بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

މަހިބަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

މަހިބަދޫއަށް އަޅުގަނޑު މިއަދު މިއައީކީ ތިޔަބޭފުޅުންނަށް އެންމެ ފަސޭހަފުޅު ގަޑިއަކުނޫން. އެހެންނަމަވެސް، މަހިބަދޫން ތިޔަ ވިދާޅުވި ހޫނު، ވަރުގަދަ މަރުޙަބާއިން އަޅުގަނޑަށް ދައްކައިދިނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި ތިޔަބޭފުޅުންގެ އޮތް ޝައުޤުވެރިކަން. ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މަހިބަދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

މަހިބަދޫއާ ބެހޭގޮތުން، މަހިބަދޫއަށް އައިސްފައި ހުރި ތަރައްޤީއާ ބެހޭގޮތުން، ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ދެންމެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޠާރިޤު ވާހަކަފުޅުތަކެއް ދެއްކެވި. ހަމަ ލިސްޓަކަށް، ފަހަރަކު ކަމެއް، ފަހަރަކު ކަމެއް. އެ އެމުނެމުންދިޔަ ލިސްޓުގައި، ފަހު އައިޓަމެއްގެ ގޮތުގައި، މިހާރު މި އިޙްތިފާލު މި ކުރެވެނީ، މަހިބަދޫއަށް އެންމެފަހުން މި ނިމިގެންދާ ޕްރޮޖެކްޓް. އާދެ، މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑު މިއައީ، ތިޔަބޭފުޅުންނަށް މި މަގުތައް ހެދިގެން ދިޔުމަކީ، ތިޔަބޭފުޅުންގެ ދިރިއުޅުއްވުމުގައި މިހާ ފުރިފައި އޮތް ރަށެއްގައި، ތިޔަބޭފުޅުންނަށް ފަސޭހަތަކެއް ގެނުވައިދޭނެ ކަމެއްކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭތީ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިކަމަކީ ތިޔަބޭފުޅުންނަށް އިތުރު އުފާތަކެއް ލިބިގެންދާނެ ކަމެއް. މި އުފަލުގައި މަހިބަދޫގެ ލޮބުވެތި ރައްޔިތުންނާއެކީ ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމަށްޓަކައި ހަމަ ﷲއަށް ޙަމްދުކުރަމުން، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

މަހިބަދޫއަކީ، މި އަތޮޅުގެ ވަރަށް މުހިންމު ރަށެއް. އެންމެ މުހިންމު ރަށް. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލާނަން، ޠާރިޤުގެ ވާހަކަފުޅު އެ ގެންދެވި ބީދައިން، އަޅުގަނޑުވެސް ބައެއް ވާހަކަ ދަންނަވާލާނަން. މި ރަށަކީ މިހާ މުހިންމު ރަށަކަށް ވެގެންދާއިރު، އަޅުގަނޑުގެ ޒަޢާމަތް ފެށުމުގެ ކުރިން، ހިނގައިދިޔަ ފަސް އަހަރުގެ ދެ ވެރިކަމުގެ ތެރޭގައި، މުޅި މަހިބަދޫގެ ތަރައްޤީއަށް ހޭދަވެފައި މިއޮތީ، ފަންސާހަކަށް މިލިއަން ރުފިޔާ. އެކަމަކު، މިއަދު މި ނިމުނު މަޝްރޫޢާއެކީ، މަހިބަދޫގެ ތަރައްޤީއަށް، މަހިބަދޫއަށް އެކަނި، އަޅުގަނޑުމެން އެ އަދަދު ދެގުނަ ކޮށްފީމު. ސަތޭކަ ސާދަ މިލިއަން ރުފިޔާ ހޭދަވެއްޖެ.

 

އެހެންވީމާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ޠާރިޤުގެ ވާހަކައިގައި އެ ވިދާޅުވީ، މި އަށްޓަމަސްތައްވެސް އެހެން ދިމާއަކަށް ދާން އެބަޖެހޭ ކަމަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، ހަމަ ކޮންމެ ރައްޔިތަކު، ތޭވީސް ވަނަ ދުވަހު މި ނަގާ ވޯޓާ ދޭތެރޭގައި ވިސްނާލަން އެބަޖެހެޔޭ. ސަބަބުތައް ގިނަގުނަ. ތަފާތު ނަޒަރިއްޔާ. ކޮންމެ ނަޒަރިއްޔާއަކުން ބެލިކަމުގައިވީނަމަވެސް، މިއީ އަޅުގަނޑުމެން ފުންކޮށް، ހަމަ ކޮންމެ މީހަކު ފަރުދީގޮތުން، ރަށްރަށް، ހަމަ ޖަމާޢަތް އެއްކޮށް ވިސްނަންޖެހޭ ކަންކަން.

 

އަޅުގަނޑު ނެތިން މީގައި ހުރިހާ ތަފުސީލަކަށް ދާކަށް. އަޅުގަނޑުގެ ވާހަކަ ވަރަށް ފަސޭހަވެގެންދޭ، އަޅުގަނޑުގެ ވާހަކައިގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އެ ގެންނެވި ވާހަކަފުޅުތަކުން. ވަރަށް އޮމާންކަމާއެކީ ޑޮކްޓަރ މުޢިއްޒު އަދި އެއާއެކީ ހަމަ އެހާ ފޯރިގަދަކޮށް، އަދި ވަރަށް ޖަޒުބާތާއެކީ ޠާރިޤް، ދާއިރާގެ މެންބަރު. ދެން އަބަދުވެސް، އަޅުގަނޑުމެންގެ ރަން ދުލެއް ގެންގުޅުއްވާ ބޭފުޅަކީ، އަޅުގަނޑުމެންގެ ޕީ.ޖީ. ލީޑަރު ނިހާން. ނިހާނުގެ ވާހަކަފުޅަށްފަހު، މި މަޤާމަށް އައިސް ހުއްޓިހުރުމަކީ، ފަސޭހަކަމެއް ނޫން. ނިހާނުވެސް ހަމަ ވަރަށް ތަފުސީލުތައް އެ ދެއްވީ، އެކި ދާއިރާތަކުގައި ހިނގަމުންދާ ކަންކަމަށް ގޮންޖަހަމުން، އެ ތަފުސީލު ގެނެސްދެއްވީ، ކީއްވެގެންކަން މި މަހުގެ ތޭވީހުގައި މި ނަގާ ވޯޓުގައި، ހަމަ ހިސާބު އަކުރުގެ އެކަކަށްފަހު، ނޫނީވިއްޔާ ދޭއް ނާންނަ ފަދައިން، އެކެއް އައުމުން، އެއް ނަންބަރު ޖަހާކަމަށްވަންޏާ، ދެން އެހެން ނަންބަރަކަށް ތިޔަބޭފުޅުންނަށް ވަޑައިނުގެންނެވޭނެ ސަބަބު، ކިތަންމެ ރަނގަޅަކަށްވެސް އެ ވިދާޅުވީ.

 

އަޅުގަނޑު މަހިބަދޫގެ ރައްޔިތުންގެ އަރިހުގައި، މަހިބަދޫގެ މި އުފަލުގައި ބައިވެރިވަމުންދާއިރުވެސް، އިޚުލާޞްތެރިކަމާއެކީ ތިޔަބޭފުޅުންގެ އަރިހުން އެދޭ އެދުމެއް އެބައޮތް. މަހިބަދޫގެ ތަރައްޤީއާގެން ކުރިއަށްދާން، މި ދާއިރާގެ ތަރައްޤީއާގެން ކުރިއަށްދާން، އަތޮޅާއި މުޅި ރާއްޖޭގެ ތަރައްޤީއާގެން ކުރިއަށްދާން، ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުމާއެކީ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން ހުރިހާ އެންމެން ކުރާ މަސައްކަތުގައި، މި ފުރުޞަތު ފުރަތަމަ އަޅުގަނޑަށް ހޯދައިދޭން. މި ފުރުޞަތު އަޅުގަނޑަށް ހޯއްދަވައިދެއްވައިގެން ނޫނީވިއްޔާ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ހިސާބަކަށް އަޅުގަނޑަކަށް ކަންކަމެއް ނުގެންދެވޭނެ. އެހެންވީމާ، އިޚުލާޞްތެރިކަމާއެކީ، ތިޔަބޭފުޅުން އަރިހުން އަޅުގަނޑު އެދޭ އެދުމަކީ، އިލްތިމާސަކީ، ތޭވީސް ވަނަ ދުވަހު، މިއަދުން ފެށިގެން ވިއްސަކަށް ދުވަހުގެ ތެރޭގައި، މި ނަގާ ވޯޓުގައި، އާދީއްތަ ދުވަސް ކަމަށް ޠާރިޤް އެ ވިދާޅުވީ އެހެންނޫންތޯ؟ ތޭވީސް ވަނަ ދުވަހު މި ނަގާ ވޯޓުގައި، އަޅުގަނޑަށް، އެއް ނަންބަރަށް ފާހަގަލައިދެއްވުމަކީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުން، ނިހާޔަތަށް އެދޭ ކަމެއް. އެ ވާހަކަ، މި ދަންނަވާލީ.

 

މި ރަށާއި، މި އަތޮޅަށް ބޭނުންވާ ކަންތައްތައް ވަރަށް ގިނަ. މުޅި ރާއްޖެއަށް ބޭނުންވާ ކަންތައްތައް އަދި އެއަށްވުރެ ގިނަ. އަޅުގަނޑުމެން އެކި ގިންތިތަކަށް ބޭނުންވާ ކަންތައްތައް މަދެއްނޫން. އަންހެން ބޭފުޅުންގެ ޝަކުވާ، އަޅުގަނޑުމެންނަށް އެބަ އެނގޭ. ކުޑަކުދިންގެ ޙައްޤުތަކެއްވާކަން، އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ، އަޅުގަނޑުމެން މުޖުތަމަޢުގައި ޖާގަ ލިބެންވާ، ރަޙުމުގެ އޯގާތެރިކަން ޙައްޤުވާ ބައެއްކަން މިއަދު އެބަ އެނގޭ. ދޮށީ ރައްޔިތުންނަކީ، ޚިދުމަތްކޮށްފައި ތިބި ބައެއްކަން އަޅުގަނޑުމެންގެ ހަނދާނަށް މިއަދު އެބަ އާދޭ. އަދި އިސް ރަށްވެހިންނާ ދޭތެރޭގައި ކަމޭހިތުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.

 

އިދިކޮޅުން މިއަދު ވާހަކަ ދައްކަމުން ގެންދެވިޔަސް، ތިމަންނާމެންގެ ސަރުކާރެއްގައި، މިނިވަން މުއައްސަސާތަކުގައި ތިބޭނީ، މުޅިން ސިޔާސީ ފިކުރުން އެއްކިބާވެފައި ތިއްބެވި ބޭފުޅުން ކަމުގައި ވިދާޅުވިނަމަވެސް، އަޅުގަނޑު ހަމަ އެބޭފުޅުންނަށް، އެސުވާލުގެ ޖަވާބު އެބޭފުޅުން އަޅުގަނޑަށް ދެއްވާތޯ، އަޅުގަނޑު އަހާލަން ބޭނުންވާ ސުވާލެއް އެބައޮތް. އެ ހުރިހާ ބޭފުޅުން، އެއްގަލަކަށް އަރައިގެން، މިއަހަރުގެ ފެބުރުވަރީން އެއްވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ތެރޭގައި އެ ކުރެއްވީ ކޮންކަމެއްތޯއޭ؟ ތަންތަނަށްލާ މީހުންނަކީ މިނިވަން ބަޔަކަށް ވެދާނެ. އެކަމަކު އެމީހުން ކަންކަން ނިންމާއިރު، އެމީހުންގެ މިނިވަން ޚިޔާލު ނުފެންނަކަން އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅަކަށްވެސް މިއޮތީ ފެނިގެން ގޮސްފައި. ކޮންމެ މީހަކީވެސް މިނިވަނެއް. އިސްލާމްދީނުގައި މިނިވަނުން. އަޅުވެތިކަމަށް ނިމުމެއް އައީ، އިސްލާމްދީން އައުމާއެކީ. އެ އުސޫލުން، އެ ބީދައިން، އަޅުގަނޑުމެން އެންމެންނަކީ މިނިވަނުން ކަމަށް އެ ވިދާޅުވަނީ. އެކަމަކު އެ މީހުން ކުރާ ކަމަކަށް، އެމީހުންގެ ފިކުރަކަށް، އެމީހުން ނިންމާ ނިންމުމަކަށް، އެމީހުން ނިންމާ ޙުކުމްތަކަކަށް މިނިވަންކަމެއް ނެތްކަން، އަޅުގަނޑުމެންނަށް ކިތަންމެހާވެސް ސާފުކަންބޮޑުގޮތެއްގައި ދަލީލު އެބަކޮށްދޭ، ފެބުރުވަރީ އެއްވަނަ ދުވަހު، އެ ނެރުއްވި ޙުކުމް. އޭގެ މަންފާ ލިބުނީ ކޮންބަޔަކަށްތޯ؟ އޭގެ މަންފާ ހަމަގައިމުވެސް ލިބުނީ، ރައީސް ޔާމީނަކަށް ނޫން. އެހެންވީމާ، އެ ޙުކުމް ނެރުމުގައި، ރައީސް ޔާމީނުގެ އަތެއް ނެތްކަން ކުޑަކުއްޖާއަށްވެސް އެނގޭނެ. އަދި އެ ޙުކުމް ނެރުމުގައި، ކޮންކޮން ބައެއްތޯ އެތިބީ، މިއަދު އެބަޖެހޭ، އެބޭފުޅުން ސުވާލު ކުރައްވަން.

 

އެހެންވީމާ، ކިހާވަރެއްގެ މިނިވަންކަމެއްތޯ، އެބޭފުޅުންގެ މުއައްސަސާތަކަށް މި ގެނެވުނީ؟ ރައީސް ނަޝީދުގެ ވެރިކަން ނިމެމުން ދަނިކޮށް ދޮގެއްތޯ، އަޅުގަނޑުމެން އަޑުއެހީމު، ހަތްވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން، ފެބުރުވަރީން ހަތްވަނަ ދުވަހު ސަރވައިވްވިނަމަ، ހޭދަކުރެއްވުނުނަމަ، އަށްވަނަ ދުވަހު އޮތީ، ހުރިހާ ފަނޑިޔާރުން ގެޔަށް ފޮނުވާލައްވާފައި، އެމަނިކުފާނު އައްޔަނު ކުރަން ބޭނުންވާ ފަނޑިޔާރުންތަކެއް އައްޔަނު ކުރުމަށް، ހުރިހާ ކަމެއް ނިންމާފައި. އަޅުގަނޑުމެންނަށް އެކަން ފެނިގެންދިޔަ ދޮގެއްތޯ، ޖޭ.އެސް.ސީ.އިން ފަނޑިޔާރުން ދާއިމީކުރުމަށް، ހުވާލައިދިނުމުގެ ޖަލްސާއެއްގައި، ކާކުތޯ އެކަމާ ދެކޮޅުހަދައި ކުރުކާލި ކަނޑަމުން، އެތަނުން އެއްވެސް ކަމެއް ކުރިޔަނުދީ، މުގޯލި އަޅަމުންދިޔައީ؟ ދެވަނަ ދެ މީހެއް ނޫން. ޖޭ.އެސް.ސީ.އަށް ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކަނޑައަޅާފައި ހުންނަ މެންބަރު. މިއީ އަޅުގަނޑުމެންގެ ޓީ.ވީތަކުން ފެނިފައި ހުރި ކަންތައްތައް. އާކައިވަށް ޒިޔާރަތްކުރާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ހަނދާން އެހާ ދުރަށްދާކަށް، ދަތުރުކުރާކަށްވެސް ނުޖެހޭ.

 

އެހެންވީމާ، ކޮން މިނިވަންކަމެއްގެ ވާހަކައެއްތޯ މި ދައްކަނީ؟ ކޮން ފަނޑިޔާރަކަށްތޯ މިނިވަންކަމާއެކީ ޙުކުމް ކުރުމުގެ ޙައްޤު ލިބުނީ؟ ޢަބްދުﷲ ޤާޒީ ހައްޔަރުކުރަން ޖެހުނީ ކީއްވެގެންތޯ؟ މިނިވަންކަން ލިބުނުތޯ ސިޔާސީ މީހުންނަށް؟ ޑޮކްޓަރ ޖަމީލު އެތަކެއް ފަހަރު، އެއް ހަފްތާގައި ބާރަވަރަކަށް ފަހަރު ހައްޔަރު ކުރީ މިނިވަންކަން އޮވެގެންތޯ؟ އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި، މިނިވަންކަމެއް އޮތްތޯ؟ އަޅުގަނޑުމެން އަޑުއެހީމު، ވޯޓާ ކައިރިވެގެންދިޔައިރު، އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނަރާ ބައްދަލުކުރައްވަން ރައީސް ނަޝީދު ވަޑައިގެންނެވިކަން. ދެން ކޮމިޝަނަރ، މިހާރު އެއީ ދޮގެކޭ ވިދާޅުވޭ. އެކަމަކު މިއަދު ކޮމިޝަނަރ އެ ހުންނެވީ ކޮން ޕާޓީއެއްގައިތޯ؟ މިއަދު ކޮމިޝަނަރ އެ ހުންނެވީ. ރައީސް ނަޝީދާއި އެމް.ޑީ.ޕީ.އިން ފުރުޞަތު ދީފިކަމަށްވަންޏާ، ތިމަންނާ މިހުރީ އެމް.ޑީ.ޕީ.ގެ ޓިކެޓުގައި، ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނާށޭ ވިދާޅުވާ ބޭފުޅަކު. އަޅުގަނޑަކަށް ހީއެއްނުވޭ، ސައުވީސް ގަޑިއިރުގެ ތެރޭގައި، އިލްހާމެއް އައިސްގެން، އޭނާގެ ފިކުރު، ކުރިން މިކޮޅަށް ނެތްނަމަ، މިގޮތަށް ނެތްނަމަކަ، އެމް.ޑީ.ޕީ.ގެ އެހާ ވަރުގަދަ މަޤާމަކަށް ޖާގަ ހޯދުމުގެ އެއްވެސްކަހަލަ ވިސްނުމެއް އޭނާގެ ހުންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެހެންވީމާ، އެއީ އެބޭފުޅުން އެ ވިދާޅުވާ މިނިވަންކަން އޮންނަ މިންވަރު. އެހެންވީމާ، ހިންގަވާ މިނިވަންކަމުގެ ވާހަކަ ނުދައްކަމާ.

 

މިނިވަންކަމުގެ ވާހަކަ ދައްކާކަމަށްވަންޏާ، އަޅުގަނޑުމެން ފަރުދުންގެ މިނިވަންކަމުގެ އިތުރަށް، ދެން މިނިވަންކަމަށް ޖެހިލާއިރު، އަޅުގަނޑުމެންނަށް އެންމެ މުޤައްދަސް އެއްޗަކީ، އަޅުގަނޑުމެންގެ ޤައުމު. ޝައްކެއްވެސްނެތް، އިސްލާމީ ހިދާޔަތުގައި، އަޅުގަނޑުމެން އަބަދުމެ ތިބޭނީ. އެއާއެކީ އަޅުގަނޑުމެންނަށް އެންމެ މުހިންމުވެގެން މިދަނީ ދީން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން އޮންނާނެކަމާ ދޭތެރޭގައި، ކީކޭތޯ އެބޭފުޅުން ވިދާޅުވަނީ؟ ކިރިޔާ ކަމެއްވާއިރަށް، މިއީ އިއްޔެއަކު، މިއަދަކު ގޮވާ ވާހަކައެއް ނޫން. މިއީ މާ ކުރިއްސުރެ ގޮވަމުން އަންނަ ވާހަކައެއް. ކިރިޔާ ދިވެހިރާއްޖޭގައި ކަމެއްވާއިރަށް މި ބުނަނީ، އާރު.ޓޫ.ޕީ، ރައިޓް ޓު ޕްރޮޓެކްޓް. ބޭރުގެ ލަޝްކަރު މިތަނަށް އަރާށޭ. ބޭރުގެ ލަޝްކަރަށް މިތަނަށް ޖާގަދޭންޖެހޭތޯ، ދިވެހި ސިފައިންނާއި ފުލުހުން އުވާލާނެކަމަށް އެ ވިދާޅުވަނީ. މިހާރުވެސް އެ ގޮވެލިފަތި ހަމަ އެގޮތަށް، ބަދަލެއް ނާދޭ. ފެބުރުވަރީ އެކަކުން ފެށިގެން އެ ގޮވަމުން އެދަނީ، ބޭރުގެ ލަޝްކަރުތައް މިތަނަށް އަންނަން.

 

އެހެންވީމާ، މިނިވަންކަން ނެތް ދައުލަތެއްގައި، މިނިވަންކަން ނެތް ޤައުމެއްގައި، މިނިވަންކަން ނެތް ރަށެއްގައި، ކޮން މުއައްސަސާއެއްގައިތޯ މިނިވަނުން ތިބޭނީ؟ މުއައްސަސާއެއް އޮންނާނެތޯ؟ އެހެންވީމާ، ދައްކާވާހަކަ ވަށާނުޖެހޭވަރު، އަޅުގަނޑު މިއަދު ބޭނުންވޭ ތިޔަބޭފުޅުންނަށް ދަންނަވާލަން. މިނިވަންކަން، ތަނެއްގައި ނެތިއްޔާ ކޮން މިނިވަން މުއައްސަސާއެއްތޯ؟ މުއައްސަސާއެއް ނުހިނގާނެ، ގަބޫލުކުރައްވާ، ދިވެހި ރައްޔިތުން ހޭވެރިކަން، ތިޔަބޭފުޅުން އިޚްތިޔާރު ކުރައްވާ! މުއައްސަސާތަކުގެ މިނިވަންކަން، އެބޭފުޅުން ނަގައިލެއްވި. މީހުންގެ މިނިވަންކަން ނަގައިލެއްވި. ރަށްރަށުގައި ދިރިއުޅުމަކީ، ދިރިއުޅޭ ރަށްރަށުގެ ޙައްޤެއްކަމަށް، އެ ރައްޔިތުންގެ ޙައްޤެއްކަން، އެބޭފުޅުން އެއަށް އިޙްތިރާމެއް ނުކުރައްވާ. ކީއްވެގެންތޯ ފެބުރުވަރީ އަށަކާއި، ނުވައަކާއި، ދިހައަކާ، މިހިނގައިދިޔަ ދުވަސްކޮޅުގެ ތެރޭގައި ތިނަދުއާއި، އައްޑުއަތޮޅާއި، މާލެއާ، މި ތަންތަން ހުޅުދާންވެގެންދިޔައީ ކީއްވެގެންތޯ؟ އެއީ ތަންތަނުގެ މިނިވަންކަން އޮވެގެންތޯ؟ ރައްޔިތުންގެ މިނިވަންކަން އޮވެގެންތޯ؟ ރައްޔިތުންނަށް އިޙްތިރާމު ކުރެވިގެންތޯ؟ ރައްޔިތުންނަށް ކުލުނެއް އޮވޭތޯ؟ އޯގާތެރިކަމުގެ އެންމެ މިސާލެއްވެސް ދެއްކުނުތޯ؟ އެހެންވީމާ، މިނިވަންކަމުގެ ވާހަކަ މި ހިސާބުން ހުއްޓާލަންވެއްޖެ ނޫންތޯ. އަނިޔާ. އަޅުގަނޑަށްވެސް ފަސޭހަ، އަޅުގަނޑުގެ ކުރިން ވަރަށް އިޚުލާޞްތެރިކަމާއެކީ، އަޅުގަނޑަށް ހެޔޮ ބަސްތައް ރައްދުކުރެއްވި މި ތިން ބޭފުޅުންވެސް. ޑޮކްޓަރ މުޢިއްޒު، މި ދާއިރާގެ މެންބަރު ޠާރިޤު، އަދި ނިހާންވެސް. އެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، ހަމަ އެ ބޭފުޅުން އެ ހިންގެވި މަގުން ހިނގޭތޯ އަޅުގަނޑު ބަލާނަން.

 

އަނިޔާވެރިކަމުގެ ވާހަކަ ދައްކަމާ ހިންގަވާ. މިއީ ހަމަ އަބަދު ދައްކަންޖެހޭ ވާހަކައެއް. އަނިޔާވެރިކަމެއް ތަނެއްގައި އާންމުވެއްޖެ ކަމަށްވަންޏާ، މިކަހަލަ ރަށްރަށަށް އައީމާ، ރަށްރަށުގެ ރައްޔިތުން އަޅުގަނޑު ކައިރީގައި ވިދާޅުވާނެ، ތިމަންނާމެން ހާދަ އަނިޔާއެއް ތަޙައްމަލު ކުރަމޭ. އަޅުގަނޑުމެން މި ދާ ކޮންމެ ރަށަކުން މަރުޙަބާ ކިޔަނީ، އަނިޔާވެރިކަން ތަޙައްމަލު ކުރާ ބައެއްނޫން. މޫނުމަތިން ހިނިތުންވުމެއް އަޅުގަނޑަކަށް ނުފެންނާނެ، ބައްދަލުކުރަން، ސަލާންކުރާކަށް ބަޔަކު ނާންނާނެ، ރަށެއްގައި، ޤައުމެއްގައި، އަނިޔާވެރިކަން އާންމުވެފައި އޮތިއްޔާއެއް. އަނިޔާވެރިކަން މި އައިސްގެން މިއުޅެނީ ކީއްވެގެންތޯ؟ އަނިޔާވެރިކަން އައިސްގެން އުޅޭކަމަށް މިއަދު އެ ވިދާޅުވަނީ، އޭރު އެ ބޭފުޅުން ވަރަށް ވަރުގަދައަށް މަސައްކަތް ކުރެއްވި، ބަޔަކު ޖަލަށްލާން. އެ ބޭފުޅުންގެ ވެރިކަމުގައި އުސޫލެއް، ޤާނޫނެއް، ޝަރީޢަތެއް ނެތް. ހުރިހާ ކަމަކުން ބޭރުން، މީހުން ހިފައި ހައްޔަރުކުރި. ޖަލަށްލި. މިއަދު ވިދާޅުވޭ، ތިމަންނާމެން ޖަލަށްލާ ކޮންމެ މީހަކަށް، ތިމަންނާމެން ދެ މީހުން ދޫކޮށްލާނަމޭ.

 

އެހެންވީމާ، އަދިވެސް އެ ބޭފުޅުންގެ ވިސްނުންފުޅުގައި ހުރީ، މީހުން ޖަލަށްލުން. ކީއްކުރަންތޯ، މީހުން ޖަލަށްލާ ވާހަކަ އަޅުގަނޑުމެން ދައްކަންވީ. އަޅުގަނޑުމެން އެއަށްވުރެ މާ ރަނގަޅުވާނެ ދޮގެއްތޯ، ޤާނޫނު ތަންފީޒުކުރާ ވާހަކަ ދައްކައިފިއްޔާ. ޤާނޫނު ތަންފީޒުކުރާ ވާހަކައަކީ، އެ ބޭފުޅުންނަށް ގަބޫލުކުރަން ފަސޭހަ ވާހަކައެއްނޫން. ޤާނޫނު ތަންފީޒުކުރާތީ، އެ ބޭފުޅުން އެންމެ ހިތްޕުޅު ހަމަނުޖެހިގެންދަނީ. ޤާނޫނު ތަންފީޒުކުރާތީ، އެ ބޭފުޅުންގެ ތެރޭގައި ނަގާ ވޯޓުތައްވެސް، ކަރުދާސްކޮޅު، މި އުވަގަށާ މެޝިނުން ހޯދަން މި ޖެހެނީ. އެއީ، ޤާނޫނު ތަންފީޒުކުރާތީ، އެކަން ތަޙައްމަލު ނުކުރެވޭތީ. އެވަރުންވެސް އިންތިޚާބު އެބަ ބާއްވަންޖެހޭ. ޕާޓީގެ ތެރޭގައި ބޭއްވި އިންތިޚާބަކީ، ރާއްޖޭގެ ކޮންމެ މީހަކަށް، އަދި ރާއްޖޭގައި މަސައްކަތްކުރާ، ރާއްޖެއިން ބޭރު މީހުންނަށްވެސް ވޯޓުލެވޭގޮތަށް ހުޅުވާލި އިންތިޚާބެއް. އެއީ، އެ ބޭފުޅުން ކަންކަމާ ދޭތެރޭގައި ކަންކަން ކުރާގޮތް.

 

އެހެންވީމާ، ރައްޔިތުންގެ އެތައް ބައިވަރު ޙައްޤުތަކަށް އަރައިގަނެ، ރައްޔިތުންގެ އެތައް ބައިވަރު މުދަލަކާ އެއްޗެތި ގެއްލިގެންދާއިރު، އައްޑުއަތޮޅު ހިތަދޫ ކަހަލަ ބައެއް ރަށްރަށުގައި ހުރި ކޯޓުތައް އަނދައި އަޅިއަށް ވެގެންދިޔައިރު، ތިނަދޫ ތަންތަނުގައި ހުރި ކޯޓުތައް އަނދައި އަޅިއަށް ވެގެންދިޔައިރު، ސަރުކާރުގެ މުއައްސަސާތަކުގެ ބިނާތައް ބީވެގެންދިޔައިރު ކިތައް މީހުންގެ ޙައްޤު، އޭގައި ހިމެނިގެން ހިނގައްޖެތޯ؟ ކިތައް މީހުންގެ ވަރި ކައިވެނީގެ ސެޓްފިކެޓް ގެއްލިއްޖެތޯ؟ ކިތައް މީހުންގެ ގޯތީގެ ރަޖިސްޓަރީ ގެއްލިއްޖެތޯ؟ އައްޑުއަތޮޅު ހިތަދޫން ގޯތި ދޭންވީމާ، އަޅުގަނޑުމެންނަށް މިފަހަރު ކުރަން ޖެހުނު މަސައްކަތަކީ، އަޅުގަނޑުމެންގެ ޓީމެއް، ހަމަ ޝަރުޢީ ވަފުދެއް ދާ އުސޫލުން އެތަނަށް ފޮނުވީ. އެ ހިސާބުގަނޑުގައި އުޅޭ މީހުން، މި ވެނި މީހެއްގެ ގޯއްޗެއް އޮތޭ ކިޔާފައި ދައުވާކުރާ މީހަކަށް، ނޫނީވިއްޔާ ޝަކުވާކުރާ މީހަކީ، އެ ގޯއްޗެއް އޮތް މީހެއްތޯ ބެލުމަށްޓަކައި، އެކި މީހުންގެ ހެކިބަސް އަޅުގަނޑުމެން ނަގަން ޖެހުނީ. ހަމަ، ޝަރުޢީ މަރުޙަލާގައި ކަންކަންކުރާ އުސޫލުން މިކަން އަޅުގަނޑުމެން ކުރަން ޖެހުނީ. ކޮށްގެން ބަޔަކަށް ގޯތި ދެވުނީ. އެހެންވީމާ، ކިހާ ބައެއްގެ ޙައްޤުތޯ އެ ގެއްލިގެންދިޔައީ؟ އެހެންވީމާ، ދެން ކީއްކުރަންތޯ، އަނިޔާގެ ވާހަކަ އެ ބޭފުޅުން ދައްކަވަންވީ؟ އެ ބޭފުޅުން އަބަދުވެސް ދައްކަވާ ވާހަކަ، އަނިޔާގެ ވާހަކައަކީ. އެ ބޭފުޅުން އަބަދުވެސް ދައްކަވާ ވާހަކަ، ކޮރަޕްޝަންގެ ވާހަކައަކީ. އެކަމަކުވެސް، މި ހުރިހާ ކަމެއް އެންމެ ފަރިތަ ބޭފުޅުންނަކީ، އެ ބޭފުޅުން. އެއީ މިކަން އޮތްގޮތް.

 

ދެން، ތަޢުލީމީ ދާއިރާއާއި ކުރިއެރުވުމުގެ ވާހަކަ ދައްކާއިރު، އެބޭފުޅުންނަށް ދަތިފުޅުވޭކަންނޭނގެ، މިކަހަލަ ވާހަކަ ދައްކަވަން. އަޅުގަނޑަށްވެސް، ހަމަ  ގަޑީގެ ހުރަސް މި އަންނަނީ. އަޅުގަނޑުގެ ވާހަކަވެސް، އަޅުގަނޑު ގެންދަން ބޭނުންވާގޮތަށް ގެންދެވޭނެކަމެއް ނޭނގެ. އެހެންނަމަވެސް، އަޅުގަނޑުވެސް ހަމަ ކޮންމެވެސް ވާހަކަކޮޅެއް ތިޔަބޭފުޅުންނަށް ދަންނަވާލާނަން.

 

 އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒުވާން މަންމައިން، ޒުވާން ބައްޕައިން. މުޅި ރާއްޖެއަށް، ތަޢުލީމަށް އަންނަ އިންޤިލާބީ ބަދަލު، ތިޔަބޭފުޅުންގެ ޚިޔާލަށް އާދޭތޯއޭ؟ ތިޔަ ޒުވާން މަންމައިންނާއި، ބައްޕައިންގެ ތެރެއިން ނޫންތޯއޭ، ޓީޗަރުން އުފެދިގެން މި އަންނަނީ. ތިޔަބޭފުޅުންގެ އުނގުންނޭ، ދަރިން ތަރުބިއްޔަތުވެގެން މި ނުކުންނަނީ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ދަރިންނަކީ، ޖަލުގޮޅިތަކުގެ ތޭރީގެ ފަހަތުގައި ތިބޭ ބަޔަކަށް ނަހަދާށޭ. މިހާރުވެސް އެ ދޫކުރަމުންދަނީ، މީގެކުރީގެ ސަރުކާރުތަކެއްގައި، މީގެކުރީގެ ސިޔާސީ ލީޑަރުން ގޮވާލި  ގޮވާލުމަށް އިޖާބަދީގެން، އެކިވަރުގެ ނޮހޮރުއްޕާން، ނޫނީ އެކިވަރުގެ އުނދަގޫކަން، މުޅި ރާއްޖޭގައި ދިރިއުޅޭ އެކި ހިސާބުގެ މީހުންނަށް ގެއްލުން ދިނީމާ، އެއަށް ޢުޤޫބާތް ހަމަކުރަމުންދާ މީހުން، ނޫނީ ޢުޤޫބާތުގެ ސެންޓެންސްތައް، ނޫނީވިއްޔާ އުޤޫބާތުގެ އަދަދުތައް ފުރިހަމަކުރަމުންދާ މީހުން، މިފަހަރުވެސް ރައީސުލްޖުމްހޫރިއްޔާ އެކި ގޮތްގޮތުން، ކްލެމެންސީ ބޯޑުގެ ތެރެއިންނާއި، މި މީހުންނަށް މަޢާފުދީގެން މި ނެރެނީ. މިއީކީ، މި ސަރުކާރުގައި ޖަލަށްލީ ބައެއް ނޫން. މި ނެރެގެން މި ގެންދަނީ، މީގެކުރީގެ ސަރުކާރުތަކުގައި ކަން ހިނގާފައި ހުރިގޮތުން، އެ ބަޔަކަށް ޙައްޤު އަދަބު ލިބިގެންދާ، އަދަބު ތަންފީޒުވަމުންދާ އެތައް ބަޔަކު ނުކުމެގެން މިދަނީ. އަދިވެސް، ޖަލުގައި މީހުން އެބަތިބި.

 

އެހެންވީމާ، އަނިޔާގެ ވާހަކަ ދައްކާއިރު، މިކަހަލަ އެހެން ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، ތަރުބިއްޔަތަކީ ކިހާ މުހިންމު އެއްޗެއްކަން. ތޭވީސް ވަނަ ދުވަހު ނަގާ ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެން ވިސްނަންޖެހެނީ، ތަރުބިއްޔަތަކީ ކިހާ ވިސްނަންޖެހޭ އެއްޗެއްކަން. މި އަތޮޅަކީ، ދެންމެގައި ޠާރީޤުގެ ވާހަކަފުޅުގައި ވިދާޅުވިގޮތުން، އެކިއެކި ހަދިޔާ ބަދިޔާ ބަދަލުކުރެވެމުން ގޮސްފައި އޮތް އަތޮޅެއް. އެހެންވެގެން، ބޮޑުމަހެއްގެ ފަހަތުގައި، ނޫނީވިއްޔާ ބަނޑުދަށުގައި އަށްޓަމަސްތަކެއް އުޅޭކަމަށް، އެ އިޝާރާތް ކުރެއްވީ. އެހެންވީމާ، އަޅުގަނޑުމެން މިކަމާ ވިސްނަމާ ހިންގަވާ. މިކަމަށް އަޅުގަނޑުމެން ހިންގަވާ ޣާފިލުނުވަމާ. މިކަހަލަ ހަދިޔާ އަދިވެސް ހިނގާނެ. އެކަހަލަ، ހަދިޔާތައް ލިބެން، އެ ބޭފުޅުން ފައިސާ ހޯއްދަވާނެ. މުޅި ރާއްޖޭގެ ރައުސްމާލު، އެ ބޭފުޅުންނަށް ލިބެންޖެހޭ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފަޅުތައް، އެ ބޭފުޅުންނަށް ލިބެންޖެހޭ. އެކަމަކު އެއީކީ އެހެން ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއްނޫން. އެހެން ރައްޔިތުންނަށް ކުރެވޭ އަނިޔާއެއް ކަމަށް މިމީހުން ނުދެކޭ. ދެންމެ، ނިހާނުގެ ވާހަކައިގައި އެ ވިދާޅުވީ، ޙަޤީޤަތުގައިވެސް ރައީސް ނަޝީދު، މި ދެންނެވި ސިޔާސީ އެތަކެއް ލީޑަރުން، ސިޔާސީ މަސްރަޙުގައި މަސައްކަތް ނުކުރެވޭގޮތަށް ބަންދުކުރައްވަން ބޭނުންފުޅުވީ. ފާޅުގައި ވިދާޅުވަމުން ގެންދެވި. އެކަން އޭނާ ކާމިޔާބު ކުރައްވައިފި. އޭނާގެ ސަރުކާރުގައި އެކަން ނުވީކަންނޭނގެ. އެކަމަކު، އޭގެތެރެއިން ގިނަ ބަޔަކު އެއީ، އޭނާގެ ސަރުކާރުގައިވެސް ޖަލަށް ވަދެފައި ތިބި މީހުން. ދެން، ނިހާނު ވިދާޅުވި ލިސްޓުގައި، ޙުކުމް އައިސްފައި ތިބި މީހުން، ނޫނީވިއްޔާ ޙުކުމަށް އިންތިޒާރުކުރާ މީހުން އެތިބީ ރާއްޖެއިން ބޭރުގައި. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ހާލު ހުރިގޮތް.

 

އެހެންވީމާ، އަޅުގަނޑުމެން ތަރުބިއްޔަތާއި، ތަޢުލީމުގެ ދާއިރާއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! ދިވެހި ދަރިން މިއަދު، ދުނިޔޭގެ އެންމެ މަތީ ޔުނިވަރސިޓީތަކުން، ދުނިޔޭގެ އެންމެ މަޝްހޫރު އިމްތިޙާނުތަކުން އަޅުގަނޑުމެން ރަންވަނަ ހޯދާތަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! ކުޅިވަރުގެ ދާއިރާ އެކަންޏެއްނޫން. މިއީ ހަމަގައިމު، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް އައިސްފައިހުރި ބަދަލުގެ ސަބަބުން އަޅުގަނޑުމެންނާ ބައްދަލުކުރާ ރަނގަޅު ނަތީޖާ. މި ސަރުކާރުގައި ދޮގެއްތޯ، ކޮންމެ އަހަރަކު ތިންހާހެއްހާ ކުދިންނަށް މާލޭގައި ކިޔަވަމުންދާއިރު، އެކި ފެންވަރަށް އެ ކުދިންނަށް ސްކޮލަރޝިޕްގެ ފައިސާ ދެމުން މިގެންދަނީ. ޓިއުޝަންގެ އެކި ޕަސެންޓޭޖް ދައްކަމުން އަޅުގަނޑު މިގެންދަނީ މި ސަރުކާރުން. އަޅުގަނޑުމެން ގަބޫލުކުރަން، ޒުވާނުންނަކީ އަޅުގަނޑުމެންގެ ރައުސްމާލުކަން. ޒުވާނުންގެ ވާހަކަ ދެއްކޭކަށްވެސް މިއަދަކު ނެތް. މިއަދު ނަމާދު ވަގުތު ކައިރިވާތީއާއެކީ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަންވެސް އެބަޖެހޭ. އެކަމަކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. މިކަހަލަ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓޭ.

 

މިރަށުގައި ބޭނުންވެފައިހުރި ކަންތައްތަކުގެ ތެރޭގައި ފަރުމަސްވެރިންނަށް، ބޮޑުކަންނެލީގެ މަސްވެރިންނަށް، އެންމެ މުހިއްމު އެއްކަމެއް ކަމަށް ވެގެން، އަޅުގަނޑުމެންގެ ގާތުގައި ވިދާޅުވަމުން ގެންދެވި އެއްކަމަކީ، އައިސްޕްލާންޓްގެ ވާހަކަ. އައިސްޕްލާންޓް މިހާރު އެއޮތީ، ކޮންޓްރެކްޓް އައުޓް ކުރެވިފައި. ދާދި އަވަހަށް އެކަން ނިމިގެން ހިނގައިދާނެ. އެހެންވީމާ، އޭގެ ފަސޭހަތައް ލިބިގެންދާނެ.

 

އަޅުގަނޑު މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ ދައްކަމުން، މި ރަށަށް، މި އަތޮޅަށް އެންމެ މުހިއްމީ، ހަމަ ޙަޤީޤަތުގައިވެސް، ބޮޑުކަންނެލީގެ މަސްވެރިކަމުގެ ވާހަކަ ކަމުގައިވާތީ، މިއާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލާނަން. މިއީ މީގެ ކުރީގައިވެސް އަޅުގަނޑު ދަންނަވާފައި އޮތް ވާހަކައެއް. ބޮޑުކަންނެލި ކިލޯއެއް، އެންމެ ދަށްކޮށް ގަނެވޭނެ އަގު، އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ، މިއަންނަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށްވަންޏާ، ދައުރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ، އެކަން ކަނޑައަޅައިދޭނަން. މީގެ މަންފާ ހަމަގައިމުވެސް، ބޮޑުކަންނެލި ބާނާ، ބޮޑުކަންނެލީގެ ވިޔަފާރީގައި އުޅޭ މީހުންނަށް ވެގެންދާނެ. އަޅުގަނޑު ހިތަށްއަރަނީ، މިކަހަލަ ބައިވަރު ވާހަކަ ދައްކަން މިހިރީ. ޠާރީޤު އެ ވިދާޅުވެދެއްވީ ކީއްވެގެންކަން، ކިހިނެއްކަން، އދ. އަށް، ނޫނީ މި މުޅި އަތޮޅަށް، އއ.، އދ. އަށް ތަރައްޤީ އައިސްފައި މިއޮތީ. ހުރިހާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް ފެންނަންހުރީ މިކަހަލަ ކަންތައް. އެހެން ދޮގެއްތޯ ވާނީ.

 

އާދައިގެ ޖުމްލައެއް، އާދައިގެ އަދަދެއް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލާނަން. ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގެވި ކޮންމެ ބޮޑު މަޝްރޫޢަކަށް އަޅުގަނޑުމެންގެ ސަރުކާރުގައި ހަ މަޝްރޫޢު ހިންގައިފީމު. އަޅުގަނޑުމެންނަކީވެސް ސަރުކާރެއްގައި ވަޒީރުކަމުގައި އުޅުނު މީހުން. އޭރު މިކަހަލަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް، ލޯނު ނަގައިގެންނާއި، ސަރުކާރަށް ލިބޭ ފައިސާއާ، މުޅި އަދަދު ހަމަކުރާއިރު، ހަތަރުހާސް މިލިއަން ނެރުމަކީ އުނދަގޫކަމެއް. އަހަރެއްގެ ބަޖެޓަށް އަޅުގަނޑުމެންނަށް ހަތަރުހާސް މިލިއަން ހަމަޖައްސައެއްނުދެވޭ. އެކަމަކު، މިއަދު އަޅުގަނޑުމެން މި ދައްކަނީ، މިކަހަލަ ބޮޑެތި މަޝްރޫޢު ހިންގުމަށް އަށްޑިހަ އަށްހާސް މިލިއަނުގެ ވާހަކަ. އަހަރަކަށް ހިނގަނީ ހަތަރު ބިލިއަން ކަމަށްވަންޏާ، މި ދައްކަނީ، ވިހި އަހަރަށްވުރެ އިތުރު ތަރައްޤީގެ ވާހަކަ. ކުރުގެޅިގެން މިދަނީ، ފަސް އަހަރުގެ މުއްދަތުގެ ތެރެއަށް. އެމް.ޑީ.ޕީ.ގެ ސަރުކާރުގައި ހިންގި ތަރައްޤީގެ މަޝްރޫޢުތައް، ކުރުގެޅިގެން މިދަނީ، އަށާރަ އަހަރު ކަމަށްވަންޏާ، މި ފަސް އަހަރުގެ ތެރޭގައި، އެ ބޭފުޅުންގެ އެ ޓެމްޕޯގައި ހިންގެވިނަމަ، އަށާރަ އަހަރުގެ މަސައްކަތް ހިނގަމުންދަނީ.

 

މިރަށުގައި ފަހު ވާހަކައެއް ދަންނަވާލާފައި، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން. އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ، ތިޔަބޭފުޅުން ވިދާޅުވޭ! މި ރަށުގައި ބިން މިއޮތީ ފުރިފައި، ޝައްކެއްވެސްނެތް. މިރަށުގައި ގޯތި ނުދޭތާ ތިރީހަކަށް އަހަރު ވެއްޖެ ނޫންތޯ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑަށް ސަރުކާރެއް ހިންގުމުގެ ހެޔޮ ތައުފީޤު ﷲ މިންވަރު ކުރައްވައިފި ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރުގެ ދެވަނަ އަހަރު، ގޯއްޗަށް ސިޓީ ލައްވާ! މިރަށުގައި ބިން އުފެދޭނެ. މިރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ވިއްސަކަށް ހެކްޓަރު. އަޅުގަނޑުމެން ދެންމެ ދަތުރުމަތީގައި އުޅުނުއިރު، ޠާރިޤުވެސް އަޅުގަނޑުމެންނަށް ފޮނުވި ޗާޓުތަކާއި، އަދި ހައުސިންގ މިނިސްޓަރާއި، އެންވަޔަރަންމަންޓް މިނިސްޓަރު ބެއްލެވި ބެއްލެވުމުގައި، މިރަށަށް އެބައޮތް އަދިވެސް މިރަށުގެ މިހާރުގެ ބިމުގެ ފަންސާސް ޕަސެންޓް، ނޫނީ ދިހަވަރަކަށް ހެކްޓަރު އިތުރުކުރުމުގެ ފުރުޞަތު.

 

އެހެންވީމާ، މި ރަށަކީ ފުރިފައި އޮތް ރަށެއް ކަމުގައިވީނަމަވެސް، އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގެ ދެވަނަ އަހަރު، ތިޔަބޭފުޅުން ވަޑައިގަންނަވަންވީ، ހިއްކި ބިމުން ގޯތި ހޯދަން، ސިޓީ ފޮނުއްވަން ތިޔަބޭފުޅުން މަޑުކުރައްވާ!

 

މި ހަދިޔާއަކީ ތިޔަބޭފުޅުންނާ އަޅުގަނޑު ވަކިވެލާނީ، އަޅުގަނޑު ވަކިވާނީ، ހަމަ އިޚުލާޞްތެރި ހިތަކާއެކީ، ޚިދުމަތުގައި ކުރިޔަށް ދިޔުމަށްޓަކައި، މި ފުރުޞަތު އަޅުގަނޑަށް ދެއްވަން، ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަމުން.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި!                                          

 

 والسّــلام عليـكم ورحمــة اللّـه وبـركاتـه.