بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ވިލުފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން،

 

މި ނިމިގެންދިޔަ ވިލުފުށީގެ މަޝްރޫޢު ފަށްޓައިދޭން އަޅުގަނޑު އައުމާ ގުޅިގެން ތިޔަ އެންމެ ބޭފުޅުންގެ ޝައުޤުވެރިކަން އަޅުގަނޑަށް ހާމަކޮށްދެއްވީ، އަޅުގަނޑަށް ތިޔަ ވިދާޅުވި އިސްތިޤްބާލުން. މިރަށް ޒީނަތްތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ތިޔަބޭފުޅުންވަނީ ކޮށްދެއްވާފައި. މިމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކީ ޝުކުރުދަންނަވަމުން އަދި ތިޔަބޭފުޅުންގެ ތިޔަގާތްކަން ރަމްޒުކޮށްދިނުނުގެ ގޮތުން ތިޔަވިދާޅުވި ހޫނު އިސްތިޤްބާލަށްޓަކައިވެސް، ވިލުފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ވިލުފުށްޓަށް އަޅުގަނޑު އައިމާ އަޅުގަނޑަށް ވަރަށް ތަފާތު އިޙްސާސްތަކެއް ލިބިގެންދޭ. ވިލުފުށްޓަކީ، ދެންމެ އެދާއިރާގެ މެންބަރު ރިޔާޒު ވާހަކަފުޅު ދެއްކެވިގޮތަށް، ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވީ ރަށްތަކުގެ ތެރެއިން އެއް ރަށް. އަދި ޚާއްޞަ މަޝްރޫޢެއް ރޭވިގެން ވިލުފުށްޓަށް ސަމާލުކަން ދެވިގެން މަޝްރޫޢުތައް ހިންގުނު އެއްރަށްވެސްމެ. އެހެންނަމަވެސް، ރައްޔިތަކަށް މި އިޙްސާސްވާންޖެހޭ ހިތްދަތިކަމާއި ބުރަކަން އެންމެ ބޮޑަށް އިޙްސާސްކުރަން ޖެހުނު ރައްޔިތުން ދިރުއުޅުއްވަމުން ގެންދަވަނީ ވިލުފުށީގައި. ދުވަސްތަކަކަށްފަހު ވިލުފުށި އާބާދުވެގެންދާއިރު، ވިލުފުށީގެ ތަރައްޤީއަށް ގިނަމަސައްކަތްތަކެއް ކުރެވިގެން ފެނިގެން ދިޔައިމާ އަޅުގަނޑު ހިތަށްއަރަނީ، އުންމީދުގެ ކުލަވަރު ވިލުފުށީގެ ރައްޔިތުންނާއެކީ އޮތް މިންވަރު. ޝައްކެއްވެސް ނެތްގޮތުގައި، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ، އަޅުގަނޑުމެންގެ ވިސްނުމުން އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ މައްޗަށް. އަދި އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމުގައި ކޮންމެ މީހެއްގެ ހިއްސާއެއް، ފަރުދީ ހިއްސާއެއް އޮތްކަންވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. އަޅުގަނޑުމެން ކޮންމެ ބަޔަކީވެސް، އެއްބަޔަކާ އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރީމާ މުޅި ޖުމްލަ މުޖުތަމަޢަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެވޭގޮތަށް އަޅުގަނޑުމެންގެ ތެރޭގައި އިންސާނީ ތަބީޢަތުގައި ކަންކަން އިންތިޒާމުވެފައިހުރި ބައެއް.

 

ވިލުފުށްޓަށް އަންނަ ތަރައްޤީއަކީ، ޝައްކެއްވެސް ނެތްގޮތުގައި މި ދާއިރާއަށް އަންނަ ތަރައްޤީ. ވިލުފުށްޓަށް މި ސަރުކާރުގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޚިދުމަތްތަކެއް ކޮށްދެވިފައި ހުރިކަން ވިލުފުށީގެ ރައްޔިތުން ގަބޫލުކުރައްވާތީ، ވިލުފުށީގެ ފަރާތުން ދެންމެ އަޅުގަނޑަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ހަދިޔާއެއް ތިޔަ ދެއްވީ. އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ހަމަ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުން، ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާ އަދި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަރަށްގިނަ ވާހަކަފުޅުތަކެއް ވިދާޅުވެދެއްވައިފި. އަދި ހަމައެއާއެކީ، އިޚްލާސްތެރި ޝުޢޫރުތަކެއް އަޅުގަނޑާ ދޭތެރޭގައި ހާމަކޮށްދެއްވައިފި. އެބޭފުޅުން އެދެއްކެވި ވާހަކަފުޅުތަކާއި އަދި އަޅުގަނޑާ ދޭތެރޭގައި އެ ވިދާޅުވި އޯގާތެރި ބަސްފުޅުތަކަށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަވެސް ކުރިއަށް ގެންދަންވެސް ވަރަށް ފަސޭހަވެގެން އެބަދެއޭ. ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލާނަން، ވިލުފުށީގެ ރައްޔިތުންގެ އުއްމީދުތަކެއް ވާކަން އަޅުގަނޑު އަބަދުވެސް  ގަބޫލުކުރަން. ވިލުފުށްޓަށް މިއަދު އައިއްސަ އޮތް ތަރައްޤީއަށް ބަލާކަމުގައިވަންޏާ ދެން އަޅުގަނޑުމެން ވިސްނަންވީ މި ތަރައްޤީގެ މައްޗަށް އާރާސްތުކޮށް، އާމްދަނީ ހޯދުމަށް ކުރެވޭނީ ކޮންކަހަލަ އިތުރު މަސައްކަތްތަކެއްތޯ. މި ތަރައްޤީ އައީ ވިލުފުށީގެ ރައްޔިތުން، ޝައްކެއްވެސްނެތްގޮތުގައި މަސައްކަތްތަކެއް ކުރައްވައިގެން.  އެހެންވީމާ، ރައުސްމާލު އުފެއްދުމާއި އަދި އުފެދިފައިހުރި ރައުސްމާލު އިތުރަށް ބޭނުންކޮށްގެން އިތުރަށް ނަފާ ހޯދަން އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ.

 

އެއްވެސް ރަށަކަށް، އެރަށަކަށް ބޭނުންވާ ކަންތައްތަކެއް ނާންނާނެ، އެރަށެއްގެ ރައްޔިތުން މަސައްކަތް ނުކުރާކަމަށްވަންޏާ. އަދި އެރަށަކަށް އެކަންކަން އަންނާނީ، ކޮންމެވެސް ކަހަލަ ތަރުތީބެއްގެ ތެރެއިން، އެކަންކަންވާނެ ގޮތްތަކެއް އިންތިޒާމުވެގެން ދިޔައިމާ. ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އެބައޮތް.  އެކިވަރުގެ 187 ރަށް އޮންނައިރު، މީގެ ބައެއްރަށްރަށުގައި ހުންނަ އަވަށްތަކަކީ، ވިލުފުށި ކަހަލަ ރަށަކަށްވުރެ މާ ބޮޑެތި އަވަށްތައް. މިތަންތަނުގައި ތިބި ރައްޔިތުންގެ އަދަދަކީވެސް، އަދި ބިމުގެ ގޮތުންވެސް، މިހުރިހާ ގޮތަކުން ވިލުފުށި ކަހަލަ ރަށަކަށްވުރެ މާ ބޮޑެތި އަދަދުތައް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، ތަރައްޤީއަށް ލޯބިކުރާ މީހުން، އުޞޫލަށް ލޯބިކުރާމީހުން އަދި ލިބޭ ތަރައްޤީއަށް، ލިބޭ ނިޢުމަތްތަކަށް، ލިބޭ ރަނގަޅު ކަންކަމަށް ވިސްނާކަމުގައިވަންޏާ އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ރަނގަޅުކަމެއް ކުރާކަމަށްވަންޏާ ދެން އެބައެއްގެ ފަރާތުން ދެންވެސް އަންނާނީ ރަނގަޅު ކަމެއްކަން. ތަރައްޤީ ނެތިފަނާކޮށްލުމަކީ، ތަރައްޤީކުރާ ބަޔަކު ކުރާނެ ކަމެއްނޫން. ތަރައްޤީ ނެތިފަނާކުރާ ބަޔަކީ ފަނާކުރާނެ ބައެއް. އެބައެއްގެ ފަރާތުން އިސްވެ ތަރައްޤީއެއް ނާންނާނެ. ބިނާކުރުމާއި އާރާސްތުކުރުމާ މިއީ، ކަންތައްތައް ކުރަން ބޭނުންވާ ބަޔަކު ރައްޔިތުންނަށް ކޮށްދޭކަންތައްތައް.

 

ވިލުފުށްޓަށް މިއަދު އައިމާ އަޅުގަނޑަށް ފެނިގެން މިދަނީ ތަރައްޤީ އައިއްސަ އޮތް މިންވަރު. އަދި ރިޔާޒު މީގެ ވަރަށް ގިނަ ވާހަކަފުޅުތައް އެ ދެއްކެވީ. އަދި އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ ބޭފުޅުންނަށްވެސް ރިޔާޒު އެ ދަޢުވަތު ދެއްވަނީ، އަޅުގަނޑުވެސް އެ ދަޢުވަތުގައި ރިޔާޒުގެ ވާހަކައަށް ހަމަ ތާއީދުކުރަން. އެބޭފުޅުންނާއެކީ އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ މަގެއް ހޯދައިދިނުމަށް ރިޔާޒު މަސައްކަތް ކުރައްވާކަމަށް އެ ވިދާޅުވީ. އެހެންވީމާ، މިކަންކަމުގައި ކުރިއަށް ދެވޭނެ މަގުތަކެއް ހޯއްދަވަން ރިޔާޒު ބޭނުންފުޅުވޭ.

 

އަޅުގަނޑު މިއަދު ވިލުފުށީގައި މި އިޙްތިފާލުކުރާ ޖަލްސާގައި ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވަނީ، އެފަދަ މަގުތަކެއްހަދައި ނިމި، އެ މަގުތައް މިޒަމާނުގެ ފެންވަރަށް އަޅައި ނިމުނީމާ އެ މަގުތައް ހުޅުވައިދިނުމަށް އައިސްހުރެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމުގެ ގޮތުން. އެހެންވީމާ، މަގުތައް މިހިރީ އަޅުގަނޑުމެންނަށް ފެންނަން. މަގުތައް އިޚްތިޔާރު ކުރުމަކީ، ހެޔޮ ބުއްދި ހެޔޮ ވިސްނުން ގަބޫލުކުރާ ބައެއްގެ އަމިއްލަ އަތުގައި އޮންނަ އިޚްތިޔާރެއް. މިއީ، ހެޔޮ ކަންކަން ގަބޫލުކުރާ، ހެޔޮބަސް އަހާ  އަޅުގަނޑުމެން ހުރިހާ އެންމެންނަށް ތަރުބިއްޔަތު ދޭއިރު ކޮށްދޭއިރު ދައްކާ ވާހަކައަކީ މިއީ. އެހެންވީމާ، ތަންތަނަށް ތަރައްޤީ އައުމުގެ ވާހަކަ ދައްކާކަމަށްވަންޏާ ރިޔާޒުގެ މިސާލުން އަޅުގަނޑު ހަމަ މިސާލު ދަންނަވާލާނަން. ޑރ.މުޢިއްޒުގެ މިސާލުން އަޅުގަނޑު މިސާލު ދަންނަވާލާނަން.

 

އަޅުގަނޑު ހަމަ ފިކުރުކޮށްކޮށްވެސް އަޅުގަނޑަށް ވިސްނަން ދަތިވިކަމެއްގެ ވާހަކަ ދަންނަވާލާނަން. މިތާ އެބަތިއްބެވި ޢުމުރަށް ބަލާކަމަށްވަންޏާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ތެރޭގައި ޙަރަކާތްތެރިވެފައި ތިއްބެވި ބޭފުޅުންނަށް ބަލާކަމަށްވަންޏާ، އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ސީދާކޮށް ގަބޫލުކުރައްވާނެ. އަދި ހެކިދެއްވާނެ ބޭފުޅުން މިތާ އެބަތިއްބެވި، މި ހޯލުގައި. އެއީ، އެކަހަލަ ޙަރަކާތްތަކުގައި އެކަހަލަ މަޝްރޫޢުތަކުގައި އުޅުއްވާ އަދި އެކަހަލަ ކަންކަން އެބޭފުޅުންގެ ލޯމަތިން ފެނިފައި ހުރި ބޭފުޅުން. ޢުމުރުގެ ގޮތުންވެސް، މަސައްކަތުގެ ދާއިރާގެ ގޮތުންވެސް.

 

އަޅުގަނޑުވެސް ދުށީމު އަދި އަޅުގަނޑު އަޑުއަހަމުންވެސް ގެންދާ ވާހަކައެއް، އެ ވާހަކަ އަޅުގަނޑު މިދަންނަވާލަނީ. މީގެ ކުރީގައި އިންތިޚާބުތައް ކައިރިވެގެން އައިމާ މިކަހަލަ ހުރިހާ ރަށްރަށަކަށް ޒިޔާރަތްކޮށް އެރަށްރަށަށް ދިމާވެފައިހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމާއެކީ އެރަށްރަށަށް ބޭނުންވާ ކަންކަމުގައި ބިން ވަކިކުރާކަމަށްވަންޏާ ކަޑަޖަހައިދޭނެ. ބަނދަރެއް ހަދާކަމަށްވަންޏާ ކަޑަޖަހައިދޭނެ. މިކަހަލަ އެތައްކަމެއް ކުރެވިފައި ދާނެ. އެއީ، ވަރަށް ގިނައިން ރައީސް މައުމޫނުގެ ސަރުކާރު ހިނގަމުން ދިޔައިރު އޭރު އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގައި ތިއްބެވި އެމް.ޑީ.ޕީ.ގެ ބޭފުޅުން، ހަމަ ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް. އިންތިޚާބެއް އަންނަކަމަށްވަންޏާ ފުރަފުރައިގެން ގޮސް، ތަންތަނުގައި ކަޑަޖަހާތަން ފެންނާނެއޭ. އެހެންނަމަވެސް، އިންތިޚާބު ނިމުނީމާ އެ ކަޑަތަކަށް ވާގޮތެއް ނޭނގެއޭ. ހަމަގައިމުވެސް، އެތަންތަނުގައި ބަނދަރު ހެދިގެންނެއް ނުދެއޭ. ހަމަގައިމުވެސް، އެތަންތަނުގައި އިމާރާތްތައް ބިމުން މައްޗަށް އުފުލިގެން ދާތަނެއް ނުފެނެއޭ. އެހެންވީމާ، މިކަންކަން މިހެން އޮންނައިރު އަޅުގަނޑަށް ލިބޭ އުފަލަކީ، އަޅުގަނޑު މިހާރު މިކުރާ ދަތުރުތަކުގައި، ކޮޅުމަޑުލުގައިވެސް ހުރިހާ ރަށަކަށްވެސް އަޅުގަނޑު ދިޔައީކީ ނޫން. އެއީ، އަޅުގަނޑު މިކުރަނީކީ ހަމަ އެކަނި ސިޔާސީ ދަތުރެއްނޫން. އަޅުގަނޑުގެ މައިގަނޑު ދަތުރަކީ ޙަޤީޤަތުގައި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެވިފައިހުރި ޚިދުމަތްތައް، އެ ޚިދުމަތްތައް ހުޅުވައިދިނުމުގެ ރަސްމީ ބައްދަލުވުންތަކަކަށްކަން އަޅުގަނޑު މިއަންނަނީ. ތަފާތަކީ، އަޅުގަނޑަށް ލިބޭ އުފަލަކީ، އަޅުގަނޑު މިއަންނަނީ މި މަޝްރޫޢުތައް ނިމިގެން މި މަޝްރޫޢުތަކުގައި މިރަށުންވެސް ކަނޑައިލީ ރިބަންފަށެއް. އެހެންވީމާ، ރިބަން ފަށެއް ކަނޑާލުމުގެ އުފާ އަޅުގަނޑަށް ލިބިގެން މިދަނީ. އެ ރިބަންފަށް ކަނޑާލީމާ މިރަށުގެ ރައްޔިތުން ދެން ބޭނުންފުޅުވާނީ، މިއަދު ނިމުނު މަޝްރޫޢުކަމަށްވަންޏާ އެ މަގުތަކުގައި ދުއްވާނެ އިތުރު ސައިކަލުތަކާއި ވެހިކަލްތައް.

 

އެހެންވީމާ، އެއްގޮތަކަށްވެސް މިއައީކީ މަގުތަކުގައި ހުންނަންވީ ދިމާ ފާހަގަކުރާކަށްވެސް ނޫން. މަގުތަކުން ކިތައް މަގުގައިތޯ ތާރުއަޅަންވީކީވެސް ނޫން. ދެންމެ ރިޔާޒުގެ ތަފާސް ހިސާބު، މުޢިއްޒުގެ ތަފާސް ހިސާބުތަކުން ދަންނަވާލަންޏާ އަޅުގަނޑު ދަންނަވާނަން. މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު ޒަޢާމަތުގެ ކުރިން 2013 ގެ ކުރިން އެ ހިނގާދިޔަ 5 އަހަރުގެ ތެރޭގައި 3 އަހަރުގެ ސަރުކާރަކާއި ގާތްގަނޑަކަށް ދެ އަހަރެއްގެ ސަރުކާރެއް އެ ދިޔައީ. އެ ސަރުކާރުތަކުން ވިލުފުށްޓަށް ބޮޑު ކެޕިޓަލް އިންވެސްޓްމަންޓް މަޝްރޫޢެއް ހޭދަކޮށްފައި އޮތް މިންވަރު، ރިޔާޟް ޗެލެންޖު ކުރައްވާފައި އެ ވިދާޅުވީ، މިތަނުން އެއްވެސް ރައްޔިތަކު ވިދާޅުވެދެއްވާށޭ. އަދި އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވި، އެކަހަލަ މަޝްރޫޢެއް މިތާނގައި ހިނގާފައި އޮތްކަމަށް ތިމަންނައަށް ހުށަހަޅައިދީފިކަމަށްވަންޏާ ތިމަންނަ ސިޔާސީ ޙަރަކާތުން އެކަހެރިވާނަމޭވެސް. ދެން އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، ރިޔާޟް ސިޔާސީ ޙަރަކާތުން އެކަހެރިވާކަށް. ޖެހިގެންއައި ވާހަކަތަކުގައި ރިޔާޟް އެ ވިދާޅުވީ، ޤައުމަށް އޭރު ދިމާވެފައިހުރި އެންމެ ބޮޑެތި ކަންތައްތަކުގައި އޭނާ މަޖިލީހުގައި އިންނަވައިގެން، އަދި މަގުމަތީގައި ހިނގައިދިޔަ ޙަރަކާތްތަކުގައިވެސް، ޤައުމުގެ ދިފާޢުގައި އަޅުގަނޑުމެން ދިފާޢުކުރަން ބޭނުންވި ކަންތައްތަކުގައި އޭނާ ކުރެއްވި މަތިވެރި މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެހެންވީމާ، އެފަދަ ބޭފުޅަކު މިކަހަލަ ގޮންޖެހުމެއް ހުށަހަޅުއްވާފައި ސިޔާސީ މައިދާނުން އެއްކައިރިވުމަކީ، އަޅުގަނޑުމެންނަށް ސިޔާސީ ޙަރަކާތަށް ލިބޭނެ އުނިކަމަކަށްވާނެ، ދެރަކަމަކަށްވާނެ.

 

އެކަން ކުރެއްވުމެއްނޫން، މުޅި މައްސަލަ، މުޅި ކަންތައްތަކުގައި އޭނާ ދައްކަވައިދެއްވަން އެ އުޅުއްވަނީ، އޭގެ ކުރީގައި ހިނގައިދިޔަ 5 އަހަރުގެ ދެ ސަރުކާރެއްގެ ތެރޭގައި މިރަށަކަށް ކުރެވުނު، ހިންގުނު ކެޕިޓަލް މަޝްރޫޢެއް ނެތޭ. އަޅުގަނޑުވެސް ހަމަ އެވާހަކަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުވެސް ތަފާސް ހިސާބު ބެލިން، މިތަނަށް އަންނަމުންވެސް، އަޅުގަނޑުގެ އަތުގައި މިހާރުވެސް ނޯޓުކޮށްފައި މިއޮތީ. މިކަހަލަ ބޮޑު ކެޕިޓަލް އެއްވެސް މަޝްރޫޢަކަށް ވިލުފުށްޓަކަށް ނެތް ހަމަ އެންމެ ލާރިއެއްވެސް ސަރުކާރުގެ ބަޖެޓުން ހިނގާފައެއް. މިއީ، ޙަޤީޤަތް. އެކަމަކު އެއާ ޚިލާފަށް މިއަދު މި މަގުހެދުމުގެ ނިމުން ފާހަގަކުރެވިގެންދާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ، ދާދި އަވަހަށް މިތަނުގެ ފެނުގެ މަޝްރޫޢުވެސް މިއޮތީ ކޮމިޝަން ކުރަންވެފައި. މަޝްރޫޢު އެ އޮތީ ނިމިފައި. ކޮމިޝަންކުރުމަށް ފަންނީ މީހުން އައިސް އެއްވެސް ކަހަލަ ފޯލްޓެއް އުޅޭތޯ ބެލުމާއެކީ، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު 23 ގައި މިނަގާ ވޯޓުގެ ކުރިން، ގޭގެއަށް ފެން ލިބިގެންދާނެކަން ދެންމެއަކުވެސް މިނިސްޓަރ ޠާރިޤް އަޅުގަނޑަށް ކަށަވަރުކޮށްދެއްވި. އެކަން ވާނީވެސް އިރާދަކުރެއްވިއްޔާ އެގޮތަށް.

 

މި ސަރުކާރުގެ މިހާ ހިސާބަށް ދިޔައިރު 129 މިލިއަން ރުފިޔާ ވިލުފުށްޓަށް އެކަނި މިއޮތީ ހޭދަވެފައި. އެހެންވީމާ، ކަޑަޖެހުމާއި ރިބަން ކެނޑުމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑު ހިތުން ޒިންމާދާރު ކޮންމެ ރައްޔިތަކުވެސް ވިސްނާވަޑައިގަންނަވަންޖެހޭ. ރަށަކަށް އަންނަ ތަރައްޤީއަކީ، ފިކުރެއްގެ މަތީގައި މީހާ ހުރުމަކުން އެ ތަރައްޤީ އެޕްރިޝިއޭޓް ނުކުރާންޖެހޭ ސަބަބެއްނޫން. އަދި އެއަށްވުރެ އިތުރު ތަރައްޤީ ބޭނުންނުވާންޖެހޭ ސަބަބެއްވެސްނޫން. ރަށްރަށަށް އަންނަންވާ ތަރައްޤީ ރަށްރަށަށް އަންނަން އަޅުގަނޑުމެން ހުރިހާ ފިކުރުން މަރުޙަބާ ކިޔަންވާނެ. ޓަރފް ދަނޑެއް އަޅާ ވާހަކަ މިދެއްކުނީ. އިތުރު ފުޓްސަލް ދަނޑެއް އަޅާވާހަކަ މިދެއްކުނީ. މިހެން ގޮސް މިކަހަލަ އެތައް ވާހަކަތަކެއް އަޅުގަނޑުމެންނަށް މި ދެއްކެނީ.

 

ދެންމެ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ، މީގެ ކުރީގެ ސަރުކާރުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބަލައިލި ނަމަވެސް، މަގުގައި ތާރު އަޅައިގެން މިޒަމާނުގައި ރަނގަޅު ފެންވަރަށް މަގު ހެދިފައިހުރި ޖުމްލަ ކިލޯމީޓަރު ދިގުމިން އެ ވިދާޅުވީ. 10 ވަރަކަށް ކިލޯމީޓަރޭ. މިއަދު މިރަށުގައި މިހުޅުވާ މަގުގެ މަޝްރޫޢު މި ނިމިގެންދާއިރު 12 ވަރަކަށް މަގުގެ މަޝްރޫޢުގައި ތާރު އެޅިގެން މިދިޔައީ. އެ އަދަދު އެނގިވަޑައިގަންނަވާތޯ؟ ގާތްގަނޑަކަށް 6 ކިލޯމީޓަރު.       5.6 ކިލޯމީޓަރު. ވިލުފުށްޓަށް އެކަނި މީގެކުރީގެ ސަރުކާރެއްގައި މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް އެޅުނު މަގުގެ ޖުމްލަ ޢަދަދުގެ ގާތްގަނޑަކަށް 60 ޕަސެންޓު އެންމެ ރަށަކަށް މި ސަރުކާރުގެ ތެރޭގައި އެޅިގެން މި ދިޔައީ. އެހެންވީމާ، މިއީ ދޮގެއްތޯ ތަފާތަކީ. މި ތަފާތު އަންނާތީ މީގެކުރީގައި އަޅުގަނޑު ބުރުނީގައި ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން. މަސައްކަތުގެ ސްޕީޑަށް ކުރެވިފައިހުރި މަސައްކަތަށް ބަލާކަމަށްވަންޏާ، ތަފާސް ހިސާބުން ދައްކާ ފިގަރތަކެއް ނޫނީ ތަފާސް ހިސާބުން ދައްކާ ޢަދަދުތަކެއް ދޮގެއް ނަހަދާނެއޭ.

 

ސިޔާސީ މީހުންނަށް، ގޮތްގޮތަށް އަނބުރައިގެން ފުރޮޅައިގެން ވާހަކަ ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ތަފާސް ހިސާބާއި ރަށްރަށަށް ހިނގާފައި ހުންނަ މަޝްރޫޢުތައް  މި ރަށްރަށް އައިމާ އަޅުގަނޑުމެންނަށް ފެންނާނެ. މާލޭގެ ހުޅަނގު ދެކުނުކޮޅުގައި ހިނގާ މީހަކު، ކޮންމެ ފިކުރެއްގެ މީހަކުވިޔަސް ކިހިނެއްތޯ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތް އޭނާއަށް ނުފެނިދާނީ؟ ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ މިމަސް ނިމުމުގެކުރިން، މާލެއިން ހުޅުމާލެއަށްދާ މީހަކު ފެރީ ދޫކޮށްލާފައި އެއްގަމު މަގުން ދާން ބޭނުންކަމަށްވަންޏާ ކިހިނެއްތޯ، އެތާ އޮތް ބްރިޖް ނުފެނިދާނީ. މި ބްރިޖު ފެންނާނެ. މި ބްރިޖުމަތިން ދަތުރުކުރާނެ.

 

ދެން މިހެން ހުންނަ ބިނާތަކުގައި، އަޅުގަނޑުމެން މި ބިނާތައް އުފައްދާ ބޭނުންނޫން އެހެން ބޭނުމެއް އުފެއްދިދާނެތޯ، މިއީ، އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް. އެހެން ބަޔަކު ކޮށްފާނެތޯ؟ އެހެންވީމާ، ރަށްރަށަށް އައިސްފައި ހުންނަ ތަރައްޤީ، ރަށްރަށަށް ދިޔައިމާ އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑު މިތަނަށް މިއައީ ބުރުނީން ފުރައިގެން. ބުރުނީއަކީ ކުޑަކުޑަ ރަށެއް. ވަރަށް ކުޑަކުޑަ އާބާދީއެއް. އަދި އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދިރިއުޅެމުންދަނީ ބުރުނީގައި، އަނެއްބައި މިއުޅެނީ މާލޭގައި. ބުރުނީއަކީ އެގޮތުން މިކަހަލަ މަޝްރޫޢުތަކުން ހަމަ މުޅިން އެކަހެރިވެފައިއޮތް ރަށެއް. އެކަމަކު ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، ބުރުންޏަށް ބޭނުންވެފައިހުރި ކަންތައްތައްވެސް ހަމަ ފުއްދައިދިނީ މި ސަރުކާރުން. މިދެންނެވީ ވިލުފުށީގެ ވާހަކަ. ވިލުފުށްޓަކީ ހުރިހާ ގޮތަކުންވެސް ތ އަތޮޅުގައި މުހިންމު ރަށެއް. ސިޔާސީ ވިންދަށް ބެއްޔަސް، ތަޢުލީމަށް ބެއްޔަސް އަދި ޕާޓީތަކުގެ ފިކުރަށް ބެލިކަމުގައި ވީނަމަވެސް، ވިލުފުށްޓަކީ މުހިންމު ރަށެއް. އެކަމަކު ވިލުފުށްޓާ ދޭތެރޭ ކަންތައްތައް ކުރެވިފައިހުރިގޮތް އަޅުގަނޑު މިދެންނެވީ. އެހެންވީމާ، ވިލުފުށީގައި މީގެކުރިން މަޝްރޫޢަކަށް އެއްވެސް ހޭދައެއް ހިނގާފައެއް ނެތް. އެކަމަކު، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑު މިދަންނަވާލިހެން 129 މިލިއަން ރުފިޔާގެ މަޝްރޫޢު މިހާރުވެސް މިވަނީ މި ރަށަށް ހިނގާފައި. އަދި މަގު ހެދުމުގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، މިއީ ތަފާސް ހުރިގޮތް.

 

މިކަންކަމަށް ބިނާކޮށް، އަޅުގަނޑު ކުރީ ޖަލްސާއެއްގައި ދަންނަވާލިން، އެމް.ޑީ.ޕީ. އިން މަސައްކަތް ކުރައްވަމުން ގެންދެވިއިރު ރައްޔިތުން ހަމަ އެބޭފުޅުންނަށް ފުރުސަތުދިން. ރައްޔިތުންގެ އުންމީދުތަކެއް އޮތް. ހަމަ އޭގެތެރޭގައި އަޅުގަނޑުމެން ހަމަ ބަލަންތިބި މީހުންވެސް އަޅުގަނޑުމެންވެސް ހަމަ ވިސްނި ކަންތައްތަކެއް ހުރި. ސަރުކާރެއް، ޒަޢާމަތެއް ބަދަލުވެގެން ދިޔައިމާ ކަންކަންކުރާ ވައްޓަފާޅިއާ ކަންކަމުގައި އިސްކަންދޭ ތަރުތީބާ ބަދަލުވެގެން ދިޔައިމާ، ރަނގަޅު ކަމެއް، ރަނގަޅު ކަންތައްތަކެއް އަތުވެދާނެކަމަށް އިންތިޒާރުކުރި މީހުން މަދެއްނޫން. އެ އިންތިޒާރުތަކެއް ކޮށްގެން، އެމް.ޑީ.ޕީ.އަށް ވެރިކަން އެ ދިނީ. ހަމައެކަނި ޑިމޮކްރަސީގެ ވާހަކަ ދައްކައިގެނެއްނޫން. ބަދަލުތަކެއް އަންނަން ބޭނުންވީ. އަންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި، މައްސަލަތަކާއި، މަސައްކަތްތަކާއި، ކުރާ ސްޕީޑާއި ވައްޓަފާޅި ބަދަލުވާނެކަމަށް އުންމީދުކުރި. ރަށްރަށުގައި ބަނދަރު ހެދިގެންދާނެކަމަށް އުންމީދުކުރި. ރަށްރަށުގެ މަގުތައް ހެދިގެންދާނެކަމަށް އުންމީދުކުރި. ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމުތައް ބަދަލުވެގެންދާނެކަމަށް، މިޒަމާންވެގެން ދާނެކަމަށް ގަބޫލުކުރި. އެހެންވީމާ، އެކަހަލަ އުންމީދުތަކަކާއެކީ ރައްޔިތުން ދިން ވޯޓެއް. އެހެންވެގެން އަޅުގަނޑު ދެންނެވީ، ސަރުކާރަށް 5 އަހަރު ލިބިވަޑައިގަތޭ. އެބޭފުޅުން 3 އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުގެ ސްޕީޑަށް ބަލާކަމަށްވަންޏާ، އެ ސްޕީޑުން މިނާ ކަމަށްވަންޏާ، މި ސަރުކާރުން 5 އަހަރުގެ ތެރޭގައި އެބޭފުޅުން 18 އަހަރު ކުރާހާ މަސައްކަތް ކުރެވިއްޖެއޭ.

 

ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، މިއީ ދޮގުވާހަކައެއް ނޫން. މިއީ ދޮގެކޭ ނުބުނެވޭނެ. މި ރިފިއުޓެއް ނުކުރެވޭނެ. އެހެންނަމަވެސް، އެކަން ފޫބެއްދުމަށް، ކޮންމެވެސް ކަހަލަ ދަލީލުތަކެއް، ކޮންމެވެސް ކަހަލަ ވާހަކައެއް ދެއްކިދާނެ. ވިދާޅުވެވިދާނެ، ތިމަންނަމެންނަކަށް 5 އަހަރެއް ނުލިބުނޭ. ވިދާޅުވެވިދާނެ، ތިމަންނަމެން މަސައްކަތްކުރިއިރު ތިމަންނަމެންނަށް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުއްޓޭ. އަދިވެސް ވިދާޅުވެވިދާނެ، ތިމަންނަމެން މަސައްކަތަށް އައިއިރު ތިމަންނަމެން ހީކުރިގޮތަށް ސިވިލް ސަރވިސްއިން އެއްބާރުލުންވެސް ނުލިބޭކަމުގެ ވާހަކަ އޭރު އެބޭފުޅުން ދައްކަވަމުން ގެންދެވި. މިހުންނަނީ ހަމަ ހައްތަހާވެސް ކަންތައްތަކަށް ހުރި އެކްސްޕްލެނޭޝަން. އަޅުގަނޑެއް ކޮންމެހެން ނުދަންނަވާނަން މިއީ ބަހަނާއެކޭ. އެކަމަކު މި ހުރިހާ ދައްޗަކާއެކީ އޭރުވެސް މަސައްކަތްކުރަނީ، އަދި މިއަށްވުރެ އިތުރު ދައްޗާއެކީ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ.

 

ހަމަ މީގެވެސް ދަލީލީ މިސާލެއް އަޅުގަނޑު ދަންނަވާނަން. ދަރަނީގެ ވާހަކަ ދައްކާއިރު 2008 ވަނަ އަހަރު ނިމިގެން ދިޔައިރު ރައީސް މައުމޫނު ސަރުކާރުން ދެންއައި ބަޔަކަށް ދޫކުރައްވާފައިއޮތީ، މުޅި ޖުމްލަ 4000 މިލިއަން ރުފިޔާގެ ދަރަންޏެއް. ހަތަރެއް ޕޮއިންޓް ކޮންމެވެސް ބިލިއަން ރުފިޔާގެ ދަރަންޏެއް. އޭރުގެ ޖީ.ޑީ.ޕީ. އަދަދުތަކަށް ބަލާއިރު، ނޫނީ ރާއްޖޭގެ މުއްސަނދިކަމަށް ބަލާއިރު އެއީ، ބޮޑު ދަރަންޏެއް. އެ ދަރަންޏާއެކީ ދެންއައި ސަރުކާރުން މަސައްކަތް ފެށީ. އެހެންވީމާ، ދަތިތަކެއް ހުންނާނެކަން އަޅުގަނޑު ޤަބޫލުކުރަން. އެކަމަކު އޭރު 4000 މިލިއަން ރުފިޔާގެ ދަރަންޏަކީ ދަތިކަމަށްވަންޏާ، އަޅުގަނޑު މިއަދު މި ދަންނަވާލާ ފިގަރއަކީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތްފެށީ، 29,000 މިލިއަން ރުފިޔާގެ ދަރަންޏާއެކީ. އޭރު އޮތް ދަރަނީގެ 700 ޕަސެންޓު އިތުރު ދަރަންޏާއެކީ. އޭރު އޮތް ދަރަންޏަކީ، 4000 މިލިއަން ކަމަށްވަންޏާ، އަޅުގަނޑުމެން ފެށީ 29,000 މިލިއަނުގެ ދަރަނިން، އެއީ ހަތް ގުނަ. އެހެންވީމާ, ދަތި ހުރޭ ކޮންމެ ބަޔަކަށްވެސް. އަދި އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ، އޭރު ކަންތައްތައް ހިނގާދިޔަގޮތުން އަޅުގަނޑުމެން ބޭރުފައިސާ ހޯދަން ކުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފަނުފުލުން ޙަޤީޤަތުގައި ދިޔައީ. ދެންމެ ރިޔާޒު ވަރަށް ތަފްޞީލުކޮށް ބައެއް ކުންފުނިތަކާ ދޭތެރޭ ކަންތައްތައް ކުރެވުނުގޮތުގެ ވާހަކަ އެ ވިދާޅުވީ.

 

ނަތީޖާއަކަށް ވީ ކިހިނެއްތޯ؟ އޭރު ހަމަ ވަރަށް ގިނަ ފަރާތްތަކުން ދައްކަމުން ދިޔައީ، ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް އެކުދިންގެ ޑެބިޓް ކާޑަކުންވެސް ފައިސާކޮޅެއް ނުލިބެއޭ، ޑޮލަރު ގަންނާކަށް ފައިސާއެއް ނުލިބެއޭ، ބޭރަށް ދާން ބޭނުންވާ މީހުންނަކަށް ފައިސާއެއް ނުލިބެއޭ. ގައިމު މި މައްސަލަ ބޮޑުވެގެން ދިޔައިމާ ދޮގެއްތޯ، ކޮންމެ ޑޮލަރެއްގެ ފާރަވެރިއަކަށް ފުލުހަކު ބަހައްޓަން އޭރުގެ ސަރުކާރުން ނިންމީ. އެކަމަކު މިއަދު އަޅުގަނޑުމެން އެވާހަކައެއް ނުދައްކަމުނޫންތޯ. އެހެންވީމާ، ގޮންޖެހުންތަކަކާއި، ދަރަނިތަކަކާއި، އަދި މީހުންގެ ފިކުރަށް އައިއްސަ ހުރި ބަދަލުތަކާ، ރަށްރަށުގައި ކަންކަން ކުރުމުގެ ދަތިހުރި ކަންކަން ތިޔަބޭފުޅުންގެ ކައުންސިލް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ވަރަށް ގިނަ ކައުންސިލްތަކުން އެބަހުރި. ދެން ވިލުފުށީގައި އަޅުގަނޑުމެން މި ފެނިގެން މިދަނީ، މިކަންކަމުގައި އެހީތެރިވެވަޑައިގަތުމުގެ ހަމަ ނަމޫނާ ކައުންސިލެއް. އަޅުގަނޑު ޤަބޫލުކުރަން.

 

އެކަމަކު، އެހެން ބައެއް ތަންތަނުގައި އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. ޒުވާނުންނަށް އެންމެ ބޭނުންވެގެންދަނީ ފުޓްސަލް ދަނޑުކަމުގައި ވަންޏާ ފުޓްސަލް ދަނޑުތައް އެޅުމުގެ އެންމެ ބޮޑެތި މައްސަލަތައް ދިމާވެފައިހުރީ، ފުޓްސަލް ދަނޑުތައް އަޅަން ބޭނުންވާ ބިން ކަނޑާފައި ނުދިނީމާ. އެތަކެއް މަސްތަކެއް ސަރުކާރުން ހޭދަކުރި، ބައެއް ރަށްރަށުގެ ކައުންސިލުން ބިން ނުދައްކައިގެން. އެކަމަކު މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން ނުކުމެވަޑައިގެން ވިދާޅުވާއިރު ވިދާޅުވާނެ، ޒުވާނުންނަށް ރައީސް ޔާމީނު ވީ އެތައް ވަޢުދެއް އެހެރީ ނުފުދިއޭ. ޒުވާން، ވަޢުދު، މި ދެލަފްޒު ގުޅުވައިގެން ކިޔަންވެސް މި އެނގުނީ، ރައީސް ޔާމީނުގެ މެނިފެސްޓޯގައި ޒުވާނުންނަށް ޖާގަ ދިނީމަ. ޒުވާނުންނާ ހަމައަށް ދިޔައިމަ. އެހެންނޫންނަމަ އޭގެ ކުރީގެ ބޭފުޅުން ޒުވާނުންނާއި ވަޢުދާ ގުޅުވައިގެން ކަންތައްތަކެއް ހުރިނަމަ، އަޅުގަނޑުމެން މިއަދު މިބުނާހެން ޒުވާނުންނަށް އޭގެކުރީ ސަރުކާރުން މި ކުރި ވަޢުދުތަކުގެ ތެރެއިން ނުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންމަތިވާނެ.

 

އެހެންވީމާ، ޒުވާނުންނަށް މިއަދު އެބަ އުންމީދު ކުރެވޭ. ޒުވާނުންނަށް ބޭނުންވާ އެންމެ މުހިންމުކަމަކީ، ޙަޤީޤަތުގައި ޒުވާނުން ތަނަވަސްކަމާއެކީގައި އުޅެވޭނެ ގޮތެއް. އާމްދަނީ ލިބޭ، އާމްދަނީ އިތުރުވާނެ ގޮތެއް، ނޫނިއްޔާ އަމުދުން އާމްދަނީއެއް ލިބޭނެ ގޮތެއް. ގައިމު ކަމެއްވީމަ ދޮގެއްތޯ މިހާރު ސަރުކާރުން ވަޒީފާއެއް ހުސްވެގެން، ސިވިލް ސަރވިސްއިން އިޢުލާނު ކުރީމާ، ނޫނީ އެހެންވެސް ވަޒީފާއަކަށް ކުންފުންޏަކުން އިޢުލާނު ކުރީމާ އެންމެ ވަޒީފާއަކަށް 80 ވަރަކަށް ކުދިން ވެއިޓްލިސްޓު ކޮށްގެން އިންޓަރވިޔުއަށްދާނީ، ވަޒީފާ ބޭނުންވާތީ ދޮގެއްތޯ. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން 94 ހާސް ވަޒީފާ އުފައްދާނަމޭ. އަޅުގަނޑުމެންގެ ތަފާސް ދައްކާގޮތުންވިއްޔާ މިހާރުވެސް ގާތްގަނޑަކަށް 76 ހާހަށްވުރެ މަތިން ވަޒީފާ އުފެއްދިއްޖެ. އަދި އޭގެ ނަތީޖާވެސް ރަނގަޅު. އެ ހުރިހާ ކަމަކާއެކީވެސް އަދިވެސް ވަޒީފާ ބޭނުންވާ ޒުވާނުން އެބަތިބި. އެހެންވީމާ، ޒުވާނުންނަށް އަޅާލައިގެން ޒުވާނުންނަށް އެންމެ އިސްކަމެއްދިނީ، އަޅުގަނޑުމެންގެ ސަރުކާރުން. އެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދިނީ ވަޒީފާ އުފައްދަން.

 

މިއަދުވެސް، 23 ގައި ނަގާ ވޯޓުން ފެށިގެން އަންނަން އޮންނަ ސަރުކާރެއްގައި އެ ސަރުކާރަކީ އަޅުގަނޑުމެންގެ ސަރުކާރަކަށް ވެއްޖެކަމަށް ވަންޏާ އަދިވެސް އެންމެ އިސްކަން މި ދެނީ ހަމަ ޒުވާނުންނަށް. ޒުވާނުންނަށް ވަޒީފާ އުފައްދައިދިނުމާއި، ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމާއެކީ ޒުވާނުންނަށް ބޭނުންވާ އެހެން ކަންތައްތައް އިތުރުކުރުން. އެއިން އެއަންނަނީ، މުޅި ރާއްޖެއަށް އަންނަ ތަރައްޤީ. އަޅުގަނޑުމެންގެ ލޮލުގެ ވިންދު ހުރިކަމަށްވަންޏާ އަޅުގަނޑުމެންނަށް ފެންނަކަމަށްވަންޏާ، އަޅުގަނޑުމެން ދެކެން ބޭނުންކަމަށްވަންޏާ، ރަށްރަށަށް އަންނަ ތަރައްޤީ އަޅުގަނޑުމެންނަށް ފެންނަންވާނެ. އަދި ޒުވާނުންނަށް ބޭނުންވެފައި ހުރިކަންކަން ފުދިގެންދާ މިންވަރު އަޅުގަނޑުމެންނަށް ފެންނާތީ، ޒުވާނުންނަށް ބޭނުންވާ ބައެއް ކަންތައްތައް ނުކުރެވި ހުރި ވާހަކަ އިދިކޮޅު ފަރާތްތަކުން އެދައްކަވަނީ.

 

އެކަމަކު މީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައި ހުރީމަ ކީއްތޯއޭވާނީ އެކަންތައްތައް ކޮށްދެވިފައިހުރި ވާހަކަ ވިދާޅުވެފައި، އެހެންނަމަވެސް އަދި އެބަހުއްޓޭ ޒުވާނުންނަށް ބައެއް ކަންކަން ނުވެ. މިރަށުގައި ފުޓްސަލް ދަނޑެއް ނެތިގެންތޯ މިއުޅެނީ. މިރަށުގައި ޓަރފް ދަނޑެއް އެބަ އެޅޭ. އެއީ، އަޅުގަނޑުމެން ވެފައި އޮތް ވަޢުދެއް. އަޅުގަނޑުމެން ކޮށްދޭނަމޭ، ދެންމެ ރިޔާޒުވެސް އެވާހަކަ ވިދާޅުވި. އަދި އިތުރު ފުޓްސަލް ދަނޑެއް އަޅާނަމޭ. މީގެކުރީގައި މި ސަރުކާރު އައުމުގެ ކުރިން، މުޅި ރާއްޖޭގައި ކިތައް ފުޓްސަލް ދަނޑުތޯ އޮތީ.

 

ދާދިފަހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި، ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އެކަން އިޢުލާނު ކުރެއްވި. މިއަދު މި ދައްކަނީ ރަށެއްގައި އެންމެ ފުޓްސަލް ދަނޑެއް އަޅާ ވާހަކައެއް ނޫން. މިއަދު މިދައްކަނީ ރަށެއްގައި އެތައް ބައިވަރު ފުޓްސަލް ދަނޑެއް އަޅާ ވާހަކަ. އަޅުގަނޑުމެންގެ އުންމީދުތަކާ ގުޅިފައި މިހުރީ މިތަންތަނަށް މި ލައިދެވޭ އިންފްރާސްޓްރަކްޗަރުގެ އަލީގައި، އޭގެ ބޭނުން ހިފައިގެން އިތުރަށް އާމްދަނީ ހޯދާނެ ގޮތްގޮތް. މިއޮތްހާ ދުވަސް މި ދިޔައީ، މިތާ ކައިރީގައި ދޫކޮށްފައި އޮތް ކަޅުފަހަލަފުށި. އެއިން ވިލުފުށީގެ ރައްޔިތުންނަށް ވީ ފައިދާއެއް ނެތް. އެ ރަށްރަށެއް ނުއެއް ހެދުނު. އެ ރަށްރަށް ހެދިފައި އޮތްނަމަ ވަޒީފާގެ ފުރުސަތު ވިލުފުށީގެ ޒުވާނުންނަށް ލިބިގެން ދިޔައީސް. އަދި ވިލުފުށީގެ އިޤްތިޞާދު ތަރައްޤީވެގެން ދިޔައީސް.

 

އެކަމަކު މިކަހަލަ ކަންކަން ޤާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ނިންމީމާ އެއީ، ރައްޔިތުންގެ ޙައްޤުގައި ނިންމާ ކަންތައްތައް. އަޅުގަނޑަށްވެސް ވަރަށް ފަސޭހަވީސް، ހަމަ ކަޅުފަހަލައާ ދޭތެރޭގައިވެސް ހަމަ އަޅާނުލައި ބާއްވަން. އެކަމަކު އަޅުގަނޑުމެން ރިޒޯޓުހަދަން މި ރަށްރަށް މި ދޫކުރަނީ، ހަމައެކަނި ސަރުކާރުގެ މާލިއްޔާއަށް ފައިސާ ހޯދާކަށެއް ނޫން. އެއިން އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކަށްވަނީ، އެ ރަށެއް ހިމެނޭ ސަރަޙައްދު ތަރައްޤީ ވެގެންދިޔުން. އެރަށެއް ހިމެނޭ ސަރަޙައްދުގެ މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދިޔުން. އަދި މިހުރިހާ ތަންތަނެއްގައި އެއަރޕޯޓު އަޅަމުންދާއިރު އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ އުންމީދުތަކެއްވެސް ވާނެކަން، އެއަރޕޯޓާ ދޭތެރޭގައިވެސް. އެއީ، ތިމަރަފުށްޓަކީ ވަރަށް ދުރުގައި އޮތް ރަށެއް. އެކަމަކުވެސް ތިޔަބޭފުޅުންވެސް އެކަން ވިސްނާވަޑައިގަތިއްޔާ ދޮގެއްތޯ އެކަންވާނީ. އެކަމަށް މަސައްކަތް ކުރެއްވިއްޔާ ދޮގެއްތޯ އެކަންވާނީ. 23ގެ ވޯޓަކީވެސް، މާ ދުރުގައި އޮތް ވޯޓެއް ނޫން. ކީއްތޯ ވާނީ ދެންމެ ވިލުފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މަތިންދާބޯޓެއްގެ މޮޑެލްއެއް ދިންނަމަ. އޭރަށް އަޅުގަނޑު ހަނދާންވާނެ މަތިންދާބޯޓެއް މިތާ ޖެއްސޭނީ ރަންވޭއެއް އަޅައިގެންކަން. އެކަމަކު އޭގެ ބަދަލުގައި އަނެއްކާވެސް ތިޔަ ދެއްވީ ކަނޑުމަގުން ދުއްވާ ކުޑަކުޑަ ދޯންޏެއް. އެހެންވީމާ، އޭގެ ބަދަލުގައި މަތިންދާބޯޓެއްގެ މޮޑެލް ދެއްވިނަމަ، އަޅުގަނޑު އޮފީހުގައި ފެންނަން ހުންނާނެ، އަޅުގަނޑު އަބަދުވެސް ހަނދާންވާނެ ވިލުފުށީދާއިރާއަށް އެއަރޕޯޓެއް އަންނަން ޖެހޭކަން.

 

އެހެންވީމާ، އުންމީދު ހެޔޮ ކުރައްވާ. އުންމީދުތައް ފުއްދައިދެވޭވަރުގެ ކެޕޭސިޓީ މީގެކުރީގައި ދައްކާފައި ހުރި މީހަކާ އެކީގައި އުންމީދު އެކުލެވޭނީ. އެއީ، އަޅުގަނޑުވެސް ރިޔާޒުވެސް މި ދަންނަވާ ވާހަކައަކީ. ރަށްރަށަށް އަންނަ ތަރައްޤީއާ ދޭތެރޭގައި ވިސްނަވާށޭ. އަޅުގަނޑުމެން ނުދަންނަވަން، އަޅުގަނޑުމެންގެ ޕާޓީއަށް ހުރިހާ މީހުން ވަންނަން ޖެހޭނެއެކޭ. އެކަމަކު އަޅުގަނޑުމެން މި ދަންނަވަނީ، ރަށްރަށަށް އަންނަ ތަރައްޤީއާއި މުޅި ރާއްޖެއަށް އަންނަ ތަރައްޤީގައި ހިއްސާދާރުންގެ ގޮތުގައި ހުރިހާ ރައްޔިތުންވާށޭ. އެކަހަލަ ވޯޓެއް 23 ސެޕްޓެންބަރުގައި މިނަގަނީ. އެކަހަލަ ވޯޓެއް މި ނަގަނީ. އެ ނަގަނީ ޤައުމީ ވޯޓެއް. އެ ނަގަނީ އަޅުގަނޑުމެންގެ މުޅި ޤައުމުގެ ނައު މިޞްރާބު ހިފާނެ ދިމާއަށް ނަގާނެ ވޯޓެއް. އަޅުގަނޑުމެން ބޭނުންވަނީ އެ ނައު، ގާދޫކޮލުން ބޭރަށް ނިކުމެގެން ދާނެނުދާނެ ދިމާއަކަށް ދޫކޮށްލާކަށެއް ނޫން ބޭނުންވަނީކީ. އަޅުގަނޑު ބޭނުންވަނީ، މިރަށްރަށަށް ބޭނުންވާ ތަރައްޤީ.

 

އެހެންވީމާ، ޒުވާނުންނަށް ކަންކަން ކޮށްނުދެވޭކަމަށް ވިދާޅުވާއިރު މިއީ މިކަންކަން އޮތްގޮތް. މި ސަރުކާރުން ދޮގެއްތޯ ޒުވާނުން އެކި ފަންނުތަކުގައި ތިބި މީހުންނަށް ލޯނު ސްކީމްތަކެއް ތަޢާރަފު ކޮށްގެން މިއުޅެނީ. އަދިވެސް އަޅުގަނޑުމެންނަށް ލިބޭ ފައިސާ މަދުވީމަ 'ގެޓްސެޓް' ލޯނު ސްކީމަށް ދޫކުރެވޭ ލޯނުގެ ޢަދަދު މަދުވެގެން ދަނީ. އެހެންނަމަވެސް، ދެބުރަށް، ތިންބުރަށް 'ގެޓްސެޓް' ލޯނުގެ ފުރުސަތުވެސް އަޅުގަނޑުމެން ހުޅުވާލައިފީމު. ދަނޑުވެރިކަމުގެ ދާއިރާއަށް ދަނޑުވެރިންނަށް، މަސްވެރިކަމުގެ ދާއިރާއަށް ޒުވާން މަސްވެރިންނަށް މިފުރުސަތު ހުޅުވާލައިފީމު.

 

އެކަމަކު، އިދިކޮޅު ބޭފުޅުންނަށް ވިދާޅުވެވެން އޮންނަނީ އަދިވެސް އެލިބޭ ވަރު މަދިއްޔޭ. އެކަމަކު ކީއްތޯވާނީ އެބޭފުޅުން ތިއްބެވިއިރު، ގިނައިން ދެއްވަން ބޭނުންފުޅުވިއިރު، އެ ސްކީމް ތަޢާރުފު ކުރެއްވިނަމަ. އެ ސްކީމް ތަޢާރުފުވެސް މިވީ، ރައީސް ޔާމީނާ ގުޅިގެން. އެހެންވީމާ، ޒުވާނުންގެ އުންމީދުތައް، ހަމަކަނޑައެޅިގެން މިހިރީ ރައީސް ޔާމީނާ އެކީކަން އެބަ އެނގޭ. ޒުވާނުންނަކީ އުޅޭ ބައެއްކަން، ޒުވާނުންނަކީ ކަންކަން ބޭނުންވާނޭ ބައެއްކަން އެނގިގެން މިދިޔައީ، ރައީސް ޔާމީން 2013ގައި މެނިފެސްޓޯއެއް އިޢުލާނުކުރި ހިސާބުން.

 

މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އަޅުގަނޑުމެން ހިންގަވަބައްލަވާ ބަލައިލަމާ. ހަމަ ކަންތައްތައް އަޅުގަނޑުމެންނަށް އެބަ ފެނޭތޯ. އެވިދާޅުވާގޮތަށް ޖަޒީރާއެއްގައި ކަންތައްތައް ކުރަން، ޤުދުރަތީގޮތުން އެތަނުގެ ޤުދުރަތީ ވެށި އެގޮތަށް ބާއްވާކަމަށްވަންޏާ އަޅުގަނޑުމެން ކައިރީ ވިދާޅުވޭ، އެއްވެސް ރަށެއްގައި މަގުގައި ތާރެއް ނާޅާނެއޭ. ކީއްތޯވާނީ ހަމަ ހިރަފުސް މަގުތަކުގައި ހިނގާލާފައި އުޅުނިއްޔާ. ޖަޒީރާއަކާ އެންމެ ގުޅެނީ އެކަން ނޫންތޯ. ގޮނޑުދޮށްތައް ހިމާޔަތްކުރާކަށް އަޅުގަނޑުމެން ކަމެއް ނުކުރާނެ. ހަމަ އެއްކޮޅުން ރާޅު އަރާފައި، ވޮޑޭނެ. އަނެއްކާ ވެލިގަނޑު ހިފައިގެންދާނެ. މިއީ ނޫންތޯ އަޅުގަނޑުމެންގެ ޤުދުރަތީގޮތުން އަޅުގަނޑުމެންގެ ރަށްރަށް ހުރިއިރު، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މިރަށްރަށް ގެނައިއިރު އަޅުގަނޑުމެންގެ ކަންތައްތައް ހުރީ މިގޮތަށް ނޫންތޯ. ޤުދުރަތީގޮތުން ޖަޒީރާގެ، އެ އެންވަޔަރަންމަންޓްގެ ޖަޒީރާ ތަރައްޤީވާން ދޫކޮށްލާ ކަމަށްވަންޏާ މިކަންކަންވާނެ. އެކަމަކު ކަނޑައެޅިގެން ރަށްރަށަށް ބޭނުންވެފައިހުރި ދަތިތައް ރަށްރަށުގެ ބީޗް އިރޯޑުވެގެންދާތީ، ނޫނީ ގޮނޑުދޮށްތައް ހަލާކުވެގެންދާތީ، ނޫނީ ރަށުން ބައެއް ހިފައިގެންދާކަން އަޅުގަނޑުމެންނަށް 2004ގެ ސުނާމީން ހަމަގައިމު މިރަށް އިޙްސާސް ކޮށްފި. އެހެންވީމާ، ކިހިނެއްތޯ ޖަޒީރާއެއްގެގޮތަށް އެގޮތަށް ބާއްވަން އަޅުގަނޑުމެންނަށް ވާނެގޮތެއްވާން ދޫކޮށްލެވޭނީ. ﷲގެ ރަޙްމަތް ތަނަވަސްވާނެ، ﷲގެ އިރާދުފުޅާއެކު ކޮންމެ ކަމެއްވެސް ވާނީ. އެކަމަކު އަޅުގަނޑުމެން ޖެހޭނެ އަޅުގަނޑުމެންގެ ވިސްނުން ތަންދިން އެންމެ ފުންމިނަކުން ވިސްނާފައި އެރަށްރަށަށް އަޅުގަނޑުމެން ބޭނުންވާ ޙިމާޔަތް ގެންނަންވާނެ.

 

އެހެންވީމާ، މިދެންނެވި ކަހަލަ ކަންތައްތަކާއެކީ ތަރައްޤީ ކުރިއަށް ދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭނީ، އަޅުގަނޑުމެން ރައުސްމާލު އުފައްދަން. އެ އުފެދޭ ރައުސްމާލަކުން އިތުރު އާމްދަނީ ހޯދަން. ރައުސްމާލުތަކެއް ސަރުކާރުން އުފައްދައިފި. ކުންފުނިތަކެއް ނެތި ދިޔަ ވާހަކަ ރިޔާޒް އެވިދާޅުވީ. އެއީ، ޙަޤީގަތް. އެއަކާ ދެބަސް ވެވޭނެ ވާހަކައެއް ނޯންނާނެ. އެކަމަކު، އެކަން ކުރަން ޖެހުނު ސަބަބު، އެކި ބޭފުޅުން އެކިގޮތަށް ވިދާޅުވެދާނެ.

 

އެކަމަކު މިއަދުވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ  އެއަރޕޯޓު އެވަނީ ވިއްކާލާފައި. އަދި އަޅުގަނޑު ދަންނަވާނީ، ވިއްކާލާފައިވަނީ ނުއަގުގައޭ. 78 މިލިއަން ޑޮލަރަށް އެވަރުގެ އެއަރޕޯޓެއް ވިއްކައެއް ނުލާނެ. އަދި އެއީކީ އަޅުގަނޑުމެން ކުރުން ހެޔޮވާވަރުގެ ކަމެއްވެސް ނޫން. އަޅުގަނޑުމެންނަށް އެއްކޮޅުން މިއަދުވެސް މިއަޑު އިވެނީ، ދެންމެ ރިޔާޒު ވިދާޅުވީމާ، އަޅުގަނޑު މިދަންނަވަނީ، ޤައުމީ ޝިޕިންގ ލައިނެއް އުފައްދާނަމޭ. ޤައުމީ ޝިޕިންގ ލައިނެއް އުފައްދާ ވާހަކަ ދައްކާކަމަށްވަންޏާ، އެ ދެއްކެނީ، ހަމަ ވަރަށް ޤައުމީ ވާހަކައެއް. ކަނޑުދަތުރުފަތުރު ކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ޤައުމީ ޝިޕިންގ ލައިނެއް އޮންނަން. ދެން މިއަދު ކުރާ ސުވާލު. ކަނޑުދަތުރުފަތުރަށްތޯ މިއަދު މި އިސްކަން މި ލިބެނީ. އަޅުގަނޑުމެންގެ އެންމެބޮޑު ޞިނާޢަތަކީ ޓޫރިޒަމްގެ ޞިނާޢަތް. ނޫނިއްޔާ އަޅުގަނޑުމެން އިސްކަން މިދެނީ، ވައިގެ ދަތުރުފަތުރަށްތޯ؟ ހަމަގައިމުވެސް، ކަނޑުގެ ނިޒާމުން ދަތުރުފަތުރުކުރި ހަނދާން، އަޅުގަނޑުމެންނަށް މާޒީވެ ހިނގައްޖެ. އެވިދާޅުވި ދަތުރުފަތުރުގެ ނިޒާމު ވީ ހިސާބެއްވެސް މިހާރަކު ނޭނގޭ.

 

އެހެންވީމާ، ނޭޝަނަލް ޝިޕިންގ ލައިނެއް އުފައްދާ ވާހަކަދައްކާއިރު އަޅުގަނޑުމެން ހިތަށްއަރާ އަޅުގަނޑުމެންގެ ވިސްނުން މިއުޅެނީ ހާދަ ފަހަތުގައޭ. ނޭޝަނަލް ޝިޕިންގ ލައިނެއް އުފައްދާއިރު، އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެންގެ އަތުގައި އޮތް ޤައުމީ އެއަރލައިންގެ އެންމެ މުހިންމުކަމަކީ، އެއަރޕޯޓެއް ހެދުން. ޤައުމީ އެއަރލައިން ވިއްކާލަންއޮތީ ނިންމާފައި. އެއަރޕޯޓް އެއޮތީ ވިއްކާލާފައި. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މިއިވެނީ ޝިޕިންގ ލައިނެއް، ޤައުމީ ޝިޕިންގ ލައިނެއް އޮންނަ ވާހަކަ. އެހެންވީމާ، ވިސްނުމުން ވިދާޅުވޭ ކިހިނެއްތޯ މިވާހަކަ ދެކޮޅު ޖައްސާނީ. ޤައުމީ ޝިޕިންގ ލައިނެއް އޮންނަންޖެހޭނީ، ޤައުމީވަންތަ ސިފަތަކެއް ހުރެގެން، ޤައުމުގެ ރިސޯސެއް އުފައްދަން. އެކަމަކު ޤައުމުގެ އެއަށްވުރެ މުހިންމު ޞިނާޢަތަކާގުޅޭ، މުޅި ޞިނާޢަތް އެކަމަކަށް ޑިޕެންޑްވެފައި އޮންނަކަމެއް އަޅުގަނޑުމެންގެ އެއަރޕޯޓް. އެއަރޕޯޓް އޭރު ވިއްކާލިއިރު ޤައުމީ އެއަރޕޯޓެއްގޮތުގައި އޮންނަންޖެހޭނޭކަމަށް ޤަބޫލެއް ނުކުރެވުނޭ. އަދި އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތަކަށް އައިލެންޑް އޭވިއޭޝަން އޮވެގެން ދިޔައިރު، އެކުންފުނި ވިއްކާލަން ނިންމާފައި އޮތްއިރު، އަޅުގަނޑުމެންގެ ޚިޔާލަކަށް ނައޭ އަޅުގަނޑުމެންގެ ޑޮމެސްޓިކް ޤައުމީ އެއަރލައިނެއް އޮންނަން ޖެހޭކަމެއް. އެހުރިހާކަމެއް ގޮއްސަ މިއަދު މިދައްކަނީ ޤައުމީ ޝިޕިންގ ލައިނެއްގެ ވާހަކަ. އެހެންވީމާ މިދަންނަވަނީ، މިކަހަލަ ވާހަކައެއް ދެކޮޅެއް ނުޖެހެޔޭ.

 

މުދަލެއް އުފައްދަނީ، އެމުދަލުން އިތުރު ނަފާ ހޯދަން. ޤައުމީ އެއަރޕޯޓް ވިއްކާލީ، ނޫނިއްޔާ ޖީ.އެމް.އާރަށް އަޅުގަނޑުމެންގެ އެއަރޕޯޓް ވިއްކާލި ވާހަކަ ދެއްކީމާ، މިއަދު އަޅުގަނޑުމެންނަށް ލިބެނީ ކޮން ޖަވާބެއްތޯ؟ މިއަދު އޭގެ އިސްބޭބޭފުޅުން އިތުރަށް އެބަ ވިދާޅުވޭ، ތިމަންނަމެންގެ ވިސްނުމުގައި، ފައިދާނުވާ ތަނެއް މެނޭޖްކުރުމަށްވުރެ ރަނގަޅީ ބޭރު ބަޔަކަށް ދީގެން، އަތުން ފައިސާއެއް ނުލައި، ދަރަންޏެއް ނެތި އެތަން ހިންގުމޭ. އެހެންވީމާ، އޭގެ މާނައަކީ، އަޅުގަނޑުމެންގެ އަތަކު ނެތެއް ނޫންތޯ ކެޕޭސިޓީއެއް. އެބޭފުޅުން އަމިއްލަފުޅަށް އެ އިޢުތިރާފުވަނީ، މިކަހަލަ ކުންފުންޏެއް ހިންގާނޭ ކެޕޭސިޓީއެއް އެބޭފުޅުންގެ ތެރޭގައި ނެތްކަމަށް، އަދި އެ ކެޕޭސިޓީ ނުވެސް ހުންނާނެކަމަށް. އެހެން އެބޭފުޅުން ވިސްނަވާކަމަށްވަންޏާ ރާއްޖޭގައި އުފެދިފައި މިހިރަ ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއް ވިއްކާލަންވީނޫންތޯ. އެއީ، އެތަންތަނުން ފައިދާއެއް ނުލިބިދާނެކަމަށް ވިސްނާފައި، އެއަށްވުރެ ރަނގަޅުވާނެއޭ އެތަންތަނުން އަތުން ލާރިއެއްނުގޮސް، އެތަންތަނުން އާމްދަނީއެއް ލިބޭނެގޮތް ހެދިއްޔާ.

 

އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދެއްތޯ އަޅުގަނޑުމެންގެ އެއަރޕޯޓް ބޭރުބަޔަކަށް ވިއްކާލީމާ ވީގޮތް. އެއަރޕޯޓް ވިއްކާލީމާ ދެންމެ ރިޔާޒް އެވިދާޅުވިގޮތަށް، ވަގުތީ ފައިދާއެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަތުންއަތަށް އޭރު ބަދަލުވެގެންދިޔަކަންނޭނގެ 78 މިލިއަނެއްހާ ޑޮލަރު. އެ ޑޮލަރުން އަޅުނގަނޑުމެންނަށް އިންވެސްޓްމަންޓެއް ކުރެވުނުތޯ؟ އެ ޑޮލަރުން އަޅުގަނޑުމެންނަށް ނަފާ ލިބޭ، ދާއިމަށް ނަފާ ލިބޭ ކަމެއް ކުރެވުނުތޯ؟ ނެތެއްނޫންތޯ ކުރެވިފައެއް. އެ ލާރިކޮޅުން އަޅުގަނޑުމެން ކުރީ ކީއްތޯ؟ އަޅުގަނޑުމެންގެ ހުރި ރިކަރަންޓް ޚަރަދު، ރިކަރަންޓް ޚަރަދުކޮށް އެ ފައިސާކޮޅު ހުސްވީ. ދެން ކޮބައިތޯ އެއަރޕޯޓް. އެ އެއަރޕޯޓް ނެތްނަމަ، ރާއްޖޭގެ އެކި ހިސާބުގައި އަޅުގަނޑުމެން ޑޮމެސްޓިކް އެއަރޕޯޓް އެޅުމުގެ ވާހަކަ ދައްކާނަންތޯ. އެ އެއަރޕޯޓް ނެތްނަމަ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީ އުފުލައިލާނެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭނެތޯ.  އެ އެއަރޕޯޓް އަނބުރާ އަޅުގަނޑުމެން ހޯދީމާ، އަޅުގަނޑުމެންނަށް މިކަންކަން މިކުރެވިގެން މިދަނީ.

 

ވިޔަފާރި ކިހާ ރަނގަޅުވީމަތާ ސަރުކާރުން ހިއްސާވެގެން 30 އެތައް އަހަރެއްގައި ކޮށްފައިއޮތް މަސައްކަތެއް، އެތައް މިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓް އޮތްތަނެއް އަޅުގަނޑުމެންނަށް ވިއްކާލަން މިއެނގުނީ، އެންމެ 78 މިލިއަން ޑޮލަރަށް. މިއަދު ހަދާ އާދައިގެ ރިޒޯޓެއްވެސް 78 މިލިއަން ޑޮލަރަށްވުރެ އަގު ބޮޑުވާނެ. އެކަމަކު އެއޮއްބޮޑު އެއަރޕޯޓް 78 މިލިއަން ޑޮލަރަށް ވިއްކާލީ. އޭގެ އަގު އަޅުގަނޑުމެންނަށް އިޙްސާސްކުރެވިގެން މިދިޔައީ އެއަރޕޯޓް އަނބުރާ ހޯދަންކުރި މަސައްކަތުގައި. 320 މިލިއަން ޑޮލަރު ހޭދަކޮށްފީމު. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް ތަރައްޤީކޮށްފައި އޮތް އެއަރޕޯޓެއް 78 މިލިއަން ޑޮލަރަށް ވިއްކާލާފައި، އަނބުރާ ހޯދަން 320 މިލިއަން ޑޮލަރު އަޅުގަނޑުމެން ޚަރަދު ކޮށްފީމު. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި ރަނގަޅު ވިޔަފާރިއެއް މިއޮތީ ކުރެވިފައި.

 

އެހެންވީމާ ވިޔަފާރިވެސް ކުރެވޭނީ ވިޔަފާރިކުރުމުގެ ޚިޔާލު ހުރެގެން. ވިޔަފާރީގެ ފައިދާއާ ގެއްލުންވާގޮތް އެނގުނީމާ. އޭގެ ބައެއް މިސާލު ދެންމެ ރިޔާޒްގެ ވާހަކަފުޅުގައި އެ ގެންނެވީ. އެހެންވީމާ، ދައުލަތުން މިކަހަލަ ހަރު މުދާ އުފައްދަނީ، އެއިން ނަފާ ހޯދަން. ވިލުފުށީގެ ރައްޔިތުންވެސް، ވިލުފުށްޓަށް ލިބޭ ފައިދާ، ބަނދަރެއް ހެދުނަސް، މަގު ހެދުނަސް، އަދި މިތާ ކައިރިއަށް ޓޫރިޒަމް އަޔަސް، އަޅުގަނޑުމެން އޭގެ ފައިދާ ހޯދަން މަސައްކަތް ކުރަންވާނެ. އެއީ، އުންމީދާއެކީ ކުރިއަށްދިޔުން. އެހެންވީމާ، އަޅުގަނޑުމެންނެއް ނުދައްކާނެ އިޤްތިޞާދީ ފައިދާއެއް ނެތްވާހަކައެއް. އަޅުގަނޑުމެންގެ މުޅި މެނިފެސްޓޯގެ މައިގަނޑު އަމާޒު އެ އޮތީ އިޤްތިޞާދީ ނަފާ ހޯދުމަށް. މުޅި މެނިފެސްޓޯގެ މައިގަނޑު އަމާޒު އެ އޮތީ، އިޤްތިޞާދީ ނަފާގެ އަހުލުވެރިންނަކީ ޙަޤީޤަތުގައި، ދިވެހި ޒުވާނުންނަށް ހެދުމަށް އޮތް މެނިފެސްޓޯއެއް އެއޮތީ.

 

އެހެންވީމާ ދެން މި މެނިފެސްޓޯގައި އަޅުގަނޑުމެން މިކަންކަން ކުރަމުންދާއިރު ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ކޮންމެ ރަށެއްގައިވެސް ހުރެދާނެކަންނޭނގެ، މަސައްކަތް ހިނގަމުންދާ ކޮންމެވެސް މަޝްރޫޢެއް. އެހެންވާނެ ދޮގެއްތޯ؟ އަޅުގަނޑުމެން މިއަދުވެސް ބުނާނަން، ކޮންމެ ރަށެއްގައިވެސް އެވްރެޖްކޮށް ގާތްގަނޑަކަށް ދެ މަޝްރޫޢު ނުހިނގާ ރަށެށް ނޯންނާނެ. އިސްތިސްނާ ނެތެކޭނޫން. އެހެންވީމާ، އެއިން ކޮންމެ މަޝްރޫޢަކާ ހަމައަށްދާއިރު، ރަށަކާ ހަމައަށްދާއިރު، އެރަށެއްގައި މަޝްރޫޢު ހިނގަމުންދާތަން ފެނިދާނެ. ކުޅުދުއްފުށީގެ އެއަރޕޯޓް ނިމެމުން އެދަނީ. އެކަމަކު އިދިކޮޅު ބޭފުޅުން އެވިދާޅުވަނީ އެބޭފުޅުން ވަޑައިގެން އެއަރޕޯޓެއް އަޅައިދެއްވާނަމޭ. ހަމަ ވޭމަންޑޫގެ ނަރުދަމާގެ ވާހަކަ އަޅުގަނޑުމެން ދެއްކީ، ނަރުދަމާ އަޅައި ނިންމައިފި. މިރަށުގެ ފެނުގެ ނިޒާމު މި ނިމުނީ. މިރަށަށް ވަޑައިގެންވެސް ވިދާޅުވެދާނެކަންނޭނގެ، ފެނުގެ ނިޒާމު އިތުރަށް ޤާއިމު ކޮށްދެއްވާނަމޭ. އެހެންވީމާ، މިދެއްކެނީ ތަރައްޤީގެ ވާހަކަ. ކުރީގައި އެވާހަކަ ދައްކަވާކަށް ބޭނުންފުޅެއް ނުވޭ. މިހާރު މިދެކެވެނީ، މިގޮތަށް ފަށާފައިހުރި އެތައް މަޝްރޫޢެއް ހުންނަކަމަށްވަންޏާ މީގެތެރޭގައި، ނުނިމި ހުރި މަޝްރޫޢުތައްވެސް ހުންނާނެ. ދެންމެ މުޢިއްޒުގެ ހިސާބުގައި އެވިދާޅުވީ، އަޅުގަނޑުމެންގެ މަސައްކަތް ނިމިގެންދާއިރު، ނުވަދިހަ އެތައް ކިލޯމީޓަރެއްގެ މަގު ހެދިގެންދާނެއޭ. އެހެންވީމާ، މަގު ނުހެދޭ ރަށެއްގައި ވަޑައިގެން ވިދާޅުވެދާނެ މިރަށުގެ މަގު ނިންމާލަދޭނަމޭ.

 

އެކަމަކު، ވިލުފުށީގައި އަޅުގަނޑު ދަންނަވާލާ ސުވާލަކީ، ވިލުފުށްޓަށް ސުނާމީގެ ތެރޭގައި މިހުރިހާ ގެއްލުމެއް ލިބިގެންދިޔައިރު ހަމަގައިމުވެސް، އެބޭފުޅުންގެ ގާތް ބޭފުޅުންވެސް އިސް ސަފުގައި ތިއްބަވާނެ. ވިލުފުށީގެ ބޭފުޅުން، ވިލުފުށްޓާ ގާތްތިމާގެ ބޭފުޅުން. ކީއްވެގެންބާއޭ ވިލުފުށްޓަށް ތަރައްޤީގެ އެންމެ މަޝްރޫޢެއްވެސް ނައިސް، މިދިޔަ އެތައް އަހަރެއްވެގެން ނިމިގެން މިދިޔައީ. ހަމަ މިސަރުކާރުން ވިލުފުށީގެ ތަރައްޤީގެ މަސައްކަތްތައް މިކުރަނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް އިވިގެން މިދަނީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނުނިމިހުރި ތަންތަންކޮޅު ނިންމާލަދެއްވާނެ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެން މުވައްޒަފުންނަށް މުސާރަ ދޭނަން. ސަރުކާރުގެ ހުރިހާ ރައްޔިތުންނަށް މުސާރަ ދޭނެ. އެބޭފުޅުން ދެއްވާނީ، އެމީހުންނަށް ކޮންމެވެސްކަހަލަ އެލަވަންސެއް، ޕޮކެޓްމަނީއެއް. އަޅުގަނޑު ހުރިހާ ތަނެއްގައި ނަރުދަމާ އަޅައިދީ ނިންމާނަން. އެބޭފުޅުން ކުރައްވާނީ، ނަރުދަމާ ނުނިމިއޮތް ތަނެއްގެ ބާކީ މަސައްކަތް.

 

މިއެއްނޫން ދޮގެއްތޯ ވިސްނުން އަންނަންވީ ގޮތަކީ. ނުވެފައިހުރި ކަންތައްތައް، ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާނީ. އަޅުގަނޑުމެން ދައްކަންވީ، އެއަރޕޯޓުތައް ހަދާ ވާހަކަ. މިހާރު އެވާހަކަތައް އެބަ ވައިގައި ހިފާ. އެހެންވީމާ، އަޅުގަނޑު މިއީކީ އެއްވެސް ގޮތަކަށް އެއްވެސް ބޭފުޅަކަށް ޖަދަލުކުރަން ދައްކާ ވާހަކައެއްނޫން. އެކަމަކު އަޅުގަނޑުމެން ކުރާ މަސައްކަތްތައް އޮޅުވާލައިގެން ރައްޔިތުންނަށް އޮޅޭގޮތަށް މިވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީ، އަޅުގަނޑު އެބަޖެހޭ މިކަންކަން ރަނގަޅުކޮށްދޭން. އެއީ އަޅުގަނޑަކީވެސް، ސިޔާސީގޮތުން މިމަސައްކަތް ކުރަން ނުކުމެހުރި މީހަކަށްވާތީ. އަދި އަޅުގަނޑު ގަބޫލުކުރާ، އަޅުގަނޑު ދަންނަ ތަރައްޤީ ރާއްޖޭގެ އެކިހިސާބަށް އައިކަން މިއަދު ރައްޔިތުން ޤަބޫލުކުރާތީ. ތިން ހަތަރު ޕްރޮޖެކްޓް ނިމިފައި އޮންނަ ރަށަކަށް އަޅުގަނޑު ދިޔައިމާވެސް ބުނާނެ އަދި އިތުރަށް މިވެނި މިވެނި މަސައްކަތް ކޮށްދެއްވާށޭ.

 

މީގެކުރީގައި، އަޅުގަނޑުމެންގެ ރައްޔިތުން އަހުލުވެރިކަމެއް ނޫން މިއީކީއެއް. ވިލުފުށިންވެސް އަޅުގަނޑު ކައިރީގައި ވިދާޅުވާނެ އިތުރު މަޝްރޫޢުތަކުގެ ވާހަކަ. އަޅުގަނޑުގެ ޕާޓީގެ ފަރާތުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާއިރު ވިދާޅުވާނެ އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިފައޮތް ކަމެކޭ. މިހާރު ކަނޑައަޅާފައިހުރި އެއަރޕޯޓުތަކަކީ، އަޅުގަނޑުމެން މިހާރުން މިހާރަށް ކަނޑައަޅާފައިހުރި އެއަރޕޯޓުތަކެއް. އެކަމަކު އެއާއެކީ އަޅުގަނޑުމެން ބުނެފައި ހުންނާނެ އެއަރޕޯޓު ބޭނުންވާ ސަރަޙައްދުތަކުގައި ކޮންމެ ސަރަޙައްދެއްގެ ދުރުގައިހުރި މުހިންމު ރަށްރަށަށް އަޅުގަނޑުމެން އެއަރޕޯޓު ޤާއިމުކޮށްދޭނަމޭ. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް. ހަމައެކަނި ނެތީ، ފިލް އިންދަ ބްލޭންކްސް. ވަކިވަކި ރަށްރަށެއްގެ ނަންތައް ނެތީ. އެކަމަކު އެހުރިހާ ތަނެއްގައި އެއަރޕޯޓް އެޅޭނެ ވާހަކަ އެހެރީ ދައްކާފައި. އެހެންވީމާ، އަޅުގަނޑު ކޮންމެހެން ނުޖެހޭ ވިލުފުށީގެ ވާހަކަ ބުނާކަށް، މަކުނުދޫގެ ވާހަކަ ބުނާކަށް، ނޫނީ އެހެންވެސް ރަށެއްގެ ވާހަކަ ބުނާކަށް. އެކަންކަން ނިމިގެންދާއިރު އެކަންވާނެ ވާހަކަ އެއޮތީ ބުނެފައި.

 

އެހެންވީމާ، އުންމީދާއެކީ ކުރިއަށް ވަޑައިގަންނަވާކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުން ހައްދަވަންޖެހޭ ޗޮއިސް އެހާ އުނދަގުލެއް ނޫންހެން. އެއްގޮތަކަށްވެސް މިދައްކަނީކީ ޕާޓީ ފިކުރު ބަދަލުކުރާ ވާހަކައެއްވެސް ނޫން. މިދެކެވޭ ވާހަކައަކީ، ޤައުމު ކުރިއަށް ގެންދިއުމަށް، ޤައުމަށް މިހާރު މި އައިސްފައިއޮތް ތަނަވަސްކަން އިތުރު މަރުޙަލާއަކަށް ގެންދިޔުމަށްޓަކައި ވިސްނުންތަކެއް ހިފައިގެން އައިސް، އެމަރުޙަލާއަށް ދިވެހިރާއްޖެ އުފުލައިލިއޭ، އެ އުފުލައިލެވުނީ، ހަމަގައިމުވެސް 2013 ވަނަ އަހަރު ޙަވާލުވި ސަރުކާރުން. އޭގެ ކުރީގައި ހިނގައިދިޔަ ކަންތައްތައް އަޅުގަނޑުމެންނަށް އެހެރީ ފެންނަން. އަޅުގަނޑު ނޫނަސް ތަފާތު ބޭފުޅުން އެކި ޕޯޑިއަމްތަކުގައި އެވާހަކަފުޅުތައް ދައްކަވައިފި. މިއަދު މި ޕޯޑިއަމުންވެސް އިވިގެން މިދިޔައީ އަޅުގަނޑުމެންގެ މިހެންހުރި ބިނާތައް ވިއްކާލި ވާހަކަ. ނުއަގުގައި ވިއްކާލި ވާހަކަ.

 

އަޅުގަނޑު ހަމަ ސުވާލެއްވެސް ކޮށްލާނަން. ހަމަ ހިތާހިތާ. އަޅުގަނޑުމެން އެހެރީ ވަރަށް ރަނގަޅު ފެންވަރުގައި 25 ބުރީގެ ހޮސްޕިޓަލެއް މާލޭގައި އަޅާ އެނިމެނީ. ހުޅުވަން ދާދި ކައިރިވެފައި. މި ބިނާގެ ބޭނުން ރަނގަޅު ގޮތުގައި އެބޭފުޅުން ހިއްޕަވާނެބާއޭ. ނޫނިއްޔާ އެބޭފުޅުން ހިތްޕުޅަށް އަރާނީ އަނެއްކާވެސް މިއީ ރަނގަޅު ތަނެކޭ ސިޓީ ހޮޓަލެއް ހަދަން. އެހެންބާއޭ އެބޭފުޅުން ހިތްޕުޅަށް އަރާނީ. އެހެންވެއްޖެއްޔާ އެއީ، ވަރަށް ދެރަކަމެއް. މިއީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ އެންމެން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ޞިއްޙީ ފަރުވާގެ ވާހަކަ މިދައްކަނީ. އެކަމަކު، ހީފުޅުކުރައްވަފާނެ، އެހާ ރީތިކޮށް ގްލާސް ކަރލިން ހަދާފައި އެހާ ވަރުގަދަ ޢިމާރާތެއް ހެދުނީމަ، ހަމަ ވަރަށް ރީތިކަމަށް، މިތަނުގައި ސިޓީ ހޮޓަލެއް ހަދާލަން. އެހެންވީމާ، އެތަނުގައި ޞިއްޙީ ވަސީލަތްތައް ޤާއިމުކުރުމުގެ ބަދަލުގައި ސިޓީ ހޮޓަލެއް ހަދަން އެބޭފުޅުންގެ ހިތްޕުޅަށް އަރައިފިކަމަށްވަންޏާ ދެން ހަތަރު އުދަރެސް ބެދިފައި އެއޮތީ. އެހެންވީމާ، މިކަހަލަ ކަންކަމުގައި އަޅުގަނޑުމެން ކީއްކުރަންތޯ ރިސްކު ނަގަންވީ. އޭރާއި މިހާރުގެ ތަރައްޤީއާ ދެންހުރި ތަރައްޤީ މިހިރީ ފެންނަން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަމާ ދޭތެރޭ ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ. ވިލުފުށްޓަކީ ސިޔާސީ ރަށަކަށްވާތީ، އަދި ސިޔާސީ އެއް ވާހަކަ ދަންނަވާލާފައި އިދިކޮޅު ބޭފުޅުންގެ ސިކުނޑިފުޅަށް އުނދަގޫވާ ވާހަކައެއް ދަންނަވާލާފައި އަޅުގަނޑު ނިންމާލާނަން.

 

މިދޭތެރެއިން ރައްޔިތުންގެ މަޖިލިސްގައި މިހިނގާދިޔަ ކަންތައްތަކާ ދޭތެރޭގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެންގެ ޕާޓީގެ ފިކުރު ވިއްކައިގެން، އަދި އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ ހިފައިގެން، ރަށްރަށަށް ގޮއްސަ 2014 ވަނަ އަހަރު އަޅުގަނޑުމެންގެ އެތައް ބައިވަރު މެންބަރުންނެއް އިންތިޚާބުވެގެން އައީ. އޭގެފަހުން، ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އައީ. އޭރު އަޅުގަނޑުމެން ނެގިން މަޖިލީހުގެ ސުޕަރ މެޖޯރިޓީ. އެއީ، އަޅުގަނޑުމެންގެ ތަރައްޤީއާއި އަޅުގަނޑުމެންނަށްކުރި އިތުބާރާއި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ކަންތައް ރައްޔިތުން ގަބޫލުކުރައްވާތީ އެހާބޮޑު އަޣުލަބިއްޔަތެއް މަޖިލީހުން ދެއްވީ. ދާދިފަހުން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީގައިވެސް ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި، ވިޔާނުދާ ކަންތައްތަކުގެ ތެރޭގައި، މަޖިލީހުގެ ފްލޯ ކްރޮސްކުރައްވާފައި، ޕާޓީ ފިކުރު ދޫކޮށްލާފައި އެބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގަތީ. އަދި އަޅުގަނޑުމެންނާއެކީ ކޯލިޝަން ހަދައިގެން ތިބިމީހުން ކޯލިޝަންވެސް ދޫކޮށްލީ. މިއަދު އެމް.ޑީ.ޕީ. އެއުޅުއްވަނީ ކޯލިޝަން ހައްދަވައިގެން. ހަމަ ޝައްކެއްވެސްނެތް،     އެ ކޯލިޝަންތައްވެސް ރޫޅޭތަން އަޅުގަނޑުމެންނަށް ފެންނާނެ. އެއީ، ކުރިންވެސް ހެދި ކޯލިޝަންތައް، ހަމަ އެ ކޯލިޝަންތައް ހުރީ ރޫޅިފައި. ޤާސިމް އިބްރާހީމަށް ހޯމް މިނިސްޓަރު ކަމުގައި ތިން ހަފްތާ ކެތްކޮށް ނުލެވުނު. މިއީ ޙަޤީޤަތް.

 

މަޖިލިސް މެންބަރުން ފްލޯ ކްރޮސްކޮށްގެން އަޅުގަނޑުމެންގެ ޕާޓީން މެންބަރުން ވަކިކޮށްފައި، އަދި ސުޕްރީމް ކޯޓުގައި މި ހިނގައިދިޔަ ދިގު މަރުޙަލާއަށްފަހު ފްލޯ ކްރޮސްކުރުމަކީ، އެމީހުން ހޮވި ރައްޔިތުން، އެ އަމާނާތް އަދާނުކޮށް ރައްޔިތުންނަށް އޮޅުވާލުންކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވޭތީއާއެކީކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ފްލޯ ކްރޮސްކުރުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމެއްކަމަށް ކަނޑައެޅުއްވީ. ކަނޑައަޅުއްވައިގެން، އަޅުގަނޑުމެން މިދެންނެވި އުންމީދުގައި ހޮވި ހުރިހާ މެންބަރުންގެ ގޮނޑިތައް އެބޭފުޅުން ފްލޯ ކްރޮސްކުރެއްވުމާއެކީ ބަދަލުވެގެންދިޔައީ. އޭރު އެމް.ޑީ.ޕީ.އިން އެންމެ ވަރުގަދަ އިދިކޮޅު ބޭފުޅުން ވިދާޅުވަނީ، ނުޙައްޤުންނޭ އެކަންކުރީ. އެއީކީ ކުރެވޭނެކަމެއް ނޫނޭ. އެއީ، ކޮށްގެންވާނެކަމެއް ނޫނޭ. އެގޮތަކަށް ޤާނޫނު އަސާސީ ޖާގައެއްނުދެއޭ. އަޑުފުޅަށް ލެއްވުނު ބާރެއް ލައްވާފައި އެވާހަކަ ދައްކަވަމުން އެ ގެންދެވީ. މިއަދު އެބޭފުޅުންގެ މެނިފެސްޓޯ ބައްލަވާ. މިއަދު އެމް.ޑީ.ޕީ. ގެ މެނިފެސްޓޯ ބައްލަވާ. އެބޭފުޅުން ވަކާލާތުކުރައްވަނީ، ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމު ދޫކޮށްލާފައި، ބަރުލަމާނީ ނިޒާމަކަށް ދާން. ބަރުލަމާނީ ނިޒާމަކަށްދާއިރު، މެނިފެސްޓޯގައި އެންމެ ވަރުގަދައަށް ލިޔުއްވާފައިއޮތް ވާހަކައަކީ، ފްލޯ ކްރޮސްކުރުން ތިމަންނަމެން ޤާނޫނުން މަނާކުރާނަމޭ. މިހިރީ، ޙާލަތު ބަދަލުވީ. އަދި ދެމަސްދުވަސްނުވޭ. ފްލޯ ކްރޮސްކުރީމާ، އަޅުގަނޑުމެން އެބޭފުޅުން، އަޅުގަނޑުމެންގެ ޕާޓީން ކަނޑާލީމާ، އެންމެ ވަރުގަދައަށް އެކަމާ އިޙްތިޖާޖު ކުރައްވާފައި ޕާޓީން ވަކިވި މެންބަރުންނަށް ހިތްވަރު ދެއްވާފައި، ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވި ބޭފުޅުން މިއަދު މެނިފެސްޓޯގައި އެ ލިޔުއްވަނީ، ފްލޯ ކްރޮސްކޮށްފިކަމަށްވަންޏާ، ތިމަންނަމެން، މެންބަރުން، އެ ފްލޯކްރޮސް ނުކުރެވޭގޮތަށް ޤާނޫނު ބަދަލުކުރާނަމޭ. މިއީ ޙަޤީޤަތް ހުރިގޮތް. މިއަދު އެބޭފުޅުންނަށް އެކަން ބޭނުންފުޅުވޭ. އަޅުގަނޑުމެންގެ ޕާޓީން މީހުން ވަކިކުރީމާ، އެބޭފުޅުންނާ ގުޅިވަޑައިގަތީމާ އެއީ، ކޮށްގެން ނުވާނެކަމެއްކަމަށް އަޅުގަނޑުމެންނަށް އިލްތިމާސް ކުރައްވަމުން މުޅި ރައްޔިތުންނަށް މިވާހަކަ އޮޅުންފިލުއްވައިދެއްވި.

 

އެހެންނަމަވެސް، އަޅުގަނޑުމެންކުރި މަސައްކަތުގައި، ޙަޤީޤަތުގައިވެސް ފަނޑިޔާރުންނަށް އެކަންކަން ގަބޫލުކުރެއްވުނީމާ، ފްލޯކްރޮސްކުރި ހުރިހާ އެންމެންގެ ގޮނޑި ގެއްލިގެން ދިޔައީ. މިއަދު އެބޭފުޅުންގެ މެނިފެސްޓޯގައި އެ ވިދާޅުވަނީ، ފްލޯކްރޮސްކުރުން ތިމަންނަމެން މަނާކުރާނަމޭ. އެހެންވީމާ، ތަފާތު ފެނިއްޖެ ދޮގެއްތޯ. ދެން އިތުރަށް މިކަހަލަ ވާހަކަ ދައްކާނެތޯ؟ ދައްކާނެކަމެއް ނެތެއްނޫންތޯ؟ އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ތަނަވަސް ވިސްނުންފުޅަށް މިދެންނެވި ވާހަކަތައް ދޫކޮށްލާނަން. އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ހަމަ ވަރަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ތެދުމަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ ވިލުފުށްޓަށާ ކޮޅުމަޑުލަށް، އަދި މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ސީދާކޮށް ތެދުވެރިކަމާއެކީ ވިސްނުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ﷲ މިންވަރުކުރެއްވުން.

 

وما توفيقى إلّا بالله عليه توكّلت وإليه أنيب.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.