بســم اللّـه الرّحمـن الرّحيــم

      

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އައްޑޫސިޓީ ހިތަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

 

އަޅުގަނޑުގެ އަޑުއިވޭތޯ؟ ހޭފުޅުލައްވާތޯ؟

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ހަމައެހެންމެ، މި އުފާވެރި ބައްދަލުވުމަށް އަޅުގަނޑުމެންގެ އިންތިޒާރުގައި، ދެން ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ދަތުރަކީ، އައްޑުއަތޮޅުގައި، މުހިއްމު ރަށްތަކުގައި ނިމިފައި ހުރި އެތައް މަޝްރޫޢުތަކެއް ފަށައިދީ، އެ މަޝްރޫޢުތަކުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އުފަލުގައި، ފަސޭހަކަމުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. އަޅުގަނޑުގެ ދަތުރު ފެށިގެންދިޔައީ، މި ދެންނެވި ފަދަ މަޝްރޫޢުތައް ހުޅުވައިދިނުމަށް ހުޅުދޫމީދޫއަށް ކުރި ދަތުރަކުން.

 

އަދި ހަމައެހެންމެ، މިއަދު އައްޑޫސިޓީ ހިތަދޫގައި އައިސް ތިޔަބޭފުޅުންނާ މި ބައްދަލުކުރަނީ، ހަމަ މި އުފާވެރި މުނާސަބަތުގައި. މި އުފާވެރި ޖަލްސާގައި މި ބައްދަލުކުރަނީ، އަޅުގަނޑުގެ ފަހަތުން ސްކްރީނުން ފެންނަ އެތައް މަޝްރޫޢުތަކެއް ނިމިގެން، އެ މަޝްރޫޢުތައް ހުޅުވުމުގެ އުފަލުގައި ބައިވެރިވާން. އާދެ، އޭގެތެރޭގައި ޒަމާނުއްސުރެ މަސައްކަތްކޮށް ނޭޅިފައި އޮތް ފުރިހަމަ ނަރުދަމާ ނިޒާމު ނިމިގެން މިދިޔައީ. ހަމައެހެންމެ ސޯލަރ ހައިބްރިޑް ސިސްޓަމަކާއެކީ، މި ނިމިގެންދިޔައީ އިއާދަކުރަނިވި ހަކަތަ، މި ރަށަށް ތިރީސް ޕަސެންޓް ލިބިގެންދާ ދިޔުން. އަދި އަޅުގަނޑު އުއްމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދެން އަންނަ ފަސް އަހަރެއްގައި، އަޅުގަނޑުމެންނަށް ރައްޔިތުން މި ފުރްޞަތު ދެއްވައިފި ކަމަށްވަންޏާ، ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި، އެ ރަށަކަށް ބޭނުންވާ ހަކަތަ އުފެއްދުމުގެ ފަންސާސް ޕަސެންޓް، ދެބައިކުޅަ އެއްބައި ހަކަތައަކީ، އިއާދަކުރަނިވި ހަކަތަ، މައިގަނޑު ގޮތެއްގައި އިރުގެ ހަކަތައިން ހަކަތަ އުފެއްދުމުގެ ފުރްޞަތެއް، ނޫނީވިއްޔާ ފުރްޞަތު ފަހިވެގެން ހަމަ ހުރިހާ ރަށަކަށްދިޔުން.

 

އާދެ، ހަމައެއާއެކީ އަޅުގަނޑުމެން މި ފާހަގަކުރަނީ، އެތަކެއް ހައުސިންގ ޔުނިޓްވެސް ނިމިގެންދިޔަ އިޙްތިފާލު. އަދި ނޭޗަރ ޕާކެއްވެސް ހެދިގެންދިޔަ އިޙްތިފާލު. މިކަހަލަ އެތައް ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުގައި މި ކުރަމުން އައި މަސައްކަތަކީ، މިކަހަލަ އާބާދީ ބޮޑު ކޮންމެ ރަށަކީ، ހެބިޓަބަލް، ލިވަބަލް ސިޓީއަކަށް ހަދަން ކުރާ މަސައްކަތް. އަޅުގަނޑަށް އެނގޭ، ހިތަދޫސިޓީއަކީ، ފޮތުގައި، ޗާޓުގައި، ޤާނޫނުތަކުގައި ސިޓީއެއްގެ ގޮތުގައި އޮންނަތާ ލައްކަ ދުވަސް ވެއްޖެ. ހަމަގައިމުވެސް ރައީސް ނަޝީދުގެ ވެރިކަމާ ހަމައިން، އައްޑޫ ހިތަދޫސިޓީއަކީ ސިޓީއެއް. އެކަމަކު މަގެއް ހެދިފައެއް ނެތް. ނަރުދަމާއެއް ނެތް. ފެނެއް ނެތް. ދެން މިހެންގޮސް މިތާހުރީ ކޯއްޗެއް ކަމެއް ނޭނގެ. ސާކް ސަމިޓެއް ބޭއްވުމަށްޓަކައި އޭގެ ބޭނުން އެއްވެސްގޮތަކަށް ފަހުން ނުކުރެވޭގޮތަކަށް ހަދާފައި ހުރި ކޮންވެންޝަން ސެންޓަރެއް. ދައުލަތުގެ މާލިއްޔާގެ އެތައް ސަތޭކަ މިލިއަނެއް ހޭދަކުރައްވައިގެން ހައްދަވާފައި ހުރި ކޮންވެންޝަން ސެންޓަރެއް. އެ ސަމިޓް ބާއްވައި ނިމުނީމާ އެއީ ހަމަ އެއްލާ ޞަފްޙާއަކަށްވެގެން މާޒީވެދިޔައީ. އެކަމަކު މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ހަމަ އެކަންވެސް އަނެއްކާ އިއާދަކުރުވާފައި، އެއިން ފައިދާއެއް ލިބޭގޮތަށް ބަދަލުކުރަމުން މިދިޔައީ، ހަމަ ރައީސް ޔާމީނުގެ ޒަޢާމަތުގައި. އައްޑޫ ހިތަދޫސިޓީއަށް ލިބޭނެ އެންމެ ފުރިހަމަ މަލްޓި-ޕަރޕަސް، އެންމެ ފުރިހަމަ މަލްޓި-ސްޕެޝަލައިޒްޑް މަލްޓި-ޕަރޕަސް ހޮސްޕިޓަލް ލިބިގެންދާނީ، އަދި މި ދެންނެވި ކޮންވެންޝަން ސެންޓަރު ބަދަލުވެގެން މިހާރު އެދަނީ މި ދެންނެވި ހޮސްޕިޓަލަށް.

 

އެހެންވީމާ، ސިޓީއެއްގެ ގޮތުގައި، ފޮތުގައި މިތަން އޮތުން ފިޔަވައި ކޮންކަމެއްތޯ އޮތީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ސުވާލުކޮށްލަން ބޭނުންވޭ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިކަހަލަ ކޮންމެ ސިޓީއަކީ، މިކަހަލަ އާބާދީ ބޮޑު ކޮންމެ ތަނަކީ ޙަޤީޤަތުގައި، ޙަޤީޤީ މާނައިގައި ސިޓީއަކަށް ބަދަލުކޮށްލުމަށް ކުރާ މަސައްކަތް. ނަރުދަމާގެ މަސައްކަތް ނިމުނީ. ފެން ލިބެމުން އެދަނީ. ކުރީގައި ބައި ވޯޓަރ ކުންފުނިން މަސައްކަތްތަކެއް ކުރެވޭތޯ ބެލިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ. ތަފާތު އެތައް މަސައްކަތްތަކެއް މިތާ ނިމިގެން މިދިޔައީ. ހުޅުދޫގައި ނިމިގެންދިޔައީ. ފޭދޫގައި ނިމިގެންދިޔައީ. ދެން މިހެން ކިޔާނެ ކަމެއްނެތް. އައްޑޫސިޓީގައި ހަމަ ގިނަ ރަށްރަށުގައި، މި ދެންނެވި ގޮތަށް ސިޓީއަކަށް ބޭނުންވާ، ނޫނީ މީހުން އުޅޭ އާބާދީއެއް އޮތް ތަނަކަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް ޤާއިމުވެ މި ނިމެނީ.

 

މީގެކުރީގައިވެސް ސަރުކާރުތައް، ކަންކަން ކޮށްދެއްވަން މަސައްކަތް ކުރެއްވި. އަޅުގަނޑު އައްޑޫގެ ރައްޔިތުންގެ އަރިހުގައި، ހިތަދޫގެ ރައްޔިތުންގެ އަރިހުގައި، ޢާއްމުކޮށް ދިވެހި ހުރިހާ ރައްޔިތުންގެ އަރިހުގައި ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން މި ފަށާފައި އޮތް ދަތުރާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ! އަޅުގަނޑު ތިޔަބޭފުޅުންނާއެކީ ފަށާފައި މި އޮތް ދަތުރާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ! ކޮންމެ ރަށެއްގައި ކިތައް ކަންތޯ ނުވެއޮތީ؟ ހިތްޕުޅުގެ މައްޗަށް އެކަންކަން ގެންނަވާ! ކޮންމެ ރަށަކުން އިތުރު ކިތައް ކަންތޯ އަޅުގަނޑު ކައިރީގައި އެ ހުށަހަޅުއްވަނީ؟ އުއްމީދެއް އެބޭފުޅުންގެ އޮތީމާ ދޮގެއްތޯ. ކަންކަން ވާތަން ފެނުނީމާ ދޮގެއްތޯ.

 

އެހެންވީމާ، ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި، މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ! އެއްގޮތަކަށްވެސް، މިކަހަލަ ހޭލުންތެރި ރައްޔިތެއް، އެއްގޮތަކަށްވެސް ތިޔަބޭފުޅުންގެ މަސްއޫލިއްޔަތުން، ޒިންމާއިން ބަރީއަވެވަޑައިނުގަންނަވާ! އަޅުގަނޑުމެންނަށް އައިސް ތިޔަބޭފުޅުންގެ އަރިހުގައި، ކަންކަން ހިނގާފައި އޮތް ގޮތުގެ ވާހަކަ ދެއްކޭނެ. އަޅުގަނޑުމެން އައިސް މި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ދަންނަވަން، އިހުގައި ކަންތައް ހިނގައިދިޔަގޮތް. އަދި މިހާރު ކަންތައްތައް ކޮށްދޭނެ ކަމަށް ވަޢުދު ބުނަމުން، އެކިއެކި ވަޢުދުގެ ވާހަކަތައް ދައްކަމުން، ކަންކަން އޮޅުވައިލަމުން، ދޮގުހަދަމުން، މަކަރު ހަދަމުން ގެންދާ މީހުން ދައްކާ ވާހަކަ އެބަ ދައްކާ.

 

އަޅުގަނޑު މި ވާހަކައަށް ޖެހިލާއިރު، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށް ހަމަ ޝުކުރު ދަންނަވަން. ޚާއްޞަގޮތެއްގައި، ޢަބްދުއްރަޙީމް އަޅުގަނޑާ ދޭތެރޭގައި ވަރަށް އިޙްސާންތެރި ވާހަކަފުޅުތަކެއް ދެއްކެވި. އަޅުގަނޑަށް ވާހަކަ ފަސޭހަވެގެން އެބަދޭ. އެހެންވީމާ، ޢަބްދުއްރަޙީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޢަބްދުއްރަޙީމް އެ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް، އެ ވިދާޅުވާ ވާހަކަފުޅުގެ ތެރޭގައި، މިއަދު އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި ހިނގައިދިޔަ ލިޔެކިޔުންތަކެއް ފެނިއްޖެ ދޮގެއްތޯ. އަދި އެ ވާހަކަތައް އެހުރީ އޮންލައިން ނޫސްތަކުގައި ލިޔެފައި. ބްރޯއެއް ބްރޯއަކާ ދައްކާ ވާހަކަ. ރައީސް ޔާމީން ބޮލުގައި ކޮންމެވެސް ކަމެއް އަޅުވާ ވާހަކަ. މާތްކަލާކޯ! ރައީސް ޔާމީން މިއަދު މިހުރީ ހަމަ ހުރިހާ ކަމެއްވެސް ބޮލުގައި އަޅައިގެން. ދައުލަތް ހިންގަން ހުރި މީހަކު ވެއްޖިއްޔާ، ކަންކަން ބޮލުގައި އަޅާނެ.

 

އެކަމަކު އައްޑޫގެ ރައްޔިތުންވެސް، ހިތަދޫގެ ރައްޔިތުން، މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ވިސްނާވަޑައިގަންނަވާ! މީހެއްގެ ބޮލުގައި އިލްޒާމް އަޅުވައި، ކަންކަން އަޅުވާއިރު، ކޮންމެވެސް ޙައްދެއް އޮންނަންވާނެ. އަޅުގަނޑުމެން މިތިބީ ހަމަ އަދުތޯ، މާދަންތޯވެފައި ދޮގެއްތޯ. ޢިލްމުވެރިން ދޮގެއްތޯ ވިދާޅުވަނީ. ހަމަގައިމުވެސް މީހެއްގެ މަރަކީ، މީހާ އަރައިގެން ހުންނަ ފައިވާނުގެ ވަދާއި އެމީހާގެ ފަޔާ ދޭތެރޭގައި އޮންނަ ވަރަށްވުރެ ޖާގަ ކުޑަ ކަމެކޭ. ވަޓް އިޒް ސަރޓްން އިން ލައިފް އިޒް ޑެތް. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ޙަޔާތުގައި، އަޅުގަނޑުމެންނަށް ކަށަވަރުވާ އެއްޗަކީ އެއީ. ކޮންމެ މީހަކީ މަޙްޝަރުވާނޭ މީހެއްކަން. އަޅުގަނޑުމެން ވަރަށް ވަރުގަދައަށް މަސައްކަތް ކުރަން. ކޮންމެ މީހަކުވެސް ހިތަށްއަރާ، އޭނާއަކީ އަތް ފުޅާކޮށްފައި ހިނގާއިރު، ތިމަންނާއަކީ ވަރަށް ވަރުގަދަ މީހެކޭ. މާދަންނޫންކަންނޭނގެ، ވީލްޗެއަރގައި އިންނަންޖެހޭނީ. އަނެއް ދުވަހު ނޫންކަންނޭނގެ، ދާއިމީކޮށް އައި.ސީ.ޔޫ.ގައި ބޮއްތާލަންޖެހޭނީ.

 

 23 ވަނަ ދުވަހު މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ! އަޅުގަނޑަށް އެނގޭ، މިހާރުވެސް އެމީހުން ޑޮކިއުމެންޓްރީ ހަދައިގެން އުޅޭކަން. އަލްޖަޒީރާ މެދުވެރިކޮށްވެސް ޑޮކިއުމެންޓްރީ ހެދި ދޮގެއްތޯ. ﷲ އަބަދުވެސް ޙައްޤަށް ނަޞްރު ދެއްވާނެ. އަޅުގަނޑު މިއީކީ ތިޔަކަހަލަ ކަންކަމާ ޖެހިލުންވާނެ މީހެއްނޫން. އަޅުގަނޑުގެ އަބުރު ކަތިލަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެއްޖެ. އެތެރެއިންނާއި ބޭރުން. ފައިސާވެސް އެތެރެއިންނާއި ބޭރުން. އެކަމަކު އަޅުގަނޑު އަދިވެސް މިހުރީ ރައްޔިތުންގެ ކުރިމަތީގައި، ރައްޔިތުންގެ ޚިދުމަތުގައި.

 

އެކަމަކު މިހުރިހާ ތަނެއްގައި މިހުރިހާ މަސައްކަތެއް ކުރަމުންދާއިރު، އަޅުގަނޑު ދަންނަވާލާނީ، ރައްޔިތުންގެ ޒިންމާއެއް އެބައޮތް ނޫންތޯއޭ. ރައްޔިތުންގެ ޙިއްޞާއެއް އެބައޮތް ނޫންތޯއޭ. އަޅުގަނޑު މި ސިޓީ، ސިޓީއަކަށް ހަދަން މިކުރާ މަސައްކަތުގައި، ކުރީގެ ސަރުކާރުގައި، އައްޑުއަތޮޅަށް އެންމެ އަޅާލާކަމަށް އެ ބުނާ އެމް.ޑީ.ޕީ ސަރުކާރުގެ ތެރޭގައި، ތިން އަހަރު ވެގެންދިޔައިރު، މިތަނަށް ވެފައި އޮތް ކަމެއްނެތް. އަޅުގަނޑު ތަފާސް ހިސާބު، ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ދަންނަވާލާނަން. އެކަމަކު މި ސިޓީއަށާއި އަދި މި އަތޮޅުގައި ހުރި އެހެން ރަށްރަށަށް ބޭނުންވާ ކަންކަން މިއަދު ފުރިހަމަވެގެން އެދަނީ. ކޮބައިތޯ ރައްޔިތުންގެ ޒިންމާއަކީ؟ ރައްޔިތުންގެ ޒިންމާއަކީ މިކަންކަމާ ދޭތެރޭގައި ވިސްނުން. ރައްޔިތުންގެ ޒިންމާއަކީ، މިކަންކަމާ ދޭތެރޭގައި ހޭލުންތެރިވުން. ރައްޔިތުންގެ ޒިންމާއަކީ، ކުރީގެ ސަރުކާރުތަކުގައި ކަޑަޖަހަޔޭ. އެ ކަޑަތައް މޫލައި ގަސް ހެލޭއިރުވެސް، އެ ކަޑަތަކުގައި އަޅަންވާ ބިނާތަކެއް ނޭޅެޔޭ. މިއީ އަބަދު ރައްޔިތުން ދައްކާ ވާހަކަ. އަޅުގަނޑު ދައްކާ ވާހަކަ އެކަންޏެއް ނޫން މިއީކީ.

 

އެހެންވީމާ، ރައްޔިތުންގެ ޒިންމާއަކީ ކޮބައިތޯ؟ ރައްޔިތުންގެ ޒިންމާއަކީ، ޒިންމާދާރުކަމާއެކީ ކަންކަން ނިންމުމުގައި އަޅުގަނޑުމެންގެ ވިސްނުން އިސްކުރުން. އައްޑޫއަކީ ޚާއްޞަކޮށް، މީދޫ، ހިތަދޫ، މިތަންތަނަކީ ޚާއްޞަގޮތެއްގައި ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް އޮތް ތަނެއް. ކޮބައިތޯ މީގެ އަސާސަކީ؟ އެއްވަނަ ދުނިޔޭގައި، އެންމެ އިބްތިދާއީ ތަޢުލީމު، ނޫނީ އެންމެ ޕްރައިމަރީ ތަޢުލީމު ހިލޭކޮށްފައި މި އޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެހެން ހުރިހާ ތަޢުލީމީ މަރުޙަލާތަކެއް، އަގު ނަގައިގެން ކިޔަވައިދޭ ތަންތަން، އެއްވަނަ ދުނިޔޭގައި މިހުރީ ގިނަ ތަންތަނުގައި. ވަރަށް ތަނަވަސް ޤައުމުތައް ފިޔަވައި. ޕްރައިމަރީ އެޑިޔުކޭޝަން ހިލޭ އޮންނަންޖެހެނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެ ސަބަބަކީ އެ ކުއްޖާއަށް ޝައްކެއްވެސްނެތްގޮތުގައި، ކުރިއަށް އޭނާގެ ޙަޔާތް އާރާސްތު ކުރުމަށް ބޭނުންވާ ސްކިލްސް ދިނުން އެއީ އެއްކަމެއް. އެ ވާހަކައެއް ނޫން. މުޖުތަމަޢެއްގައި އޭނާގެ ޙިއްޞާއެއް އޮތުމަށްޓަކައި އޭނާއަށް ވޯޓުލާ ޢުމުރަށް އާދެވުނީމާ، ރަނގަޅާއި ނުބައި ވަކިކޮށްދިނުމަކީ، ކޮންމެ ދައުލަތަކުންވެސް ދެކެނީ، އެއީ ދައުލަތެއްގެ މައްޗަށް އޮންނަ ފަރްޟެއް ކަމަށް. އޮންނަ ވާޖިބެއް ކަމަށް. އެ ސަބަބުތަކަށްޓަކައި ޕްރައިމަރީ އެޑިޔުކޭޝަން ހިލޭވަނީ. މިއީ މީގެ އަސާސީ ސަބަބު. އަޅުގަނޑުމެން މިއަދު ސްކޫލަށް ކުދިން މިދަނީ ޓެބްލެޓް ހިފައިގެން. އަޅުގަނޑުމެން މިއަދު ޓީޗަރުންނަކީ، ފުރަތަމަ ޑިޕްލޮމާ އޮތް ޓީޗަރުންނަށްވޭ. އަންނަ އަހަރުގެ ނިޔަލަށް ކޮންމެ މަދަރުސާއެއްގެ ޓީޗަރަކީ، ފުރަތަމަ ޑިގްރީ އޮންނަ ޓީޗަރަކަށް އެބަވޭ. އެހެންވީމާ، އަޅުގަނޑުމެން މިދެނީ ޕްރައިމަރީ އެޑިޔުކޭޝަންތޯ؟

 

އެހެންވީމާ، ރައްޔިތުން އެބަޖެހޭ ދޮގެއްތޯ، ރައްޔިތުންގެ ޙިއްޞާއެއް މީގައި ދައްކަވަން. އަޅުގަނޑަށް އެނގޭ، މިރޭ މިތަނުގައި މި ތިއްބެވީ ހިތަދޫގެ ބޭފުޅުން، މައިގަނޑު ގޮތެއްގައި. ހުޅުދޫ މީދޫއަކުންނެއް މިތަނަކަށް މީހުންނަކަށް ނާދެވޭ. ވަރަށް ވަރުގަދަ ޖަލްސާއެއް އެބޭފުޅުން އިންތިޒާމު ކުރެއްވީ ހަވީރު. އެތަނުން އެބޭފުޅުން، އެބޭފުޅުންގެ ކޮމިޓްމަންޓް، ނޫނީ އެބޭފުޅުންގެ ޒިންމާ، ނޫނީ އެބޭފުޅުން ކުރައްވަން ޚިޔާލުކުރައްވާ ކަންތައްތައް، ނަންބަރުތަކުން، އަދަދުން ދައްކަވައިލެއްވި. ހަމަ އަޅުގަނޑަށް އެކަން މިތަނުން އެބަ ފެނިގެންދޭ. އެކަމަކު އަޅުގަނޑު އައްޑޫ ހިތަދޫގައި ދަންނަވާ ވާހަކައަކީ، ރައީސް ޔާމީނާއި، ރައީސް ޔާމީނުގެ ސަރުކާރުން ކަންތައްތަކެއް އެބަ ކުރެޔޭ. އެކަމަކު ތިޔަބޭފުޅުންގެ ފަރުދީ ޒިންމާ، ޖުމްލަގޮތެއްގައި ތިޔަބޭފުޅުން، އެ ޒިންމާ އުފުއްލަވާށޭ. އަޅުގަނޑުމެންނަށް އިންތިޚާބުތަކުގައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވާނެ މީހުން ނުދެއްވީމާ ވަނީ ކީއްތޯއޭ. މިތަން ސިޓީއަކަށް ހަދަން މިކުރި މަސައްކަތުގައި، ހަމަ އައްޑޫ ހިތަދޫގައި ދަންނަވާ ވާހަކައެއް މިއީ. ތިޔަބޭފުޅުން ވަޑައިގެން ހަމަ ކޮންމެ މީހަކާ ސުވާލުކުރައްވާ! މީގައި، ތިޔަބޭފުޅުން ހޮއްވަވާފައި ރައްޔިތުންގެ މަޖިލީހަށް ދެއްކެވި އެމް.ޑީ.ޕީ.ގެ އެއްވެސް މެންބަރެއްގެ ޙިއްޞާއެއް އެބައޮތްތޯ؟ އެމީހުންނާ ނުލައި މި ރަށްވެސް މިއޮތީ ތަރައްޤީކޮށްފައި. ދެން ކީއްކުރަންތޯ އެމީހުން އިތުރަށް ބޭނުންވަނީ؟ ދެން އެމީހުން އިތުރަކަށް ބޭނުމެއްނުވޭ.

 

އެހެންވީމާ، މިއީ ރައްޔިތުން ވިސްނާވަޑައިގަންނަވާ! މިއިން އެއްވެސް ކަމެއް ކުރުމުގައި، ތިޔަބޭފުޅުންގެ މުސްތަޤްބަލް އުޖާލާ ކުރުމަށް، ރަށަށް ބޭނުންވާ ތަރައްޤީ ގެނައުމަށް، ރައްޔިތުންނަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމަށް، ރައްޔިތުންނަށް ނަރުދަމާ ނިޒާމެއް ޤާއިމުކޮށްދިނުމަށް، ރައްޔިތުންގެ މަގުތައް ހެދިގެންދާއިރު، މިއީ ޝަރަފުވެރިކަމާއެކީ ތިމަންނާގެ ޙިއްޞާއެއް އޮތޭ ބުނެވޭނެ ހަމަ އެކަކުވެސް ނުތެދުވާނެ. އެއީ ހަމަ އެމް.ޑީ.ޕީ.ގެ ހުރިހާ މެންބަރުން. އަދި މިހާރު ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް، އެންމެންނަށްވުރެ ބޮޑަށް ޝާމިލުވާގޮތަށް އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާ ގޮންޖެހުމެއް މިއީ. ރައްދުކުރާ ގޮންޖެހުމެއް މިއީ.

 

އެހެންވީމާ، ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި އެބަ ވިސްނަންޖެހޭ ނޫންތޯ. އަޅުގަނޑަށް އެނގޭ، ވޯޓާ ހަމަޔަށް އަންނައިރު، ދެން އެމީހުން ކޮށްފައި ނުކުރާނެ ކަމެއްވެސް ނޯންނާނެކަން. މިހާރު އޭގެ ކޮޅުމަތި އެބަ ފެނޭ. ކޮންމެފަދަ ވާހަކައެއް ދައްކާނެ. ކޮންމެފަދަ ޑްރާމާއެއް ކުޅޭނެ. ކޮންމެފަދަ ފިލްމެއް، މޮޅު ތަންތަނުން އެމީހުން ހަދާނެ. އަޅުގަނޑު ހަމަ މިއަދުވެސް ހިތްދަތިކަމާއެކީ ހިތަށްއަރާ. 23 ގައި މި ނަގާ ވޯޓަކީ ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބެއްބާވައޭ. ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބެއްތޯ މިއީ. ނޫނީވިއްޔާ މިއީ ބޭރު އެހެން ޤައުމުތަކުން، އެމީހުން ބޭނުންވާ ގޮތަށް ބާއްވަން ބޭނުންވާ އިންތިޚާބެއްތޯ؟ ކީއްވެގެންތޯ، މިތަނުގައި ދެންމެ ލަވަ ހުށަހަޅައިދިން ޒުވާން ކުއްޖާ، އޭނާގެ ޚިޔާލަށް މިކަން ނުގެންނަންވީ؟ ކީއްވެގެންތޯ، މިތާ ތިޔަ ތިއްބެވި ހަރުދަނާ ބޭފުޅުން، ދޮށީ ރައްޔިތުން، ޚިދުމަތްތެރި ބޭފުޅުން، ޒުވާނުން މިކަން ހަނދާނަށް ނުގެންނަންވީ؟ މި ދިވެހިރާއްޖެ މިނިވަންކަންމަތީގައި، އިސްތިޤްލާލުގައި އަޅުގަނޑުމެން ދަމަހައްޓައި، އަޅުގަނޑުމެންގެ ޤައުމަކީ ކަރާމާތްތެރި ޤައުމަކަށް ހަދަން ބޭނުންނުވަނީތޯ؟ އަޅުގަނޑުމެންގެ ރާއްޖެއަކީ މި ސަރަޙައްދުގައި ކުރިއަރާފައި އޮތް، ތަރައްޤީވެފައި އޮތް އެންމެ ކުރީގައި އުޅޭ ޤައުމަށް ހަދަން އަޅުގަނޑުމެން ބޭނުންނުވަނީތޯ؟ އަޅުގަނޑުމެން މި ހުރިހާ ދޮގުތަކެއް ހަދައި، މި ހުރިހާ ނުބައި ކަންތައްތަކެއް ކުރަން ހިތްވަރުދިނީމާ، ދެން އަޅުގަނޑުމެންގެ ޖީލު މި ބިނާކުރަނީ ކިހިނެއްތޯ؟ 

 

އައްޑުއަތޮޅުގައި ހުރެގެން މި ވާހަކަ ދައްކަން ހަމަ ވަރަށް ޙައްޤުކަންބޮޑު. ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމާއެކީ، ދެން ކިހިނެއް، ކޮންތަނެއްތޯ ފެނުނީ؟ މިތާ ކިތައް އިމާރާތްތޯ އަނދާ އަޅިޔަށްވީ؟ މިތާ އެބަ ތިއްބެވިތޯ، ވަރި ކައިވެނީގެ ސެޓްފިކެޓް ނެތް ބޭފުޅުން؟ ހަމަގައިމުވެސް އަޅުގަނޑު ހިތަދޫން ގޯތިދޭން ކުރި މަސައްކަތުގައި، ގޯތީގެ ފަތް ނެތް މީހުން މިތާ ތިބި. އެކަމަކު އިރާދަކުރެއްވިއްޔާ އެމީހުންނަށްވެސް އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ގޯތިވެސް ދީފީމު. މިއީ ތަރިކައެއް ނޫންތޯ؟ މި ތަރިކަ މިގޮތަށް އަމުދުން ނައްތާލީމާ، ދެން އަޅުގަނޑުމެން ކީކޭތޯ އެއަށް ކިޔާނީ؟ އަނިޔާ ނޫން ކޯއްޗެކޭތޯ ކިޔާނީ؟ ފުލުހުންނަށް ލިބުނު ގެއްލުން. ފުލުހުންނަށް އެކަނި ލިބުނު ގެއްލުމަށް ބަލައިލާ ކަމަށްވަންޏާ، ކޯޓުތަކަށް ގެއްލުން، ފަންސާހަކަށް މިލިއަން. ފުލުހުންނަށް ލިބުނު ގެއްލުން، ސަތޭކަ ބާރަ މިލިއަން. މިއީ ތަހުޒީބެއް ހަލާކުކޮށްލީ. މިއީ މަދަނިއްޔަތެއްގައި ރެނދު އަޅުވައިލީ. މި ހުރިހާ ކަމެއް އަޅުގަނޑުމެން މިއަށް ހޭދަކޮށްގެން ކުރަން ނުޖެހުނުނަމަ، މި ސަތޭކަ ހަތްދިހަވަރަކަށް މިލިއަން ރުފިޔާއަކީ، މިތަނަށް އިތުރަށް ތަރައްޤީ ކުރަން ހުރި ފައިސާ ދޮގެއްތޯ. ކީއްވެގެންތޯ ރައްޔިތުން މިކަންކަމާ ދޭތެރޭގައި ނުވިސްނަނީ؟

 

އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިވެރިންނަކީ ކޮންމެފަދަ ފިލްމެއްވެސް ހަދާނެ ބައެއް. މިވެރިންނަކީ ކޮންމެފަދަ ކަމެއް ކުރާނެވެސް ބައެއް. ހިތްދަތިވާ ކަމަކީ މިފަދަ މީހުންނާއެކީ، އަޅުގަނޑުމެންގެ ޤައުމަށް ޚިދުމަތް ކުރެއްވި އަދި އަޅުގަނޑުމެންނަށް މަގު ދައްކަވަން ތިއްބެވި ޢިލްމުވެރިންނާއި، ތަންދޮރު ދަންނަ، ފުންނާބު އުސް ބޭފުޅުން ކަމަށް ވިދާޅުވާ ބޭފުޅުން. މާފު ކުރައްވާ! ފުންނާބު ނޫން އެއްޗެއް އުސްނޫން ކަމަށް ވިދާޅުވާ ބޭފުޅުން މީގައި ބައިވެރިވާތީ.

 

މޭ ޑޭގެ މުޒާހަރާ. ރައީސް ޔާމީންގެ ވެރިކަން ފެށިގެން ދިޔައީ ކިހާ އަމާންކަމާއެކީތޯ؟ 2014 ވަނަ އަހަރު ދިޔައީ ކިހާ އަމާންކަމާއެކީތޯ؟ އަޅުގަނޑު ބުނަމުންދިޔައީ ކީކޭތޯ؟ އަޅުގަނޑު ބުނަމުންދިޔައީ، އަޅުގަނޑު މިއީކީ މާޒީ ހާވާނެ މީހެއްނޫނޭ. އަޅުގަނޑު ބޭނުމެއްނޫނޭ މާޒީ ހާވާކަށް. ކޮނުނު ކޮނުނުހެން ފަސްގިނަވާނޭ ބުނާ އުޞޫލުން މާޒީ ހާވަން ބެލިނަމަ، އެމީހުންގެ މާޒީއާ ބެހޭގޮތުން ތިމަންނާއަކީ އަބުރުވެރިޔެކޭ، ތިމަންނާއަކީ މުރުއްވަތްތެރިއެކޭ ބުނެވޭވަރުގެ ހަމަ އެކަކުވެސް އެތާކު ނެތް. އަދި މިހާރުވެސް އެމީހުންނާ އެއް އޮޑީގައި ތިބޭ މީހުންނަކަށް މި ވާހަކަ، ދިވެހި ރައްޔިތުންނަށް ވިސްނޭވަރަކަށް، ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަކަށް އެބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ. އަދި އެބޭފުޅުންގެ ފަރާތުން ވާހަކަ ދައްކަވަން މިއަދު ޕޯޑިއަމްތަކުގައި ހުއްޓި ވަޑައިގަންނަވާ ބޭފުޅުންނަށް އަމުދުން އެކަން ސާބިތުނުކޮށްދެވޭނެ. އެތާ އެތިބީ އަމިއްލަ އެދުމުން ފޯވެފައި ތިބި ލީޑަރުން. އެތާކު ނެތް، ފެއްސާއި ރަތާއި ހުދު ހިފައިގެން، ރައްޔިތުންގެ ކުރިމައްޗަށް އައިސް، މިއައީ ރައްޔިތުންނަށް ޚިދުމަތް ކުރާށޭ ބުނަން ކެރޭވަރުގެ މީހަކު. ކެރޭވަރު މީހަކު ހުރެއްޖެ ކަމަށްވަންޏާ، މިތަނަށް ވަޑައިގެން އަޅުގަނޑާއެކީ މި ޕޯޑިއަމްގައި ޑިބޭޓް ކުރައްވާ! އޭރަށް ކަންކަން ހިނގާފައި ހުރިގޮތް މީހުންނަށް އެނގޭނީ. އެހެންވީމާ، އެބޭފުޅުންގެ ތެރެއަކު ނެތް، އެކަހަލަ އިޚްލާޞްތެރި މަސައްކަތެއް ކުރެއްވި ބޭފުޅުންނެއް. މިއަދު ހަމަގައިމު އެ ތިއްބެވީ، އެ އޮޑީގައި އެ ތިއްބެވީ އެކަހަލަ ބޭފުޅުން.

 

އައްޑޫސިޓީގައި ނޫންތޯ އަޅުގަނޑު ބުނަންވީ. އައްޑޫސިޓީގެ ބޭފުޅެއް ދޮގެއްތޯ. ތިޔަބޭފުޅުންގެ އުއްމީދުތަކެއް އެބޭފުޅަކާ ވަރަށް ގުޅިފައި ހުރި ބޭފުޅެއް ދޮގެއްތޯ، ރައީސް މައުމޫން ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑޮކްޓަރ ޙަސަން ސަޢީދަކީ. އެކަމަކު ޅަކަމުގެ ތެރޭގައި، އޭނާވެސް ހަމަ މުޅިން މަގުއޮޅިގެން ގެއްލުނީނޫންތޯ. ވަރަށްގިނަ އައްޑޫ ރައްޔިތުން، އެބައެއްގެ އުއްމީދު، އެބޭފުޅަކާ ހަވާލުކުރި ބޭފުޅެއް އެއީ. ކީކޭތޯ ވިދާޅުވީ ރައީސް ނަޝީދު؟ ރައީސް ނަޝީދު އިންތިޚާބުގެ ތެރޭގައި ވިދާޅުވި. ތިމަންނާ މިއީކީ ވެރިކަންކުރާހިތްވާ މީހެއް ނޫނޭ. ތިމަންނާއަކީ ލިޔުންތެރިއެކޭ. ނޫން ގޮނޑިދުއްވާ ބޭފުޅެއް އެއީ. ލިޔުންތެރިއެކޭ ވިދާޅުވެފައި، ދެން ކުރެއްވީ ކީއްތޯ؟ ވާހަކަ ދައްކަވަމުން ވިދާޅުވި. ތިމަންނާ ނެތީމޭ ރައީސްކަން ކުރާކަށެއް. ތިމަންނާ ރައީސްކަން ހޯދަން މި ބޭނުންވަނީ، ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނާށޭ. އޭގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ، ތިމަންނާ ދިވެހި ރައްޔިތުންނަށް ކޮށްދޭނެ އެންމެބޮޑު ޚިދުމަތަކީ، ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް މައުމޫން ޖަލަށްލުމޭ. އިންތިޚާބުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫގައި ވިދާޅުވި. އައްޑޫގެ ރައްޔިތުންގެ ތާއީދާއި، އައްޑޫ ރައްޔިތުންގެ ވޯޓު ހޯއްދެވުމަށްޓަކައި އެކަނި ވިދާޅުވީ، ތިމަންނާ ހޮވިއްޖެ ކަމަށްވަންޏާ، ތިމަންނާގެ ފަސް އަހަރުގެ ތެރޭގައި، މިޑް-ޓަރމް އިލެކްޝަނެއް ބާއްވާނަމޭ. ތިމަންނާ ނެތީމޭ ވެރިކަމުގައި ފަސް އަހަރު ހޭދަކުރާކަށް. އެހެން ވިދާޅުވާއިރުވެސް، އޭނާގެ މަކަރުވެރިކަން އޭނާއަށް އެނގޭނެ. ﷲގެ ނިންމެވުން އެއަށްވުރެ މާ ކުޅަދުންވަންތަ. ހަމަ ޙަޤީޤަތުގައިވެސް އޭނާ މިޑް-ޓަރމުން ޖެހުނީ ފައިބައިގެން ހަމަ ސައްޕެއް ޖަހާފައިހެން ދާން. އެއީ ﷲގެ ނިންމެވުން. އޭނާހުރީ ފައިބާކަށްނޫން. އެކަމަކު އެތައް ރައްޔިތެއްގެ ކުރިމަތީގައި އޭނާ ދެއްކި ވާހަކަވީ. ޙަސަން ސަޢީދަށް ކިހިނެއްތޯވީ؟ ހަމަ މި އޮޑީގައި މިގޮތަށް ޣާފިލުވެގެންދިޔައީ.

 

އެހެންވީމާ، އެމީހުންނަކީ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ބައެއް. ކޮންމެފަދަ އޮޅުވާލުމެއްވެސް އޮޅުވާލަފާނެ ބައެއް. އައްޑޫގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއް. އައްޑޫގެ ރައްޔިތުންނަކީ ތަޢުލީމީ ބައެއް. އައްޑޫގެ ރައްޔިތުންނަކީ ކުރިއަށްދާން ބޭނުންވާ ވިސްނުމެއް ހުރި ބައެއް. ކުރިއަށް ދިޔުމުގެ ކެރުންތެރިކަމާއި، ފޯރުންތެރިކަމާއި، ޤާބިލުކަން ހުރި ބައެއް. ޝައުޤުވެރިކަން، ޝައްކެއްވެސްނެތްގޮތުގައި ހުރި ބައެއް. ދެން ކީއްވެގެންތޯ، އަޅުގަނޑުމެން މިކަންކަމުގައި ނުވިސްނަންވީ؟ ރައީސް ޔާމީނާއެކީ އުޅޭ ޓީމުން މަސައްކަތްތަކެއް އެބަ ކޮށްދޭ. ކޮބައިތޯ ރައްޔިތުންގެ ޒިންމާއަކީ؟ ކޮބައިތޯ ފަރުދުންގެ ޒިންމާއަކީ؟ ވޯޓާ ކައިރިކޮށްފައި ބަހާ އެކިއެކި ހަދިޔާއަށް އަޅުގަނޑުމެން ޣާފިލުވެގެން ދިޔުންތޯ؟ އެހެންވެއްޖިއްޔާ އަޅުގަނޑުމެން ޣާފިލު އެވަނީ މުޅި ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ޣާފިލު އެ ވެވެނީ. އަޅުގަނޑު މި ވާހަކަ ދައްކަނީ، މިހާރުވެސް އެބޭފުޅުންގެ ފަރާތުން ރަށްރަށުގައި މީހުން ތިބެގެން ފައިސާ ބަހަމުންދާތީ. އެކަމަކު އަޅުގަނޑަކާ ގުޅޭ ކަމެއްނޫން، މީސްމީހުންގެ ނަން ކިޔުން އެއީ. އަޅުގަނޑު ޢާއްމުކޮށް މިހެން ބުނާ ވާހަކައެއް ބުނާނަން. އެކަމަކު މީސްމީހުންގެ ނަން ކިޔުމަކީ އަޅުގަނޑު ކުރާ ކަމެއްނޫން.

 

އެހެންވީމާ، އައްޑޫގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. މި މީހުންނަކީ ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ބައެކޭ. ކޮންމެފަދަ އޮޅުވާލުމެއްވެސް އޮޅުވާލާފާނެ ބައެކޭ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެކޭ. ކޮބައިތޯ މޭ ޑޭގެ މުޒާހަރާ؟ ކޮބައިތޯ މޭ ޑޭގެ މުޒާހަރާގައި އޭރު އަޑު އުފުލަމުން ގޮވި ވާހަކަ. އެއީ ކާކު ފަންޑުކޮށްގެން ހިނގި ކަމެއްތޯ؟ މިއަދު ރައްޔިތުންގެ ކުރިމައްޗަށް މި ލީޑަރުން ވަޑައިގެން ވިދާޅުވެބައްލަވަ، ތިމަންނާމެން ފަންޑުކުރި ކަމެއް ނޫނޭ އެއީ. މިއަދު އެބޭފުޅުން، އެބޭފުޅުންނަށް އަޅުގަނޑު މިކުރާ ބަދުނާމުން ބަރީއަވުމަށްޓަކައި މިއިން އެއްވެސް ވާހަކައަކަށް ރައްދު ދެއްވަބައްލަވަ! ނުދެއްވޭނެ. ކެރިވަޑައެއްނުގަންނަވާނެ. މޭ ޑޭގެ މުޒާހަރާގައި ކިހާ ބައިވަރު ކިތާބީ ހެކި، މީހުންގެ އަތުގައި ހުރިތޯ؟ މިހިރީ އަތުގައި ހުރި ކިތާބީ ހެކި. މިވެނި މީހެއްގެ މަރާ ރައީސް ޔާމީނާ ގުޅޭ މިންވަރު. މިފަދަ ކަންތައް މިމީހުން ކުރާއިރު، ދިވެހި ރައްޔިތުން ހޭލަންވެއްޖެ ނޫންތޯ. އަޅުގަނޑުމެންނަކީ ތެދުވެރިކަމަށް ލޯބިކުރާ ބައެއް ނޫންތޯ. މިކަހަލަ ކަންކަމުގައި އަޅުގަނޑުމެން ހޭލުންތެރިނުވާ ކަމަށްވަންޏާ މިވަނީ ކީއްތޯ؟ އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމަށް އިޚްލާޞްތެރިކަމާއެކީ ރައްޔިތުންގެ މަޞްލަޙަތަށް، ރައްޔިތުންގެ ތަރައްޤީއަށް، ރައްޔިތުންދެކެ ލޯބިވެގެން ވެރިކަންކުރާ މީހުން ވަރަށްމަދުކަން އެބަ އެނގޭ. އެ އެނގޭގޮތަކީ، ހަމަ ވެރިކަމުން ވަކިވާ ހިސާބުން، އޭނާހުރި މަސްއޫލިއްޔަތުން ވަކިވާ ހިސާބުން އޭނާ ހަމަ ކުލަ، އެއްކުލަ އަނެއް ކުލައަށް ބަދަލުވެގެން މިދަނީ. ސަތޭކަ އަށްޑިހަ ޑިގްރީއަށް މީހާ ބަދަލުވެގެން މިދަނީ. އަޅުގަނޑުމެން ކުޑައިރު އަޑުއަހަނީ، ޖޭމްސް ބޮންޑް އަޅާ ގަޑީގެ ކަމަރުގެ ކުލަ، ކޮންމެ ދުވަހަކު އެކި ކުލަޔަށް ބަދަލުވެގެންދާ ވާހަކަ. ނޫން. ސިޔާސީ ބޭފުޅުންގެ ވިސްނުންފުޅު އެނބުރިގެންދަނީ. އިރުން އިރު އަރާފައި، ހުޅަނގުން އިރުއަރާ ދުވަސް، އެބޭފުޅުންނަށް އަންނަލެއް މަދެއްނޫން. މިއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ޙާލަތު. އެހެންވީމާ، މިއީތޯ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ؟ މިއީތޯ ރައްޔިތުންދެކެ ލޯބިވުމަކީ؟

 

އެހެންވީމާ، އައްޑޫގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ހިތަދޫގައި މި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޒިންމާއެއް އެބައޮތް ނޫންތޯއޭ. މި ޤައުމަކީ އަމާން މުސްތަޤްބަލެއް އޮތް ޤައުމަކަށް ހަދަންޖެހޭނޫންތޯއޭ. މިއީ އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް ކޮށްދޭ ކަމެއް. މާމަ، ކާފަޔަށް ކޮށްދޭ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ ތަންމަތިން އަދި ނުފައިބާ ކުޑަކުދިންނަށްވެސް ކޮށްދޭ ކަމެއް ނޫންތޯ މިއީ. ކިތައް މީހުންތޯ އަބަދު އަންނާނީ ސިޔާސީ ލީޑަރުންގެ ގޮތުގައި ޚިދުމަތް ކުރަން؟ އެންމެމަތީ މަޤާމުގައި ޚިދުމަތް ކުރުމަކީ ޝަރަފެއްތޯ؟ ކަރާމާތެއް އޮތް ކަމެއްތޯ؟ އަބުރެއް އޮތް ކަމެއްތޯ؟ ޢިއްޒަތެއް އޮތް ކަމެއްތޯ؟ ނޫނީވިއްޔާ ރައްކާތެރިކަމާއެކީ މީހަކަށް އޭނާގެ ދައުރު އަދާކުރުމުގެ ފުރްޞަތު ލިބޭތޯ؟ މިހިސާބަށްތޯ ދިވެހިރާއްޖޭގެ ކަންތައްތައް ދާންވީ؟ މިހިސާބުގައި ދިވެހިރާއްޖޭގެ ކަންތައްތައް އަދު މިހިރީ. މިގޮތުގައިތޯ އަޅުގަނޑުމެން ކުރިއަށްދާނީ؟ ކޮންއިރަކުންތޯ އަޅުގަނޑުމެން ވިސްނާނީ؟

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިތިބީ ހޭލާތޯއޭ، ހޭލުންތެރިތޯއޭ. ރައްޔިތުންގެ ފަރުދީ ޒިންމާއެއް ނެތީތޯ؟ ލާރި ހުރިއްޔާ، ކަންކަން ކުރަން އެނގޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އިމާރާތްތައް ނަގައި ކޮޅަށްޖެހިދާނެ. ފަންސަވީސް ބުރިއަށް ނޫނީ ތިރީސް ބުރިއަށް ޖެހިދާނެ. ބްރިޖްވެސް ކޮންމެ ދެ ރަށެއްގެ ދޭތެރޭގައިވެސް އިރާދަކުރެއްވިއްޔާ އެޅިދާނެ. އެކަމަކު އަޅުގަނޑުމެންގެ ނަފްސުގެ ކުރިއެރުމަށް އެއްވެސް ކަމެއް އެބަވޭތޯ؟ އަޅުގަނޑުމެންގެ ސިކުނޑި ހޭލާތޯ އެބަ. ކީއްކުރަންތޯ މި ހުރިހާ ތަޢުލީމެއް، އަޅުގަނޑުމެން މި އުނގަންނައިދެނީ؟ މި ހިތަދޫއަކީ އެންމެ މަޝްހޫރު ތަޢުލީމީ މަރުކަޒުތައްވެސް ހުރި ތަން. އައްޑުއަތޮޅުން އުފައްދައިފި، އެންމެ ޢިލްމީ، އެންމެ ޤާބިލު ބޭފުޅުންވެސް. ބޮޑެތި ޝައިޚުން، ދަންނަ ބޭކަލުން މީދޫންވެސް އުފައްދައިފި. ހިތަދޫން އުފައްދައިފި، އެފަދަ ޢިލްމުވެރި ބޭފުޅުން. ދެން ކޮންއިރަކުންތޯ، އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ވިސްނަންވީ؟ އަޅުގަނޑުމެން ހަމަ ޅައީތޯ ވިސްނަން. އަޅުގަނޑުމެންގެ ހަމަ ޒިންމާއެއް ނެތީތޯ؟ މިކަހަލަ ކަންތައްތައް މިހެން ދޫކޮށްލީމާ މިވަނީ ކީއްތޯ؟ ކޮބައިތޯ ކުރީގައި. ކުރީގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވި. ރައީސް ނަޝީދު ވެރިކަމަށް އަންނަން ކުރެއްވި މަސައްކަތާއި، އަދި އޭގެފަހުން ވެރިކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ތެރޭގައި، މުޅި ރާއްޖެ ނާމާންވެއްޖެއޭ. މުޅި ރާއްޖޭގެ އިޖުތިމާޢީ ފޭރާން ބާގަނޑު އަޅައި، ވީދި ކުދިކުދިވެއްޖެއޭ. ކޮބައިތޯ އެބޭފުޅުން މިއަދު؟ ހުރިހާ ބާގަނޑުތައް ބައްދަނީތޯ އެ. ކޮންމެ ބާގަނޑަކުން އެއިން މީހަކު ނުކުންނަ ތަން މިއަދު މި ފެންނަނީ. އެ ވާހަކަ ދެއްކި މީހުން މިއަދު ކޮބައިތޯ؟ ގަބޫލުކުރައްވާ! މިގޮތަށް ކުށަށް އަރައިގަންނަން ޢާއްމު ފުރްޞަތު އަޅުގަނޑުމެން ދޭކަމަށްވަންޏާ، އަދި މިކަހަލަ ބޮޑެތި ކަންކަން ކުރާ މީހުން ދައްކާ ވާހަކަ ސީރިއަސްކޮށް ނުނަގާކަމަށްވަންޏާ، ދިވެހިރާއްޖޭގައި ކުށް ޢާއްމުވެގެންދާނެ. ކުށް ޢާއްމުވެގެންދާނެ. ބޮޑެތި ކުށް ކުރާނެ. ކޮންމެ ޙައްޤަކަށް އަރައިގަންނަން ޖެހިލުމެއްނުވާނެ. އެއީތޯ، އަޅުގަނޑުމެންގެ ދަރިން މި ތަރުބިއްޔަތު ކުރަނީ، އެ ބޭނުމަށްތޯ؟ ޔުނިވަރސިޓީއަށް ކިޔަވައިދޭން މަންމަ، ބައްޕަގެ، ރައީސް ނަޝީދު ވިދާޅުވާގޮތުން ވެއްޖިއްޔާ، ފަށްޓަރުބައި ވިއްކާފައިވެސް ލާރި ހޯދައިގެން، އެކަން ކުރާނެ. އެކަމަކު އެ ކުއްޖާ ޑިގްރީ ހަދައިގެން އައިސް، ނޫނީ އެމް.ބީ.ބީ.އެސް ޑޮކްޓަރަކަށް ވެގެން އައިސް، ސްޕެޝަލައިޒްޑް ވުމަށް ދިޔުމުގެ ކުރިންތޯ، އެ ކުއްޖާ މަރުވާންވީ؟ އެއީ އަޅުގަނޑުމެންގެ ޙާލަތަކީ؟ މިހާ ދޫކޮށް، މިހާ ދޯހަޅިކޮށް މިކަހަލަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނީމާ، މިއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބަނަކުރަނީ. ނާމާންކުރަނީ. އަޅުގަނޑުމެން ހިންގަވާ އަބާއްޖަވެރިންނަށް ނުވާން. އަޅުގަނޑުމެން އަބާއްޖަވެރިންނަށް ނުވާންވީ ހަމައެކަނި ދީނީ ކަންކަމުގައި އެކަންޏެއްނޫން. އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގައިވެސް އަޅުގަނޑުމެން ކުރާ ކަންކަމުން އަބާއްޖަވެރިކަން ހޯދަން އެއްގޮތަކަށްވެސް މަސައްކަތްކުރާކަށް ނުވާނެ. ހޭލުންތެރިވާންޖެހޭ. ހޭލަންޖެހޭ.

 

މިއަދު އެބޭފުޅުންގެ މެނިފެސްޓޯގައި އެބަ ވިދާޅުވޭ ވަރަށް ބާރުލައްވާފައި އަޑަށް. ތިމަންނާމެންގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރެކޭ. އަދި އެބަ ވިދާޅުވޭ، ޒުވާނުންނަށް ފުރްޞަތު ދޭނަމޭ. އަދި ވިދާޅުވާ އެއް ވާހަކަ އެބައޮތް. ޒުވާނުންގެ ތެރޭގައި ފަންނުވެރި ޒުވާނުން އެބަތިއްބޭ. އެމީހުން އެ ފަންނުތަކުގައި ކުރިއަށްދާން ބޭނުން މިންވަރަކަށް ތިމަންނާމެން ދޮރު ހުޅުވާލަދޭނަމޭ. ކީކޭތޯ މި ބުނަނީ؟ މިއިން އެއްވެސް އެއްޗެއްގައި އޮށްޓަރެއް އެބަހުރިތޯ؟ މިއިން އެއްވެސް އެއްޗަކީ ޓެންޖިބަލް އެއްޗެއްތޯ؟ މިއީ ޢާއްމު ވާހަކަތަކެއް ނޫންތޯ. އެކަމަކު އެހެންތޯ. ތިޔަކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަކީ، 2019 ވަނަ އަހަރުގެ ނިޔަލަށްދާއިރު، ކުޑައެއް، ބޮޑެއް، ދުރެއް، ކައިރިއެއް ނެތޭ. އެންމެ އެކަހެރިކޮށް އޮންނަ ރަށުގައިވެސް، ކޮންމެ މުދައްރިސަކީ ފުރަތަމަ ޑިގްރީ ހާސިލުކޮށްގެން ހުންނަ މީހެކޭ ބުނީމާ، އެއީ ކޯއްޗެކޭކަން ބުނަނީ އެބަ އެނގޭ. އެކަމަކު އޭގެ ބަދަލުގައި މި ބުނަނީ ކީކޭތޯ؟ ދިވެހި ޒުވާނުންގެ ތެރޭގައި ފަންނުވެރި ކުދިން އެބަތިއްބޭ. އެކުދިން އެ ފަންނުން ދާން ބޭނުންވާ ދިމާއަކަށް، ހުރިހާ ދޮރުތަކެއް ހުޅުވާލަދޭނަމޭ. މާތްކަލާކޯ! ދިވެހިރާއްޖޭގެ ހުރިހާ ދޮރެއް އަބަދު މިއޮތީ ހުޅުވިފައި. ހުޅުވިފައި ހުރި ދޮރުތައް ގިނަކަމުން އަޅުގަނޑުމެންނަށް ބޭރުގެ ނުފޫޒުތައް މިތަނަށް މި ވަންނަނީ. އެހެންވީމާ، ދޮރު އިތުރަށް ހުޅުވާނެ ކަމެއްނެތް. ދޮރު ބަންދުކުރެވޭތޯ ބަލަންވީ.

 

އަޅުގަނޑު މި ދަންނަވާލީ އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖޭގެ އިންތިޚާބެއްގައިތޯއޭ. މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ! ކީއްވެގެންތޯ ބޭރުގެ ޤައުމުތަކުގެ އިސްތިޢުމާރީ ބާރުތަކަށް، ދިވެހިރާއްޖޭގެ މި އިންތިޚާބު، އެހާ އެމީހުންނަށް ބާރުކުރާ ކަމަކަށް، އަސަރުކުރާ ކަމަކަށް ވެގެން މިއުޅެނީ؟ އަޅުގަނޑުމެންނަށް ފެނިއްޖެ ދޮގެއްތޯ، އޭގައިވެސް ހެދި މަކަރު. އަޅުގަނޑުމެންނަށް ފެނިއްޖެ. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ޔޫރަޕިއަން ޔޫނިއަންގެ ނަމުގައި މިތަނަށް އައިސް، ޔޫރަޕިއަން ޕާލަމެންޓުގެ ނަމުގައި މިތަނަށް އައިސް ކުރި މަސައްކަތުގައި، ދެންވީ ކިހިނެއްތޯ؟ އެނބުރި އެމީހުން ރަށަށް ދިޔައިމާ، ދެން ކީއްތޯވީ؟ އެމީހުންނަކީ ދެން މިކަހަލަ އެއްވެސް އިންތިޚާބެއް ވޮޗް ކުރަންވެސް ނާދެވޭވަރު މީހުންނަށް ހަދައި ޕާލަމަންޓުން އެއޮތީ ފިޔަވަޅު އަޅާފައި. އެހެންވީމާ، އެބަ އެނގޭ، މިއުޅެނީ ވަކި ބައެއްގެ އޭޖެންޓުންތަކެއްކަން. މިއީ އެކުރާ މަސައްކަތަކީ. އެހެންވީމާ، ކޮންމެފަދަ ކަމެއްވެސް ކުރާނެ ނޫންތޯ. ކޮންމެ ވާހަކައެއްވެސް ދައްކާނެ. ކޮންމެ ކަމެއްވެސް ރައީސްގެ ބޮލުގައި އަޅުވަން މަސައްކަތް ކުރެވިދާނެ.

 

އެހެންވީމާ، މިތިބަ މީހުންނަކީ ދެން އެމީހުންނަކަށް އިތުރަކަށް ގެއްލޭނެ އަބުރެއް އޮތް ބައެއްނޫން. އިތުރަކަށް ގެއްލޭނެ މުސްތަޤްބަލެއް އޮތް ބައެއްނޫން. މީގެތެރެއިން ބައެއް މީހުންނަކީ، އެމީހުން އަދި އެއްފަހަރު ނުކުތަސް، އެމީހުންގެ ހުރި ޙުކުމްތަކަށް ބަލާކަމަށްވަންޏާ، ތިރީސް ފަސް އަހަރުގެ ޙުކުމް މިހާރުވެސް އޮތް. އަދިވެސް އިތުރު ޙުކުމްތައް އަންނަން، އެމީހުންގެ ޤަޟިއްޔާތައް ހިނގަހިނގާ، ޝަރްޢީ ކޯޓުތަކުގައި ހުރި މީހުން. ދެން މި މީހުން ކޮން ވާހަކައެއްތޯ ނުދައްކަންވީ؟ އެއިން މީހެއްގެ އަބުރެއް، ޢިއްޒަތެއް ނެތިއްޔާ، ދެން ކޮންކަމަކާތޯ ބަލަންވީ، އެހެން މީހެއްގެ އަބުރެއް، ޢިއްޒަތެއް އޮތްތޯ. އެކަމަކު ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަކީ، މިތަނުގެ މަދަރުސާ ޓީޗަރަކީވެސް އަބުރެއް އޮތް މީހެއްކަން. އޭނާގެ އަބުރު ނަގާލައިފި ކަމަށްވަންޏާ ކިހިނެއްތޯވަނީ؟ އޭނާއެއް ދެން ނުނުކުންނާނެ ސްކޫލަކަށް. އެންމެ ޑިސްޓިންގްއިޝްޑް ފިޒިކްސް ޓީޗަރު. އަންހެން ޓީޗަރެއް. އޭނާއާ ބެހޭގޮތުން ރޯ ބުހުތާން ވާހަކަ ހަދައިގެން ނެރުނީ. މިތާ ސްކޫލުން އެ ގެއްލުނީ އެންމެ ޑިސްޓިންގްއިޝްޑް ފިޒިކްސް ޓީޗަރު. އެންމެ ރަނގަޅަށް މިތާ ޕަރފޯމްކުރާ ސްޕެޝަލައިޒްޑް ޑޮކްޓަރު. އޭނާގެ އަބުރު ނަގާލީ. އޭނާއެއް ނުނުކުންނާނެ ޚިދުމަތަކަށް. އޭނާ ރައްޔިތުންގެ ތެރޭގައި ނުކުމެ ނޫޅޭނެ.

 

އެހެންވީމާ، އެހިސާބުން އެނގޭނެ، މި އަބުރަކީ ކިހާވަރެއްގެ އެއްޗެއްކަން. ކިހިނެއްތޯވީ ޝަރްޢީ މަރްޙަލާތަކުގައި މި މީހުން، މީހުންގެ އަބުރާ ބެހިފައި، ހުރިހާ ހެތްކާ އެއްޗެތި ހުރި މީހުންނަށް ކިހިނެއްތޯވީ؟ ކީއްވެގެންތޯ، ނަފްސުގެ ދިފާޢުގައި ވަކާލާތު ނުކުރެވުނީ؟ ވަކާލާތު ކުރެވުނުނަމަ ޙުކުމެއް ނާންނާނެ. އެހެންވީމާ، މިކަހަލަ މީހުން އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ. ވަކި މޫސުމްތަކެއްގައި ފެންނަ މީހުން މިއުޅެނީ. ވަކި އިރެއްގައި އިރުއަރާ މީހުން މިއުޅެނީ. ބައެއްފަހަރު އިރު އެރުމަށްވުރެ އަވަހަށް އިރު އޮއްސިގެންދޭ. އެކަމަކު ކޮންމެ މޫސުމެއްގައި، ވޯޓު މޫސުމުގައި ނުކުންނަ ބަޔަކު އެބައުޅޭ. މިއީ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ނުކުމެ އުޅޭ މީހުން. މިއީ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ނުކުންނަ މީހުން. މި މީހުންގެ ޤައުމީ ޚިދުމަތަކީ ކޮބައިތޯ؟ އަޅުގަނޑުގެ ހިތަށްއަރާ، ފައިސާގެ އަޅުވެތިވީމާ، ނަފްސުގެ އަޅުވެތި މީހަކުވީމާ، ހާދަހާ ދެރަ ނިކަމެތި ޙާލަތެއްގައޭ މީހާ ހުންނަނީ. ކިތަންމެ ޢިލްމުވެރިޔަކަސް. ކިތަންމެ ބޮޑު ޚިދުމަތެއް ކުރާނަމޭ ހިތަށްއެރިޔަސް، އެހެން މީހެއްގެ ފައިސާގައި ދަށުވީމާ، މާތްކަލާކޯ! އޭނާގެ ނަފްސުގެ ކަރާމާތެއް ނެތް. އޭނާއަކަށް އޭނާގެ ނަފްސުގެ މައްޗަކަށް ބާރެއްނުފޯރާ. ކޯއްޗަކަށްތޯ އެވަނީ؟ ރަސޫލާގެ ޙަޔާތްޕުޅުގައި އަޅުން މިނިވަންކުރެއްވި. އެކަމަކު އެމީސްމީހުންނަށް މިވަނީ ކިހިނެއްތޯ؟ މިހާރު މި ދުނިޔޭގައި، މިއޮތް ތަހުޒީބީ، މިއޮތް މިޒަމާނުގެ ދުނިޔޭގައި މިތިބެނީ ފައިސާގެ އަޅުންނަށްވެފައި. މީހުންގެ އަޢުވާނުންނަށްވެފައި. މިމީހުންނަކަށް ނޯވޭ، މިމީހުން ބޭނުންވާގޮތަކަށް ވާހަކަ ދެއްކޭކަށް. މިއީ އަޅުވެތިކަމަކީ. ހާދަ ހިތްދަތިކަމެކޭ ދޮގެއްތޯ. އެހެންވީމާ، މިމީހުންނަކަށް ނޯވޭ، މިކަހަލަ ވާހަކަނޫން ވާހަކައެއް ދެއްކޭކަށް.

 

އެހެންވީމާ، ގަބޫލުކުރައްވާ، ނަފްސުގެ މިނިވަންކަމަކީ، ނޫނީވިއްޔާ އަޅުވެތިކަމުން ދުރުގައި ތިބުމަކީ، ހަދިޔާގައި ނުހިފުމަކީ، ތިޔަބޭފުޅުންގެ ރަށަށް ކުރިއެރުން އެދިގެންނެއް، މިއަދު ރާއްޖެއަށް ކުރިއެރުން އެދިގެންނެއް ތިޔަބޭފުޅުންނަކަށް މިއަދަކު އެއަށްވުރެ ބޮޑުކަމެއް ނުކުރެއްވޭނެ. ފައިސާގެ އަޅުވެތިވުމަކީ، މީހުންގެ ދަށުވުމަކީ، މާތްކަލާކޯ! ހާދަހާ ނިކަމެތިކަން މީހުންނަށް ގެންނަ ކަމެކޭ. އެކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނާ ހަމައިން. އަޅުގަނޑުމެންގެ ޢިލްމުވެރިންނާ ހަމައިން. އަޅުގަނޑުމެންގެ އެންމެ ފުންނާބު އުސް ޚިދުމަތް ކުރެއްވި ބޭފުޅުންނާ ހަމައިން މި ފެނިގެންދަނީ، އެބޭފުޅުން ވަކިގޮތަކަށް ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވައިގެން މި އުޅުއްވަނީ ކީއްވެގެންތޯ؟ ބައެއްގެ އަޅުވެތިކަމުގެ ދަށަށް އެބޭފުޅުން ވަޑައިގަތީމާ. އަޅުވެތިކަން މި އަންނަނީ ހަމައެކަނި ރާއްޖެއަކުންނެއް ނޫން. ރާއްޖެއިން ބޭރުން ނާންކަމެއްވެސް ނޭނގެ.

 

އެހެންވީމާ، މިއީތޯ ދިވެހިން އުޅެންޖެހޭ ޙާލަތަކީ؟ އެއްކޮޅުން ރައީސް ޔާމީން މި ބުނަނީ، މި ސަރަޙައްދުގައި އޮތް އެންމެ ތަހުޒީބު ޤައުމަކަށް މި ޤައުމު ހަދަން ބޭނުމޭ. އަނެއްކޮޅުން މި ރަށުން ގޮވަނީ، ކޮންމެ ދެ ރަށެއްގެ ދޭތެރޭގައި ބްރިޖް އަޅާށޭ. އަނެއްކޮޅުން މި ބުނަނީ، ކޮންމެ ތަނެއްގައި ތިމަންނާމެންނަށްވެސް ސްޕޯޓްސް އެރީނާ ޤާއިމުކޮށްދޭށޭ. މި ހުރިހާ ކަމެއް ކުރަމުންދާއިރު، ނަފްސުގެ މައްޗަކަށް އިތުބާރެއް ނެތް. ރައްޔިތުންގެ މައްޗަކަށް އަޅުގަނޑުމެންގެ އިތުބާރެއް ނެތް. ތިޔަބޭފުޅުން، ތިޔަބޭފުޅުންނަކަށް އިތުބާރެއް ނުކުރައްވާ، ވޯޓު ކަށަވަރުވެދާނެ ކަމެއް. ޤައުމުގެ ޙައްޤުގައި ވޯޓު ލިބިދާނެ ކަމެއް ޔަޤީނެއްނޫން. އެކަމަކު މިތިބީވެސް ހަމަ ދިވެހިން. ކޮންމެގޮތެއް ހެޔޮ. މާތްކަލާކޯ! ކޮންމެގޮތެއް ހެވެއްނޫން.

 

މިއަދުގެ ޙާލަތަށް ދިވެހިރާއްޖެ އައިމާ، އަޅުގަނޑުމެން އެބަޖެހޭ ފަސްއެނބުރި ބަލައިލަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގާ ކަންކަމާ ދޭތެރޭގައި ވިސްނާލަން. އެހެންވީމާ، ރަނގަޅު ގޮތަކަށް ވިސްނަވާ! މި އަތޮޅަކީ، ޚާއްޞަކޮށް، އައްޑޫސިޓީ ހިތަދޫއަކީ ތަޢުލީމީ ދާއިރާގައި ހަމަ ވަރަށް ފުންނާބު އުސް، ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވަމުންދާ ތަނެއް. އަޅުގަނޑުގެ މެނިފެސްޓޯގައި، ތަޢުލީމީ ދާއިރާއާ ބެހޭގޮތުން ބުނަނީ ކީކޭތޯ؟ މެނިފެސްޓޯގައި އެހެރީ ދުވަހަކުވެސް ދިވެހިރާއްޖޭގައި ކަރިކިއުލަމްގެ ތެރެއިން، ނޫނީވިއްޔާ މުދައްރިސުންގެ ތެރެއިން، ނޫނީވިއްޔާ މަދަރުސާތަކެއް މީގެކުރިން ދުވަހަކުވެސް ހާސިލުނުކުރާ ވަނަތައް ހޯދާފައި އެހެރީ. ދިވެހި ކުދިން. މިހާރު އެ ތަޢުލީމާއެކީ އަޅުގަނޑުމެން އެހެން ގޮތަކަށް އެބަ ވިސްނަމު ދޮގެއްތޯ. އަޅުގަނޑުމެން އެބަ ބުނަން، މިހާރު ދެމުންދާ ސްކޮލަރޝިޕް ޑަބަލްކުރާނަމޭ. އަޅުގަނޑުމެން ނުބުނަން، ހުރިހާ ދޮރުތަކެއް އެހެރީ ހުޅުވިފައޭ. އެ ކުއްޖަކަށް ދެވޭނެ ދޮރަކުން އެކުއްޖަކު ދާށޭ. އެހެނެއްނޫން މި ބުނަނީ. އަޅުގަނޑުމެން މި ކުދިން ކައިރީގައި މި ބުނަނީ، މިހާރު ލިބޭ ސްކޮލަރޝިޕް ޑަބަލްކުރާނަމޭ. އަދި އަޅުގަނޑުމެންގެ މަންހަޖުތަކަކީ ހަމައެކަނި ފޮތުން ކިޔަވާ މަންހަޖެއް ނޫން. އަދި އަޅުގަނޑުމެންގެ މަންހަޖަކީ، މިސާލަކަށް، ފަސްޓް ޑިގްރީއާ ހަމަޔަށްދާ މަންހަޖެއް އެކަންޏެއްވެސްނޫން. އަޅުގަނޑުމެންގެ މަންހަޖަކީ އެ ކުއްޖާ ނިމިގެން ދޫކޮށްލީމާ، އެކުއްޖާއަކީ ބްލޫކަލަރ ވަރކަރަކަށްވެސް ވާވަރުގެ މީހެއް. އޭނާއަކީ ހަމައެކަނި މޭޒު ކައިރީގައި އިނދެގެން ގަލަން ކޮއްޕާ މީހަކަށް، ނޫނީ ކަރުދާސް ކޮއްޕާ މީހަކަށްވުމެއްނޫން. އެވެސް ރާއްޖެއަށް ބޭނުން. އެކަމަކު މިއަދު އެއަށްވުރެ ބޮޑަށް ރާއްޖެއަށް ބޭނުންވާ އެހެން ދާއިރާތައް އެބަހުރި. އަޅުގަނޑުމެންގެ މަންހަޖަކީ ވަށާޖެހޭ މަންހަޖެއް. އަޅުގަނޑުމެންގެ މަންހަޖަކީ ރެސްޕޮންސިވް މަންހަޖެއް. ކޮންކަމަކާތޯ ރެސްޕޮންސިވް ވަނީ؟ އަޅުގަނޑުމެން މި ތަރައްޤީކުރާ ޞިނާޢަތްތަކާއި، އަޅުގަނޑުމެން މި ވަޒީފާ ހޯދައިދިނުމަށް ހޯދައިދޭ ފުރްޞަތުތަކުގައި، މި ވަޒީފާތަކުގެ މިލްކުވެރިންގެ ގޮތުގައި، ނަފާ ލިބޭ މީހުންގެ ގޮތުގައި ދިވެހި ދަރިން ނެރެން ބޭނުން.

 

އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ދައްކަނީ އައި.ސީ.ޓީ.ގެ ވާހަކަ. އަޅުގަނޑު އޭގެ ބައެއް ތަފްޞީލު ދީފިން. އެހެންވީމާ، އަޅުގަނޑުގެ ޚިޔާލަށް އެބަ އާދޭ. އަޅުގަނޑުމެންގެ ޤައުމީ މަންހަޖުގެ ތެރެއަށް އިރާދަކުރެއްވިއްޔާ މި އަންނަ ދައުރުގެ ތެރޭގައި، އައި.ސީ.ޓީ މަޖުބޫރު ކުރާނަން. އޭގެ ބޭނުމަކަށް ވަނީ ކޯއްޗެއްތޯ؟ އައި.ސީ.ޓީ.އާ ނުލައި ދެން ދުނިޔޭގައި ތަހުޒީބުވެފައި ހުރި ޤައުމުތަކުގައި މިކުރާ މަސައްކަތްތަކެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑުމެން ދެން ބްރީޑް ކުރަންވީ އެޕްސް ޑިވެލޮޕް ކުރާނެ ކުދިން. އެއީ އައި.ސީ.ޓީ މަންހަޖުގެ ތެރެއަށް ލާންމިޖެހޭ ސަބަބަކީ. އަޅުގަނޑުމެން ހަމައެކަނި ވަކި މާއްދާތަކެއް ކިޔަވައިގެން ފުއްދައިލެވޭކަށެއް ނެތް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނަށްވެސް ސްޕޭސް ސައިންޓިސްޓުން ނުވެސް ހޯދޭނެކަން. ހޯދާކަށް ބޭނުމެއްވެސްނޫން. އެކަމަކު އޭގެ ބަދަލުގައި އިޤްތިޞާދީ މީހުންނާއި، އިޤްތިޞާދީ ތަޢުލީމުގެ މީހުންނާއި، ލޯޔަރުންނާއި، އަދި އައި.ސީ.ޓީ އިން ފެމިލިއަރވާ، ނޫނީ އައި.ސީ.ޓީ އަށް ކުޅަދާނަ ކުދިން ނެރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

 

އެހެންވީމާ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އައްޑޫސިޓީގައި ހުރެގެން މި ވާހަކަ ދައްކާއިރު، މީގެ ތަފްޞީލަކަށް އަޅުގަނޑު މި ދެންނެވީ، އައި.ސީ.ޓީ ޕާކް ހެދުމެއް އެކަންޏެއްނޫން.  ޤައުމީ މަންހަޖުގެ ތެރެއަށް އައި.ސީ.ޓީ އެބަ ވަންނަންޖެހޭ. އަޅުގަނޑުމެން ބޭނުންވޭ، ނެކްސްޓް ޖެނެރޭޝަން. ދެން އަންނަ ޖީލެއްގައި މި ދެންނެވި ކަހަލަ އެޕްސް ޑިވެލޮޕް ކުރާ ކުދިންނަކީ ދިވެހިރާއްޖެއިން އުފެދޭ ތޫނުފިލި ކުދިންނަށްވާން. އެއީކީ ހަމައެކަނި ސިލިކަން ވެލީގެ ޙައްޤެއްނޫން. އެއީ ދިވެހިންނަށްވެސް ކުރެވޭނެ ކަމެއް. އެ އުއްމީދާއެކީ ކީއްވެގެންތޯ، ދިވެހި ޒުވާނުން އަޅުގަނޑާއެކީ ނުތިބޭންވީ؟ ދިވެހި ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުގެ ދާއިރާގައި ތަމްސީލުވާ، ތަމްސީލުކުރާ، މޮޅު ވަނަތައް ހޯދާ ކުދިން އެކަންޏެއްނޫން. ޝައްކެއްވެސްނެތްގޮތުގައި، އެކަންވެސް ކުރަންޖެހޭނެ. އެކަމަކު އެއާއެކީވެސް އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަކީ، ހުނަރުވެރި، ޤާބިލު، އަދި ތޫނުފިލި ކުދިންނަށްވާން އެބަޖެހޭ. އަޅުގަނޑުމެން ނަތީޖާތަކަށް ބަލާކަމަށްވަންޏާ، ދުނިޔޭގެ އެންމެ ވާދަވެރި އިމްތިޙާނުތަކުގައި އަޅުގަނޑުމެންގެ ކުދިން ރަން ވަނަތައް އެބަ ހޯދާ. މިއީ ކުޑަ ޝަރަފެއްތޯ؟

 

އެކަމަކު އަނެއްބަޔަކު އެ ބުނަނީ ކީކޭތޯ؟ އަނެއް ބަޔަކު އެ ބުނާ ވާހަކައަކީ، ތިމަންނާމެންގެ ސަރުކާރެއްގައި، ތިމަންނާމެން ކޮންމެ ރަށަކުން ދެވޭ ތަޢުލީމެއް، އެ ރަށުގެ ފެންވަރުގައި ހޯދައިދޭނަމޭ. މިއީ ކޮން ޒަމާނެއްގެ ވާހަކައެއްތޯ؟ މިއީ މީގެ ފަންސާސް އަހަރު ކުރީގެ ވާހަކަ މިއީ. އަޅުގަނޑުމެން މިއަދު މި ދައްކަނީ، އައި.ސީ.ޓީ، ޤައުމީ މަންހަޖުގެ ތެރެއަށްލާ ވާހަކަ. ކޮންމެ ރަށެއް، އެ ރަށުގެ ފެންވަރުން ކަންތައް ކުރަންޏާ، ކިހިނެއްތޯ ކުރާނީ؟ އައްޑުއަތޮޅުގައި ހުރި، އައްޑުއަތޮޅު ހިތަދޫގައި ހުރި ފުރްޞަތު އެބަހުރިތޯ، މަރަދޫފޭދޫގައި؟ ނޫނީވިއްޔާ ފޭދޫގައި އެބަހުރިތޯ؟ މިއަދުވެސް އަޅުގަނޑު ހުޅުދޫމީދޫއަށް ދިޔައިމާ، ކީކޭތޯ އެމީހުން ބުނީ؟ ތިމަންނާމެން ހިތަދޫސިޓީއަށް ތިމަންނާމެންގެ ސައިކަލްގެ ރަޖިސްޓްރީ ފީ ދައްކަން އަންނަން ޖެހުނީމާ، ތިމަންނާމެންނަށް ދަތިވެޔޭ. ތެދެއްމެ އެއީ. ދަތިވޭ. އެހެންވީމާ، ސިޓީތަކަށްވެސް ބަދަލު އަންނަން އެބަޖެހޭ. މި އިޞްޠިލާޙަށް ކޮންސެޕްޓް ބަދަލުވެސް އެބަ ކުރަންޖެހޭ.

 

އެހެންވީމާ، އަޅުގަނޑުމެން މި ދައްކަނީ ޓެންޖިބަލް ވާހަކަ. އަޅުގަނޑުމެން ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މި ދައްކަނީ މިކަހަލަ ވާހަކަ. ކުދިންނަށް މި ކިޔަނީ ކީކޭކަން އެނގޭކަހަލަ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން ނުދައްކާނަން، ހުރިހާ ކުދިން ބޯޑިންގ ސްކޫލެއްގައި ގެންގުޅޭ ވާހަކައެއް. މިއީ ކޮން ޒަމާނެއްގެ ކަމެއްތޯ މިއީ؟ މިތަނުގައި ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މަޝްހޫރު ނަމުން ވެއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ ސްޓެލްކޯ ޝުކޫރު. މިބޭފުޅުންނަކީ ބޭރު ކަރަކަރައިން، ނޫނީ ކައިރި ކަރަކަރައިގައި އުޅުއްވިއިރު، އޭރު ބޯޑިންގ ސްކޫލްގައި އުޅުއްވި ބޭފުޅުން. އެއީ ކޮން ޒަމާނެއްތޯ؟ މީގެ ފަންސާސް، ފަސްދޮޅަސް އަހަރު ކުރީގެ ކަންތައް މިއީ. އެހާ ކުރީގެ ކަންތައް. މިހާރު ކޮންމެ ކުއްޖަކުވެސް ބޭނުންވާނީ، އެކުއްޖާގެ ބައްޕައާއި މަންމަޔާއެކީ. އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ، އެކުއްޖާ ބައްޕައާއި މަންމަޔާއެކީ އެތަނުގައި އުޅެމުން، ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ، ކޮލިޓީ ރަނގަޅު އެޑިޔުކޭޝަން ސިސްޓަމެއް ލިބޭނެ ސްކޫލެއް އެތާ ޤާއިމުކުރުން. އެކަން އަޅުގަނޑުމެން ކޮށްފައި އެހެރީ. މިހާރު އިތުރަށް މިކުރާ ކަމަކީ، މި ތަންތަނުގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީ ކުރަމުންދިޔުން.

 

ދެން އަޅުގަނޑު މި ވާހަކަ ދައްކާތީ، ކީއްކުރަންތޯ އިދިކޮޅު ބޭފުޅުން އެ ވިދާޅުވަނީ، ތިމަންނާމެން ދަނާލުތައް ހަދާނަމޭ ރާއްޖޭގެ އެތަންމިތަނުގައި. ތިމަންނާމެން ބޯޑިންގ ސްކޫލް ހަދާނަމޭ. އެންމެ ފުރަތަމައިނުންވެސް އެ ބުނަނީ ނޫންތޯ، ތިމަންނާމެންގެ ޤާބިލުކަމެއް ނެތޭ. ކޮންމެ ރަށަކަށް ބޭނުންވާ ކޮލިޓީ އެޑިޔުކޭޝަން ގެންދިޔުމުގެ ޤާބިލުކަމެއް ތިމަންނާމެންގެ ނެތޭ. މިނޫން ކޮން ވާހަކައެއްތޯ އެ ބުނަނީ؟ މިހާރު މިހިރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސްކޫލްތައް ޢާއްމުވެފައި. ކޮލިޓީ އެޑިޔުކޭޝަން މިއިން ކޮންމެ ތަނަކުން އެބަދޭ. މާލޭގެ ސީޓަކުން އެކަންޏެއްނޫން، އެޑެކްސެލް އިން، ނޫނީވިއްޔާ ޖީ.ސީ. އިމްތިޙާނުން އެއްވަނަ ހޯދަނީކީ. މިތަންތަނުން ވަނަތައް އެބަ ހޯދާ.

 

އެހެންވީމާ، އަނެއްކާވެސް ދާންވީ ދިހަ ޤަރުނު ފަހަތަށްތޯ؟ އަޅުގަނޑުމެންގެ ހުރިހާ ކުދިންނަކީ އެމް.ބީ.ބީ.އެސް އަށް ކިޔަވަން ބޭނުންވާ ކުދިންނަށް ނުވެހިނގައިދާނެ. އަޅުގަނޑުމެންގެ ކުދިންގެ ތެރޭގައި، ބީޓެކް ހަދަން ބޭނުންވާ ކުދިން، އެ ފުރްޞަތު މިއަދު އެބައޮތް. އެހެންވީމާ، މީގައިވެސް އަޅުގަނޑު އިޢުލާނުކުރާނަން. ފޯމަލް ސްކޮލަރޝިޕްގެ ބޭރުން މިކަހަލަ ފަންނީ، ނޫނީވިއްޔާ ސްކިލްފުލް މަސައްކަތަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން ކޮންމެ އަހަރަކު ދެން ސަތޭކަ ކުދިންގެ ސްކޮލަރޝިޕްގެ ފުރްޞަތު އަޅުގަނޑުމެން ފަހިކޮށްދޭނަން.

 

ދެން އޮތީ އައްޑޫސިޓީގައި ވާހަކަ ދައްކާއިރު، އަޅުގަނޑަށް އެނގޭ ދަންވެސް އެބަވާކަން. އަޅުގަނޑުވެސް ވާހަކަކޮޅު ނިންމާލަން އެބަ ހިފަންޖެހޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި އިންތިޚާބާ ދޭތެރޭގައި ވިސްނަންވީ ކީއްވެގެންކަން އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދެންނެވިއްޖެ. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑަށް ދެންނެވިއްޖެ. އަޅުގަނޑުގެ މެނިފެސްޓޯގެ އެއްކޮޅުން އަނެއްކޮޅަށް އެހެރީ ޒުވާނުންނަށް ޖާގަ ހޯދައިދީފައި. އެއީ 2013ގެ މެނިފެސްޓޯއިން ފެށިގެން. މިއިން ކޮންމެ ތަނެއްގައި ޒުވާނުންނަށް ބޭނުންވާ އެތައް ކަމެއް އެދަނީ. ޒުވާނުންގެ ޙައްޤުގައި، ގާތްގަނޑަކަށް ލައްކައެއްހާ ވަޒީފާ އުފެއްދި ވާހަކަ ބުނީމާ  މިއަދު ޙައިރާނެއްނުވާނެ. އެވަރު ވަޒީފާ އެހެރީ އުފައްދާފައި. އަޅުގަނޑުމެންގެ ތަފާސް ހިސާބުން އެބަ ދައްކާ. އަނެއްކާ ޓޫރިޒަމްގެ ދާއިރާގެ ފުރްޞަތު އޮތް ތަނެއް މިތަންތަނަކީ. އަދި ހަމައެހެންމެ، މެރިޓައިމް ސީޕޯޓެއްގެ ހަބެއް ހަދަން ހަމަ ޖާގަ އޮތް ތަނެއް މިއީ. އެކަމަކު އެއަށް ފުރްޞަތު ހޯދަން އެބަޖެހޭ ދޮގެއްތޯ. އަޅުގަނޑުމެންނަށް ކުރަންޖެހުނު މަސައްކަތްތަކަކީ، އަނދާ އަޅިޔަށްވެފައި ހުރި ތަންތަން ނަގާ އާރާސްތު ކުރުން. ކޮޅަށްޖެހުން. އަދި މިތަންތަނަށް ސިޓީއެކޭ ބުނީމާ، ސިޓީއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ފުރިހަމަކޮށްދިނުން. އެކަންކަން ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިއައީ.

 

އިރާދަކުރެއްވިއްޔާ މިއަދަކީ އުފާވެރި ދުވަހެއް. މިރެޔަކީ އުފާވެރި ޖަލްސާއެއް. އަޅުގަނޑުމެން އޭގެ އެތައް ކަމެއް އައްޑޫސިޓީގައި، ހިތަދޫގައި މި ފުރިހަމަވެގެން މިދިޔައީ. އެހެންވީމާ، އެކަންތައްތައް އެހެރީ ވެފައި. ދެން އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް ތަންތަނާ ދޭތެރޭގައި ދޮގެއްތޯ ވިސްނަންވީ. އަޅުގަނޑުމެން ހިންގަވަބައްލަވާ، ތަފާސް ހިސާބުގެ ތެރޭގައި އަޅުގަނޑާއެކީ ގެނބިލަމާ! އެމް.ޑީ.ޕީ ސަރުކާރުން ކަންތައްތައް ކޮށްދެއްވި ކަމަށް އައްޑޫސިޓީގައި، ހިތަދޫގައި ތިޔަ ވިދާޅުވަނީ. އަޅުގަނޑު ހަމަ އެމް.ޑީ.ޕީ ކުދިންނަށްވެސް، އެމް.ޑީ.ޕީ.ގެ މީހުންނަށްވެސް އަޅުގަނޑު ބޭނުންވޭ، ކަންފަތް ތޫނުކޮށް، އަޅުގަނޑު މި ދައްކާ ވާހަކަ އަޑުއަހާލާށޭ. މިއަދު ޒުވާނުން ޖަލަށްދޭތޯ؟ މިއަދު ޒުވާނުން ޖަލަކަށްނުދޭ. މިއަދު ޒުވާނުން ޖަލުން ވީއްލެނީ. އަދި ޒުވާނުންނަކީ އެމީހުންގެ ޙައްޤުގައި އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެންދާ ބަޔަކަށްވެގެން މިދަނީ. ޒުވާނުންނަށް ފުރްޞަތު އެބައޮތް. ޒުވާނުންނަކީ ތޫނުފިލި ބަޔަކަށް ހަދަން ބޭނުންވޭ. ޒުވާނުންނަކީ އަޅުގަނޑުމެން ކުރިއަށްމިދާ އޮޑީގެ އެންމެ އިސް ސަފުގައި ތިބި ފަޅުވެރިން. ދެން ކައްޕިއާ ދޭތެރޭގައި ސުވާލުކުރާ އެއްޗެއް ނޫން ދޮގެއްތޯ.

 

މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިތަނުގައި ހުރެގެން، އައްޑޫ ހިތަދޫގައި. އަޅުގަނޑުމެންނަށް ހަމަ ރައްޔިތުންގެ މަޖިލީހަށްވެސް އެންމެ ގޮނޑިއެއްވެސް މިތަނުން އަޅުގަނޑަކަށް ނުލިބޭ. ހިތާމަޔާއެކީ، ހިތްދަތިކަމާއެކީ އެކަންވެސް ފާހަގަކުރަން. އެކަމަކު އަޅުގަނޑު ދަންނަވާލާނަން. ހިތަދޫ ސިޓީން އެމް.ޑީ.ޕީ އަށް ތިޔަހާ ގިނަ ގޮނޑި ދެއްވީ ކީއްކުރަންތޯ؟ ތިޔަހާ ގިނަ ގޮނޑި ދެއްވީ ކީއްކުރަންތޯ؟ ތިޔަބޭފުޅުންގެ ތަރައްޤީގެ އެންމެ މަޝްރޫޢަކަށްވެސް ވޯޓު ދެއްވި ބޭފުޅުންނެއްނޫން. އެހެންވީމާ، މިއީ ދޮގެއްތޯ އަޅުގަނޑުމެން ވިސްނަންވީ ކަމަކީ. ކޮންމެ ކަމެއް ކޮންމެއިރެއްގައި އަބަދު ހެޔޮވާނެކަމަށް ގަބޫލުނުކުރައްވާ! އެހެން އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ! ލައިފްގައި އެއްވެސް އެއްޗަކީ ގިވަންއެއް ނޫން. ލައިފްގައި ކޮންމެ ކަމެއް ކުރަން، ކޮންމެ ކަމެއް ހޯދަން މަސައްކަތް ކުރަންޖެހޭ. ޚިދުމަތެއް ހޯދަން މަސައްކަތް ކުރަންޖެހޭ. މިތަނުގައި ތިއްބެވި މެންބަރުންނެއް، އައްޑޫ ހިތަދޫސިޓީގެ ޚިދުމަތްތައް ފުރިހަމަކުރާކަށް އަޅުގަނޑު ކައިރިއަކަށް ވަޑައެއްނުގަންނަވާ. ކެރިވަޑައެއްވެސްނުގަންނަވާނެ. އެއީ މި ބަޖެޓަށް ވޯޓު ނުދެއްވާތީ. 

 

އެހެންވީމާ، އަނެއްކާވެސް މި ރަށުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ތިޔަބޭފުޅުން ގަބޫލުކުރައްވާނަންތޯ. އަޅުގަނޑުގެ ސަރުކާރުގެ ކުރީގައި އެ ހިނގައިދިޔަ ފަސް އަހަރު. 2008 އިން 2013 އަށް. މީގެ ބޮޑުބަޔަކީ އެމް.ޑީ.ޕީ ސަރުކާރު. ތިން އަހަރު. ހިތަދޫއަށް މުޅި ޖުމްލަ ހަތަރުސަތޭކަ ސާޅީސް ފަސް މިލިއަން ހޭދަކޮށްފައި އޮތީ. އެއީ ބޮޑެތި މަޝްރޫޢުތަކަށް. ރަނގަޅަށް އަޑުއައްސަވައްޗޭ، ހިތަދޫގެ ރައްޔިތުން. އަދި ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ބޭފުޅުން އަޑުއައްސަވާ! މުޅި ހިތަދޫއަށް މި ދެންނެވި ފަސް އަހަރު އޮތީ ހަތަރުސަތޭކަ ސާޅީސް ފަސް މިލިއަން. މިއީ ބޮޑު އަދަދެއް. އެކަމަކު އެ އަދަދު ބޮޑުތޯ؟ މުޅި ހިތަދޫއަށް، އަޅުގަނޑުގެ ސަރުކާރުގައި މި ފަސް އަހަރުގެ ތެރޭގައި، އަދިވެސް މިހާރު މިދަނީ މަޝްރޫޢުތައް ހިނގަމުން. އެއްހާސް ހަތަރުސަތޭކަ މިލިއަން ރުފިޔާ. 1.4 ބިލިއަން ރުފިޔާ ހިތަދޫއަށް އެކަނި. އޭގެކުރީގައި ހިތަދޫއަށް އެމް.ޑީ.ޕީ ސަރުކާރުން ހޭދަކޮށްފައި އޮތްވަރު އަޅުގަނޑު މި ދަންނަވާލީ. ނޫން. ނޫން. ނޫން. ވަރަށް ބޮޑަށް މާފުކުރައްވާ! ވަރަށް ބޮޑަށް މާފުކުރައްވާ! ހިތަދޫއަށް އެމް.ޑީ.ޕީ.ގެ ސަރުކާރުން ކޮށްފައި އޮތް ހޭދަޔަކީ، ދުއިސައްތަ ދިހަ މިލިއަން. ހަތަރުސަތޭކައެއް ނޫން. ދުއިސައްތަ ދިހަ މިލިއަން. ހަތަރުސަތޭކައިގެ ވާހަކަ ދަންނަވާނަން. ދުއިސައްތަ ދިހަ މިލިއަން، އަޅުގަނޑުމެން ހިތަދޫއަށް، އަޅުގަނޑުމެންގެ މި ފަސް އަހަރު ހޭދަކޮށްފީމު، 1.4 ބިލިއަން. ނޫނީ އެއްހާސް ހަތަރުސަތޭކަ މިލިއަން. މިއީ ހަތްގުނައިގެ އަދަދެއް. އަޅުގަނޑު މިއަދު ދަންނަވާލިން، ހުޅުދޫމީދޫއަށް ހިނގާފައި ހުރި ޚަރަދުތައް. ތަކުރާރު ކުރާކަށްނެތިން. އަޅުގަނޑު ހަމަ އެގޮތަށް ދަންނަވާލާނަން. މަރަދޫއަށް ސާޅީސް ހަތަރު މިލިއަން، ކުރީގައި. އަޅުގަނޑުމެންގެ ސަރުކާރުގައި ދެގުނަ، އެއަށްވުރެ ބޮޑު. ނުވަދިހަ ފަސް މިލިއަން. މާދަމާ އަޅުގަނޑު ފޭދޫގައި ދަންނަވާލަން އޮތް ވާހަކަ. އެކަމަކު އަޅުގަނޑު ހިސާބު ނިންމާލާތީ ދަންނަވާނަން. ފޭދޫއަށް ހޭދަކޮށްފައި އޮތީ ތިރީސް ހަ މިލިއަން. އަޅުގަނޑުމެންގެ ސަރުކާރުގައި، ދުއިސައްތަ އަށްޑިހަ ހަތަރު މިލިއަން. މުޅި އައްޑުއަތޮޅަށް، އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ތިން އަހަރާއި، އޭގެފަހުން އައި ދެ އަހަރު، މުޅި އައްޑުއަތޮޅަށް ހަތަރުސަތޭކަ ސާޅީސް ފަސް މިލިއަން. އެއީ އަޅުގަނޑު ހަތަރުސަތޭކަ ސާޅީސް ފަސް މިލިއަން ކިޔަން އުޅުނުގޮތް. މުޅި އައްޑުއަތޮޅަށް ހަތަރުސަތޭކަ ސާޅީސް ފަސް މިލިއަން. އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ސަރުކާރުގައި، 2.2 ބިލިއަން. ދެހާސް ދުއިސައްތަ މިލިއަން. އެއީ އެމް.ޑީ.ޕީ ސަރުކާރުން ހޭދަކުރިވަރުގެ ގާތްގަނޑަކަށް ފަސްގުނަޔަށްވުރެ އިތުރު އަދަދެއް. ދެން ކީކޭތޯ އެމް.ޑީ.ޕީ.ގެ ބޭފުޅުން މިއަށް ވިދާޅުވާނީ! މިއީ ތަފާސް ހިސާބު.

 

އެހެންވީމާ، އައްޑުއަތޮޅަކީ މާލެ ނަގާފައި އެންމެބޮޑު ހޭދަ ކުރެވުނު އަތޮޅު. މާލެއަށް ހޭދަކުރަންޖެހޭ ސަބަބު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގައި އުޅެނީކީ މާލޭގެ ރައްޔިތުން އެކަންޏެއްނޫން. މާލެއަށްވުރެ، ރާއްޖޭގައި ހުރިހާ ދިމާއެއްގައި އުޅުއްވާ ރައްޔިތުން ދިރިއުޅޭ އެހެން ރަށެއް ނޯންނާނެ. އެހެންވީމާ، އައްޑޫސިޓީއަށް މުޅި އައްޑޫއަށް، ކުރީގެ ސަރުކާރުން ހޭދަކޮށްފައި އޮތްވަރުގެ ފަސްގުނަ އަޅުގަނޑު ހޭދަކޮށްފީމު. އެހެންވީމާ، ދެން ވިދާޅުވޭ. 23 ވަނަ ދުވަހު ކޮން ނަންބަރަކަށްތޯ ވޯޓު ދެއްވާނީ؟ ޝައްކެއްވެސްނެތެއްނޫންތޯ. ތަފާސް ހިސާބާއި ތަރައްޤީއަށް ލޯބިކުރައްވާ ކަމަށްވަންޏާ، އެއްވަނަ ނަންބަރަށް ވޯޓު ދެއްވުން ނޫންގޮތެއް ނެތެއްނޫންތޯ. ދެންވެސް ޚިދުމަތުގައި އަޅުގަނޑަށް ކުރިއަށްދެވޭނީ، ހަމަ ތިޔަބޭފުޅުންގެ އިޚްލާޞްތެރިކަން، މި ވޯޓުން އަޅުގަނޑަށް ފެނިގެން ދޮގެއްތޯ. 

 

އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި ހުރެގެން، ވާހަކަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ހަމަ ވަރަށް އެދެމޭ. އަޅުގަނޑަށް ކުރެވޭނީ މަސައްކަތް. އަޅުގަނޑު މިކުރަނީ އިޚްލާޞްތެރި މަސައްކަތް. އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމުން އެ ކުރައްވަނީ އިޚްލާޞްތެރި މަސައްކަތް. އަޅުގަނޑުމެންގެ ދެން އޮތް މެނިފެސްޓޯގައި، ދެންހުރި ކަންތައްތަކަކީ ހަމަ ވަރަށް އެމްބިޝަސް ކަންތައްތަކެއް. ވަރަށް ލޮފްޓީ ކަންތައްތަކެއް. ވަރަށް ލޮފްޓީ ލަނޑުދަނޑިތަކެއް ހާސިލުކުރަން މިއުޅެނީ. އެއީ އަޅުގަނޑު ނުދަންނަވާނަން، ހާސިލު ނުކުރެވޭނެ ކަންތައްތަކެކޭ. އެކަމަކު އެއީ ހާސިލު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއް. އެކަމަކު އެކަމުގެ ނަތީޖާ ހާސިލުވެގެން ދިޔައިމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ އިރާދަކުރެއްވިއްޔާ މި ސަރަޙައްދު ކީއްކުރަންތޯ، މި ސަރަޙައްދުން ބޭރުގައިވެސް، އެހެން މީހުން އަޅުގަނޑުމެންނާ ދޭތެރޭގައި ހަމަ ފާރަވެރިކަމާއެކީގައި ބަލަންޖެހޭނެވަރުގެ ޤައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ.

 

އެހެންވީމާ، ކީއްވެގެންތޯ މި ތަރައްޤީއަށް ފުރްޞަތު ނުދޭންވީ؟ އެހެންވީމާ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާއެކީ ދަންނަވާލަން ބޭނުންވޭ. ކުރިއަށް އޮތް ދިހަ ދުވަހުގެ ފަހުން މި ނަގާ ވޯޓުގައި، 23 ވަނަ ދުވަހު ނަގާ ވޯޓުގައި، އެއް ނަންބަރު ނޫން ނަންބަރެއް، ތިޔަބޭފުޅުންނަށް ފެނިވަޑައިނުގަންނަވާށޭ.

 

އައްޑޫ ރައްޔިތުންގެ ތަރައްޤީއާއި، އައްޑޫ ރައްޔިތުންގެ އުއްމީދާ، އެއީ ދިވެހިރާއްޖެއިން ނަމޫނާ ދައްކާ ކަމަށްވަންޏާ، މުޅި ދިވެހިރާއްޖޭގެ ތަރައްޤީއާއި، ދިވެހިރާއްޖޭގެ އަމާންކަމާއި، ބޭރުގެ ނުފޫޒުން ދިވެހިރާއްޖެ ސަލާމަތްވުމަށް އަޅުގަނޑުމެންގެ އިންތިޚާބުތަކަކީ، އަޅުގަނޑުމެން އަމިއްލައަށް ގޮތް ނިންމާ އިންތިޚާބުތަކަކަށް ހަދަމާތޯ. އަޅުގަނޑުމެންނަކީ ކުށުން ސަލާމަތްވެފައި އޮތް މުޖުތަމަޢަކަށް ހަދަމާތޯ. ކުށުގެ ހާއްޔަކަށް، ކުށުގެ ވެށްޓަކަށް މި ހެދީމާ، ކޯއްޗަކަށްތޯ މިވަނީ؟ ކުށުގެ ވެށީގައި އަޅުގަނޑުމެން އުޅުނު ދުވަސްތަކެއް، އަޅުގަނޑުމެންނަށް ފެނިއްޖެ ނޫންތޯ. މިތަނުން ނުފެނޭތޯ، ތަންތަން އަނދާ އަޅިޔަށް ވެގެންދިޔަ ތަނެއް. އެހެންވީމާ، އަޅުގަނޑުމެން އަނެއްކާވެސް ދާންވީ ފަހަތަށްތޯ؟ މިއީކީ ބުއްދިވެރިން ކަންތައް ކުރާނެ ގޮތެއް ނޫން. އެއްވެސް މީހަކަށް ސަލާމަތްކަން އޮތް ގޮތެއް ނޫން. އެއްވެސް ދަރިއެއްގެ މުސްތަޤްބަލް އުޖާލާވާނެ ގޮތެއް ނޫން. އެއްވެސް މަންމައެއްގެ، ބައްޕައެއްގެ ހިނިތުންވުމަކަށް، އެއްވެސްކަހަލަ ކުލަވަރެއް ގެނެސްދޭނެ ކަމެއްނޫން. އެކަމަކު އުއްމީދާއެކީ ކުރިއަށްދާން ބޭނުމިއްޔާ، އުއްމީދުގައި ކުލަ ޖައްސަން ބޭނުންކަމަށްވަންޏާ، ހަމަ އެއް ނަންބަރު ކެންޑިޑޭޓަށް ވޯޓު ދެއްވުން ނޫން ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ހަމަ ގަބޫލެއްނުކުރެވޭ.

 

އަޅުގަނޑު އެހެން މި ދަންނަވަނީ، މި ދެންނެވި ތަފާސްތަކާއެކީ ދިވެހިރާއްޖެއަށް އައިސްފައި އޮތް ތަރައްޤީ ފެންނާތީ. އަޅުގަނޑު ޙައިރާނެއްނުވޭ، އަޅުގަނޑު ދެރައެއްވެސްނުވޭ، އިޤްތިޞާދީ ވާހަކަ ދައްކަވަން ބައެއް ބޭފުޅުން އުޅުއްވާތީ. އެކަމަކު އިޤްތިޞާދީ ވާހަކަ ދައްކަވާއިރު، އިޤްތިޞާދު ކުރިއަށްދިޔުމުގައި، އެންމެ އަކުރަކަށްވެސް ވޯޓުލެއްވި ބޭފުޅުންނެއް ނޫން، މިއަދު އިޤްތިޞާދީ ވާހަކަ އެ ދައްކަވަނީކީ. އެބޭފުޅުންނާއެކީ ތިއްބެވި ޓީމަކީވެސް ހަމަ އެކަހަލަ ބޭފުޅުންކޮޅެއް. ސެލްފްލަސް ޚިދުމަތެއް، މި ފަސް އަހަރުގެ ތެރޭގައި އެއޮތީ ކުރެވިފައި.

 

އެހެންވީމާ، ކޮންމެފަދަ ބަދުނާމެއް، ކޮންމެފަދަ އިލްޒާމެއް އަޅުގަނޑުމެންގެ ބޮލުގައި އެޅުވިކަމުގައިވީނަމަވެސް، އެއީ އެބޭފުޅުންނަށް ކުރެވޭނެ ކަންކަން. އެބޭފުޅުންނަކަށް އެހެން ގޮތެއް ނެތް. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ، އެބޭފުޅުންނަކަށް މަސައްކަތްކޮށްގެން، ރައްޔިތުންނަށް ވިސްނޭވަރަށް ވާހަކަ ދައްކައިގެނެއް، ޑިބޭޓްކޮށްގެނެއް، ރައްޔިތުންނަށް އޮޅުންފިލާވަރަށް އަޅުގަނޑުމެންނާ ޖަދަލު ކުރައްވައިގެން، އަދި އަޅުގަނޑުމެން ދައްކާ ވާހަކައަށް ރައްދު ދެއްވައިގެން، ކުރި ނުހޯދޭނެކަން. އެހެން ދޮގެއްތޯ ވާނީ. އެއީ އެކަން ވާނެގޮތް. އެއީ އެބޭފުޅުން ކުރެއްވި ބިނާއެއް ނެތް. ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކާފައި ނިންމާލާއިރު، އަޅުގަނޑު ކީކޭތޯ ބުނަންއޮތީ؟ އެބޭފުޅުންގެ ތިން އަހަރުގެ ތެރޭގައި، މުޅި ރާއްޖޭގައި، އަޅުގަނޑު ހަމަ ވަރަށް ގިނައިން ދަންނަވާ މިސާލެއް މިއީ. އަޅުއްވައިދެއްވާފައި ހުރި ކްލާސްރޫމްގެ އަދަދަށް ބައްލަވައިލައްވާށޭ. ނުހުންނާނެ ކްލާސްރޫމް އެޅިފައެއް. އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް، ކްލާސްރޫމާއި، މަލްޓި-ޕަރޕަސް ހޯލާ، މިކަހަލަ ހުރިހާ ތަނެއް ހިމެނޭގޮތަށް، އަޅުގަނޑުމެންގެ ސަރުކާރުގައި ހުންނާނެ، ހަތްސަތޭކަ ހަތްދިހަ އެތައް ކްލާސްރޫމެއް އަޅައިދީފައި. ދެން މިއާ ޖަދަލުކުރަންތޯ މި ދައްކަނީ، އެ ރަށެއްގައި ތިބެގެން، އެ ރަށެއްގެ ފެންވަރުން ކިޔަވައިދޭނަމޭ. ނޫން. އެ ރަށެއްގެ ފެންވަރުން އެ ރަށުން ކިޔަވާނެކަމެއްނެތް. އަޅުގަނޑުމެން ވާދަކުރާނީ، އެންމެ ކުރިއަރާފައި ހުރި ޤައުމުތަކުގެ، އެމީހުން ކަނޑައަޅާ މަންހަޖާ. އަޅުގަނޑުމެން އެ ކިޔަވާނީ. އަޅުގަނޑުމެންގެ ކުދިން، އެ މަންހަޖުތައް އެކުލަވައިލި ޤައުމުތަކުގެ ކުދިންނަށްވުރެ އަޅުގަނޑުމެންގެ ކުދިން ތޫނުވާނެ. އަޅުގަނޑުމެން އެ ނަތީޖާ ދައްކާނީ. މިހާތަނަށް މިއައީ ދައްކަމުން. އަޅުގަނޑުމެންނަކަށް ނުފުދޭ، އެ ރަށެއްގެ ފެންވަރުން އެ ރަށެއްގެ ކަންތައް ކުރާކަށް. އަޅުގަނޑުމެން މިއީ ރަށްރަށަށް ހުވަފެން ދައްކާ ބައެއް.  

 

އަޅުގަނޑުގެ ހުވަފެނާއެކީ ތިޔަބޭފުޅުން ހިންގަވާ! 23 ވަނަ ދުވަހު އަޅުގަނޑާއެކީ ހިންގެވުން ޚިޔާރު ކުރައްވާ! ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.