްޔާ އެމީހުންނަށް އެކަންކަމުން ފަސޭހަތަކެއް ލިބިގެން މިދަނީ ހަމަ ރައީސް ޔާމީނުގެ މި ފަސް އަހަރުގެ ތެރޭގައިކަން ރައްޔިތުން ގަބޫލުކުރައްވާތި. އެކަންތައްތައް ރައްޔިތުންނަށް ފުއްދައިދިނުމަށް ކުރާ ޒިޔާރަތްތަކެއް.

 

އެހެންވީމާ، އަޅުގަނޑު އުފާވޭ، އަޅުގަނޑާ ބައްދަލުކުރަން ތިޔަ ހުރިހާ ބޭފުޅުން އިސްތިޤްބާލު ކުރައްވާތީ. އަޅުގަނޑު އުފާވޭ، އަޅުގަނޑު މިކަހަލަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކާ ތަނަށް ތިޔަ ހުރިހާ ބޭފުޅުން އެތައް ހާހަކުން ގުނައިލެވޭވަރަށް މިތަންތަނުގައި ތިއްބަވާތީ. އަޅުގަނޑު އުފާވޭ މިރޭވެސް ޚާއްޞަކޮށް، ފުވައްމުލަކުގެ ޒުވާނުން ތިޔަ ވިދާޅުވަނީ، ޒުވާނުންނަށް ރައީސް ޔާމީން ކަންތައްތައް މިހާތަނަށް ބަހައްޓާފައި ހުރިގޮތުން ޒުވާނުންގެ ހިތުގެ ޝައުޤުވެރިކަން މިއޮތީ ހަމަ ރައީސް ޔާމީނަށްކަން. މިއަދު އަޅުގަނޑުމެންނަށް ދެންމެ ފެނިގެން މިދިޔައީ އެ މަންޒަރު. ތަނެއްގެ ވިންދު އެންމެ ރަނގަޅަށް މެޝަރ ކުރާނީ، އެތަނެއްގެ ޒުވާނުންގެ ވިންދު ހަރަކާތްތެރިވާ މިންވަރުން. އެކަމަކު އޭގެ މާނަޔަކީ އިސް ރަށްވެހިންނާއި، އެ ރަށްވެހިންގެ ޚިދުމަތް އަޅުގަނޑުމެން ހަނދާނުން ނެތިކޮށްލާ ވާހަކައެއްވެސް ނޫން. އެކަމަކު ކޮންމެ ޤައުމެއްވެސް، ކޮންމެ ރަށެއްވެސް، ކޮންމެ މުޖުތަމަޢެއްވެސް ކުރިއަށްދާނީ، ޒުވާނުންގެ ހިތްވަރާއި، ޒުވާނުންގެ ހުރި ކެރުންތެރިކަމުން. އެހެންވީމާ، ތަނެއްގެ ޙާލަތު ބަދަލުކުރުމުގައި، ޒުވާނުންގެ ދައުރަކީ އިސް ދައުރެއް.

 

އެހެންވީމާ، ފުވައްމުލަކުން ދެންމެ އަޅުގަނޑަށް ތިޔަ ހަދިޔާ ކުރެއްވީ، އަޅުގަނޑުގެ މި ދަތުރުގައި އަޅުގަނޑަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ. އެތައް އެތައް ޒުވާނުންތަކެއް އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ. އެތައް ޒުވާނުންތަކެއް އަޅުގަނޑަށް ތާއީދު ކުރައްވާ ވާހަކަ ތިޔަ ވިދާޅުވީ. ހިންގަވާ، ޢަބްދުއްރަޙީމް ނިންމެވި ހިސާބުން އަޅުގަނޑުމެން ފަށަމާ! އެހެންނަމަވެސް، ޢަބްދުއްރަޙީމަށްވުރެ ކުރިން ވަރަށް އޯގާތެރި، ވަރަށް އިޙްސާންތެރި ބަސްތަކަކުން އަޅުގަނޑަށް ހަދިޔާކުރެއްވި، ޑޮކްޓަރ މުޢިއްޒު، ޠާރިޤު، އަދި ހަމައެހެންމެ، މިރަށުގެ ފަޚްރުވެރި، ޝަރަފުވެރި ދަރިއެއް ކަމުގައިވާ މަޖިލީހުގެ ރައީސް މަސީޙު. އަޅުގަނޑަކަށް ނޭނގުނު، އެ ފެށްޓެވި ފުޓްބޯޅަ މެޗް ނިމިގެންދިޔައީ ކިހާ ހިސާބަކުން ކަމެއް. އަދި އަޅުގަނޑު ޖަރޒީއެއްލީކަން އެނގުނު. އެކަމަކު ޖަރޒީގައި އަޅުގަނޑަށް ސްކޯރ ކުރެވުނީ ކިތައް ލަނޑުކަމެއް ނޭނގެ. އެކަމަކު އަޅުގަނޑުވެސް އެންޖޯއި ކުރިން އެ ފުޓްބޯޅަ މެޗް. މާދަންރޭ ކުޅެން އޮތް ފުޓްބޯޅަ މެޗް، މިރޭ އެ ކުޅުއްވީ. މަސީޙު، ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި ޠާރިޤު، މުޢިއްޒު އަޅުގަނޑާ ދޭތެރޭ ތިޔަ ވިދާޅުވި އިޚްލާޞްތެރި، އިޙްސާންތެރި ބަސްފުޅުތަކަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން.

 

އެއާއެކީ އަޅުގަނޑު ޚާއްޞަ ޝުކުރެއް އަބަދުވެސް ޢަބްދުއްރަޙީމަށް ދަންނަވަންޖެހޭ. ޢަބްދުއްރަޙީމަކީ އަޅުގަނޑަށް ދައްކަންދަތި ކިތަންމެ ވާހަކައެއް، އަޅުގަނޑަށް ދަތިވީމާ، އެކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ބޭފުޅެއް. ވަރަށް ޖޯޝާއި، ވަރަށް ފޯރިއާއެކީ މިކަންކަން ހާމަކޮށްދެއްވަމުން އެ ގެންދަވަނީ. ޢަބްދުއްރަޙީމަކީ އަޅުގަނޑުމެން މި ފެށި ދަތުރުގައި، ޕީ.ޕީ.އެމް، ޕީ.ޕީ.އެމް. އަކަށް އުފައްދަން ކުރެވުނު މަސައްކަތުގައި އަދި އެމް.ޑީ.ޕީ.އާ ޚިޔާލު ތަފާތުވެ އަޅުގަނޑުމެން ކުރި ޖިހާދަކީ ޕީ.ޕީ.އެމް.އާ ހަމައިން ފެށުނު ޖިހާދެއް ނޫން. އަޅުގަނޑުމެންގެ މަސައްކަތް ޙަޤީޤަތުގައި ފެށިގެން އަންނަނީ ޕީ.އޭ އުފެއްދި ހިސާބުން. ޕީ.އޭ އުފެއްދި ހިސާބަކީ ޙަޤީޤަތުގައި ޑީ.އާރު.ޕީ ގައި ރެނދުލީ ހިސާބު. ޑީ.އާރު.ޕީ. ގައި، ޑީ.އާރު.ޕީ އިސްކޮށް ހިންގަން ތިބި މީހުންގެ ފަރާތުން ޑީ.އާރު.ޕީ.ގެ ޢާއްމު ރައްޔިތުންގެ ލޯތަކަށް ކަރުނަ ގެންނަން ފެށި ހިސާބުން އަޅުގަނޑުމެން އުފެއްދީ މިއީކީ އަދި މިގޮތަށް މިކަންކަން ވާނެގޮތެއް ނޫނޭ.

 

އަޅުގަނޑުގެ މާޒީގެ ހުރިހާ ހިސާބަކަށް، ހުރިހާ ޞަފްޙާތަކެއް އުކާކަށް ބޭނުމެއްނެތީމު. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޑީ.އާރު.ޕީ.ގެ ލީޑަރޝިޕްގައި އޭރުވެސް ހަރުދަނާކަމެއް ނެތްކަން. އަދި އަޅުގަނޑުމެންނަށް ފާޅުގަޔާއި ސިއްރުގައި އެމް.ޑީ.ޕީ އަށް ބޭނުންވާ އެތައް ކަމެއް ކޮށްދެއްވަމުން ގެންދިޔަތަން. މަޖިލީހުގައި، މަގުމަތީގެ ޙަރަކާތުގައި، ސިޔާސީ މަސައްކަތުގައި ފަހަތަށް ޖެހުމުގައި އަދި އަމުދުން އެއްވެސް ކަމެއްގައި އެމް.ޑީ.ޕީ.އާ ކުރިމަތިލާން، ޖަދަލުކުރަން، ހަނގާކުރަން ނުކެރޭ ނުކެރުމުގެ ތެރެއިން. މި ކަމަކަށްނޫން އަޅުގަނޑުމެން ޑީ.އާރު.ޕީ އުފެއްދީ. ޑީ.އާރު.ޕީ އުފެއްދީ ފިސާރި މަޤްޞަދެއްގައި. ޑީ.އާރު.ޕީ އުފެއްދީ ފިސާރި ޕާޓީއެއްގެ ގޮތުގައި. މިއީ އެމް.ޑީ.ޕީ. އަށް ޖެހި މަނާ. މިއީ އެމް.ޑީ.ޕީ. އިން ރާއްޖެ ހަލާކުކޮށްލާތީ، އެކަން އަޅުގަނޑުމެންނަށް ތަޙައްލު ކުރަން ދަތިވާތީ އުފެއްދި ޕާޓީއެއް، ޑީ.އާރު.ޕީ. އަކީ. ޑީ.އާރު.ޕީ.ގެ މަޤްޞަދު އޮޅި، ފުރަން އެމީހުން ދަތުރަށްއެރި، މިޞްރާބު އޮޅިގެން ދިޔައިމާ، އެހިސާބުން އަޅުގަނޑުމެންގެ ހިތަށްއެރީ އަދި މިދަނީ ރަނގަޅަކަށް ނޫނޭ.

 

އެހެންވީމާ، އަޅުގަނޑުމެން ސަހަރޯ ހަނދާންވާ ހިސާބުގައި، ސަހަރޯ، އަޅުގަނޑުމެން ހިތަށްއެރި އޭރު. އެހެންވެގެން އަޅުގަނޑުމެން ޕީ.އޭ އެއް އުފައްދަންޖެހުނީ. ޕީ.އޭ. އަކީ ކުޑަކުޑަ ޕާޓީއެއް. އެކަމަކު އޭރުވެސް އަޅުގަނޑުމެން ސަރުކާރެއް ޖަވާބުދާރީކުރުވުމަށްޓަކައި ކުރުވި މަސައްކަތް، އެންމެ އިޚްލާޞްތެރިކަމާއެކީ، އެންމެ މުރާލިކަމާއެކީ ކުރަމުންދިޔައީ ޕީ.އޭ. އިން. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑީ.އާރު.ޕީ.ގެ ހުރިހާ މެންބަރުން ކަންކަމަށް ތައްޔާރުވެވަޑައިގަންނަވަން، ބަޙުޘަށް ތައްޔާރުވެވަޑައިގަންނަވަން ވަޑައިގަންނަވަނީ ޕީ.އޭ. އަށް. އަދި ބޭރުގެ ސަފީރުންނާއި، ބޭރުގެ ސަފާރާތަކަށް ފޮނުވާ ހުރިހާ ލިޔެކިޔުންތައް ފޮނުވިގެންދިޔައީ ޕީ.އޭ.ގެ ތެރެއިން. އޭރު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ތިއްބެވި އެމް.ޑީ.ޕީ.ގެ ވަޒީރުން ޖަވާބުދާރީކުރުވުމަށް ހުރިހާ ސިޓީތަކެއް ޑްރާފްޓް ކުރެވިގެންދިޔައީ، އަޅުގަނޑުގެ އަތުން، އަޅުގަނޑުގެ ޤަލަމުން.

 

އެހެންވީމާ، ރައްޔިތުންނަށް އޭރުއޮތް ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ފެށިގެންދިޔައީ ޕީ.އޭ.ގެ ތެރެއިން. ޕީ.އޭ.ގެ ތެރެއިން ފެށިގެން ގޮސް، އެހެންނަމަވެސް، ޕީ.އޭ.ގެ ދަތުރަކީވެސް އެހާ ފާގަތި ދަތުރަކަށްނުވި. ޕީ.އޭ.ގެ މަސައްކަތް ހުއްޓާލަން އެކިފަހަރު މަތިން އިންޒާރުވަމުންދިޔަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މަސައްކަތް ހުއްޓައެއްނުލަމު. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ކުރަމުން ގެންދިޔައިން. އާޚިރުގައި ނަތީޖާއަކަށް ވެގެންދިޔައީ، އޭރު ޑީ.އާރު.ޕީ އިން، 2008 ވަނަ އަހަރު ރައީސް މައުމޫން ނުކުމެވަޑައިގަންނަވަން ގަސްދުކުރެއްވި ހިނދު، އަޅުގަނޑުމެންނާއެކީ ކޯލިޝަނެއް ހެއްދެވި. އޭރު ރައީސް މައުމޫން އަރިހުގައި، އޭގެކުރީގައި ރައީސް މައުމޫނަށް ޘަނާކިޔަމުން ގެންދިޔަ ކުދިންކޮޅު ފިލައި ރައްކާވެއްޖެ. އެކުދިންނެއް ނުފެނުނު. ކަމެއް ދަމެއް ބޮޑުވެގެންދިޔައިމާ، މިއީ އަޅުގަނޑުމެން ދިވެހީންގެ ލީޑަރުން، ދިވެހި ރައްޔިތުންނަށް ދައްކައިދޭ ސާބިތުކަން. އެހިސާބުން އަނެއްކާވެސް އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔައީ. އެހިސާބުން އަޅުގަނޑުމެން އަނެއްކާވެސް ނިންމީ މިގޮތުގައި ތިބެގެން އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުގެންދެވޭނޭ. އޭރު އެއްބައެއްގެ ތެރޭގައި ޚިޔާލުގައި އޮތީ، އޭރު އޮންނާނެ، ޒެޑް ފެކްޝަން ކިޔާ ފެކްޝަނެއް. އެފަހަރު 2013 ވަނަ އަހަރުގެ އިންތިޚާބަށް އަޅުގަނޑުމެން ނުކުންނަން އޭރު މަސައްކަތް ކުރަމުންދިޔައީ، ޒެޑް ފެކްޝަނެއްގެ ސިފައިގައި. ޒެޑް ފެކްޝަނަކުން ނުކުމެ އެ މަސައްކަތް ކުރެވިދާނެ ކަމަށް. އެއީ ރައީސް މައުމޫނާއި އަޅުގަނޑުމެން އެންމެން ތިބީ އެ ޒެޑް ފެކްޝަނަށްވެސް ތާއީދުކޮށްގެން. އަދި އެ މަސައްކަތް ކުރުމުގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، އެއީކީ އެކަން ކުރެވޭނެ ގޮތެއް ނޫނޭ. އަޅުގަނޑުމެން ބޭނުންވަނީ ޤާނޫނުގެ ތެރެއިން މިކަން ކުރަން. ޕާޓީއަކުން ކެންޑިޑޭޓަކު ނެރޭނީ. ނޫނީވިއްޔާ އަމިއްލަ ޚިޔާލުގައި އަމިއްލަ ކެންޑިޑޭޓަކު ނުކުންނާނީ. އެއީ އަޅުގަނޑުމެންގެ ޤާނޫނުގައި މިއަދު އެކަންކަމަށް ޖާގަ އޮތްގޮތް.

 

އެހެންވީމާ، އެތަކެއް ދުވަހުގެ މަޝްވަރާއަށްފަހު، ރައީސް މައުމޫން ގަބޫލުކުރެއްވީ، މިހާރު ޕާޓީއެއް އުފައްދަންވެއްޖެ ކަމަށް. އެމަނިކުފާނަކަށް ފަސޭހަފުޅު ކަމެއްނޫން ޕާޓީއެއް އުފެއްދުމަކީ. އެހެންނަމަވެސް، ދެން އެއާ ގުޅިގެން ހުރި ވާހަކަތައް ޢަބްދުއްރަޙީމް އެ ދެއްކެވީ. އެހެންވީމާ، އަޅުގަނޑުމެން އޭރުވެސް އުފެއްދި ޕާޓީއަކީ ޙަޤީޤަތުގައި، އެމް.ޑީ.ޕީ.ގެ ޖައްބާރުކަން ބޮޑުވެގެން ދިޔަދިޔައިނުން، އަނިޔާވެރިކަން ބޮޑުވެގެން ދިޔަދިޔައިނުން، ރާއްޖޭގެ މަޞްލަޙަތަށާއި ޞުލްޙައަށާއި، ދީނަށާއި ޤައުމިއްޔަތަށް އަދި އަޅުގަނޑުމެން ގަބޫލުކުރާ ހުރިހާ ރިވެހި ސިފަތަކަށް ތާއީދުކުރާ ބޮޑު އަޣްލަބިއްޔަތެއް އޮތީމާ، އަޅުގަނޑުމެން ގަބޫލުކުރީ، އެ އަޣްލަބިއްޔަތު އެމީހުންގެ ރޫޙު ދައްކައިދިނުމަށްޓަކައި، އެމީހުންގެ ސިޔާސީ ފަންވަރު ދައްކައިދިނުމަށްޓަކައި އެމީހުންނަށް ޙައްޤޭ ޕާޓީއެއް ހަދައިދިނުން. އެއީ އަޅުގަނޑުމެންގެ އަމިއްލަ މުހުތާދެއް ފުއްދަން އުފެއްދި ޕާޓީއެއް ނޫން. އެ ޕާޓީގެ ލަޝްކަރު، އެ ޕާޓީގެ ފައުޖު، ފުވައްމުލަކުގައި މިއޮތީ. އެ ޕާޓީގެ ފައުޖު، އަޅުގަނޑުމެން ދާ ކޮންމެ ތަނަކުން ފެނިގެން މިދަނީ.

 

އެހެންވީމާ، ދެން މިއަދު އެމް.ޑީ.ޕީ.ގެ ބޭފުޅުން ކޮންމެ ވާހަކައެއް ދެއްކެވިޔަސް، ހަމަ ދައްކަވާނީ، ދެންމެ މުޢިއްޒު ވިދާޅުވިގޮތަށް އޮޅުވައިލުމާއި މަކަރާ، މިކަހަލަ ހުރިހާ ވާހަކައެއް. އެބޭފުޅުން ނުކުމެވަޑައިގަތީ ޙަޤީޤަތުގައި މެނިފެސްޓޯއެއް ހިއްޕަވައިގެންނެއް ނޫން. އެންމެ ފުރަތަމަ ދައްކަވަން ފެށްޓެވި ވާހަކައަކީ ކޮބައިތޯ؟ އަޅުގަނޑު ހަމަ ބައެއް ވާހަކަތައް ތިޔަބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވާފައި، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނަން. މިއަދު ކީއްވެގެންތޯ، ޒުވާނުންގެ ވާހަކަ، އެބޭފުޅުން ދައްކަވަނީ؟ ތިމަންނާމެންގެ ސަރުކާރެއްގައި، ތިމަންނާމެންގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރަކަށްވާނެއޭ. ކީއްކުރަންތޯ، މިއަދުގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރަކަށްވާއިރު، ހަމަ އެއް ޤައުމެއްގައި، ދެވަނަ ޒުވާނުންގެ ސަރުކާރެއް ކޯހެބިޓް ކުރާނީ ކިހިނެއްތޯ؟ ޤައުމެއްގައި އޮންނާނީ އެއް ވެރިކަން. އެއް ސިޔާދަތެއް އޮންނާނީ. އެހެންވީމާ، މިއޮތީ ޒުވާނުންގެ ސަރުކާރެއް. ޒުވާނުން އެކަން ބަލައިގަނޭ. ފުވައްމުލަކުގެ ޒުވާނުން ދެންމެ އަޅުގަނޑުމެންނަށް އެކަން އެ ދެއްކީ. ދެން އޭރު ނުކުރި ކަމެއް، އެބޭފުޅުންގެ ވެރިކަމުގައި، އެބޭފުޅުން ޒުވާނުންނާ ދޭތެރޭގައި ކަންތައް ކުރެއްވިގޮތް އަޅުގަނޑުމެންނަށް ފެނޭ. އަދިވެސް މިއުޅެނީ ޖަލުގޮޅިތަކުން ކުދިން ވީއްލައި ނުނިމިގެން. އަދިވެސް އަޅުގަނޑު އެކުދިންނަށް މާފު ދިނުމުގެ ސިޓީތަކުގައި ސޮއިކުރަމުން މިދިޔައީ. އެންމެފަހުން މި ދަތުރަށް ފުރިއިރުވެސް އެތައް ސިޓީއެއްގައި އަޅުގަނޑު ސޮއިކުރިން. އެއީތޯ ޒުވާނުންނަށް ކަންތައްތައް ކޮށްދޭގޮތަކީ؟ ޢާއްމުވެގެންދިޔައީ ބޮޑެތި ކުށްތަކަށް އަރައިގަތުން. ޢާއްމުވެގެންދިޔައީ މީހުންގެ ޙައްޤުތަކަށް އަރައިގަތުން. އެއްވެސްކަހަލަ ރަޙުމެއްނެތި، ޖިސްމާނީ އެތައް އުނދަގުލެއް، އެތައް ގޯނާއެއް، އެތައް އަނިޔާއެއް ކުރަމުންދިޔައީ. އޭގެތެރޭގައި، އެތައް މަރެއް ހިނގައިދިޔަ.

 

އަޅުގަނޑު މި ވާހަކަ، ދާދިފަހުން އޮތް ހުޅުމާލޭ ޖަލްސާގައި، އަޅުގަނޑު މި ވާހަކަ ދެއްކީމާ އޭގެ ތަފްޞީލަކަށް ނުދާނަން. އެހެންވީމާ، މިއަދު އެބޭފުޅުން ވިދާޅުވާ ވާހަކައަކަށް ވެދާނެ އެކަން. މިއަދު ވިދާޅުވާ ވާހަކައަކަށްވަނީ، ތިމަންނާމެންވާނީ އަޞްލުގައި ޒުވާނުންގެ ސަރުކާރަށޭ. އަޅުގަނޑު ސިޔާސީ ވާހަކަ ދައްކާއިރު، މިކަހަލަ ވާހަކަޔާ އަޅުގަނޑު އެއްގޮތްކޮށްލަން އެހެން ޤައުމަކާ. މިހާރު އެ ޤައުމަކީ އެއް ޤައުމެއް. އެހެންނަމަވެސް، މިއީ އެ ޤައުމަކަށް އެއްޗެއް ދަންނަވާކަށް ނޫން. ނަމުން ބުނާ، ނޫނީ ނަމުން އިވޭ އެއްޗަކުން ހަމަ އެކައްޗެއްވެސް ނޭނގޭނެ. އެންމެ ވަރުގަދަ ސޯޝަލިސްޓް، ނޫނީ އެންމެ އެންޓި ޑިމޮކްރެޓިކް ޤައުމުތަކުގެ ތެރޭގައި، މަޞީޙަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭރުގެ އީސްޓް ޖަރމަނީ އޮންނާނެ. އީސްޓް ޖަރމަނީގެ ނަމަކީ ކޮބައިތޯ؟ ހަނދުމަފުޅު އެބަހުރިތޯ؟ ޖީ.ޑީ.އާރު. ޖަރމަން ޑިމޮކްރެޓިކް ރިޕަބްލިކް. އެކަމަކު އެއީ އިރުމަތީ ޖަރުމަން. އެތާ ޑިމޮކްރަސީގެ ކަންފުޅެއްވެސް ނޯންނާނެ. އެކަމަކު އެމީހުން ނަމުން ކިޔަނީ ޖީ.ޑީ.އާރު. ހަމަ އެމް.ޑީ.ޕީ. އަށް މިވަނީ މިހެން. އެމީހުން މި ބުނަނީ ތިމަންނާމެންނަކީ ޒުވާނުންގެ ސަރުކާރެކޭ. އެއަށްވުރެ ބޮޑު ދޮގެއް އެމީހުންނަކަށް ނުހެދެއެއްނޫންތޯ؟ މި ވާހަކަ ފަށްޓަމުން، އިބްރާހީމް މުޙައްމަދު ޞާލިޙު ޒުވާނުންނަށް ކަންތައް ކޮށްދެއްވަމުން، އެންމެ ފުރަތަމަ ކީކޭތޯ ވިދާޅުވީ؟ އެންމެ ފުރަތަމަ ޓޫރިޒަމްގެ ޞިނާޢަތާ ބެހޭގޮތުން ދެއްކެވި ވާހަކަ ހަނދުމަފުޅަށް ގެންނަވާ! އޭރަށް މުޢިއްޒު އެ ދެއްކެވި ވާހަކަ، އޮޅުވާލުމާއި، މަކަރު ހެދުމާއި ދޮގު، ތިޔަބޭފުޅުންނަށް ހާމަކަންބޮޑުގޮތެއްގައި އެނގިގެންދާނެ. ރައީސް ޔާމީން މި ނެރުނު ހުރިހާ ރިޒޯޓުތައް ނުހެދިގެން މިއުޅެނީ ކީއްވެގެންނޭތޯ ވިދާޅުވީ؟ ކީއްވެގެންނޭތޯ ވިދާޅުވީ؟ ހަނދުމަފުޅު ކުރައްވާ! ދާދި އިހަށްދުވަހު ވިދާޅުވި ވާހަކަފުޅެއް އެއީ. އެއީ ރާއްޖޭގައި އޮތް ޑިމާންޑަށްވުރެ ބޮޑަށް ރައީސް ޔާމީން ކެޕޭސިޓީ އުފައްދަން މަސައްކަތް ކުރީމާއޭ، އެކަން ވެގެން މިދިޔައީ. ރާއްޖޭގައި އެ ޑިމާންޑެއް ނެތޭ. ރާއްޖޭގައި އެ ޑިމާންޑެއް ނެތޭ، އެވަރަކަށް ޓޫރިސްޓް ރިޒޯޓުތައް ފުރާކަށް. ރާއްޖޭގައި އެ ޑިމާންޑް ނެތީސް، އެތައް ބައިވަރު ރަށެއް ނެރުނީމާ، މިއުޅެނީ ރިޒޯޓުތައް ނުހެދިގެންނޭ. އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، މި ފަސް އަހަރުގެ ތެރޭގައި، ތިރީސް، އާ ރިޒޯޓް އުފެދިއްޖެ. އެތައް ސަތޭކަ ގެސްޓްހައުސްއެއް އުފެދިއްޖެ.

 

އެކަމަކު އެ ވާހަކަ، އެބޭފުޅުން ދެއްކެވީ ކީކޭތޯ؟ ދޫކުރި ރަށްތައް، ރިޒޯޓު ނުހެދިގެން މިއުޅެނީ، އެއީ ރާއްޖޭގައި ނެތް ޑިމާންޑަށް އިތުރު ރަށްތައް ދޫކުރީމާއޭ. މިއަދު ކީކޭތޯ ވިދާޅުވަނީ؟ މިއަދު އެ ވިދާޅުވަނީ ކީކޭތޯ؟ މިއަދު ހަމަ ޓޫރިޒަމްގައި ހިފައިގެން ނޫންތޯ، އެ ކަފުޖަހައިގެން ނޫންތޯ އެ ދުވަނީ؟ މިއަދު އެ ވިދާޅުވީ ކީކޭތޯ؟ ތިމަންނާގެ ފަސް އަހަރުގެ ސަރުކާރެއްގައި، ތިރީސްހާސް އިތުރު އެނދު އިތުރުކޮށްދޭނަމޭ. އެއީ ކޮންތާކުން؟ އެނދު ހުންނަނީ ކޮންތާކު؟ އެނދު ހުންނަނީ ޖަލަކުނޫން. އެނދު ހުންނަނީ ޓޫރިޒަމްގެ ޞިނާޢަތު ހިންގާ ތަންތަނުގައި. ރައީސް ޔާމީން މިހާތަނަށް އުފެއްދި ރިޒޯޓުތައް، ނޫނީ މިހާތަނަށް ދޫކުރި ރަށްތައް ގިނަވެގެން ދިޔަދިޔައިނުން ގޮސް މިއުޅެނީ ރިޒޯޓު ނުހެދިގެން. އެހެން ވިދާޅުވެފައި، މިއަދު އެ ވިދާޅުވަނީ ކީކޭތޯ؟ މިއަދު އެ ވިދާޅުވަނީ ތިމަންނާގެ ފަސް އަހަރުގައި، އިތުރު ތިރީސްހާސް އެނދު އުފައްދައިދޭނަމޭ. ދެން މިއީ އަރަތެއްތޯ؟ މިއީ ދޮގެއްތޯ މިބޭފުޅުން ދައްކަވާ ވާހަކަ ދެކޮޅުނުޖެހޭ މިންވަރު.

 

އެކަމަކު މިއަދު އެބަ ގަބޫލުކުރައްވާ. މިއަދު މިތާ އެތުރި ސަފުތަކުގައި ތިބި ޒުވާން ކުދިންނަށްވެސް ބޭނުންވަނީ ޓޫރިޒަމްގެ ދާއިރާއިން ވަޒީފާ. މިއަދު އެބޭފުޅުންނަކަށް ވަޒީފާގެ ވާހަކައެއް ނުދެއްކެވޭނެ. ތިރީސްހާސް އެނދު އުފައްދަނީ ކީއްކުރަންތޯ؟ އެތައް ރަށެއްގައި، އެތައް ތަނެއްގައި އެބަ ވިދާޅުވޭ، ޓޫރިޒަމްގެ ފަންނީ މަޢުލޫމާތު ދިނުމަށްޓަކައި ޕޮލިޓެކް އުފައްދާނެ ވާހަކަ. ރައީސް ޔާމީން އެ ވާހަކައެއް ނުދައްކާ. ޓޫރިޒަމްގެ ފަންނަށް މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް އެބަ ހިނގާ. އެ އިންސްޓިޓިއުޓްތައް ރާއްޖޭގައި އެބަހުރި. ރައީސް ޔާމީން އެ ވާހަކައެއް ނޫން ދައްކަނީ. ރައީސް ޔާމީން މި ދައްކާ ވާހަކައަކީ، މިހާރުވެސް އެންމެގިނަ ޒުވާނުން އެމްޕްލޯއިވެފައި އޮތް އެއް ޞިނާޢަތަކަށް ބަލާކަމަށްވަންޏާ، އެއީ ޓޫރިޒަމްގެ ޞިނާޢަތޭ. އަޅުގަނޑު އުފައްދައިފިން، އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި، ނުވަދިހަ ހަތަރުހާހޭ އަޅުގަނޑުމެން ދެއްކީ. އެއްލައްކަޔާ ކައިރި އަދަދުގެ ވަޒީފާ އަޅުގަނޑު އުފައްދައިފިން. އެ ވަޒީފާތަކުގައި ސައްތަޔަކުން ނުވަދިހަ އެތިބީ ދިވެހި ޒުވާނުން. މިއަދު އެބޭފުޅުން އަށެއްކަ ސަރަޙައްދުގައި ޓޫރިޒަމްގެ ދާއިރާއިން ތަމްރީނު ކޯސްތައް ހިންގައިދިނުމަށް ސެންޓަރުތައް ހައްދަވާ ވާހަކަ ވިދާޅުވީމާ، އަޅުގަނޑު ހަމަ ޙައިރާންވޭ. އަޅުގަނޑު މި ދައްކާ ވާހަކައަކީ މިއަދު ޓޫރިޒަމްގެ ދާއިރާއިން އެކަނި އެއްލައްކަ ފަސްދޮޅަސް ހާސް ވަޒީފާ އުފައްދާނަމޭ. އަޅުގަނޑު ނަން ނަން ކިޔާފައި، ދާއިރާ ކިޔާފައި އަޅުގަނޑު އިޢުލާނުކޮށްފިން. އެކަމަކު ޓޫރިޒަމަށް އެކަށީގެންވާ ފުރްޞަތެއްނެތި އެތައް ބައިވަރު ރަށްތަކެއް ދިނީމާ، އެ ރަށްތައް ނުހެދިގެން، ނުފުރިގެން އުޅޭ ވާހަކަ ދައްކަވާއިރު، މިއަދު ނުކުމެވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި ކީކޭތޯ ވިދާޅުވާން މަޖުބޫރުވެގެން މިއުޅެނީ؟ މިއަދު މަޖުބޫރުވެގެން މިއުޅެނީ، ތިމަންނާގެ ފަސް އަހަރުގެ ތެރޭގައި، ތިރީސްހާސް އިތުރު އެނދު އުފައްދާނަމޭ. ކުރީގައި ދެއްކީ ކޮންވާހަކައެއް. މިއަދު މި ދައްކަނީ ކޮންވާހަކައެއް. މިއީ ނޫންތޯ، މިބޭފުޅުންގެ ކަންތައްތައް ހުންނަގޮތަކީ. މިއީ މިބޭފުޅުންގެ ކަންތައް ހުންނަގޮތަކީ. ހަމަ އެކަހަލަ ވާހަކަ މުޅިން ދައްކަވާނީ.

 

އެހެންވީމާ، އެމް.ޑީ.ޕީ.ގެ ބޭފުޅުން ދައްކަވާ ވާހަކަ އޮޅުވާލާވަރާއި، ދޮގުހަދާވަރާ، މިއީ އަޅުގަނޑުމެން އެންމެންނަށް ވަރަށް ފަރިތަ ކަންކަން. ވަރަށް ފަރިތަ ކަންތައް. އެހެންވީމާ، އަޅުގަނޑުމެން ޙައިރާންވާކަށްނުޖެހޭ. އިތުރު ދޮގުހެދުމާއި، އިތުރު މިކަހަލަ ވާހަކަ ދެއްކުމަކުން އަޅުގަނޑުމެން ޙައިރާންވާކަށްނުޖެހޭ. އެބޭފުޅުންނަކީ ޙަޤީޤަތުގައި ތަރައްޤީގެ މަޝްރޫޢެއް ހިފައިގެން ނުކުމެވަޑައިގެންނެވި ބޭފުޅުންނެއް ނޫން. އެބޭފުޅުންނަކީ އިޤްތިޞާދީ މަޝްރޫޢެއް އޮތް ބޭފުޅުންނެއް ނޫން. އެބޭފުޅުންގެ އަތްޕުޅަކު ނޯންނާނެ. އިޤްތިޞާދީ މަޝްރޫޢެއް އެބޭފުޅުންގެ އަތްޕުޅުގައި، ނޫނީ އިޤްތިޞާދީ ތަޞައްވުރެއް ހިމެނޭ މަންހަޖެއް، ނޫނީވިއްޔާ މެނިފެސްޓޯއެއް އެބޭފުޅުންގެ އަތްޕުޅުގައި އޮތްނަމަ، އަޅުގަނޑު އިޢުލާނު ކުރުމުގެ ކުރިން އެކަންކަން އެބޭފުޅުން އިޢުލާނު ކުރައްވަމުން ގެންދަވާނެ. އެކަމަކު ކީއްތޯ މިވަނީ؟ މިއަދު މި ވިދާޅުވަނީ އަރބަން ސެންޓަރުތައް ރާއްޖޭގެ އެތަންމިތަނުގައި ހަދާނަމޭ. އަޅުގަނޑު އެތައް ދުވަހެއް ކުރިން ބުނެފިން. އަރބަން ސެންޓަރުތައް މިހިރީ ރާއްޖޭގައި އުފެދިފައި. ކުޅުދުއްފުށި، ތިނަދޫ، ހިތަދޫ، އެތައް ތަނެއްގައި މިހިރީ އަރބަން ސެންޓަރު. ފުވައްމުލަކު މިއީ އަރބަން ސެންޓަރެއް. މިއަދު މިތަނުގައި އަޅުގަނޑު މިކުރަނީ ކީއްތޯ؟ މިއަދު ހުޅުވައިދިން މަޝްރޫޢުތަކުގެ ބޭނުމަކީ ކޮބައިތޯ؟ މި ސިޓީތަކަކީ ލިވަރބަލް ސިޓީތަކަކަށް ހެދުން. މިއީ އިންސާނުން ދިރިއުޅެން ފަސޭހަ، އިންސާނުން ދިރިއުޅެން ޖާގަ އޮތް، އިންސާނުން ދިރިއުޅެން ކަމުދާ ތަންތަނަށް ހެދުން. އަޅުގަނޑު ހަނދާންވޭ، މީގެކުރީގައި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަމުން އަޅުގަނޑު އައިއިރު މި ރަށުގައި ބުނިން. އަޅުގަނޑު ދެރަވެއޭ، މި ރަށުގައި ފެން ތަޣައްޔަރުވެފައި އޮތީމާ. އެހެންވީމާ، އަޅުގަނޑު ހަނދާންވަނީ، އެރޭ ޖަލްސާ ތަޢާރުފުކޮށްދޭން ހުރީ އަޅުގަނޑު ހަނދާންވަނީ ޖޯގެ ޑޯޓަރ، ޖޯގެ އަންހެން ދަރިފުޅު ހުރީ. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ. އެރޭ އަޅުގަނޑު ބުނިން، އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރުގައި، ފުވައްމުލަކު ކުދިން ރީތި ފެނުން ފެންވަރާނޭ. މިހާރު އެކުދިންގެ ސްކިން ކޮމްޕްލެކްޝަން މިއަށްވުރެ ރީތިވެގެންދާނޭ. މިރޭ އެކަން އެ ފުދުނީ.

 

އެހެންވީމާ، އަޅުގަނޑު މި އަންނަނީ މިހެން ހުރި އަރބަން ސެންޓަރުތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ދެމުން. ހުރިހާ ވަސީލަތްތަކެއް. އަރބަން ސެންޓަރޭ ބުނީމާ އެކަން ނިމުނީތޯ؟ ސިޓީ އެހެރީ ތަޢާރުފްކޮށްފައި. ގެޒެޓްކޮށްފައި އެއޮތީ ސިޓީގެ ނަން. ސިޓީއަށް ބޭނުންވި އެއްވެސް ކަމެއްވިތޯ؟ އަޅުގަނޑު ހަމަ ގައިމު މި އަންނަނީ އައްޑުއަތޮޅުން. އައްޑޫ ހިތަދޫސިޓީން އަޅުގަނޑު މި އަންނަނީ. އެކަމަކު އެތަނުގައި ކުރިއްޔާ ކުރި މަސައްކަތެއް ކޮށްފައި ހުރީ ރައީސް ޔާމީނުގެ ސަރުކާރުގައި. އެކަމަކު އެތަނަށް ނަންބޯޑު ދީފައި، ނަންބޯޑު އެޅުވި. ނަންބޯޑު އެޅުވި، [އައްޑޫސިޓީ]. އައްޑޫސިޓީގައި މަގެއް ނަހަދާ. އައްޑޫސިޓީގައި ފެނެއް ނެތް. އައްޑޫސިޓީގައި ނަރުދަމާއެއް ނެތް. އައްޑޫސިޓީގައި ބަނދަރެއް ނެތް. އައްޑޫސިޓީގައި ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ ގޮތެއްނެތް. އައްޑޫސިޓީގައި ޕަވަރއެއް، ކަރަންޓެއް ނެތް. އެކަމަކު އެއޮތީ ސިޓީއެއް. ފުވައްމުލަކުގައި ޙާލަތް ތަފާތުތޯ؟ ފުވައްމުލަކު މިއޮތީ ސިޓީއެއް. ސިޓީއަކަށްވުމުގެ އިތުރުން، މިތަނަށްވީ ކޮންކަމެއްތޯ؟ މިއަދު މި ނިމިގެން މިދަނީ ފެނާއި ނަރުދަމާ. މިއަދު، ދެންހުރި އެހެން ކަންތައްތައް މިވަނީ. އަދި މިތަނުގައި ކޮންމެވެސް ކިޅިއެއްގައި ޕާކެއް ހެދިގެންވެސް މިދަނީ ދޮގެއްތޯ. މިއީ ހަމަގައިމުވެސް ލޯކަލް ޓޫރިޒަމާއި، ބޭރުގެ ޓޫރިސްޓުންނަށް ފަސޭހަ، ނޫނީވިއްޔާ އެމީހުންނަށް ފުރްޞަތުތަކެއް ލިބިގެންދާނެ.

 

އެހެންވީމާ، ސިޓީއެއް ހަދާ ވާހަކަ ދައްކާފައި، ސިޓީގެ ވާހަކަ އަޅުގަނޑު ދައްކާތީ، އަޅުގަނޑު ދައްކަމުން މި އަންނަނީ ލިވަރބަލް ސިޓީތަކެއް އަޅުގަނޑުމެން ހަދާނަމޭ. ލިވަރބަލް ސިޓީތަކެއް ހަދަން މި މަޖުބޫރުވީ ކީއްވެގެންތޯ؟ މަޖުބޫރުވި ޙާލަތަކީ، އެމީހުންގެ އަނިޔާވެރިކަމުން. ކުށަށް އަރައިގަންނަ މީހުން ގިނަކަމުން. ދިވެހި ތުއްތުކުދިންނާ ހަމައިން އެބަޖެހޭ، އެކުދިންގެ މަޢުޞޫމްކަންމަތީގައި، އެކުދިންގެ ޒުވާން އުމުރުފުރަ ނިންމާފައި، ޒިންމާދާރު ރައްޔިތުންތަކަކަށް އެމީހުން ހަދަން އެބަޖެހޭ. މާލޭގައި ސްޕޭސް ކްރިއޭޓް ކުރަން އަޅުގަނޑަށް މަޖުބޫރުވި. މާލެއަކީ ތޮއްޖެހިފައި އޮތް ތަނެއް. ކޮންމެ ބޭފުޅަކު ވިދާޅުވަމުން ގެންދެވީ، މާލޭގެ މުސްތަޤްބަލެއް ނެތޭ. މާލޭގައި އުއްމީދެއް ނެތޭ. މާލެއަކީ ތޮއްޖެހިފައި އޮތް ތަނެކޭ. މިހާ ޕެސިމިސްޓިކް ކޮށް، މިހާ ކަމާ ދުރުން ކަންކަން ކުރަން ވިސްނާ މީހުންނަކަށް ދުވަހަކުވެސް އަލިމަގެއް ނުފެންނާނެ. އެކަމަކު އޭގެ ބަދަލުގައި، ޗެލެންޖަކީ މާލެ ތަނަކަށް ހެދުން ކަމަށް ދެކެންޏާ، މާލޭގެ ކުނިގޮނޑު ނެގުން ކަމަށްވަންޏާ، އަދި މާލޭގައި ޤުދްރަތީ ގޮނޑުދޮށެއް ނެތިއްޔާ، ޤުދްރަތީ ގޮނޑުދޮށެއް އަޅުގަނޑުމެން އުފެއްދުން ކަމަށްވަންޏާ، މާލޭގެ މަގުތައް ހެދުން ކަމަށްވަންޏާ، މާލޭގައި ޓަވަރުތައް އުސްކޮށް އިމާރާތްކުރުން ކަމަށްވަންޏާ، އަދި މާލެއަކީ އާ ސިޓީއަކަށް ހަދާކަމަށްވަންޏާ، އެއީ ޗެލެންޖްތަކެއް. އެއީ ގޮންޖެހުންތަކެއް. އެކަންކަން އަޅުގަނޑުމެން ޙައްލުކުރަންވާނެ. ކީކޭތޯ އެބޭފުޅުން ވިދާޅުވީ؟ މީގެކުރީގައި ތިއްބެވި ބޭފުޅުން ކީކޭތޯ ވިދާޅުވީ؟ އެމް.ޑީ.ޕީ.ގެ ސަރުކާރުން ޚާއްޞަކޮށް ކީކޭތޯ ވިދާޅުވީ؟ އުއްމީދެއްނެތޭ. ނާއުއްމީދުގައި އެންމެން ތިބެން މިޖެހެނީ. އެކަމަކު މިއީ މިނިވަން ދައުލަތެއް. މި ދައުލަތް އެބަޖެހެޔޭ، މި ސަރަޙައްދުގައި ހުރިހާ އެންމެންނަށްވުރެ ކުރީގައި އޮންނަ ދައުލަތަކަށްވާން. އެކަމަކު މި ދައުލަތަކު އުއްމީދެއް ނެތް.

 

މާލެއަކީ ވެރިކަންކުރާ ރަށް. މާލެއަކީ ރާއްޖޭގެ ހުރިހާ ދިމާއެއްގެ ރައްޔިތުން ދިރިއުޅުއްވާ ރަށް. އަދި އެބޭފުޅުންގެ އުއްމީދާއި، ވަޒީފާއާއި، ޞިއްޙަތާއި، ތަޢުލީމާ، ހުރިހާ ކަމެއް ގުޅިފައި މިއޮތީ މާލެ. މާލެއަކީ ނާރެސް. މާލެއަކީ ތިޔަބޭފުޅުންގެ ޙަޔާތުގެ ނާރެސް. އެކަމަކު މާލެއާ ދޭތެރޭގައި ކީކޭތޯ މި ބުނަނީ؟ މާލެއަކު ނެތޭ އުއްމީދެއް. މާލޭގައި ނެތޭ ޖާގަ އުފައްދާނެ ގޮތެއް. މިއަދު އެހެންތޯ؟ މާލޭގައި ޖާގަ ނެތްތޯ؟ އަޅުގަނޑަށް ފެނޭ މިއަދު މާލޭގައި ޖާގަ. އަޅުގަނޑަށް ފެނޭ މިއަދު މާލޭގައި ފަންސަވީސް ބުރިއަށް އުފުލިގެންދާ އިމާރާތްތައް. އަޅުގަނޑަށް ފެނޭ މިއަދު މާލޭގައި ތުއްތުކުދިންނާއެކީ މަންމައިން، ބައްޕައިން ނުކުމެ ހިތްފަސޭހަކަމާއެކީ އުޅޭނެ އެކިއެކި ޕާކުތައް އުފެދިފައި އޮތްތަން. އެކުދިންގެ ސައިކީ، އެކުދިންގެ ސައިކޮލޮޖީ ޑިވެލޮޕްވާތަން އަޅުގަނޑަށް ފެނޭ. ކުށުން ދުރަށްދާ ޒުވާނުންތައް އަޅުގަނޑަށް އެބަ ފެނޭ. މާލޭގެ އުއްމީދު އެބައޮތް ދޮގެއްތޯ. މާލެއަށް ދާން މިހާރު ހުރިހާ އެންމެންވެސް ބޭނުން. މާލެ ބަލައިލަން ދާން ބޭނުންވާ އެތައް ބަޔަކު އެބަތިބި.

 

އެހެންވީމާ، މާލޭގައި އާޓިފިޝަލް ބީޗް އެބައޮތް. މާލޭގައި ރަސްފަންނެއް އެބައޮތް. މާލޭގައި ރަސްރަނި ބަގީޗާއެއް އެބައޮތް. މާލޭގައި ފަންސަވީސް ބުރީގެ ޓަވަރެއް އެބައޮތް. އަދި މާލޭގައި ސަޅި ބުރިޖެއްވެސް އެބައޮތް. އެހުރިހާ ކަމެއް ބަލަން ދާން ބޭނުންވޭ. އެއްކަލަ އުއްމީދު ނެތް މާލެ. މާޔޫސްކަންމަތީގައި ތިބި މާލޭގައި ދިރިއުޅޭ މީހުން، މިއަދު އެ ވާހަކައެއް އެމީހުން ނުދައްކާ. މިއަދު މާލެއަކީ ނަމޫނާ މޮޑްލް ސިޓީއެއް. މާލޭގައި ޙައްލުކުރަމުން މިދަނީ މާލެއަށް ދަތިވެފައި ހުރި މައްސަލަތައް. ޖާގައިގެ މައްސަލައަކީ މާލޭގައި ނެތް މައްސަލައެއް. މާލޭގައި ޓަނު ޓަނަށް، ހަތަރުސަތޭކަ ޓަނު ކުނި، ޖަމާވެފައި ހުންނަ ކުނި ނައްތާލުމަށް އަޅުގަނޑުމެން ނިޒާމެއް ޤާއިމުކުރީމު. މިއަދު މާލެއަކީ ރީތި ސިޓީއެއް. މާލެއަކީ މިއަދު ކުރީގައި އޮތްކަހަލަ މުޑުދާރު މަގުތަކެއްގެ މަތީގައި އަޅުގަނޑުމެން ދަތުރުކުރާ ސިޓީއެއް ނޫން. މިއަދު މާލެއަކީ ރީތި ސިޓީއެއް. މާލެއަކީ ލިވަރބަލް ސިޓީއެއް.

 

މިއަދު އަޅުގަނޑުމެން މިތަނުގައި މި ދައްކާ ވާހަކައިގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ސަރުކާރު އިރާދަކުރެއްވިއްޔާ ދެވަނަ ދައުރަކަށް ހޮވިގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލާނަން. އަޅުގަނޑުގެ ބޭނުމަކަށްވަނީ، މިކަހަލަ ލިވަރބަލް ސިޓީތަކެއް އުފެއްދުން. އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރައްޔިތުންނަށް އެއިން ކޮންމެ ސިޓީއަކުން ލިބިގެންދިޔުން. މިއީ ދޮގެއްތޯ، އަޅުގަނޑުމެން ވެރިންނަށް ތިބެގެން، ބުނެ ކިޔައި އާދޭސްކޮށްގެން ރައްޔިތުންގެ ކައިރިއަށް އައިސް ވޯޓު ހޯދައިގެން، އަޅުގަނޑުމެންނަށް އެންމެކުޑަމިނުން ކޮށްދެވޭނެ ކަމަކީ މިއީ ނޫންތޯ. އެންމެ ކުޑަމިނުން ކޮށްދެވޭނެ ކަމަކީ މިއީ ނޫންތޯ.

 

އެހެންވީމާ، އަޅުގަނޑުގެ ސަރުކާރެއްގައި، ދެން އަޅުގަނޑުގެ އަމާޒު އެނބުރެން މިޖެހޭ ކަންކަމުގެ ތެރޭގައި، ހަމަ އޮތީ ފުވައްމުލަކަށްވެސް އުފާވެރި ޚަބަރު. އެއީ މި ސިޓީތައް، ލިވަރބަލް ސިޓީތަކަށް ހަދާކަމަށްވަންޏާ، އަޅުގަނޑު އެބަޖެހެޔޭ، ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހަދައިދޭން. އެހެންވީމާ، އެކަންވާނެ. އެކަން ވާންޖެހޭނެ. އެކަންވާނެ. މިއީ ސިޓީއެއްގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން. މިއީ ސިޓީތަކުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން. އެހެންވީމާ، އަޅުގަނޑުގެ، އިރާދަކުރެއްވިއްޔާ ދެން އޮންނަ ފަސް އަހަރެއްގައި އެންމެ އިސްކަމެއްދޭނީ މިހެން ހުންނަ ސިޓީތަކަށް، މި ނުފުދިފައި، ނޫނީވިއްޔާ ނުނިމިފައި ހުރި މިކަހަލަ ހުރިހާ އިންފްރާސްޓްރަކްޗަރެއް ފުރިހަމަކޮށްދިނުން.

 

އައްޑޫސިޓީގައި އިރާދަކުރެއްވިއްޔާ، އެ ހުރިހާ ކަމެއް ފުރިހަމަވެގެންދިޔައީ. ތިނަދޫގައި އިރާދަކުރެއްވިއްޔާ، އެހުރިހާ ކަމެއް ފުރިހަމަވެގެންދިޔައީ. ކުޅުދުއްފުށީގައި އިރާދަކުރެއްވިއްޔާ، ގިނަ ކަންތައްތައް އެހެރީ ފުރިހަމަވެފައި. ހަމަ ފުވައްމުލަކުގައިވެސް އުފަލާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގިނަ ކަންކަން ފުރިހަމަވެގެން އެ ދަނީއޭ.

 

އަދި ހަމައެއާއެކީ ފުވައްމުލަކުގެ ހުރިހާ މަގުތަކެއް، ރަނގަޅު ފެންވަރަށް ހެދިގެން ދިޔައިމާ، ފުވައްމުލަކަކީ ހަމަ ނަމޫނާ ސިޓީއަކަށް ވެގެންދާނެ. އެހެންވީމާ މިއީ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު މި ވާހަކަ ދައްކާތީ، ކީއްކުރަންތޯ، އަރބަން ސެންޓަރެއްގެ ވާހަކަ ދައްކަނީ؟ އެއީ އަނެއްކާވެސް އޮޅުވާލަންތޯ؟ އަރބަންއޭ ބުނީމާ، ތަފާތު އެއްޗަކަށްވަނީތޯ؟

 

އެހެންވީމާ، މިކަހަލަ އޮޅުވައިލުމާއި މަކަރުގެ ތެރޭގައި ކީއްކުރަންތޯ އުޅެންވީ؟ އެންމެ ރަނގަޅު ނޫންތޯ، ރައްޔިތުންގެ ކުރިމައްޗަށް އައިސްފައި، ރައްޔިތުންގެ ކައިރީގައި ބުނަން، ރައީސް ޔާމީން މިވެނި މިވެނި ކަންތައް އެބަ ކުރެޔޭ. ތިމަންނާމެންވެސް އެބަ ބަލަމޭ، އެ ހިޔަނީގެ ދަށުން ހިނގޭތޯ. އެއީ ނޫންތޯ ބުނަންވީ ވާހަކައަކީ. އެހެންވީމާ، އެބޭފުޅުން ނުކުމެވަޑައިގަތީ އެއްގޮތަކަށްވެސް ތަރައްޤީގެ މަޝްރޫޢެއް ހިފައިގެނެއްނޫން. ކިހިނެއްތޯ ތަރައްޤީގެ މަޝްރޫޢު ހިފައިގެން ނުކުންނާނީ؟ ކިހިނެއްތޯ ނުކުންނާނީ؟

 

އަޅުގަނޑު މިއަދު އެމް.ޑީ.ޕީ.ގެ ފިކުރުގަޔާއި، އެމް.ޑީ.ޕީ. ގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ހަނދާންކޮށްލަދޭން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ އެބޭފުޅުންގެ އަތުގައި ފުރާ ފުރިހަމަ މެނިފެސްޓޯއެއް ނޯންނާނެ ކަމުގެ ދަލީލު ދައްކަން އަޅުގަނޑު ދަންނަވާ ވާހަކައެއް. އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯއެއް ނޯންނާނެ. ދާދި އިހަށްދުވަހު ދޮގެއްތޯ، ކޮންކްރީޓް މެޝިންތަކުން ވޯޓުގުނީ. ދާދި އިހަށްދުވަހު ދޮގެއްތޯ، ބާލިދީތަކުގައި ވޯޓުގުނީ. އެ ގުނި ހުރިހާ ވޯޓަކުން، ޕާޓީން ރިޔާސީ އިންތިޚާބަށް ނުކުންނަން ނިންމާފައި އޮތީ ރައީސް ނަޝީދު. ދެން ކިހިނެއްތޯ ކަންވީ؟ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޖާގަ ލިބިވަޑައިގެންނެވި ގޮތް އަޑުއައްސަވާ! އެމް.ޑީ.ޕީ.ގެ ކައުންސިލް ބޭއްވި. އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެ ޖަލްސާއަށް ޤަރާރެއް ހުށަހެޅުއްވީ، އައްޑޫ މެންބަރު އަސްލަމް. އެ ޤަރާރުގައި ހުރިހާ ވާހަކަތަކެއް ހުރީ ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު. އެންމެފަހުން ނިންމާލަމުން މި ބުނަނީ، ސަރުކާރުން ކަންކަން ކުރާގޮތުން ރައީސް ނަޝީދަށް މި އިންތިޚާބުގައި ވާދަކުރެވޭނެ ފުރްޞަތެއް ނެތިއްޖެނަމަ، ދެން މި ޕާޓީން އެކަމަށް ނުކުންނާނީ އިބްރާހީމް މުޙައްމަދު ޞާލިޙޭ. މިއީ މިކަން އޮތްގޮތް. އެހެންވީމާ، އެ ޕާޓީންވެސް ދެވަނަ. އެއީ ސަރުކާރުން ކަންތައްތައް ކުރާގޮތުން، އެމީހުން އުއްމީދު ކުރަމުންދިޔައީ، ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށް. އަދި ރައީސް ނަޝީދުވެސް ވިދާޅުވަމުންދިޔައީ، ތިމަންނާ މިކަހަލަ ކޮންމެ ކުޅިމަގެއް ތިމަންނާ ހިނގާފައި އޮންނާނެއޭ، ވެރިންނަށްވުރެ ކުޅަދާނަކޮށް. ރައީސް މައުމޫނަށްވެސް ޖެހުނު ނޫންހޭ، ތިމަންނާއަށް މި ހުރިހާ އަހުވައެއް ދައްކާފައިވެސް، ތިމަންނާ ހަމަ ރައީސްކަމަށް ކުރިމަތިލުމުގެ ޖާގަ ދެއްވަން ޖެހުނު ނޫންހޭ. އެހެންވީމާ، ރައީސް ޔާމީނަށްވެސް ޗޮއިސްއެއް ނޯންނާނެއޭ. ރައީސް ޔާމީންވެސް ތިމަންނާއަށް ހަމަ މި ޖާގަ ޖެހޭނީ ދޭށޭ. އެހެންވީމާ، އެ އުއްމީދުގެ މަތީގައި، އެ ކޮމިޓްމަންޓްގެ މަތީގައި އެމް.ޑީ.ޕީ.ގެ ހުރިހާ އެންމެން ގެންގުޅުނީ. އެހެންވީމާ، އެ ޤަރާރު ފާސްކޮށްފައި އެއޮތީ، މި ހުރިހާ ކަމަކަށްފަހުވެސް، ހަނި ފުރްޞަތެއްވެސް ހޯދަން އުޅުނީ ރައީސް ނަޝީދަށް ޖާގަ ލިބޭތޯ. ހުރިހާ ކަމެއްކޮށް ނިންމައިގެން، ރައީސް ނަޝީދަށް ޖާގަ ނުލިބިއްޖެ ޙާލެއްގައި، ދެން މި ޕާޓީން ރިޔާސީ ޓިކެޓް ދޭނީ އިބްރާހީމް މުޙައްމަދު ޞާލިޙަށޭ.

 

އެހެންވީމާ، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މިއައި ދުވަސްކޮޅުގެ ތެރޭގައި، ހަމަގައިމުވެސް ވެލް ރިސަރޗް ތަރޯ މެނިފެސްޓޯއެއް، މަންހަޖެއް ނެރުއްވާނެ ގޮތަކީ، ނެތް ގޮތެއް. ދެން ނެރެންޏާ ނެރެންޖެހޭނީ، ޑައުންލޯޑްކޮށްގެން ފަރަންޖީން ގެންގުޅޭކަހަލަ އެއްޗެތި. އަޅުގަނޑުމެންގެ ވެށްޓަށް ފެތޭ، އަޅުގަނޑުމެންގެ ސިކުނޑިތަކަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް އެ ތަރައްޤީއާއެކީ ހިނގާލަން ފަސޭހަ ތަރައްޤީ އެކުލަވައިލެވިފައި އޮންނަ ދެލި ކަރުދާހެއް ނޯންނާނެ. އެހެންވެގެން ދޮގެއްތޯ، ކުޅުދުއްފުށީގައިވެސް އެއަރޕޯޓް އެ ހަދަނީ. ހަމަ އެހެންވެގެން ދޮގެއްތޯ، ބިލެތްފަހީގައިވެސް އެއަރޕޯޓް އެ ހަދަނީ. މި ސަރުކާރުން ބާރަ އެއަރޕޯޓުގެ ވާހަކަ މި ދައްކަނީ. ހަމަ ފަހަރަކު ކޮންމެ ތަނަކަށް ވަޑައިގެން އެއަރޕޯޓެއް. އެއީ ގައިމުވެސް އެބޭފުޅުންގެ އަތްޕުޅުގައި ވެލް ރިސަރޗް ތަރޯ މެނިފެސްޓޯއެއް ނެތީމާ. މެނިފެސްޓޯއެއް އޮތްނަމަ، އެބޭފުޅުން އާ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވާނެ. ކޮން ވާހަކައެއްތޯ، ތަޢުލީމީ ދާއިރާގައި ވިދާޅުވަނީ؟ ރޭގައި އަޅުގަނޑު ވާހަކަ ދައްކަމުން ބުނިން. ތަޢުލީމީ ދާއިރާގައި އެ ވިދާޅުވަނީ ކޮން ވާހަކައެއްތޯ؟ ތަޢުލީމީ ދާއިރާގައި އެ ވިދާޅުވަނީ ޤަދީމީ ޒަމާނުގެ ވާހަކަ. އެއީ ރަށްރަށުގެ ކުދިން އެހެން ރަށްރަށަށް ގޮސްފައި، އެތަންތަނުގައި ދަނާލު ހަދައިގެން، ބޯޑިންގ ސްކޫލް ހަދައިގެން ކުދިންނަށް ކިޔަވައިދޭ ވާހަކަ. މާތްކަލާކޯ! އަޅުގަނޑުމެންގެ މިއަދުގެ ރައްޔިތުންގެ ތެރެއިން، ކޮން މަންމައެއް، ކޮން ބައްޕައެއްތޯ ބޭނުންވާނީ، އޭނާގެ ދަރިފުޅު ބީރައްޓެހި ރަށަކަށް ފޮނުވާލާފައި ބަހައްޓައިގެން، ދަނާލުގައި ބަހައްޓައިގެން ކިޔަވައިދޭން ބޭނުންވާނެތޯ؟ އަޅުގަނޑުމެން، އެކުދިންނަށް ކަމެއްވެދާނެތީ އަޅުގަނޑުމެން މިތިބެނީ ނުނިދާ. އެއީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު. އަޅުގަނޑުމެންގެ ހިތުގެ ވިންދަކީ އަޅުގަނޑުމެންގެ ދަރިން. އެހެންވީމާ، މި ކުދިން މި ފޮނުވާލާ ވާހަކަ މި ދައްކަނީ، ކައިރީގައި އޮންނަ ރަށެއްގެ، ބީރައްޓެހި ރަށެއްގެ ދަނާލަކަށް. މިއީ ކޮން ޒަމާނެއްގެ ވާހަކައެއްތޯ މި ދައްކަނީ؟ މި ޒަމާން ފާއިތުވެ ހިނގައްޖެ ނޫންތޯ؟ މި ޒަމާން ފާއިތުވެ ހިނގައްޖެ. އެއިން އަޅުގަނޑަށް ނެގެނީ ހަމަ އެންމެ މާނައެއް. އެއިން އަޅުގަނޑަށް ނެގޭ މާނަޔަކީ، އެބޭފުޅުންނަށް ރައްޔިތުންގެ އަރިހުގައި ވިދާޅުވާން ދަތިފުޅު. އެކަމަކު އެބޭފުޅުން އިޢުތިރާފުވާންވެސް ދަތިވޭ. ތިމަންނާމެންނަކަށް ކޮންމެ ރަށަކަށް ބޭނުންވާ ފެންވަރުގެ ތަޢުލީމެއް ދިނުމުގެ ޤާބިލުކަމެއް ތިމަންނާމެންގެ ނެތޭ. އެއީ ދޮގެއްތޯ އެ ވިދާޅުވާ ވާހަކައަކީ. އެހެންވެގެން ދޮގެއްތޯ، ދަނާލު ހަދައިގެން މި ގެންދަންޖެހެނީ. އެހެންވީމާ، އެއީ ތަޢުލީމީ ދާއިރާއާ ބެހޭގޮތުން ދައްކަވާ ވާހަކަ.

 

އަޅުގަނޑު ދައްކަނީ އަޅުގަނޑުގެ ތަޞައްވުރުގެ ވާހަކަ. އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ހުރިހާ ވާހަކަތަކަށް ނެގި، އަޅުގަނޑަށް ނެގި ހަމަސްދުވަހަށްވުރެ ގިނަ ވަގުތު. މިހާރު ސަރުކާރުގައި، އަޅުގަނޑުމެން ޢަމަލުކުރަމުންގެންދާ މެނިފެސްޓޯ، ތަންފީޒު ކުރަމުންގެންދާ މެނިފެސްޓޯގައި ހިމަނާފައި ހުރި ވާހަކަތައް އަޅުގަނޑު ބެލީ ނުހިމަނާވޭތޯ. އަދި އަޅުގަނޑުގެ މެނިފެސްޓޯގައި އަޅުގަނޑަށް އެންމެ މުހިއްމު ދާއިރާތައް އެކަނި މި ކަވަރކުރީ. އަޅުގަނޑު ނުހުންނާނެ ހުރިހާ ދާއިރާއެއް ކަވަރކޮށްފައެއް. އެއީ އަޅުގަނޑުމެންގެ ކުރީގެ މެނިފެސްޓޯގައި، އެތައް ދާއިރާއެއްގެ ވާހަކަ ހުރީމާ. އެހެންވީމާ، އަޅުގަނޑަކަށް މުހިއްމެއް ނޫން، ރަށްރަށުގައި ފަޅުގޮވާންކުރާ ވާހަކަ ލިޔާކަށް. ކިއްލި ތަޅައިގެން ލާރި ހޯދާ ވާހަކަ ލިޔާކަށް އަޅުގަނޑަކަށް މުހިއްމެއް ނޫން. އަޅުގަނޑަށް މުހިއްމުވަނީ ބޮޑު ތަރައްޤީ ގެންނާނެ ވާހަކަ. އަޅުގަނޑަށް މުހިއްމުވަނީ މިއަދު ޖީބަށް ވަންނަ ޤައުމީ ފުދުންތެރިކަން މިއަދު ޖީބަށް ވަންނަވަރަކީ، ކޮންމެ މީހެއްގެ ޖީބަށް ވަންނަނީ ދިހަހާސް އެމެރިކާ ޑޮލަރު ކަމަށްވަންޏާ، އަޅުގަނޑު ބޭނުންވަނީ އެ އަދަދު، ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަން. މިއަދު ވިދާޅުވާނެ ކަމެއްނެތް. ތިރީސް ބިލިއަން ރުފިޔާ ތިމަންނާމެން ސަރުކާރުގެ ފައިދާއިން، ނޫނީވިއްޔާ ސަރުކާރުގެ ބަޖެޓުން ހޯދާނަމޭ. އެބޭފުޅުން، އެބޭފުޅުންގެ ވެރިކަމުގައި ތިއްބެވިއިރު، އަށާރަހާސް މިލިއަން، އަށާރަ ބިލިއަނަށްވުރެ ދަށް ބަޖެޓެއް ނުހުންނާނެ ފާސްކޮށްފައެއް. ކޮބައިތޯ އެއިން ކުރި ތަރައްޤީ؟ އެ ތަރައްޤީ އަޅުގަނޑަކަށް ފެންނާކަށްނެތް. އެ ތަރައްޤީ، ތިން އަހަރު، އެ އަދަދު ޖައްސަވައިގެން ކުރެއްވިނަމަ، އަޅުގަނޑު ފުވައްމުލަކަށް އައިސް މިކަންކަން ކޮށްދޭކަށް ނުޖެހުނީސް. އައްޑޫ ހިތަދޫގައި އަޅުގަނޑު ނުޖެހުނީސް، މިއިން އެއްވެސް ކަމެއް ކުރާކަށް.

 

އެހެންވީމާ، އެބޭފުޅުން އެ ވިދާޅުވާ ވާހަކަފުޅުގައި، އެބޭފުޅުންގެ ޚިޔާލުފުޅެއްވެސް ނެތް ފައިސާ ހޯއްދަވާކަށް. ފައިސާ ހޯއްދަވަން މިހާތަނަށް ވިދާޅުވީ ކޮން ވާހަކައެއްތޯ؟ މިހާތަނަށް ވިދާޅުވެވުނު ހަމައެކަނި ވާހަކައަކީ، ތިމަންނާމެން، އެންމެ ތަނަވަސް މީހުން އަތުން ކޯޕަރޭޓް ޓެކްސް ނަގާނަމޭ. މިތާ މި ތިއްބެވީ، އަޅުގަނޑުމެންގެ ކުރީ ސަފުގައި، އެމް.އެމް.އޭ.ގެ ގަވަރުނަރުކަން ކުރެއްވި ފަޒީލް. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ޓެކްސް ނަގާ ސްޕްރެޑް އެހާ ތިންކަން. އެ ބުނާ ތަނަވަސް މީހުންތައް ވަރަށްމަދު. އެމީހުންނަކީ މިހާރުވެސް އެމީހުންގެ ވިޔަފާރީގެ ދާއިރާއިން ޓެކްސް ނަގާ މީހުން. ޓެކްސް ދައްކާ މީހުން. ދެން އެމީހުންގެ ބޮލުގެ މަތިން އަނެއްކާ ޓެކްސްއެއް ނަގައިގެން، އަޅުގަނޑަކަށް ހީއެއްނުވޭ، ދިވެހިރާއްޖެއަކީ ސިންގަޕޫރާ އެއްވަރަށް ޓެކްސް ނެގޭވަރުގެ ޤައުމަކަށްވާނެހެނެއް. ހަމަގައިމުވެސް އެ ފައިދާއިން ނަފާއެއް ނުލިބޭނެ. އެހެންވީމާ، އެމީހުން އަތުން އެ ނަގާ ޓެކްސްކޮޅު އެކަނި ނަގައިގެން ނުވާނެ. އަނެއްކާ މިހާރު މި ސަރުކާރުން ކުރާ މަސައްކަތުގައި، އާމްދަނީއެއް ލިބެންޏާ ލިބޭ ކޮންމެ ކަމެއް އެބަ ބުނޭ، އެ އާމްދަނީ ކަނޑާލާނަމޭ. ކޮންމެ ފީއެއް ނަގާއިރަށް އެބަ ބުނޭ، އެ ފީވެސް ކަނޑާލާނަމޭ. އަދި އަޅުގަނޑު ޙައިރާނެއްނުވާނެ، އައްޑޫއާއި މާލެއާ ދޭތެރޭގައި އެއަރ ފެއަރ ކުޑަކުރާނަމޭ ވިދާޅުވާނެ. އަޅުގަނޑު ޙައިރާނެއްނުވާނެ. ފުވައްމުލަކާ ދޭތެރޭގައި އެއަރ ފެއަރ ކުޑަކުރާނަމޭ ވިދާޅުވާނެ. އަޅުގަނޑު ޙައިރާނެއްނުވާނެ. އެއީ ކީއްވެގެންތޯ؟ އެބޭފުޅުން އެ މަތިންދާބޯޓު ދުއްވާ ކުންފުނި އުފައްދަން ކުރެއްވި މަސައްކަތެއް ނޯންނާނެ. އެބޭފުޅުންނަކަށް އެ ކުންފުންޏަކީ ވައިގައި ހިއްޕާލެވުނު ކުންފުންޏަކަށްނުވި. ހުރިހާ ކުންފުނިތައް ހަލާކުވެގެންދިޔައީ. ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވީ ޖީ.އެމް.އާރު.ގެ ވާހަކަ. މިއީ އެބޭފުޅުންގެ ވެރިކަމުގައި ކުންފުނިތަކާ ދޭތެރޭގައި ކަންތައް ކުރެއްވި ގޮތް.

 

އެހެންވީމާ، ރައްޔިތުންނަށް އުފަލެއް ދިނުމަށްޓަކައި މިކަހަލަ ކަންތައް އިޢުލާނު ކުރެއްވިދާނެ. އެއީ ހިސާބު ނަހަދާ އެކަން ކުރާތީ. ހިސާބު ނަހަދާ އެކަން ކުރާތީ ވާގޮތް އެއީ. އެހެންވީމާ، އެބޭފުޅުން މިވެނި އަދަދެއްގެ ފައިސާ ހޯއްދަވާނަމޭ ވިދާޅުވިޔަސް، އެއީކީ އެކަންކަން ކުރެއްވޭނެ ގޮތެއްނޫން. އަޅުގަނޑުމެން އައިސް އަޅުގަނޑުމެން މި ދައްކާ ވާހަކައިގައި، ކޮންމެ ރަށެއްގައިވެސް އަޅުގަނޑު ބަލަން ކޮންމެވެސް އާ ވާހަކައެއް ދެއްކޭތޯ. އެއީ އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންކަން. އަޅުގަނޑުގެ މެނިފެސްޓޯ، އިރާދަކުރެއްވިއްޔާ މި ބަލަނީ، 17 ގައި އޮންނަ ޖަލްސާގައި އަޅުގަނޑުމެންގެ މެނިފެސްޓޯ ނިމިގެންދާނެ ކަމަށް. ނޫނިއްޔާ ރައްޔިތުންނަށް ލިބޭނެ ކަމަށް. މިއަދު އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ ޗާޕަށް ހިނގައްޖެ. އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ ވަރަށްގިނަ މަސައްކަތްތަކެއް، ވަރަށްގިނަ ތަޙުލީލުތަކެއް ކޮށްފައި އޮތް މެނިފެސްޓޯއެއް. އޭގައި ވައިގެ ތެރޭގައި، ޖައްވުގެ ތެރޭގައި އަޅުގަނޑުމެން ބިނާތަކެއް އަޅާ ވާހަކައެއް ނުދައްކާނެ. އެއީ ޑައުން ޓު އަރތް ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭ، އަދި އެއްޗެއް ޖަހައިފި ކަމަށްވަންޏާ، އެ ބަލައިފި ކަމަށްވަންޏާ އެއީ ކުރެވިދާނެ ކަމަށް ގަބޫލުކުރާނެ. އެކަމަކު އެ ހުރިހާ ކަމަކަށްވުރެ އޭގެ ސަޅިކަމަކީ، އެކަން ކޮށްފިއްޔާ ރައްޔިތުންނަށް އަންނާނެ މުއްސަނދިކަން، ރައްޔިތުންނަށް ލިބޭނެ ފަސޭހަކަން ހާމަކޮށްދޭ މެނިފެސްޓޯއަކަށްވާތީ. އަޅުގަނޑުމެން ދައްކާ ވާހަކަ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ބަލަން ދެކޮޅުޖެއްސޭތޯ. އަދި އެކަންކަން ޙަޤީޤަތަކަށް ހަދައިދެވޭތޯ ބަލަން.

 

އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެބަޖެހޭ ދެން މިހާރު އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ނޫނީ ދެން އަންނަ ފަސް އަހަރެއްގެ ތެރޭގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި، މި ދެންނެވި ގޮތަށް މި ރަށްރަށަށް ދެން ބޭނުންވެފައި ހުރި ހުރިހާ އިންފްރާސްޓްރަކްޗަރ ފުރިހަމަކުރަން. އެހެންވީމާ، އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރޭގައި ބޮޑެތި ހުރިހާ ރަށްރަށެއްގައި މަގު ހަދައި އެބަ ނިންމަންޖެހޭ. ބޮޑެތި ހުރިހާ ރަށްރަށެއްގައި، އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގުލީ، ވިސްނާލަން ދަތިވަނީ. އެކަމަކު އަޅުގަނޑުމެންނަށް އެންމެ ގެއްލުން ލިބޭ، އެންމެ އުނދަގޫ ނިއުސެންސަކީ ޕަބްލިކް ޕޮލިއުޝަން. ނޫނީވިއްޔާ ކުނި. މިހާރު ކުޅުދުއްފުށީގައި ހިނގަމުންދާ ކަންތައްތައް، ތިޔަބޭފުޅުން ބައްލަވައިލައްވާ ޓީ.ވީ އިން. ކުޅުދުއްފުށީގައި އެ އޮތް ގޮނޑަކީ ގާތްގަނޑަކަށް ހަތަރުސަތޭކަ، ނޫނީ ފަސްސަތޭކަ ޓަނުގެ ކުނި. ހަތަރުސަތޭކަ ނޫނީ ފަސްސަތޭކަ ޓަނުގެ ކުނި. ކުނިކޮށްޓަށް ހިނގާ ކޮންމެ މީހަކަށް، ކުނި އުކާލަންދާއިރު އުނދަގޫވާނެ. އެނބުރި އައުމަށްފަހު އޭނާގެ ޚިޔާލަކަށް ނާންނާނެ، ތިމަންނާގެ ގެއިން، ތިމަންނާގެ ހައުސް ހޯލްޑުން، ބީ.ސީ އިން އެއްވެސްވަރަކަށް ކުނި އުފައްދާކަމެއް. އެކަމަކު މިއަށްވުރެ ނުރައްކާތެރި އެއްޗެއް ޙައްލުނުކުރެވިއްޖެ ކަމަށްވަންޏާ، މިއަށްވުރެ ޕަބްލިކް ހެލްތަށް، ޢާންމު ޞިއްޙަތަށް މިއަށްވުރެ ގެއްލުންހުރި ކަމެއް ނެތް. މިއޮއްހާ ދުވަހު ކުޅުދުއްފުށީގައި ކުރަމުންދިޔައީ ކީއްތޯ؟ މިއޮއްހާ ދުވަހު ކުޅުދުއްފުށީގައި އެ އޮންނަ ކުޅިއަށް ކުނި އުކަމުންދިޔައީ. މިތަނުގައި އޮންނަ ކުޅިއެއް ނޫންކަންނޭނގެ. މިތަނުގައި މި އޮންނަނީ ކިޅި. މި ރަށުގައި މި ހުންނަ ކިޅިތަކަކަށް ކުނިއުކާކަށް އަޅުގަނޑު ބޭނުމެއްނުވާނެ.

 

ކުޅުދުއްފުށީގައި މިކުރާ މަސައްކަތަކީ، ކުޅުދުއްފުށީގައި އަޅުގަނޑުމެން މިހާރު ފަށްޓައިގެން މިގެންދާ މަސައްކަތަކީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އިއްޔެނޫން އިހަށްދުވަހު އެއީ. އަޅުގަނޑަށް ލަފާކުރެވޭގޮތުން ވެއްޖިއްޔާ، މި ކުނިގޮނޑި ނަގައި ސާފުކުރަން، މަދުވެގެން އެއްމަސްދުވަހަށްވުރެ ގިނަ ވަގުތު ނަގާ. އެކަމަކު އެއްމަސްދުވަހު މި ކުނިފުނި ނައްތާލީމާ ކީއްތޯވަނީ؟ ދެން އެތަނުގައި ކުނި ނުހުންނާނީތޯ؟ ހަމަ އެވަރަށް ކުނި އެއްވަމުންދާނެ. އެހެންވީމާ، މިއީ ޙައްލުކުރަންޖެހޭ މައްސަލައެއް ދޮގެއްތޯ. މާލޭގެ ކުނީގެ މައްސަލަ ޙައްލުވެއްޖެ. އެކަމަކު މިކަހަލަ ކޮންމެ ބޮޑު ރަށެއްގައި، މިކަހަލަ ކޮންމެ ބޮޑު ސިޓީއެއްގައި، ލިވަބަލް ސިޓީއަކަށް ހަދާކަމަށްވަންޏާ، ކޮލިޓީ އޮފް ލައިފް އިމްޕްރޫވް ކުރަންޖެހޭ ކަމަށްވަންޏާ، އަޅުގަނޑުމެން މިއަށް އެޑްރެސް ކުރަންޖެހޭނެ.

 

އެހެންވީމާ، އަޅުގަނޑުގެ މެނިފެސްޓޯގައި، ނޫނީވިއްޔާ އަޅުގަނޑުގެ ރިޔާސީ ދެވަނަ ދައުރެއްގައި، އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، ކުނި ނައްތާލުމުގެ މައްސަލައަކީ، އެންމެ އިސްކަން ހޯދާނެ މައްސަލަ. އެޖެންޑާއިން އެންމެ އިސްކަން ހޯދާނެ. ހަމަ ޔަޤީން، ފުވައްމުލަކުގެ ރައްޔިތުން ގަބޫލުކުރައްވާނެ. ފުވައްމުލަކަށް އެއީ މައްސަލައެއްކަން. އެކަމަކުވެސް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތުގައި ފުވައްމުލަކުގައި އަޅުގަނޑުމެން ކުނި މެނޭޖްމަންޓް ސެންޓަރެއް ހަދައިފީމު. އަދި ފުވައްމުލަކާއި ހިތަދޫއާ ދޭތެރޭގައި ދަތުރުކުރަން ކޮޅުވެއްޓިވެސް އަޅުގަނޑުމެން ގަނެފީމު. އެ މަސައްކަތް އަޅުގަނޑުމެން ފަށްޓަންވެފައި އެއޮތީ. ނޫނީވިއްޔާ ފެށިފައި އެއޮތީ. އެއީ ފުވައްމުލަކުގެ ކުނިވެސް، ޙަޤީޤަތުގައި ނިމިގެންދާއިރު، މިތަނުގައި އެންދެންޖެހޭނެ. އެކަމަކު އަޅުގަނޑުމެން ބޭނުންވޭ، މި އަންދާ ކުނިން ހަކަތަ އުފައްދަން. އެހެންވީމާ، އަޅުގަނޑުމެން އެކަށީގެންވާ އަދަދުގެ ކުނި އުފައްދަން ބޭނުންވާކަމަށް، އަދި އެ ކުނި އަންދަން ބޭނުންވާކަމަށް، އަޅުގަނޑު ކައިރީގައި މިރޭ އިރާކޮޅު އަޅުގަނޑު އަހާލީމާ، ޠާރިޤު ވިދާޅުވީ، މި ސަބަބަށްޓަކައި އަޅުގަނޑުމެން ބޭނުންވަނީ ފުވައްމުލަކުގައި އުފެދޭ ހުރިހާ ކުންޏެއް އައްޑޫ ހިތަދޫއަށް ގެންގޮސްފައި، އައްޑޫ ހިތަދޫގައި މިހާރު އެހެރީ އިންސިނޭޓަރ ގެންނަ ހިސާބަށް ގޮސްފައި. އަޅުގަނޑުމެން އިންސިނޭޓަރ ގެންނަން ޓެންޑަރ ކުރަންވެފައި އެއޮތީ.

 

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރު ހުސްވުމުގެ ކުރިން، އެ މަސައްކަތް އައްޑޫ ހިތަދޫގައި ފެށޭވަރުވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އެއީ ކުނި ނައްތާލުމުގެ މަސައްކަތް، އަޅުގަނޑުމެން އެބަ ކުރަންޖެހޭ. ކުޅުދުއްފުށީގައި މިކަން ކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ، ތިނަދޫ، ފުވައްމުލަކު، އަދި މިހެންހުރި ބޮޑެތި ރަށްރަށުގައި މިއީ ކުރަންޖެހޭ ކަމެއް ކަމަށް. އެހެންވީމާ، މިކަންކަން އެބަ ކޮށްދޭންޖެހޭ. ކުނި އޮންނަ ސަރަޙައްދަށް، ނޫނީ ކުނިގޮނޑެއް އޮންނަ ސަރަޙައްދަށް އެއްވެސް މަޔަކު ބަފަޔަކު ނުދާނެ ދަރިފުޅު ގޮވައިގެންނެއް. އެކަމަކު އެއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެއީ އަޅުގަނޑުމެން ކުރާ ކަމެއް. އަޅުގަނޑުމެން ކުރިން ކުރާނެ. އެއީ އަޅުގަނޑުމެން އިންސާނުން އެކަން ނުކޮށް ވާނެ ކަމެއްވެސް ނެތް. ކަރުދާސްކޮޅެއް އެއްލައިލިޔަސް ކުނި. ޓިޝޫ ޕޭޕަރެއް އެއްލައިލިޔަސް ކުނި. ލިޕްސްޓިކް އުނގުޅާފައި އެ ސްޓިކް އެއްލައިލިޔަސް އެއީވެސް ކުނި. ކޮންމެ އެއްޗަކީވެސް ކުނި ދޮގެއްތޯ. މި ނައްތާލަންޖެހޭ. މިއީ ހެޒަޑަސް އެއްޗެތި. މިއީ ޓޮކްސިކް އެއްޗެތި. މިއީ ޖަރާސީމު އުފައްދާ އެއްޗެތި. މިއީ ޒަހަރު އުފައްދާ އެއްޗެތި. މިއީ ބިމަށް ޒަހަރު ފޮނުވާ އެއްޗެތި. އެހެންވީމާ، މި އެބަޖެހޭ އަޅުގަނޑުމެން މެނޭޖްކުރަން. އެހެންވީމާ، ފުވައްމުލަކުގައި އިރާދަކުރެއްވިއްޔާ، އެ ނިޒާމު އަޅުގަނޑުމެން ފުރިހަމަކޮށްދޭނަން.

 

އަޅުގަނޑު ހަމަ މި ވާހަކައިގައިވެސް ލައްކަ ވާހަކަ ދައްކަން އެބަހުރި. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑަށް ދެން މިހާރު، އަޅުގަނޑު ބޭނުންވީ ދަނޑުވެރިކަމުގެ ދާއިރާގައި، އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ބައެއް ވާހަކަ. އެ ދާއިރާއަކީ ޓްރާންސްފޮމޭޝަނަލް ބަދަލު އަންނަންޖެހޭ ދާއިރާ. އަޅުގަނޑުމެން ޓޫރިޒަމް މިހާ ފުޅާކޮށްގެންދާއިރު، އެންމެ ވަރުގަދައަށް އަޅުގަނޑުމެންގެ އަތުގައި ހުރި ރިސޯސް އިތުރަށް ތަރައްޤީވާންޖެހޭ ދާއިރާތަކުގެ ތެރޭގައި، މަސްވެރިކަމާއި ދަނޑުވެރިކަން އެބަ ހިމެނޭ. ފުވައްމުލަކަށް ދަނޑުވެރިކަން މުހިންމު. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، ޓްރާންސްފޮމޭޝަނަލް ވާހަކައެއް، ހަމަ ދަނޑުވެރިކަމުގެ ދާއިރާގައިވެސް އަޅުގަނޑު ދައްކާނަމޭ. އެހެންނަމަވެސް، އަޅުގަނޑަކަށް މިރޭ ވަގުތެއް ނުލިބޭ. ދެން މެނިފެސްޓޯގައިވެސް ކޮންމެވެސް އެއްޗެއް ތިޔަބޭފުޅުން ކިޔުއްވައިލައްވަން އޮންނަންވާނެ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުގެ މެނިފެސްޓޯއިން އެބައި ބައްލަވައިލައްވާ.

 

އެކަމަކު މީގެ ބޭނުމަކަށްވަނީ، ކުރުގޮތަކަށް ދަންނަވާލާނަން. އަޅުގަނޑުގެ ފަސް އަހަރުގެ ތެރޭގައި ބޭނުންވޭ. ތަރުކާރީއާއި މޭވާއާއި، ގޮވާމުގެ ތެރޭގައި، އެންމެ ކުޑަމިނުން ފަސް އައިޓަމް، އަޅުގަނޑުމެން ސެލްފް ސަފިޝަންޓްވާން ބޭނުން. ނޫނީވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަމުގެ މަތީގައި، އެ ފަސް އައިޓަމް އަޅުގަނޑުމެން އެބަ ބޭނުންވޭ. އެއީ އޭގެ މާނައަކީ އިމްޕޯޓްކުރާކަށް ބޭނުމެއްނުވާނޭ. އެއީ އަޅުގަނޑުމެންގެ ފަސް އަހަރު އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. ދެން މިކަމަށް މި ގެންނަ މިހާރުގެ، ނޫނީވިއްޔާ ސްމާޓް އެގްރިކަލްޗަރަލް ޕޮލިސީ، ނޫނީވިއްޔާ ސްމާޓް އެގްރިކަލްޗަރަލް ޓެކްނީކްގެ ތަފްޞީލު، ހަމަ ޓެކްނިކަލް ވާހަކަތަކެއް އޭގައި ހުރީ. އެ ތަފްޞީލުތައް އަޅުގަނޑުގެ މެނިފެސްޓޯގައި އޮންނާނެ. އެކަމަކު އެއަށްވުރެ އަޅުގަނޑު ޝައުޤުވެރިކަން އޮންނަނީ ސިޔާސީ ވާހަކަ ދައްކަން.

 

އެހެންވީމާ، އަޅުގަނޑު ބޭނުން ސިޔާސީ ވާހަކަ ދައްކާލަން. އަޅުގަނޑު ސިޔާސީ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ސިޔާސީ ވާހަކައަށް ޖެހިލަން އަޅުގަނޑު ބޭނުންވާއިރު، އިދިކޮޅު ބޭފުޅުން ސިޔާސީ ވާހަކަ ދައްކަވަނީ ކީއްވެގެންބާވައޭ އަޅުގަނޑު ހިތަށްއަރާ. އިދިކޮޅު ބޭފުޅުން ސިޔާސީ ވާހަކަ ދައްކަވަން އެ ޖެހެނީ، އަޅުގަނޑު ދައްކާކަހަލަ ތަރައްޤީގެ ވާހަކަ، ރަށްރަށުގައި ދެއްކެންނެތީމާ. ބޭބޭފުޅުންނަށް ލިބިވަޑައިގެންނެވި ތިން އަހަރު ނިމިގެންދިޔައީ. މަރިޔަނބާއި ކަތިވަޅިޔާ އެކަނިތޯ ގެއްލުނީ؟ ހުރިހާ އެއްޗެއް ގެއްލުނީ ދޮގެއްތޯ؟ އެހެންވީމާ، އެ ކުރެއްވުނު މަސައްކަތަކުން ރައްޔިތުންގެ ތާއީދެއް އެބޭފުޅުންނަކަށް ލިބިވަޑައެއްނުގެންނެވުނު. އެބޭފުޅުންނަކަށް ނުލިބުނު އެ ތާއީދެއް. އެހެންވީމާ، މިއަދު ކިހިނެއްތޯ ތަރައްޤީގެ ވާހަކަ ދައްކާނީ؟

 

ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން! ހަނދާނަށް ގެންނަވާ، އަޅުގަނޑު މި ދަންނަވާ ވާހަކަ. ވޯޓާ ހަމަޔަށް ވަޑައިގަންނަވާއިރު މި އަދަދު ހަނދާންކުރައްވާ! ފުވައްމުލަކަކީ ބޮޑު އާބާދީއެއް އޮތް ރަށެއް. ފުވައްމުލަކަކީ ހަވާސާގައި ބޭއްވޭނެ ރަށެއްނޫން. ފުވައްމުލަކަކީ ފުވައްމުލަކަށް ބޭނުންވާ ޚިދުމަތްތަކެއް ލިބެންވާ ތަނެއް. ފުވައްމުލަކަށް ބޭނުންވާ ހުރިހާ ބޮޑެތި މަޝްރޫޢުތައް ހިނގަންވާ ތަނެއް. އާނ! އޭ ވިދާޅުވަންޏާ އަޑުއައްސަވާ! ތަފާސް. 2013އާ ހަމަޔަށް އައިއިރު، އޭގެކުރީގެ ފަސް އަހަރު، ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ތިން އަހަރާއި، އޭގެފަހުން އައި ދެ އަހަރާއެކީ، މި ފަސް އަހަރުގެ ތެރޭގައި، މި ހުރިހާ މަޝްރޫޢެއް ހިންގަންޖެހޭ ރަށެއްގައި، ހުރިހާ ޙައްޤުތަކެއް ހަމަ ލިބެންޖެހޭ ރައްޔިތެއް އޮތް ތަނެއް ފުވައްމުލަކު މިއީ. ފުވައްމުލަކަށް ހޭދަވެފައި އޮތީ ކިހާވަރެއްތޯ؟ އެންމެ ސައްބީސް މިލިއަން ރުފިޔާ. ރަށްވެހި ތަރައްޤީ ޑޮޓް ކޮމްއަށް ޒިޔާރަތް ކުރައްވާ! އަޅުގަނޑުމެންގެ ފޮތުގެ ތަފާސް ހިސާބު، އަޅުގަނޑުމެން އޮޅުވައެއްނުލާނަން. އަޅުގަނޑުމެން ދޮގެއް ނަހަދާނަން. ފުވައްމުލަކުގައި ރައީސް މައުމޫން މިތާ ކޮށްދެއްވި މަސައްކަތެއްނޫން އަޅުގަނޑު މި ދަންނަވަނީ. 2013ގެ ކުރިން ހިނގައިދިޔަ ފަސް އަހަރު، ރައީސް ނަޝީދުގެ ތިން އަހަރާއި، ރައީސް ވަޙީދުގެ ގާތްގަނޑަކަށް ދެ އަހަރު. ފުވައްމުލަކަށް ހިންގާފައި ހުރި ކޭޕެކްސް ޕްރޮޖެކްޓްތައް. ބޮޑެތި މަޝްރޫޢުތަކުގެ ޖުމްލަ ފައިސާ ހޭދަވެފައި އޮތީ އެންމެ ސައްބީސް މިލިއަން. ލައްކަވަރެއްތާދޯ؟ މިހާރު އަދި ބައެއް މަޝްރޫޢުތައް މިހާރު މިއޮތީ. އެކަމަކު އަޅުގަނޑުގެ ފަސް އަހަރުގައި، މި ސައްބީސް މިލިއަނުގެ އަދަދު ކިހިނެއްތޯ އިތުރުވެގެންދިޔައީ؟ އެއްހާސް އެއްސަތޭކަ މިލިއަން. 1.1 ބިލިއަން. އެއްހާސް އެއްސަތޭކަ މިލިއަން. ސައްބީސް މިލިއަން އޮތް އެއްޗެއް، އެއްހާސް އެއްސަތޭކަ މިލިއަނަށް. އަޅުގަނޑެއް ފަރިތައެއްނޫން، މި ގުނަކުރާކަށެއް. މިއީ އެސްޓްރޮނޮމިކަލް.  އަޅުގަނޑަކަށް ނޭނގެ މިއީ ކިތައް ގުނަކަމެއް. ސައްބީސް، ދިހަގުނަ ކުރިޔަސް، ދުއިސައްތަ ފަސްދޮޅަސް. ދުއިސައްތަ، ފަސްގުނަ ކޮށްފިކަމަށްވަންޏާ، އެ ލިބެނީ އެއް ބިލިއަން. އެހެންވީމާ، އަޅުގަނޑަކަށް ނޭނގެ ގުނަކުރާކަށް. އަޅުގަނޑަށް ހަމަ އެއްވެސްގޮތަކަށް، އަޅުގަނޑު ނުދަން ހިސާބު ޖަހައިދޭކަށް، އިކޮނޮމިކްސް ފިލާވަޅެއް ނަގައިދޭކަށް، ރައީސް ކަމުގައި ހުރެގެންނެއް. އެހެން ބޭފުޅުން ވަޑައިގެންނެވިހެނެއް އަޅުގަނޑެއް ނުދަން. އެހެންވީމާ، މި ފިގަރ އަޅުގަނޑަކަށް ނޭނގެ، މިއީ ކިހާވަރެއްގެ މަލްޓިޕްލްއެއް ކަމެއް.  އެކަމަކު ސައްބީސް މިލިއަން ހޭދަވެފައި އޮތް ތަނަކަށް، މިއަދު މި ދައްކަނީ އެއްހާސް އެއްސަތޭކަ މިލިއަންގެ ވާހަކަ. އަދިވެސް މަޝްރޫޢުތައް ހުރީ ކުރިއަށް ނޫންތޯ.

 

އެހެންވީމާ، ދެން ފުވައްމުލަކުގެ ރައްޔިތުން ވިދާޅުވޭ. ތަރައްޤީއަށް ވޯޓު ދެއްވަންޏާ، ތިޔަބޭފުޅުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެންޏާ، ކާކަށްތޯ ވޯޓުދޭނީ؟ ޝައްކެއްވެސްނެތް ދޮގެއްތޯ. އެހެންވީމާ، ކިހިނެއްތޯ މި ވާހަކަ އެބޭފުޅުން ދައްކަވާނީ؟ އެހެންވީމާ، އެބޭފުޅުން ސިޔާސީ ވާހަކަ ދައްކަވަނީ. މިކަހަލަ ވާހަކަ ދެއްކެވެންނެތީ. ރައްޔިތުންގެ ކުރިމަތީގައި ތަފާސް ހޯދައިލެވެންނެތީ. ތަފާސްގެ ޞަފްޙާތައް ހުޅުވައިލެވެންނެތީ. އެހެންވީމާ، ދެން ކޮން ވާހަކައެއްތޯ ދައްކަވާނީ؟ ދެން ދައްކަވާނީ ސިޔާސީ ވާހަކަ. ސިޔާސީ ވާހަކައިގައި ދައްކަން އޮތީ ކޮން ވާހަކައެއްތޯ؟ ސިޔާސީ ވާހަކައިގައި އެންމެ ޖާގަ ހޯއްދަވަނީ އަނިޔާވެރިކަމުން. އެއީ އެބޭފުޅުން ޖާގަ ހޯއްދަވަނީ އަނިޔާވެރިކަމުން. މިތާ ދިވެހިރާއްޖޭގައި މިތިބަ ލޮބުވެތި ރައްޔިތުން އަނިޔާވެރިކަމުގައި ތިއްބެވިއްޔާ އަޅުގަނޑު މި ރަށަށް އައިމާ މިތާ މިއޮތް ތިންހާސް މީހުން އަޅުގަނޑާ ބައްދަލުކުރަން އަންނާނެތޯ؟ އަނިޔާވެރިކަން ދިވެހި ރައްޔިތުން ތަޙައްމަލު ކުރަންޏަކާ ނާންނާނެ. އަނިޔާވެރިކަން ރަށަކަށް ޢާންމުވެއްޖެ ކަމަށްވަންޏާ، އިންސާނީ ޙައްޤުތަކުގެ ހުރިހާ މިންގަނޑަކުން ހުއްދަވޭ، އެ ޤައުމަކާ ދޭތެރޭގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅު އަޅަން. ޢިރާޤުގެ ކުރުދީންނާ ދޭތެރޭގައި ކަންތައް ކުރީމާ ކިހިނެއްތޯވީ؟ އެހެން ތަންތަނުގައި ކެމިކަލް ހަތިޔާރު ބޭނުންކުރީމާ ކިހިނެއްތޯވީ؟ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންދޭ، މިކަހަލަ ކަންތައްތައްވީމާ، ބައިނަލްއަޤްވާމީގޮތުން އެ ޤައުމުތަކާ ބެހޭނެ.

 

ދިވެހިރާއްޖޭގައި އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑު މި އަންނަ ތަންތަނުގައި އަނިޔާ އޮތް ކަމަކަށް. އެކަމަކު އަނިޔާވެގެން މިއުޅެނީ ކޮންބަޔަކަށްތޯ؟ އެމީހުންގެ ޕްރޮފައިލް އަޅުގަނޑު ކިޔައިދޭންވީތޯ؟ ކިޔާނެކަމެއް ނެތް ދޮގެއްތޯ. އެ އަނިޔާގައި ތިބީ ކޮންބައެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ، ކީއްކުރަންތޯ އެ ވާހަކަ އަޅުގަނޑުމެން ދައްކަންވީ؟ ފުވައްމުލަކުގެ އެއްވެސް ބޭފުޅަކު އެބަ އިންނެވިތޯ؟ އެ އަނިޔާގެ ވާހަކަ އެ ދައްކަނީ، ކޮންބައެއްގެ ވާހަކަތޯ؟ އަދި މިއަދު މެނިފެސްޓޯއެއް ނުވިއްކުނީމާ، ލެނގެން ބޭނުންކުރާ ލަޓިއަކަށް ރައްޔިތުންގެ ކުރިމައްޗަށް މި ނެރެނީ އެއްކަލަ އަނިޔާގައި ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަ. މިއީ ނޫންތޯ، އެބޭފުޅުން ރައްޔިތުންނަށް އެބޭފުޅުންގެ ފިކުރު ވިއްކާ މިންވަރަކީ. އެބޭފުޅުން ހީފުޅުކުރައްވަނީކަންނޭނގެ، މިކަހަލަ ކަންކަންވީމާ، ރައްޔިތުންގެ ވަރަށްބޮޑު ސިމްޕަތީއެއް އޮންނާނެއޭ. ނޯންނާނެ. އަޅުގަނޑު ކައިރީގައި ޕީ.ޕީ.އެމް އަށް ލޯބިކުރައްވާ ބޭފުޅުން ވިދާޅުވޭ. އަޅުގަނޑު ފުވައްމުލަކުގައި މިއަށްވުރެ ވަކި ޖާއިޒް ވާހަކައެއް ނެތް ދައްކާކަށެއް.

 

އަޅުގަނޑު ފުވައްމުލަކަށް އައިސް މި ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ ރިޔާސީ އިންތިޚާބުގެ މަސައްކަތް ފެށީ ފުވައްމުލަކުން. އަޅުގަނޑުގެ ރިޔާސީ މަސައްކަތުގެ، މި ދައުރުގެ މަސައްކަތާއި، އާ މަސައްކަތަށް މިކުރާ މަސައްކަތް، އަޅުގަނޑު ރަށްރަށަށް ކުރާ ދަތުރު، މިހާރު މި އޮތްވަރުންވިއްޔާ އަޅުގަނޑު މި ނިންމަނީ މި ރަށުގައި. އެހެންވީމާ، ޝައްކެއްވެސްނެތް ދޮގެއްތޯ. ފުވައްމުލަކަކީ އަޅުގަނޑަށް ޚާއްޞަ ރަށެއް. އަޅުގަނޑުގެ ލޯބި، ތިޔަބޭފުޅުންނާއެކީ ހިމެނޭ ރަށެއް.

 

އެހެންވީމާ، ފުވައްމުލަކުގައި އަޅުގަނޑު ދަންނަވާލާނަން، ދެންމެ މި ދެންނެވި ތަފާސް. ފުވައްމުލަކުން އަޅުގަނޑަށް ދެއްވި، ރައްޔިތުންގެ މަޖިލީހުގެ ތިން ގޮނޑި. ފުވައްމުލަކުން އަޅުގަނޑަށް ދެއްވި، އަޅުގަނޑުގެ ފުރަތަމަ ނައިބު ރައީސް. ފުވައްމުލަކުން އަޅުގަނޑަށް ދެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެންވީމާ، ފުވައްމުލަކުން އަޅުގަނޑަށް ލައްކަ ހަދިޔާ ކުރައްވައިފީމު ނޫންތޯ. އެއިން މި ދައްކައިދެނީ ރައީސާއި ފުވައްމުލަކާ ދޭތެރޭ އޮތް ގާތްކަން. އެ ގާތްކަން އަޅުގަނޑަށް ފެނިގެންދިޔައީ މިއަދު އައިމާ. އެއަރޕޯޓުގައި އަޅުގަނޑުގެ އިސްތިޤްބާލުގައި ތިޔަ ހުރިހާ ބޭފުޅުން ތިއްބެވި ތިއްބެވުން، އަޅުގަނޑަށް ދަލީލުވެ ފުދޭ، ތިޔަބޭފުޅުންގެ އޮތް ލޯބި އަޅުގަނޑާ ދޭތެރޭގައި. އަޅުގަނޑަށް ވިދާޅުވި ހޫނު އިސްތިޤްބާލާއި، ހޫނު މަރްޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.

 

ދެން އޮތީ މީގެ ހިތްދަތި ސައިޑް. މީގެ ހިތްދަތި ސައިޑް ދޮގެއްތޯ. އުފަލާއެކީ އެބަ އާދޭ ހިތްދަތިކަމެއްވެސް. އަޅުގަނޑަށް މި ހުރިހާ ހަދިޔާއެއް ސިޔާސީގޮތުން ތިޔަބޭފުޅުން ކުރެއްވި. އަޅުގަނޑަށް ކުރައްވާ އިތުބާރު. އަޅުގަނޑުމެންގެ ޕާޓީއަށް ތިޔަބޭފުޅުން ކުރައްވާ އިތުބާރު. ދެން މިރަށުގައި ދޮގެއްތޯ، މި ވާހަކަ ދައްކަންޖެހެނީ. އޮޑިން ފުންމާލި، ނައިބު ރައީސް. ދެ މެންބަރުން އޮޑިން ފުންމާލި. ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން. ތިޔަބޭފުޅުންގެ ހަމްދަރުދީ އެބައޮތްތޯ މިބޭފުޅުންނަށް. މިވަރުގެ ކަންތައް ވެގެންދިޔައިމާ، ކިހިނެއްތޯ ވަނީ؟ މި ފުންމާލި މީހުންނާއެކީ، އަޅުގަނޑުމެންގެ ތެރެއިން ތޭރަ، ސާދަ މެންބަރުން ގެއްލިގެންދިޔައީ. ކޯއްޗެއް ވިއްކައިގެންތޯ އެމީހުން އައީ؟ ރައްޔިތުންގެ ކައިރީގައި ކޯއްޗެއްތޯ ވިއްކީ؟ ރައްޔިތުންގެ ކައިރީގައި ވިއްކީ، ރައީސް ޔާމީންގެ 2013ގެ ތަޞައްވުރު. ރައްޔިތުންގެ ކައިރީގައި ވިއްކީ ރައްޔިތުންނަށް، ރަށްރަށަށް ކޮށްދޭންހުރި ކަންތައްތައް. ރައްޔިތުންގެ ކައިރީގައި ދެއްކީ، އަޅުގަނޑުމެން ދެއްކި ވާހަކަޔަކީ، ދުވަހަކުވެސް އިސްލާމްދީނަށް ކުޑައިމީސްވާ ކަމެއް، މި ސަރުކާރުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ދުވަހަކުވެސް ނުހިނގާނޭ. އަދި މިތަނުގައި އެއްބޭފުޅަކު ވާހަކަ ދައްކަވަމުން ވިދާޅުވި. ރައީސް ޔާމީން މަގުން ކައްސާލާ ކަމަށްވަންޏާ، ތިމަންނާ ނުކުމެ މަގަށް އަޅުވާނަމޭ. އަޅުގަނޑު ބޭނުން މިއަދު އެބޭފުޅަކު ވަޑައިގެން، އަޅުގަނޑު މަގަށް އަޅުވަން. ނޫނީ އަޅުގަނޑުމެންތޯ ލަޓިބުރި ހިފައިގެން ދާންވީ އެބޭފުޅަކު މަގަށް އަޅުވަން.

 

މިހިރީ އަޅުގަނޑުމެންނަށް ޙަޔާތުގައި ނަގައިދޭ ފިލާވަޅު. މިއީ މާޒީއެއް ނޫން. މިއީ އިއްޔެގެ ފިލާވަޅު. އަޅުގަނޑުމެންގެ ޕާޓީއަށް އައިސްފައި އޮތް އަނަރޫފަކަން، އަޅުގަނޑުމެންގެ ޕާޓީއަށް އައިސްފައި އޮތް ހިތްދަތިކަން، ފުވައްމުލަކުން އެކަނި އަޅުގަނޑަށް އިޙްސާސް ކުރަން އެބަ މަޖުބޫރުކުރޭ. އެހެންވީމާ، ފުވައްމުލަކުގެ ޙާލަތު އެބަ ނިޔާކުރޭ، އާދަޔާ ޚިލާފު ހިތްވަރެއްގައި ފުވައްމުލަކު މަސައްކަތް ކުރަން. އެބޭފުޅުން މިއަދު އެ ވަޑައިގަތީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ހުރިހާ ހަޑި މުޑުދާރު ސިފަތައް، އޭގެތެރޭގައި އެބަހުރި. ކުރީގައި ބަޣާވާތްކުރާ ވާހަކަ ދައްކާ. އެއީ ބޮޑު ގޯހެއް. ކުރީގައި ޢުދުވާނީ ޙަމަލާތަކުގެ ވާހަކަ. މާތްކަލާކޯ! އެއީ ބޮޑު ގޯހެއް. 1988ގެ ނޮވެންބަރު 3ގެ ވާހަކަ އަޅުގަނޑުމެން ދެއްކިން. އެއީ ޓެރަރިޒަމް. އޭގައި ތިބީ ކޮންބައެއްތޯ؟ ދުވަހަކުވެސް މީނާއާއި، މީނާގެ ބައްޕައާއި، ކާފައާއި، މާމައާ، މިއީ ބަޣާވާތް ކުރުމުގެ ތެރޭގައި އުޅުނު މީހުންނޭ. ދުވަހަކުވެސް މި މީހުން މިނޫންގޮތެއް ނުވާނޭ. އަޅުގަނޑުމެން އަޑުއެހީމު ދޮގެއްތޯ އެ ވާހަކަ. ރައީސް ނަޝީދުގެ ސަރުކާރު ނިމިގެންދިޔައިރު، އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންނާ ދޭތެރޭގައި ކީކޭތޯ ވިދާޅުވީ؟ ބަޣާވާތްކުރި ވާހަކަ. ބާޣީންގެ ވާހަކަ. އެބޭފުޅުންވެސް ދެއްކީ ބަޣާވާތް ކުރުމަކީ ގޯސް ކަމެއްގެ ވާހަކަ. މިއަދު ބަޣާވާތްކުރާ ވާހަކަ، އަނެއްކާ މި ދެކެވެނީ. މިއަދު ކޮން ބާޣާވާތެއްތޯ މިތާ ނެތިގެން މިއުޅެނީ؟

 

އަޅުގަނޑުމެން އަޑުއަހަން، މީގެކުރީގައި އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުން ވިދާޅުވާ ވާހަކަ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން، ނޫނީވިއްޔާ މީހަކަށް، މަޤާމުގެ ނުފޫޒުގެ ބޭނުންކުރުމަށް ރިޝްވަތު ދިނުމަކީ ބޮޑު ގޯހެކޭ. މިއަށް ހުންނާނެ ފޮތްތައް ލިޔެވިފައި. މިއަށް ހުންނާނެ މަޒުމޫނު ލިޔެވިފައި. އަޅުގަނޑުމެން ހަމަ ޖެހޭނީ، އަޅުގަނޑުމެން ޝެލްފްތަކުން މި ނަގާފައި ހިރަފުސް ފޮޅާލައިގެން ކިޔާލާފައި، ރަނގަޅުވާނެ، މި ލިޔެފައި ހުރި މަޒުމޫނުތައް ބަލައިލަން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝުވަތުދީގެން ސަރުކާރެއް ވައްޓާލަން، މާތްކަލާކޯ! އެއަށްވުރެ ބޮޑު ގޯހެއް ނުހެދޭ. އެއީ އޭރު. މިއަދު އެކަން ކުރަން ހަމަ ޖާއިޒް. އެއީކީ މައްސަލައެއް ނޫން މިއަދަކު. މިއަދު ޖަލުތަކަށް ވަދެ އެތިބީ ކީއްވެގެންތޯ؟ މިއަދު ޙުކުމް އައިސް، ޙުކުމް ތަންފީޒުވަމުންދާ ބޭފުޅުންގެ ތެރެއިން، އަޅުގަނޑު ނެތިން، ނަން ދަންނަވާކަށް. އޭގެ ބައެއް ބޭފުޅުން އެ ތިއްބެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި. ރިޝްވަތު ނުދޭތޯ؟ ރިޝްވަތު ހުށަނާޅާތޯ؟ ރައްޔިތުންގެ މަޖިލީހަށް ރިޝްވަތު ހުށަހެޅީ ކީއްކުރަންތޯ؟ ނަމުގައި ބުނީ މަސީޙު ޢަޒުލްކުރާށޭ. ކަމުގައި އުޅުނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން. މިއީ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ހިނގައިދިޔަ ހަޑި މުޑުދާރު ކަންކަން. މިއީ އަޅުގަނޑުމެން ދުވަހަކުވެސް ދިވެހި ތާރީޚުން އަޅުގަނޑުމެން ދެކެން ބޭނުންވާ ޞަފްޙާތަކެއް ނޫން. ކަޅު އަނދިރި ބަނަ ޞަފްޙާތަކެއް. މިއީ އަމިއްލަ ގަޔަށް ޚަންޖަރު ޖެހުން ދޮގެއްތޯ. ފުރަގަހުންނާއި، ކުރިމަތިންނާއި، އަރިމަތިން. ހުރިހާ ދިމާއަކުން ޚަންޖަރުޖެހި. މިއީ ނޫންތޯ، ކިހާ ފަސޭހައިން ކާމިޔާބު ކުރެވެން އޮތް އިންތިޚާބެއްތޯ މިއީ؟ ކޮންފަދަ ނިޢުމަތެއްގައިތޯ، އަޅުގަނޑުމެންގެ އޮޑި ދުވަމުންދިޔައީ؟ އެންމެ ގަދަ ކަޑުގައި ނޫންތޯ ދުވަމުންދިޔައީ. މިއަދު އަޅުގަނޑުމެން މިކުރަނީ ކޮން ދަތުރެއްތޯ؟ ހިތްދަތިކަމާއެކުވެސް ރައްޔިތުންނާއެކީ، މި ގަދަ ކަނޑުގެ ތެރޭގައި މަސައްކަތް ކުރަން ނުކުމެ މިތިބީ އަޅުގަނޑުމެން ދޮގެއްތޯ. މި މަސައްކަތް ކުރަންޖެހޭ. މި މަސައްކަތް ކުރަން އެބަޖެހޭ.

 

އެހެންވީމާ، މި ދަންނަވަނީ ހަޑި މުޑުދާރު ހުރިހާ ފިލާވަޅުތަކެއް، މިއަދުގެ މިއަދުގެ ތާރީޚުން އަޅުގަނޑުމެންނަށް ނަގައިދީފިއޭ. އެހެންވީމާ، ދެން މިބޭބޭފުޅުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އެޅުނީމާ، ޝަރީޢަތުގެ ތެރެއިން ޙުކުމް އިވުނީމާ، ދެން ކީއްކުރަންތޯ، އެއީ އަނިޔާކަމަށް މި ދައްކަނީ؟ އެއީތޯ އަނިޔާއަކީ؟ އަޅުގަނޑުމެންގެ ޕާޓީގައި މިތިބަ ހުރިހާ ރައްޔިތުންނަށް ލިބުނު ހިތްދަތިކަން، އެއީ އަނިޔާއަކަށްނުވޭތޯ؟ އަޅުގަނޑުމެން މިތިބަ ގިލަންވެރިކަން، އަނިޔާއަކަށްނުވޭތޯ؟ މިކަން ކުރުމުގެ ބޭނުމަކަށްވީ ކޮންކަމެއްތޯ؟ އެމް.ޑީ.ޕީ.ގެ އަތްގަދަކުރުން ނޫން އެހެން ކަމެއް، މިއިން ފުދިގެން ހިނގައްޖެތޯ؟ މޭ ޑޭ މުޒާހަރާ އައީ ކީއްވެގެންތޯ؟ އެއަށް ޤާސިމް ޚަރަދުކުރީ ކީއްވެގެންތޯ؟ އޭގެތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި މީހުން ބައިވެރިވީ ކީއްވެގެންތޯ؟ އެ އަނިޔާއަކަށްނުވޭތޯ؟ މިތަން އިންޤިލާބުކޮށްލަން ނެރުނު އަމުރެއް ނޫންތޯ، ފެބުރުވަރީ 1 ގައި ސުޕްރީމް ކޯޓުން ނުކުތީ. މިތަނަށް ގެނެވުނު އިންޤިލާބެއް އެއީ. އެކަން ނިމިގެންދިޔަނަމަ، މިތަނުގައި ލޭއޮހޮރުވުން އޮތީސް. އެއީ ހަމަ އިންޤިލާބެއް. އެއީ ބަޣާވާތެއް އެކަންޏެއްވެސް ނޫން.

 

އެހެންވީމާ، އަޅުގަނޑުމެން ދިވެހި ތާރީޚުގައި، މީގެކުރީގައި އަޅުގަނޑުމެން ދެކެން ބޭނުމެއްނުވެއޭ. އަދި އެކަންކަމަށް އަޅުގަނޑުމެން ފާޑުކީ ލިޔުންތެރިން. ލިޔުންތެރިން ފާޑުކީ. އެންމެ އިސް ސިޔާސީ ލީޑަރުން ފާޑުކީ. ތާރީޚު ލިޔާ މީހުން ފާޑުކީ. މިއަދު ތާރީޚުތޯ ލިޔަންވީ؟ މިއަދު މިހިރީ އަޅުގަނޑުމެންގެ ލޯމަތީގައި ފެންނަން މިކަންކަން. އެހެންވީމާ، މިކަންކަން އުޅޭއިރު، މިކަންކަން ކޮށްފައި ތިބި ބަޔަކު، ދެން ކިހިނެއްތޯ ނުކުމެ އެމީހުންނަށް ބުނެވޭނީ، މިހާރު ދިވެހިރާއްޖޭގައި އަނިޔާވެރިކަން އެބައޮތޭ. ދެން މި ދައްކާ ވާހަކައަކީ ކޮބައިތޯ؟

 

އަޅުގަނޑު ހަމަ ވާހަކަ ނިންމާލަމުން ހަމަ ދަންނަވާ ވާހަކައެއް މިއީ. ކިހިނެއްތޯ، ފަސް ވެރިން ތިބެގެން އެއްވެސް ކަމެއް ނިންމޭނެތޯ؟ ޑިމޮކްރަސީއާއި އިޤްތިޞާދާ ދޭތެރޭގައި އޮންނަ ބޭސިކް ފިލާވަޅެއް އަޅުގަނޑު ނަގައިދޭނަން. އެއީ މަދަރުސާގެ ޗޯކު ބޯޑުގައި ހުރެގެން އަޅުގަނޑު ނަގައިދޭ ފިލާވަޅެއް ނޫން. މިއީ ޕްރެކްޓިކަލް ފިލާވަޅެއް. ޑިމޮކްރަސީގައި ކަމެއް ނިންމާއިރު، ސަރުކާރުގެ އޮފީސްތަކުގެ މީހުން އަޅަންވާނީ ކޮން ހެދުމެއްތޯ، ވާހަކަ ދައްކަން، ގިނަބަޔަކާ މަޝްވަރާ ކުރެވިދާނެ. ގިނަ ބަޔަކާ މަޝްވަރާ ކުރަންވެސްޖެހޭނެ. އެއީ ރައްޔިތުންގެ ރުހުން ހޯދަން. އެ މަޝްވަރާ ނިމިދާނެތޯ؟ އެ މަޝްވަރާ ނިމޭނެތޯ؟ ސަރުކާރުގެ ސިވިލް ސަރވިސްގައި، ސައުވީސް ހާސް މުވައްޒަފުން ތިބި ކަމަށްވަންޏާ، މި މަޝްވަރާ، އެންމެ އެދެވޭގޮތަކަށް ކުރާކަމަށްވަންޏާ، އެންމެންގެ ބަހެއް ހޯދަންވާނެ. މިކަހަލަ ބައެއް ކަންކަމުގައި، އެފަދަ ފުޅާމިނަކަށް މިކަން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެން ރެފަރެންޑަމް ވޯޓަކަށް އެބަދަން. ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމެއްތޯ، ރިޔާސީ ނިޒާމެއްތޯ ހޯދުމަށް އަޅުގަނޑުމެން ރައްޔިތުންގެ ވޯޓަކަށްދިޔައިން. މިއިން ނެގެނީ ކޮން ފިލާވަޅެއްތޯ؟ ޑިމޮކްރަސީއާ އެއްގޮތަށް މިކަހަލަ ކަމެއް ނިންމާ  ކަމަށްވަންޏާ، މިއީ ލައްކަ ޒަމާން ހިނގާ، ލައްކަ ވަގުތު ފާއިތުވާ، އަދި ވަރަށްބޮޑު ޚަރަދު ހިނގާ ކަމެއް ކަމަށް. އެހެންނަމަވެސް، އަޣްލަބިއްޔަތުން ތަބާވާނެ. އެކަން ނިންމަން ހިނގައިދާނެ ހައެއްކަ މަސްދުވަސް. އެކަމަކު މިއީ ކީއްކުރަންތޯ؟ މިއުޅެނީ މުވައްޒަފުން ހުދު ގަމީހާއި، ފަޓްލޫނާއި، މެޖެންޓާ ޓައީތޯ އަޅާނީ، ނިންމަން މިއުޅެނީ. ގިނަ މީހުން ބުނާނީ މެޖެންޓާ ޓައީއޭ އަޅާނީ. އެކަމަކު މިކަން ކުރަން، މި ދެންނެވި ޑިމޮކްރެޓިކް އުޞޫލުން ދާކަމަށްވަންޏާ، މިހާ ދިގު ރާސްތާ، މިހާ ދިގު މަގު އަޅުގަނޑުމެން އިޚްތިޔާރުކުރޭ.

 

އިކޮނޮމިކްސް، އިޤްތިޞާދު. އިޤްތިޞާދުގައި، ތިޔަބޭފުޅުން ޚިޔާލަށް ގެންނަވާ! މިހާރު އެމީހުންނަށް އުނދަގޫވެގެން އަޅަން އެއުޅޭ ބުރިޖް. އެ ބުރިޖް އަޅަން، އަޅުގަނޑުމެން މިވަރުގެ ފަތްތޫރައެއް ހިންގިނަމަ، މިވަރުގެ ރިސަރޗެއް ކުރިނަމަ، ކިތައް މަސް ނަގާނެތޯ؟ ބުރިޖް އަޅަން މިނެގީ ތިން އަހަރަށްވުރެ ކުރު މުއްދަތެއް. ދެ އަހަރާއި ނުވަ މަސް. ބުރިޖް ހުޅުވިރޭ، އެ ޖަލްސާގައި އަޅުގަނޑަށް ބުނެވުނީ ކުށްބަހެއް އޭގައި. ތަންކޮޅެއް ދިގު މުއްދަތެއް. އެކަމަކު މި ހުރިހާ ދިރާސާއެއްކޮށް، ރައްޔިތުންގެ ހުރިހާ ޚިޔާލެއް މިއަށް ކޮމްޕައިލްކޮށް، އެކަން ނިމޭއިރު، ހަމަ ޔަޤީން، ބުރިޖް އަޅަންދާ ވަގުތަށްވުރެ، ރައްޔިތުންގެ ޚިޔާލު މިއަށް ހޯދަން ނަގާ ވަގުތު ގިނަވާނެ.

 

އެހެންވީމާ، އިޤްތިޞާދުގައި ނުކުރާނެ ކަމަކީ، ޑިމޮކްރަސީގައި ރައްޔިތުންގެ ޚިޔާލާއި، ރައްޔިތުންގެ ރައުޔު ހޯދާގޮތަކަށް، އިޤްތިޞާދުގައި ބޮޑެތި ކަންކަން ކުރާއިރު، އެކަމެއް ނުކުރާނެ. އެކަން ކުރާކަމަށްވަންޏާ، ރައީސެއްގެ ފަސް އަހަރު ނިމިގެންދާއިރު، ފަންސަވީސް ބުރިއަށް ދަރުމަވަންތަ ހޮސްޕިޓަލް ނުހިއްލޭނެ. މިހާރު މިބޭފުޅުން ކުރައްވަން މިއުޅުއްވަނީ ކީއްކުރަންތޯ؟ މިބޭފުޅުން ކުރައްވަން މި އުޅުއްވާ މަސައްކަތަކީ، ފަސް ލީޑަރުންގެ ޚިޔާލަށް ނޫނީ އެއްވެސް ކަމެއް ނިންމޭކަށް ނެތް. އެއީ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވާ ވާހަކަ. ތިމަންނާ ހުރިހާ ބޮޑެތި ކަންކަމެއް ކުރާނީ، ފަސް ލީޑަރުންގެ މަޝްވަރާޔާއެކީއޭ. ހަމަ އެ ފިލާވަޅު ނަގައިދޭން، އަޅުގަނޑު މި ނެގި ފިލާވަޅު މި ނަގައިދިނީ. އެކަމަކު ދެންމެ ދޮގެއްތޯ، ޢަބްދުއްރަޙީމް އެ ވިދާޅުވީ. މާތްކަލާކޯ! މެނިފެސްޓޯ ނުކުތްއިރު، އެހެން އެއްވެސް ލީޑަރެއްގެ އެއްވެސް ވާހަކައެއްނެތް. އެހެންވީމާ، ކަމުންވެސް ޙަރާމް. ދޮގުވެސް ހަދަނީ ވަކިވަރަކަށްނޫން. އެކަމަކު އެކަން އެބޭފުޅުން ވިދާޅުވާގޮތަށް ކުރާކަމަށްވަންޏާ، އަޅުގަނޑު މިނެގި ފިލާވަޅު ހަނދާންކުރައްވާ! ފުވައްމުލަކުގައި މިއޮތް ކުނިގޮނޑު ނައްތާލަން، އެބޭފުޅުން ނަންގަވާނެކަންނޭނގެ، ދިހަމަސްދުވަހުގެ ޚިޔާލުފާޅުކުރުން. އެބޭފުޅުން ނަންގަވާނެ، ތިން އަހަރުގެ، ރައްޔިތުންގެ ވޯޓު.

 

އެހެންވީމާ، ކީއްކުރަންތޯ، ޑިމޮކްރަސީ، އިޤްތިޞާދުގެ ތެރެއަކަށް ނުގެނެވޭނެ. ޑިމޮކްރަސީއަކީ ތަފާތު ނިޒާމެއް. ތަންތަން ތަރައްޤީ ކުރުން. ކުރު މުއްދަތުގައި އެކަން ކުރުން. ކެރިގެން ކުރުން. ކެރިގެން ލޯނު ނެގުމަކީ ވަރަށް ތަފާތު ފަންނެއް. އެކަން ކުރުމުގައި ފަންނީ މީހުން ތިބޭނެ. އެކަން ކުރުމުގައި، ޢިލްމީ ޤާބިލުކަން ހުންނަ ޓީމު އޮންނާނެ. އެމީހުން އެކަން ކުރާއިރު، އެމީހުންނަށްވުރެ މޮޅު ޚިޔާލެއް އެކަމުގައި ދީފިކަމަށްވަންޏާ، އެ ޚިޔާލެއް ބަލައިގަތުމަކީ، ލީޑަރަކަށް ހުންނަ މީހަކު ކުރަން ކެރެންވާނެ ކަމަކަށްވާނެ. އެކަމަކު އެ ވާހަކަ ނުދެއްކޭ ކަމަށްވަންޏާ، ލީޑަރަކަށް ފެންނަގޮތަކަށް އެކަން ކުރާނީ. އެއީ ލީޑަރުގެ ތަޞައްވުރެއް އޮންނާތީ.

 

އެހެންވީމާ، މިއަދު މި ފަސް އަހަރުގެ ތެރޭގައި، މި ހިނގައި ނިމުނީ ލީޑަރުގެ ތަޞައްވުރު. އެހެންވީމާ، މި ލީޑަރުގެ ތަޞައްވުރު، ސަޅިނޫންތޯ؟

 

އަޅުގަނޑު ހަމަ މި ވާހަކަ ނިންމާލަނީ. ފުވައްމުލަކުގައި މި ވާހަކަ ދައްކާއިރު، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން 23 ވަނަ ދުވަހު، ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި. އަޅުގަނޑު މި ދަންނަވަނީ ފުވައްމުލަކުން އަޅުގަނޑަށް ދެއްވިއޭ، އަޅުގަނޑުގެ ފުރަތަމަ ނައިބު ރައީސް. ފުވައްމުލަކުން ތިހާ ވަރުގަދަ އިސްތިޤްބާލެއް ކޮންމެ ފަހަރަކު އަޅުގަނޑަށް ވިދާޅުވޭ. ފުވައްމުލަކުން އަޅުގަނޑަށް ދެއްވިއޭ، ރައްޔިތުންގެ މަޖިލީހުގެ ތިން ގޮނޑި. ފުވައްމުލަކުން އަޅުގަނޑަށް ދެއްވިއޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް.

 

އެހެންވީމާ، ދެން ކީއްވެހޭ ފުވައްމުލަކުން ބޮޑު އަޣްލަބިއްޔަތެއް، އެއް ނަންބަރު ކެންޑިޑޭޓަށް، 23 ވަނަ ދުވަހު ނުދޭންވީ؟ ދޭންޖެހޭނެ ނޫންތޯ. ދޭންޖެހޭ. އެންމެން ވާހަކަ ދައްކާ ބުރިޖް. އަޅުގަނޑު ބޭނުން ހަމަ އިބްރާހީމް މުޙައްމަދު ޞާލިޙު މި ވާހަކަ އަޑުއަހާލަން. ފުވައްމުލަކު ހުރހާ ރައްޔިތުންގެ އަރިހުގައި މި ވާހަކަ ދަންނަވާލާފައި ނިންމާނަން.

 

ތަރައްޤީ އަންނަނީ ތަރައްޤީ ކުރަން ބޭނުންވީމާ. މާލެއާއި ހުޅުމާލެއާ ގުޅުނީމާ ކިހިނެއްތޯވީ؟ ހަމައެކަނި މީހުންނަށް ދަތުރުފަތުރުކުރަން ފަސޭހަވީތޯ؟ ހުޅުމާލޭގައި ކެފޭއެއްގައި، ރަނގަޅު ކެފޭއެއްގައި، އެވްރެޖް ޑެއިލީ ސޭލް، ދުވަހުގެ ވިކުރާ. މީގެކުރީގައި، ބުރިޖް އެޅުމުގެ ކުރީގައި، ހުޅުމާލޭގައި ރަނގަޅު ކޮފީޝޮޕެއްގައި އެވްރެޖް ސޭލް، ދުވަހުގެ ވިކުރާއަކީ ފަސްހާސް ރުފިޔާ. މިއަދު ބުރިޖް އަޅައި ނިމުނީ. މިއަދު ކޮލިޓީ ކެފޭއެއްގައި، އެވްރެޖް ޑެއިލީ ސޭލްއަކީ ސާޅީސް ހަހާސް ރުފިޔާ. ފަސްހާސް ރުފިޔާއިން ސާޅީސް ހަހާސް ރުފިޔާއަށް އެދިޔައީ. ހުޅުމާލޭގައި މިއަދު ބިމުގެ އަގަކީ ރަނަށްވުރެ ބޮޑު އެއްޗެއް. ސައިމަނަށް އެނގިލައްވާނެ. އަޅުގަނޑުމެން މިހާރު ހުޅުމާލޭގައި ބިން ދިނުން ހިފަހައްޓައިގެން މިއުޅެނީ. އެއީ ބިމުގެ އަގު އެހާ ބޮޑުވީމާ. ދައުލަތުގެ ބޭނުންތައް ބައިވަރު. ޞިނާޢަތްތަކަށް ބިން ބޭނުންވާލެއް ބައިވަރު. އެކަމަކު އަޅުގަނޑު ބިން ދޫކުރާނީ ހަމައަގުގައި. އަޅުގަނޑެއް ނުދޫކުރާނަން، މިތާ ހުންނަ ބޮޑެތި ބަނދަރުތަކާއި ރަށްތަކެއް، އެންމެ ރަށެއްގެ ނަރުދަމާއަޅާކަށް. ތިން ހަތަރު ރަށެއް އަޅުގަނޑު ދުލެއްނުކުރާނަން. ފެއިލްވެގެންދިޔަ ފެރީ ނިޒާމު ދުއްވާށޭ ކިޔާފައި، އަޅުގަނޑު ފަސް ރަށެއް މީހުންނަކަށް ނުދޭނަން. ރަށުގެ ބިމުގެ ހަމައަގު އަޅުގަނޑު ވައްދާނަން. އެހެންވީމާ، އެވްރެޖް ސޭލް ފަސްހާސް ރުފިޔާއިން، ބުރިޖުން އެކަނި އެވްރެޖް ސޭލް ސާޅީސް ހަހާސް ރުފިޔާ. އަޅުގަނޑުމެން ދެކޭނަން އިރާދަކުރެއްވިއްޔާ، އެވްރެޖް ސޭލް ސަތޭކަޔަށް، އެއްލައްކަޔަށް ފިޓްވެގެންދާތަން. މިއީ ދޮގެއްތޯ ތަރައްޤީއަކީ. 

 

މާލޭގައި ރަސްފަންނު ހެދީމާ ކިހިނެއްތޯވީ؟ އޭގެކުރީގައި މާލޭގެ އެ ސަރަޙައްދަކީ، މިތާ މޮހޮދޭ އިންނެވީމާ، އަޅުގަނޑު ދަންނަވާ ވާހަކައެއް. މޮހޮދޭއަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭކަލެއް. އެމް.ޕީ.އެލް ސަރަޙައްދުގައި. މިތާ އެބަ އިންނެވިތޯ ޙަލީމް؟ ޙަލީމެއް ނެތް ދޮގެއްތޯ. އެމް.ޕީ.އެލް ސަރަޙައްދުގައި މުދާ އުފުލަން، ސްޓެވެޑޯރު ކުރަން ގެންގުޅޭ ހުރިހާ ލޮރީތައް އަޅާފައި އޮންނަ ކަނު އަނދިރި ސަޙަރާ އެއީ. ކަނު އަނދިރި ސަޙަރާ އެއީ. މިއަދު އެތާ ރަސްފަންނު ހެދީމާ، އަޅުގަނޑުމެންނަށް ބިން ނުދެވިފައި މިއޮތީ. މިހާރުވެސް އެއޮތީ ސިންޑިކޭޓް ކޮށްގެން ސިންގަޕޫރުގެ ތިން ކުންފުންޏަކުން އެތާ އެ އަޅަނީ ރިއަލް އެސްޓޭޓް. ބިން، ކުރީގައި މި ދެންނެވި ގޮތަށް ކުނިގޮނޑި އޮތްތަން މިއަދު ރަނަށްވުރެ އަގުބޮޑުވެގެންދިޔައީ ދޮގެއްތޯ. މި ތަޞައްވުރާއެކީ، އަޅުގަނޑާއެކީ ފުވައްމުލަކުގެ ރައްޔިތުން ނުހިނގާންވީ ސަބަބެއް އެބައޮތްތޯ؟

 

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ހިންގަން ބޭނުންވާ ތަޞައްވުރާއެކީ އަޅުގަނޑުމެން ހިނގައިފި ކަމަށްވަންޏާ، ޑައުޓް ނުކުރައްވާ! ސުވާލު ނުއުފައްދަވާ! މިހާރު ލިބޭ، ބޮލަކަށްޖެހޭ އުފެއްދުންތެރިކަން، ހަތަރުހާހުން ދިހަހާހަށް ޖެއްސި މީހަކަށް، ހަމަ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ޤާބިލުކަން ހުންނާނެ، ވިހިހާހަށް ޖައްސަން. ވިހިހާހަށް ޖައްސައިފި ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ސަރަޙައްދުގެ ހުރިހާ އެންމެން އަޅުގަނޑުމެންނާ ދޭތެރޭގައި ކަޅި ހުއްޓައިލުން ފިޔަވައި ދެވަނަ ދެކަމެއް ނޯންނާނެ. އެހެންވެގެން ދޮގެއްތޯ، އަޅުގަނޑުމެން މިކުރާ ކޮންމެ ކަމަކަށް ބޭރުގެ އިސްތިޢުމާރު މި ގެންނަނީ؟ ދިވެހި ރައްޔިތުން ވެއްޖެ މިއަދު ފުދެން. އަޅުގަނޑުމެންނަކީ މިއަދު މައިފިއްލާފައި ތިބި ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންނަކީ ދައުލަތެއް. އަޅުގަނޑުމެންނަކީ އިސްތިޤްލާލެއް އޮތް ތަނެއް. އަޅުގަނޑުމެންނަކީ މިނިވަންކަމެއް އޮތް ތަނެއް. އަޅުގަނޑުމެންނަކީ ފަޚްރުވެރި މާޒީއެއް އޮތް ރައްޔިތެއް. އަޅުގަނޑުމެން ނުޖެހޭ، ބައެއްގެ ކުރިމަތީގައި ކުޑަކަކޫޖަހާކަށް. މި ޢަޒުމުގައި އަޅުގަނޑާއެކީ ހިންގަވާ! މި ޢަޒުމުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވާ!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.