بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـــالَمِـين، وَالصّـــلاة وَالسّـــلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسـلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

 

ބުރުންޏަށް މި އާދެވުނީ ހެނދުނުގެ ވަރަށް ހިތްފަސޭހަ ވަގުތެއްގައި. އަދި  ބުރުނިން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ބުރުނީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

 

ބުރުންޏަށް މި ހިތްފަސޭހަ ވަގުތު އާދެވުނު ކަމުގައިވީނަމަވެސް، ރޭ ފަތިހުގެ ގަދަ ވިއްސާރަޔާއި ވައިގެ އުނދަގޫ ބުރުންޏަށްވެސް ފޯރާފައި އޮތްކަން އަޅުގަނޑު ހިތާމަޔާއެކީ ފާހަގަކުރަން. އަދި ހަމައެހެންމެ، މި ހިސާބުގަނޑުގެ ބައެއް ރަށްރަށަށްވެސް އެ އުނދަގޫ ފޯރާފައި އޮތްކަންވެސް އަޅުގަނޑު ގަބޫލުކުރަން. ބުރުނިން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބުރުނިން އަޅުގަނޑަށް ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. ބުރުނިން އަޅުގަނޑަށް ތިޔަ ހަދިޔާ ކުރެއްވި ހަދިޔާ ކުރެއްވުމަކީ، ބުރުނީގެ ރައްޔިތުންގެ ހިތުގެ ލޯބި އަޅުގަނޑާ ދޭތެރޭގައި އޮތް މިންވަރުކަން އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ހަމަ ރިޔާޒަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ބުރުނީގައި ހަމަ އެހާ ގިނަ ވަގުތުވީތޯ، އަޅުގަނޑު ފުރައިގެން ދާން ދޯންޏެއް ތިޔަ ދެއްވީ.

 

އާދެ، ބުރުންޏަށް އަޅުގަނޑު މިއައީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ނިމިފައި އޮތް މަޝްރޫޢެއް އިފްތިތާޙު ކުރުމުގެ އުފާވެރި ޙަފްލާގައި ބައިވެރިވުމަށްޓަކައި. ބުރުންޏަކީ މީސްކޮޅު މަދު ރަށެއް. އެހެންނަމަވެސް، ބުރުންޏަކީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށްގިނަ ކަންތައްތަކުގައި ހަމަ އަޅުގަނޑުމެން ފާހަގަކުރާ ރަށެއްވެސްމެ. ބުރުނީގެ ކަންބޮޑުވުންތަކުގެ ވާހަކަ، ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި ދެންމެ އެ ފާހަގަކުރެއްވީ. ރަށުން މީހުން ހުސްވާނެތޯ، މީހުން ބާލާނެތޯ؟ މިކަހަލަ ވާހަކަތަކެއް މި ދިޔައީ. އެކަމަކު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭކަންނޭނގެއޭ، ބުރުނީގައި މި ވާހަކަ ދައްކާއިރު، 2004 ވަނަ އަހަރުގެ ފަހުކޮޅު ސުނާމީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއިރު، އެންމެ ބޮޑަށް ގެއްލުންވީ ރަށްތަކުގެ ތެރޭގައި، މިތާ ކައިރީގައި މިއޮތް ރިޔާޒްގެ ރަށް، ވިލުފުށި ހިމެނިގެންދޭ. ވިލުފުށި އެ ހާލުގައި، އެހާ ހިތްދަތިކޮށް އޮތްއިރު، ވިލުފުށީގެ ހުރިހާ ރައްޔިތުން ހޯސްޓްކޮށް، މި ރަށުގައި ވިލުފުށީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެން މި ދިޔައީ. އެހެންވީމާ، ބުރުނީގެ ރައްޔިތުން ވަރަށް އިޙްސާންތެރިކަމާއެކީ، މިހެން ދިމާވާ ކަންކަމުގައި ޚިދުމަތް ކޮށްދެއްވާފައި ހުރިކަން އަޅުގަނޑުމެން އެބަ ފާހަގަކުރަންޖެހޭ.

 

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ އިންސާނީ ޚިދުމަތްތައް ފާހަގަކުރާއިރުވެސް އަޅުގަނޑު ހިތަށްއަރަނީ، ބުރުންޏަކީ ބުރުނީގެ ޒާތުގައި ފާހަގަކުރަންޖެހޭ ރަށެއްކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެއޭ. އަދި ހަމައެހެންމެ، ބުރުނީގައި، ވިލުފުށީގެ ގާތްގަނޑަކަށް ހަމަ އާބާދީގެ ބޮޑުބައި، ނުވަދިހަ އިންސައްތައަށްވުރެ ބޮޑުބަޔަށް މެހްމާންދާރީ އަދާކުރައްވަމުން ގެންދެވިއިރު، ބުރުނީގެ ރައްޔިތުންނާއި، ވިލުފުށީގެ ރައްޔިތުންނާއި، އަދި މިތަނަށް ޒިޔާރަތް ކުރެއްވި އެކިއެކި މެހްމާނުންނަށް، އޭގެތެރޭގައި ހަމަ އެމް.ޑީ.ޕީ. ގެ އޭރުވެސް އުޅުއްވި އިސްބޭފުޅުންވެސް ހަމަ ޒިޔާރަތް ކުރެއްވި ރައްޔިތުންގެ ހާލު ބަލަން. އިޙްސާސް ކުރެއްވިގެންދާނެ، މިކަހަލަ ބޮޑު ކާރިސާއެއް ދިމާވީމާ، ނޫނީވިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންނަށް މިކަހަލަ ބޮޑު ތަކުލީފެއް އުފުލަންޖެހޭކަހަލަ ކަމެއް ދިމާވީމާ، ސަލާމަތީ ބާރުތަކުގެ ޚިދުމަތް، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭނެ. ރެޔާދުވާލު ވަރަށް މުރާލިކަމާއެކީ، ރައްޔިތުންނަށް އޭރު ދިމާވެފައި އޮތް ބޮޑު ކާރިސާއިން ރައްޔިތުންނަށް ކޮންމެވެސްކަހަލަ ލުއިތަކެއް ހޯދައިދީ، ވަގުތީ ގެދޮރު އަޅައިދިނުމާއި، މުދާ އުފުލުމާ، މިކަހަލަ އެތައް ކަމެއްގެ ތެރޭގައި ހަރަކާތްތެރިވީ ސިފައިންނާއި ފުލުހުން.

 

އަޅުގަނޑު ހަމަ ދެރަވަނީ ޙަޤީޤަތުގައިވެސް ރާއްޖޭގައި މިކަހަލަ ޕޯޑިއަމްތަކުގައި އަޅުގަނޑުމެން ސިޔާސީ މީހުން ވާހަކަ ދައްކާއިރު އެކި ފަރާތްތަކުގެ މިކަހަލަ އަގުހުރި ޚިދުމަތް ހަނދާންނެތިގެންދާތީ. އަދި އެފަދަ ޚިދުމަތްތައް ދެވޭނެ ގޮތްތައް ނެތި، އެކަހަލަ ޚިދުމަތްދޭނެ މުއައްސަސާތަކެއް، އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާކަމަށްވަންޏާ، ދެން އެ ޚިދުމަތްތައް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދޭނެ ގޮތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާކަށް ހަނދާނެއް ނުހުރޭ. އަޅުގަނޑާ އިދިކޮޅަށް ވާދަކުރައްވާ ބޭފުޅުން އެންމެ ވަރުގަދަޔަށް ވަކާލާތު ކުރައްވާ އެއްކަމަކީ، ސަލާމަތީ ބާރުތަކަކީ ކޮންމެހެން އޭގެ ޒާތުގައި އެހާ މުހިއްމު ބައެއް ނޫންކަމަށް. އެމީހުންގެ ޚިދުމަތަކީ އެހާ ފާޅުކަންބޮޑުގޮތެއްގައި، އެހާ ފުޅާކޮށް އޮންނަންޖެހޭނެ ޚިދުމަތެއް ނޫންކަމުގައި. މީގެ ދެހަފްތާއެއް، ތިން ހަފްތާއެއްހާ ދުވަހުން ފެށިގެން އަޅުގަނޑުމެންނަށް މި ޓުވީޓްތަކުން، އެބޭފުޅުންގެ ޓުވީޓްތަކުން އެބަ ފެނިގެންދޭ. އަޅުގަނޑަށް އެނގޭ، ފެބުރުވަރީ 7 ގައި ހިނގައިދިޔަ ކަންތައްތަކާ ދޭތެރޭގައި، އެބޭފުޅުންގެ ހިތްޕުޅުގެ ނުތަނަވަސްކަން އޮންނާނެކަން ސަލާމަތީ ބާރުތަކާ ދޭތެރޭގައި. އެހެންނަމަވެސް، މުޅި ރައްޔިތުންގެ ޙައްޤުގައި ޚިދުމަތްކުރަން ތިބޭ ބަޔަކާ ދޭތެރޭގައި ޒާތީ ތަޢައްޞުބު އިސްކޮށް، މިކަހަލަ ވާހަކަ ދެއްކީމާ، ހަމަ ބުރުނީ މިއީ އެންމެ ރަނގަޅު އެއް ރަށް، ސަލާމަތީ ބާރުތަކުގެ ޚިދުމަތް، އެކަހަލަ ކާރިސާއެއްގައި ދިވެހި ރައްޔިތުންގެ ހިތްދަތިކަން އުފުލަމުންދާ ވަގުތަކާ ދިމާވީމާ، ސަލާމަތީ ބާރުތަކަކީ އުޅެންޖެހޭ ބައެއްތޯ އިޙްސާސް ކުރަން. އަޅުގަނޑު ހަމަ ޝައްކެއްވެސްނުކުރަން، ސަލާމަތީ ބާރުތަކާނުލައި، އޭރު އަޅުގަނޑުމެންނަށް އެ ދިމާވި ކަންތައްތަކުގެ ތެރޭގައި، އެހާ ފަސޭހަކަމާއި ހަލުއިކަމާއެކީ ތަންތަނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކުރުމުގެ ކަންތައްތަކެއް ހިނގައިނުދިޔައީސް.

 

އެހެންވީމާ، ސަލާމަތީ ބާރުތަކުގެ ޚިދުމަތާ ބެހޭގޮތުން އިދިކޮޅުގެ ކެންޑިޑޭޓުން އެ ދައްކަވާ ވާހަކަފުޅުތަކެއް، އަޅުގަނޑެއް، އަޅުގަނޑަށް ތާއީދުކުރާ މީހުންނެއް، އަޅުގަނޑުމެން ގަބޫލެއްނުކުރަން. އެބޭފުޅުން އެކަންކަން ގަބޫލުކުރައްވާ މިންވަރު އަޅުގަނޑުމެންނަށް އެނގިގެންދަނީ، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތީ ބާރެއް އޮންނަން ބޭނުންނުވާކަން އެބަ އެނގޭ. އެކަމަކު ދާދި އިހަށްދުވަހުވެސް އެބޭފުޅުން ގޮވައިލެއްވީ، އަވަށްޓެރި ޤައުމަކުން ސަލާމަތީ ބާރު، ދިފާޢީ ބާރެއް ރާއްޖެއަށް އަރަން. މިއީ، އެބޭފުޅުންގެ ވިސްނުންފުޅު ހުންނަ ގޮތްކަން އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ސަލާމަތީ ބާރު މިތާ ނޯންނަންވީ. އެކަމަކު ދިވެހިރާއްޖޭގައި ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކުރަން، ކައިރި ޤައުމަކުން ކުލީ ސިފައިން ގެނައުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. މިއީ، އެބޭފުޅުންގެ ވިސްނުންފުޅު އޮންނަ ގޮތަކީ.

 

 އަޅުގަނޑުމެން ހިންގާކަށް އެއަރޕޯޓެއް އޮތުމަކީ، އެހާ ގަބޫލުކުރެވޭ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ހުރިހާ މަސައްކަތެއްކޮށްގެން، އުފައްދާފައި އޮންނަ ރައުސްމާލް އެއަރޕޯޓެއް ބޭރު ބަޔަކަށް ވިއްކާލައިގެން، ނޫނީ ބޭރު ބަޔަކަށް، މިހާރު ދެން ކުޑަކޮށް ރަނގަޅުވެސްކޮށްލާނަން. ބޭރު ބަޔަކަށް އަނބުރާ އަޅުގަނޑުމެންނަށް ނުލިބޭވަރުގެ ދިގު މުއްދަތަކަށް އަދި މުއްދަތު ކަނޑައެޅިފައި ނެތް މުއްދަތަކަށް ދޫކޮށްލައިގެން، ދެން އަދިވެސް ހަމަ ބްރަކެޓެއްގައި ދަންނަވާނަން. (ވިއްކާލައިގެން) އެ ޚިދުމަތް ބޭރު ބަޔަކު ރާއްޖޭގައި ދިނުމަކީ އެއީ، ހަމަ އެންމެ ރަނގަޅުގޮތް. އަޅުގަނޑުމެން ސަރުކާރުން ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް، އެ ކުންފުނިތަކުން އެ ޚިދުމަތްދޭކަށް، އެއީކީ ގަބޫލުކުރެވޭ ކަމެއްނޫން. ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފުރަތަމަފަހަރު ރާއްޖޭގަޔާއި، ރާއްޖޭގެ އަތޮޅުތަކުގައި، މި ރަށްރަށުގައި، މާލޭގައި، ކަރަންޓާއި ފެނާ، ބޭސިކް ކޮންސެޕްޝަނަށް މި ބޭނުންވާ ޓެރިފުތައް ނޫނީ އަގުތައް، އެއްވަރު ކުރެވިގެން މިދިޔައީ. އެކަމަކު މި ކުންފުނިތަކާ ދޭތެރޭގައި މިހާރު އިދިކޮޅު ފަރާތްތަކުގެ ވިސްނުންފުޅު ހުރިގޮތް، އަޅުގަނޑުމެންނަށް އެބަ އެނގޭނޫންތޯ. މި ކުންފުނިތަކުން ދޭންވާ އަސާސީ ޚިދުމަތް އެކަނި ދީފައި، ކުންފުނިތައް އެބަޖެހޭ، ކުންފުނިތަކުން ކުރާ މަސައްކަތް ކުޑަކުރަން. ނޫނީ އެ ކުންފުނިތައް ކޮންމެހެން އޮޕަރޭޓް ކުރާކަށްނުޖެހޭ، ޕްރައިވެޓް ސެކްޓަރއިން މިކަން ކުރާނީއޭ. މި ކުންފުނިތައް ހުރެގެން ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދާން ބޭނުންވާ މިންވަރަށް ކުރިއަށް ނުދެވިގެން އުޅޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ހަމަ މީގެކުރިންވެސް ޕްރައިވެޓް ސެކްޓަރ އޮތް. މިހާރުވެސް ޕްރައިވެޓް ސެކްޓަރ އެބައޮތް. މިއިން ކުންފުންޏަކުންދޭ އެއްވެސް ޚިދުމަތެއް، ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ އެއްވެސް ކުންފުންޏަކަށް ދިނުން މަނާކޮށްފައެއް ނޯންނާނެ. އެބޭފުޅުން މަސައްކަތް ކުރެއްވި، ޕްރޮވިންސްތަކެއް ހަދައިގެން އެކަންކަން އަމިއްލައަށް ކުރެވޭތޯ. އެކަންކަން އެބޭފުޅުން ކުރެއްވިއިރު އެއީ، ހަމަ އެންމެ ރަނގަޅު ކަންކަން. އެކަމަކު މިއަދު ސަރުކާރުން މި ކުންފުނިތަކަކީ، ދެންމެ ރިޔާޒްގެ ވާހަކައިގައި އެ ފާހަގަކުރެއްވި ގޮތަށް، ވަރުގަދަ ކުންފުނިތަކަކަށް ވެގެންދިޔައިމާ، އަޅުގަނޑުމެންނަށް ފެންނަނީ މި ރަށްރަށަށް އަންނަ ތަރައްޤީ ހަލުއިވެގެންދާ މިންވަރު. ތަރައްޤީގެ ސްޕީޑްގެ ވާހަކަ މިއަދު އިދިކޮޅު ބޭފުޅުންނަށް ދައްކަވަން މި އެނގިވަޑައިގަތީ، އަޅުގަނޑުމެން މި މަސައްކަތްކުރާ ސްޕީޑް ފެނުނީމާ. އެ ފެނުނީމާ އެބޭފުޅުންނަށް އެނގިވަޑައިގަތީ.

 

އަޅުގަނޑު ހަމަ ދަންނަވާލާނަން މިސާލެއް. މިހާ ބޮޑެތި ޚިދުމަތްތަކެއް، އަޅުގަނޑުމެންނަށް އެންމެ ދަތިވި ދުވަހު، 2004 ވަނަ އަހަރުގެ ސުނާމީއާއެކީ އެންމެ ދަތިވި ދުވަހު، ބުރުންޏަކީ ޝައްކެއްވެސްނެތްގޮތުގައި އިންސާނިއްޔަތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި އޮތް ރައްޔިތެއް ދިރިއުޅޭ ރަށެއް، ކުޑަކުޑަ ރަށެއް ކަމުގައިވީނަމަވެސް. އެކަމަކު ހިންގަވަބައްލަވާ، ތަފާސް ހިސާބު ބަލައިލަމާ. ތަފާސް ހިސާބަކީ ދޮގުހަދާނެ އެއްޗެއް ނޫން. ސިޔާސީ މީހުން ދައްކާ ވާހަކައިގައި، ދައްކާ ބީދައިން، ނޫނީވިއްޔާ އޮޅުވާލަން، ނޫނީވިއްޔާ މާނަ އޮޅޭގޮތަށް ދައްކާ ވާހަކަ ވަރަށްގިނަވާނެ. އެހެންވީމާ، އޭގައި އެކިގޮތްގޮތަށް ކުލަ ޖެއްސޭނެ.

 

މިސާލަކަށް، 65 އަހަރުން މަތީގެ މީހުންނަށް ޢިނާޔަތްތަކެއްގެ ވާހަކަ ދެއްކީމާ، މިހާރު އެންމެފަހުން އެބޭފުޅުންނަށް އަޅުގަނޑުމެން ދައްކަމުން މިގެންދާ ވާހަކަ ދިފާޢުވެސް ނުކުރެއްވުނު. ފުރަތަމަ، ވާހަކަ ހަމަ އެންމެބޮޑަށް އޮޅުވައިލެއްވީ. އެކަމަކު އޭގެ ތަފްޞީލުތައް ދިނީމާ، ދެން މިހާރު ވިދާޅުވާ ވާހަކައަކީ، އަދިވެސް ވިދާޅުވަނީ އެއުޅެނީ ޢިނާޔަތްތައް ކަނޑާލާށޭ. އެކަމަކު އިސްވެ އެބޭފުޅުންނަކަށް ވިދާޅުވާކަށް އެނގިވަޑައެއްނުގެންނެވި. 65 އަހަރުން މަތީގެ ބަޔަކު، ދޮށީ ރައްޔިތުންތަކެއް ދިވެހި ދައުލަތަށް ޚިދުމަތްކުރި ކަމެއް. އަދި އެ ރައްޔިތުންގެ ޙައްޤުގައި އެބޭފުޅުން އެ ޚިދުމަތް ގަބޫލުކޮށްފައި ކޮށްދެއްވާނީ ކޮންކަމެއް ކަމެއް ވިދާޅުވާކަށް އެނގިވަޑައެއްނުގެންނެވި. އަޅުގަނޑުމެން އެއަށް ގޮތްތަކެއް ނެރުނީމާ، އެ އޮޅުވައިލެވޭތޯ މި ބަލަނީ.

 

އެހެންވީމާ، ސިޔާސީ މީހުން ދައްކާ ވާހަކަ ރައްޔިތުންނާ ހަމަޔަށް އޮޅުވައިލުމަކީ، ސިޔާސީ މީހުން ކުރާ، ހަމަ އެމީހުން ޝައުޤުވެރިކަން ވަރަށް ހުންނަ ޕާސްޓައިމެއް އެއީ. ވަރަށް ޝައުޤުވެރިކަމާއެކީ އެމީހުންކުރާ ކަމެއް އެއީ. އެހެންވީމާ، އެއަރޕޯޓްވެސް ވިއްކާލީކީ ނޫން. އެކަމަކު ދައުލަތުގެ ސިޔާދަތުގެ ބާރެއް ނުހިނގާ. ދައުލަތަކަށް އެމީހުން ކޮންމެ ކަމެއް މިތާ ކުރިޔަސް، އެއަކަށް އެއްޗެއް ބުނެވޭކަށް ނެތް. ދައުލަތަކަށް އާމްދަނީއެއް ނުލިބޭ. އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އެކަމަކު މިއީ އަޅުގަނޑުމެންގެ އެއަރޕޯޓް. އެއޮތީ ވިއްކާލާފައެއް ނޫން. އެއޮތީ ކުއްޔަށްދީފައި. އެހެންވީމާ، މިކަހަލަ ހާލަތެއްގައި އެބޭފުޅުންގެ ވާހަކަފުޅު ހުންނާނީ.

 

ބުރުނީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބުރުންޏަކީ މިހާ ޚިދުމަތްތެރި ރަށަކަށް ވެގެންދިޔައިރު، ބުރުންޏަކީ ޚިދުމަތްތަކެއް ކޮށްދީފައި އޮތް ބައެއް ކަމެއް، ކޮށްދީފައި އޮތް ރައްޔިތެއް އޮތް ތަނެއް ކަމެއް، އެބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ. އެކަމަކު މިއަދުވެސް މި ރަށަށް ވަޑައިގެން، އެބޭފުޅުން ވިދާޅުވާނެ، މި ރަށުގައި އިތުރު ނަރުދަމާއެއް އަޅައިދޭނަމޭވެސް. އެއީ، އެބޭފުޅުން ދައްކަވާނެ ވާހަކަފުޅު. އަދި އިތުރު ކަންތައްތައް ކޮށްދެއްވާނެ ވާހަކަވެސް ވިދާޅުވާނެ. އެކަހަލަ ވާހަކަ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ.

 

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅެމުން އެދަނީ. އެއަރޕޯޓަށް ޗަސްބިން ހިއްކަމުންދިޔައިރު، އެބޭފުޅުންނަކީ އެންމެ ބޮޑަށް އެކަމާ އިޙްތިޖާޖު ކުރެއްވި ބޭފުޅުން. އަދި އަޅުގަނޑު، ދައުރުގެ ކުރީކޮޅުގައި ކުޅުދުއްފުށްޓަށް ކުރި ޒިޔާރަތެއްގައި، އެއަރޕޯޓް އެޅުމަކީ ބޭނުންތެރިކަމެއް ކަމުގެ ވާހަކަ ދެއްކީމާ، އެންމެ ބޮޑަށް އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންނަކީވެސް އެބޭފުޅުން. އެކަމާހެދި އެއަރޕޯޓް އެޅުމުގެ މަސައްކަތް އެހާ ލަސްވެގެންދިޔައީވެސް. އެހެންނަމަވެސް، ފަހުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިކަން ގަބޫލުކުރައްވައިގެން، ކައުންސިލްގެ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުން މިއަށް އާނބަސް ދިނީމާ، އަޅުގަނޑުމެން ގޮސް އެކަންކަން ފެށީ.

 

އެހެންވީމާ، ކައުންސިލްތައް ބާރުވެރިނުކުރާ ވާހަކައިގައިވެސް އަޅުގަނޑު ދަންނަވާނީ، ނޫނެކޭ ކައުންސިލްތައް ބާރުވެރިއޭ. އެކަމަކު ކައުންސިލްތައް ބާރުވެރިވާންޖެހެނީ، ރައްޔިތުންނަށް ލިބެންހުރި، ފައިދާ ހުރި މަޝްރޫޢުތައް ހިންގުމުގައި ހުރަސްއަޅާ އެޅުމަކުންނެއް ނޫން. ކޮންމެ ފިކުރެއްގެ، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތް ކަމުގައިވީނަމަވެސް، ރައްޔިތުންގެ ތަރައްޤީން އެ ރަށްރަށަށް ކުރެވެންހުރި މަސައްކަތްތަކަށް ހުރަސްއަޅާ އެއްޗެއް ނޫން. ކުޅުދުއްފުށީގެ އެއަރޕޯޓްގެ ކަންތައް ދިޔައީ މި ދެންނެވި ކަހަލަ ގޮތަކަށް. މިހާރު އެއަރޕޯޓް އެޅުމަށް ޗަސްބިސް ހިއްކައިގެން ނުވާނޭ ކަމަށާއި، އެއިން ލިބޭނޭ ގެއްލުންތަކުގެ ވާހަކައާއި، އަދި ފެރީއަކުން އެކަން ދެކޮޅުޖެއްސޭނެ ކަމުގެ ވާހަކަ އެންމެ ބޮޑަށް ދެއްކެވި ބޭފުޅުންނަކީ އެބޭފުޅުން. އެކަމަކު މިއަދު ކުޅުދުއްފުށީގައި އެއަރޕޯޓް އެޅޭނެކަން ޔަޤީންވީމާ، ޗަސްބިން ހިއްކައި، އެއަރޕޯޓްގައި ޓަރމިނަލް އަޅާ ސަރަޙައްދު ސާފުކޮށް، އަދި އެތަނަށް މޮބިލައިޒްކޮށް، މަސައްކަތް ފެށީމާ، މިހާރު ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅުއްވާނެ ވާހަކަ އެ ވިދާޅުވަނީ. ދެން އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫވޭ، މިކަހަލަ ބިން ފުރިފައި ހުރި ރަށްރަށުގައި، މިކަހަލަ ބޮޑެތި ޞިނާޢީ މަޝްރޫޢުތައް ހިންގީމާ، އަޅުގަނޑު އެއް މަޝްރޫޢު ހިންގައިދިނީމާ، ހަމަ އޭގެ އަނެއް މަޝްރޫޢު އެކަހަލަ ރަށެއްގައި ހިންގުމަށްޓަކައި ބިން ހޯދުމަކީވެސް އެހާ ފަސޭހަކަމަކަށްނުވާނެ. ކުޅުދުއްފުށީގައި ދެ އެއަރޕޯޓް އަޅާކަމަށްވަންޏާ، މިއީ ވަރަށްބޮޑު މައްސަލައެއް.

 

މި ރަށުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ބުރުނީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ބުރުނީގެ ޚިދުމަތް ފާހަގައެއްނުއެއްކުރެއްވެޔޭ. އެކަމަކު ބުރުންޏަށް ޒިޔާރަތް ކުރައްވާއިރު، ބުރުނީގައިވެސް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާނެ. އެކަމަކު މިއަދު ރައްޔިތުން ގަބޫލުފުޅު ކުރައްވަންޖެހޭނީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި، ފަސް އަހަރުގެ ޚިދުމަތް ކުރައްވަން. އެބޭފުޅުން ތިން އަހަރު ދުވަހު ޚިދުމަތުގައި ތިއްބެވި. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި އޭރުގެ ފަސް އަހަރާއި، މިހާރު މި ހިނގާ ފަސް އަހަރާ، ދިހަ އަހަރު ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކަށް ބަޖެޓް ފާސްކޮށްދެއްވާ، ބަޖެޓަށް ވޯޓް ދެއްވަން. ނޫނީވިއްޔާ އެބޭފުޅުން ވިސްނާވަޑައިގަންނަވާ ގޮތަކަށް، ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނާ ހަމަޔަށް މިޞްރާބު ބަދަލުކޮށްލާފައި، ކޮންދިމާއަކަށް ކޮން ތަފާތު ތަރައްޤީއެއްތޯ ގެންނާނީ. އެ ފުރުޞަތުވެސް އެބޭފުޅުންނަށް ލިބިވަޑައިގެންނެވި. އެކަމަކު ކަން ހިނގައިދިޔައީ ކިހިނެއްތޯ؟ މި ދެންނެވި މުއްދަތުގެ ތެރޭގައި، ހަމަގައިމުވެސް މި ހިނގާ ފަސް އަހަރުގެ ތެރޭގައި، ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް އެބޭފުޅުން ދެއްވި ވޯޓެއް ނޯންނާނެ. އެކަމަކު މި ރަށަށް ވަޑައިގެންފައި، ދެންވެސް ދައްކަވާނެ، ކޮންމެވެސްކަހަލަ ތަރައްޤީއެއްގެ ވާހަކަ.

 

އެކަމަކު ބުރުނީގައި އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުގެ ޒަޢާމަތުގެ ކުރިން މި ހިނގައިދިޔަ ފަސް އަހަރު، 2013 ގައި، ކުރިން ހިނގައިދިޔަ ފަސް އަހަރު، ބުރުންޏަށް ހިންގާފައި ހުރި ބޮޑެތި މަޝްރޫޢުތަކުގެ ފައިސާގެ އަދަދު، ބުރުނީގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވެދެއްވާ!

 

އަޅުގަނޑު މިއަދު، އިދިކޮޅު ހުރިހާ ބޭފުޅުންނަށް އަޑުފުޅު އިވިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑު ދަންނަވާނަން. 2013 ގެ ކުރިން، ބުރުނީގައި މި ދެންނެވި ކަހަލަ އެއްވެސް ބޮޑު މަޝްރޫޢެއް ހިންގާކަށް ހިންގި ހަމަ އެންމެ ލާރިފޮއްޗެއްގެ އިންވެސްޓްމަންޓްވެސް ނޯންނާނެ. ހަމަ ސުމެއް. ހަމަ ސުމެއް. ދެންމެ ރިޔާޒްގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ޞިއްޙީ ދާއިރާ، ހެލްތް ސެންޓަރަކަށް ބަލާކަމަށްވަންޏާ، އެންމެ ފުރަހަމަ ވަސީލަތްތަކަކާއެކީ، އެންމެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށްދީފައި އޮތީ ބުރުނީގައޭ. އަދި ހަމައެހެންމެ، މިހާރު އައިސްފައި އެހެރަ ފުޓްސަލް ޕިޗްތައް 46 ރަށަކަށް ބޭނުންވާ ފުޓްސަލް ޕިޗް މިހާރު މާލޭގައި އެބަހުރި. އޭގެތެރެއިން އެއް ފުޓްސަލް ޕިޗް ބުރުންޏަށް ހަދިޔާކުރާނެ ކަމަށް އެ އިޢުލާނު ކުރެއްވީ. އެއީ، ސަރުކާރުން އެކަން ކުރަން ބޭނުންވާގޮތް ކަމުގައިވާތީ.

 

ބުރުންޏަށް އަޅުގަނޑުމެންގެ މި ފަސް އަހަރު، މި ހިނގާ ޚަރަދުތަކަށް ބަލާއިރު، މިހާތަނަށް ކުރެވިފައި ހުރި ޚަރަދުތަކަށް ބަލާކަމަށްވަންޏާ، ފަސްދޮޅަސް މިލިއަން ރުފިޔާގެ ހޭދަ ކުރެވިއްޖެ. މީގެކުރީގެ އަހަރުތަކުގައި މި ދެންނެވީ އެންމެ ލާރިއެއް، މީގެ ބޮޑު މަޝްރޫޢަކަށް ހިނގާފައެއްނެތޭ. އެކަމަކު މިއޮތް ކުޑަކުޑަ ރަށަށް، ބުރުނީގެ އާބާދީ ހައެއްކަ ސަތޭކައަށްވާއިރު، ބުރުނީގައި ދިރިއުޅުއްވާ އާބާދީއަކީ ގާތްގަނޑަކަށް ތިންސަތޭކަ ކޮންމެވެސްވަރެއް. އެހެންވީމާ، ބުރުންޏަށް މިހާރު މިއޮތީ ފަސްދޮޅަހަކަށް މިލިއަން ރުފިޔާގެ ހޭދަ ކުރެވިފައި. ދެންވެސް ބުރުންޏަށް ހަމަ އެންމެ ދަތިވެފައި އޮތް ކަންތައްތައް، ދެންވެސް ކޮށްދޭނީ މި ސަރުކާރުން، މި ޒަޢާމަތުގައި.

  

އެހެންވީމާ، އަޅުގަނޑު މިއަދު ބުރުނީގެ ރައްޔިތުންނަށް ދަންނަވާލާނަން. ވިއްސާރަޔާއި ވައިގެ އުނދަގުލާއެކީ، އަބަދުވެސް ބުރުނީ ތަޙައްމަލު ކުރަމުންދާ ކަމެއް، ބުރުނީގައި ރަށް ގިރުމުގެ މައްސަލަ. ރާއްޖޭގައި މިހެން ހުރި، ބިންތިރި ހުރިހާ ރަށެއް މިހިރީ ރާއްޖޭގައި. ބިންތިރި ހުރިހާ ރަށެއް ރާއްޖޭގައި ހުރީމާ، މިކަންކަމަށް އަޅުގަނޑުމެންގެ އިދިކޮޅު ކެންޑިޑޭޓުންގެ ފިކުރެއް ނެތީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ އެންމެން ގޮވައިގެން ބޮޑު ރަށަކަށް ބަދަލުވާ ވާހަކަވެސް މީގެކުރިން ދައްކާފައި ހުރީ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ މީހުން އަޅުގަނޑުމެންގެ މި ޖަޒީރާ ރީތި ރަށްރަށުގައި އަޅުގަނޑުމެން ދިރިއުޅެން ބޭނުންވަނީ. އެހެންވީމާ، އަޅުގަނޑުގެ ވިސްނުމެއްނެތް، އަޅުގަނޑުގެ ހުރިހާ  ރައްޔިތުން ގޮވައިގެން އެއްގޮތަކަށްވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އިންތިޚާބުގައި މި ނަގާ ވޯޓުން އަޅުގަނޑަށް ކާމިޔާބުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ވިސްނުން އޮތީ، އެއްގޮތަކަށްވެސް އަޅުގަނޑުގެ ހުރިހާ ރައްޔިތުން ގޮވައިގެން އެހެން ޤައުމަކަށް، ފެން ނާރާވަރުގެ ބޮޑު ޤައުމަކަށް ޒިޔާރަތް ކުރާކަށެއް ނޫން. އަޅުގަނޑުގެ ވިސްނުން އޮތީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން، އެމީހުން ދިރިއުޅޭ ރަށްރަށުގައި ތިބެގެން، މިހެން ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުން. ޙައްލު ހޯދަމުން މިދަނީ. ދެންމެ ޠާރިޤު ތަފާސް ހިސާބު ވިދާޅުވިއިރު، އެ ޙައްލުތަކުގެ ވާހަކަ އެ ވިދާޅުވީ. އަދި ކުރެވެމުންދާ މަސައްކަތުގެ ވާހަކަ އެ ވިދާޅުވީ.

 

އެހެންވީމާ، ބުރުނީގައި މިއަދުވެސް އަޅުގަނޑު ދަންނަވާލާނަން. ބުރުންޏަށް ދެންވެސް ދަތިވެފައި ހުރި ކަންތައްތައްވެސް ހަމަ ފުދިގެންދާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގެ ކުރީކޮޅު. މި އަންނަ ފަސް އަހަރު ﷲގެ މިންވަރުފުޅާއެކީ، ރައްޔިތުން ގޮވައިގެން ހިނގުމުގެ ތައުފީޤު އަޅުގަނޑަށް މިންވަރު ކުރައްވައިފި ކަމަށްވަންޏާ، ބުރުނީގެ ރަށްގިރާ މައްސަލަވެސް، އަޅުގަނޑުގެ ދެން އަންނަ ފަސް އަހަރެއްގެ އެންމެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިމަނައިދޭނަން.

 

މިކަންކަމަކީ ޙަޤީޤަތުގައި ރަށްރަށުގައި ރައްޔިތުން ތިބެގެން، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން. އެކަމަކު އެ ރަށްރަށަށް ދިމާވާ މައްސަލަތައް ޙައްލުނުކުރެވުނީމާ، އެ ރަށްރަށުގެ ހުރިހާ އެންމެން ގޮވައިގެން އޮސްޓްރޭލިއާ އިން ބިމެއް ހޯދަން، ނޫނީ އެހެން ބިމެއް ހޯދަން ވިސްނާ މީހުންނަކަށް މިކަންކަމެއް ނުވާނެ.

 

ދެން އަޅުގަނޑުމެންވެސް ހަމަ ސިޔާސީ ވާހަކަ ދައްކަންޖެހޭ ސަބަބަކީ، ސިޔާސީ މޫސުމެއް ކުރިމަތީގައި އޮތީމާ. ސިޔާސީ މޫސުމެއް ކުރިމަތީގައި އޮވެފައި، ރައްޔިތުންނަށް އޮޅޭގޮތަށް، ރައްޔިތުންނަށް ނުވިސްނޭގޮތަށް، ނޫނީވިއްޔާ ރައްޔިތުންނަށް އުނދަގޫވާގޮތަށް އެކިކަހަލަ ވާހަކަ، ބޭބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، އޭގެ ޖަވާބު އެބަ އަޅުގަނޑުމެން ދަންނަވައިދޭންޖެހޭ. އަޅުގަނޑު ކުރަމުން މިގެންދާ ކަމަކީ، އަޅުގަނޑު އިސްވެ އެބޭފުޅުންނަކަށް އެއްވެސް ރައްދެއް ދެނީކީނޫން. އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ، އަޅުގަނޑުގެ މެނިފެސްޓޯގައި، ދެން އަންނަ ފަސް އަހަރެއްގައި، ރައްޔިތުންގެ އުއްމީދުތަކާއި އަޅުގަނޑުގެ ވިސްނުން މެޗްވާވަރު، ރައްޔިތުންނަށް ކިޔައިދެމުން ދިޔުން. އަޅުގަނޑުގެ މެނިފެސްޓޯއެއްގައި، ދެން އަންނަ ފަސް އަހަރެއްގެ ތެރޭގައި، މިހާރު ކުރެވިފައި ހުރި ވަސީލަތްތަކުގެ ތަރައްޤީގެ މައްޗަށް ބިނާކޮށް، ދެން އަނެއް ފަސް އަހަރު އާރާސްތު ވެގެންދާއިރު، ޖުމްލަ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑު ދަންނަވަމުން މި ގެންދިޔައީ، ރާއްޖެއަށް އަންނަ ތިޔާގިކަން އަޅުގަނޑު އިޙްސާސް ކުރަން، ނޫނީ އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީ، މިހާރު ބޮލަކަށްޖެހޭ، ނޫނީވިއްޔާ މިހާރު ޤައުމީ މުއްސަނދިކަން ޚަރަދެއްނުކޮށް ކޮންމެ މީހެއްގެ ޖީބަށްލާން ބަހާލާ ކަމަށްވަންޏާ، މިހާރު މިޖެހެނީ ދިހަހާސް ޑޮލަރު ކަމަށްވަންޏާ، އަޅުގަނޑުގެ ފަސް އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ އެ އަދަދު ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަން ބޭނުމޭ. އެއީ، އަޅުގަނޑުގެ ތަޞައްވުރުގެ އެންމެ ތިރީގައި އޮންނަ ޖުމްލަ. އެ ޙާޞިލު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.

 

އެހެންވީމާ، އޭގައި ޙާޞިލުކުރުމަށް އަޅުގަނޑު މި ތަޞައްވުރާއެކީ، އަޅުގަނޑުގެ މެނިފެސްޓޯގެ ތެރެއިން، ޞަފްޙާތަކުން، ނޫނީވިއްޔާ އެކި ބާބުތަކުން ވާހަކަތައް ދައްކަމުން ދިޔައިމާ، އެ ވާހަކަތައް އޮޅުވައިލައްވާފައި، އެ ވާހަކަތަކަށް ރައްދު ދެއްވާތީ، އަޅުގަނޑު ހަމަ އެބަޖެހޭ އެ ދެއްވާ ރައްދަށް އެބޭފުޅުންނަށް ޖަވާބުދާރީވާން. އިސްވެ އަޅުގަނޑު މިކަންކަން ކޮށްފައެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު މި ދައްކަމުން ގެންދާ ވާހަކަތައް، އަޅުގަނޑު ދައްކަމުން ގެންދިޔައިމާ، އެއަށް ޖަވާބު ދެއްވީމާ، އަޅުގަނޑު އެބަޖެހޭ ރައްޔިތުންނަށް އިތުރަށް ސާފުކޮށްދޭން. އެގޮތުން، އަޅުގަނޑު ހަމަ މި ރަށުގައިވެސް މި ދަންނަވާލީ، ތަރައްޤީގެ ވާހަކަ ދައްކަމުންދާއިރު، ބުރުންޏަށް މީގެކުރީގެ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިކަހަލަ ރައުސްމާލެއް އުފައްދަން، ދައުލަތުގެ ބަޖެޓުން ނެތޭ ހޭދަވެފައި، ހަމަ އެންމެ ލާރިއެއްވެސް. އެކަމަކު މި ހިނގާ ފަސް އަހަރުގެ ޒަޢާމަތުގެ ތެރޭގައި، ބުރުންޏަށް ގާތްގަނޑަކަށް ފަސްދޮޅަސް މިލިއަން ރުފިޔާ މިހިރީ ހޭދަކުރެވިފައޭ.

 

އަޅުގަނޑު ހަމަ ވަރަށް ކުރުކޮށް މި ވާހަކަ ދަންނަވާނަން އިނގޭތޯ. އަޅުގަނޑުމެން ބުނަމުން މިގެންދަނީ، އޭގެކުރީގެ ސަރުކާރުން ހިންގާފައި، 2013ގެ ކުރީގައި ހިނގައިދިޔަ ފަސް އަހަރުގެ ދެ ސަރުކާރުން ހިންގާފައި އޮތް ކޮންމެ މިކަހަލަ ބޮޑު މަޝްރޫޢަކަށް، އަޅުގަނޑުމެންގެ ތަފާސް ދައްކާގޮތުން ވެއްޖިއްޔާ ހަ މަޝްރޫޢު ހިނގައިފިއޭ. އެހެންވެގެން، އެހާ ޚަރަދު ބޮޑުވެފައި، ނޫނީވިއްޔާ ބަޖެޓުގައި އެހާބޮޑު ބުރައެއް މިކަންކަމުގައި އުފުލަން މިޖެހެނީ. ތަންކޮޅެއް ސަމާސާކޮށް މި ވާހަކަ ދައްކަންޏާ، މިއިން ބުނެވެނީ ކީކޭތޯ؟ އެބޭފުޅުންގެ ތިން އަހަރުގައި ކުރެއްވި މަސައްކަތް، މި ފަސް އަހަރުގެ ތެރޭގައި، އެބޭފުޅުންގެ އަށާރަ އަހަރުގެ މަސައްކަތް ކުރެވިއްޖެއޭ ނޫންތޯ މި ބުނަނީ. އެބޭފުޅުންނަށް އަށާރަ އަހަރު ދިންނަމަ، އެބޭފުޅުން ކުރައްވާނެ މަސައްކަތް، އެބޭފުޅުންގެ ތިން އަހަރުން ދައްކަވައިދެއްވި ނަތީޖާއަށް ބިނާކޮށް، އެބޭފުޅުން އަށާރަ އަހަރު ދުވަހު ކުރައްވާނެ މަސައްކަތް، މި ހިނގާ ފަސް އަހަރުގެ ތެރޭގައި ކުރެވިއްޖެއޭ ދޮގެއްތޯ މި ބުނަނީ. އަންނާނެ މިއަށް ރައްދު. އެކަމަކު ޙަޤީޤަތަކީ އެބޭފުޅުން ހިންގި ކޮންމެ މަޝްރޫޢަކަށް މި ސަރުކާރުން ހަ މަޝްރޫޢު ހިންގައިފި. އަދި ހިންގަނީކީ ކުދިކުދި މަޝްރޫޢެއް ނޫން. އެބޭފުޅުންވެސް ގަބޫލުކުރައްވައިގެން ތިއްބެވީ ރާއްޖޭގައި އެއްގޮތަކަށްވެސް ދިހަ ބުރިއަށްވުރެ މައްޗަށް އިމާރާތް ނުކުރެވޭނެކަން.

 

އެހެންވީމާ، މިއަދު މާލޭގައި ހުޅަނގު ދެކުނު ފަރާތަށް ވަޑައިގެންފައި، ހޮސްޕިޓަލްގައި ރޭޑިއޭޝަން މެޝިން، ނޫނީވިއްޔާ ރޭޑިއޭޝަން ރައްކާތެރި ކުރާ ހިސާބު ހުރީ، ނޫނީވިއްޔާ އެންމެ މަތީގައި ރެސްޓޯރެންޓް ހުރީ ކިހާ ހިސާބެއްގައިތޯ ބައްލަވައިލައްވަން ޖެހިއްޖިއްޔާ، ހަމަ ޙަޤީޤަތުގައިވެސް އެބޭފުޅުންގެ ކަރުފުޅަށް ނާރުއަރާނެ.

 

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ތަފާތު ހުރިގޮތަކީ. މިއަދު އަޅުގަނޑުމެން އެ ސްޕީޑްގެ ވާހަކަ ދައްކާއިރު، މިއަދު އަޅުގަނޑުމެންނަށް އެބަ ބުނެވޭ އިނގޭތޯ. ބިން ހިއްކާލަންވެސް މިތާ ކައިރީގައި އަނެއް ބިތުގައި މިއޮތް ގުރައިދޫގެ ބިން ހިއްކުމުގެ ކަންތައްވެސް ދެތިން ދުވަހެއްގެ ތެރޭގައި ކޮށްލެވޭނެ ކަމެއް ނޫންހޭ. އަޅުގަނޑުގެ ސަރުކާރުން ކަށަވަރުކޮށްދީފިއޭ، ދެތިން ދުވަހުގެ ތެރޭގައި ކުރާނެކަން. އެމް.ޓީ.ސީ.ސީ އިން އިޢުލާނު ކުރައްވައިފި. ޝައްކެއްވެސްނެތްގޮތުގައި، މިއީ ދިގު މުއްދަތު ނަގައިގެންދިޔަ މަޝްރޫޢެއް. އެކަމަކު ދިގު މުއްދަތު ނަގައިގެންދިޔަ މަޝްރޫޢަކަށް ވާންޖެހޭ ސަބަބު، ދެންމެ ރިޔާޒް އެ ވިދާޅުވެދެއްވީ. އެމް.ޓީ.ސީ.ސީ އަކީ ޚިދުމަތް ނުދެއްވޭތީ، ކުރީގެ ސަރުކާރުތަކުން ވިސްނާފައި، ބަންދުކުރަން ނިންމާފައި އޮތް ކުންފުންޏެކޭ. ފެލިވަރަކީ، ނޫނީވިއްޔާ މިފްކޯއަކީ، ހަމަ އެގޮތަށް ނިންމާފައި އޮތް ތަނެކޭ. މިފްކޯގެ މަސައްކަތްވެސް ތިން ކުންފުންޏަކަށް ބަހާލައިގެން ކުރަމުން ގެންދިޔައީ. މިފްކޯއަކީ ފައިދާވި ތަނެއްނޫން. އަނެއްކާ މަސްވެރިންނަށް ވަކި އަގެއްދީފައި މިކަން ކުރާއިރަކު މިފްކޯއަކަށް އޭގެ ފައިދާއެއް ނުލިބޭ. ފައިދާ ލިބެމުންދާނެ ގޮތަކަށް އެކަން ބަދަލުކުރުމުގެ ބަދަލުގައި އަނެއްކާވެސް މިފްކޯ ބައިބައިކޮށްލާފައި ތިން ކުންފުންޏަކަށް ހެދީމާ، އަދި އިހަށްވުރެ އުނދަގޫ މިފްކޯ އުފުލަންޖެހުނީ. އަނެއްކާވެސް އެ ތިން ކުންފުނި އެއްކޮށްލައިގެން މިފްކޯގެ މަސައްކަތް ކުރެވޭތޯ ބަލަމުން މިގެންދަނީ. އަނެއްކާ މިފްކޯގެ ބެލެނިވެރި ކުންފުންޏެއްގެ ގޮތުގައި އެސް.ޓީ.އޯ. ހަމަޖެއްސީ ސަރުކާރުގެ ކުންފުނިތައް ވަރުގަދަކުރަން. ސަރުކާރުގެ ކުންފުނިތައް ވަރުގަދަ ކުރުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް، ތަރައްޤީގެ މަސައްކަތްތައް ބުރުނީގައި، ނޫނީވިއްޔާ ވިލުފުށީގައި، ނޫނީވިއްޔާ އައްޑުއަތޮޅު ހިތަދޫގައި މިކުރާ މަސައްކަތުގެ ސްޕީޑް އަވަސްކުރަން.

 

އެހެންވީމާ، މިހާރު އެ ވިދާޅުވަނީ ކީކޭތޯ؟ މިހާރު އެ ވިދާޅުވާ ވާހަކަފުޅުގައި، އެބޭފުޅުންނަށް ހަމަ ވިދާޅުވެވެން އޮތީ ރައީސް ޔާމީނުގެ ސަރުކާރުގައި ފަށާފައި މިހިރަ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ތިމަންނާމެން ނުހުއްޓާނަމޭ. ކުރިއަށޭ ގެންދާނީ. އެއީ، ދެން ހަމަ ޝައްކެއްވެސް އޮތް ކަމެއްނޫން ދޮގެއްތޯ. ދެންމެ ޠާރިޤު އެ ވިދާޅުވީ، ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުވާނެގޮތް. ޠަބީޢީގޮތުން އެކަންވާނެ. ނުވަހާސް އެތައް ބައެއް އުޅޭ ރަށެއް ކުޅުދުއްފުށްޓަކީ. ހަމަ ދިހަހާސް ހަމަވާއިރަށްވެސް މިހާރު ޤާނޫނު އޮތްގޮތުން ކުޅުދުއްފުށި، ސިޓީއަކަށްވާނެ. އޭގައި އެބޭފުޅުން ނުޖެހޭ، މުޑުވައް ކުރައްވައިގެން އިތުރު މީހުން ދުނިޔެއަށް އުފައްދައިގެން ނޫނިއްޔަކާއެއް ދިހަހާސް އަވަހަށް ހަމަކުރާކަށް. އެހެންވީމާ، އެއީ ޠަބީޢީގޮތުން ވާނެ ކަންތައްތައް އެ ހުންނަނީ. އެހެންވީމާ، ރައީސް ޔާމީން ފަށާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން ނުނިމިހުރި މަޝްރޫޢުތައް ހިންގާނެ. ކޮންމެ ސަރުކާރަކުންވެސް ހިންގާނެ. އެއީ، ރައްޔިތުން އެދޭގޮތް ކަމުގައިވާތީ. މިހާރު ކުޅުދުއްފުށީގައި އެއަރޕޯޓް ގޮސްފައި އޮތް ހިސާބުން ކިހިނެއްތޯ ކުޅުދުއްފުށީގެ އެއަރޕޯޓް، އެއްވެސް ބަޔަކަށް ހުއްޓައިލެވޭނީ؟ އެކަމެއް ހުއްޓައެއްނުލެވޭނެ. އެއީ ހިނގާނެ ކަންކަން.

 

އެހެންވީމާ، މެނިފެސްޓޯގައި އާ ކަންކަމެއް ނައިސްފައި، މިހާރު އަޅުގަނޑަށް މި ގަބޫލުކުރެވުނީ، އެބޭފުޅުންގެ މެނިފެސްޓޯއަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ނުނިމިހުރި ކަންތައްތައް ނިންމާލަދިނުމޭ. އެއީ، އެބޭފުޅުންގެ މެނިފެސްޓޯ. މިއީ ތަންކޮޅެއް ސަމާސާކޮށް. އަޅުގަނޑަށް އެނގޭ، މިއަށް ރައްދު ދެއްވާނެކަންވެސް.

 

އެކަމަކު އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށް އާ ކަމެއް ނުވިސްނޭ. އާ ކަންކަމުގެ ތެރޭގައި، އެ ވިދާޅުވާ ވާހަކަތަކުގެ ތެރޭގައި ވިދާޅުވެދާނެ، ކޮންމެވެސް ފީއެއް ކަނޑާލަފާނަމޭ. އެކަމަކު ރައްޔިތުންނަށް ބޭނުންވާ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ދައްކަވާށޭ. އެއަށް ފައިސާ ހޯއްދަވާނެ ގޮތުގެ ވާހަކަ ދައްކަވާށޭ. އޭގެ ކަންކަމުގެ ވާހަކައެއް ނާދެއެއްނޫންތޯއޭ.

 

ޒުވާނުންގެ ވާހަކަ މިއަދު ދައްކާއިރު، ޒުވާނުންގެ ވާހަކަ މިއަދު ބުނަންވެސް އެނގުނީ 2013 އިން ފެށިގެން ރައީސް ޔާމީނަށް. ނޫނީވިއްޔާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުރި ޔާމީނަށް، އެ ވާހަކަ ދައްކަންވެސް އެނގުނީ. އަޅުގަނޑު އިއްޔެ ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން ދެންނެވިން، މީގެކުރީގެ ސަރުކާރުތަކަށް، ދިވެހިރާއްޖޭގެ އާބާދީ ޒުވާންވަމުން އަންނަ ނިސްބަތްތަކަށް އެބޭފުޅުންގެ ވިސްނުންފުޅު ފޯރާފައި އޮތް ކަމެއް ނޫނޭ އެއީކީ. އަދި އެމީހުން ކުށުން ދުރުކުރުވުމަށްޓަކައި ވަޒީފާ ދިނުމާއި، ވަޒީފާގެ ފުރުޞަތު އުފެއްދުމާއި، އެމީހުންނަށް ބޭނުންވާނެ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް، ރާއްޖޭގެ އެކި ހިސާބުގައި ޤާއިމުކުރުމާ، މިކަންކަން އަޅުގަނޑުމެން އޭރު ކޮށްފައި ހުރިނަމަކަ، އަޅުގަނޑުމެންގެ ކުށުގެ ރެކޯޑުތަކެއް އެހާ މަތިވެގެނެއް ނުދިޔައީސް. އެ، ތަފާސް ހިސާބުން މިއަދު އެބަ ފެނޭ. އެހެންވީމާ، އޭރު އަޅުގަނޑުމެން ޒުވާނުން ބާރުވެރިކުރުވާ ވާހަކައާއި، ޒުވާނުންނަށް ކަންތައްތައް ފަހިވާންޖެހޭނެ ވާހަކައާއި، ޒުވާނުންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އިންޖީނު ކަމަށް، ނޫނީ ޑައިނަމޯ ކަމަށް އަޅުގަނޑު ބުނެ، ޒުވާނުންގެ ވާހަކަ އަޅުގަނޑު އެޖެންޑާގައި، އިސްކަމެއްގެ ގޮތުގައި ލީ.

 

މިއަދު މި ދެކެވޭ ވާހަކައަކީ، ޒުވާނުންނަށް ރައީސް ޔާމީން ކޮށްދޭން ބުނެފައި ހުރި ކަންތައްތަކުން މިވެނި މިވެނި ކަންކަން އެބަހުއްޓޭ ނުފުދި. ޝައްކެއްވެސްނެތް، ކަންކަން ހުންނާނެ ނުފުދި. އެކަމަކު އެނގޭ އެއްޗަކީ، ފުދިފައި ހުރި ކަންތައްތައް ސަތޭކައަކުން ނުވަދިހައަށް ވެއްޖިއްޔާ، ނުފުދޭ ކަންތައްތައް ސަތޭކައަކުން ދިހައަކަށްވާކަން. އެއީ ނުފުދި ހުރި ކަންކަމުގެ ވާހަކަ ނޫންތޯ އެ ވިދާޅުވަނީ. އެހެންވީމާ، އެ ނުފުދި ހުރި ކަންކަންވެސް، އެހެން ބަޔަކު ކުރަން ކޮންމެހެން އުޅޭނެކަމެއްނެތް. ފުޓްސަލް ދަނޑުތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ފުޓްސަލް ދަނޑުތަކުގައިވެސް އަޅުގަނޑު މި ދައްކަނީ، މިހާރު ސާޅީސް ހަ ޕިޗް، އާ ޕިޗް އެއޮތީ ގެނެވިފައި. އަދި މިހާރު ނުހެދި ހުރި ދަނޑުތައް ހެދުމަށްޓަކައި ހައުސިންގ މިނިސްޓްރީއާއި، އެފް.އޭ.އެމް ގުޅިގެން މަސައްކަތްތަކެއް އެދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އެހުރިހާ ކަމެއް ނިމޭނެ.

 

ދެން އަސާސީ ޚިދުމަތްތަކަށް ނަގާ ފީ އެއްވަރުކުރާ ވާހަކަ ދައްކާއިރު، މި ބޭބޭފުޅުން ހިމެނިވަޑައިގަންނަވައިގެން ސަރުކާރުތަކެއް އުފެދި، ސަރުކާރުތަކެއް ކޯލިޝަނެއްގެ ތެރެއިން ހިނގައި ނިމިއްޖެ ނޫންތޯ. ކީއްވެގެންތޯ 24 ގަޑިއިރުގެ ކަރަންޓް، ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްނުދެވިގެން މިއުޅުނީ؟ މިއަދު 24 ގަޑިއިރުގެ ކަރަންޓް، ރާއްޖޭގެ ހުރިހާ ދިމާއަކަށް ފޯރުކޮށްދެވިއްޖެ. އަދި މާލޭގެ ރޭޓްތަކާއި، ރާއްޖޭގެ އެކި ހިސާބުގައި ކަރަންޓް ބޭނުންކުރާ ރޭޓްތަކުގެ އަގު އެއްވަރު ކުރެވިއްޖެ. ފެނުގެ އަގުތައްވެސް، އަޅުގަނޑުމެންނަށް ހަމަ ދާދި އެއްހަމައަކަށް އެބަ ގެނެވޭ. އެކަމަކު މިއަދު 24 ގަޑިއިރުގެ ކަރަންޓް ލިބޭ ތަންތަނުގައި ކަރަންޓްގެ ޙާލަތު، ކަރަންޓް ބޭނުންކުރުން އިތުރުވުމާ ގުޅިގެން ހަމަ އިންޖީނުތަކަށް މައްސަލަޖެހޭނެ. އިންޖީނުގެ ކެޕޭސިޓީ ކުޑަވެގެންދާނެ. އަޅުގަނޑުމެންގެ ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ، ސީ.އީ.އޯ ލަމްޢާން މި އިންނެވީ. އަޅުގަނޑު ނުބުންޏަސް ލަމްޢާންވެސް މިއަދު ވިދާޅުވާނެ. ރާއްޖޭގެ ރަށްރަށަށް މި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މާލެއަށް އެތެރެވެއްޖެ ތިރީސް ހަތަރު އިންޖީނު. އެހެން ނޫންތޯ. އެކި ސައިޒްގެ ތިރީސް ހަތަރު އިންޖީނު އެތެރެވެއްޖެ. އެހެންވީމާ، އަޅުގަނޑާ އިދިކޮޅު ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، މި ރަށުން ކަރަންޓް ކެނޑޭ ވާހަކަ ނުދައްކަވައި ވިދާޅުވޭ، ތިރީސް ހަތަރު އިންޖީނު ގެންނާނެ ގޮތެއް. ރައީސް ޔާމީން އިންޖީނުތައް އެހެރީ ގެނެސްފައި.

 

އެހެންވީމާ، އެކަހަލަ ވާހަކައަކަށް އެބޭފުޅުންނެއް ޖަވާބުދާރީއެއް ވެވަޑައެއްނުގަންނަވާނެ. ސުވާލު ކުރައްވާ ކަންކަމުގެ ތެރޭގައި، އަމާނާތްތެރިކަން ނެތްކަމުގެ ވާހަކަ، އެކިއެކި ބޭފުޅުން ދައްކަވާއިރު، އެ ވާހަކަ ދައްކަވާ ބޭފުޅުންގެ އަމާނާތްތެރިކަން ހުރި މިންވަރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ. ކޯލިޝަނެއްގެ ތެރޭގައި، އިއްތިހާދެއްގެ ތެރޭގައި ސަރުކާރެއް ހިންގުމަކީ ދަތިކަމެކޭ އަދި އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރާނެއޭ، އެންމެ ފުރަތަމަ ބުނި މީހަކީ އަޅުގަނޑެއް ނޫނޭ. އެންމެ ފުރަތަމަ އެ ވާހަކަ ދެއްކި ބަޔަކީ، ތިން ހަފްތާ ނުވަނީސް ހޯމް މިނިސްޓަރު ކަމުން ޤާސިމް ވަކިވެވަޑައިގަންނަވަން ޖެހިއްޖެ، އެމް.ޑީ.ޕީ ސަރުކާރުގައި. އެއާ ގުޅިގެން އެންމެ ވަރުގަދައަށް އެ ވާހަކަފުޅު އޭރު ދައްކަވަމުން ގެންދެވީ، އޭރުގެ ރައީސް. ރައީސް ނަޝީދު އެ ވާހަކަ ދެއްކެވީ. އަދި އެމް.ޑީ.ޕީ.ގެ އިއްތިހާދު، ނޫނީ އެމް.ޑީ.ޕީ.ގެ ފަރާތުން މިބުނަނީ، ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު ހުންނަ އުނދަގޫތަކެއްގެ ވާހަކަ. އެކަމަކު ޙަޤީޤަތަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ އެއީ ތެދު ވާހަކައެކޭ. ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، އެއްބަޔަކު އަނެއް ބަޔަކު ރުއްސައިގެން އެއްބަޔަކަށް ބޭނުންވާ ކަންތައްތައް އަނެއް ބަޔަކު ފުއްދައިދީގެން ކުރާއިރު، އެކަންކަމުގައި ހުންނާނެ ދަތިތަކެއް.

 

އެހެންވީމާ، މިއަދު އެއީ މައްސަލަ ނުޖެހޭނެ ކަމެއް ކަމުގައި ވިދާޅުވެފައި، މައްސަލަ ޖެހޭނެ ކަމެއް ކަމަށް އޭގެކުރީގައި ވިދާޅުވީމާ، އެހެންވީމާ، އޭގެކުރިން އެބޭފުޅުން އެ ވިދާޅުވި ވާހަކަ އަޅުގަނޑު ތަކުރާރު ކުރީމާ، އެއްގޮތަކަށްވެސް އަޅުގަނޑަކަށް އެއަކަށް ޖަވާބު ދެއްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެއީ، އެ ޚިޔާލުގެ އެންމެ ފުރަތަމަ މުޞައްނިފުންނަކީ، ޚިޔާލު އުފެއްދި ބަޔަކީ އެބޭފުޅުން ކަމުގައިވާތީ. އަދި އެބޭފުޅުންގެ ސަރުކާރުގައި ދައްކައިފި، ކޯލިޝަން ރޫޅިގެން ދިޔަތަން. އެހެންވީމާ، ދެން މިއަދު ކިހިނެއްތޯ ކޯލިޝަންގެ ތެރޭގައި މަސައްކަތް ކުރެވޭނެ ވާހަކަ އެބޭފުޅުން ވިދާޅުވިޔަސް ގަބޫލުކުރާނީ؟ އެހެންވީމާ، ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނޭވަރަށް ވާހަކަ ދެއްކެވީމާ، ރައްޔިތުންނަށް ވިސްނޭނެ. އެހެން ނޫނީވިއްޔާ ބަދަލުކުރަމުން، ފުރޮޅަމުން މިކަން ގެންދިޔައިމާ ކަމަކުނުދާނެ.

 

އަޅުގަނޑުމެން މިކަހަލަ ހުރިހާ ރަށްރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް، މިތަންތަނުގައި މިއޮތީ އިސްލާމީ މުޖުތަމަޢެއް. މިއިން ކޮންމެ ރަށެއްގައި މިއޮތީ. މަޢުޞޫމް ރައްޔިތުންތަކެއް މިތާ މިތިބީ. ރައްޔިތުން ގޯސް ބަޔަކަށް ހަދަންޏާ، ގޯސް ބަޔަކަށް ހަދަނީ، މަގުފުރައްދަނީ، އެމީހުންނަށް ނުބައި މެސެޖާއި، ނުބައި މަސައްކަތް ކުރަން ލީޑަރުން ހިތްވަރުދޭތީ.

 

 އަޅުގަނޑުމެންނަށް މިދޭތެރެއިން ފެނުނު، އަޅުގަނޑުގެ ރަނިންގމޭޓް ކުރެއްވި މަސައްކަތެއް، ސޯޝަލް މީޑިއާގައި. ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުގައި، ކުޑަކުއްޖަކަށް ވޮށުފިލާގައި ޤުރްއާނުގެ ސޫރަތުން ބައެއް ލިޔެދެއްވަނީ. ސޯޝަލް މީޑިއާގައި ކޯއްޗެއްތޯ، އަޅުގަނޑުމެންގެ އިދިކޮޅު މީހުން ލިޔަމުން މި ގެންދިޔައީ. މި ދެންނެވީ، މިވަރުގެ ކަންތަކަށް ފާޑުކިޔީމާ މައްސަލައެކޭ މިއީ. ސޯޝަލް މީޑިއާގައި ލިޔަމުން ދިޔައީ، އެ ކުއްޖާ އެއިނީ ބިރުންނޭ. ތެދެއްމެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިންނާ ބޮޑެތިކުރާ ކުދިންނަކީ، ﷲ އަށް ބިރުވެތިވާ ޞާލިޙު ކުދިންނަށްވާން. އަޅުގަނޑުމެން ބޭނުމެއްނޫނޭ، އެކުދިން ބިރު ފަހަނަޅައިދާކަށް. އެހެންވީމާ، މިއިން އެބަ ބުނެދޭ ނޫންތޯ އެމީހުންގެ ވާހަކަ. މީގެކުރީގައި އަޅުގަނޑުމެން ދަންނަ ވާހަކަ ވާހަކައެއްނޫން، އިޞްޠިލާޙުތަކެއް ނޫން، ފްރޭސްތަކެއް ނޫން، ބިރު ފަހަނަޅައިދިޔުން އެއީ. އެހެންވީމާ، ތެދެއްމެ، އެ ކުއްޖާ ޤުރްއާން ކިޔަވަން، ނޫނީވިއްޔާ އެ ސޫރަތުގެ ބައެއް ދަސްކުރަން އެ ކުއްޖާ އެއިނީ ބިރުވެތިވެ. އެއީ ތެދު ވާހަކައެއް. އެކަމަކު އޭނާ ބިރުވެތިވެ އެއިނީ ﷲ އަށް. އެއީ، ޞާލިޙު ކުއްޖެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދަރިން ބޮޑުކުރަން ބޭނުންވަނީ. އެކުދިން ޒުވާން ކުދިންނަށްވީމާ، އެކުދިން ލައްވައި ވިޔާނުދާ ކަންތައްތައް ކުރުވަންޏާ ކުރުވަނީ އެއަށްވުރެ ބޮޑެތި މީހުން. އޭގެތެރޭގައި ހަމަ ސިޔާސީގޮތުން މަންފާ ހޯދަން ބޭނުންވާ މީހުން އޭގެތެރޭގައިޝާމިލުވެފައި ހުންނާނީ.

 

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި މި ބޮޑެތިވާ ކުދިންނަކީ ޅަދޮޅު އުމުރުފުރައަށް އައިމާ، އެކުދިންނަކީ ޞާލިޙު ދިވެހި ރައްޔިތުންނަށްވުން. އިސްލާމީ ޘަޤާފަތެއްގައި އިސްލާމީ އުސޫލުތަކުގައި ތިބެން. އަޅުގަނޑު މި ވާހަކަ ދެއްކީމާވެސް އަޅުގަނޑަށް މިއަށްވެސް ހަމަ ރައްދު އެބައާދޭ. އަޅުގަނޑުވެސް ހަމަ އެ ވާހަކަ ދަންނަވާނަން އިނގޭތޯ. އަޅުގަނޑު ދަންނަވަމުން މި ގެންދިޔައީ، އެބޭފުޅުންގެ މެނިފެސްޓޯއަކުން އެންމެ ޖުމްލައެއްވެސް އަޅުގަނޑަކަށް ނުފެނެއޭ، ދިވެހިރާއްޖޭގައި އޮންނަންވާނީ ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއް ކަމަކަށް. އެންމެ ޖުމްލައެއްވެސް ނުފެނެއޭ. ކޮބައިތޯ މީގެ ޖަވާބު އެބޭފުޅުން ދެއްވާގޮތް. އެބޭފުޅުންގެ ޖަވާބު މީގައި ދެއްވަން އެނގިވަޑައިގެންނެވި ގޮތަކީ، ޤާނޫނުއަސާސީގައި އޮންނާނެއޭ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނޭ. އެހެންވީމާ، ޖެހޭހޭ އިތުރަށް ޖަވާބުދޭން. ޤާނޫނުއަސާސީގައި ނެތް ކަންތައްތަކުގެ ވާހަކަތޯ އަޅުގަނޑުމެން މި ދައްކަނީ. ޤާނޫނުއަސާސީގައި މިކަން މިހެން އޮއްވައެއް ނޫންތޯ، ހަމަ އެބޭފުޅުންގެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްފައި، އޭރު ހުންނެވި އިސްލާމިކް މިނިސްޓަރު މަރްޙޫމް މަޖީދަށް ސިޓީއެއް ފޮނުއްވީ. ރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް އަޅުކަންކުރާނެ ތަންތަން ރާއްޖޭގައި ޤާއިމުކުރެވިދާނެތޯ؟

 

އެ ޤާނޫނުއަސާސީގައި މިހެން ނެތްދުވަސްވަރެއްގައިތޯ، އެ ފޮނުއްވީ. ހަމަ ޤާނޫނުއަސާސީގައި އެ ވާހަކަ އޭރުވެސް އޮތޭ. އަދި ޤާނޫނުއަސާސީއަކީ، އަޅުގަނޑުމެން އެއަށް ޢަމަލުކުރަންޖެހޭ އަދި އަޅުގަނޑުމެން އޭގެ ތެރޭގައި އުޅެންޖެހޭ ޗާޓު ކަމަށްވަންޏާ، އެވެސް ހަމަ އެބޭފުޅުންގެ އިޞްތިލާޙެއް އެބޭފުޅުން ގެނައީ. ޗާޓުން ބޭރުގައި ހުރިހާ ކަމެއްގެ ވާހަކަ ދެއްކެވީވެސް އެބޭފުޅުން ދޮގެއްތޯ؟ މިއީ، އަޅުގަނޑުމެން އުފައްދައިގެންއުޅޭ ވާހަކަ ވާހަކައެއްނޫން މިއީކީ. އެހެންވީމާ، ދިވެހިރާއްޖޭގައި އޮންނަންވާނީ، ސަތޭކައިންސަތޭކަ އިސްލާމީ ދައުލަތެކޭ، އަޅުގަނޑުމެން ބުނަމުންގެންދާތީ، އަދި އެ ވާހަކަ އެބޭފުޅުންގެ މެނިފެސްޓޯގައި ނެތީ ކީއްވެގެންތޯ، ސުވާލު ކުރާތީ، މި ވިދާޅުވަނީ، ޤާނޫނުއަސާސީގައި މިހެން ލިޔެފައި ހުންނަކަންކަން ތިމަންނާމެން ލިޔަންޖެހޭހޭ.

 

ބުރުނީގެ ރައްޔިތުން ތިޔަ ތިއްބެވީ، މި ރަށް ގިރާތީ ކަންބޮޑުވެފައި. ޤާނޫނުއަސާސީގައި ނެތީތޯ؟ ސަލާމަތްތެރިކަމާއެކީ، އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންވާނެއޭ. ޤާނޫނުއަސާސީގައި ނެތީތޯ، ސާފު ބޯފެން ލިބެންވާނެކަމަށް. ރައްކާތެރިކަމާއެކީ ގެދޮރުވެރިވުމުގެ ޙައްޤަކީ، ކޮންމެ މީހަކަށް އޮންނަ ޙައްޤެއްކަމަށް ނެތީތޯ؟ ކޮންމެ ދިވެހި ރައްޔިތަކަށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކީ، މިނިވަންކަމާއެކީ ރާއްޖޭގައި އުޅެވޭނެކަން ޤާނޫނުއަސާސީގައި ނެތީތޯ؟ ކޮންއިރަކުތޯ އެންމެބޮޑެތި ޖަރީމާތައް ހިންގާފައިހުރީ. ކޮންއިރަކުތޯ، އަޅުގަނޑުމެންގެ ނަފްސުތަކަށް އެންމެބޮޑެތި ގެއްލުންތައް ދެވިފައިހުރީ. ކޮންއިރަކުތޯ، އެންމެބޮޑަށް ރަޙުމްކުޑަގޮތަކަށް މީހުން ކަތިލާވައްޓާފައިހުރީ. ކޮން ސަރުކާރަކުންތޯ، ޤާނޫނުއަސާސީގައި މި މާއްދާ އޮވެގެން، ދެކިގެން ގޮނޑުދޮށްތައް ޙިމާޔަތްކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމާ، މިކަންކަން މި ކުރަނީ ކޮން ސަރުކާރަކުންތޯ؟ އެހެންވީމާ، ޤާނޫނުއަސާސީގައި ލައްކަގިނަ ވާހަކަ އެބަހުރި. އެކަމަކު ޤާނޫނުއަސާސީގައި ހުރި ވާހަކަތައް، އެފަހަރަކު އެ ބަޔަކު ކިޔަން ބޭނުންވާ ފަސޭހަކަމެއްގައި، ނޫނީވިއްޔާ، އެމީހުންނަށް އެ ކިޔަން ބޭނުންވަނީ، މިވެނި ތަންކޮޅެއް ކަމަށްވަންޏާ ކިއިދާނެ. އެހެން ކިޔައިފިކަމަށްވަންޏާ ނުކުންނަ މައްސަލަތައް މި ނުކުންނަނީ.

 

އަދިވެސް އަޅުގަނޑު ދަންނަވާނަން. އެބޭފުޅުންނަށްވެސް ރައްކާތެރިވާނީ، އެބޭފުޅުންގެ މެނިފެސްޓޯގައި ދިވެހިރާއްޖޭގައި ތިމަންނާމެން ގަބޫލުކުރަނީ، ދިވެހިރާއްޖެ އޮންނަންވާނީ، ސަތޭކައިންސަތޭކަ، އިސްލާމީ ދައުލަތެއްގެ ގޮތުގައިކަމަށް އެބޭފުޅުން ލިޔުއްވާ! އެ ލިޔުއްވީމާ، ރައްޔިތުން އެބޭފުޅުން ބަލައިގަންނާނީ. އަދި އެބޭފުޅުންނާއެކީ، މަސައްކަތްކުރާ ޕާޓީތަކުންވެސް އެބަޖެހޭ އެލިޔުއްވަން ބާރުއަޅުއްވަން. މިއީ، ރައީސް ޔާމީނަށްޓަކައި ކޮށްދޭކަމެއްނޫން. މިއީ، އަޅުގަނޑުމެންގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރާކަމެއް. އެހެންވީމާ، މިކަހަލަ ވާހަކަ އެބޭފުޅުން ދައްކަވަނީ، އަޅުގަނޑަށް ފެނިގެން މިދިޔަ ހަމަ ޙަޤީޤަތުގައިވެސް، އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައެއް، ރައްޔިތުންނަށް އޮޅުވާލާފައި، އެހެން ކޮންމެވެސް ރިވާއެއް މިއިން ކަމަކުން ގެނެސްދެވޭތޯ. އެކަމަކު ރައްޔިތުން ހޭލުންތެރިވާންވީ، މިކަހަލަ ކަންކަމާ. ރައްޔިތުން ހޭލުންތެރިވާންވީ. އަޅުގަނޑުމެން މި ދައްކާ ވާހަކަ ފުރޮޅާލައިގެން އެގޮތްމިގޮތަށް ދެއްކީމާ، ރައްޔިތުން އެބަ ވިސްނަންޖެހޭ، މިވަނީކީއްތޯ؟

 

އެހެންވީމާ، އަބަދުވެސް، ރައްޔިތުން ޖާދޫގައި ޖެހިގެން، ކަންކަން އޮޅުވައިލައިގެން ކުރާކަށް، ރައްޔިތުންނެއް މިއަދަކު، ޖާގައެއް ނުދޭނެ. އަޅުގަނޑުމެން ހުރިހާ ކުދިންނަށް ކިޔަވައިދެނީ އަދި ހަރުމީހުންނަށާއި ދޮށީ މީހުންނަށްވެސް ތަޢުލީމުގެ މަތީ ފުރުޞަތުތަކާ ހަމައަށް ދެވޭނެގޮތް، އަޅުގަނޑުމެން ތަނަވަސް މިކޮށްދެނީ، ތަޢުލީމު އުނގެނުމަށްޓަކައި. ތަޢުލީމު އުނގެނުމުގައި، ދުނިޔޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ އެންމެ ބޮޑު އަސާސަކީ، އޭނާގެ އެންމެ ބޮޑު އަސާސީ ޙައްޤު، އިޚުތިޔާރު ބޭނުންކުރުމުގައި، ރަނގަޅު ގޮތުގައި ވިސްނުމުގެ ޖާގަ އޭނާއަށް ލިބުން. އެއީ، ރައްޔިތުންގެ ކަންކަން ނިންމުމަށް އެބައެއްގެ ކަންކަން ނިންމުމަށް އެބަޔަކު، އިޚުތިޔާރުކުރާ ވެރިއެއް ހޮވުމުގައި އެމީހުންނަށް އެ ލިބިފައިހުރި ތަޢުލީމާއި ޢިލްމުގެ ބޭނުން ރަނގަޅަށް ހިފުން. އެއީ، ދިރާސާކޮށްފައި އެމީހުން ކުރަންޖެހޭ ކަމެއް. އެއީ، ތަޖުރިބާތަކެއްގެ އަލީގައި ކުރަންޖެހޭ ކަމެއް. އެއީ، ދައްކާ ވާހަކައާ، ދައްކާ ވާހަކަ ތަންފީޛުކޮށްފައި ހުރިހުރުމުގެ އަލީގައި ކުރަންޖެހޭކަމެއް. އެހެންވެގެން މިފަހަރުގެ ވޯޓު މިވަނީ ސިޔާސީ ވޯޓަކަށްނުވެ، މިފަހަރު މިވަނީ ޤައުމީ ވޯޓަކަށްވަނީ. އެހެންވީމާ، މިކަހަލަ ކުދިކުދި ރަށްރަށުގައި ބޭނުންވާނީ ތަރައްޤީ. ކުދިކުދި ރަށްރަށުގައި ބޭނުންވާނީ، އެ ރަށްރަށަށް ބޭނުންވެފައި ހުންނަ ކަންކަން ފުދިގެންދިޔުން. އެކަންކަން މިހާތަނަށް ފުދިފައިއޮތީ، ކިހިނެއްތޯ، ދެންމެ އަޅުގަނޑު ދަންނަވާލި، ތަފާސް ހިސާބުންވެސް ތިޔަބޭފުޅުންނަށް ހާމަވެގެންދާނެ.

 

އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ވާހަކަ ސިޔާސީ މޫސުމެއްގެ ތެރޭގައި ދައްކަމުންދާނެ. އެކަމަކު، ދިވެހި ރައްޔިތުންނަކަށްވެސް، އަދި އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަކަށްވެސް، ފޫހިވާނެ އެންމެ މިނެޓުކޮޅެއްވެސް އަޅުގަނޑު ނުދޭނަން. މި ކޮޅުމަޑުލުގެ ދަތުރު ނިމެންދެން އެބޭފުޅުން ޖެހޭނެ އަޅުގަނޑު ދައްކާ ވާހަކަ އަޑުއައްސަވަން. އަދި އެއަށް އެބޭފުޅުން ދެއްވާ ރިވާތަކެއް އިއްވަންވެސް ޖެހޭނެ. އެއީ، އަޅުގަނޑުގެ ދަތުރުގައި، އަޅުގަނޑު މިގެންދަނީ، ހަމަ ހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައް ކުރަމުން. ކޮށްދޭނެގޮތް ބުނަމުން. އަދި އަޅުގަނޑުގެ މި ދަތުރުތަކުގައި އަޅުގަނޑަށް ޖަވާބުދާރީ ވެވަޑައިގަތީމާ އެ ބޭފުޅުން ކަންތައްތައް ކުރައްވާފައިހުރިގޮތް، ހާމަކަން ބޮޑުގޮތެއްގައި އެ ގެންދަނީ، ރައްޔިތުންނަށް އޮޅުފިލުވައިދެމުން. މިއިން، ކަމަކީ، ދޮގެކޭ ނުބުނެވޭނެ.

 

ޖީ.އެމް.އާރު. އަށް އެއަރޕޯޓް ވިއްކާލި ވާހަކަ ދެއްކީމާ ބުނެވިދާނެ އެއީ ވިއްކާލީކީނޫނޭ. އެއީ ދޮގެކޭ. ނޫން، އެއީ، ދޮގެއްނޫން. ޖީ.އެމް.އާރު. އަށް އެއަރޕޯޓް އޮތީ ވިއްކާލާފައި. އަދި ރައްޔިތުންގެ އުނދަގުލާހެދި ރައްޔިތުންގެ މާލިއްޔާއިން ރައްޔިތުންގެ ބައިތުލްމާލުން 320 މިލިއަން ޑޮލަރު ހޭދަކޮށްފީމު.

 

ބުރުނީގައި އަޅުގަނޑު ދަންނަވާލާނަން. ބުރުންޏަށް ބޭނުންވާ އެއްގަމުތޮށީގެ ޙިމާޔަތްކަން ދިނުމަށް ބޭނުންކުރުމަށް މި 320 މިލިއަން ޑޮލަރު ސަރުކާރުގައި މިކަންކުރަން ހޭދަނުކޮށް ޖީ.އެމް.އާރު. އަތުން އެއަރޕޯޓް އަތުލަން ހޭދަނުކޮށް، މިކަންކުރަން އަޅުގަނޑުމެން ބެހެއްޓިނަމަ، މިތަނުގައި ތޮށިލެވިފައިނޫންތޯ އޮންނާނީ. އެހެންވީމާ، ރައްޔިތުން ބޭނުންވާނީ، އެކަންކަން. ރައްޔިތުން ބޭނުންވާނީ އެކަންކަން. މިއަދު އަޅުގަނޑުމެން ރަށުގެ އެތައްމިތަނުގައި ރާއްޖޭގެ އެތައްމިތަނުގައި އެއަރޕޯޓް މިއަޅަނީ ކީއްކުރަންތޯ. ދިވެހި ރައްޔިތުންގެ ދަތުރުފަތުރުގެ ފަސޭހަކަމަށް. އޭގެކުރިން ދަތުރުފަތުރު އޮތީ ކިހިނެއްތޯ؟ ހަތަރު ފަސް ފެރީ ނިޒާމެއް ޤާއިމުކުރި. ﷲ ދެނެވޮޑިގެންވާނީ، މިއަދު ފެރީ ނިޒާމުތައް ވީތަން. އަދި ދާދިފަހުން ކުޅުދުއްފުށީގައި އެއަރޕޯޓް ހަދަންފެށީމާ ނޫންތޯ، އެ ވިދާޅުވަނީ، ތިޔަތަނަށް ބޭނުންވާނީ، އެއަރޕޯޓެއް ނޫނޭ. ތިޔަތަނަށް ބޭނުންވާނީ، ފެރީ ނިޒާމެކޭ. މި ގަދަ ވައިގައި ގަދަ ކަނޑުގައި ކޮން ގޮތަކުންތޯ ފެރީ ނިޒާމެއް ކަމުދަނީ. ބަލަ އެ ފެރީ ނިޒާމު ކަމުނުގޮސްގެންނޭ، މާލެއާއި ހުޅުމާލެއާ ބްރިޖަކުން މިގުޅާލީވެސް. އެހެންވީމާ، އެ ބްރިޖުމަތީގައި އެބޭފުޅުން ދަތުރުކުރައްވާނެ. އެއިރަކު ހަނދުމަފުޅެއް ނުހުންނާނެ، ފެރީ ނިޒާމުގެ ވާހަކައެއް.

 

އެހެންވީމާ، ރައްޔިތުން ބޭނުންވާ ކަންކަން މިހުރީ މިގޮތަށް. މިކަންކަމުގެ ވާހަކަ އަޅުގަނޑުމެން ދެއްކީމާ އެ އޮޅުވާލައްވަން މަސައްކަތްކުރެއްވުމަކީ، ކުރައްވަންޖެހޭ ކަމެއްނޫން. އެކަން ކުރައްވާކަމަށްވަންޏާ، އެބޭފުޅުން އަބަދުވެސް ތިއްބަވަންޖެހޭނީ، އަޅުގަނޑުމެން ހަމަ އެއަށް ރައްދުދިނީމާ، އަނެއްކާވެސް ކޮންމެވެސް ވާހަކަފުޅެއް އޭގެ ފަހަތުން ދައްކަވަން.

 

އެހެންވީމާ، އަޅުގަނޑު މި ދަތުރުތައް ނިމެމުންދާއިރު، އެބޭފުޅުންނަކަށް ފޫހިފިލުވާލައްވާކަށް، ހުސް ވަގުތުކޮޅެއް އަރުވާކަށް އަޅުގަނޑުގެ ޚިޔާލެއްނެތް. އަޅުގަނޑު ހަމަ މީގެ ދާދިކައިރީގައި މާޒީގައި ކަންކަން ހިނގާފައިހުރިގޮތާއި، އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންކަމާ އަޅުގަނޑު ހަމަ ބޮޅަކަށްފަހު ބޮޅެއް އެލުވަމުން ދާނަން. އަޅުވަމުން ގެންދާނަން. އެބޭފުޅުން ޖެހޭނީ ހަމަ އެކަންކަމުގައި ވިސްނާވަޑައިގަންނަވަން. ކުޅުދުއްފުށީގައި އަޅުގަނޑު އެއަރޕޯޓް އެޅީމާ ދެވަނަ އެއަރޕޯޓެއް އެބޭފުޅުން އަޅުއްވަންޖެހޭނީ. މިތަނުގައި ނަރުދަމާ ނިޒާމު ޤާއިމުކުރީމާ، ދެވަނަ ނަރުދަމާ ނިޒާމު އެތަނުގައި ޤާއިމުކުރައްވަންޖެހޭނީ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރީމާ، ދެވަނަ ނިޒާމު ޤާއިމުކުރައްވަންޖެހޭނީ. އެހެންނަމަވެސް، ރައްޔިތުންނަށް ދެ ނަރުދަމާގެ ނިޒާމު ލިބުނީމާ، އެއިން އިތުރު ފަސޭހަކަމެއް ލިބޭކަމަށްވަންޏާ، އަޅުގަނޑު ނެތިން އެއަށް ދެކޮޅު ހަދާކަށް. ރައްޔިތުން ހޭލުންތެރިކަމާއެކީ، އަޅުގަނޑުމެން މިކުރާ މަސައްކަތް ފާރަވެރިކަމާއެކީ ބައްލަވަމުންގެންދަވާ.

 

އިރާދަކުރެއްވިއްޔާ ޙައްޤުގެ މަގުގައި ތިބޭބަޔަކަށް އަބަދުވެސް ﷲ ގެ ނަޞްރު ކަށަވަރުކޮށްދެއްވާފައިވަނީ. އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.