بســم اللّـه الرّحمـن الرّحيــم

      

ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ހުޅުދޫމީދޫގެ އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

 

އަޅުގަނޑު ހަމަ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، މިއަދު މި އާދެވުނީކީ ކޮންމެހެން ހަވީރުގެ ވަގުތު ހިތްފަސޭހަވީމާއެއް ނޫނޭ. އަޅުގަނޑު މި ރަށަށް އައިސް، މި ރަށުގެ ބަނދަރުމަތިން ފެނުނު މަންޒަރުތައް ޙަޤީޤަތުގައިވެސް އެއަށްވުރެ މާ ހިތްފަސޭހަ. މުޅި މިތަން މިއޮތީ މިއަދު ދިވެހިރާއްޖޭގައި ހުންނަ ސިޔާސީ ކުލަތަކުގެ ތެރެއިން އެންމެ ޒީނަތްތެރި ކުލަ، އެންމެ ރީތި ކުލައިން މުޅި ހިސާބު މިއޮތީ ޒީނަތްތެރިކޮށްފައި. ދެން އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ އަޚް ޝާޑު، ކަމަކާ ހަވާލުވެގެން މަސައްކަތްކުރާ ކަމަށްވަންޏާ، އެކަމެއް ކުރާނީ ހަމަ ފިސާރި ސަޅިކޮށްކަން.

 

އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއިން އަޅުގަނޑަށް އެނގިގެންދޭ، އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ތިޔަ ތިއްބެވި ތިއްބެވުމުން އަޅުގަނޑަށް އެނގިގެންދޭ، ތިޔަބޭފުޅުންނާއި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން. އަދި ހަމައެހެންމެ، މި މަހުގެ ދެން ކުރިއަށް މިއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި، މި ނަގާ ވޯޓުގައި ހަމަ އެއް ނަންބަރު ކެންޑިޑޭޓަށް، އަޅުގަނޑަށް ނޫން މީހަކަށް ތިޔަބޭފުޅުން ވޯޓު ނުދެއްވާނެކަން އަޅުގަނޑަށް ޔަޤީންކުރެވޭ. އެހެންވެ އިސްވެ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. 

 

އަދި އަޅުގަނޑުގެ ވާހަކަ ފެށްޓުމުގެ ކުރިން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ތިން ބޭފުޅުންނަށް، ޠާރިޤު، އެމް.ޕީ ޝާޑް، ޢަބްދުއްރަޙީމް، މި ތިން ބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ހެޔޮ ބަސްތަކެއް ވިދާޅުވެފައިވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކީ މި ތިން ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑު މިއަދު މި ރަށަށް މިއައީ ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންނަށް ބޭނުންވެފައި ހުރި އެތައް ބައިވަރު ޚިދުމަތްތަކެއް ފަށްޓައިދީ، އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށްޓަކައި. އަޅުގަނޑު ކޮންމެހެން ލިސްޓް ދަންނަވާނެ ކަމެއް ނެތްކަންނޭނގެ. ހުޅުދޫމީދޫގެ ނަރުދަމާގެ ނިޒާމު، ފެނުގެ ނިޒާމު، ހައުސިންގ ފްލެޓްތަކެއް. ހަމައެހެންމެ، މިފްކޯގެ މަސްވެރިކަމުގެ، ނޫނީ މަހުގެ ކޮމްޕްލެކްސްއެއް ހުޅުވިގެން މިދިޔައީ. މިކަހަލަ އެތައް ކަމެއް ހުޅުމީދޫއަށް އިރާދަކުރެއްވިއްޔާ މިއަދު މި ހަމަޖެހިގެންދިޔައީ. އެކަމަކު ހުޅުމީދޫގައި ހުރެގެން އަޅުގަނޑު މި ވާހަކަ ދަންނަވާއިރު، އަޅުގަނޑު ދަންނަވަން ބޭނުންވޭ. މި އުފަލުގައި ތިޔަބޭފުޅުންނާއެކީ އަޅުގަނޑު ބައިވެރިވާއިރުވެސް އަޅުގަނޑު ހަމަ ވާހަކަ ފަށްޓަންވެސް ދެން ބޭނުންވަނީ، މި ދެ ރަށަށް ނިސްބަތްވާ ގޮތުން އަޅުގަނޑުމެން ތިބެ މިތާ ވާހަކަ ދައްކާއިރު، ހަމަ ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެމޭ. މިއަށްވުރެ މާ ކުރިން ޙަޤީޤަތުގައި މި ރަށަށް އައިސް، ހުޅުދޫމީދޫއަށް އައިސް މިކަންކަން އަޅުގަނޑު ހުންނަންވާނީ ފަށްޓައިދީފައި.

 

އެހެންނަމަވެސް، ހަމަ އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީ ކަންކަން އޮތްގޮތުގެ ޙަޤީޤަތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ. އަޅުގަނޑު ރަށު ބަންދުގައި މި ހުންނަނީ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން. އަޅުގަނޑު ރަށު ބަންދުގައި ފެބުރުވަރީ އެއްވަނަ ދުވަހުން ފެށިގެން ހުންނަ ހުރުން މިއީ ސުޕްރީމް ކޯޓާ ހަމައިން އައި އަމުރަކަށްވާތީ، މި ދެ ރަށުގައި ވާހަކަ ދައްކާއިރު، އަޅުގަނޑު މި ވާހަކައިން ނޫނީ ފަށައިގެން ނުވެސްވާނެ.

 

މި ދެ ރަށުގައި އަޅުގަނޑު މި ދަންނަވަނީ އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު މި ދަންނަވާ ވާހަކަ ގަބޫލުކުރައްވާށޭ. ހަމަ އެ ބޭބޭފުޅުންގެ ޢާއިލާއަށްވެސް މި ދަންނަވަނީ ގަބޫލުކުރައްވާށޭ. އެބޭފުޅުން އެ ގެންނެވީ ހަމަ ވަރަށް ނުރައްކާތެރި ބަޣާވާތެކޭ. އެކަން އެބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، ނޫނީ އެބޭފުޅުން އުއްމީދު ކުރެއްވި ގޮތަށް، ނޫނީ އެބޭފުޅުންނާއެކީ މީގައި ބައިވެރިވެގެން މަސައްކަތްކުރި ސިޔާސީ އިސް މީހުން ބޭނުންވިގޮތަށް މިކަން ނިމިގެންދިޔަނަމަ، ދިވެހިރާއްޖެ ސުންނާފަތިވީސް. ފަސޭހައެއްކޮންނެއް އެބޭފުޅުން އެ ވިދާޅުވިގޮތަކަށް، ރާއްޖޭގެ ވެރިކަމެއް ބަދަލުވެގެން ނުދިޔައީސް. މަގުމަތީގައި މީހުން ނުކުންނާނެ. ފިޔާތޮށި ކުދިންނާއި، އެނޫން އެހެން ކުލަކުލައިގެ ކުދިންނާ ތަޅާފޮޅުމަކަށްދިޔައީސް. ބޮޑު ލޭއޮހޮރުވުމަކަށް ދިޔައީސް. އަދި އެ ލޭއޮހޮރުވުން ޙައްލުކުރަން ދެން އަންނާނީ ކޮން ދިމަދިމާއަކުން ކަމެއް ލަޝްކަރު، އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއްނޫން. މިއިން އެއްވެސް ކަމަކަށް މި ފަނޑިޔާރުންނެއް ވިސްނާލާފައެއް ނެތް، އެބޭފުޅުންގެ އަތުގައި ބާރު އޮވެގެން އެ ނެރުއްވި ޣައިރު ޤާނޫނީ ޙުކުމް ނެރުއްވިއިރު.

 

އެހެންވީމާ، މި ހުންނަނީ މަތިވެރި މަޤާމުތަކަށް، އަމާނާތުން ފުރިގެންވާ މަޤާމުތަކަށް ރައްޔިތުންނަށް ޚިދުމަތް ކުރަން އައިސްފައި، އަޅުގަނޑުމެންނަށް ކުރެވޭ ބޮޑު ގޯސް. މިފަދަ ގޯސްތައް މި ހަދަނީ ސިޔާސީ ލީޑަރުންވެސް. މި ހަދާ ހުރިހާ ގޯހެއްގެ މަންފާވެރިންގެ ގޮތުގައި މިތިބީ، މިއަދު އެއް އޮޑިޔަކަށް އަރައި އެތިބީ އަޅުގަނޑާ ވާދަކުރާ އެހެން އެންމެން. އަދި ޖަލުގައި އެތިބަ ސިޔާސީ މީހުންނަކީވެސް ހަމަ މި އޮޑީގައި ދަތުރުކުރި މީހުން. ދަތުރުކުރަމުންގެންދާ މީހުން. އެހެން ދަންނަވާލަންޖެހޭ ސަބަބަކީ، އެއްވަނަ ދުވަހުގެ ޙުކުމުގައި ކޮންކޮން ވާހަކައެއްތޯ ހުރީ؟ އެއްވަނަ ދުވަހުގެ ޙުކުމުގައި ނެތޭ ޤައުމީ އެއްވެސް ވާހަކައެއް. ކުށްވެރިންތަކެއް ދޫކޮށްލާ ވާހަކަ ހުރީ. ކޮންބަޔަކަށްތޯ މަންފާ މި ލިބެނީ؟ މަންފާ މި ލިބެނީ ރައްޔިތުންގެ ޙައްޤުތަކަކަށް އަރައިގެން، އަދި އެބޭފުޅުން އެކުރެއްވި ކަންތައްތަކަކާ ދޭތެރޭގައި ފިޔަވަޅު ނޭޅުނުނަމަ، ކުރިއަށް އޮތް މުސްތަޤްބަލުގައި އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ ތެރޭގައި އަމާންކަން ގެއްލި، އަދި ބޮޑެތި ނުރައްކާތެރި ކަންކަން، ކޮންމެ ފެންވަރެއްގެ މީހަކާ ދޭތެރޭގައި ކަންކަން ކުރުމަށްޓަކައި ހަމަ ރައްޔިތުންނަށް ހިތްވަރު ދިނުމަށް ކުރެވޭ ކަންތައްތައް. އަޙްމަދު އަދީބް ނުކުތީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރި ލޯންޗެއް ގޮއްވާލަން. ރައީސުލްޖުމްހޫރިއްޔާ އެ ލޯންޗްގައި އިނީ އެއްގޮތަކަށްވެސް އެކަންޏެއްނޫން. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ މުޅި ޢާއިލާ ލޯންޗްގައި ތިބީ. ހަމައެކަނި ނެތީ އަޅުގަނޑުގެ ދަރިންކޮޅު. އިޙްސާންތެރިކަމަށް ލޯބިކުރައްވާ. ޙައްޤަށް ލޯބިކުރައްވާ. ޤާނޫނަށް ލޯބިކުރައްވާ. މީހުން ކުރާ ވިޔާނުދާ ޢަމަލުން ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ. އެއީ އަޅުގަނޑުގެ ޢާއިލާއަށް އެދުވަހު ދިމާވި ހިތްދަތިކަން. އެ ލޯންޗްގައި ހަމަ މިތަނުން ކޮންމެ މީހަކުވެސް އިނދެއްޖައީސް. ނޫނީ އެފަދަ ހާދިސާއެއް، އެފަދަ ނުރައްކާތެރިކަމެއް އަޅުގަނޑުމެންގެ ހަމަ ކޮންމެ ބަޔަކަށްވެސް ދިމާވެއްޖައީސް. މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމެއްތޯ؟ މިއީތޯ ޤައުމަށް ޚިދުމަތް ކުރުމަށް ރައްޔިތުން ވާދަވެރި އިންތިޚާބުތަކުން، އަދި އެމް.ޑީ.ޕީ އެހާ ވަރުގަދަކޮށް، އެހާ ޖައްބާރުކޮށް ރާއްޖޭގެ ކަންކަން ކުރަމުން ގެންދަނިކޮށް، ރައްޔިތުން ބުނީ އެއަށް ނޫނެކޭ. ރައްޔިތުން ނޫނެކޭ ބުނެފައި، ރައްޔިތުން ބޭނުންވާގޮތަށް، މަދަނިއްޔަތާއި، ތަހުޒީބާއި، ދީން ހިމާޔަތް ކުރުމަށް، ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓަށް 2013 ވަނަ އަހަރު ވޯޓުދިނީ. އެކަމެއް ތަޙައްމަލެއް ނުކުރެވުނު. އެކަމެއް ހަޖަމެއް ނުކުރެވުނު.

 

އެހެންވީމާ، މިހާރު މުސްކުޅި ބޭފުޅުން ނުކުމެވަޑައިގެން، ތިމަންނާމެންނަށް މި ހެދުނީ ގޯހެކޭ ވިދާޅުވީމާ، އެބޭފުޅުން އެ ދައްކަވާ ވާހަކައަކީ އަދިވެސް ތިމަންނާމެން މިތިބީ ރައްޔިތުންނާއެކީއެއް ނޫނޭ. އަދިވެސް މިތިބީ އަމިއްލަ ޖީބު ފުރާށޭ. އަމިއްލަ އެދުމުން ފޯވެގެންނޭ. އަމިއްލަ ކަންކަން ކުރިއަށް ނެރޭށޭ. ރައްޔިތުންގެ ހަމަ އެއްވެސް ކަންފުޅެއް ނެތޭ އެމީހުންގެ. ރައްޔިތުންނާ ދޭތެރޭގައި އޯގާތެރިކަމުގެ އެއްވެސް ކަންފުޅެއް ނެތް. އަޅުގަނޑު ޕޯޑިއަމްތަކުގައި ގަދަފަދަކޮށް ވާހަކަ ދައްކާތީ އަޅުގަނޑަށް ބައެއް މީހުން ބުނޭ. ރައީސް ޔާމީނުގެ އަޞްލު އިންސާނީ ޞޫރަ ދައްކަބަލާށޭ. އަޅުގަނޑުގެ އަޞްލު އިންސާނީ ސޫރަޔަކީ، މިއަދު މިއީ ހަތަރުލައްކަ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްޤީގެ އައްސޭރިޔަށް ދަތުރުކުރާ ރައީސަކީމުއޭ. އަޅުގަނޑުގެ އިންސާނީ ޝުޢޫރު އަންނަނީ، އަޅުގަނޑުގެ އިންސާނީ ޝުޢޫރާއި، އިންސާނީ ކުލުނާއި، އަޅުގަނޑުގެ ނަފްސުގެ ބަލިކަށިކަން މި އަންނަނީ ޙަޤީޤަތުގައި ރައްޔިތުން ބޭނުންވާ ކަންތައް، ރައްޔިތުންގެ ވަލިއްޔުލްއަމްރެއްގެ ހައިސިއްޔަތުން އެކަންކަން ކޮށް ނިންމާފައި. އޭގެފަހުން އަޅުގަނޑު ނިދަންވެސްޖެހެނީ. ފެބުރުވަރީ އެކެއްގައި ކަންތައްތައް ހިނގައިދިޔައީ އެގޮތަށް.

 

އެހެންވީމާ، އަޅުގަނޑުގެ އަޞްލު ސޫރައެއް، އަޅުގަނޑު މިކުރާ މަސައްކަތްކޮށް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ މި 23 ވަނަ ދުވަހު ނަގާ ވޯޓުން އަޅުގަނޑު ކާމިޔާބުކޮށްފައި ނޫނީ، އަޅުގަނޑުގެ އަޞްލު ސޫރައެއް ރައްޔިތުންނަކަށް ނުފެންނާނެ. އެކަމަކު އަޅުގަނޑުގެ އަޞްލު ސޫރަޔަކީ، އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑަކީ އަނތްބެއްގެ ފިރިއެއް. އަޅުގަނޑަކީ ދަރިންކޮޅެއްގެ ބައްޕައެއް. އަޅުގަނޑަކީ ރައްޔިތުންނާއެކީ މަސައްކަތްކުރާ މީހަކީމު. އަޅުގަނޑަކީ އަޅުގަނޑާ ހަވާލުކުރި ރައްޔިތުންގެ އަމާނާތް، އަމާނާތްކަންމަތީ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރާ މީހެއް. އަޅުގަނޑާއެކީ މަސައްކަތްކޮށްފައި، އެމީހުންގެ އަމިއްލަ މުހުތާދުތަކެއް ނުފުއްދުނީމާ، އެމީހުން އަމިއްލައަށް ނުކުމެގެންދިޔައީ. އެއީ އަޅުގަނޑުގެ މައްސަލައެއް ނޫން. އެއީ އެމީހުންގެ މައްސަލަ. އެމީހުންގެ އީގޯ، އެމީހުންގެ ހަށިގަނޑުގެ ތެރޭގައި ނުގެންގުޅެވުނީ. އެހެންނޫނީ ކީއްވެގެންތޯ، އެހެންނޫނީ ކީއްވެގެންތޯ، އެމީހުން ދެން އެނބުރި މަޙްޝަރުވާނެކަން ހަނދާން ނުހުންނަނީތޯ؟ މިފަދަ ބޮޑެތި ޖަރީމާތައް ކޮށްފައި ހުރީ. މިފަދަ ބޮޑެތި އިންސާނުންގެ ޙައްޤުތަކަށް، މުޅި ޤައުމީ ޙައްޤަށް އަރައިގެންފައި ތިބޭ ބައެއްގެ ވާހަކަ މި ދެއްކެނީ.

 

އެހެންވީމާ، އަޅުގަނޑު އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ކޯލިޝަންގައި ތިބި ބޭފުޅުންނަށް، ހުޅުދޫމީދޫގެ ރައްޔިތުންގެ ޙާޒިރުގައި، މުޅި ދިވެހި ރައްޔިތުންގެ ޙާޒިރުގައި ސުވާލެއް ދަންނަވާލާނަން. 23 ވަނަ ދުވަހު އަޅުގަނޑަށް ވޯޓު ދެއްވާށޭ ތިޔަބޭފުޅުންގެ އަރިހުގައި މި ދަންނަވަނީ، ތިޔަބޭފުޅުންގެ އުއްމީދުތައް އިތުރަށް ފުއްދައިދޭން. އެ އުއްމީދުތައް ފުއްދައިދިނުމުގައި އަޅުގަނޑު ދަންނަވާނީ، މީދޫއަށް މިއަދު އެންމެ ބޮޑަށް ދަތިވެފައި އޮތް މައްސަލައަކީ މީދޫ ގިރާ މައްސަލައޭ. ގަބޫލުކުރައްވާ! ޝައްކުނުކުރައްވާ! އިރާދަކުރެއްވިއްޔާ، 23ގެ ވޯޓަކީ އަޅުގަނޑުމެން އެދޭގޮތަށް ނަތީޖާ ނުކުންނަ ވޯޓެއް ކަމަށްވަންޏާ، އަޅުގަނޑު މި އަހަރު ހުސްވުމުގެ ކުރިން، މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނަން.

 

 ހަމައެހެންމެ، އަޅުގަނޑަށް ދެންމެ އެންމެ ބޮޑަށް ޝާޑުގެ ފަރާތްޕުޅުން އެނގުނު، މީދޫއާއި ހުޅުދޫއަކީވެސް ހަމަ ވަރަށް ދީނަށް ލޯބިކުރާ، އަދި ތަޢުލީމަށް ލޯބިކުރާ ރައްޔިތުންތަކެއް ތިބޭ ދެ ރަށް މިއީ. އެހެންވީމާ، މި ދެ ރަށަށް މެދަށްވާގޮތަށް އިރާދަކުރެއްވިއްޔާ،  މިޒަމާނުގެ ބޮޑު އިސްލާމިކް ސެންޓަރެއް މިތަނުގައި އަޅާނަން.

 

ހަމައެއާއެކީ ދަންނަވާލާނަން. މިއަދު އަޅުގަނޑު މި ރަށަށް އައިމާވެސް، ތަންކޮޅެއް ދޮށީ އުމުރެއްގެ ބޭފުޅަކު، އަދި އޭގެކުރިން އަޅުގަނޑު އައި ދަތުރުތަކުގައިވެސް އަޅުގަނޑު ކައިރީގައި އެ ވާހަކަ ވިދާޅުވި. އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތީމާ، ތިމަންނާމެންނަށް އުފުލަންޖެހޭ ދަތިތަކެއް އެބަހުއްޓޭ. ފީތައް ދައްކަންވެސް މި ދާންޖެހެނީ، ސައިކަލް ފީ، ކާރު ފީ، މިކަހަލަ ހުރިހާ ފީއެއް ދައްކަން ދާން މިޖެހެނީ ހިތަދޫއަށޭ. އަޅުގަނޑު ދަންނަވާނީ، ހުޅުދޫމީދޫގެ ރައްޔިތުން ފީތައް ދައްކާކަށް ދާކަށްނުޖެހޭނޭ. މިހާރުވެސް މިކަން ކުރެވޭނެ އިންތިޒާމު، ޤާނޫނުގެ ތެރެއިން ހަމަޖެއްސޭނެ. އެކަމަކު ޠާރިޤު، މީގެކުރީގެ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެ. އެއީ އަޅުގަނޑު ތާއީދުކުރާ ޚިޔާލެއް. މިހާރު ސިޓީ، އެ ބަހާފައި އޮންނަ އުޞޫލަކުންނެއްނޫން ސިޓީ ބެހެންވާނީ. އަޅުގަނޑަކަށް ނުވިސްނޭ، ހުޅުދޫމީދޫ ސިޓީއަކަށް ނުވާންޖެހޭ ސަބަބެއް. މިއީ ދެ ބައްރެއް. އައްޑުއަތޮޅަކީ ދެ ބައްރަކަށް ރަށްތައް އަތުރާލެވިފައިވާ ރައްޔިތުން ދިރިއުޅޭ ތަނެއް. ހިތަދޫ ބައްރުގައި ހިތަދޫ ސިޓީއަކަށްވާއިރު، އަޅުގަނޑަކަށް ނުވިސްނޭ، ކީއްވެގެންކަމެއް ހުޅުދޫމީދޫގެ ރައްޔިތުން، އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމަށްޓަކައި ހިތަދޫސިޓީއަށް ގޮސް، އެތަނުގެ ކައުންސިލްގައި މަސައްކަތް ކުރަންވީ. އަޅުގަނޑަކަށް ނުވިސްނޭ އެގޮތެއް.

 

އަޅުގަނޑުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސިޓީ މިހާރު މި ހަދާ އުޞޫލަށް ބަދަލުގެންނާނަން. ބަދަލުގެންނައިރު، މި ދެންނެވި ގޮތަށް ތަންތަނުގެ ޖިއޮގްރަފީއަށް ބަލައިގެން އަޅުގަނޑުމެން މި ބަދަލުގެންނާނީ. އޭގެ މަންފާވެރިންނަށް ވެގެންދާނީ، ކޮންމެ ސިޓީއެއްގައި، އަޅުގަނޑު ބުނިން، އަޅުގަނޑު އިޢުލާނު ކުރިން، 500 ހައުސިންގ ޔުނިޓް، އަޅުގަނޑުމެން ފެށުމުގެ ގޮތުން ހަދައިދޭނަމޭ. އެހެންވީމާ، މިތަން ސިޓީއަކަށް ވެގެންދާއިރު، އެކަން ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ! މިއީ އަޅުގަނޑު، 23 ވަނަ ދުވަހުގެ ވޯޓު ކާމިޔާބު ކުރަން ބޭނުންވާ، މިކަހަލަ އެތައް ބައިވަރު ސަބަބެއް ހުރީ. އަޅުގަނޑު ޤައުމީ އެހެން ބޮޑެތި މަޝްރޫޢުތަކުގެ ވާހަކައެއް ނުދައްކާނަން. ހުޅުދޫމީދޫގައި މި ދަންނަވާ ފީ. ހަމަ ހުޅުދޫމީދޫގެ ބައެއް ވާހަކަ. މިކަމަށްޓަކައި އަޅުގަނޑު މިކަމަށް ކުރިމަތިލައިގެން މިއުޅެނީ.

 

އެހެންވީމާ، އަޅުގަނޑު އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާ ވާހަކައަކީ، އަޅުގަނޑު ނުކުމެ މިހުރީ ޤައުމީ ޚިދުމަތް ކުރާށޭ. އަޅުގަނޑު މި ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކެއް. އެތައްހާސް ރައްޔިތުންގެ އުއްމީދާއި، އެ އުއްމީދުތަކަށް ދިރުމެއް ގެންނަން ކުރާ މަސައްކަތޭ މި ކުރަނީ. އިބްރާހީމް މުޙައްމަދު ޞާލިޙު އެ ވިދާޅުވަނީ ކީކޭތޯ؟ އިބްރާހީމް މުޙައްމަދު ޞާލިޙު އެ ވިދާޅުވާ އެއް ވާހަކަ ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވީ. ޕީ.ޕީ.އެމް، އަޞްލު އޭގެ ޙައްޤުވެރިންނާ ހަވާލުކުރާނަމޭ. ދަންނަވަންތޯ ވާހަކައެއް. އިބްރާހީމް މުޙައްމަދު ޞާލިޙު އެ އުޅުއްވަނީ އޮޅިވަޑައިގަންނަވައިގެން. މިއަދު ރައީސް މައުމޫން އެމް.ޑީ.ޕީ.އާއެކީ ކޯލިޝަން ހައްދަވައިގެން ހުންނެވި ކަމުގައިވިޔަސް، އެ ކޯލިޝަންމަތީގައި ހުންނަވާހާ ދުވަހަކު ޕީ.ޕީ.އެމް.ގެ ވެރިޔަކަށް ރައީސް މައުމޫން ވަޑައިގަތަސް، ޕީ.ޕީ.އެމް.ގައި ނޫޅޭނެ، ދިވެހި ވިންދު ހިނގާ، ދިވެހި ލޭ ހިނގާ އެއްވެސް ދިވެހި ޒުވާނަކު ނޫޅޭނެ. އެއްވެސް ދިވެއްސަކު ނޫޅޭނެ. އަޅުގަނޑުމެން ދިވެހިން، ޕީ.ޕީ.އެމް.ގެ ފިކުރަކީ އަދި އޭރު އޮތް ޑީ.އާރު.ޕީ އުފެއްދި، ޑީ.އާރު.ޕީ.ގެ ފިކުރަކީ ޙަޤީޤަތުގައި އެންޓި-ޑޯޒް. އެއީ އެމް.ޑީ.ޕީ އަށް އޮތް އެންޓި-ޑޯޒް. އެމް.ޑީ.ޕީ.އަކީ ވައިރަސްއެއް ކަމަށްވަންޏާ، އޮތް ބެކްޓީރިއާއަށް އޮތް ވައިރަސްއަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޕާޓީ. އަޅުގަނޑުމެންނަކީ ޙަޤީޤަތުގައި މި ދެންނެވި އެންޓި-ޑޯޒް. ނޫނީ އެންޓި-ބައޯޓިކް.

 

އެހެންވީމާ، ޕީ.ޕީ.އެމް.ގެ ޢާއްމު މެންބަރުންނެއް އެމް.ޑީ.ޕީ. ކޮޅަކަށް އަރާނެގޮތެއް އަޅުގަނޑަކަށް ނުފެނޭ. އެހެންކަމަށްވަންޏާ ދިވެހިރާއްޖޭގައި ޕާޓީތަކެއް ނޫޅޭނެ. ދިވެހިރާއްޖޭގައި އޮންނާނީ ހަމަ އެންމެ ޕާޓީއެއް. އެގޮތަކަށް ނުވާނެ. އެއީ ވާނެ ކަމެއްނޫން. އެކަމަކު އެއިން އަޅުގަނޑަށް ނެގެނީ މުޅިން އެހެން މާނައެއް. އަޅުގަނޑަށް ނެގޭ މާނައަކީ، އެ ވިދާޅުވި އެއްޗެއް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވައިގެންނޭ އެ ވިދާޅުވަނީ. މިއަދު ކޯލިޝަން ހައްދަވައިގެން އެ އުޅުއްވަނީ، އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންފި ކަމަށްވަންޏާ، ރައީސް މައުމޫންގެ ފެކްޝަނަށްވެސް ކޮންމެވެސްވަރަކަށް ސަރުކާރު ހިންގުމުގެ ނުފޫޒު، ބާރު ދެއްވާނެ ކަމަށް ވިދާޅުވެ. ކޮންމެވެސް ޕަސެންޓޭޖުން ކޭކުން. އެކަމަކު ކޭކަކީ ހާދަ މީރު ކޭކެކޭ. ކޭކު ލިބޭ މީހާ ހަމަ މުޅި ކޭކު އެކީ ކާލަން ބޭނުންވާނެ. އެއެއް ނުލިބޭނެ. ފެޅުމުގެ ކުރިން ބައި އަޅާނެ ވާހަކަ ބުނާނެ. މިއަދު އޭގެ ޙަޤީޤަތް އެ ވިދާޅުވީ. މިއަދު އެ ވިދާޅުވީ ޙަޤީޤަތް. ތިމަންނާމެން ރައީސް މައުމޫނާއެކީ ނުދާނަމޭ. ރައީސް މައުމޫން ޕީ.ޕީ.އެމް.އާ ހަވާލުކޮށްފައި، ޕީ.ޕީ.އެމް ބައްސާލާނަމޭ. އެއީ އެ ވިދާޅުވި ވާހަކައަކީ. ޕީ.ޕީ.އެމް.ގެ އަޞްލު ޙައްޤުވެރިންނަކީ ރައީސް މައުމޫން ކަމަށްވަންޏާ، ރައީސް މައުމޫނަށް ޕީ.ޕީ.އެމް. ދީފައި، އެ ދައްކާ ވާހަކައަކީ، މިހާރު ބައިއަޅަން އޮތް އޮތުން ދޫކޮށްލާނެއޭ. އެ އެހެންވާގޮތަކީ، ޕީ.ޕީ.އެމް.ގެ ޢާއްމު މެންބަރުންނެއް ނޭދޭނެ، އެމް.ޑީ.ޕީ.ގެ ތެރެއިން، އެމް.ޑީ.ޕީ.ގެ ފަރާތުން އެއްވެސް ކަމެއްވާކަށް. އެބޭފުޅުން ދޮގެއްތޯ، އެބޭފުޅުންގެ ޕާޓީގެ ކުދިންނަށް އޯގާތެރިކަމާއި ރަނގަޅުގޮތް ދައްކާފައި، އެހެން މީހުންނަށް، އެމީހުންގެ ހުރި ނުބައިކަން ދައްކާލަނީ.

 

އެހެންވީމާ، އަޅުގަނޑު ހަމަ ކޮށްލާ ސުވާލަކީ، އިބްރާހީމް މުޙައްމަދު ޞާލިޙަށް، އަދި ހުޅުމީދޫގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. އަޅުގަނޑުމެންގެ މި ސިޔާސީ މަސައްކަތާއި، 23 ގައި މި ނަގާ ވޯޓަކީ ހަމައެކަނި ރައީސް މައުމޫނާއި، ދެންވެސް ޖަލުގައި ތިބި ބައެއް މީހުން، އޭގެތެރޭގައި މިރަށުގެ ފަނޑިޔާރަކާއި، ޖެހިގެން އޮތް ރަށުގެ ފަނޑިޔާރު ހިމެނޭ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޤައުމީ މައްސަލައަކީ، ޙުކުމް އައިސްފައި، ހުރިހާ ކޯޓަކުން ނިންމާފައި ހުރި މައްސަލަތަކެއްގައި، ޙުކުމް ސާބިތުވެގެން މުޖުރިމުން ކަމަށް ކަނޑައެޅިފައި ހުރި ބަޔަކު ދޫކޮށްލުންހެއްޔޭ؟ މިއީ ހެއްޔޭ އަޅުގަނޑުމެންގެ އުއްމީދަކީ 23 ސެޕްޓެންބަރުގައި. އެއީތޯ ރާއްޖެ ބިނާކުރާގޮތަކީ؟ އޭގައި ކޮބައިތޯ، ފެއްސާއި ރަތާއި ހުދުގެ ނިޝާނެއްވެސް އެބައޮތްތޯ؟ ކީއްވެގެންތޯ ދެރަސޮރު ޖަލުގައި އޮންނަންވީ؟ ދެރަސޮރުވީމާ ޖަލުގައި. ދޮންމަނިކުވީމާ ޖަލުގައި. އިބްރާހީމްވީމާ ޖަލުގައި. އެކަމަކު މި ފެންވަރުގެ ބޭފުޅުންވީމާ، އެބޭބޭފުޅުން ޖަލުގައި އުޅުއްވާކަށް ނުޖެހޭ، ކޮންމެފަދަ ގޯހެއް ހެދިޔަސް.

 

ދަންނަވަންތޯ ވާހަކައެއް. އަޅުގަނޑުމެންގެ ތާރީޚުން ނަގައިދީފައި ހުރި ފިލާވަޅު އެބަހުރި. އަޅުގަނޑުމެންގެ ތާރީޚުން ނަގައިދީފައި ހުރި ފިލާވަޅުތަކުގައި، ރަސްކަލަކު ރަސްކަމުން ދުރުވެވަޑައިގެންނެވި ގޮތް އަޅުގަނޑުމެންނަށް އެނގޭ. ދެން އޭނާ ރަސްކަން ހަވާލުކުރެއްވީ އޭނާގެ ދަރިފުޅާ. ހިއްޗަށް ވަޑައިގެންނެވިއިރު، ނޫނީ ހުކުރުން ފައިބާވަޑައިގެންނެވިއިރު، ބަލަން ހުރެފައި ބުނީ، ދަރިޔަކަށްވެސް މިކަން ހަވާލުކޮށްގެން ހުންނަން ކެރޭވަރުގެ ކަމެއް ނޫނޭ މިއީ. އަލުން ރަސްކަން ބޭނުމޭ. މިއީ ނޫންތޯ އަޅުގަނޑުމެންގެ ތާރީޚުން އަޅުގަނޑުމެންނަށް ނަގައިދޭ ފިލާވަޅު. 

 

އެހެންވީމާ، ރައްޔިތުން މީހަކު އިންތިޚާބު ކުރީމާ، އޭނާއަށް އެބަ ލިބޭ ދައުރު. އޭނާއަށް އެބަޖެހޭ ފަސް އަހަރުގެ ދައުރެއް ލިބެން. ރައީސް ނަޝީދަށް އަޅުގަނޑުމެން އެރުވިން، ފަސް އަހަރުގެ ދައުރެއް. އޭނާއަށް ހިފަހައްޓައިނުލެވިގެން އިސްތިޢުފާ ދީފައި ދުރަށްދިޔައީ. ހަމަ މިތަނުގައި، އައްޑުއަތޮޅުގައި ފެނުގެ ޚިދުމަތްދޭން އައި. 2009، 2010 ގައި އައީ. ޠާރިޤުގެ ވާހަކައިގައި އެ ވިދާޅުވީ ބައި ވޯޓަރސް. މުޅި މަޝްރޫޢުގެ އަދަދަކީ ސާޅީސް ދެ މިލިއަން. ސަރުކާރުން ހޭދަކުރާ ފަނަރަ މިލިއަން ޑޮލަރު އެމީހުން ނެގި. ފަނަރަ މިލިއަން ޑޮލަރަށްވީގޮތް އެ ވިދާޅުވެދެއްވީ. ދެން އެހިސާބުން ކީއްތޯވީ؟ ދެން އެހިސާބުން ހަމަ ފިލީ. އެއީ މިކަންކަން ހިނގާ ގޮތަކީ. އަޅުގަނޑުމެންގެ ޙާލަތަކީ މިއީ.

 

އެހެންވީމާ، އޭރު ފެށި މަސައްކަތް. ބައެއް ރަށްރަށުގައި އާރު.އޯ ޕްލާންޓާއި، ފެން ތާނގީ ހެދުނު. އެކަމަކު ޑިސްޓްރިބިއުޝަން ނެޓްވަރކެއް ނެތް. ކިތައް އަހަރު ފަހުން، މިއަދުތޯ؟ މިއަދުވެސް އެކަން ޙައްލުކުރަން މިޖެހުނީ ރައީސް ޔާމީނަށް ނޫންތޯ. މާލޭގައި ކުނިގޮނޑެއް އޮތިއްޔާ، އެވެސް އަޅުގަނޑު ނަގަނީ. މާލޭގެ މަގުމަތީގައި ހާޖަތަށް ގޮސްފައި ހުރިއްޔާ، އެވެސް ސާފުކުރަނީ އަޅުގަނޑު. އަދި އެހެންވެސް މިކަހަލަ ކަންތައް ހުރިއްޔާ، އެކަންކަންވެސް މި ޙައްލުކުރަނީ އަޅުގަނޑު. ކީއްވެގެންތޯ މިއިން ކަމެއް ޙައްލުނުކުރެވުނީ؟ އެ ވާހަކަ ނުދެއްކެވުނީ؟ ށ. އަތޮޅު ބިލެތްފަހީގައި އަޅުގަނޑު އެއަރޕޯޓެއް އަޅާ ވާހަކަ ދެއްކީ، އެތަނުގައި މުސްތަޤްބަލެއް އޮތް ވާހަކަ ދެއްކީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އަޅުގަނޑު ށ. އަތޮޅަށް ކުރި ދަތުރުގައި، މީގެ އެތައް ހަފްތާއެއް ކުރިން. އެކަމަކު މިއަދު އިބްރާހީމް މުޙައްމަދު ޞާލިޙު އެ ވިދާޅުވަނީ، ތިމަންނާވެސް ބިލެތްފަހީގައި އެއަރޕޯޓެއް އަޅާނަމޭ. ކީއްކުރަންތޯ ދެ ކުލައިގެ ދެ އެއަރޕޯޓް އަޅަންވީ؟ މިހާރު ދެން އަޅުގަނޑު އަޅާ އެއަރޕޯޓްތަކުގައި، ރަންވޭއާއި ޓަރމިނަލްގައި ފިޔާތޮށި ކުލަ ދަމަން މިހާރު މަޖުބޫރުވެއްޖެ. އެއީ އެބޭފުޅުންވެސް އެއަރޕޯޓް އަޅާނެނޫންތޯ.

 

އެހެންވީމާ، މި ރިޔާސީ އިންތިޚާބަކީ، އަޅުގަނޑުގެ ހިތަށް މިއަރަނީ، އިދިކޮޅު ބޭފުޅުން ވާހަކަ ދައްކަވާއިރު، މި ރިޔާސީ އިންތިޚާބަކީ ހަމައެކަނި ކުށްވެރިންގެ ތެރެއިން، އެހެންނަމަވެސް، އެބޭފުޅުންނަކީ ޝަރަފުވެރި ބޭފުޅުން. ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅުން. މީގެ ތިން ހަތަރު މީހެއް ވީއްލުންހެއްޔޭ، މުޅި ދިވެހިރާއްޖެއަށް، މުޅި ދިވެހި ހުރިހާ ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް އުނދަގޫވެފައި އޮތީ މިކަން ހެއްޔޭ؟ މިކަން ނިމުނީމާ، އެބޭފުޅުންގެ ރިޔާސީ ވަޢުދުތައް ފުދުނީތޯއޭ؟ ރައްޔިތުންނަށް ކޮށްދެއްވާ ޚިދުމަތް ނިމުނީތޯއޭ؟ އެއިން އެބަ ދައްކައިދޭ، އެބޭފުޅުންގެ ކިބައިގައި ޢަދުލު އިންޞާފުގެ ޒައްރެއްވެސް ނެތްކަން އެބަ އެނގޭ. ޢަދުލު އިންޞާފުގެ ޒައްރެއްވެސް އެބޭފުޅުންގެ ތެރޭގައި ނެތް. އެކަން ކުރައްވަން އެބަޖެހެޔޭ. އެކަން ކުރައްވަންޖެހެނީ ކީއްވެގެންތޯ؟ އާނ! އެކަން ކުރެއްވީމާ ނޫންތޯ، ހަމަ އެޅެނީ ރައީސް ނަޝީދު ގެނެސް ދޫކޮށްލަން. އެއީ އެ ހަމަ އަޅަން ބޭނުންވާގޮތް. އޭގެ ދީބާޖާ މި އަންނަނީ.

 

އެހެންވީމާ، މިހާރު ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލައިގެން ނޫނީވިއްޔާ ހަމަ އަޅާފައި، ރައްޔިތުންނަށް ވިސްނައިދީފައި، އެއަށްވުރެ ބޮޑު ކުށަކަށް އަރައިގެންފައި ހުރި، އެއަށްވުރެ ބޮޑު މުޖުރިމެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް. ޓެރަރިޒަމްގެ ދަޢުވާގައި ތޭރަ އަހަރު މިހާރުވެސް ޙުކުމް ތަންފީޒު ވަމުންދާ ބޭފުޅެއް ރައީސް ނަޝީދު. ރާއްޖޭގައި ހުންނަވަންވީ ގޮނޑި ދުއްވަން. ރާއްޖެއަށް ވަޑައިގަންނަވަންވީ ބްރިޖްމަތީގައި ގޮނޑި ދުއްވަން. އެހެންވީމާ، މިކަމަށް ހުޅުވައިލެވޭނެ ދޮރެއް ހުޅުވައިލަން ކުރައްވާ މަސައްކަތް މިއީ.

 

އެހެންވީމާ، ދިވެހި ޒުވާނުންނަށް އަޅުގަނޑު ޚާއްޞަކޮށް ދަންނަވާލާ ވާހަކައެއް. އަޅުގަނޑުމެންގެ ސަލާމަތާއި، އަމާންކަމާއި، ރައްކާތެރިކަމާއި، ޤައުމުގެ ތަރައްޤީ އޮތީކީ އެއްގޮތަކަށްވެސް ސިޔާސީ ވިސްނުމެއް ނެތް، އަދި އަމުދުން ތަރައްޤީގެ ކަންފުޅެއްވެސް ނެތް ބަޔަކު ދައްކާ މިކަހަލަ ވާހަކައަށް ހެއްލިވަޑައިނުގަންނަވާ. އެކި ނަންނަމުގައި، އެކި ގޮތްގޮތަށް، މިތަންތަނަށް މީހުން އަންނާނެ. އެކި ނަންނަމުގައި އައިސް، އެކިކަހަލަ ދަހިވެތިކަމުގެ އޮފަރތައް އަންނާނެ. އެއަށް ނޫނެކޭ ވިދާޅުވޭ. ޤައުމަށްޓަކައި ނޫނެކޭ ވިދާޅުވޭ. ދީނަށްޓަކައި ނޫނެކޭ ވިދާޅުވޭ. މަންމަ، ބައްޕަ، ކާފަ، މާމައަށްޓަކައި ނޫނެކޭ ވިދާޅުވޭ. އެ ދަހިވެތިކަމުގައި، އަޅުގަނޑުމެން ގޮސްފައި، ނަތީޖާ ބަދަލުވި ކަމަށްވަންޏާ، ދެން އަޅުގަނޑުމެންނަށް ހަމަ ދުވަހަކުވެސް ތަޙައްމަލުކޮށްލާ، އަޅުގަނޑުމެންނަށް ޙައްލު ނުހޯދޭވަރުގެ ހިތްދަތިކަމެއް ކީއްކުރަންތޯ، އަޅުގަނޑުމެން އެނގިތިބެގެން، ސަލާމަތް ބުއްދީގައި މިއަދު ތިބެގެން ކީއްކުރަންތޯ ތިބެންވީ؟ 

 

އެހެންވީމާ، އަޅުގަނޑުމެންނަށް އުނގެނުން ﷲ އަންގަވާފައި އެ އޮންނަނީ، އުނގެނެން. އުނގެނުމުގެ ބޭނުމަކީ ކޮބައިތޯ؟ ކީއްކުރަންތޯ މިތަންތަނުގައި ސްކޫލް އަޅަނީ؟ މިތަންތަނަށް އައިމާ އަޅުގަނޑުގެ ކައިރީ މި ބުނަނީ، ޔުނިވަރސިޓީ ކެމްޕަސް އަޅައިދޭށޭ. ކީއްކުރަންތޯ މަތީ ތަޢުލީމަށް ދާންވީ؟ އެންމެ އަސާސީ އިބްތިދާއީ ތަޢުލީމުންވެސް އެބަ ބުނެދޭ، ނުބައި ކަންތައްތަކަށް ނޫނެކޭ ބުނާށޭ. ނުބައި ކަންތައްތަކަށް ނޫނެކޭ ބުނުމުގެ ތެރޭގައި ހިމެނޭ ކަމެއް ރިޝްވަތު އެއީ. ބޮޑު ބޭފުޅަކު ދެއްވިޔަސް، ރިޝްވަތުވާނީ ރިޝްވަތަކަށް. މިކަންކަމުގައި ނޫންތޯ، މީގެ ބޭފުޅުން ތާށިވެގެން މިއުޅެނީ. މިކަން ނޫންތޯ ހިނގައިދިޔައީ ސުޕްރީމް ކޯޓުގެ ފެބުރުވަރީ އެކެއްގެ އަމުރުގައި. 

 

އެހެންވީމާ، ކިތަންމެ ރަނގަޅު ބަޔަކު، ކުރީގައި އަޅުގަނޑުމެންނަށް ވިސްނުނު ކަމުގައިވިޔަސް، ޚިދުމަތުގެ ރެކޯޑެއް އޮތްބަޔަކު ކުރިޔަސް، މިރަށުގައި ދެން އޮތް ރަށަށް، ރައްދުވާގޮތަށް އަޅުގަނޑު މި ދަންނަވަނީ، މިކަންކަމާ ދޭތެރޭގައި، އެއްގޮތަކަށްވެސް ހިތްބަރުކުރުމެއް އަޅުގަނޑާ ދޭތެރޭގައި ނުބާއްވާށޭ. އެއީ އަޅުގަނޑާ ދެކޮޅަށް އައި އަމުރެއް ނޫން. އެއީ މުޅި ދިވެހި އިންސާނިއްޔަތާ ދެކޮޅަށް އައި އަމުރެއް. އެރޭގެ ނަތީޖާ، އެބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ދިޔަނަމަ، އަޅުގަނޑު މި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ. ﷲ އެގޮތް މިންވަރު ނުކުރެއްވީ. އެކަމަކު ތަދުބީރު ކުރި ރާއްޖޭގެ އެންމެމަތީ މީހުން. އެންމެ ފައިސާވެރީން. އެންމެ ނުފޫޒު ގަދަ މީހުން. ސިޔާސީގޮތުން އެންމެ ފުންނާބު އުސް ހުރިހާ އެންމެން ތަދުބީރުކުރި އެކަން ކުރަން. އެކަމަކު ﷲގެ ރުއްސެވުމާއި، ﷲގެ މަގު އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް މިންވަރު ކޮށްދެއްވީތީ، ދިވެހި ރައްޔިތުން ގޮވައިގެން މިކަމުން އަޅުގަނޑު ސަލާމަތްވީ. މިއީ އަޅުގަނޑުމެން ތާއަބަދު ހަނދާންކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތާރީޚުގައި އެބަހުރި ނަގައިދީފައި ހުރި ހިތްދަތި، އަދި އަޅުގަނޑުމެން އަޑުއަހަން ބޭނުންނުވާ ހުތުރު ފިލާވަޅު އެބަހުރި. ޝައްކެއްވެސްނެތްގޮތުގައި، މިއަށްވުރެ ވަކި ހުތުރު ފިލާވަޅެއް ނޯންނާނެ. މިބުނާ ސިޔާސީ ލީޑަރުން ވެގެން، ރައްޔިތުން މަޖިލީހުން މިކަންކަންނުވީ. ސަރުކާރުގެ ތެރެއިން މިކަންނުވީ. ފުލުހުން ނެރެގެން މިކަންނުވީ. ދެން މި ދިމާކުރީ، އަޅުގަނޑުމެންގެ އެންމެ މަތީ ކޯޓުގެ ތެރެއިން މިކަން ކުރަން.

 

ދެން ކޮބައިތޯ އަނިޔާއަކީ ކޯއްޗަކަށްތޯ ވަނީ؟ މިއިން ކަމެއް އަނިޔާއަށް ނުވާކަމަށްވަންޏާ، ދެން ކޮބައިތޯ އަނިޔާއަކީ؟ އަނިޔާ ލިބިފައި ތިބި މީހުން ދާންވީ ތިމަންނާމެންގެ އަނިޔާ ހިފައިގެން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން. މިތަނުގައި ތިއްބެވި ބޭފުޅެއްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެ ކަމަށްވަންޏާ، އެ ވަރިހަމަ، ވަރި ކައިވެނި ކަމަށްވިޔަސް. އެ ވަރިހަމަ، މުދާ ބެހުން ކަމަށްވިޔަސް ވަރިހަމަ. އެ ވަރިހަމަ، ޖިނާޢީ ކުށެއް ކަމުގައިވިޔަސް. މި ބޭބޭފުޅުން ރާއްޖޭގެ ކޯޓުތަކަށް ވަޑައިގަތީމާ، އެއް ކޯޓުން ނިމިގެން އަނެއް ކޯޓުން ނިމުނީމާ، ސުޕްރީމް ކޯޓުން ނިމުނީމާ، އެ އަންނަ ޙުކުމެއް، އެ އަންނަ އަމުރަކަށް އަޅުގަނޑުމެން މިތިބީ ތަބާވެގެން. އެކަމަކު މި ބޭބޭފުޅުންނާ ހެދި، މިއިން ބޭފުޅަކަށް އަންނަ ޙުކުމެއް ގަބޫލުކުރެވޭ ކަމަކަށްނުވޭ. އެހެންވީމާ މިއީ ދިވެހިރާއްޖެއަށް ނުތަކައިގެން އުޅޭ ބައެއް ނޫންތޯ. މިއީ ދިވެހިރާއްޖެއަށް ނުތަކައިގެން އުޅޭ ބައެއް. ދިވެހިރާއްޖޭގައި ހިނގަންވާނީ، އަޅުގަނޑުގެ ސަރުކާރެއްގައި ހިނގާނީ ޤާނޫނުގެ ޙުކުމް. އަޅުގަނޑުގެ ސަރުކާރުގައި ތަންފީޛުވެގެންދާނީ، ކޯޓުތަކުން ނިންމާ ނިންމުން. އެކަމަކު އެ ވާންވާނެ ޢަދުލުވެރި ނިންމުމަށް. ޤާނޫނާއި ޝަރީޢަތުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންކަމަށް ވާންވާނެ.

 

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިތަނުގައި އެތައް މަޝްރޫޢެއް ނިމިގެން މިދިޔައީ. އަޅުގަނޑު ހަމަ ބައެއް ހިސާބު ދަންނަވާލާފައި، ވަގުތުވެސް ތަންނުދޭތީއާއެކީ، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލާނަން. އެކަމަކު ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން، ހުޅުދޫއާއި މީދޫއާ ދޭތެރޭގައި ކަންތައް ކުރެވިފައި ހުރިގޮތް، ތިޔަބޭފުޅުން ބައްލަވާށޭ. މިދާއިރާގެ މެންބަރު، ދެންމެ އެ ވިދާޅުވީ، އެދިމާލުން މި ދިމާލުން، އެދިމާލުން ފަހަތުން، ހުރިހާ ދިމާއަކުން، މިތަންތަނަށް އައިސްފައިހުރި ތަރައްޤީ. އަޅުގަނޑުގެ ފަހަތުގައި މިހުރީ، އެންމެ ބޮޑެތި މަޝްރޫޢުތައް ހިނގާފައި ހުރިގޮތް. އެކަމަކު މިހުރިހާ މަޝްރޫޢެއް ރަމްޒުކޮށްދެނީ، ފައިސާގެ އަދަދުން ކަމަށްވަންޏާ، މި ފައިސާގެ އަދަދުތައް އެބޭފުޅުން ވިދާޅުވޭ، މި މަޝްރޫޢުތައް ހިންގިލެއް އަގުބޮޑޭ. ނޫނީވިއްޔާ މިކަމުން މިއޮތީ ވައްކަން ކޮށްފައޭ. މާތްކަލާކޯ! މިވެގެންއުޅެނީ ކީއްތޯ؟ މީގެ ކުރީގައި، ހުރިހާ ތަރައްޤީއެއް ވާންޖެހޭނީ މާލެއަށް. އެހެންވީމާ، މާލެއަށް ބަހައްޓާފައިހުރި ފައިސާކޮޅު ވަގަށް ނަގައިގެން ގެނެސް، މިތަންތަނަށް ޚިދުމަތްކުރާތީ، އަޅުގަނޑު ވައްކަންކުރަނީ ކަމަށް މިވަނީ. އެއީ ނޫންތޯ މިވާގޮތަކީ؟

 

އައްޑުއަތޮޅަށް މި ތަރައްޤީ އެބަ އާދޭ. ހުވަދުއަތޮޅަށް މި ތަރައްޤީ އަތުވެއްޖެ. އުތުރަށް އަތުވެއްޖެ. ކުޅުދުއްފުށްޓަށް އަތުވެއްޖެ. އެހެންވީމާ އެއީ، މާލޭގައި ކުރީގައި ކަންކަން ހުންނަ ޝާހީ ބޭފުޅުން ބަހައްޓާފައި ހުރި ފައިސާކޮޅު، މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ބެހިގެންދަނީ. އެހެންވީމާ މާލޭގައި ހުރި ފައިސާއިން އަޅުގަނޑު ވައްކަންކުރަނީ. އެއީ އަޅުގަނޑަށް މިއިން ފަހުމްވާ އެއްޗަކީ. އެހެންނޫނީ ހުރިހާ ކަމެއް އެދިޔައީ. ކީއްވެގެންތޯ މިއޮތްހާ ޒަމާން ދިޔައިރު، ފެނާއި ނަރުދަމާ، މިފަދަ ރަށްރަށުގައި ނޭޅުނީ؟ ކީއްވެގެންތޯ މި ރަށްރަށުގެ މަގު ނުހެދުނީ؟ ކީއްވެގެންތޯ މިތާ ބަނދަރުތައް ނުހެދުނީ؟ ކީއްވެގެންތޯ ތަޢުލީމީ މި ނިޒާމު އަޅުގަނޑުމެން މިއަދު މި ރިވޮލިއުޝަނަލައިޒް ކުރެވުނީ؟ އިންޤިލާބު މިގެންނަނީ، ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ކުދިންނާ ވާދަކުރަން. ކީއްވެގެންތޯ މިކަންކަން މި ނުކުރީ؟ އެހެންވީމާ، އަޅުގަނޑަށް މިއިން ތަރުޖަމާވަނީ، ހަމަ ޙަޤީޤަތުގައިވެސް މިގޮތަށް. މި ދައްކާ ވައްކަމުގެ ވާހަކައަކީ، މާލޭގައި ހުރި ފައިސާކޮޅެއް ނަގައިގެން މިތަންތަނަށް ގެންނަ ވާހަކަ.

 

އަޑު އައްސަވައިލައްވާ ތަފާސް ހިސާބެއް. މީދޫ، 2013ގެ ކުރިން އެ ހިނގައިދިޔަ ފަސް އަހަރު، މިހާރު ހުރިހާ ކަމެއް ކޮށްދޭނަމޭ ބުނަމުން އެ ގެންދާ ބޭފުޅުން، ވެރިކަމުގައި ތިއްބެވިއިރު، އަދި ރައްޔިތުން މަޖިލީހުގެ އިސް ދައުރު އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް، މިހާރުވެސް ނުކުމެވަޑައިގެން އެ އުޅުއްވަނީ. އިބްރާހީމް މުޙައްމަދު ޞާލިޙު. 2013ގެ ކުރިން އެ ހިނގައިދިޔަ ފަސް އަހަރު، މުޅި މީދޫއަށް ހިނގާފައި އޮތީ، 1.4 މިލިއަން ރުފިޔާ. 1.4 މިލިއަން ރުފިޔާ މުޅި މީދޫއަށް. އެއީ މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް. ހުޅުދޫއަށް، ދެންމެ ޝާޑުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ހުޅުދޫގެ ފަސް ވަޒީރުން ރައީސް ނަޝީދުގެ ކެބިނެޓުގައި އޭރު ތިއްބެވި ކަމަށް. ހުޅުދޫގެ ފަސް ވަޒީރުން ރައީސް ނަޝީދުގެ ކެބިނެޓުގައި ތިއްބަވައިގެން، އެބޭފުޅުންގެ ދައުރުގައި، ހުޅުދޫއަށް ކޮށްދެއްވާފައިހުރި މަސައްކަތް. މާފުކުރައްވާ! މީދޫއަށް، މީދޫއަށް ކުރެވިފައިހުރި މަސައްކަތަކީ، ސަތޭކައަކުން ސުމެއް. އެންމެ ލާރިއެއްވެސް ނެތް. ބޮޑު މަޝްރޫޢެއް މީދޫއަށް ހިންގާފައި، 2013ގެ ކުރިއަކުންނެއް، އެ ހިނގި ފަސް އަހަރަކު. މީދޫއަކަށް ނެތް އެންމެ މަޝްރޫޢެއްވެސް ކެޕިޓަލް އިންވެސްޓްމަންޓް ހިންގާފައެއް. ހުޅުދޫގައި، ރައީސް ނަޝީދު ސަރުކާރުގައި ފަސް ވަޒީރުން ތިބެގެން، ހުޅުދޫއަށް އެ ފަސް އަހަރުގެ ތެރޭގައި ހިނގާފައި އޮތީ 1.4 މިލިއަން ރުފިޔާ. އެންމެ އެއް މިލިއަން ރުފިޔާ.

 

އެހެންވީމާ، އަޅުގަނޑު އައްޑުއަތޮޅުގައި ހުޅުދޫމީދޫގައި މި ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނަން. ދެން އަޅުގަނޑު ދެންނެވިން ދޮގެއްތޯ، އަޅުގަނޑު ވެރިކަމަށް ނުކުމެ ތިޔަބޭފުޅުންނަށް ޚިދުމަތްކުރަން ބޭނުމޭ ބުނީމާ އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ އަޖުމަ ބަލާށޭ. އަޅުގަނޑުގެ އަޖުމަ ބަލާފައި، އަޅުގަނޑާ ދޭތެރޭގައި ގޮތެއް ނިންމާށޭ. ރައްޔިތުން، އަޅުގަނޑަށް އެ ފުރުޞަތު ދެއްވި. ކިތަންމެ އުނދަގުލުން ނަމަވެސް، އެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދިޔަ. މީދޫއަށް އެންމެ ލާރިއެއް ހޭދަވެފައި ނެތްއިރު، އަޅުގަނޑުމެންގެ ސަރުކާރުގައި، މީދޫއަށް ހޭދަކޮށްފިން 130 މިލިއަން ރުފިޔާ. ހުޅުދޫއަށް މިއޮތީ 1.4 މިލިއަން. އަޅުގަނޑުގެ ސަރުކާރުގައި ހުޅުދޫއަށް ހޭދަކޮށްފިން 220 މިލިއަން ރުފިޔާ. އެހެންވީމާ ހުޅުދޫމީދޫއަށް، 350 މިލިއަން ރުފިޔާ. މިއީ ހަމަގައިމު، މާލޭގައި ބަހައްޓާފައިހުރި ލާރިކޮޅެއް އަޅުގަނޑަށް ވަގަށް ނެގުނީނޫންތޯ؟

 

އެކަމަކު މިތަންތަނަށް އައިމާ އެނގެނީ، މިތަންތަނުގައިވެސް މިތިބީ ދިވެހި ރައްޔިތުން. ހަމަ މިތަންތަނުގައި ތިޔަބޭފުޅުންގެ ވޯޓު ހޯއްދަވަން، އިދިކޮޅު ކެންޑިޑޭޓުން ވަޑައިގަންނަވާއިރު ވިދާޅުވޭ، ތިމަންނާމެންނަށް ކޮށްދިންކަމެއް ބުނެބަލާށޭ. އެބޭފުޅުން ވިދާޅުވާނެ، އާނ! އޭރަކުނެތޭ ކަމެއް ކުރެވިފައި. އެކަމަކު މިހާރު ކީކޭތޯ ވިދާޅުވަނީ؟ މިހާރު އެ ވިދާޅުވަނީ، ތިމަންނާމެންގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރަކަށްވާނެއޭ. ދެން ކީއްކުރަންތޯ ޒުވާނުންގެ ސަރުކާރެއް، އެމީހުންގެ ސަރުކާރަކަށް ވާންވީ؟ ޒުވާނުންނަކީ ތިބި ބައެއްކަން ދަންނަނީ މިހާރު މިއޮތް ސަރުކާރު. ދެން ކީއްކުރަންތޯ އެހެން ބައެއް މިކަންކުރަން އުޅެނީ؟

 

ދަންނަވަންތޯ! ހަމަ އިމްތިޙާނު ހަދާ ކުދިން ކައިރީގައި، ޓީޗަރުން ބުނާ ވާހަކައެއް އޮންނާނެ. މައިންބަފައިން، މުދައްރިސުން ބުނާ ވާހަކައެއް އޮންނާނެ. އަ ކޮޕީ ކެޓް ނެވަރ ކެޗް އޭޒް އަ ރެޓް. އެހެންނޫންތޯ؟ ކޮޕީ ކޮށްގެން ކަމެއް ކުރާކަމަށްވަންޏާ، ބުޅަލަކަށްވެސް މީދަލެއް ނުހިފޭނެއޭ ބުނާ އުސޫލުން، އޭނާއަކަށް އެއްވެސް ނަތީޖާއެއް ނުލިބޭނެ ދޮގެއްތޯ؟ ކޮޕީ ކެޓް ނެވަރ ކެޗް އޭޒް އަ ރެޓް. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑުގެ ހިޔަންޏަށް މުޑި ނަންގަވާނެ ކަމެއްނެތް. އަޅުގަނޑުގެ ފަހަތުން ހިންގަވާނެ ކަމެއްނެތް. އަޅުގަނޑު ކުރާ ކަންތައް ކުރަން ވިދާޅުވާނެ ކަމެއްނެތް. ޖަޒީރާ ކޮންސެޕްޓްގައި، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މިކަހަލަ ކަންކަން އޮތްގޮތް ބައްލަވާ! ޖަޒީރާ ކޮންސެޕްޓްގައި، ގޮނޑުދޮށް ޙިމާޔަތްކުރުން އޮތްގޮތް، މީދޫގެ ރައްޔިތުން ބައްލަވާ! އޭގައި ނޯންނާނެ، ބޮޑުހިލަޖަހާ ވާހަކައެއް. އޭގައި ނޯންނާނެ، ބޮޑުހިލަ ޖައްސާ ވާހަކައެއް. އޭގައި އޮންނާނީ، ޖަޒީރާއާ ގުޅޭގޮތަކަށް ތިމަންނާމެން މިކަން ކުރާނަމޭ. ޖަޒީރާއާ ގުޅޭނީ ކޮންގޮތެއް؟ ޖަޒީރާއާ ގުޅެނީކީ ގޮނޑުދޮށަށް އަދިވެސް ހާޖަތަށް ދިޔުމެއް ނޫނޭ.

 

އަޅުގަނޑުމެން ބޭނުންވަނީ މިޒަމާނުގެ ތަރައްޤީ އަންނާށޭ. އަޅުގަނޑުމެން ބޭނުންވަނީ ނަރުދަމާގެ ނިޒާމުން ގޭގެ ޓޮއިލެޓް ފްލަޝްކޮށްލީމާ، ނަޖިސް ބޭރުވެގެންދާށޭ. އަޅުގަނޑުމެން އެ ޖަޒީރާގައި އުޅެފިން. އެއީ އަޅުގަނޑުމެންގެ ކާބަފައިން އުޅުނުގޮތް. މިއަދު އެއީ މާޒީ. ދުރު މާޒީ. އަޅުގަނޑުމެން ހަނދާނެއްވެސްނެތް އެ މާޒީއެއް. ކީއްކުރަންތޯ އަނބުރާ އިއާދަކުރަންވީ؟ އެކަމަކު މިއަދު މަޖުބޫރުވަނީ، ޖަޒީރާ މެނިފެސްޓޯގައި، މިވާހަކަތައް މިހެން ލިޔެފައި އޮތަސް، ހަމަ ދިމާއިދިކޮޅަށް މިއަދު، އިދިކޮޅު ކެންޑިޑޭޓް ރަށްރަށަށް ވަޑައިގަތީމާ އޭނާ ވަޢުދުވެވަޑައިގަންނަވަންޖެހެނީ. އެއީ އެތަންތަނަށް ދިޔައިމާ އެމީހުން އެ ބުނަނީ، ތިމަންނާމެންނަށް ތަރައްޤީ ގެނެސްދޭށޭ. ތިމަންނާމެން ބޭނުންވަނީ މިވެނިކަމެކޭ. ރައީސް ޔާމީން މިވެނިކަމެއް ކޮށްފިޔޭ. އެވެނިކަމެއް ކޮށްފިޔޭ. ދެން ކީއްތޯ؟ ޖަޒީރާ ކޮންސެޕްޓްގެ ލިޔާނެ ވާހަކައެއް ލިޔެފައި އޮތަސް، ދެން ހަމަ ވިދާޅުވާންޖެހެނީ، ތިމަންނާވެސް ހަމަ ގޮނޑުދޮށް ހިމާޔަތްކޮށްދޭނީ، ކޯސްޓަލް ޕްރޮޓެކްޝަން ހަދައިދޭނީ، ހަމަ ބޮޑުހިލަ ޖައްސައިގެންނޭ. އެހެންވީމާ ކިހިނެއްތޯވަނީ؟ އެހެންވީމާ ފަހަރުގައި ބުނެއުޅޭ ދޮގެއްތޯ، ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާނެއޭ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. މަޣުރިބު ވަގުތުވެސް ކައިރިވަނީ. އަދި މިތަނުގެ ދަތުރުފަތުރުގެ ކަންކަން އޮތްގޮތުން، ދެން މިއޮތީ، އަދިވެސް މިތަނުގައި މިއޮތީ ކަނޑުމަގުގެ ދަތުރުފަތުރު. އަޅުގަނޑަށް މިއަދުވެސް ކުއްޖަކު ސަފުން ދިނީ، އޭނާ ކުރަހާލާފައި، ގަމާއި ހުޅުދޫއާ ދޭތެރޭގައި ބްރިޖެއް އަޅާލަދޭށޭ. އެކަމަކު ދަންނަވަންތޯ ވާހަކައެއް. ގަމާއި ހުޅުދޫއާ ދޭތެރޭގައި ބްރިޖްގެ ވާހަކަ، އަޅުގަނޑުމެން މިހާ ލައިޓްކޮށް ނެގިޔަސް، އަޅުގަނޑު މި ދަންނަވަނީ، ރަނގަޅު ވާހަކައެއް. މީދޫއާއި ހިތަދޫއާ ދޭތެރޭގައި އަޅުގަނޑު ބްރިޖެއް އަޅާނަން. އެކަން ފަސޭހަ. އެކަން ކުރަން އަޅުގަނޑަށް ފަސޭހަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލެއާއި ހުޅުމާލެއާ ގުޅިފައި އޮތްގޮތަށް، އަޅުގަނޑުމެންގެ ސަރުކާރުގައި، މީދޫއާއި ހިތަދޫއާ ދޭތެރޭގައި، އަޅުގަނޑު ބްރިޖު އެޅީމާ، މި އެއް ބައްރަކަށް ގުޅިގެންދިޔައީ.

 

އެހެންވީމާ، މިއަދު އަޅުގަނޑަށް ކުޑަކުޑަ ކުއްޖެއްގެ ތަޞައްވުރު އޭނާ ކުރަހާފައި އަޅުގަނޑަށް ދިނީ. އެކުއްޖާއަށް އެކުއްޖާގެ މަންމައާއި ބައްޕައާ އޮޅުންފިލުވައިދީ، އެކުއްޖާގެ ހުވަފެންވެސް ޙަޤީޤަތަކަށް ހަދައިދޭނީ ރައީސް ޔާމީނޭ. ހަމައެކަނި ބްރިޖު އޮންނަތަން ތަފާތީ. އެހެންވެދާނެ ދޮގެއްތޯ؟ އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ފުދިގެންދާނެ.

 

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، ތަރައްޤީއާއެކީ ވަޑައިގަންނަވާ ކަމަށްވަންޏާ، ތަރައްޤީ ތަޖުރިބާ ކުރައްވައިފީމުތޯއޭ؟ ތަރައްޤީ ތަޖުރިބާ ކުރެއްވިއްޔާ، ތަޖުރިބާ ކުރެއްވީ ކާކާއެކީތޯއޭ؟ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ މި ޓީމަކީ، ވަރަށް އިޚްލާޞްތެރިކަމާއެކީ، ރައްޔިތުންނަށް މަސައްކަތް ކުރައްވާ ބައެއް. އަޅުގަނޑުމެންގެ މައްޗަށް ހުރި މައްސަލައެއް ވެއްޖިއްޔާ، އެބޭފުޅުން ކޯޓުތަކަށް ވަޑައިގެން ސާބިތުކުރައްވާ! އެކަމަކު ދަންނަވަންތޯ، އެބޭފުޅުންނަކަށް އެއިންކަމެއް ނުކުރެއްވޭނެ. އެއީ އަޅުގަނޑުމެންނަކީ އެއަށްވުރެ މާ ތާހިރުކޮށް، ކަންކަން ކޮށްފައި ނިންމާ ބައެއް. މިއަދުވެސް މައްސަލަ ހުރިއްޔާ ހުރީ، އެބޭބޭފުޅުން ވަޒީރުކަމުގައި ތިއްބެވިއިރު، އެބޭފުޅުންގެ މައްސަލަތައް ހުރީ.

 

އެހެންވީމާ، މިކަހަލަ ކަންކަމުގައި، ރައީސް ޔާމީން ފަހާކަމަށްވަންޏާ، ހަމަ ތިބެންޖެހޭނީ ފަހާ. އިރާދަކުރެއްވިއްޔާ ތަރައްޤީގެ މަގުގައި، އަޅުގަނޑާ ފައިތިލަ ހަމަކުރާކަށް، މިބޭފުޅުންނެއް ވަޑައެއްނުގަންނަވާނެ. އެއީ، ވަޑައިނުގަންނަވާ ސަބަބަކީ، އެއީ އެބޭފުޅުންގެ ޚިޔާލުވެސް ނެތީ. އެބޭފުޅުންގެ އެ ފިކުރުވެސް ނެތީ. އެބޭފުޅުންގެ އަތުގައި އެ ކެޕޭސިޓީވެސް ނެތީ. އެބޭފުޅުންގެ އިޚްލާޞްތެރިކަންވެސް ނެތީ.

 

އެހެންވީމާ، ހުޅުދޫމީދޫގެ ރައްޔިތުން އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުމީ، ތިޔަ ޢަޒުމާއެކީ ވަރުގަދައަށް މަސައްކަތް ކުރައްވާށޭ. ހުޅުދޫގެ ވަރަށް ގިނަ ބޭފުޅުންނަކީ، މާލޭގައި ދިރިއުޅުއްވާ ބޭފުޅުން. އެހެންވީމާ، ހުޅުދޫގައި ތިޔަ ނަންގަވާ ޖޯޝާއި ފޯރި، މާލޭގައި ނަގައިދެއްވާ. ހަމަ ކޮންމެ ވޯޓަކީ، މުހިންމު ވޯޓެއް. ކޮންމެ މީހަކަށް ދެވޭނީ އެއް ވޯޓެއް ނޫން. ކޮންމެ މީހެއްގެ ރައްޓެހިން، ދަންނަ މީހުން، އޭނާ ބުނީމާ ވޯޓުދޭނެ މީހުން، ރާއްޖޭގެ އެތަންމިތަނުގައި ވަރަށް ގިނަ. ނުފޫޒުގަދަ ބައެއް. އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތް ކޮށްލަމާ ހިންގަވާ!

 

އެހެންވީމާ، އެ މަސައްކަތް ކޮށްލައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އުފާވެރިކަމާއެކީ، އަނެއްކާވެސް އަޅުގަނޑު ހުޅުދޫއަށް އަންނާނީ، ހުޅުދޫއަށް މިއަށްވުރެ އުފާވެރި ޚަބަރުތަކެއް ދޭން. ފަހަރުގައި ދެން ނޭނގެ ދޮގެއްތޯ. ފަހަރުގައި ހަމަ ވަރަށް އެކަށީގެންވޭ، ދެން އަޅުގަނޑު އަންނާނީ ހިތަދޫން ނިންމާފައި މީދޫއަށް ކާރުގައި ނޫންކަމެއްވެސް. އުއްމީދަށް އިންތިޒާރު ކުރައްވާ. އަޅުގަނޑަކީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ މީހެއް. އަޅުގަނޑަކީ ރައްޔިތުންނަށް ހުވަފެން ދައްކަން ބޭނުންވާ މީހެއް. އެކަމަކު އެ ހުވަފެން އެމީހުން، ހަނދާންނުނެތެނީސް އިރާދަކުރެއްވިއްޔާ މިހާތަނަށް އޮންނާނީ އެ ހުވަފެން ޙަޤީޤަތަށް ހަދައިދީފައި. އެ އިތުބާރާއެކީ، އަޅުގަނޑާއެކީ ރައްޔިތުން ތިއްބަވައިދެއްވާ.

 

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ ކުރިޔަށް. ﷲ އަޅުގަނޑުމެންގެ މަގުގައި އިރާދަކުރެއްވިއްޔާ ބަރަކާތް މިންވަރު ކުރައްވާށި! 

 

ولسّــلام عليــكم ورحـمــة اللّـه وبـركاتـه.