بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އިނގުރައިދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

އަޅުގަނޑު މިރަށަށް މިއައީކީ ތިޔަބޭފުޅުންނަށް އެންމެ ފަސޭހަފުޅު ވަގުތަކު ނޫން. އެހެންނަމަވެސް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއިން ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ގާތްކަން، އަޅުގަނޑަށް ހާމަވެގެން ހިނގައްޖެ. ހަމަ ފަށްފަށުން އިނގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

އާދެ، އިނގުރައިދުއަށް އަޅުގަނޑު މިއައީ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާން. ތިޔަބޭފުޅުން އެތަކެއް ޒަމާންވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ބަނދަރެއް ނިމިގެން މިއައީ. އެއާއެކީވެސް އަޅުގަނޑު ދަންނަވާލާނަން ފަލާޙަށްވެސް، ޑޮކްޓަރ މުޢިއްޒަށްވެސް އެންމެ ދަތިފުޅުވީ ވަގުތުގެ ދަތިކަން. ދެން އަޅުގަނޑަށްވެސް ހަމަ މި މައްސަލަ އެބައޮތް. އަޅުގަނޑު ބަލާނަން އިރާދަކުރެއްވިއްޔާ ދިހަވަރަކަށް މިނިޓުގެ ތެރޭގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާފައި، ތިޔަބޭފުޅުން މެންދުރު ނަމާދަށް މިސްރާބުޖެހޭނެ ވަގުތުކޮޅެއް ތިޔަބޭފުޅުންނަށް އަރުވަން.

 

އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ހަމަ ބައެއް ވާހަކަ އެބަހުރި. އެއީ ތޭވީސް ވަނަ ދުވަހު މި ނަގާ ވޯޓާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ. އިނގުރައިދޫގައި ހުރެގެން އަޅުގަނޑު މި ވާހަކަ ދައްކާއިރު، އިނގުރައިދުއަކީ ޝައްކެއްވެސްނެތްގޮތުގައި، ރ. އަތޮޅުގެ މުހިންމު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް. ހަތަރު ރަށުގެ ތެރެއިން، އާބާދީގެ ގޮތުން ހިމެނޭ އެއް ރަށް، ބޮޑު ރަށެއްގެ ގޮތުގައި. އިނގުރައިދޫގައި އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް.

 

ސިޔާސީ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަށްޓަކައި އިދިކޮޅު ފަރާތްތަކުން، މިދައްކާ ވާހަކަތައް ކިތަންމެވަރަކަށްވެސް ދެއްކިދާނެ. އަދި އަޅުގަނޑުމެންނާއެކީ ތިބެފައި، އޮޑިން ފުންމަވައިލައްވައިގެން އެހެން ދިމަދިމާއަށް ވަޑައިގެންނެވި ބޭފުޅުންވެސް މިކަހަލަ ވާހަކަތައް ދައްކަވާނެ. އެކަމަކު އެންމެ ތަފާސް ހިސާބުގެ އަކުރަކުން އަޅުގަނޑު ދަންނަވާލާނީ، އިނގުރައިދުއާ ދޭތެރޭގައި ކަންތައް ހިނގާފައި އޮތްގޮތް. މިވަރުން ތިޔަބޭފުޅުންނަށް ފުއްދައިލެއްވޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

 

މިއަދު ހުޅުވިގެން މި ދިޔައީ ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންގެ ރީތި ބޮޑު ބަނދަރެއް. މި ބަނދަރަކީ ތިޔަބޭފުޅުން އިންތިޒާރު ކުރައްވަމުން ގެންދެވި ބަނދަރެއް. އެހެންނަމަވެސް، ސަރުކާރުތައް ފާއިތުވެގެންދިޔައިރުވެސް މިކަމެއްނުވި. ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ސަރުކާރު ނިމިގެން ދިޔައިރުވެސް މިކަންކަމެއްނުވި. އިނގުރައިދުއަށް 2013ގެ ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، މުޅި އިނގުރައިދުއަށް ހިނގާފައި އޮތީ، 1.4 މިލިއަން ރުފިޔާ. ދޮޅު މިލިއަން ރުފިޔާ، މުޅި އިނގުރައިދުއަށް. އަޅުގަނޑުމެންގެ ސަރުކާރުގައި މިހާތަނަށް މި ހިންގާ މަޝްރޫޢުތަކަށް 57 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަކޮށްފިން.

 

އެހެންވީމާ، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! އިނގުރައިދުއާ ދޭތެރޭގައި އޯގާތެރިކަމާއެކީ ވިސްނަނީ ކޮންބައެއްތޯ؟ އަޅުގަނޑުމެންގެ ވިސްނުމުގެ ތަޞައްވުރަކީ، ރައްޔިތުންނަށް ތަރައްޤީ ދާނީ ޝާމިލުވާ ގޮތެއްގެ މަތިންނޭ. ހުރިހާ ރައްޔިތުންނަށް ތަރައްޤީ އިރާދަކުރެއްވިއްޔާ ކަށަވަރުވެގެން މިދަނީ. އަޅުގަނޑާއެކީ ޓީމު ކުރާންވީ ވަރުގަދަ މަސައްކަތުގައި، މި ޓީމުގައި ކުރާ ވަރުގަދަ މަސައްކަތުގައި، ރާއްޖެތެރެއާ އެންމެ ގުޅުންހުރި މަސައްކަތްތައް ކޮށްދެއްވަނީ ޑޮކްޓަރ މުޢިއްޒާއި، މިނިސްޓަރ ޠާރިޤް. އަދި އެބޭފުޅުންނާއެކީ، މި މަސައްކަތްތަކުގައި އެންމެ ހީވާގިކަމާއެކީ މި އުޅުއްވަނީ، މިއަދު ކުންފުނިތަކުގައި ހަކަތަ ހުރީމާ، ކުންފުނިތަކުގެ ޤާބިލު ސީ.އީ.އޯ.އިންނާއި ކުންފުނިތަކުގެ މުވައްޒަފުން. މިއަދު މި މަޝްރޫޢާ ގުޅިގެން މިދަނީ އެމް.ޓީ.ސީ.ސީ. އަޅުގަނޑުމެންނަށް ފެނަކަ، ހަމަ މިކަންކަމުގެ ތެރޭގައި ހިމެނޭ. ހަމަ އެގޮތަށް ދުވާފަރުގައި، ހިނގަމުންދިޔަ ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑަށް ޝާމިލުކަން ބޮޑުގޮތެއްގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެމް.ޑަބްލިއު.އެސް.ސީ.

 

މި ދުވަސްވަރަކީ ސިޔާސީ މޫސުމް. މި ދުވަސްވަރަކީ ރައްޔިތުން ހޭލުންތެރިކަމާއެކީ، ރައްޔިތުންގެ ކަންތައްތަކާ ދޭތެރޭގައި ވިސްނަންޖެހޭ ދުވަސްކޮޅު ކަމަށް އަޅުގަނޑުވެސް ދަންނަވާލާނަން. އަޅުގަނޑަށް ވާހަކަދައްކަން ފަސޭހަވެގެންދިޔަ، މުޢިއްޒާއި، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފަލާޙުގެ ވާހަކަފުޅަށްފަހު. އަޅުގަނޑުވެސް ހަމަ ދަންނަވާލަން އޮތީ، އެ ފޯރީގައި އަޅުގަނޑު ވާހަކަ ނުދެންނެވި ނަމަވެސް، އަޅުގަނޑު ދަންނަވާލާނަން، މި ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، ޖަޒުބާތު އެއްކިބާކޮށްފައި އޮތް ސިކުނޑިއެއް ހިފައިގެން ވޯޓުފޮށީގައި ފާހަގަލައްވަން، ވޯޓު ކަރުދާސްކޮޅުގައި ފާހަގަލައްވަން ވަޑައިގަންނަވާށޭ. މިހާރު އެމް.ޑީ.ޕީ.އިން އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތަކީ، ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ކަންތައްތަކުގެ ޖަޒުބާތު ކެއްކުވޭތޯ ކުރާ މަސައްކަތް. އެއީ ތަންތަނުގައި ހަދައިދޭން ބުނާ އިތުރު މަޝްރޫޢު ކަމަށްވިޔަސް، އެމީހުން އެވާހަކަ ދައްކާނެ.

 

އެކަމަކު، ތިޔަބޭފުޅުން ތަޖުރިބާ ކުރައްވައިފީމު، ތިން އަހަރެއްގެ ވެރިކަމުގައި، ތިން އަހަރެއްގެ ވެރިކަމާއި، އެ ވެރިކަމުގެ ތެރޭގައި ކަންކަން ނުކުރެވި ހުރީމާ އިނގުރައިދޫގައި އައިސް އަޅުގަނޑު މި ދަންނަވަނީ، އެ ތިން އަހަރާއި، އޭގެފަހުން އައި ދެ އަހަރުގެ ތެރޭގައި މުޅި ރަށަށް ހޭދަވެފައި އޮތީ، ދޮޅު މިލިއަނެއްހާ ރުފިޔާއޭ. އެކަމަކު މިއަދު އައިސް ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓި، އުފަލާއެކީގައި އަޅުގަނޑު ދަންނަވަނީ، އިނގުރައިދޫގެ ތަރައްޤީގައި އަޅުގަނޑުގެ ހިއްސާ އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ތިޔަބޭފުޅުން ގަބޫލުކުރައްވައޭ. އެކަން ތިޔަބޭފުޅުން ތިޔަދެއްކެވީ، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު އިސްތިޤުބާލުގެ ތެރެއިން. ޖަޒުބާތު އުފެއްދުމަށްޓަކައި، މިއަދު އެމް.ޑީ.ޕީ. ދައްކާ ވާހަކަތައް ވަރަށް ގިނަ. އޭގެތެރޭގައި، ކުރީގެ ސަރުކާރުތަކުގައި ފޭދިފައި ހުރި ފައިސާގެ ވާހަކަ ދައްކަނީ. ޚާއްޞަކޮށް އަމާޒުކުރައްވަނީ މި ސަރުކާރަށް. އަޅުގަނޑު އެއަށްވުރެ އުފާވާނެކަމެއް ނޯންނާނެ. ކުރީގައިވެސް އެބޭފުޅުން އެކަހަލަ ވާހަކަ ދެއްކެވި. އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންނެވި. އެކަމަކު އެބޭފުޅުންނަކަށް އެކަމެއް ޙަޤީޤަތަކަށް ނުހެއްދެވުނު. މިހާރުވެސް އެވާހަކަ ދައްކަވާނެ. އެއީ ރައްޔިތުންނަށް އެބޭފުޅުންގެ ޖަޒުބާތު ކައްކާލަން ދައްކާ ވާހަކަ. އޭގެ ކަމެއް އޮތިއްޔާ، ސިޔާސީގޮތުން އަޅުގަނޑު ޖަވާބުދާރީ ނުކުރުވައި، އަޅުގަނޑުގެ ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ، އެމީހުން ކުރި މޮޔަކަމެއް. އަޅުގަނޑު ޖަވާބުދާރީކުރުވަން އެމީހުން އޭގެކުރިން މަސައްކަތް ކުރަންވާނީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑާއެކީ މި ވޯޓު ކަރުދާސްކޮޅާ ހަމައަށް އަންނައިރު، ރައްޔިތުންގެ ވިސްނުމުން، ރައްޔިތުންގެ ވިސްނުމުގެ ތަރާދުން ކިރާނީ، އެމީހުންނަށް ކަންތައްތައް ކޮށްދީފައި ހުރީ ކާކުތޯ؟

 

މި ރަށުގައި އައިސް މި ވާހަކަ އަޅުގަނޑު މި ދަންނަވަނީ، މިއަދު އިދިކޮޅު ކެންޑިޑޭޓް، އެކި ރަށްރަށުގައި ދައްކަވާނެ ވާހަކައެއް ނެތިގެން އެބޭފުޅުން އެކިކަހަލަ ވާހަކަ އެދައްކަވަނީ. ނަރުދަމާ އޮތިއްޔާ ދެވަނަ ނަރުދަމާ. ފަލާޙު ވަރަށް ފަރިތަކަމާއެކީ މިވާހަކަ ދައްކަވައިފި. ތަފްސީލަކަށް ނުދާނަން. އެކަމަކު މިވާހަކަ މިހެން އުފެދިގެން މިއުޅެނީ ކީއްވެގެންތޯ އަޅުގަނޑު ދަންނަވާލާނަން. އެބޭފުޅުންގެ އަތްޕުޅުގައި ޙަޤީޤަތުގައި މެނިފެސްޓޯއެއް ނެތް. އެބޭފުޅުން މެނިފެސްޓޯއެއް ހައްދަވާކަށް ޖެހިވަޑައެއްނުގަންނަވާ. އަޅުގަނޑާ ވާދަކުރައްވާ ހުރިހާ ސިޔާސީ ބޭފުޅުން، އެއީ އަޅުގަނޑާއެކީ އެއްއިރެއްގައި ތިއްބެވި ބޭފުޅުންވެސް، އަދި އަޅުގަނޑާ ދެކޮޅަށް ތިއްބެވި ބޭފުޅުންވެސް، ދިވެހިރާއްޖޭގެ ތަޚުތަށް އިންތިޒާރު ކުރައްވާ. އުއްމީދުކުރައްވާ. ހަމަ ކޮންމެ ބޭފުޅެއްގެ ވިސްނުންފުޅު ހުރީ، މި ވޯޓާ ހަމައަށް އަޅުގަނޑު އައުމުގެ ކުރިން، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އަޅުގަނޑު އެއާ ހަމައަށް އަޔަނުދިނުމަށް.

 

ރައްޔިތުންގެ އަރިހަށް އައިސް، ރައްޔިތުންގެ ތާއީދަކަށް ރައްޔިތުންގެ އަރިހުގައި، ދަންނަވާ ކަމަށްވަންޏާ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ، ރައީސް ޔާމީނަކީ މިގޮތަކަށް ރައްޔިތުންނާ ހަމައަށް އަންނަން ދޫކޮށްލަންޖެހޭވަރުގެ މީހެއް ނޫންކަން. ކުރި ހުރިހާ މަސައްކަތްތަކެއް ކުރީ، މި ދެންނެވި ކަންކަމުގައި، އަޅުގަނޑަށް ހުރަސްއަޅަން. ތަފްސީލަކަށް ނުދާނަން. އެއްފަހަރަށްވުރެ ގިނަފަހަރު، އެބޭފުޅުންގެ މަޝްރޫޢުތައް، ނޫނީ އެބޭފުޅުންގެ ޕްލޭންތައް ކާމިޔާބުވީނަމަ، އަޅުގަނޑު ވެރިކަމަކު ނުހުރީސް. އެއް ފަހަރަށްވުރެ ގިނަފަހަރު އެމީހުން މަސައްކަތްކުރި. އެއީ ދައުރު ހަމަނުކޮށް ރައީސް މަގާމުން ވަކިކޮށްފިއްޔާ، ނޫނީވިއްޔާ ދެން އެހެން ސިޔާސީ މީހަކަށް ފުރުޞަތު ނެތްކަމަށް އެމީހުން ގަބޫލުކުރާތީ. އެމީހުން ދެކޭތީ. އެއީ ރަށްރަށަށް އަންނަ ތަރައްޤީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ސްޓްރެންތަކީ، ނޫނީވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވިއްކަން އޮތް އެއްޗަކީ. ދެން އެއާއެކީ ރައްޔިތުންނަށް ވިއްކަން އޮތް އެއްޗަކީ އަޅުގަނޑުމެންގެ އިޚުލާޞްތެރިކަން. އަޅުގަނޑުމެން ދައްކާ ވާހަކައަކާއި ޢަމަލާ އަޅުގަނޑުމެން ސީދާކުރަން. ބަހާއި ކުރާ ކަންކަމާ އަޅުގަނޑުމެން ސީދާކުރަން. އެއީ އެބޭފުޅުންނަށް ނުކުރެއްވޭ ކަމަކީ.

 

އެހެންވީމާ، ޖަޒުބާތުގައި ޖައްސަން މިހާރު އެ ކުރައްވާ ކަންކަން ކުރައްވާއިރު، އެބޭފުޅުން ނުކުމެވަޑައެއްނުގަންނަވާނެ، މެނިފެސްޓޯއެއް ހިއްޕަވައިގެންނެއް. މެނިފެސްޓޯއަކާ ނުލައި، އެކަން އެބޭފުޅުން ކާމިޔާބުކުރަން ނިންމަވާފައި އޮތީ. ފެބުރުވަރީ އެކެއްގެ ޙުކުމާ ހަމައަށް ޖެހިލައްވާ. މި ޙުކުމުގެ ވާހަކަ އަޅުގަނޑު އެކިކަހަލަ ނަޒަރިއްޔާއިން ދަންނަވައިފިން. އެކަމަކު، ސިޔާސީ ނަޒަރިއްޔާއިން އަޅުގަނޑަށް ވިސްނޭގޮތް މި ދަންނަވަނީ. އެ ބޭފުޅުން އުއްމީދެއް ނުކުރައްވާ، 23 ވަނަ ދުވަހުގެ ވޯޓާ ހަމައަށް އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ހުންނަވާނެ ކަމަކަށް ގަބޫލެއްނުކުރައްވާ. އެ ބޭފުޅުން ނިންމަވާފައި އޮތީ، ފެބުރުވަރީ އެކެއްގެ ޙުކުމާއެކީ، މި މަޝްރޫޢުތައް. މިރަށުގައި ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަޑައިގަންނަވަނީ އެބޭފުޅުން. ތަންތަނުގައި ނަރުދަމާ ހުޅުވައިދެއްވުމަށްވެސް ވަޑައިގަންނަވަނީ އެބޭފުޅުން. އަދި، ތަންތަނުގައި ނުނިމިހުރި ހުރިހާ ކަމެއް ނިންމުމަށް، މި ކުރެވޭ މަސައްކަތުގައި އެ ބޭފުޅުން ވަޑައިގަންނަވަނީ، އެ ތަންތަން ހުޅުއްވައިދެއްވަން. ވަޑައިގެންފައި ވިދާޅުވެދެއްވާނެ، ތިމަންނާމެން ކުރި މަސައްކަތޭ މިއީ. އެހެންވެގެން، އަޅުގަނޑު އަބަދުވެސް ދަންނަވަނީ، ކާޅު ހާލި ހެދީމާ، ކޮވެލި ބިސް އަޅަން އަންނާނޭ. އެއީ، އެ ބޭފުޅުން މެނިފެސްޓޯ ނުގެންގުޅުއްވާ ސަބަބަކީ. ރައީސް ޔާމީން ކަންތައްތަކެއް ކުރަމުން ގޮސްފައިހުރީ. އެކަމަކު، އެ ކަންތައްތައް ހުޅުވައިދިނުމުގެ، ނޫނީވިއްޔާ އެ ޝަރަފުގައި ރައްޔިތުންނާއެކީ، އެ އުފަލުގައި ހިއްސާވުމުގެ ފުރުޞަތު އެ ބޭފުޅުން ބޭނުންފުޅެއްނުވޭ ރައީސް ޔާމީނަށް ދޭކަށް. އެހެންވެގެން، ރައީސް ޔާމީން ބަންދުކުރެވޭނެ ހުރިހާ ގޮތެއް އެ ބޭފުޅުން ހޯއްދެވީ. ދަތިއެޅުވޭނެ ހުރިހާ އުކުޅުތަކެއް އެ ބޭފުޅުން ނެރުއްވީ އެގޮތަށް. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ، އެ ބޭފުޅުން ކިތައްމެ މަސައްކަތެއް ކުރެއްވިޔަސް ރައްޔިތުންނަށް އެ ފުރުޞަތު މިއޮތީ ތަނަވަސްވެފައި.

 

އެހެންވީމާ، 23 ގައި ވޯޓަށް ވަޑައިގަންނަވާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މި ޖަޒުބާތުތަކުގައި ޖެހިވަޑައިނުގަންނަވާށޭ. އެ ދައްކަވާ ވާހަކައިގެ މަސްތުގައި ޖެހިވަޑައިނުގަންނަވާށޭ. އެއަށްވުރެ ހޭލުންތެރި ރައްޔިތުންނޭ ދިވެހިރާއްޖޭގައި މިއުޅެނީ. ވެފައިހުރި ކަންތައް މާޒީން، އަޅުގަނޑުމެން ޚިޔާލުކޮށްލީމާ އަޅުގަނޑަށް ފެނޭ. ކުލަތަކުން އަޅުގަނޑުމެންނަށް އެކަންކަން ފެނޭ. އަނދާ އަޅިއަށްވަމުންދިޔަ ބިނާތަކުން އަޅުގަނޑުމެންނަށް އެ ބޭފުޅުން ހަރަކާތްތެރިވެފައި ހުރިގޮތް އެބަފެނޭ. ދައްކާ ވާހަކައިން އަޅުގަނޑުމެންނަށް އެނގޭ، ސިޔާސީ ލީޑަރުންގެ އެއްވެސް ކަހަލަ އުރަތްޕެތް ނެތްކަން. އެއީ، އެ ބޭފުޅުން އެކަކު އަނެކަކަށް އިޚުލާޞްތެރިނުވާކަން، އަޅުގަނޑުމެންނަށް އެ ބޭފުޅުން ދައްކަވައިދެއްވި. އެ ބޭފުޅުންގެ ވާހަކަފުޅުން ރައްޔިތުންގެ ކުރިމަތީގައި އެ ވާހަކަ ވިދާޅުވީ. އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތާއި، ދައްކަމުން އަންނަ ވާހަކައަކަށް ބަދަލެއް ނުގެންނަން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލާނީ، މި ފުރުޞަތަކީ، ޙަޤީޤަތުގައި، އަޅުގަނޑަށް އެ ބޭފުޅުން ދެއްވި ފުރުޞަތެއް ނޫން. މި ފުރުޞަތު އަޅުގަނޑަށް ތަނަވަސްކޮށްދެއްވީ ﷲގެ ހެޔޮ ރަޙްމަތުން. އެހެންނޫންނަމަ، މި ރަށުގެ ބަނދަރުވެސް ހުޅުވަން ވަޑައިގަންނަވާނީ އެ ބޭފުޅުން. އެހެންވީމާ، ކީއްކުރާ މެނިފެސްޓޯއެއް. މެނިފެސްޓޯއެއް އޮންނާކަށް ނުޖެހޭ. ދެން، އެ ހިސާބުން، ހުރިހާ ސިޔާސީ ލީޑަރުން ނުކުންނާނެ، ގުޅަކުޅޭ ފަސްގަނޑަށް. އެކަކަށްވުރެ ބާރަށް އަނެކަކު ބައްދާނެ. ބޭނުމަކީ، ހުރިހާ އެންމެވެސް އެކަކަށްވުރެ ކުރިން ގޮސް ދިވެހިރާއްޖޭގެ ވެރިކަމާ ހަމައަށް ދިޔުން. ދިވެހިރާއްޖޭގައި ވެރިކަން ކުރުމަކީ ފަސޭހަކަމެއް ނޫން. އަމްދުން، ޝަރަފެއް އޮތް ކަމެއްނޫން. އަމުދުން، މީހަކަށް ހިތްހަމަޖެހިލައިގެން ނޭވާއެއްލެވޭނެ ފުރުޞަތެއް މިހާރު މިތިބަ ސިޔާސީ ލީޑަރުން ނުދޭނެ. އެއިން މީހަކު، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ރައްޔިތުންނާ ހަމައަށް ވަކާލާތު ކުރަން އަންނަންވީ. މިކަންތައް ކޮށްދޭނެގޮތް ބުނެދޭންވީ. ފައިސާ ހޯދާނެގޮތް ބުނެދޭންވީ. އެކަންކަމުގައި އެ މީހުން އެ ތިބީ ނާޤާބިލުވެފައި. އަޅުގަނޑުމެން ރައްޔިތުންގެ އަރިހުގައި މިވާހަކަ އިތުރަށް ކަށަވަރު ކޮށްދޭކަށެއް ނުޖެހޭ.

 

މިއަދުވެސް، އަޅުގަނޑު ދަންނަވާލާނަން. 23 ގެ ވޯޓު އަޅުގަނޑަށް މުހިންމު. އެ ވޯޓު އަޅުގަނޑަށް ދެއްވަން، އިނގުރައިދޫގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު އިލްތިމާސް ކުރަން. އެކަމަކުވެސް ހަމަ ދަންނަވާލާނަން. ދެންމެ މިރަށުން ހުށަހެޅުއްވި، މި ތަނުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ހަދައިދޭށޭ. އަޅުގަނޑު، އިރާދަކުރެއްވިއްޔާ، ބަލާނަން 23 ގެ ވޯޓުން، މިއަންނަ އަހަރު ކުރާ ކަމެއްނަމަ، އިރާދަކުރެއްވިއްޔާ މިއަހަރުވެސް މިތަނުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރުގެ ޚިދުމަތްދޭ ތަނަކަށް އަޅުގަނޑު ބަދަލުކޮށްދޭނަން.

 

57 މިލިއަން، ނޫނީވިއްޔާ 60 މިލިއަންގެ ހޭދަކޮށްފައި ހުރި މީހަކަށް، މިކަހަލަ އާދައިގެ ކަމެއް ކޮށްލުމަކީ، ދަތިކަމަކަށް ނުވާނެ. އެއީ، އަޅުގަނޑުމެންނަކީ އިޚުލާޞްތެރި މީހުން. ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ދަންނަން. މިތަނުގައި ގިނައީ ކަނބަލުން. އަޅުގަނޑު ދެންނެވިން، އަންހެނުންގެ ޚާއްޞަ ބަލިތަކަށް، ހުރިހާ ބައްޔަކަށް ފަރުވާދެވޭނެ، އަންހެނުންނަށް ޚާއްޞަކޮށް، އަންހެނުންނަށް ޚާއްޞަ ހޮސްޕިޓަލެއްވެސް ހަދައިދިނީ އަޅުގަނޑޭ. ދިވެހިރާއްޖޭގެ ވެރިން ތިބި މީގެކުރިން.

 

ދިވެހިރާއްޖޭގެ މީހުން ދިރިއުޅުނު މީގެކުރިން. ދިވެހިރާއްޖެއިން މިކަހަލަ ހުރިހާ ކަންކަމުން ފުރުޞަތު ލިބިއްޖެ މީގެކުރީގައި ތިބި މީހުންނަށް. އެހެންވީމާ، މިއަދު ސިޔާސީ ޖަޒުބާތުގައި ޖައްސަން އެ ބޭފުޅުން ދައްކަވާ ވާހަކައަކީ، އެ ބޭފުޅުންނަށް ހީފުޅުވަނީކަންނޭނގެ، މިއަދު ރައްޔިތުންނަށް ހީވާނޭ، ކޮރަޕްޝަނުގެ ވާހަކަ ދައްކައިފިއްޔާ، ވަރަށް ގިނަ ބަޔަކު އެއަށް ހެއްލިގެން އެއަށް ދާނެއޭ. ނޫން، އެހެން ނަހައްދަވާ. މިރަށުގެ ބޮޑު އަޣުލަބިއްޔަތު މިއޮތީ ރައީސް ޔާމީނާއެކީކަން، މިރަށުގައި ތިއްބެވި މަދު ބޭފުޅުންކޮޅެއް، އަޅުގަނޑުމެންގެ ފިކުރަށް މުޅިން ހިޖުރަ ނުކުރައްވާ ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

 

އެ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލާނެ ވާހަކައަކީ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނެ ވާހަކައަކީ، ތިޔަބޭފުޅުން ތިޔަ ލައްވާ ކަރުދާސްކޮޅަކީ، ޑަސްބިނަށް އެއްލައިލާ ކަރުދާސްކޮޅަކަށް ނަހަދާށޭ. މިތަނުގައި، ބޮޑު އަޣުލަބިއްޔަތު މިއޮތީ 23 ވަނަ ދުވަހު އެއްވަނަ ނަންބަރަށް ވޯޓުލާން. އެހެންވީމާ، އެ މީހުންނާ ގުޅިގެން މިރަށުގެ ތަރައްޤީއަށް، ރަށުގެ ރައްޔިތުން ކުރާ އުއްމީދުގައި ތިޔަބޭފުޅުން ކުލަޖައްސަވައި ދެއްވާށޭ. އެހެންވީމާ، ބޭކާރު ވޯޓެއް ލެއްވުން ކޮބާ. ބޭކާރު ވޯޓެއް ލައިފިކަމަށްވަންޏާ، ހަމަ އަޅުގަނޑު ޖެހޭނީ އަނެއްކާވެސް އެ ކުނި ހޮވާފައި، އެ ކުނި ނައްތާލަން. މިހާރުވެސް މި ކުރަނީ އެ މަސައްކަތް. ސިޔާސީ މީހުން ކޮށްފައި، ދެން ދިޔައިމާ، ތަންތަނުން ވަސް ދުވާތީ، ވަސް ފިލުވޭތޯ މަސައްކަތްކުރަނީ. ތަންތަނުން ގޮނޑު ނަގަން މަސައްކަތް ކުރަނީ، އަޅުގަނޑު. އެހެންވީމާ، ކަރުދާސްކޮޅު ޑަސްބިނަށް އެއްލައިލީމާ، އެ ޑަސްބިންވެސް ނަގާ އެއްލައިލާން މި ޖެހެނީ ރައީސް ޔާމީނަށް.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑު، އަޅުގަނޑުގެ މަސައްކަތްތަކުގައި އިޚުލާޞްތެރިކަމާއެކީ ހުންނާނަން. އެކަމަކު، ރައްޔިތުންނަށް އަޅުގަނޑަށް ޚިދުމަތް ކޮށްދެވޭނީ، އިނގުރައިދޫން ތިޔަ ބޭނުންވާ އިތުރު ކަންތައް އަޅުގަނޑަށް ކޮށްދެވޭނީ، ފުރަތަމަ ރައްޔިތުން އަޅުގަނޑަށް އެހީތެރިވެދީގެން. އެހެންވީމާ، 23 ވަނަ ދުވަހުގެ ވޯޓާ ހަމައިގައި، ތިޔަބޭފުޅުން މިކަން ދައްކަވައިދެއްވާ.

 

ﷲގެ ރަޙްމަތާއި، ހެޔޮ ތައުފީޤާއެކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިހުންނާނެ މީހަކީމު. އަޅުގަނޑުގެ މަސައްކަތަށް ހުރަސް އެޅުމަށް، ލައްކަ ގިނަ މަސައްކަތް ސިޔާސީ މީހުން ކޮށްފި. ކައިރިންނާއި ދުރުން. ތިމާގެ މީހުންނާއި، ތިމާގެ ނޫން މީހުނާއި، ގާތް މީހުންނާއި، ގާތް ނޫން މީހުންނާއި، ސިޔާސީ އެންމެ އެކުވެރިންނާއި، ސިޔާސީ ހަތުރުންވެސް މި މަސައްކަތްކޮށްފި. އެކަމަކު، ﷲގެ ރަޙްމަތް އަޅުގަނޑުމެންނާއެކީ ތަނަވަސްވެގެން މިވަނީ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކީ ޚިދުމަތްކުރާ ބައެއް ކަމުގައިވާތީކަމަށް، އަޅުގަނޑު ގަބޫލުކުރަން. ދެންވެސް، އަޅުގަނޑުމެން އެދެނީ، ﷲގެ ހަޟުރަތުން މަދަދު.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

    

والسّلام عليــكم ورحـمــة اللّـه وبـركاتـه.