بســم اللّـه الرّحمـن الرّحيــم

 

ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑު ހުއްޓި މިހުރީ ޙަޤީޤަތުގައި ހޫނުވެސްވޭ، އެކަމަކު އެއަށްވުރެ ބޮޑަށް ދަންނަވާލަން ބޭނުންވަނީ، ހާދަ ހޫނު ފިޔަވަޅެއްގެ މަތީގައޭ. އަޅުގަނޑު ހިތަށްއެރީ، ޢަބްދުއްރަޙީމްގެ ވާހަކަފުޅަށްފަހު އަޅުގަނޑަށް ބައިގަޑިއެއްހާއިރު، އަޅުގަނޑު ނޭވާލުމުގެ ނިޒާމު ހަމަޖައްސާލަން ވަގުތުކޮޅެއް ލިބޭނެނަމައޭ. ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ދެން އިތުރަށް ވަކި ކޮން ވާހަކައެއްތޯއޭ ދަންނަވަންވީ.

 

މީދޫގައި، މިއަދު މި އިވިގެންދިޔަ ވާހަކަތަކަކީ ޚާއްޞަކޮށް، ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުތަކަކީ، އަޅުގަނޑުމެން މާލޭގައި ބާއްވާ މައި ރެލީގައިވެސް އަޅުގަނޑުމެން ދައްކަން ބޭނުންވާ ކަހަލަ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ، ރ. އަތޮޅަކީ އަޅުގަނޑުމެންގެ ތާއީދު ބޮޑު އަތޮޅަކަށްވެފައި، ރ. އަތޮޅަކީ ރާއްޖޭގެ އާބާދީގެ ތިންވަނަ އަތޮޅުކަމަށްވާއިރު، ރ. އަތޮޅަށް ކުރާ ޒިޔާރަތެއް ނިންމާލާފައި، އަޅުގަނޑުމެން ރ. އަތޮޅުން ނުކުންނައިރު، މިވަރުގެ ރެލީއެއް، މިވަރުގެ ވާހަކަތަކެއް އަޅުގަނޑުމެންގެ ތެރެއިން އެކަމަގެ ޖޯޝްހުރި، އެކަމަށް ކުޅަދާނަ ބޭފުޅަކު ހަދިޔާ ކުރައްވަންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން. އަދި އެކަމަށް އެންމެ ހިތްވަރުދެއްވީ، ޖެހިގެން އޮތް ދާއިރާގެ މެންބަރު ފަލާޙު. ފަލާޙު ވަރަށް ވަރުގަދަޔަށް އެހެން ބައެއް ދިމަދިމާއަށް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، ހަމަ ތިޔަބޭފުޅުންނަށް ދެންމެ ހަދިޔާވެގެން އެދިޔައީ، ޢަބްދުއްރަޙީމްގެ، ދެންމެ ޝަރީފުގެ ވާހަކަފުޅުގެ ބަސްކޮށާރު، އަޅުގަނޑަކަށް ނޭނގެ، އެއަށް ކިޔަންވީ ބަސްކޮށާރު ކަމެއް. އެހެންނަމަވެސް، ޢަބްދުއްރަޙީމްގެ ވާހަކަފުޅު، ތިޔަބޭފުޅުންނަށް އިވިގެން އެދިޔައީ. ދެން އަޅުގަނޑަކަށް ނޭނގެ، ވަކި އެޔާ ގުޅިގެން އިތުރަށް ދައްކަންވީ ކޮންވާހަކައެއް ކަމެއް.

 

އެހެންނަމަވެސް، މި ފިޔަވަޅުމަތީގައި ހުންނައިރު، ރައްޔިތުންނާ ބައްދަލުކުރާއިރު، އަދި މުހިންމު ދުވަހެއް ކުރިމަތީގައި އޮންނައިރު، އަޅުގަނޑުވެސް ތިޔަބޭފުޅުންގެ އަރިހުގައި ކޮންމެވެސް ވާހަކައެއް ދަންނަވަންޖެހޭނެ ދޮގެއްތޯ؟ މީދުއަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، މީދޫ ތައްޔާރުވެފައި އޮތް މިންވަރާއި، މީދޫގެ ރައްޔިތުންގެ ޝައުޤުވެރިކަން އަޅުގަނޑުމެންނާ ދޭތެރޭގައި، ތިޔަ ބެހެއްޓެވި ކަންކަމުން، އަޅުގަނޑުމެންނަށް މީދޫން ތިޔަ ވިދާޅުވި މެހްމާންދާރީން، މަރުޙަބާއިން، ތިޔަބޭފުޅުންގެ ހިތްޕުޅުތައް އަޅުގަނޑުމެންނާ ގުޅިފައިވާ މިންވަރު، އަދި ތިޔަބޭފުޅުންގެ ޝުޢޫރުތައް އަޅުގަނޑުމެންނަށް އިޚުލާޞްތެރިކަން ބަޔާންކޮށްދޭ މިންވަރު، އަޅުގަނޑަށް ކިތަންމެހާ ރަނގަޅަކަށްވެސް ސާފުވެގެންދޭ. ތިޔަ އެންމެހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކީ އަޅުގަނޑު މި މަރުޙަބާ ދަންނަވަނީ، މީދޫގައި މިވަގުތަށް ބޭނުންވެފައި ހުރި މަގުތައް ހަދައި ނިމުމުގެ އުފަލުގައި އަޅުގަނޑު ބައިވެރިވުމަށް މީދުއަށް އައިމާ، ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ އެންމެހައި ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

 

ދެންމެ ކައުންސިލްގެ ރައީސް، އަޅުގަނޑަށް ހަދިޔާކުރެއްވި، މީދޫގެ ފަރާތުން މީދޫގެ އިޚުލާޞްތެރިކަން. ކައުންސިލްގެ ރައީސް ވިދާޅުވި، 23 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ތިމަންނާމެން ބޮޑު ހަދިޔާއެއް ދޭނަމޭ. މިއީ ހަމަ ކުރުކުރު ވަގުތުކޮޅެއްގެ ތެރޭގައި، ރައީސް ކޮށްދިން ކަންތައްތައް، ތިމަންނާމެންގެ ހިތުގެ އަޑިން ބަލައިގަންނާތީ، ތިމަންނާމެންގެ ފަރާތުން، ތިމަންނާމެންގެ އިޚުލާޞްތެރިކަން ބަޔާންކޮށްދޭ، ރަމްޒުކޮށްދޭ ހަދިޔާއެކޭ މިއީ. އެހެންވީމާ، އަޅުގަނޑު މީދޫގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ބައެއް ވާހަކަ ދެއްކުމުގެ ކުރިންވެސް، އަޅުގަނޑު ފުރަތަމަ ދަންނަވަން ބޭނުންވަނީ، 23 ވަނަ ދުވަހު މި ނަގާ ވޯޓުގައި، ތިޔަބޭފުޅުން ތިޔަ ދެއްކެވި ތަރުޙީބު ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާ، ބެހެއްޓެވި މެހްމާންދާރީ، ވޯޓަށް ބަދަލުކޮށްދެއްވާށޭ. ތިޔަ އެންމެހާ ބޭފުޅުން އަޅުގަނޑުގެ މަތިން ހަނދާންކުރައްވައި، އެއް ނަންބަރު ފާހަގައިގައި ރަނގަޅު ފާހަގަ ޖައްސަވާ. އެނޫން އެހެން ނަންބަރެއް ކަރުދާސްކޮޅުގައި އޮތްކަމާ ދޭތެރޭގައި، އެއްގޮތަކަށްވެސް ވިސްނާނެ ޖާގައެއް ނެތް. މީދޫގައި އަޅުގަނޑަށް މި ވާހަކަ ދައްކަން ހަމަ ޙަޤީޤަތުގައިވެސް ފަސޭހަވެގެން މިދަނީ، އަޅުގަނޑުގެ ކުރިންވެސް މިތަނަށް ބޭބޭފުޅުން ދަތުރުކުރެއްވިކަން އަޅުގަނޑަށް އެނގޭ. އެހެންވެގެންނާވެސްއެކީ އަޅުގަނޑު މީދޫގައި، މިވާހަކަ މި ދަންނަވާލީ. މީދޫން އެހެން ބޭފުޅުންނަކަށް ޖާގަ ނެތްކަން، ތިޔަބޭފުޅުން ކިތަންމެހާވެސް ސާބިތުކަން ބޮޑު ގޮތެއްގައި ދައްކަވައިދެއްވައިފި.

 

އަޅުގަނޑު މީދޫގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މީދޫން އަޅުގަނޑަށް އެބަ ފުރުޞަތެއް ދެއްވަންޖެހެއޭ، މީދުއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުގެ ކައިރިއަށް ހުށަހެޅިގެންދިޔައީ، މީދުއަށް މިހާރު ބޭނުންވެފައި ހުރި ކަންކަން. އެކަމަކުވެސް އަޅުގަނޑު ހަމަ ދަންނަވާލާނީ، އެއާއެކީވެސް މީދޫން އަޅުގަނޑަށް މިކަންކަން ކުރުމުގެ ޤާބިލުކަން، ތިޔަބޭފުޅުން އެބަ ދެއްވަންޖެހެއޭ. ފުރުޞަތު އަޅުގަނޑަށް އެބަ ދެއްވަންޖެހެއޭ. ރައްޔިތުންނާއެކީ ދެން އަޅުގަނޑުކުރާ އުއްމީދުތަކުގައި، އިތުރަށް ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވެގެން އެބަ ދާންޖެހެއޭ. އެ ވާހަކަ ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާނަން، މީދުއަކީ މިއަތޮޅުގެ ފެންވަރުން ބޮޑު އާބާދީއެއް އޮތް ރަށެއް. ރާއްޖޭގެ ފެންވަރުން އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ޝައްކެއްވެސްނެތް ނުހިމެނޭނެ. އެހެންނަމަވެސް ރަށެއްގެ އާބާދީއަށް ބަލާކަމަށްވަންޏާ، މިއީ ބޮޑު އާބާދީއެއް އޮތް ތަނެއް. ރަށް މިއޮތީ ފުރިފައިކަން އަޅުގަނޑު ގަބޫލުކުރަން.

 

އެހެންވީމާ، މީދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ، ރަށްބޮޑުކުރުން ކަމުގައިވާތީ އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެންމެ ފުރަތަމަ، އެންމެ ކުރީގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިރަށުގެ ބިން ބޮޑުކޮށްދޭނަން. އެހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑުމެންގެ ވާދަވެރިން، ނޫނީވިއްޔާ، އަޅުގަނޑާއެކީ، ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންނަށް މިއީ އުނދަގުލަކަށްވަނީ. މި އަރަތަކަށް ވަނީ. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ، ވަރަށް ޚިދުމަތްތެރި ބޭފުޅުން. މީގެތެރޭގައި ހިމެނޭގޮތަށް ރާއްޖޭގެ ބިންތައް ހުސްވެގެން އެކަމާ ކަންބޮޑުވާ ބޭފުޅުން. އަނެއްބައި ބޭފުޅުންނަކީ، ރާއްޖޭގެ އެ ބޭފުޅުންގެ ވިޔަފާރި ކުރައްވަން، އެބޭފުޅުން މީގެކުރިން ލިބިވަޑައިގެންނެވި އުސޫލުން، ލިބިވަޑައިގެންނެވި ފަޅުތައް މިހާރު އެބޭފުޅުންނަށް ލިބިވަޑައިނުގަންނަވާތީ، އެކަންކަމާ ކަންބޮޑުވާ ބޭފުޅުން.

 

އަނެއްބައި ބޭފުޅުންނަކީ ކުރީގައި އެމް.ޑީ.ޕީ. ސަރުކާރު އޮތްއިރު، އެ ސަރުކާރުގެ ލާއިންސާނީ ޢަމަލުތަކާއި، އެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައި، އެކަންކަމާ ކަންބޮޑުވެގެން ރައްޔިތުންގެ އަރިހުގައި، ދެއަތްމައްޗަށް ނަންގަވައިގެން ދުޢާ ވިދާޅުވި ބޭފުޅުން. ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވި ބޭފުޅުން. އެ އަނިޔާވެރި ސަރުކާރުން، އެ އަނިޔާވެރި، ޖައްބާރުވެރި ވެރިކަމުން، ދިވެހި ރައްޔިތުން ސަލާމަތް ކޮށްދެއްވާތޯ. އޭގެ ތެރެއިން އަނެއްބައި ބޭފުޅުންނަކީ، ރާއްޖޭގެ ބިންކޮޅު ހުސްވަމުން މިދަނީ، ރައީސް ޔާމީން ގެންނަ ތަރައްޤީގައި ބޭރު ފަރާތްތަކަށް ބިން ވިއްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭނެ ބިންކޮޅު ހުސްވެގެންދާތީ، މިކަމާ ކަންބޮޑުވެ، މިކަމާ ފިކުރުބޮޑުވެ، އެއްގޮތަކަށްވެސް އަވަހާރަނުލެއްޕެވޭ ބޭފުޅުން.

 

ދެން، މީގެ މައި މުގުލުގައި މި ތިއްބެވީ، އަޅުގަނޑުމެން، އެބޭފުޅުންގެ ވެރިކަން ދެކި، އެބޭފުޅުންގެ ހުންނަ ނުބައި ނުލަފާކަން އަލިފުށިންނާ ހަމައިން އަޅުގަނޑުމެންނާ ހަމައަށް އެނގިފައިހުރި ބޭފުޅުން. އެއީ އެމް.ޑީ.ޕީ.ގެ ބޭފުޅުން. އެބޭފުޅުން އަބަދު ވިދާޅުވާ ވާހަކައަކީ، ރައްޔިތުންގެ ތަރައްޤީއަށް ރައީސް ޔާމީން މިއޮތީ އެޑްވާންސްކޮށް ވައްކަންކޮށްފައޭ. ލޯނު ނަގާފައޭ މިއޮތީ. އެކަމަކު އޭރު އެބޭފުޅުން ހަނދުމަފުޅެއް ނުހުރޭ، އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމުގައި، އެބޭފުޅުންގެ މައިންބަފައިންގެ ވިޔަފާރި ކުރިއަށް ގެންދާއިރު، އެބޭފުޅުންގެ މައިންބަފައިންގެ ނަމުގައި އެބޭފުޅުން އެޑްވާންސަށް ބޭންކްތަކުން ވައްކަން ކުރިކަމެއް ހަނދާނަކަށް ނާދޭ. އެއީ އެބޭފުޅުންގެ އަމިއްލަ ކަންތައްތައް ކުރިއަށް ނެރެގެން އެޑްވާންސްކޮށް ވައްކަން ކުރުން އެއީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު ރައްޔިތުންނަށް ބޭނުންވާ ފަޅާއި، ބަނދަރާއި، ނަރުދަމާއާއި މަގުތައް ހެދުމަށް، ރައީސް ޔާމީން ލޯނު ނަގައިގެން މަސައްކަތް ކުރީމާ އެއީ އެޑްވާންސަށް ވައްކަން ކުރުން. އެހެންވީމާ، ލޯނު އަދާނުކުރެވޭނެ ކަމުގެ ޤާބިލުކަން، ނޫނީ ލޯނު އަދާކުރެވޭނެ ކަމުގެ ޤާބިލުކަން ނެތިގެން، އެކަމާ ކަންބޮޑުވާ ބޭފުޅުން މިއުޅެނީ. އެހެންވީމާ، މިތާ މިތިބީ ދިވެހިރާއްޖޭގެ ތަރައްޤީއާ ދޭތެރޭގައި އުއްމީދެއް ނެތް، ކަންބޮޑުވާ ހަތަރު ފަސް ލީޑަރުން ދޮގެއްތޯ؟

 

އެހެންވީމާ، އަޅުގަނޑުމެންނަކަށް ނެތެއްނޫންތޯ، އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މިއީ މިނިސްޓަރ ޠާރިޤު އީޖާދު ކުރެއްވި ބަހެއް މިއީ، ކޮކްޓެއިލް ލީޑަރުންނޭ. ކޮކްޓެއިލް ޕާޓީއޭ. އެހެންވީމާ، ކޮކްޓެއިލް ދަޅެއްގެ ތެރޭގައި މި ތިއްބެވި ލީޑަރުންގެ ތެރޭގައި، ހައްތަހާވެސް މިހިރީ އެބޭފުޅުން ކަންބޮޑުވާ މައްސަލަތައް. އެކަމަކު މިއިން ކޮންމެ މައްސަލައަކީ، އެ މައްސަލައާ ކުރިމަތިލައި، ދިވެހިރައްޔިތުން އެއަށް ޙައްލުހޯދަން ބޭނުންވާ މައްސަލަތައް.

 

މީދޫގައި ބިން ބޮޑުކުރަން އެބަޖެހޭ. ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް. އެކަމަކު މީދޫގައި ބިންކޮޅު ނެތީމާ، ނޫނީވިއްޔާ ރާއްޖޭގެ ބިންކޮޅު މިހާރު ހުސްވާތީ، ކަންބޮޑުވާ އެއް ލީޑަރު، ވަރަށް އަޅުގަނޑުމެން އިޙުތިރާމްކުރާ ލީޑަރެއް، ދިވެހިރާއްޖޭގެ ބިންކޮޅު ހުސްވަމުންދާތީ. އެކަމަކު މި ބޭބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާ، ރައީސް ޔާމީނުގެ މި ހަތަރު ފަސް އަހަރެއްގެ ތެރޭގައި، މެދު ފަންތީގެ އާބާދީ، ނޫނީ މެދު ފަންތީގެ ބިމުގެ ސައިޒުގެ ބޮޑެތި ރަށްރަށަށް ބަލާކަމަށްވަންޏާ، ވިއްސަކަށް ރަށަށްވުރެ ގިނަ ރަށް، ރައީސް ޔާމީން އުފެއްދިކަމެއް، މިބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ. ނުވަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިއްކި ހުޅުމާލެ، މި ސަރުކާރުގައި ނުވަ ހަފްތާގެ ތެރޭގައި، އެއަށްވުރެ ބޮޑު ހުޅުމާލެއެއް ހިއްކިކަމެއް، މިބޭފުޅުން ގަބޫލުފުޅު ކުރައްވާކަށް ބޭނުމެއްނުވޭ. އެތަނުގައި ތިއްބަވައިގެން ކުރައްވާ ޖަލްސާގައިވެސް ވިދާޅުވާނެ، ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީއަށް ކުރިކަމެއް ނެތެއްނޫންހޭ؟ ފައި ދަށުގައި މިއޮތް ވެލިގަނޑަކީ، ކިހިނެއް އައި ވެލިގަނޑެއްކަންވެސް މި މީހުން ހަނދާނެއް ނުހުރޭ. އެހެންވީމާ، ހަމަ ޢަބްދުއްރަޙީމް އެ ވިދާޅުވީ ރަނގަޅަށް. އެންމެން ހުރިހާ އިރަކު ހަމައިގައި ތިބޭކަށްނުޖެހޭ. އެއީ މިވާގޮތަކީ.

 

ދެން މީގެތެރޭގައި އުޅުއްވާ އަނެއް ލީޑަރަކީ، އަޅުގަނޑުމެންނާ ކޯލިޝަނާ އެކުވެފައި ތިބިއިރުވެސް، އެބޭފުޅާ އެންމެ ކަންބޮޑުވާ ކަމަކީ މިއަދު، ކުރީގައި ޓެކްސް ނުދައްކަވާ އުޅުއްވި އުޅުއްވުން މިހާރަކު ނެތް، އެބޭފުޅާއަކަށް އެ ޖާގައެއް. ކުރީގައި ފަޅުތަކާއި ބިންތައް ނަންގަވައިގެން، އެބޭފުޅުންގެ ވޯޓު ހޯދަން މަސައްކަތް ކުރިއިރު، އެޖާގަ މިއަދު ނެތިގެން މިއުޅެނީ. އެހެންވީމާ، އިންތިހާއަށް ކަންބޮޑުވޭ، އަމިއްލަ ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މިއީ ރައްޔިތުން ގޮވައިގެން ނުކުމެހުރި ސިޔާސީ ލީޑަރެއް. އެބޭފުޅާއަކަށް މިއަދަކު ޖާގައެއް ނެތް. އަޅުގަނޑުގެ ސަރުކާރުގައި އެކަންކަން ކުރާކަށް އަޅުގަނޑު ޖާގައެއް ނުދެން.

 

ދެން ތިއްބެވި ލީޑަރުންގެ ތެރޭގައި މި ހުންނެވި ލީޑަރަކީ، ދިވެހިރާއްޖެއިން އިސްލާމްދީން ފިލައިގެންދާތީ، ދިވެހިރާއްޖޭގައި ބުދު ބެހެއްޓިގެން، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަދިނުމަށްޓަކައި، ރަސޫލާގެ ޙަދީޘާއި، މިކަންކަން ނޫން އެހެން ރިވާތަކެއް، ކަންކަމުގައި އޮތްތޯ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، އިސްލާމުންނަށް ބޭނުންވާ ކަންކަމުގައި، ފަރުވާއަކަށް ޤުރްއާނާއި ޙަދީޘުން ފިޔަވައި، އެހެން ރިވާތަކެއް އޮތްތޯ، މިކަންކަމާ ކަންބޮޑުވި ބޭފުޅެއްގެ ވާހަކަ. މިކަންކަމާ މި ބޭބޭފުޅުން ކަންބޮޑުވެގެން މިބޭފުޅުން ވިދާޅުވީ، سُبْحَانَ اللَّـه! މިއީ އިސްލާމީ ދައުލަތެކޭ. އެކަމަކު މިއަދު މިއީ އިސްލާމީ ދައުލަތެއްތޯ، ހަމަ އެބޭފުޅުން އެބަޖެހޭ ރައްޔިތުންގެ ކައިރީ ވިދާޅުވެދެއްވަން. އޭރު އަތްއުފުއްލަވައި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ދިޔައީ، އެ ނުރައްކާތެރި، އެ ޖައްބާރު، އެ އަނިޔާވެރި ލާދީނީ ސަރުކާރުން ދިވެހި ރައްޔިތުން ސަލާމަތްވާނެ ދުވަހަކާ ދޭތެރޭގައި ﷲގެ ޙަޟްރަތުގައި ކުއްތަންވެ ދުޢާ ދަންނަވަމުން ދިޔައީ. މިއަދު ކޮބައިތޯ އެބޭފުޅުން؟ އެއީ ސިޔާސީ ލީޑަރުން. ހަމަ އެއްކަލަ ކޮކްޓެއިލްގެ ތެރޭގައި އެބަ ތިއްބެވިއޭ. ހަމަ އެއްކަލަ ކޮކްޓެއިލްގެ ތެރޭގައި އެބަތިބި.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ކޯއްޗެއްތޯ މިއިން މި ފެންނަނީ؟ ގޮތް ހުސްވެފައި ތިބި، ކުރިއަށްދާނެ ގޮތެއް ނޭނގި، ހަތަރު އަނގޮޅިއެއްގައި ތާށިވެފައި ތިބި، އެހެންނަމަވެސް، ކޮންމެއިރެއްގައި ބުންޏަސް، ފުޅިމަދު އުނގުރިއަކަށް ފުދޭ، ރައްޔިތުންނަށް މާޔޫސްކަން ގެންނަ، ޚިޔާލާއި ވިސްނުމުގައި އެއްވެސްކަހަލަ ތާޒާކަމެއް، ތަނަވަސްކަމެއް ނެތް، ގޮތް ހުސްވެފައި، ރައްޔިތުން ގޮވައިގެން ކުރިއަށްދެވޭނެ އެއްވެސްކަހަލަ މަގެއް ރައްޔިތުން ކައިރީ ކިޔައިދޭން ނޭނގޭ، ހަތަރުވަރަކަށް ލީޑަރުން މިއުޅެނީ އެއްކޮޅަށް އަރައިގެން. މިއީ ނޫންތޯ މި ލީޑަރުން. މިއިން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ކޮންމެ ބޮޑު މައްސަލައެއްގައި، މި ބޭފުޅުން ވަކާލާތު ކުރައްވާފައި ހުރި ގޮތުގެ ވާހަކަ، އަޅުގަނޑު މި ދެންނެވީ. މިއަކު ނޯންނާނެ ދޮގެއް. އަޅުގަނޑަކީ ރައްޔިތުންގެ ކުރިމަތީގައި މިކަހަލަ މައްސަލަތަކުގައި، މައްސަލަ އޮޅުވާލައިގެން ވާހަކަދައްކާ މީހެއް ނޫން. އެހެންވީމާ، މިއީ މިބޭފުޅުންގެ ހާލު. އެހެންވީމާ، ދެން ކޮބައިތޯ މިކަމުގެ ޙައްލަކީ؟ ކަންކަމުގެ ޙައްލަކީ ޢުމަރު ނަސީރު ނޫންކަންވެސް މިހާރު އެނގިއްޖެ.

 

އެހެންވީމާ، މިހާރު މިކަންކަމުގެ ޙައްލަކީ ޙަޤީޤަތުގައިވެސް މި ހުރިހާ މައްސަލައަކަށް، މިއަދު ރާއްޖޭގައި މި މައްސަލަތައް ހުރިއިރު، އަޅުގަނޑު 2013ގައި ނުކުމެ، ރައްޔިތުންގެ އަރިހުގައި ދެންނެވިން، އޭރު ރައްޔިތުންނަށް އެއްގޮތަކަށްވެސް އެނގިވަޑައެއްނުގަންނަވާނެ، އަޅުގަނޑު މިއީ ކިހާވަރަކަށް މަސައްކަތްކޮށްފާނެ މީހެއްކަމެއް. އެކަމަކު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، އޭރުވެސް އެނގިވަޑައިގަންނަވާނީ، ރައީސް މައުމޫނުގެ ސްކޫލުން ދަރިވަރުވީ މީހެއްކަން ޔާމީނަކީ. އަދި އޭރު ރައްޔިތުންނަށް އެނގިވަޑައިގަންނަވަނީ، ރައީސް ޔާމީން. އޭރު ރައީސް ޔާމީނެއް ނޫން. ޔާމީނަކީ، ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރާފައިހުރި މީހެއްކަން. ޔާމީނަކީ ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެނެސްފައިހުރި މީހެއްކަން އެނގިވަޑައިގަންނަވާނެ. އެކަމަކު އޭރު ރައްޔިތުންނަކަށް ޙަޤީޤަތުގައި، އަޅުގަނޑު މަސައްކަތްކުރާ ސްޕީޑެއް، އަޅުގަނޑު މަސައްކަތް ކުރަނީ ކިހިނެއްތޯ، ކަންކަމުގެ ވަށްޓަފާޅި ހުރިކަމެއް ނޭނގޭނެ.

 

އޭރު އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވި ޖައްބާރުވެރި، އަނިޔާވެރި، ވެރިކަން ނިންމުމަށްޓަކައި، އެންމެން ނުކުމެ ވާހަކަ ދެއްކީމާ، މީދޫގެ ރައްޔިތުންވެސް، ރ. އަތޮޅުގެ ރައްޔިތުންވެސް، ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރެއްވި، އާނ! މިހާރު އެހެން މީހަކަށް ފުރުޞަތު ދޭން ޖެހިއްޖޭ. އެ ފުރުޞަތު އޭރު ރައްޔިތުން އަޅުގަނޑަށް ދެއްވީ، ފުރިހަމައަށް އަޅުގަނޑަކީ ކިހާވަރެއްގެ މީހެއްކަން ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާ ތިއްބަވާމެ. އަޅުގަނޑަށް އެފުރުޞަތު ދެއްވީމުނޫންތޯ؟ އެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ހަމަ އިޚުލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ރައްޔިތުންނަށް ޚިދުމަތްކުރަން އަޅުގަނޑަށް ލިބުނު ފުރުޞަތަކީ، އިޚުލާޞްތެރިކަމާއެކީ އަޅުގަނޑު ބޭނުންވި ފުރުޞަތެއް. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުގެ އަމިއްލަ ތަނަވަސްކަން، ނޫނީވިއްޔާ އަމިއްލަ ގޮތްތަކެއް ނެރޭކަށް އަޅުގަނޑު އިޚުތިޔާރުކުރި މަގެއް ނޫން.

 

މިއަދުވެސް މި ޕޯޑިއަމްގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލާނަން. ހަމަ މިވާހަކަ މި ދަންނަވަނީ، ތޭވީހުގައި ނަގާ ވޯޓުގައި، އަޅުގަނޑަށް ވޯޓެއް ދެއްވާށޭ މި ދަންނަވަނީ، ދެންމެ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަ، އަދި އަބަދު ޢަބްދުއްރަޙީމް ދައްކަވާ ވާހަކަ، ތޭވީހުގައި މި ނަގާ ވޯޓަކީ މުޅި ރާއްޖޭގެ އަމާންކަމަށާއި، މުޅި އިސްލާމްދީނުގެ ޙައްޤުގައި އަދި ޤައުމީ ސިފަތަކެއް އަޅުގަނޑުމެން ބާއްވަން ނަގާ ވޯޓެއްކަމުގައި އިޚްތިޔާރު ކުރައްވާށޭ. އެއީ އަޅުގަނޑުމެންނަށް އެނޫންގޮތަކަށް ކަންކަން ހިނގައްޖެ ކަމަށްވަންޏާ، ކަންތައްތައް ވެގެންދާނެގޮތް އެބަ އެނގޭ. ދެން ތިއްބެވި ސިޔާސީ ލީޑަރުންގެ، އެބޭފުޅުންގެ ހަމަ މާޔޫސްކަމުގެ އަޑު ނޫން އަޑެއް އެއްވެސްތާކުން ނީވޭ. ހަމަ މާޔޫސްކަން އިވެނީ. ގޮތްހުސްވެފައި ތިބި ވާހަކަ އެ ވިދާޅުވަނީ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރާކަށް ލޯނެއް ނަގައިގެން ވާކަށްނެތް. ރައީސް ޔާމީން ނަރުދަމާ އަޅައިދީފައި އޮތް ތަނަށް އަރައި އެކަމަކު އެބަބުނޭ، ނަރުދަމާވެސް އަޅައިދޭނަމޭ. އެއަށް ފައިސާ ހޯދާނެގޮތެއް ބުނާކަށް ނޭނގެ. އަދި އެކަން ކުރާކަށް ލޯނެއް ނަގާކަށްވެސް ބޭނުމެއްނުވޭ. ބިން ހިއްކާކަށްވެސް ބޭނުމެއްނުވޭ. ބިން ކުޑަވެސްވޭ. އެކަމަކު ބިން ބޮޑުކުރަންވެސް ބޭނުންވޭ. މިރަށަށް އައިމާވެސް މި ވިދާޅުވަނީ ބިން ބޮޑުކޮށްދޭށޭ. ދެން އަޅުގަނޑު ކީކޭތޯ ބުނާނީ؟ އަޅުގަނޑު ހަމަ ބުނަންޖެހޭނީ އާނއެކޭ ބިން ބޮޑުކޮށްދޭނަމޭ. އެއީ ރައްޔިތުން ބޭނުންވަނީ، ބިން ބޮޑުކުރަން ކަމަށްވަންޏާ، ރައްޔިތުން ބަލާކަށް ބޭނުމެއްނުވާނެ، ބިން ބޮޑުކުރަނީ، ރައީސް ޔާމީން ކޮންތާކުން ފައިސާ ހޯދައިގެން ކަމެއް. އަދި ކަންތައްތައް ކުރަން ވެއްޖިއްޔާ، ރައީސް ޔާމީން އަތުގައި ލައްކަ ފައިސާ ހުންނާނެ ދޮގެއްތޯ އަދި އަތްނުލާ ހުރި އަށްސަތޭކަ މިލިއަނެއްހާ ޑޮލަރުވެސް ހުންނާނެއެއް ނޫންތޯ؟

 

އެހެންވީމާ، މިކަހަލަ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް އިދިކޮޅު ބޭފުޅުންވެސް އެބަ ގަބޫލުކުރައްވާ. އެހެންވީމާ، ރައީސް ޔާމީން ތޭވީހުގެ ވޯޓާ ހަމައަށް ދިޔަނުދޭން ކުރެއްވި މަސައްކަތެއް އެ ކުރެއްވީ. އޭގެ ސީލްޖަހާ ކަމެއްގެގޮތުގައި މިއައީ ފެބުރުވަރީ އެކެއްގެ ޙުކުމް. އެބޭފުޅުން ބޭނުންފުޅެއްނުވޭ އެބޭފުޅުންނާއެކީ، ރައްޔިތުންގެ ވޯޓަކާ ހަމައަށް އަޅުގަނޑު އައިސް، ރައްޔިތުންނާ ބައްދަލުކުރާކަށް ބޭނުންފުޅެއްނުވޭ. އަޅުގަނޑު މި ދައްކާ ވާހަކަތައް، ރައްޔިތުންނަށް އިވޭކަށް އެބޭފުޅުންނެއް ބޭނުންފުޅެއްނުވޭ. މޭ ޑޭގެ މުޒާހަރާއިން ފެށިގެން އާދެ، 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ފާޅުގައި ދަތިކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވި. އަދި މި ވާހަކައަށް ޖެހިލާއިރު، އަޅުގަނޑު ދަންނަވާނަން ވާހަކައެއް. މިއިން އެއްވެސް ބޭފުޅަކު ދައްކަވާ ޤައުމީ ވާހަކައެއް ނޯންނާނެ. މިއިން އެއްވެސް ބޭފުޅަކު، ޤައުމީ މައްސަލައަކަށް ޙައްލު ނުފެނިގެން، އެ މައްސަލަ ރައްޔިތުންނާ ކުރިމަތިކުރައްވާފައެއް ނޯންނާނެ. މައްސަލައެއް ވިދާޅުވެވުނީމާ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ، މި މައްސަލައިގެ ފަރުވާއަކީ މިއީއޭ. މިހާރު މިހާރު މި ދައްކަނީ އަމިއްލަ ވާހަކަތަކެއް. އަމިއްލަ ޖާހާއި މަވެތިކަންތަކުގެ، މަވެތި ވެރިކަމުގެ ވާހަކަ މި ދައްކަވަނީ.

 

އެހެންވީމާ، ކޮންމެ ބޭފުޅަކަށްވެސް ނުފުދިފައި އޮތް ކަމެއް، އެބޭފުޅަކު އެބޭފުޅެއްގެ ޖާނު ވަރުގަދަ ކުރުމަށްޓަކައި، އެބޭފުޅަކު ކުރައްވަން ބޭނުންފުޅުވާ ކަމެއްގެ ވާހަކަ މި ދައްކަވަނީ. މީގެ ތެރޭގައި ނޯންނާނެ، ޤައުމީ ސިފައެއްޖެހޭ ފެއްސާއި، ރަތާއި ހުދުން ޕާރުސަލްކޮށްލެވޭ ހަމަ އެންމެ މައްސަލައެއްވެސް ނޯންނާނެ. އެކަހަލަ މައްސަލައެއް އޮތްނަމަ، ތަކުރާރުކޮށް މި ބޭފުޅުންނަށް އަޅުގަނޑު ދަޢުވަތު ދިނިން. 13 ވަނަ ދަޢުވަތު އަޅުގަނޑު ދީފިން. އަންނާށޭ މޭޒުކައިރިއަށް ވާހަކަ ދައްކަން. އަޅުގަނޑަށް އެންމެ ރަނގަޅު، މިހާރު އެ ބޭފުޅުން ގެންނަވާގޮތަށް، އަޅުގަނޑާއެކީ މޭޒުކައިރިއަށް ވާހަކަ ދައްކަން. ބޭރު ކަރަކަރައިން މީހުން ގޮވައިގެން އަޔަސް އަޅުގަނޑުގެ މައްސަލައެއްނެތް. އާނ، ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރަން ބޭރު މީހުންނަށް އެ ގޮވައިލަނީ ނޫންތޯ. ރާއްޖެއަށް ލަޝްކަރު އަރުވަން މި ގޮވައިލަނީ. ބޭރުގެ ބައެއް ޕޮލިޓީޝަނުންނާ ވާހަކަ ދައްކާފައި އެބަބުނޭ، ރާއްޖޭގެ ކަންތައް މިހެން ގެންދަން، އެހެން ގެންދަން. އެހެންވީމާ، އަޅުގަނޑާ ވާހަކަ ދައްކަން އަންނަންވީ ހުރިހާ އެންމެން ގޮވައިގެން. ފަރަންޖީން ގޮވައިގެން އަންނަންވީ އަޅުގަނޑާ ވާހަކަ ދައްކަން. އެކަމަކު، ދިވެހިރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަމަށްވަންޏާ، އެމީހުންނާއެކީ އަޅުގަނޑު އިށީންނާންނަން. އެކަމަކު، އެމީހުން ބޭނުމެއްނުވޭ އިށީންނާކަށް. އެހެންވީމަކާ، އެ މީހުންނަކަށް ނުއިށީނދެވޭނެ. އެމީހުންނަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ. އެމީހުން ހައްތާވެސް ދައްކަން އޮންނާނެ ވާހަކައަކީ، ޝަރުޠަކާނުލައި މި މީސްމީހުން ދޫކުރާށޭ. ނޫން. އެހެނެއްވެސް ނުވާނެ.

 

ރައީސް ޔާމީނަށްވެސް ޤާނޫނުތަކުން ހުރަސްތަކެއް އެބަހުރި. ރައީސް ޔާމީން ބޭނުންހާގޮތަކަށް މިކަންކަމާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ޖާގައެއް އަޅުގަނޑަކަށް ނުލިބޭ. ޓެރަރިޒަމްގެ ތޭރަ އަހަރުގެ ޙުކުމެއް އަންނަ މީހަކާ ދޭތެރޭގައި ކަންކަން ކުރުމުގެ މިނިވަންކަމެއް އަޅުގަނޑަކަށް ނުދޭ ޤާނޫނަކުންނެއް. ހަމައެގޮތަށް، ޤާނޫނާއި ޝަރީޢަތަށް ސާބިތުވާ މީހުން، ކުށް ސާބިތުވީމާ، އެއީ ކުށެއް ނޫންކަމަށް ހަދާފައި، އެ މީހުން ދޫކޮށްލުމުގެ ޖާގައެއް އަމުދުން ރައްޔިތުންނެއް އަޅުގަނޑަކަށް ނުދޭ. އެއީ، އަޅުގަނޑުމެން އެންމެން އެއްބަސްވެގެން އިސްވެ ހަދާފައިހުރި ޤާނޫނުތައް. ފުޓްބޯޅަ ކުޅެން ދަނޑަށް އަރާއިރު، ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ފުޓްބޯޅައިގެ ގަވާއިދު. ދަނޑުގައި ކުޅެން ތިބެގެނެއްނޫން ގޯލު ޖަހާނެގޮތް ތަފާތުކުރަންވީ. ދަނޑުގައި ތިބެގެނެއްނޫން ގޯލުގެ ދަނޑި އެގޮތް މިގޮތަށް ދުއްވާނީ. ދަނޑަށް އަރާއިރު، ހަމަހަމަކަމަކީ، ޑިމޮކްރެޓިކް އުސޫލަކީ ހުރިހާ އެންމެން ކުޅެންވީ ގަވާއިދު. ހުރިހާ އެންމެ ތަބާވި އުސޫލަކީ، އެންމެންނަށް އެނގޭ އެއްޗަކަށް ވާންވާނެ. އެހެންވީމާ، ވަކި ހިސާބަކަށް އައިސް، އެ ބޭފުޅެއްގެ އުއްމީދުތައް، ނާއުއްމީދަކަށް ބަދަލުވެގެންގޮސް، ހަތަރު އަނގޮޅި ކަނަކަށް އައިސްފައި، ދެން އެ ޖަހާލި ކަޑައިން ގުޑުވައިނުލެވޭ ހިސާބަކަށް ދިޔައީމާ، ދެން ނުބުނޭ އުސޫލު ބަދަލުކުރާށޭ. ދެން ނުބުނޭ ޤާނޫނު ބަދަލުކުރާށޭ. އެހެންކަމަށްވަންޏާ، އެވަނީ ހަމަ ވަކި ބަޔަކަށް އެކަނި ފަހައިދޭ ކޯޓުތަކެއް ލާން ދިވެހިރާއްޖޭގެ ރައްޔިތުން. މިއީ، ދިވެހިރާއްޖޭގެ ރައްޔިތުން އެދޭގޮތެއްނޫން. ދިވެހިރާއްޖޭގެ ރައްޔިތުން އެދެނީ މިހާރުވެސް، އަންހެން ބޭފުޅުން ވެއްޖިއްޔާ، ފިޔާތޮށި ބުރުގާ އަޅަން. ފިރިހެން ބޭފުޅުން ވެއްޖިއްޔާ، ފިޔާތޮށި ޓީ-ޝަރޓް ލާން. ބޮލުގައި އަޅާ ތޮތްޕަކީ ފިޔާތޮށި ތޮތްޕަށްވާން. އެހެންވީމާ، މި ތޮފި ހެޔޮވަރުނުވެގެން ނުކުތް ބަޔަކު އަޅުގަނޑުމެންގެ ތެރެއިން ނުކުތީ. ޖަލުގައި ތިބީ، މުޅިން ސިޔާސީ ކުށްވެރިންނެއް ނޫން. ޖަލުގައި ތިބި ގިނަ މީހުންނަކީ އަޅުގަނޑާއެކީ މަސައްކަތް ކުރި މީހުން. އަޅުގަނޑާއެކީ ސަރުކާރުގައި އުޅުނު މީހުން. އަޅުގަނޑާއެކީ ނައިބު ރައީސްކަން ކުރި މީހުން. އަޅުގަނޑާއެކީ މަޖިލީހަށް ނުކުމެ، މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިޔަބޭފުޅުން ދެއްކެވި މީހުން.

 

މި ދާއިރާގެ ވާހަކަ ޢަބްދުއްރަޙީމް އެ ވިދާޅުވީ. އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، ލިބުނު އެންމެ ބޮޑު ހީނަރުކަމަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ކުލައާއި ސިފައާއި، އަޅުގަނޑުމެންގެން ވިސްނުމާއި ފިކުރުގައި އޮތް ތާއީދު ދައްކައިގެން، މިތަންތަނަށް އައިސް މާ ދުރު ރަށްރަށުން، މާ ދުރު އަތޮޅުތަކުން މީހުން އައިސް މި ބުނަނީ، ތިމަންނާމެން މިއައީ ރައީސް ޔާމީންގެ އެޖެންޑާ ވިއްކާށޭ. ތިމަންނާ މިއައީ، ރައީސް ޔާމީންގެ ވާހަކަތައް ގަބޫލުކޮށްގެން، ރައްޔިތުންނަށް މި ތަރައްޤީ ގެނެސްދޭށޭ. އެހެންވީމާ، ތިޔަބޭފުޅުން އެމީސްމީހުން ހޮވީ. އަޅުގަނޑުމެންނަށް އައި އެންމެ ބޮޑު ނިކަމެތިކަމަކީ، ފެށުމުގައިވެސް އިޚުލާޞްތެރިކަމެއްނެތީ، ކުރިއަށް ދިޔުމުގައި އަމުދުން ތެދުވެރިކަމެއްނެތީ. އަދި، އެ ބޭފުޅުންގެ މަޤްޞަދު މުޅިން ބަދަލުވެގެން ދިޔަ ދިޔުން. އެކަންކަމުގައި އެހީތެރިވި މީހުން ތިބީ. އަދި، އެ މުޢާމަލާތުތައް ހިނގީ ކިހިނެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު، އަޅުގަނޑުމެންގެ އުފަލަކީ، ﷲގެ ރަޙްމަތުން، ދޫކޮށްލާފައި އޮންނަ ބަގީޗާގައި ވިނަ ފަޅާއިރު، އޭގެ ތެރޭގައި ހޮވަންޖެހޭ ވިނަ ހުންނާނެ. އޭގެ ތެރެއިން، ރީތި މައު ބަގީޗާވެސް އުފެދިގެން ދާނީ.

 

އެހެންވީމާ، މިއަދު ވިނަ ހޮވާލެވިފައި އޮތީމާ، އެއީ އަޅުގަނޑުމެންނަށް ހަމައެކަނި ލިބޭ ތަސައްލީއަކީ. މިއަދު އެއޮތީ ފީ ހޮވާލާފައި. އެހެންވީމާ، އެމީހުން ދެން، އެހެން އޮޑިއަކަށް އެރިޔަސް، އެ އޮޑިއަކީ ފެތިފައި އޮތް އޮޑިއެއް ކަމަށް މި ދާއިރާގެ ރައްޔިތުން ގަބޫލުކުރައްވާ. މަޑުއްވަރީގެ ދާއިރާގެ ރައްޔިތުން ގަބޫލުކުރައްވާ. ފެތިފައި އޮތް އޮޑިއެއްގައިކަން ތިޔަބޭފުޅުންގެ ދާއިރާގެ ކުރީގެ މެންބަރު އެހެރީ. އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެއީ. އަޅުގަނޑުމެން މިވަރަކަށް މަސައްކަތް ކުރާކަށް ނުޖެހޭނެ، ރައްޔިތުންގެ ޙައްޤުގައި. އަޅުގަނޑުމެންނާއެކީ ތިބި ބަޔަކު، ރައްޔިތުންނަށް ފުރަގަސްދީފައި، އަޅުގަނޑުމެންގެ ޕާޓީއަށް ފުރަގަސްދީފައި، އޮޑިން ފުންމާލައި، ދެން އެ ދޫކޮށްލީ ގާދޫކޮލުން ދިވެހިރާއްޖެ އޮޔާދާން، އެ މިސްރާބު އެ ޖެހީ. އެވަރުގެ ޚިޔާނާތްތެރި މީހުން އަޅުގަނޑުމެންނާއެކީ ތިބީ. އެހެންވެގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަރާމާތާއި، އެ ބޭފުޅުންނާ ތެރޭގައި ރައްޔިތުން ދެކޭގޮތް ރަނގަޅު ކުރަންވެގެން، ޙަޤީޤަތުގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ. އަދި، އޭގެ ފަހުން ޤާނޫނެއްވެސް ހެދީ. ރައްޔިތުންގެ ގޮނޑިއަށް މި އަންނަނީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މި އަންނަނީ، ހާދަހާ ވާހަކައެއް ދައްކާފައޭ. ހާދަހާ ވާހަކައެއް ރައްޔިތުންގެ ކައިރީގައި ދައްކާފައޭ. ހަމަ ޒުވާން ކުދިންނަށް އެނގޭނެ، ޒުވާން ކުދިން އެންމެ ޒުވާން ޢުމުރުގައި ރައްޓެހި ކުއްޖަކާ ވާހަކަ ދައްކާއިރު، ހަނދުވެސް ބާލައިފައި އަތަށް ލައިދޭނެ. އެހެންނޫންތޯ؟ ހަމަ މިވަރުގެ މަސައްކަތް ނޫންތޯ، ސިޔާސީ މީހުން މި ކުރަނީ. މިތަންތަނަށް ރައްޔިތުންގެ އަރިހަށް އައިސްފައި، މި ބޭބޭފުޅުން ކޮން ވާހަކައެއްތޯ ދެއްކެވީ. މިވަރުގެ ވާހަކަ ދައްކަވާފައި، މި ބޭފެޅުން ވަޑައިގަތީ. ދާންވީ ހިސާބަށް ދެވުނީމާ، ހަނދާނެއްނެތް. އެމީހުން ހިތަށްއެރީ، އާނ! މިއޮތީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައޭ. ދިވެހިރާއްޖޭގެ ވެރިކަން އެހެން ބަދަލުކޮށްގެން ދުވަހަކުވެސް މި ދިވެހިރާއްޖެއަކަށް ހަމަޖެހުމެއް ނާންނާނެ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތަކީ، ހަމަ ޙަޤީޤަތުގައިވެސް، ރައްޔިތުންނަށް ފުރަގަސްދީފައި ނުކުމެ ދިޔަ ބަޔަކު ދިޔުން. އެ މީހުންނަށް ވާގިވެރިވި މީހުންނާއި، އެމީހުންނަށް ސިޔާސީ ފިކުރު ވިއްކައިދިން މީހުންނާއި، އަދި އެ ކަންކަމުގައި ތިބި އެންމެންނަކީ ޙަޤީޤަތުގައި، ޕީ.ޕީ.އެމް.ގެ ފިކުރަށް ތާއީދުކުރާ މީހުންނެއް ނޫން. އެއީކީއެއް، ރައްޔިތުންގެ ޞުލްޙައެއް މަޞްލަޙަތެއް އޮތްކަމެއް ދަންނަ ބައެއް ނޫން. އެމީހުންނަކީ، ތަރައްޤީގެ ވާހަކަ މިއަދު ދައްކަން ނުކުޅެދޭ ބަޔަކަށް ވާންޖެހޭނެ. ތަރައްޤީ މިކުރަނީ އަޅުގަނޑުމެންގެ ސަރުކާރުން. މި ރަށްރަށަށް އައިމާ، އެއޮތް ވިދާޅުވީ، ތިމަންނާމެން ދުވަހަކުވެސް އުއްމީދު ނުކުރާ ކަންތައްތައް، ރައީސް ޔާމީން މިހުރީ ކޮށްދީފައޭ.

 

އަޅުގަނޑު، ހަމަ އެންމެ ތަފާސް ހިސާބެއް ދަންނަވާލާނަން. މިރަށަކީ ނިސްބަތުން ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް 2013 ގައި، ކުރީގެ އަހަރުތަކުގެ ތެރޭގައިވެސް ކުރެވިފައިވާ ރަށެއް. 2013 ގައި ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، މިރަށުގެ ބޮޑެތި މަޝްރޫޢުތަކުގެ ތަރައްޤީއަށް ތިރީސް މިލިއަން ރުފިޔާ އެބައޮތް ހޭދަވެފައި. އެކަމަކު، އަޅުގަނޑުމެންގެ ސަރުކާރުގައި މި ހިނގާ ފަސް އަހަރުގެ ތެރޭގައި، ދެން ފަށަންހުރި މަޝްރޫޢުތައް ނުލައި، މިހާރު ނިމިފައިހުރި މަޝްރޫޢުތަކަށް ބަލައިފި ކަމަށްވަންޏާ، އެއްކަލަ ތިރީސް މިލިއަނުގެ އަދަދު މިއޮތީ، 144 މިލިއަނަށް ބަދަލުވެފައި. އެހެންވީމާ، މިއީ ދޮގެއްތޯ ތަރައްޤީއަކީ. އެހެންވީމާ، މިއީ ގާތްގަނޑަކަށް ފަނަރަ ގުނަ އިތުރުވި ޢަދަދެއް. މި ފަނަރަ ގުނަ އިތުރުވެގެން މިދިޔައީ، އެޑްވާންސްކޮށް ވައްކަންކޮށްގެންތޯ، ތިޔަބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާނަންތޯ މިއަދު. އަޅުގަނޑު އެބަޖެހޭ ރައްޔިތުންގެ އަޑު އަހަން. އަޅުގަނޑު މިދަނީ ރައްޔިތުންގެ ވޯޓަކަށް. އަޅުގަނޑު މިދަނީ ރައްޔިތުންގެ ތާއީދަކަށް. ރައްޔިތުންގެ ބަސް އަޅުގަނޑު ބޭނުންވޭ އަޑުއަހަން. ތިޔަބޭފުޅުންނަކަށް އަޅުގަނޑުގެ ކައިރިއަކު ވިދާޅެއްނުވެވޭނެ، މިއީ އެޑްވާންސަށް ވައްކަން ކޮށްފައޭ. ވައްކަމުގެ ވާހަކަ ދައްކާއިރުވެސް، ހަމަ ޖަޒުބާތުގައި ޖައްސުވަން، ދެން ކުރެވޭނެ އެހެން ކަމެއް ނެތީމާ، ދައްކާ ވާހަކަ ހުންނާނެ.

 

އެ ބޭބޭފުޅުން އެބަ ވިދާޅުވޭ ނޫންތޯ، ރައީސް ޔާމީން އެހާ ބާރުލައި، ތިމަންނާމެންގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު، ކީއްވެހޭ، ތިމަންނާމެން އެއްވެސް މީހެއްގެ މައްސަލަ ޝަރީޢަތާ ހަމައަށް ނުދިޔައީ؟ އޭގެ ޖަވާބުވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު މި އަންނަނީ، އަޅުގަނޑުގެ ފޮތުގެ ޞަފްޙާތައް ނިއުޅުވައިލަމުން. އެ ބޭފުޅުންގެ ކޮރަޕްޝަނުގެ ވާހަކަތައް ދައްކަމުން. އަދި، އެ ބޭފުޅުންގެ ސަރުކާރުން، ގަސްދުގައި ކޮށްފައިހުރި ބޮޑެތި ޚިޔާނާތުގެ ވާހަކަތައް ދައްކަމުން. އަދި އޭގެތެރޭގައި، އަޅުގަނޑުމެންގެ ބޮޑެތި ރައުސްމާލު ވިއްކާލުމާއި، ކުންފުނިތައް ވިއްކާލުމާއި، ނުއަގުގައި ކުންފުނީގެ ހިއްސާ ވިއްކާލުމާއި، މިކަހަލަ އެތައް ވާހަކައެއް އަޅުގަނޑުމެންގެ އެތައް ބޭފުޅުން އެބަ ދައްކަވާ. މިއީ، ރައްޔިތުން މިއަދު ފިލާވަޅު ނަގަންޖެހޭ ކަންކަން. ރައްޔިތުން ސަމާލުވާންޖެހޭ ކަންކަން. ރައްޔިތުން ހުޝިޔާރުވެގެން ތިބެންޖެހޭ ކަންކަން. 23 ގެ ވޯޓުގައި އަޅުގަނޑުމެންގެ މިޞްރާބު ބަދަލުވެގެންދާނީ، މިކަހަލަ ކަންތައްތަކަށް ނުވިސްނައި ވޯޓު ލައިފިއްޔާ.

 

ރައްޔިތުން ގަބޫލުކުރައްވާ! ރިޔާސީ އިންތިޚާބާ ކުރިމަތިލައިގެން މަސައްކަތް ކުރަމުން ދިޔައިރު އަޅުގަނޑު ދެންނެވިން، އަޅުގަނޑު މިއީ ސުލްޙައަށް މަސައްކަތްކުރާ މީހެކޭ. އަޅުގަނޑު ނެތީމޭ ސިޔާސީ ވާދަވެރިން ތިއްބަކާ މީހުންނާ ވާދަކުރާކަށް. އަޅުގަނޑު ހަމައެކަނި މި ވާދަކުރަނީ ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ. އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަހު ދިޔައީ، ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްތަކެއް ކުރަމުން. ވަރަށް އޮމާންކަމާއެކީ، ވަރަށް ހަލުވިކަމާއެކީ އަޅުގަނޑަށް މަސައްކަތް ކުރެވުނު. އެއީ، ހުރި މައްސަލަތަކާ އެކަނި އަޅުގަނޑު ކުރިމަތިލާން ޖެހުނީމާ. އަދި ރައްޔިތުން، ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވިގޮތަށް، 2014 ގައި ސުޕަރ މެޖޯރިޓީއެއް އަޅުގަނޑުމެންގެ ދެ ޕާޓީއަށް ދެއްވި. ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ ވިންދު ހުރިގޮތް ރައްޔިތުން އަޅުގަނޑުމެންނަށް ދެއްކެވި. ރައްޔިތުންގެ މަޖިލީހަށް މި ދާއިރާއިންވެސް ދެއްކެވީ، އަޅުގަނޑު ދެއްކި ކެންޑިޑޭޓް. މި ދައިރާއިންވެސް އަޅުގަނޑަށް ހަދިޔާކުރީ.

 

އެހެންވީމާ، އޭރު އަޅުގަނޑު މަސައްކަތްކުރިއިރު، އަޅުގަނޑު އޭރުވެސް ދަންނަވަމުން އައީ، އަޅުގަނޑު މިއައީކީ އެއްވެސް ގޮތަކަށް ސިޔާސީ ވާދަވެރިންނާ ދޭތެރޭގައި އެއްވެސް ކަހަލަ ބޭއިންސާފު ކަމެއް ކުރާކަށްނޫނޭ. އަޅުގަނޑު ދަންނަވަމުން އައީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު ދަންނަވަމުން އައި ބަސްކޮޅު، މިހާރުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަން ބޭނުންވޭ. ރާއްޖޭގެ ސިޔާސީގޮތުން މި ހިނގައިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މުޅި ރާއްޖޭގައި ލައްކަ ބޮޑު ޒަޚަމް މިއޮތީ އުފެދިފައޭ. މި ޒަޚަމުތަކަށް އެބަޖެހޭ ފަސޭހަކަމެއް ލިބެން. މި ޒަޚަމުތައް ފަސޭހަވާންޖެހޭނޭ އަޅުގަނޑު ދަންނަވަމުން އައީ. އަޅުގަނޑަކީ ސުލްޙައަށް ލޯބިކުރާ މީހެއް. އެކަމަކު، މިއަދުވެސް މިބޭބޭފުޅުންނަށް ދަންނަވާލާނަން. ކަފުނަށް ތިރިކުރަންދެން އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ނުދައްކައެއްވެސް ނުހުންނާނަން. އެއީ، އަޅުގަނޑު، އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ދައްކަނީ، ދިވެހިރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން ބޭނުންވާތީ. އެހެންވީމާ، އަޅުގަނޑު އިސްވެ މީހަކާ ހަނގުރާމަ ނުކުރާނަމޭ ބުނުމުގެ މާނައަކީ، ކަފުނަށް ތިރިކުރަންދެން އަޅައިނުލާ ހުންނަ ވާހަކައެއްވެސް ނޫން. އަޅުގަނޑު އޭރުވެސް ދެންނެވިން، އަޅުގަނޑުގެ ގައިގައި ޖެހޭކަމަށްވަންޏާ، ފޮޅައިވެސްލާނަމޭ.

 

އެހެންވީމާ، އަޅުގަނޑު ކުރާކަމެއް މިކުރަނީ ޤާނޫނުގެ ތެރެއިން. އެކަމަކު، އިސްވެ ނޯންނާނެ، އެއްވެސް މީހަކާ ދޭތެރޭގައި ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ފަހުންވެސް ނޯންނާނެ، ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައެއް. އަޅުގަނޑު، މިވާހަކަ މިގޮތަށް ދެންނެވީމާ، އަޅުގަނޑު ބޭނުންނުވީ، ކުރީގެ ސަރުކާރުން ހިނގާފައިހުރި ކޮރަޕްޝަނުގެ މައްސަލަތައް އަޅުގަނޑު އެއްގޮތަކަށްވެސް ބަލަން ބޭނުންނުވީ. އެއީ، ހިނގާފައިހުރި ކަންތައް. އަޅުގަނޑުގެ ފަހުން އަންނަ ބަޔަކުވެސް، އެ މައްސަލަތައް ބަލާނެ. އޭގެ ކުރީ ހުރި ސަރުކާރުތަކުންވެސް މައްސަލަތައް ބަލާފައެއްނޫން ހުރީކީއެއް. އެހެންވީމާ، އަޅުގަނޑު ދެންނެވިން. އެ މައްސަލަތައް ބަލަން ފަށައިފި ކަމަށްވަންޏާ، އަނެއްކާވެސް، ރާއްޖޭގައި އުފެދިފައި މިއޮތް ސިޔާސީ މީހުންގެ ތެރޭގައި އުފެދޭނޭ ޒަޚަމަކަށް މި ފާރުތައް ދުވަހަކުވެސް ފަސޭހައެއް ނުވާނެއޭ، އަޅުގަނޑު ދެންނެވިން. އަޅުގަނޑު އެ މަސައްކަތް، އަޅުގަނޑުގެ ޒަޢާމަތުގެ ފުރަތަމަ ދުވަހު ފެށްޓިނަމަ، މި މީހުން މިއަށްވުރެ މާކުރިން ތިބޭނީ ޖަލުގައި. އެއީ، ޤާނޫނުގެ ހަމަތައް އެ މީހުންނާ ހަމަކުރާތީ.

 

އެހެންވީމާ، 2015 ވަނަ އަހަރުގެ މޭޑޭއިން، މޭ މަހުގެ އެއްވަނަ ދުވަހު، މޭޑޭގެ މުޒާހަރާއަށް ނުކުމެ، ރައީސް ޔާމީނުގެ ސަރުކާރު ވައްޓާލަން، މި މީހުން ދިމާކުރަންދެން އަޅުގަނޑު ގެންދިޔައީ ސުލްޙަވެރިކޮށް. އެހެންވީމާ، އަޅުގަނޑަށް ގެއްލިގެން ދިޔައީ ގާތްގަނޑަކަށް ދެ އަހަރު. އެހެންވީމާ، ދެ އަހަރު ވެގެންދިޔައީމާ، މިއިން އެއްވެސްކަމެއް ނުކުރީމާ، މި ބޭބޭފުޅުން ކުރައްވާފައިހުރި ކޮރަޕްޝަނުގެ މައްސަލަތަކާ ދޭތެރޭގައި ފިޔަވަޅު ނާޅައިދިޔައީ. އެކަމަކު، އެހިސާބުން އެ ބޭފުޅުން ނުކުމެވަޑައިގަތީ، އަޅުގަނޑާ މުޤާބަލާ ކުރައްވަން. އެހެންވީމާ، އަޅުގަނޑު ދަންނަވާލީ ނޫނެކޭ. އަދި ތިހެނެއް ތިޔަކަމެއް ނުވާނެއޭ. އެހެންވީމާ، ތިޔަކަން ކުރާ ކަމަށްވަންޏާ، ތިޔަބޭފުޅުންވެސް ޖެހޭނެއޭ، ތިޔަ ކަންކަމުގައި ޖަވާބުދާރީވާން.

 

އެހެންވީމާ، އޭގެ ތެރެއިން އުފެދުނު ކަންކަމުގެ ތެރެއިން އެކި މީހުންނަށް އެކި އަދަބު އައިސް އެހެރީ. އަދަބު އައިސްފައި އެހެރީ ޝަރީޢަތާއި ޤާނޫނުގެ ތެރެއިން. އަދަބު އައިސްފައި އެހެރީ، ރައީސް އޮފީހުން އެންގި އަމުރަކަށް ފުލުހުން ގޮސްފައި ކަމެއް ކޮށްފައެއްނޫން. އެހެންވީމާ، އޭގެފަހުން މި ހިނގައިދާ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު އެ ބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލަތައް، ނޫނީވިއްޔާ ރާއްޖޭގެ ސަރުކާރަށް ވަންނަންހުރި ފައިސާގެ މައްސަލަތައް ބަލަމުން މިގެންދަނީ. މިއަދުވެސް ދަންނަވާލާނީ، މި ޕޯޑިއަމްތަކުގައި މި ފެށި ދަތުރުގައި، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން އައީ، އެ ބޭފުޅުންނަކަށް ރާއްޖޭގައި ހިނގައިފައި ހުރި، ފޭރިގެން ގެންގޮސްފައި ހުރި ފައިސާގެ މައްސަލަތަކެއް، އެ ބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ.

 

މި ދާއިރާ، ކުރިން ތަމްސީލު ކުރެއްވި ބޭފުޅުން. އަދި އެ ބޭފުޅުންގެ ބޭބެއިންނާއި، އެބޭފުޅުންގެ ރަޙްމަތްތެރިން ދޮގެއްތޯ، އެންމެ ބޮޑަށް އެމް.ޑީ.ޕީ. ސަރުކާރުގެ ވަޒީރުންގެ ކޮރަޕްޝަންގެ ވާހަކަ ވިދާޅުވީ. ކިހާ ރީތި ކުލަތަކަކުން ޗާޓު ހަދައިގެންތޯ އެ ބޭފުޅުން ވިދާޅުވީ. މިއަދު އެންމެ ރަނގަޅު ދޮގެއްތޯ މި ދާއިރާގެ ކުރިން މެންބަރުކަން ކުރެއްވި ބޭފުޅާ އެ ވާހަކަތައް ވިދާޅުވެދެއްވަން. ތިމަންނާމެން އޭރުގައި އެވާހަކަ ދެއްކީމޭ. އެކަމަކު، މިއަދު އެއީކީއެއް ކޮރަޕްޝަނެއް ނޫން. މިއަދު އެ މީހުންނާއެކީ މިތިބީ. މިއަދު، އެއީ އަނިޔާވެރި ބައެއް ކަމުގައިވެސް ނުދެކޭ. މިއަދު، އެއީކީއެއް އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ ދީނަށް އިޙްތިރާމް ނުކުރާ ބައެއް ކަމުގައިވެސް ނުދެކޭ މީހުން ގިނަވެގެން މިދަނީ.

 

އެހެންވީމާ، ސިޔާސީ ލީޑަރުންނަކީ ހަމަ ޙަޤީޤަތުގައިވެސް، ދައްކާ ވާހަކައާއި، ކުރާ ޢަމަލާ ސީދާނުވެ ދުލި ބަދަލުކޮށްލަން އެއަށްވުރެ ފަސޭހަކަމެއްނެތް. އުނގުރިއެއް ފުޅިމަދު، އެއަށްވުރެ ފަސޭހަނެތް. އެވަރުގެ ބައެއް ސިޔާސީ ލީޑަރުންނަކީ. ރައްޔިތުންގެ ޙައްޤުގައި ނުކުމެ، ރައްޔިތުންގެ މައްސަލަތަކުގައި ޖަވާބުދާރީވާން ކެރޭ ބަޔަކު އެތާކު ނެތް. ރައީސް ޔާމީން މިކުރަނީ ތަރައްޤީގެ މަސައްކަތް. ރައީސް ޔާމީނާ ވާހަކަ ދައްކާ. އަޅުގަނޑާ މުޤާބަލާކުރޭ. އަޅުގަނޑަށް ނުކުރެވި އޮތް މަސައްކަތެއް، މިއަށްވުރެ ރަނގަޅަށް ކުރާނަމޭ. އެހެންވެއްޖިއްޔާ، އަޅުގަނޑު ހަތިޔާރު ބަހައްޓާނަން. އެކަމަކު، މިކަހަލަ އެކިއެކި އޮޅުވައިލުމުގެ ވާހަކަ ދައްކާކަށް މިއަދަކު ޖާގައެއް ނެތް. ޖާގަނެތް ސަބަބަކީ، މިއިން އެއްވެސް ބޭފުޅަކު ނުހުންނާނެ، ފެއްސާއި، ރަތާއި، ހުދުގެ ވާހަކައެއް ވިދާޅުވެފައެއް. ހައްތަހާވެސް ދައްކާފައި ހުންނާނީ، އެ ބޭފުޅުން ބޭނުންފުޅުވާ ކަމެއް ނުވި ވާހަކަ. ދެން ކިހިނެއްތޯ، މިތަނުން ގެއްލުނު ގޮނޑިތަކުގެ ކަންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމީހުންގެ އަބުރާއި، ޢިއްޒަތާއި، ކަރާމާތް އަނބުރާ ރައްދުކޮށްދޭން، އޭގެ މައްޗަށް ހޮވާފައި ލާ ސެނެޓެކޭ ކިޔާފައި، މީހުންކޮޅެއްލީމާ، ކޮން ކަރާމާތެއް އަނބުރާ ލިބޭނީ. ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ކަރާމާތަކީ، އެމީހަކު ކުރި ކަމެއްގެ ޢަމަލު، އެމީހަކާ ބައްދަލުކުރާނެކަން އެ މީހަކަށް ކަށަވަރުވީމާ، އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރާމާތް ދެމެހެއްޓޭނެ ގޮތަކީ.

 

އެހެންވީމާ، އަޅުގަނޑާއެކީ ތިއްބެވި ބޭފުޅުންނަކީ ހިތްވަރުގަދަ ބޭފުޅުން. މިހާރު މި ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ތަފާތުގޮތަކަށް ވިސްނާ މެންބަރުން ތިބެންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރައީސް ޔާމީނަކަށް ނޫނޭ ބޭވަފާތެރިވެވުނީ. އެ ބޭފުޅުން ހޮވި ރައްޔިތުންނަށޭ ބޭވަފާތެރިވެވުނީ. މިހާރު، ގޮނޑި ގެއްލިފައި އެތިބި ބޭފުޅުން، އެ ބޭފުޅުން އެބަޖެހޭ، 2019 ވަނަ އަހަރު ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވަން. އެ ގޮނޑީގައި ތިއްބަވަން ބޭނުންފުޅުކަމަށްވަންޏާ. ރައްޔިތުން ކިހާ ވަރަކަށްތޯ އެ ބޭފުޅުންގެ ގައިގައި ބަގުޑި ބައްދާނީ، ހަމަ އެ ބޭފުޅުން ޓެސްޓް ކޮށްލަން އެބަޖެހޭ. ހަމަގައިމުވެސް، މީދޫއަކުން އެ ބޭފުޅުންނަކަށް މަރުޙަބާއެއް ވިދާޅެއްނުވި.

 

އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން އެބަޖެހޭކަންނޭނގެ. އަޅުގަނޑަކަށް ނޭނގެ، މި ސްޕީޑުގައި ދާންޖެހެނީ ކީއްވެގެން ކަމެއް. އެކަމަކު، ޢަބްދުއްރަޙީމް ޖަލްސާގައި ވާހަކަ ދައްކަވާފައި ފޭބީމާ، މިއީހަމަ އަބަދުވެސް އަޅުގަނޑަށް ކުޅެންޖެހޭ ދަތުރަށްވެފައި މިއޮތީ. އަޅުގަނޑުވެސް، ހަމަ ރ. އަތޮޅުން ނުކުންނަމުން އަޅުގަނޑު ދަންނަވާލާނީ، ރ. އަތޮޅަކީ ޓޫރިޒަމްގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންދާ އަތޮޅެކޭ. ރ. އަތޮޅަކީ ޓޫރިޒަމްގެ އެތައް ރިޒޯޓެއް މިހާރު، ފަނަރައަށްވުރެ ގިނަވެގެން އެދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ރ. އަތޮޅުގައި، ރިޒޯޓުގައި މަސައްކަތް ކުރައްވާ ރ. އަތޮޅުގެ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޒުވާނުންނަށް އެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއްގެ ވާހަކަ ދެންނެވީމޭ. އެއީ، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު އަރުވާ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑު ދެންނެވީ. ސަރުކާރުން ސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް އަޅުގަނޑު ޖަމާކުރާނަމޭ. އަދި، އެކަށީގެންވާ ތަރުހީބެއް މިކަމަށް ލިބޭކަމަށްވަންޏާ، އެއީ، ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބޭކަމަށްވަންޏާ، މި އަދަދު ފަސްސަތޭކަ މިލިއަނެއްހާ ހަމައަށް އަޅުގަނޑު ޖައްސާލަދޭނަމޭ. މީގެ ބޭނުމަކަށްވަނީ، މި ތަންތަނުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް، އެ މީހުންނަށް އެއް އަހަރު، ދެއަހަރުން ލިބޭ ފައިސާކޮޅުން އެ މީހުންނަށް މި ރަށްރަށުގައި ގެދޮރު ބިނާކުރެވޭވަރުގެ ޤާބިލުކަން ނެތީވިއްޔާ، ނޫނީވިއްޔާ އެ މީހުން ކުރަން ބޭނުންވާ ބޮޑު މަސައްކަތެއް ކުރުމަށް އިންވެސްޓް ކުރުމަށް ފައިސާކޮޅެއް ނެތިއްޔާ، ނޫނީވިއްޔާ ރިޒޯޓެއްގެ ހިއްސާ ގަންނަން ފައިސާ ނެތިއްޔާ، އެކަމުން ސަރުކާރުން އެހީތެރިވާނެއޭ.

 

އެހެންވީމާ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެ ހުރިހާ ކަންތައްތަކެއް ކުރަމުން، މިކަހަލަ ކަންތައްތަކެއްކޮށްދޭން ކީއްކުރަންތޯ، އެޑްވާންސްކޮށް ވައްކަން ނުކުރަންވީ. އަޅުގަނޑަށް ލިބޭ އުފަލެއް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން، ލޯނު ނަގައިގެން ކުރުން އެއީ. އެކަމަކު، އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް. ލޯނު އަދާނުކުރެވޭތީ ކަންބޮޑުނުވާށޭ. އަދިވެސް އެބޭފުޅުން ނެންގެވި ލޯނުތައްވެސް އަދާކުރީ ރައީސް ޔާމީނޭ. އަޅުގަނޑު މިހާތަނަށް މިއައީ، އެހެން މީހުން ކުރި ނަޖިސް، ދިވެހި ފަސްގަނޑުން ފިލުވައިލަމުން. އެ ނަޖިސް ނަގައި އުކަލަންޖެހޭ މީހަކީވެސް އަޅުގަނޑު. މާލޭގެ ކުނިގޮނޑު ނަގައި އުކާލީވެސް އަޅުގަނޑު. ތިރީސް ފަސް އަހަރެއް ނޫން. އެއަށްވުރެ މާ ގިނަ ދުވަހު މާލޭގައި ކުނިގޮނޑު އޮތް. މި ހުރިހާ ރަށެއްގައި ކުނިގޮނޑު އޮތް.

 

އެހެންވީމާ، ރައީސް ޔާމީން ކުރާނީ އެކަހަލަ މަސައްކަތް. އެހެންވީމާ، އެކަހަލަ މަސައްކަތް ކުރާއިރު، ހަމަ ކަރަށް ނާރު އެރިޔަސް، މާލޭގެ ހުޅަނގު ދެކުނު ފަރާތަށް ޖެހިލައިފިއްޔާ، އައި.ޖީ.އެމް.އެޗް.ގެ ނޫނީވިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލުގެ ތިމަންނާ ދާންވީ ސިކުނޑީގެ ފަރުވާ ހޯދަންތޯ. ކޮން ބުރިއެއްގައި އެތަން ހުރީ. ފަންސަވީސް ބުރިއާ ހަމައަށް މަތި ބަލައިލައިފި ކަމަށްވަންޏާ، ކަރަށް ނާރުއެރުން ފިޔަވައި އެހެންކަމެއް ނުވާނެ.    

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.