بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން.  މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރައްވާށި!

 

ކުރެންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

އަޅުގަނޑު މި ރަށަށް އައިމަ ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދި ތިޔަބޭފުޅުންގެ ހިތްޕުޅުގެ ޝައުޤުވެރިކަން އޮތް މިންވަރު ދައްކަވައިދެއްވި ކަމަށްޓަކައި ކުރެންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން.

 

އަޅުގަނޑުވެސް ސިޔާސީ މަސައްކަތުގައި ކުރެންދުއަށް މީގެކުރިންވެސް އަތުވެއްޖައީމު. އެހެންނަމަވެސް، އަޅުގަނޑަށްވެސް ހަމަ ގަބޫލުކުރެވެނީ، ﷲގެ ރަޙްމަތާއެކީ މިހާރު ކުރެންދޫގެ މޭގަ ބަދަލުވެއްޖެއޭ. ކުރެންދޫގެ ބޮޑު ރައްޔިތާއެކީ، އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް ތާއީދުކުރާ އަދި އަޅުގަނޑުމެން އެ އުސޫލުތަކެއްގެ މަތީގައި ރައްޔިތުންނާއެކީ ކުރިއަށްދާން ބޭނުންވާ އުސޫލުތައް ހާމަވެގެން މިދަނީ. މި އުސޫލުތަކަށް ކުރެންދޫގެ ރައްޔިތުންގެ ތެރެއިން ބޮޑު އަޣްލަބިއްޔަތެއް ތާއީދު ކުރައްވާކަން، އަޅުގަނޑަށް ކަށަވަރުވެގެންދޭ. މިހެން ނުވާންވީ ސަބަބެއްވެސް ނެތް. އަޅުގަނޑު މި ރަށަށް މިއައީ ތިޔަބޭފުޅުންނަށް މިހާރު ދަތިވެފައި އޮތް އެންމެބޮޑު އެއް މަޝްރޫޢު ނިންމުމުގެ އުފާ ތިޔަބޭފުޅުންނާއެކީ ހާސިލު ކުރުމަށްޓަކައި. އެ އުފަލުގައި ބައިވެރިވުމަށްޓަކައި.

 

ކުރެންދުއަށް ދިމާވެފައި އޮތް އެންމެބޮޑު މައްސަލަތަކުގެ ތެރޭގައި އެއްކަމަކީ، އެއީ ގޮނޑުދޮށް ގިރުމުގެ މައްސަލަ. އިރާދަކުރެއްވިއްޔާ މިއަދު އެ މައްސަލަ ޙައްލުވެގެންދިޔައީ. އެހެންނަމަވެސް، އަދިވެސް އެހެން ދިމާއެއްގައި ގިރާ ސަރަޙައްދެއް އޮތްކަން އަޅުގަނޑަށް އެނގޭ. އެއީ ކުރެންދޫގެ ރައްޔިތުން ބޭނުންފުޅުވާނެ ކަމެއްކަން އެނގޭތީ، އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، ރަށް ގިރުމުގެ މައްސަލައަކީ މިއީ ޒަމާނުއްސުރެ ދިވެހިރާއްޖެ ކުރިމަތިލާފައި އޮތް މައްސަލައެއް. އެންމެބޮޑު މަސައްކަތެއް މިހާތަނަށް ކުރެވިގެން މި އަންނަނީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި.

 

އެހެންވީމާ، ގަބޫލުފުޅު ކުރައްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެވަނަ ޓަރމެއްގައި، މި ފެށިގެން މިދަނީ މިހާރު ވޯޓްލާ މޫސުމް. މިއަދު މިއީ ސެޕްޓެންބަރުން އެއްވަނަ ދުވަސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދެވަނަ ޓަރމެއްގައި އަޅުގަނޑު ކުރެންދޫގެ ރައްޔިތުންގެ ރަށް ގިރުމުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލު ގެނެސްދޭނަމޭ.

 

އަޅުގަނޑު އުފާވީސް، މި އިޙްތިފާލުގައި މި ރަށަށް ދެން ދިމާވެފައި އޮތް އަނެއް މައްސަލައަކީ، ބަނދަރުގެ ދަތިކަން. ބަނދަރު ދާދި ނިމުމަކާ ކައިރިވެފައި މިއޮތީ. އެހެންނަމަވެސް، ބަނދަރުގައި މިހާރު އުޅޭ މައްސަލަތަކުގެ ތެރޭގައި، އެންމެ ބޮޑަށް ރައްޔިތުން ބޭނުންވާ ކަމަކީ، ދޯނި އެޅޭނެގޮތެއް ހަމަޖެހުން. އަޅުގަނޑު ހަމަ މިއަދު ދަންނަވާލާނަން. އަޅުގަނޑު އުފާވީސް، ބަނދަރުގެ މަސައްކަތް މުޅިން ނިމި، އަދި އެ ޝަރަފުވެސް އަޅުގަނޑަށް މިއަދު ލިބިގެންދިޔަނަމަ. އެހެންނަމަވެސް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ، ކޮންމެހެން އަޅުގަނޑުމެން މަޑެއްނުކުރާނަން، ސެޕްޓެންބަރު 23ގެ ވޯޓަކަށް. އިރާދަކުރެއްވިއްޔާ މިކަން ހިނގަމުންދާނެ. ރައްޔިތުން ބޭނުންވާގޮތަށް ދޯނި އެޅުމުގެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މި ބަނދަރުގައި އަޅުގަނޑު ހަމަޖައްސައިދޭނަން.

 

ކުރެންދުއަށް އައިސް މި ވާހަކަތައް ދައްކާއިރު އަޅުގަނޑަށް އެނގޭ، ކުރެންދޫގެ ރައްޔިތުންވެސް ބޭނުންވާ ކަންކަން ހުންނާނެ. ދެންމެ އަޅުގަނޑުމެންގެ ތިމާވެށްޓާބެހޭ ވަޒީރު ހާމަކުރެއްވި. ކުރެންދޫގެ ރައްޔިތުން ފެނާއި ނަރުދަމާގެ އިންތިޒާރުގައި ތިއްބެވި ވާހަކަ. ޝައްކެއްވެސްނެތް، ކުރެންދުއެއް ނޫން. ރާއްޖޭގެ ހުރިހާ ދިމާއެއްގެ ރައްޔިތުންވެސް ތިއްބަވަނީ މިކަހަލަ ބޮޑެތި މަޝްރޫޢުތަކުގެ އިންތިޒާރުގައި. މަޝްރޫޢުތަކެއް ލިބެމުންދާ ކަމަށްވަންޏާ، އެކަންކަމަށް އިންތިޒާރު ކުރަން އެނގޭނެ. މަޝްރޫޢަކީ އަމުދުން ޚިޔާލަށްވެސް ގެންނަން ނޭނގި، މީގެ ކުރީގައި ހުރި ކަންކަން ވެއްޖިއްޔާ އޭގެމަތިން އަޅުގަނޑުމެން ހަނދާނެއްވެސް ނުހުންނާނެ. އޭރަކު އަޅުގަނޑުމެންނަކަށް ނޭނގޭނެ، ބްރިޖްގެ ވާހަކަ ދައްކާކަށްވެސް. އެހެންނަމަވެސް، މިއަދު މިކަހަލަ މަޝްރޫޢުތަކުގެ މަތިން އަޅުގަނޑުމެން އަބަދު ހަނދާންވޭ. ކުދި ރަށްރަށުގައި، ބޮޑެތި ރަށްރަށުގައި، މެދުފަންތީގެ ރަށްރަށުގައި، ހުރިހާ ރަށެއްގައި.

 

އެހެންވީމާ، އަޅުގަނޑު ކުރެންދޫގައި ދަންނަވާނީ، ތިޔަބޭފުޅުން އުއްމީދުގައި ތިއްބަވާ ކަމަށްވަންޏާ، އެ ހުވަފެނުގައި އިރާދަކުރެއްވިއްޔާ ކުލަޖެހޭނޭ. ދެންމެ އިޢުލާނުވެގެން އެދިޔައީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިރަށުގައި ފެށިގެންދާނެއޭ. ކުރެންދޫގެ ބޮޑު އަޣްލަބިއްޔަތެއް މިހާރު އަޅުގަނޑުމެންގެ ފިކުރަށް ބަދަލުވެގެންދިޔައީ ކީއްވެގެންކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. ސަބަބުތައް ހުންނާނެ. އަޅުގަނޑަށް ބައެއް ސަބަބު ވިސްނޭ. އެކަމަކު އަޅުގަނޑު ތަފާސް ހިސާބެއް ދަންނަވާލާނަން. އެހެން ފިކުރެއްގެ މަތީގައި ކުރެންދޫގެ ރައްޔިތުން ތިބެންނުޖެހޭ ސަބަބު، އަޅުގަނޑު ތަފާސް ހިސާބަކުން ދަންނަވާލާނަން.

 

ދެންމެ ކުރެންދޫގެ ދަރިއެއް. ކާނަލް، އަޅުގަނޑުމެންގެ ޑީ.އާރު.ޕީ.ގެ، އަޅުގަނޑުމެންގެ ކޯލިޝަން ލީޑަރެއް. ކާނަލް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ، ކުރެންދުއަކީ އެމް.ޑީ.ޕީ.ގެ ރަށެއްގެ ގޮތުގައި ސިފަވެފައި މި އޮންނަނީ ކީއްވެގެންބާވައޭ؟ އެ ސިފަވުން މިއަދު ބަދަލުވެއްޖެ ކަމަށް އޭނާއަށްވެސް ގަބޫލުފުޅު ކުރެއްވޭ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރެންދޫ އެމް.ޑީ.ޕީ.ގެ ތިވަރުގެ ރަށެއްގެ ގޮތުގައި ސިފަވެފައި އޮންނައިރު، އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިއަށް ހިނގައިދިޔަ ފަސް އަހަރު، އޭގެތެރޭގައި ރައީސް ނަޝީދުގެ ތިން އަހަރު ހިމެނޭގޮތަށް. މުޅި ކުރެންދޫގެ ތަރައްޤީއަށް ހޭދަކުރެވިފައި އޮތީ، 1.4 މިލިއަން، ނޫނީ ދޮޅު މިލިއަން ރުފިޔާ.

 

އެހެންވީމާ، އެބައޮތްތޯ އެއްވެސްކަހަލަ ބުއްދީގެ ހަމަތަކުން ގަބޫލުކުރަންޖެހޭ ސަބަބެއް އެބައޮތްތޯ، ކުރެންދޫގެ ރައްޔިތުން އެމް.ޑީ.ޕީ. ގައި ތިބެންޖެހޭނެ ކަމަށް. މިވަރު ރަށެއްގައި ކުރެވުނު ކަމަށް އަޅުގަނޑުމެންގެ ތަފާސް ހިސާބުން މި ދައްކަނީ ދޮޅު މިލިއަނެއްހާ ރުފިޔާގެ މަސައްކަތް. އެކަމަކު މިހާރު ނިމިފައި ހުރި މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، މިހާރުން މިހާރަށް އެކަނި މި ނިމުނު ހަތަރު އަހަރުބައި، ނޫނީ ފަސް އަހަރެއް ހޭދަވަމުންމިދާ ސަރުކާރުގައި، ނިމިފައި ހުރި މަޝްރޫޢުތަކަށް، ކުރެންދުއަށް އެކަނި ބަލައިފި ކަމަށްވަންޏާ، ނުވަދިހަ އެއް މިލިއަން ރުފިޔާ މިއޮތީ ހޭދަވެފައި.

 

އެހެންވީމާ، މި ތަފާސް ހިސާބުން ކިތަންމެހާވެސް ރީތިކޮށް ދަލީލުކޮށްދޭ، ކުރެންދޫގެ ރައްޔިތުން ޕީ.ޕީ.އެމްގެ ބޮޑު އަޣްލަބިއްޔަތެއްގެ ގޮތުގައި ތިބެންޖެހެނީ ކީއްވެގެންކަން. އަޅުގަނޑަކަށް ހަމަ ގަބޫލެއްނުކުރެވޭ، މިތަނަށް ހޭދަކުރެއްވި ކަމަށް އެ ވިދާޅުވާ ބޭބޭފުޅުން، އަޅުގަނޑުމެންގެ ފިކުރާ މިއަދު ދުރުގައި ތިއްބެވި ބޭފުޅުން، އެމް.ޑީ.ޕީ.ގެ ފިކުރުގައި ތިއްބެވި ބޭފުޅުން މި ވިދާޅުވާ ވާހަކަފުޅަކުން، ކުރެންދުއަކަށް ތަރައްޤީ އައިކަމެއް، ހަމަގައިމުވެސް ތަފާސް ހިސާބަކުން ފެންނާކަށެއް ނެތް. ބަނދަރު ހެދިފައި ނެތްކަން އެބަ އެނގޭ. ފެނާއި ނަރުދަމާ އޭރުވެސް ނެތްކަން އެބަ އެނގޭ. ގޮނޑުދޮށް އަމުދުން ޙިމާޔަތް ނުކުރެވޭކަން އެނގޭ. ދެންވެސް ހުރިއްޔާ ހުރި ކަމެއް ނުކުރެވި ހުރީ ހަމަގައިމުވެސް އެ ތިން އަހަރުގެ ތެރޭގައި، މި ރަށް އެމް.ޑީ.ޕީ.ގެ ރަށަކަށް ވެފައި އޮތްއިރުވެސް އެއިން ކަމެއް ނުހިނގާ އޮތީމަ.

 

އެހެންވީމާ، ދެން މި ރަށަށް އިދިކޮޅު ކެންޑިޑޭޓުން ވަޑައިގެން ދައްކަވާ ވާހަކަފުޅުގައި، އެކިއެކި ކަންތައްތައް ކޮށްދެއްވަން ވިދާޅުވަމުން ހަމަ ވިދާޅުވާނެ، މި ބަނދަރުވެސް ނިންމައިދޭނަމޭ. އެކަމަކު މި ބަނދަރު ނިންމާކަށް މާބޮޑު ކަމެއް ކުރާކަށް ދެނެއް ނެތް އިރާދަކުރެއްވިއްޔާ. އިރާދަކުރެއްވިއްޔާ މި ބަނދަރު ނިންމާނީ އަޅުގަނޑުމެން. އޭގެ ޝަރަފެއް، ނޫނީވިއްޔާ އޭގައި ތިޔަބޭފުޅުންގެ ހިތުގެ ލޯބި އެހެން ބަޔަކަށް ދޭކަށް އަޅުގަނޑުމެން ބޭނުމެއްނޫން އެ ޖާގައެއް ދޭކަށް.

 

ކުރެންދޫން ދެން އައްސަވާފައި ހުރީ ދާދި އާދައިގެ ކަންކަން. އޭގެތެރޭގައި އެއްކަމެއްގެ ގޮތުގައި މިއޮތީ އޭ.ޓީ.އެމް މެޝިނެއް ބަހައްޓައިދޭށޭ. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން އިޢުލާނުކޮށްފީމު، އަޅުގަނޑުމެންގެ ސަރުކާރެއްގައި ފަސް އަހަރުގެ ތެރޭގައި، މިހާރު ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައި، މިކަން އޮތީ ކަށަވަރުކޮށްދީފައި. އާބާދީ ދޮޅުހާހަށްވުރެ ބޮޑެތި ރަށްރަށުގައި ވެއްޖިއްޔާ އޭ.ޓީ.އެމް މެޝިން ބެހެއްޓިގެންދާނެ. އެހެންވީމާ، މިއީކީ އަޅުގަނޑުމެން އިތުރަކަށް އެކަމަކަށް ޝައުޤުވެރިކަމާއެކީ އިލްތިމާސްކޮށްގެން ތިބެންޖެހޭ ކަމެއްވެސް ނޫން. އެހެންނަމަވެސް، ތިޔަބޭފުޅުން އެ އިލްތިމާސް، ނޫނީ އެކަން އެދިވަޑައިގަންނަވާތީ، އަޅުގަނޑު ހަމަ މިއަދުވެސް އިޢުލާނު ކުރާނަން، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އޭ.ޓީ.އެމް.ގެ ޚިދުމަތްވެސް ތިޔަބޭފުޅުންނަށް ލިބިގެންދާނެއޭ.

 

މަސްވެރި އަތޮޅަކަށް އައިސް މަސްވެރި ރަށްރަށުގައި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. މަސްވެރިކަމުގެ ދާއިރާއަށް، ނޫނީ މަސްވެރިކަމުގެ ޞިނާޢަތަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ، އަޅުގަނޑުމެން ދައްކަން ބޭނުންވޭ. އަޅުގަނޑުމެންގެ އިދިކޮޅު ކެންޑިޑޭޓުން އެ ދައްކަވާ ވާހަކަ، ނޫނީ އިދިކޮޅު ކެންޑިޑޭޓް ދައްކަވާ ވާހަކައަށް ބަލާކަމަށްވަންޏާ، މަސްވެރިކަމަށް، މަހުން ލިބޭ ފައިދާ، ނޫނީވިއްޔާ ނަފާ އެއަށްވުރެ އިތުރުކުރާކަށް، ނޫނީ ދާއިމީ ނަފައެއްގެ ގޮތުގައި އޮންނާކަށް ހަމަ އެއްވެސް ވިސްނުންފުޅެއް ނެތް. މަސްކޮޅު ރޮލާ، އެ ހުންނަގޮތަށް ތާޒާކަންމަތީގައި ބޭރުގެ ބާޒާރަށް، ދުނިޔޭގެ ބާޒާރަށް ވިއްކާލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މި ވިއްކައި އުޅެނީ ބެންކޮކަށް، ތައިލެންޑަށް. މަހުގެ އަގަކީ ދިވެހި ރައްޔިތުން ކަނޑައަޅާ އަގެއްނޫން. ބޭރަށް އަޅުގަނޑުމެން އެކްސްޕޯޓްކުރާ ހަމަ އެކައްޗަކީވެސް އަޅުގަނޑުމެންނަށް އަގު ކަނޑައެޅޭ އެއްޗެއްނޫން. އަޅުގަނޑުމެންނަށް ކިރިޔާވެސް އަގެއް ކަނޑައެޅެނީ ޚިދުމަތްތަކުގެ ތެރެއިން، ޓޫރިޒަމްގެ ޞިނާޢަތުގައި މި ހުންނަ ރިޒޯޓްގެ ރަށްރަށް، ރިޒޯޓްގެ ކޮޓަރިތައް ކުއްޔަށްދޭއިރު، އަޅުގަނޑުމެންގެ ކޮންމެވެސް ނުފޫޒެއް، ކޮންމެވެސް ބާރެއް އޮވޭ. އެނޫން އެއްވެސް އެއްޗެއް އަޅުގަނޑުމެން އެކްސްޕޯޓް ކުރާއިރު، އަޅުގަނޑުމެން އެކްސްޕޯޓްކުރާ އަދަދަކީ ކުޑަކަމުން، އަދި ދުނިޔޭގެ ބާޒާރުގައި އެ މުދަލުގެ ނިސްބަތް ކުޑަކަމުން، އަޅުގަނޑުމެންގެ ޤާބިލުކަމެއް ހުރިކަމެއް ނޫން، އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމެއްނޫން، އޭގެ އަގު ކަނޑައެޅުމަކީ.

 

އެހެންވީމާ، މި ވާހަކައިން އެކަނިވެސް ގަބޫލުކުރައްވާ! މަހުގެ އަގު ތާޒާކަންމަތީގައި ވިއްކާލީމާ، ވަކި އަގެއް އަބަދު ކަށަވަރުކޮށްދޭނަމޭ ބުނާ ވާހަކައަކީ، އޭގެ ޒާތުގައި ހެއްވާ ވާހަކައެއް. އެއީ ކުރެވޭނެ ކަމެއްނޫން. މަހުގެ އަގު ކަނޑައަޅަނީކީ ދިވެހި އެކްސްޕޯޓުންނެއް ނޫން. ދިވެހިރާއްޖެއަށް މަސް އެކްސްޕޯޓްކުރާ މީހުންނެއް ނޫން، ތާޒާކޮށް މަސް ވިއްކާއިރު މަހުގެ އަގު ކަނޑައަޅަނީ. އެހެންކަމަށްވަންޏާ، މަހުގެ އަގުތައް އަށްސަތޭކަ ޑޮލަރަށް ޓަނަކުން ގޮސް އަށާރަސަތޭކަ ޑޮލަރަށް ޓަނަކަށްޖެހޭނެ ހަމަ އެއްވެސް ސަބަބެއް ނޯންނާނެ. އަޅުގަނޑުމެން މި ޞިނާޢަތަށް ބަލައިލައިފި ކަމަށްވަންޏާ މިދިޔަ ގާތްގަނޑަކަށް ފަނަރަ، ވިހި އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ މަހުގެ އަގުތައް ހުންނާނީ، ތާޒާ މަހުގެ އަގުތައް ހުންނާނީ މި ދެންނެވި ރޭންޖްގެ ތެރޭގައި. އަށްސަތޭކަވަރަކަށް ޑޮލަރުގެ ތެރެއިން އަޅުގަނޑުމެންގެ ނަސީބު ރަނގަޅިއްޔާ، އެންމެ ރަނގަޅަށް މަހަށް އަގު ލިބެމުންދާއިރު، އަށާރަސަތޭކަ ޑޮލަރު، މިހާކަންހާވަރު ހުންނާނެ. އެކަމަކު އޭރުވެސް އަޅުގަނޑުމެންގެ އަތުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު އޮތްނަމަ، ކީއްވެގެންބާ، އަށާރަސަތޭކަ ޑޮލަރު ޓަނަކަށް ލިބޭއިރު ކީއްވެގެންބާ، އަޅުގަނޑުމެން އަށްސަތޭކަ ޑޮލަރުވެސް ނަގައިގެން މިތިބީ. ނޫނީވިއްޔާ ބައެއްފަހަރު ފަސްސަތޭކަ ފަންސާސް ޑޮލަރު، ނޫނީ އެއަށްވުރެ ކުޑަ އަދަދެއް ނަގައިގެން މިތިބީ.

 

އެހެންވީމާ، މިއަދު ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބައެއް. މަސްވެރިންނަކީ ތަންދޮރު ދަންނަ ބައެއް. އަދި މަސްވެރިންނަށް ކަންކަމުގައި، ކަންކަމުގެ އިރުޝާދު ދޭން މިކަހަލަ ރަށްރަށުގައި ތިބެނީވެސް މިކަހަލަ ކަންކަން ރޯފިލާފައި ތިބި މީހުން. އެހެންވީމާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ގެންނަ ބަދަލަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ އަތެއް، އަޅުގަނޑުމެންގެ ރުހުމެއް، އަޅުގަނޑުމެންގެ ބަހެއް ހޯދައިގެން ކުރާ ކަމެއްނޫން. އެކަމަކު މަހުގެ އަގު މިހާރު މި ލިބޭ ވަރަށްވުރެ އިތުރުކުރެވޭނީ، ނޫނީވިއްޔާ މަހުގެ ޞިނާޢަތަކީ އެ ޞިނާޢަތުން ބޭރުގައި އަންނަ ބަދަލުތަކާ ގުޅިގެން، އަޅުގަނޑުމެން އިތުރު ނާޒުކު ކަމަކަށް ނުގޮސް، އިތުރު ނުރައްކަލަކަށް ނުގޮސް، އެ ޞިނާޢަތް ދަމަހައްޓަން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުރެވޭ އެންމެބޮޑު މަސައްކަތަކީ، މަސްކޮޅު ތާޒާކަންމަތީ ވިއްކާލުމުގެ ބަދަލުގައި، އެ ޕްރޮސެސްކޮށްގެން، އެއަށް އަގު އިތުރުކޮށްގެން ވިއްކާ ވިއްކުން. އެއީ ދަޅުގައި ބަންދުކޮށްގެން ވިއްކައިފި ކަމަށްވަންޏާ، މަހަށް ލިބޭ އަގު އެތައް ގުނައެއް ބޮޑުވެގެންދޭ. މިއަދު ދަޅުގައި ބަންދުކޮށް މި ފޮނުވާ މަސް ޔޫރަޕަށް ފޮނުވާއިރު، އަޅުގަނޑުމެންނަށް ދަތިތަކެއް ކުރިމަތިލާން މިޖެހެނީ، ހަމަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާތީ، މަސްވެރިންނަށް ހެޔޮއެދިވަޑައިގަންނަވާތީ، އެމީހުންގެ ޙައްޤުގައި ދައްކަވާ ވާހަކަތަކުގެ ނަތީޖާއަކަށް ވެގެން މިދަނީ މި ދެންނެވި ޔޫރަޕްގެ އިއްތިހާދުން އަޅުގަނޑުމެންނަށް މަހުގެ އަގު، ނޫނީވިއްޔާ މަސް އިމްޕޯޓް ކުރާއިރު، ދަޅުމަހުގައި، އަޅުގަނޑުމެންނަށް އެތައް ބައިވަރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ. ހަމަ ރާއްޖެއާބެހޭ އެކިކަހަލަ ބަދުނާމު، ތަފާތު އެކި ނުބައި ވާހަކަ ދައްކަވާ، ދައްކަވާ ގޮސް އެންމެފަހުން އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ އިންޒާރު ދެމުން އެދިޔައީ. އަދި އޭގެކުރިން، އަޅުގަނޑުމެންގެ ސަރުކާރު އައިއިރު، އޭރު ދަޅުމަހަށް އޮންނަ ސައުވީސް ޕަސެންޓްގެ ޑިއުޓީ، ސައުވީސް ޕަސެންޓަކީ މުދަލުގެ، ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި. މުދަލުގެ ހަތަރުބައިކުޅަ އެއްބައިގެ އަގެއް، އިތުރަށް ދައްކައިގެން އަޅުގަނޑުމެން މި އެކްސްޕޯޓް ކުރަނީ. އެހެން ބައެއް ޤައުމުތަކުން އަންނަ ދަޅުމަހަކަށް ނުނަގާ ޑިއުޓީއެއް.

 

އެހެންވީމާ، އެހާ ވާދަވެރިކަމާއެކީ މިކަން ކުރާއިރުވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަދި މިއަދުވެސް ދަޅުމަސް ޔޫރަޕަށް އެކްސްޕޯޓް ކުރެވޭ. އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ މި އަދަދު ކުޑަކޮށްދޭނެ ކަމަށް އިއްތިހާދުން. ޔޫރަޕްގެ އިއްތިހާދުން މި އަދަދު ކުޑަކޮށްދޭނެ ކަމަށް. އެހެންނަމަވެސް، މި ދެކެވެމުންދިޔަ، ދިވެހިރާއްޖެ ބަދުނާމު ކުރަމުން ގެންދިޔަ ބޮޑެތި ވާހަކަތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، އަޅުގަނޑުމެންނަށް އިންޒާރުގެ އެކިއެކި ވާހަކަ އައުމާއެކީ، ހަމަ މިއަދަދު އަދިވެސް ސައުވީސް ޕަސެންޓްގައި އެއޮތީ.

 

އެހެންވީމާ، މަސްވެރިންނަށް ހެޔޮއެދޭ ކަމެއް ކަމަށްވަންޏާ، މަސްވެރިންނަށް ހެޔޮއެދޭ ބަޔަކު ތިބޭ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ މަސްވެރިންނަށް ދަތިވާގޮތަކަށް، ދިވެހިރާއްޖެ ބަދުނާމު ކުރަމުން، މިކަހަލަ ވާހަކަ ދެއްކުން ހުއްޓާލަން އެބަޖެހޭ.  

 

މި އަތޮޅަކީ ހަމަ އެގޮތަށް ޓޫރިޒަމްގެ ޞިނާޢަތްވެސް އޮތް އަތޮޅެއް. ޓޫރިޒަމަށްވެސް އެންމެބޮޑު ގޮންޖެހުމަކީ މިއަދު ބަދުނާމު ވާހަކަ، ދޮގު ވާހަކަ ދައްކައިގެން ދިވެހިރާއްޖެއަށް އަބަދުވެސް ގޮވާލަމުން އެދަނީ ޓޫރިސްޓުން އައުން ބޮއިކޮޓް ކުރާ ވާހަކަ. މި ވާހަކަ ނުދައްކާނެ، ދެވަނަ ދެ ބަޔަކު. އެމް.ޑީ.ޕީ ނޫން ބަޔަކު މި ވާހަކައެއް ނުދައްކާނެ. ފިކުރަކަށް ވެދާނެ، އެމް.ޑީ.ޕީއަކީ. އެކަމަކު ގަބޫލުނުކުރެވޭ ފިކުރަކީ، ރައްޔިތުންނަށް ލިބެން ހުންނަ މަންފާއަށް ހުރަސްއެޅުމަށް، ރައްޔިތުންނަށް ލިބެން ހުރި ކުރިއެރުމަށް ގެއްލުން ދިނުމަށް މި ކުރާ މަސައްކަތަކީ، ފިކުރުގެ ތެރެއިން ބަލައިގަނެވޭނެ ކަމެއްނޫން. ސިޔާސީ ފިކުރު ތަފާތުވެދާނެ. އެކަމަކު އިޤްތިޞާދީ ފިކުރަކަށްވާންވާނީ ރައްޔިތުންނަށް ލިބޭ ފައިދާ، އޭގެ މަންފާ އެންމެ ފުރިހަމައަށް ލިބޭ ފައިދާއަކަށް. އެއީކީ ސިޔާސީ ފިކުރެއް ނޫން. އެއީ ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންގެ ތަރައްޤީއަށް ކުރާ މަސައްކަތަށް އެކަންވާތީ.

 

އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނާ ޑިބޭޓް ކުރައްވާ ބޭފުޅުން ވިދާޅުވެގެން ނުވާނެ، މިއީ ޕީ.ޕީ.އެމް.ގެ ފިކުރާ ދެކޮޅު ފިކުރެކޭ. ނޫން. އެއަށްވުރެ މާބޮޑު. ދެންމެ ޢަބްދުއްރަޙީމްގެ ވާހަކައިގައި އެ ވިދާޅުވީ، ރައްޔިތުންނަށް، ދިވެހިރާއްޖެއަށް ދަތިވާ، ނޫނީ އުނދަގޫވާ، ނޫނީ ގަބޫލުނުކުރާ ހުރިހާ ސިފަތަކެއް، ކޮންމެ ކަމެއްގައި އިޢުލާނު ކުރަމުން އެގެންދަނީ އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތްކުރާ މީހުން. އެމް.ޑީ.ޕީ. އެހެންވީމާ، އެ ފިކުރު، ކުރުގޮތަކަށް ބުނާކަމަށްވަންޏާ، އެއީ އިދިކޮޅު ފިކުރެއް. އެއީ ރައްޔިތުންނާ އިދިކޮޅު ފިކުރު. އެއީ ތަރައްޤީއާ އިދިކޮޅު، އަޅުގަނޑުމެންގެ ދީނާ އިދިކޮޅު، އަޅުގަނޑުމެންގެ ޤައުމިއްޔަތާ އިދިކޮޅު، އަޅުގަނޑުމެން އިޙްތިރާމު ކުރާ، އަޅުގަނޑުމެން ސަލާމަތް ކުރަން ބޭނުންވާ ހުރިހާ އުސޫލުތަކާ، ހުރިހާ ކަމަކާ އިދިކޮޅު ފިކުރު. އެހެންވީމާ، ރައްޔިތުންނާ އެ އިދިކޮޅުވެވެނީ.

 

އެއާއެކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހަމަ ޙައިރާންވެޔޭ، އެމް.ޑީ.ޕީ. ގައި އަދިވެސް ދިވެހި ރައްޔިތުން މަސައްކަތް ކުރަމުންދާތީ. މިއަދު އަޅުގަނޑުވެސް ހަމަ އިލްތިމާސް ކޮށްލަން ބޭނުންވަނީ، ދެންމެ ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތުން، މި ދެންނެވި ކަންކަމާ ދޭތެރޭގައި ޕާޓީގެ ފިކުރު އެއްފަރާތުގައި ބާއްވާފައި، ޤައުމީ ނަޒަރަކުން، ދީންދެކެ ލޯބިވާ ދަރިއެއްގެ ޙައިޘިއްޔަތުން، ރަށްރަށަށް ގެންނަން ބޭނުންވާ ތަރައްޤީ އެދޭ ބައެއްގެ ޙައިޘިއްޔަތުން ވިސްނާލިއްޔާ ކީއްހޭ ވާނީ؟ އެކަމަށް ވިސްނާލާ ކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކާ ވާހަކަޔާ ދެކޮޅުނެހެދޭނެ ހަމަ އެކަކަށްވެސް. މިސްކިތްތަކަށް ހަދަނީ ކިހިނެއްތޯ؟ މިރަށަށް މިއޮތީ އާ ރީތި ބޮޑު މިސްކިތެއް ބޭނުންވެފައި. މިރަށުގައި މިހިރީ 1980ގެ މިސްކިތެއް. އަޅުގަނޑު ދަންނަވާނީ މިސްކިތްވެސް ގެންދަވާށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ސަރުކާރުގައި، އާ ރީތި މިސްކިތެއް މިރަށަށް ހަދިޔާކުރާނަން. އެކަމަކު ހަދިޔާކުރާ ރީތި މިސްކިތަކީ، އިދިކޮޅު ކެންޑިޑޭޓް އެ ވިދާޅުވީ، ކޮންމެވެސް އެން.ޖީ.އޯ އަކުން، ނޫނީވިއްޔާ ކޮންމެވެސް ޖަމާޢަތަކުންނޭ މިސްކިތް ބަލަހައްޓަންވާނީ. ރީތި ބޮޑު މިސްކިތެއް ހަދާފައި، ނޫނީ އިސްލާމީ މަރުކަޒެއް ހަދާފައި، ކޮންގޮތަކުންތޯ އެން.ޖީ.އޯ އަކަށް މިތަނަށް ބޭނުންވާ މެއިންޓެނަންސް، ނޫނީވިއްޔާ އާބާތުރަ ފިލުވުމުގެ ޤާބިލުކަން ލިބެނީ ކޮންގޮތަކަށްތޯ؟ ބުނެވިދާނެ، ބަޖެޓުން ދޭނަމޭ. ބަޖެޓުން ދިނީމު. ބަޖެޓުން ދީގެން އަޅުގަނޑުމެން ސަރުކާރާ ހަމަޔަށް އައިއިރު، އަޅުގަނޑުމެންގެ ޒަޢާމަތާ ހަމަޔަށް ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން އައިއިރު، އެ ވިދާޅުވިގޮތަށް މިސްކިތްތަކުގެ ކަންތައް ހުރީ. ދެންވީ ކިހިނެއްތޯ؟ ކެނޑިނޭޅި އަންނަމުންދިޔަ ޝަކުވާއަކީ، މިސްކިތްތަކުން އަނދާ ބޮކިތައް ބަދަލެއްނުކުރެވޭ. ހަލާކުވާ ފަންކާތަކެއް އަލެއް ނުކުރެވޭ. ދަވާދުކޮޅެއް ނުލެވޭ. ކާޕެޓެއް އަލެއް ނުކުރެވޭ. މިއީ އެން.ޖީ.އޯ.ތަކުން މިސްކިތް ހިންގީމާ ވާގޮތް. އަޅުގަނޑުމެން، އަޅުގަނޑުމެން އިންސާނުން ކުރާ ކަންކަމަށް އިޙްތިރާމު ނެތަސް، މިސްކިތްތަކަށް އަޅުގަނޑުމެންގެ ކަރާމާތް އޮންނަންވާނެ. ދީނަށް އޮންނަ ލޯބި އަޅުގަނޑުމެންގެ ތެރެއިން ފަނޑުވެގެންދިޔަދީގެން ނުވާނެ.

 

އެހެންވީމާ، އަޅުގަނޑުގެ ސަރުކާރެއް އައިސްފިއްޔާ، އަޅުގަނޑު ނެތިން މިސްކިތްތައް، މި ދެންނެވި ކަހަލަ ޖަމާޢަތްތަކާ ހަވާލުކުރާކަށް. މިސްކިތްތައް ހިންގަންވާނީ ދިވެހި ދައުލަތަށް ލިބޭ ފައިސާ، ދިވެހި ރައްޔިތުން ހޯދާ ފައިސާ ﷲގެ މަގުގައި ހޭދަކުރުމަށްވުރެ ބޮޑު ކަމެއް ނޯންނާނެ އަޅުގަނޑުމެންނަކަށް. އެކަމަކު އިދިކޮޅު ބޭފުޅުން އެ ވިދާޅުވަނީ، ތިމަންނާމެން ދީނަށް އިޙްތިރާމު ކުރަމޭ. ލޯބިކުރަމޭ. އެކަމަކު މިސްކިތްތައްވެސް ހިންގަން ހަވާލުކުރަނީ، ނޫނީ ބަލަހައްޓަން ހަވާލުކުރަނީ، މި ދެންނެވި ކަހަލަ އެން.ޖީ.އޯ.ތަކާ. އެކަމެއް ނުވާނެ އެގޮތަކަށް.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ސިޔާސީ ވާހަކަ، އެއްފަރާތުގައި ބާއްވާފައި ވިސްނާލައްވާށޭ. އަމިއްލަ ފިކުރަށް ވިސްނާލާށޭ. ކޮންމެ މީހަކީ އެވަރު ކަމެއް ތަޙުލީލުކޮށް ނިންމަން އެނގޭވަރުގެ ތަޢުލީމެއް، ނިންމަން އެނގޭވަރުގެ ވިސްނުމެއް ހުރި އިންސާނަކަށްވޭ. ދިވެހިރާއްޖޭގެ ދަރިންނަކީ ތަޢުލީމީ، ތަންދޮރު ދަންނަ ބައެއް. މިރަށުގައި އުފެއްދި ދަރިންވެސް މިތިބީ ކުރީ ސަފުގައި. މިބޭބޭފުޅުންނަކީ ސަރުކާރުގައި މިހާރު އެބޭފުޅުން ބަލަހައްޓަވާ ދާއިރާގައި ފަންނީގޮތުން އެންމެ ފުންނާބު އުސް ބޭފުޅުން. ދެން ރައީސް ކީއްވެގެންތޯ މި ވާހަކަ މިހާވަރަށް އިލްތިމާސްކޮށް ދައްކަން މިޖެހެނީ. އަޅުގަނޑު ހަމަ ހިތެއް ނުބުނޭ، މިކަންކަމާ ދޭތެރޭގައި، ޤައުމީ ނަޒަރަކުން، ދީނަށް އިޙްތިރާމުކުރާ ނަޒަރަކުން ވިސްނައިފި ކަމަށްވަންޏާ، ރައްޔިތުންގެ ޞުލްޙައަށް ލޯބިކުރާ ބަޔަކު ވިސްނަންޏާ، ތަންތަނާއި ތަހުޒީބު އަނދައި އަޅިޔަށް ހަދަން ބޭނުންނުވާކަމަށްވަންޏާ، އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑު އިތުރަށް މި ވާހަކަތައް ކޮންމެ ޕޯޑިއަމެއްގެ ފަހަތުގައި ހުރެގެން ދައްކަންޖެހޭނެ ކަމަކަށް. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، މިއީ ކުރަންޖެހޭ ކަމެއް ކަމަކަށް.

 

މިއަދު މި ފެށުނީ ވޯޓުގެ ފޯވަހި. މިއަދު އަޅުގަނޑު ކުރެންދޫގެ ރައްޔިތުންނާ މި ބައްދަލުކުރަނީ 1 ސެޕްޓެންބަރުގައި. ސެޕްޓެންބަރަކީ ވޯޓްލާ މަސް. އެހެންވީމާ، 1 ސެޕްޓެންބަރުގައި މިތާ ހުރެގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދަކީ 1 ސެޕްޓެންބަރުވީމާ، ސެޕްޓެންބަރު މަހު މި ނަގާ ވޯޓުގައި ހަމަ 1 ހަނދާން ކުރައްވާށޭ. ސެޕްޓެންބަރުންވެސް 1. ކެންޑިޑޭޓްވެސް 1. މިއީ އަޅުގަނޑުމެން އެދޭ ދިވެހި ސިފަތައް، ދިވެހިރާއްޖޭގައި އަބަދުމެ އޮވެގެން ކުރިއަށް ގެންދަން ބޭނުންވާ ކަމަށްވަންޏާ، މިނޫން ޗޮއިސްއެއް ނެތް.

 

ދެން އަޅުގަނޑުމެން ދައްކާ ވާހަކައަށް ރައްދު ދެއްވުމަށް ކިތަންމެ ކިތަންމެ ބަލިކަށި އަޑަކުން ނަމަވެސް، ވާހަކަފުޅު ދައްކަވާ އަޑު އިވޭނެ. އެކަމަކު އެ އިއްތިހާދުގައި ތިއްބެވި ސިޔާސީ ލީޑަރުންނާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަވާ! އެ ސިޔާސީ ލީޑަރުން، އެއް ފިކުރުން އަނެއް ފިކުރުން ބަދަލުވެގެންދިޔަ ދިޔުމާއި، ޔާމީން، ނޫނީވިއްޔާ ރައީސް ޔާމީން ސިޔާސީ ޕާޓީ، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވަމުންދިޔަ ދިޔުމާ، އުޑާއި ބިމާހާ ތަފާތު. އެހެންވީމާ، ވިދާޅުނުވޭ އިދިކޮޅު ބޭފުޅުން ވާހަކަ ދައްކަވާއިރު، ރައީސް ޔާމީނަކީ، ނޫނީ ޔާމީނަކީ އެންމެ ގިނަ ޕާޓީ ބަދަލުކުރި މީހާއޭ. ޝައްކެއްވެސްނެތްގޮތުގައި، ޔާމީނަކީ ރައްޔިތުންނަށް އެންމެބޮޑަށް ބޭނުންވާ ކަންކަމުގައި އެމް.ޑީ.ޕީ އަށް މަނާޖެހުމުގެ ގޮތުން ޕާޓީވެސް ހަދައި، އުފައްދައި، ޕާޓީ ބަދަލުކުރި މީހާ. އެކަމަކު އަޅުގަނޑުމެންގެ ފިކުރަކީ އަބަދުވެސް އެމް.ޑީ.ޕީ.ގެ ހަލާކުކުރަނިވި ފިކުރާ ދުރު ފިކުރެއް. މިއަދު އެކަން ހާމަވެއެއްނޫންތޯ. ޑީ.އާރު.ޕީ.ވެސް އުފައްދަން ނުކުތީ އަޅުގަނޑުމެން. ޑީ.އާރު.ޕީ.ވެސް އުފެއްދީ އަޅުގަނޑުމެން. އެއީ އޭރު އެމް.ޑީ.ޕީ އުފެދިފައި އޮތީމާ. އަދި އެމް.ޑީ.ޕީ.ގެ ފިކުރަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ދީނާ އެހާ ބީރައްޓެހި ދުރު ފިކުރަކަށްވާތީ، އެ ފިކުރަށް ނޫނެކޭ ބުނުމަށްޓަކައި. އެ ފިކުރުގައިވެސް އެންމެ ވަރުގަދައަށް މަސައްކަތްކުރި މީހުންނަކީ އަޅުގަނޑުމެން. ދެން ޑީ.އާރު.ޕީ އަށް ކަންތައް ވެގެންދިޔަގޮތް. މިތާ މި އިންނެވީ މިއަދުގެ ޑީ.އާރު.ޕީ.ގެ ލީޑަރު. ވިދާޅުވެދެއްވާނެ. އަޅުގަނޑުމެން ދަންނަވާކަށް ނުވެސްޖެހޭ. އަދި ޑީ.އާރު.ޕީ ދެން ނަޤުލުވެގެންދިޔައިރު، ވެރިކަން ބަދަލުވެގެންދިޔައިރު ޑީ.އާރު.ޕީ.ގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު މިއަދު އެ ހުންނެވީ އެމް.ޑީ.ޕީ.ގައި. އެހެންވީމާ، އެބޭފުޅުންނަކީ ސިޔާސީ ފިކުރެއްގައި މަސައްކަތްކުރި ބައެއްނޫން. އެބޭފުޅުންނަކީ އެބޭފުޅުންގެ އަމިއްލަ ފައިދާއަށް އެބޭފުޅުން ހަމަ ފުރޮޅެމުން، ބަދަލުވަމުންދިޔަ ބޭފުޅުން އެއީ. އެބޭފުޅުންނަކީ ފިކުރެއް އޮވެގެން، ރައްޔިތުންގެ ހިމާޔަތުގައި އެބޭފުޅުން ގަބޫލުކުރާ ޢަޤީދާއެއް އޮވެގެން، މިއީކަން މިކަން އޮންނަންވާނެގޮތް ގަބޫލުކޮށްގެން މަސައްކަތްކުރި ބައެއްނޫން އެއީ.

 

 ދެން އޮތީ ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީއާ، މިހެންހުރި ޕާޓީތައް. ބައްލަވާ! އޭގައި ބައްލަވާ! އަޅުގަނޑު ތަފްޞީލަކަށް ދާކަށްނެތިން. އެބޭފުޅުންގެ ފިކުރަށް ބަލައިފި ކަމަށްވަންޏާ، އެބޭފުޅުންނަށް އަބަދުވެސް އެ ތިއްބެވެނީ އެމް.ޑީ.ޕީ.އާއެކީ. އެކަމަކު ޢަދާލަތު ވިދާޅުވާނެ، ތިމަންނާމެންނަކީ ވަކި ފިކުރެކޭ. އެކަމަކު ސިޔާސީގޮތުން ހަމަ އެއްދާން ކުރުން ނޫން ކަމެއް ނުކުރޭ. އެހެންވީމާ، ނުފެނޭ އެ ވިދާޅުވާ ފިކުރެއް. ނުފެނޭ، އެ ވިދާޅުވާ ފިކުރެއް. އެކަމަކު ތަފާތަކީ، ޔާމީނަކީ އެންމެގިނަ ޕާޓީ ބަދަލުކުރާ މީހާއޭ ވިދާޅުވާތީ އަޅުގަނޑު މި ހަމަ ރައްދުދެނީ. އާދެ، އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކަށް އޭރުވެސް، މިހާރުވެސް، ދެންވެސް ހަމަ މަނައަކަށް ހުރި މީހަކީ ޔާމީން. އަޅުގަނޑުމެންގެ ޕާޓީގައި، ޕާޓީ އުފައްދައިގެން ދިޔައިރު، އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ރައީސް މައުމޫން. އެކަމަކު މިއަދު ރައީސް މައުމޫން އެ ހުންނެވީ އެމް.ޑީ.ޕީ.އާއެކީ.

 

އެހެންވީމާ، ޕާޓީއަކީ ފިކުރެއް ތަމްސީލު ކުރުމަށް އުފައްދާ އިންތިޒާމެއް. އެރޭންޖްމަންޓެއް. ނޫނީވިއްޔާ މެކެނިޒަމެއް. އެއީ ޕާޓީއަކީ. ފިކުރު، މީގައި އެއްޗަކީ. ފިކުރު، ސިޔާސީ މީހުންނަށް ވިއްކުމަށްޓަކައި އެކުލަވައިލާ އެއްޗަކަށް މިވަނީ ޕާޓީ. އެހެންވީމާ، ޕާޓީގެ ނަން ބަދަލުވުމެއް ނޫން. ފިކުރު ބަދަލުވޭތޯ ބަލަން މިޖެހެނީ. އަޅުގަނޑު އެގޮތުން ހަމަ އެމް.ޑީ.ޕީ.އަށް ދަންނަވާނަން. އެމް.ޑީ.ޕީ.ގެ ފިކުރު، އެމް.ޑީ.ޕީ.ގެ އިސްމީހުން ބަދަލެއްނުކުރޭ. އެކަމަކު އެމް.ޑީ.ޕީ.ގެ ފިކުރާ އެހާ ތަފާތު މީހުން، އެ މިއަދު އެމީހުންނަށް އެމީހުންގެ އަމިއްލަ ފައިދާއެއް އޮވެގެން، އެމް.ޑީ.ޕީ އަށް ބަދަލިގަންނަމުންދާތީވެސް ހަމަ އެމް.ޑީ.ޕީ.ގެ އިސްމީހުން، އެމީހުން ބަލައިގަންނަނީ ކިހާ ރަޙްމަތްތެރިކަމާއި، ކިހާ ކުލުނަކާއެކީތޯ، އަޅުގަނޑު މިއަދުވެސް ސުވާލުކުރާނަން. އެމް.ޑީ.ޕީ.ގެ ކޮރަޕްޝަންގެ ވާހަކަ، އެންމެ ފަރިތަކަމާއެކީ ދެއްކެވި ބޭފުޅުންނަކީ ޑޮކްޓަރ ޖަމީލާއި، މަލީޙާއި، އަމީނާ. މިއަދު އެބޭފުޅުން އެ ވާހަކަ ދައްކަން ލަދުވެތިވޭ. އެއީ ކީއްވެގެންތޯ؟ އެބޭފުޅުންގެ މިއަދު ދުލި ބަދަލުވީ. މިއަދު އެބޭފުޅުން، އެބަޔަކަށް ފުރައްސާރަކުރި މީހުންނާއެކީ އެބޭފުޅުން ތިއްބަވާއިރު، އަޅުގަނޑު ދަންނަވާނީ، ހަމަ އެ އޮޑީގައި ދިޔަވެގެންދާއިރު، ދިޔަ ހިއްކާލަން ފައެއްވެސް އެއިން ބޭފުޅަކަށް ނުދޭނޭ. އަދިވެސް އެ ޙަޤީޤަތެއް ބަދަލެއްނުވޭ. ޑޮކްޓަރ ޝަހީދާއި، ޑޮކްޓަރ ޙަސަން ސަޢީދާ ނޫންތޯ އެންމެ ވަރުގަދައަށް، ރައީސް މައުމޫންގެ ސަރުކާރުގައި އެމް.ޑީ.ޕީ. އާ ދެކޮޅަށް ވިދާޅުވަމުންދިޔައީ. އެމް.ޑީ.ޕީ ފައިސާ ހޯދަނީ ޔޫ.ކޭ.ގެ ފާދިރީ ޖަމާޢަތްތަކުންނޭ ކިޔާފައި، އެޖަމާޢަތްތަކުގެ ތަފްޞީލު ދީފައި އެ ވާހަކަ ދައްކަމުންދިޔައީ ކޮންބައެއްތޯ؟ ހަމަ އެބޭފުޅުންނޭ ދެއްކީ އެ ވާހަކަ. އަޅުގަނޑުމެންނަކަށް ނޭނގެއޭ ތަފްޞީލެއް. އެބޭފުޅުން އެކަހަލަ ކަންކަމަށް މާ ކުޅަދާނަ. މިކަހަލަ ދިރާސާތައް ކުރުމުގައި އެބޭފުޅުން ތިބީ މާކުރީގައި. ދެން މިއަދު ޑޮކްޓަރ ޝަހީދު އެމް.ޑީ.ޕީ. އަށް ވަޑައިގަތީމާ، ކިހިނެއްތޯ އެމް.ޑީ.ޕީ.ގައި، އެމް.ޑީ.ޕީ އިސްވެ އުފެއްދި މީހުން ކިހިނެއްތޯ އެމީހުން ގަބޫލުކުރާނީ؟ ޖަމީލަށް ހަމަ ލަޤަބެއްލާފައި ނޫނީ ކިޔާނެތޯ؟ ނުކިޔާނޭ. ދެން މިހާރު އެމީހުން ރައީސް މައުމޫންދެކެ މާ ލޯބިވަނީ. ކިހިނެއްވާނެ ކަމެއްތޯ އެއީ؟ އަޅެ ވިސްނާލަން އެންމެ ރަނގަޅު ދޮގެއްތޯ. އަޅުގަނޑުމެންނަކީ ހަމަ ބުއްދިމަތީގައި، ހުރިހާ އެންމެން ހުރިހާއިރަކު ނުތިއްބަސް، ކޮންމެވެސް ބަޔަކު ހުރިހާ އިރަކު ތިބެންވާނެ ބައެއް ނޫންތޯ. އަޅުގަނޑުމެންނަކީ އިސްލާމުން. މިއަދު މި ޖަލްސާ ނިންމާފައިވެސް އަޅުގަނޑުމެން މިދަނީ މިސްކިތަށް އަރަން. އެހެންވީމާ، އެބަޖެހޭ ދޮގެއްތޯ، މިސްކިތަށް އަރާ މީހުން ހަމައިގައި ތިބެން. ހަމައިގައި ތިބެންޏާ މިކަހަލަ ކަންކަމާ ދޭތެރޭގައި ހަމައިގައި ވިސްނާލިއްޔާ ކީއްތޯ. ހަމަ އެމީހުން ދޮގެއްތޯ، ރައީސް މައުމޫނަށް ލަޤަބަކާއެކީ ކިޔަމުންދިޔައީ. އެ ލަޤަބަކަށް ބަދަލެއްނާދެއޭ. މިއަދުވެސް އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓުންކުރެ އައްސަވަބައްލަވަ!

 

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ކަންކަން ހުރިވަރު. އެކަމަކު ޔާމީނާ ބެހޭގޮތުން ނުބުނެވޭނެ ވާހަކައަކީ، އޭރުވެސް އެމް.ޑީ.ޕީ.ގެ ފިކުރާ ދެކޮޅީ އަޅުގަނޑު. ފަހުންވެސް ދެކޮޅީ އަޅުގަނޑު. ޕީ.އޭ އުފައްދަން ޖެހުނީވެސް އެ ސަބަބާހެދި. ޑީ.އާރު.ޕީ. އިން ވަކިވީވެސް އެ ސަބަބާހެދި. އަދި ޕީ.ޕީ.އެމް އުފެއްދީވެސް އެ ސަބަބާހެދި. އަދި ޕީ.ޕީ.އެމް.ގައި މިއަދު ޕީ.ޕީ.އެމް އުފެދިގެންދިޔައިރު، އަޅުގަނޑުމެން އެބޭފުޅަކަށްޓަކައި ފަޚްރުވެރިވި ރައީސް މައުމޫންވެސް އަޅުގަނޑުމެން ދޫކޮށްލާފައި ވަޑައިގެންނެވިއިރު މި ފިކުރު އެބައޮތް. މި ފިކުރު މިއޮތީ، ދުވަހަކުވެސް ދިވެހި ބިންގަނޑުން ދުރަށްނުދާވަރަށް މިއަށް ކުރެވިފައި. ނަގިލި ލެވިފައި އޮތް ފިކުރެއް މިއީ. އަދި މިހާރު ނަގިލި ހިފަހައްޓަން އެބައޮތް އެންކަރ، އިރު ދެކުނު ފަރާތުގައި އޮތް ބޮޑު ބްރިޖެއްވެސް. އެހެންވީމާ، އެނގޭ މި ފިކުރެއް އޮޔާނުދާނެކަން. ވާދޫ ކަނޑުން ނުނުކުންނާނެ ފިކުރެއް މިއީ. އޭރުވެސް މި ފިކުރު ތަމްސީލުކޮށްދެނީ، މިހާރުވެސް މި ފިކުރު ތަމްސީލުކޮށްދެނީ ޕާޓީ ބަދަލުވިނަމަވެސް، ފިކުރަށް ބަދަލުނައިސް، ފިކުރުގެ މަތީގައި ހުރި ހަމައެކަނި ސިޔާސީ ލީޑަރަކީ، އަޅުގަނޑު ދަންނަވާނީ ހަމަ އުފަލާއި ޝަރަފުވެރިކަމާއެކީ ދަންނަވާނީ އަޅުގަނޑޭ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ޕާޓީގައި، ރައްޔިތުންގެ މަޖިލީހުގައި ތިބީ  އެންމެ ހަތް މެންބަރުން ޕީ.އޭ.ގައި. ކީއްވެގެންތޯ އަބަދު އަޅުގަނޑު ހިފާ ހައްޔަރު އެކުރީ ޤާނޫނާއި ޝަރީޢަތުން ބޭރުން. ޖަވާބެއް އޮންނަންވާނެ ދޮގެއްތޯ. ކީއްވެގެންތޯ އެމީހުން، އަޙްމަދު ތަސްމީން ޢަލީ ހައްޔަރުނުކުރީ؟ ކީއްވެގެންތޯ ޢަބްދުﷲ ޝާހިދު ހައްޔަރުނުކުރީ؟ މިއަދު އެބޭފުޅުން ވަޑައިގެން އެމް.ޑީ.ޕީ.ގެ ތެރޭގައި ތިއްބެވިޔަސް، އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބޭފުޅުންނަކީ އެގޮތަކަށް އެމް.ޑީ.ޕީ. އިން ބަލައިގަންނާނެ ބައެއްނޫން. އެއީ އޭރު އެމް.ޑީ.ޕީ.އާ ދެކޮޅަށް ރައީސް މައުމޫންގެ އަރިހުގައި ތިއްބަވައިގެން އެ ބޭފުޅުން ދެއްކެވި ވާހަކަ މިހާރުވެސް އެމް.ޑީ.ޕީ.ގެ އާކައިވްތަކުގައި ހުންނާނެ. ހަމަ މި ރަށްރަށަށް އައިމާ މި ފެންނަނީ ވެލި. ވެލި ކާންދިންތަންވެސް އަޅުގަނޑުމެން ހަނދާން އެބަހުރި. ފެނުނު.

 

އެހެންވީމާ، ދެން މިއަދު މިބޭފުޅުން އަދި އެހެން ޕާޓީއަކަށް ވަޑައިގެންފައި، އެހެން ވާހަކަފުޅު ދެއްކެވިޔަކަސް އަޅުގަނޑު ހަމަ ގަބޫލެއްނުކުރަން. މި ބޭފުޅުން އެ ދައްކަވާ ވާހަކަ، ނޫނީ މިބޭފުޅުންގެ ޝަޚްޞުގައި، އެއްވެސް އަބުރެއް، ޢިއްޒަތެއް އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަބުރެއް، ޢިއްޒަތެއް އޮންނާނީ ރައްޔިތުންގެ ދަރުބާރުގައި، ރައްޔިތުން މިނާ މިންގަނޑުން އޮންނާނީ ދެގޮތެއްނުވެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން ރައްޔިތުންނާއެކީ ސާބިތުކަމާއެކީ ތިބޭ މީހުން. ފިލަފިލައިގެން އަބަދު ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ މީހުން، ކޮންމެ ފަހަރަކު ޙާލަތު އުނދަގޫވީމާ، ދިރިއުޅެން އުނދަގޫވީމާ، ރާއްޖެއިން ބޭރަށް ފިލައިގެންދާ މީހުންނަކީ ރައްޔިތުން ގޮވައިގެން ތިބި ބައެއްނޫން. އޭގެ މީހުން މިހާރުވެސް ބޭރުގައި އެ ތިބެނީ. އޭގެ ބައެއް މީހުން ބޭރުގައި ގޮނޑިވެސް އެ ދުއްވަނީ. މިހާރު އަޅުގަނޑު ދީފިން، ބްރިޖްގައި ގޮނޑި ދުއްވާލަންވެސް ވަޑައިގަންނަވަން މި ބޭފުޅުންނަށް. ކީއްވެގެންތޯ، ކުރީގެ ރައީސުން ވަޑައިނުގަތީ ބްރިޖް ހުޅުވި ތަނަށް. އަޅުގަނޑުގެ ދަޢުވަތު އޮތޭ އެބޭފުޅުންނަށް. އެއީ ނުކުރެވޭނެ، އެ ތަރައްޤީގައި ބައިވެރިވާން އެބޭފުޅުން ލަދުވެތިވާތީ އެއީ.

 

އަޅުގަނޑު ސިޔާސީ ހަމަ ބައެއް ވާހަކަ ދައްކާލާނަން. އެބޭފުޅުންނަށް ދަތިވާ އެންމެބޮޑު އެއް ވާހަކައަކީ، ޖީ.އެމް.އާރު.ގެ ވާހަކަ. ޖީ.އެމް.އާރު އެއަރޕޯޓް އަނބުރާ އެ އެއަރޕޯޓް އަޅުގަނޑުމެން ހޯދުމަށްޓަކައި ކުރި ޖިހާދުގެ ތެރެއިން، އެ ހިންގި ކަންތައްތަކުގެ ތެރޭގައި، އެމް.ޑީ.ޕީ.ގެ ސަރުކާރު ވަކިވެގެންދިޔައީ. އެ ސަރުކާރު ވަކިވެގެންދިޔައީ، އޭރު އުފެދުނު ހޫނު ތަޙައްމަލު ނުކުރެވިގެން. އެބޭފުޅުންނަށް އެކަންކަން އޮބިނޯވެގެންދިޔައީ. އޭގެތެރޭގައި، މި މަސައްކަތުގައި އެއްބޭފުޅަކަށް ހުންނެވީ އަޅުގަނޑުމެންގެ އޭރުގެ ފަނޑިޔާރު ކްރިމިނަލް ކޯޓުގައި. ޖީ.އެމް.އާރު.ގެ މި މަސައްކަތާ ދެކޮޅަށް ޖިހާދުކުރި މީހުންނާ ދޭތެރޭގައި އަބަދު ކޯޓު އަމުރު ނެރެން، ބަންދުކުރަން އަމުރު ނެރެނުދިނީމާ، ޢަބްދުﷲ ޤާޟީ ހިފައި ހައްޔަރުކުރަން ޖެހުނީ. މިއަދު އަޅުގަނޑު ހިތަށްއަރާ، ޑޮކްޓަރ ޖަމީލް ހަނދާންހުރޭބާވައޭ މިކަން. ޖަމީލަކީ އޭރު އަޅުގަނޑުމެންނާއެކީ، ޙަސަން ސަޢީދާއި އަޅުގަނޑާއި ޖަމީލާ، އަޅުގަނޑުމެންނަކީ ވަރަށް ވަރުގަދައަށް، އެއަރޕޯޓް އަޅުގަނޑުމެންގެ އަތްމަތީގައި އޮންނަންވާނެ ކަމަށް ވަކާލާތުކުރި މީހުން. މިއަދަކު އެ ހަނދާނެއްނެތޭ. ދެން އެކަމަކު ދެންވެސް އެބޭފުޅުން އެ ތިއްބެވި ތަނަކުން އެނބުރި ވަޑައިގަންނަވާ ކަމަށްވަންޏާ، އޭރުވެސް އެބޭފުޅުން ޖިހާދު ކުރެއްވި އަޅުގަނޑުމެންގެ އެއަރޕޯޓަށް އެބޭފުޅުންގެ ބޯޓުވެސް ޖައްސާނީ. އެކަމަކު މިއަދު ހިއެއްނުވޭ، އެބޭފުޅުން އެކަން ކުރަން ބޭނުންހެނެއް. އެކަމާވެސް އެތިބީ ލަދުވެތިވެފައި.

 

އެހެންވީމާ، ޖީ.އެމް.އާރު.ގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެން އެއަރޕޯޓް އަޅުގަނޑުމެންގެ އަތުން ގެއްލުނު ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ މިއަދުވެސް އެމް.ޑީ.ޕީ ބޭފުޅުންނަށް، އަބަދުވެސް މި އަންނަނީ މިކަމަށް ރައްދުދެމުން. ކީއްވެގެންހޭ އެހުރި އުޞޫލުތަކާ ޚިލާފަށް އެމް.އޭ.ސީ.އެލް.ގެ ބޯޑު، ނޫނީވިއްޔާ އެއަރޕޯޓް ކުންފުނީގެ ބޯޑު ބަދަލުކުރަންޖެހުނީ؟ ކީއްވެގެންހެއްޔޭ، މި ޓެންޑަރުގައި ޝޯޓްލިސްޓްވެސް ނުކުރެވޭ ބަޔަކަށް އެއަރޕޯޓް ދޫކޮށްލަންޖެހުނީ؟ މިއީ ޝޯޓްލިސްޓްވެސް ކުރެވުނު ބައެއްނޫނޭ. މިއީ އެވަރުގެ ޕްރޮޕޯޒަލްއެއް ހުށަހެޅި ބައެއްނޫނޭ އެއަރޕޯޓަކަށް. އެހެންވީމާ، ކީއްވެގެންހެއްޔޭ، މިމީހުން ހިމަނަން ޖެހުނީ؟ ކީއްވެގެންހެއްޔޭ، މި މީހުންނާ އޭރު އޮތް ބޯޑުން ދެކޮޅުހެދީމާ، މުޅި ބޯޑު ބަދަލުކުރަންޖެހުނީ ކީއްވެގެންހެއްޔޭ؟ އެހެންވީމާ، މި ސުވާލުތަކުގެ ޖަވާބު އެބަ ލިބެންޖެހޭނޫންތޯ. އިދިކޮޅު ކެންޑިޑޭޓް، މީގެ ޖަވާބު އެބަ ދެއްވަންޖެހޭ. ކީއްވެގެންތޯ، ރަނގަޅަށްދާ ކަމަށްވަންޏާ، ޓެންޑަރުގެ އުޞޫލުން މިކަން ދޫނުކޮށްލީ؟ ކީއްވެގެންތޯ، ޝޯޓްލިސްޓްވެސް ނުކުރެވޭ ބަޔަކު، އެންމެފަހުން މީގެތެރެއަށް ގެނެސްފައި، އެމީހުންނަށް އެއަރޕޯޓް ދޫކޮށްލަންޖެހުނީ، ކޮން ސަބަބަކާހުރެތޯ؟ ކީއްވެގެންތޯ، ބޯޑުން އެކަމާ އިންކާރު ކުރީމާ، މުޅި ބޯޑު ބަދަލުކުރަންޖެހުނީ؟ މިއީ ޖަވާބުދޭންޖެހޭ ކަންކަން ނޫންތޯ. އަޅުގަނޑު މިއަކަށް، މީގެ އިތުރު ތަފްޞީލު ދަންނަވާކަށްނެތިން. އެކަމަކު މިކަންކަން ކުރުމުގެ ނަތީޖާ އަޅުގަނޑު މި އަންނަނީ ދަންނަވަމުން. އެތަނުގައި މަސައްކަތްކުރި ހަމަ ހުރިހާ ސަރުކާރުގެ ކުންފުނިތަކަށް، ހަމަ ދިވެހިރާއްޖޭގެ ހުރިހާ ޚިދުމަތެއް ދިން އަމިއްލަ ކުންފުނިތަކަށްވީ ދަތި. ހަމަހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން.

 

އަޅުގަނޑުމެން މިއަދު ޝަރަފެއް ކަމަށް ދެކެން. އަދި އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ފަސޭހަ ބައިވެރިއެއްގެ ގޮތުގައި ދެކެން. އައިލެންޑް އޭވިއޭޝަން، ނޫނީ މޯލްޑިވިއަން. މޯލްޑިވިއަންއަކީ މާލެއާއި ރަށްތައް ކައިރިކޮށްދޭ ވަސީލަތެއް. އެކަމަކު އޭރު މޯލްޑިވިއަންއަށްވެސް ދިވެހި ފަސިންޖަރުން ގޮވައިގެން ފުރެނީ، ދިވެހި ފަސިންޖަރުން ގޮވައިގެން އެއަރޕޯޓަށް ބޯޓު ޖެއްސެނީ، ޖީ.އެމް.އާރު އިން ހުއްދަ ދިން ވަގުތެއްގައި، ހުއްދަ ދިން އިރަކު. އެހެންވީމާ، އެއޮތީ އަޅުގަނޑުމެންގެ އިސްތިޤްލާލާއި، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަޅުގަނޑުމެންގެ އަމިއްލަ އެއަރޕޯޓަށް އޮތް މިންވަރު އެއިން އެނގެނީ. އެހެންވީމާ، މި ތަފްޞީލަށް އެބޭފުޅުން އެބަޖެހޭ ޖަވާބުދާރީވާން.

 

އަޅުގަނޑުމެންނަށް މިކަހަލަ ކިތަންމެ ސިޔާސީ ވާހަކައެއްވެސް ދެއްކިދާނެ. ދެންއޮތީ ބަޖެޓަށް ވޯޓުނުދޭ ވާހަކަ. ހަމަ އައްސަވާ! ބަޖެޓަށް ވޯޓު ލިބިގެން، އެމް.ޑީ.ޕީ.ގެ އަޣްލަބިއްޔަތެއް އޮތް ތަންތަނަށް ހޭދަވާކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލި އަދަދު، ދޮޅު މިލިއަނެއްހާ ރުފިޔާ ކުރެންދުއަށް ހޭދަވެފައި އޮތީ. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުގައި މިހާރު މި ނިންމި މަޝްރޫޢުތަކަށް ނުވަދިހަ އެއް މިލިއަން ރުފިޔާ ހޭދަކޮށްދީފީމޭ އަޅުގަނޑު މި ދެންނެވީ. އަދި އޭގެއިތުރަށް، ކުރެންދުއަށް ދަތިވެފައި ހުރި ކަންތައްތައް ނިމިގެންދާނެ ކަމަށް، އަޅުގަނޑުމެން އެ އުފާވެރި ޚަބަރު އިޢުލާނު މިކުރީ.

 

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެބޭފުޅުން އެބަ ވިދާޅުވޭ، އަޅުގަނޑުމެންގެ ވާހަކައަކަށް ރައްދު ދެއްވަމުން އެބަ ވިދާޅުވޭ، ބަލަ، ކަލޭމެން އިދިކޮޅުގައި ތިބިއިރުވެސް ތިމަންނާމެންގެ ސަރުކާރުގެ ބަޖެޓަކަށް ވޯޓެއްނުދެއޭ. މިވެސް އަޅުގަނޑު ތަފާސް ހިސާބަކުން ދަންނަވާލާނަން. އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ ހަތްދިހަ ހަތެއް. އެމް.ޑީ.ޕީ ވެރިކަން ކުރިއިރު. އެހެންވީމާ، ހިސާބު ދެކޮޅުޖެހޭތޯ ބައްލަވާ! ރައީސް ނަޝީދު ހުވާކުރައްވައިގެން ދައުރު ފެށްޓެވިއިރު، އޭގެ ޖެހިގެން އައި އަހަރު އޮތް ޢާންމު އިންތިޚާބެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮތް. ރާއްޖޭގެ ދާއިރާތަކަކުން ރައީސް ނަޝީދަކަށް ތާއީދެއް ނެތް. މުޅި ރާއްޖެއިން ރައީސް ނަޝީދުގެ ސަރުކާރަށް، އެމް.ޑީ.ޕީ. އަށް ދިނީ އެންމެ ސައްބީސް ގޮނޑި. އެންމެ ސައްބީސް ގޮނޑި. އަޅުގަނޑުމެން ޑީ.އާރު.ޕީ އާއި ޕީ.އޭ.އާއެކީ އަޅުގަނޑުމެންގެ އޮތް ތިރީސް ފަސް ގޮނޑި. ދެން ތިބި ބައެއް މިނިވަން ކެންޑިޑޭޓުން. އެހެންވީމާ، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެންގެ ވޯޓެއްނެތި، ހަތްދިހަ ހަތް މީހުން ތިބޭ ތަނެއްގައި، ކޮން ގޮތަކުންތޯ އަޣްލަބިއްޔަތު ލިބޭނީ، އެބޭފުޅުންގެ ސައްބީސް ވޯޓުން ބަޖެޓެއް ފާސްކުރަން. ހިސާބު ދިމާކުރައްވާ! އަޅުގަނޑުމެންގެ ވޯޓުނުލައި، ސައްބީސް މެންބަރުން ތިބެގެން، ހަތްދިހަ ހަތެއްގެ ތެރެއިން، ކޮން އަޣްލަބިއްޔަތެއްތޯ ލިބޭނީ، އެބޭފުޅުންގެ އަމިއްލަ ބާރުގައި، އެބޭފުޅުންގެ މެންބަރުންގެ އެކަނި ވޯޓުން ބަޖެޓް ފާސްކުރަން، ކޮން އަޣްލަބިއްޔަތެއްތޯ ލިބޭނީ؟ އެހެންވީމާ، ދެކޮޅުނުޖެހޭ ވާހަކަ ދެއްކީމާ، ދެންޖެހޭނީ އަބަދުވެސު ފޫބައްދަން އިތުރަށް ދެކޮޅުނުޖެހޭ ވާހަކަ ދައްކަން. އެހެންވެގެން ބަނދަރު ހަދައިދީފައި އޮތް ތަންތަނުގައި އިތުރު ބަނދަރު ހަދައިދެނީ. ނަރުދަމާ އަޅައިދީފައި އޮތް ތަނުގައި އިތުރު ނަރުދަމާ އަޅައިދެނީ. އެއަރޕޯޓް ހަދައިދީފައި އޮތް ތަނުގައި އެއަރޕޯޓް އަޅަނީ. އެއީ ހަމަ ދެކޮޅުނުޖެހޭ ކަންތައް ކުރާތީ. އެހެންވީމާ، ތަފާސް ހިސާބާއެކީ އަޅުގަނޑުމެން ދައްކާ ވާހަކަ މި ދައްކަނީ. އަނެއްކާވެސް މިއަށް ކޮންމެވެސް ވާހަކައެއް ވިދާޅުވާނެ.

 

 ދެން މިކަހަލަ ވާހަކަ ދައްކަމުން އެބޭފުޅުންނަށް ގެންދެވޭނީ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހަމަ ދެރަވޭ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޙާލަތާ ދޭތެރޭގައި. އޭނާގެ އަތްޕުޅުގައި ނެތް، އެބޭފުޅުންގެ ޕާޓީގެ މެނިފެސްޓޯއެއް. ރައީސް ނަޝީދުގެ މެނިފެސްޓޯއިން ތަންތަންކޮޅު އެ ލިބިވަޑައިގަންނަވަނީ. އަދިވެސް އެމް.ޑީ.ޕީ. އިން އިޞްލާޙު ގެނައި މެނިފެސްޓޯ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަތަކަށް ނުލިބޭ. އެއީ އިބްރާހީމް މުޙައްމަދު ޞާލިޙު އުއްމީދެއް ނުކުރޭ، އިންތިޒާރެއް ނުކުރޭ، އެމް.ޑީ.ޕީ އަކުން އިންތިޒާރެއް ނުކުރޭ، ރައީސް ނަޝީދަށް ކުރިމަތިނުލެވޭނެ އިންތިޚާބެއް ދިވެހިރާއްޖޭގައި އޮވެދާނެ ކަމަކަށް. ކިހާވަރެއްވީމާތޯ، ހަމަގައިމުވެސް އުވަގަށާ، ނޫނީ އެ ސިމެންތިގަށާ މެޝިނުން ވޯޓު ކަރުދާސް ހޮވަންޖެހޭނީ. ބާލިދީން ވޯޓު ކަރުދާސް ހޮވަންޖެހޭނީ، އުއްމީދުތަކެއް އޮތީމާ ދޮގެއްތޯ. އެކަމަކު އެކަމުންވެސް ކަށަވަރުކޮށްދިނީ މި ސަރުކާރުގައި، މި ޒަޢާމަތުގައި ޤާނޫނު ތަންފީޒު ކުރާނެކަން. މި ސަރުކާރުގައި ޤާނޫނު ތަންފީޒުކޮށްފިކަން، އެއިންވެސް ދައްކައިދިނީ.

 

އެހެންވީމާ، އެހާހިސާބަށް ދަންދެން، އެމް.ޑީ.ޕީ.ގެ އެހެން އެއްވެސް މީހަކު އުއްމީދެއް ނެތް. އެހެންނަމަވެސް، އުއްމީދާއެކީ ފައިނަގާ މީހުން ތިބިކަންނޭނގެ. އެ ޕާޓީއަށް ބޭރުން ހިޖުރަކުރި މީހުން ތިބި. ވަރަށް ވަރުގަދައަށް އަތް އޮޅާލައިގެން، ފައިކުރި އޮޅާލައިގެން، މި މަސައްކަތަށް ނުކުންނަން. އެކަމަކު އަޅުގަނޑު ދެންނެވިގޮތަށް، އެމީހުންނެއް އެމް.ޑީ.ޕީ އަކުން ބަލައެއްނުގަންނާނެ. މިއަދު އެނގިއްޖެ ނޫންތޯ ބަލައިނުގަތްކަން. އެބޭފުޅުންގެ އުއްމީދުތައް، ކޮންތަނަކަށްތޯ އެ ދިޔައީ؟ ބަލައެއްނުގަންނާނެ. ދެންވެސް ބަލައެއްނުގަންނާނެ. ރައީސް މައުމޫންގެ އަރިހުގައި އެހާ ޚިދުމަތްތެރި ގޮތުގައި މަސައްކަތް ކޮށްފައި ތިބި މީހުން ނުކުމެ އެމް.ޑީ.ޕީ އަށް ދިޔަޔަސް، އަދި ރައީސް މައުމޫނާއި މުޅި ޓީމު ދިޔަޔަސް، އެމް.ޑީ.ޕީ ވާނީ އެމް.ޑީ.ޕީ. އަށް. އެމީހުން ދައްކާފައި ހުރި ވާހަކަ ހަނދާނެއްނުވެސްނެތޭ. އަދި އެމް.ޑީ.ޕީ. އަކީ އޭރު އެމީހުން ކުރި ޖިހާދެއް. އެ ޖިހާދަށް އިތުރު ބަޔަކު އަޔަކަސް، އެއެކީ އެމީހުން ގަބޫލުކުރާނެ ފަހުލަވާނުންނެއް ނޫން، އެ އެއްކުރެވެނީކީ.

 

އެހެންވީމާ، މި ޙަޤީޤަތް ދިވެހި ސިޔާސީ ލީޑަރުންނަށް އޮޅޭ މިންވަރުން އަޅުގަނޑު ހަމަ ޙައިރާންވޭ. އެހެންވީމާ، މިއިން އެބަ ދައްކައިދޭ، އަޅުގަނޑުގެ ވިސްނުމުގައިވެސް ހަމަގައިމުވެސް މިއިން އެބަ ދައްކައިދޭ މިބޭފުޅުންގެ ދޭސީކަން. މިބޭފުޅުންގެ ކަންކަމުގައި ހަރުދަނާ ވިސްނުމެއް ނެތްކަން. ފިކުރުކުރަންވެސް ނޭނގެނީ. ދެން ކިހިނެއްތޯ، މިވަރުގެ ބަޔަކު ރައްޔިތުން ގޮވައިގެން އުޅޭނީ؟ ގަބޫލެއްނުކުރެވޭ އުޅެވޭނެކަމަކަށް. ޤާސިމް އިބްރާހީމްވެސް ކުރައްވާ ދެވަނަ މަސައްކަތެއް ނެތް. ރައްޔިތުންގެ ޙައްޤުގައި ވިދާޅުވާ އެއްވެސް ވާހަކައެއް ނެތް. މިހާރުވެސް އެންމެ ވަރުގަދައަށް ވިދާޅުވާ ވާހަކައަކީ، ކީއްވެގެންހެއްޔޭ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވެންވީ؟ މި ވެރިކަމާހެދިތޯ މި އެންމެން އުޅެންޖެހެނީ؟ ޤާސިމްގެ ހަމަ ދެވަނަ ދެ ވާހަކައެއް ނެތް. 65 އަހަރު އޮތީމާ ދަތިފުޅުވެގެން، ޤާސިމްގެ މެނިފެސްޓޯގައި، އިސްބަހަކަށް، ފަސްބަހަކަށް، ހުރިހާ ބަހަކަށް އޮތީ 65 އަހަރުން މަތީގެ، އެ ޤާނޫނު އުވާލާނަމޭ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނާނަމޭ.

 

އެކަމަކު އަޅުގަނޑު ދަންނަވާލާނީ، އެމް.ޑީ.ޕީ.ގެ ވިސްނުން ހުރިގޮތް ޤާސިމަށް އޮޅޭތީއޭ މައްސަލައަކީ. އެކާވީސް ދުވަސް ކޮށްފައި ނުކުތްއިރު، އޭރު ވަރަށް ވާހަކަ ދެއްކި. ދެން އަޅުގަނޑުގެ އިންތިޚާބަށްވެސް އޮތީ ހަމަ އެކާވީހެއްހާ ދުވަސް. އެކަމަކު މިހާރު ޤާސިމް އެ ވިދާޅުވަނީ، 65 އަހަރު އުވާލަދޭށޭ. އެމް.ޑީ.ޕީ ހަމަ ކަހާތަން ހިރުވާލިކަމަށްވެސް ނަހަދާ. އެއަށް އަޅައިވެސްނުލި. ރައީސް މައުމޫން އެބަ ވިދާޅުވޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަބުރުވެރިކަމާއި، ޝަރަފުވެރިކަމާއި، ޖަވާބުދާރީ ކުރުވުމަށްޓަކައި ދެން މިހާރު ކުރަންވީ ކަމަކީ ސެނެޓެއް އުފެއްދުމޭ. އެހެންވީމާ، މިއީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކުވެސް ނޫން. ކޮންމެވެސް ވެރިޔަކަށް ހުންނަ މީހަކަށް އިލްހާމްވެގެން އަންނަނީ މިކަންކަން ކުރަން އެންމެ ރަނގަޅު ބަޔަކީ، މިވެނި މިވެނި މީހުންނޭ. މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލެއްނުކުރާނެ އެކަންކަމެއް. މިއުޅެނީ އިންތިޚާބުކުރާ މީހުންނާހެދި އޮބިނޯވެގެން. އެހެންވީމާ، މީހަކު ވާހަކަ ދައްކާ މީހުން ކިހިނެއްތޯ ތަންތަނަށްލާނީ، އެމީހުންގެ މައްޗަށް ބަސްކިޔަން. މިކަހަލަ ފިކުރުތަކެއް އެމް.ޑީ.ޕީ އަކުން ބަލައެއްނުގަންނާނެ. އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި އަދި ކޯލޭޝަންއެކޭ ބުންޏަސް، ކޯޅޭ ބަޔެކޭ ބުންޏަސް، އެ މެނިފެސްޓޯގައި އެމް.ޑީ.ޕީ.ގެ އަކުރެއް، ފިއްޔަކަށް ބަދަލެއް ނާންނާނެ. މިކަން އޮޅިގެން މިއުޅެނީ އަޅުގަނޑުމެންނަކަށް ނޫން. މިކަން އޮޅިގެން މިއުޅެނީ ފިސާރި ހެޔޮވަރު އޮޑިއަކަށް އެރިއްޖެ ކަމަށް ހީވާ ފަޅުވެރިންނަށް. ފަޅުވެރިންނަކަށް އެ އޮޑިޔަކު ޖާގައެއް ނެތް. އެންމެ ފުރަތަމަ ދޯންޏަށް، ކަނޑުގަދަވެގެން މުދާ ބާލަންޖެހޭ ކަމަށްވަންޏާ، މުދާ އުކާލަންޖެހޭ ކަމަށްވަންޏާ، ކަނޑަށް އުކާލާނީ އެމީހުން. އެއީ ދައްކައިދީފައި އޮތް ޙަޤީޤަތް. އެ ޙަޤީޤަތަކަށް ބަދަލެއް ނާންނާނެ.

 

އެހެންވީމާ، އަޅުގަނޑު ކުރެންދޫގައި ތިޔަބޭފުޅުންނާ ދައްކާ ވާހަކަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، މިކުރާ ސިޔާސީ މަސައްކަތަކީ، އިޚުލާޞްތެރި މަސައްކަތަކަށް ހައްދަވާށޭ. ސިޔާސީ ލީޑަރުންގެ އިޚުލާޞްތެރިކަން ނެތީމާ، އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތާ ދޭތެރޭގައި، މި އަންނަމުން އައިސްފައި އޮތް ބަދަލުތައް އައިސްފައި މިއޮތީ. އެކަމަކު އަޅުގަނޑުމެން ދޫނުކޮށްލާނެ ކަންކަމެއް ހުންނާނެ. ދޫނުކޮށްލާނެ ކަންކަމުގެ ތެރޭގައި، އިސްލާމްދީނަށް ދެވޭ އަހަންމިއްޔަތާއި، އިސްލާމްދީނަށް އަޅުގަނޑުމެންގެ އޮންނަ ޝައުޤުވެރިކަމާއި، ލޯތްބާ، އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަޅުގަނޑުމެން ކިޔާ ޘަނާ، ނޫނީވިއްޔާ އަޅުގަނޑުމެން އެ ޤައުމިއްޔަތުގެ ސިފަތައް ހިފަހައްޓަން ބޭނުންވާ ބޭނުންވުމާއި، އެކުވެރިކަމާއި، ރަޙްމަތްތެރިކަމާއެކީ ރައްޔިތުން، އެއްބަޔަކު އަނެއް ބަޔަކަށް، ސިޔާސީ ފިކުރު ތަފާތުވިޔަސް، މިކަހަލަ ރަށްރަށުގައިވެސް، މާލޭގައިވެސް އަދި ބައިބޯ ތަންތަނުގައިވެސް އުޅެވެންވާނެކަމާއި، ޖިސްމާނީ ބޮޑެތި އަނިޔާތަކުން ރައްޔިތުން ސަލާމަތްވާނެކަމާ، މިކަހަލަ ކަންކަމާ ދޭތެރޭގައި، މިއީ ހުރިހާ ޕާޓީތަކުން އެއްބަސްވާންޖެހޭ ކަންކަން. އެކަމަކު މިކަންކަމަށްވެސް އެއްބަސްނުވެވިގެން މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންނަށް. އެކަމަކު ރައްޔިތުންގެ ތެރޭގައި، ޚިޔާލު ތަފާތުވާ މީހުންވެސް އެބަޖެހޭ މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ވިސްނަން.

 

އަޅުގަނޑުމެން މި ޤައުމު، ޤައުމެއްގެ ގޮތުގައި ނުބާއްވަންޏާ، ދޮން ފަރަންޖީންތަކެއް ނާންނާނެ، މި ޤައުމު، ޤައުމެއްގެ ގޮތުގައި ބާއްވާކަށް. އަޅުގަނޑުމެންގެ މީހުން، ވެރިންނަށް ތިބި މީހުން، މި ޤައުމުގެ ވެރިކަން ބޭނުންވެގެން، ޤައުމު، ޤައުމެއްގެ ގޮތުގައި އޮތަނުދޭންވެގެން ދޮގެއްތޯ، ނަޞާރާ ދީނަށް ވަދެ، ނަޞާރާ ދީނުގެ އަންހެނުންނާ ކައިވެނިކުރީވެސް. އެހެންވީމާ، މިކަހަލަ ކަންތައް ކީއްވެގެންތޯ އަޅުގަނޑުމެންގެ ޚިޔާލަށް ނާންނަނީ؟ އެކަމަކު މިހާރުވެސް ރާއްޖެއަށް އައިސްބަލަ، ރާއްޖެ ފާހަގަކުރާ ދުވަހެއް. މި ދުވަހު ޓީ.ވީތަކުން ނުފިލާނެ، މިކަހަލަ ވާހަކަ ދައްކާ މީހުންނެއް. އެކަމަކު މިއަދު ޤައުމުގެ ޙައްޤުގައި، މިއިން ވާހަކައެއް ބުނަން، މިއިން ކޮންމެ މީހަކު ލަދުވެތިވޭ. ނޫނީ ބިރުވެތިވޭ. އެކަމަކު އައިސްބަލަ، ހުރަވީ ދުވަހެއް. އައިސްބަލަ، ޝަހީދުންގެ ދުވަހެއް. މިކަހަލަ ވާހަކަ ނޫނީވިއްޔާ ޓީ.ވީތަކުގައި ދައްކާ އަޑެއް ނީވޭނެ. ކޯއްޗެއްތޯ އަޅުގަނޑުމެންގެ ޒުވާނުންނަށް، މި ތަރުބިއްޔަތުގެ ގޮތުން ކިޔަވައިދެނީ؟ މިއަދު އަޅުގަނޑުމެންނަށް މިކަންކަމާ ބެހޭގޮތުން ހަމަ އިސް ރަށްވެހިންގެ ތެރޭގައި، ޝަރަފުވެރި ބޭފުޅުންގެ ތެރޭގައި، މިއިން ވާހަކައަކަށް ރައްޔިތުންގެ ސަމާލުކަން ގެންނަން ކެރިވަޑައިގަންނަވާ ބޭފުޅަކު ހުރިކަމަކަށްނުވޭ. ދެރަވޭ. ހިތާމަކުރަން.

 

 އެކަމަކު އަޅުގަނޑު ރައްޔިތުންނަށް އަރުވާ ކަށަވަރު ބަހަކީ، އަޅުގަނޑު މިހުރީ އަޅުގަނޑުގެ ޢަޒުމާއެކީ. އަޅުގަނޑު މިހުރީ ސިޔާސަތުތަކެއް ތަންފީޒު ކުރަން ނުކުމެ. އަޅުގަނޑު މިހުރީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހިފައިގެން ރައްޔިތުންގެ އަރިހަށް އައިސް. އަޅުގަނޑު މިހުރީ ދިވެހި ޤައުމިއްޔަތާއި އަދި އިސްލާމްދީން ހިމާޔަތް ކުރަން ކަމަރު ބަނދެލައިގެން. އަޅުގަނޑަށް ހިތްވަރުދޭ ބަޔަކީ ރައްޔިތުން. އަޅުގަނޑަށް ހިތްވަރުދޭ ބަޔަކީ ކުރެންދޫގެ ރައްޔިތުން. 1 ސެޕްޓެންބަރުގައި މި ވާހަކަ މި ދައްކަނީ. 1 ނޫން އެއްޗެއް، ތިޔަބޭފުޅުންނަށް ވޯޓު ކަރުދާސްކޮޅުން ނުފެންނާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

 

تعـالىގެ މަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ތިޔަބޭފުޅުންނާ ބައްދަލުކުރާނީ، މިއަށްވުރެ އުފާވެރި ވާހަކަތަކެއް ކުރެންދޫގައި ދަންނަވަން. މުޅި ދިވެހި އުއްމަތަށް މިއަށްވުރެ އުޖާލާ އަދި އުފާވެރި ވާހަކަތައް ދެއްކުމުގެ ހެޔޮ ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި!

 

والسّــلام عليــكم ورحـمــة اللّـه وبـركاتـه.