ރައީސް މުޙަންމަދު ނަޝީދު، ނަރުހުންގެ ޖަމްޢިއްޔާގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޞިއްޙީ ޚިދްމަތް ފޯރުއްވައިދެއްވުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ނަރުހުންގެ ޖަމްޢިއްޔާގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ނަރުހުންނަށް ދިމާވެފައިވާ ދަތިތަކަށް އެދެވޭ ޙައްލެއް ގެނެސްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޯގާތެރިކަމާއެކު ނަރުހުންގެ ޚިދްމަތް، ބަލި މީހުންނަށް ފޯރުއްވައިދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައި، ނަރުހުން ކޮށްދެއްވަމުން ގެންދަވާ ޚިދްމަތަށްޓަކައި ނަރުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ނަރުހުންގެ ޖަމްޢިއްޔާގެ އިސްބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރައީސް އެދިވަޑައިގެންނެވި ގޮތަށް ޚިދްމަތް ދެއްވުމަށް، އެ ޖަމްޢިއްޔާއިން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.