بســم اللّـه الرّحمـن الرّحيــم

 

ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

މި ވިލިގިއްލަން މިއާއު ވިލިގިއްލޭވެގެން. މަ މިރަޓަން އާމާއި، މަންތިކީ ހޫނެ މަރުޙަބާއްކޫ ވަރަން ވިލިގިލި ވަންތެ މަރުޙަބައިކެ. ވިލިގިއްލޭ ކޮންމި ކަމަކަން ތަސް އަބަދުވެސް މަ ވަރަށް ވިލިގިއްލޭ ވެންނެ.

 

އަޅުގަނޑަށް މި ކިޔުނީ ރަނގަޅަށް ކަމަށްވަންޏާ، އަޅުގަނޑު ވަރަށް އުފާވޭ. ދެފަހަރު މަތިން ޢިބާރާތްތަކަށް ބަދަލު އައިސްފި. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވިލިނގިއްޔަށް އައުމަކީ، އަޅުގަނޑަށް އަބަދުވެސް ޚާއްޞަ އުފަލެއް ލިބޭ ކަމެކޭ. ވިލިނގިލިން މިއަދުވެސް ތިޔަ ވިދާޅުވި މަރުޙަބާއަކީ، އަޅުގަނޑުގެ ހިތުން ފިލައިގެންދާނެ މަރުޙަބާއެއް ނޫނޭ.

 

ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މި ޒިޔާރަތަށް މުޅި ރަށް ތައްޔާރުކޮށްދެއްވާ، ޒީނަތްތެރި ކޮށްދެއްވާފައި އޮތީމާ، ތިޔަބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ވިލިނގިއްޔަށް އަޅުގަނޑު ތިން ފަހަރު އައި ވާހަކަ ދެންމެ އަޅުގަނޑުމެންނަށް ތަޢާރުފުވެގެން، އިވިގެން ދިޔައީ. ހަމަ މި ފިޔަވަޅު މަތީގައި ހުރެގެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ހަމަ ވަރަށް އުފާވެރި ދަތުރު އަޅުގަނޑު މީގެ ކުރިންވެސް ކުރީމޭ. އެކަމަކު އެއާއެކީ، މިއަދު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހަމަ ގަބޫލުކުރާހިތްވަނީ، މިއަދުގެ މި ދަތުރަކީވެސް ވަރަށް އުފާވެރި ދަތުރެކޭ. އެހެންނަމަވެސް، އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހަނދާނުގައިވެސް ބަހައްޓަންޖެހޭ ކަންކަން ހުރެއޭ. މި ރަށުން، މި ދާއިރާއިން، ވިލިނގިލި ދާއިރާއިން، ވިލިނގިލިން ޕީ.ޕީ.އެމް. އަށް މެންބަރަކު ހޮވަންވެސް އަޅުގަނޑު އައިން. އަޅުގަނޑު މަސައްކަތްތަކެއް ކުރިން. އޭރުގައި، މި ވިލިނގިއްޔަކީ ވަރަށް ބަދަހި، އަޅުގަނޑުމެންނާއެކީ ވަރަށް ވަރުގަދައަށް އޮތް ވިލިނގިއްޔެއް. އެހެންނަމަވެސް، މިކަހަލަ ކޮންމެ ކަމެއް ނިމިގެންދާއިރު މައްސަލަތަކެއް އުޅޭކަމަށްވަންޏާ، ކޮންމެވެސް ކަހަލަ ކޫރުމެއް އެޅޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެ ހިތްދަތިކަން އިޙުސާސްކުރަން ޖެހުނު.

 

ޕާޓީއަށް އިޚުލާޞްތެރި، ޤައުމީ ވަންތަ ސިފަތަކެއް ހުރި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާ ވާހަކައެއް މި ދަންނަވަނީ. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް މަތިވެރި މަޤްޞަދެއްގައި މަސައްކަތްތަކެއް ކުރަން ޢަޒުމު ކަނޑައަޅައިގެން، ކަމަރު ބަނދެގެން ނުކުތް ޕާޓީއެއް. އަޅުގަނޑުމެންގެ ޕާޓީ ނުކުތީ އެންމެ ވަރުގަދައަށް، އެންމެ އުނދަގޫކޮށް، އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެރިކަމުގައި އުޅުއްވަނިކޮށް. އެ ބޭފުޅުންނާ ދެކޮޅަށް ހަމަ އެއްވެސް ގޮތަކަށް ދިދައެއް އުފުލައިލާނެ މީހަކު އަޅުގަނޑުމެންނަކަށް ފެނިގެނެއް އޭރަކު ނުދިޔަ.

 

އަޅުގަނޑު ވިލިނގިލީގައި ދައްކަން ބޭނުންވަނީ، ޙަޤީޤަތުގައި ސިޔާސީ ވާހަކަ. ވަރަށް ގިނަ ވާހަކަ ގއ. ގދ. ގައި، މި އަންނަ ރަށްރަށުގައި އަޅުގަނޑު ދައްކާފައި މި އަންނަނީ. އެހެންވީމާ، އަޅުގަނޑު މި ރަށުގައި ހަމަ ބޭނުންވޭ، ސިޔާސީ ވާހަކަ ދައްކާލަން. އެއީ، ވަރަށް ފޯރިގަދަ ރައްޔިތަކު އުޅުއްވާ ރަށަކަށްވާތީއާއެކީ. މި ވާހަކައަކީ، ހަމަ ޙަޤީޤަތުގައި ޤައުމީ ވާހަކައަކަށްވެސް ވާންވާނެ. އަޅުގަނޑުމެންނަށް އޭރު ދިމާވި ކަންތައްތަކުގެ ތެރޭގައި، ޙަޤީޤަތުގައިވެސް އަޅުގަނޑުމެން އޭރު ޗެސް ބޯޑުގައި ކުޅެމުންދިޔަ ކުޅިވަރަށް، ސިޔާސީ ގޮތުން ކުޅެމުންދިޔަ ކުޅިވަރަށް، އަޅުގަނޑުމެން މަނާޖެހީ ބޮނދުބުޑަށް ސައި. އަޅުގަނޑުމެން ސައި ޖެހީ ޙަޤީޤަތުގައި ޕީ.ޕީ.އެމް އުފައްދައިގެން. ޕީ.ޕީ.އެމް. އުފައްދައިގެން އަޅުގަނޑުމެން ނުކުމެ ކުރި މަސައްކަތްތަކުގައި އޭރުގައި އޮތް އެހާ ވަރުގަދަ ވެރިކަމެއް، އެހާ ފަސޭހަކަމާއެކީ، އޭރު އެ ބޭފުޅުންނަށް، ގަބޫލުކުރެއްވުނު ދެން މި ހިސާބުން ތިމަންނަމެންގެ މަސައްކަތް ނިންމާލާފައި ދާންވީކަމަށް. އޭރުވެސް ވިދާޅުވަމުން ގެންދެވީ، ތިމަންނަމެންނަކީ އެއް ފިކުރެކޭ. އޭރުވެސް ވިދާޅުވަމުން ގެންދެވީ، ތިމަންނަމެންގެ ތެރޭގައި، އިސް މީހުންގެ ޚިޔާލު އެއްގޮތްވާނޭ ކަންކަމުގައި.

 

މިއަދުވެސް އަޅުގަނޑު ހަމަ ދަންނަވާނީ، އެއީވެސް، އަދިވެސް ހަމަ އެ ބޭފުޅުން އެ ވިދާޅުވަނީ، އެއް ފިކުރެކޭ. އަދި އެ ބޭފުޅުންގެ ތެރޭގައި ތިއްބެވި އިސް ބޭފުޅުންނަކަށް ބަދަލެއް ނުވެސް އާދެއޭ. ބައެއް މީހުން ޓްރެއިން ދުއްވަން، އަނެއް ބައިމީހުން ކާރު ދުއްވަން، އަނެއް ބައިމީހުން ގޮނޑި ދުއްވަން. މިކަހަލަ ކަންކަމުގައި އެކި މީހުން އެކި ހިސާބުގައި އުޅެފާނެ. އެހެންނަމަވެސް، ޕާޓީގައި ތިބި އިސް މީހުން އަދިވެސް އެ އުޅެނީ މިކޮޅުގައި. އެ މީހުން ކުރަމުން ދިޔަ މަސައްކަތްތަކަށްވެސް ބަދަލު އައިތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެ ދައްކަވާ ވާހަކައިގެ ފިކުރަކަށްވެސް ބަދަލު އައިތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.

 

އެހެންނަމަވެސް، ރަށްރަށަށް ވަޑައިގެން، މި ރަށްރަށަށްވެސް ވަޑައިގަތީމާ، އެ ބޭފުޅުންނަށް ވިސްނި ވަޑައިގަންނަވާނެ، މި ރަށްރަށް ތަރައްޤީއަށް އިންތިޒާރުކުރާ މިންވަރު. މި ރަށްރަށް ތަރައްޤީއަށް އިންތިޒާރުކުރާ މިންވަރު އެ ބޭފުޅުންނަށް ފެނިވަޑައިގަތީމާ، ދެން ރައްޔިތުން އެ ބޭފުޅުންނަށް ދަންނަވާ ވާހަކަތަކަށް އެ ބޭފުޅުން ހަމަ ލައްބައެކޭ ވިދާޅުވުން ފިޔަވައި، އެ ބޭފުޅުންނަށް ދެއްވޭނެ ޖަވާބެއް ނޯވޭ. އެކަމަކު، އެ ބޭފުޅުންގެ ވިސްނުންފުޅުގައި މިހާތަނަށް ވިދާޅުވަމުންއައީ، ރައީސް ޔާމީން އެ ގެނައި ތަރައްޤީ، ހެއްޔޭ ތަރައްޤީއަކީ. އެހެންވީމާ، މުޅިން ތަފާތު ވިސްނުމެއްގައި، މުޅިން ތަފާތު މަގަގުން ހިނގަން ޚިޔާލު ކުރައްވައިގެން ދަތުރު ފެށްޓެވި ބޭފުޅުން، އަޅުގަނޑު މިއަދު ފާހަގަކުރަނީ، އަޅުގަނޑު ހިނގާ މަގުން، އަދި ހާއެއްހާ މޭލު ފަހަތުން ނަމަވެސް އެ ބޭފުޅުން އެ ކުރައްވަނީ، އެ ދަތުރެއް. ހަމަ މި ހިނގާ މަގުން އެ ހިންގަވަނީ. އަޅުގަނޑު މި ވާހަކަ ދައްކަމުން މި އަންނަނީ ގއ. އާއި ގދ. ގައި. އަޅުގަނޑުމެން ޒިޔާރަތްކުރި ރަށްރަށުގައި. އަޅުގަނޑުގެ މިފަހަރުގެ ދަތުރު ނިންމާ ރަށަކަށް މިވަނީ، ވިލިނގިލި.

 

މި ރަށުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ދަތުރު ނިމިގެންދާއިރު، ހަމަ ދަންނަވާނީ، އަދިވެސް އެބޭފުޅުން އެ ކުރައްވާ މަސައްކަތުގައި ހަމަ ރަށްރަށަށް ވަޑައިގެން، ރަށްރަށުގެ ރައްޔިތުން އެ ބޭފުޅުންނަކަށް ތަފާތު ވާހަކައެއް ނުދަންނަވާނެ. އެބޭފުޅުންނަށްވެސް މިއަދު ވިދާޅުވާން މަޖުބޫރުވަނީ، ތިން ހަތަރު ރަށެއް އޮތްކަމަށްވަންޏާ، މިތަން ގުޅުވާލަ ދޭނަމޭ. އަތޮޅެއްގައި ނޫނީވިއްޔާ ރަށެއްގައި އެއަރޕޯޓެއް އޮތްތަން ފެނިއްޖިއްޔާ ވިދާޅުވާނެ، މިތަނުގެ އަނެއް ބިތުގައި އެއަރޕޯޓެއް އަޅާދޭނަމޭ. މިއީ، އަޅުގަނޑު މި ދަތުރު ފެށިއިރުވެސް، މީގެ ކުރީގައިވެސް، އަޅުގަނޑުގެ މެނިފެސްޓޯގައި އަޅުގަނޑު އިޢުލާނު ކުރަމުން އަންނަ ކަންކަން. މިއަދު މިރަށަށް އައީވެސް، މިރަށުގެ ރައްޔިތުންގެ މި އުފަލުގައި ބައިވެރިވާން. މިއަދު މި ތަނުގައި ހައުސިންގ ޔުނިޓުތަކެއް ނިމިގެން ހިނގައްޖެ. ވިލިނގިލީގެ ބޮޑެތި މަގުތައް މިޒަމާނުގެ ފެންވަރަށް ހެދިގެން ހިނގައްޖެ. މިހާރުވެސް ބަނދަރުގެ މަސައްކަތް ހިނގަމުންދަނީ. އަދި ހަމައެހެންމެ، ނަރުދަމާގެ މަސައްކަތް މިއޮތީ ނިމިފައި. ފެނުގެ މަސައްކަތްތައްވެސް އެބަ ހިނގަމުން އެބަދޭ. އަލަށް އާބާދުކުރެވުނު ސަރަޙައްދުގައި ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް އެ ހިނގަނީ. 4000 މީހުން އުޅޭ އާބާދީއެއްގައި، ބޭނުންވާނެ ކަންކަމަކީ މިއީ. މި ތަންތަނަށް އައިސް، ދެން ކިހިނެއްތޯ އަޅުގަނޑުމެން ވާހަކަ ދައްކާއިރު ތަރައްޤީ ނުކުރާނެ ވާހަކަ، ނޫނީވިއްޔާ ތަރައްޤީއަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވިސްނައިދިނުމަށް އޮންނަ އެއްޗެއްގޮތަށް ވިސްނައިދޭން މަސައްކަތް ކުރާނެ ގޮތެއް، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ.

 

އަޅުގަނޑުމެނަށް ވިސްނެނީ، މިއަދު ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށް. ތަރައްޤީއާއެކީ ކުރިއަށްދާއިރު، މި ވާ ގޮތަކީ، ތަރައްޤީގެ ވާހަކަ ދައްކަން ޢުޒުރުވެރިވާ ސަބަބުތައް އެ ބޭފުޅުންގެ ތެރޭގައި މަދެއް ނޫން. އެއީ، ރައްޔިތުން ހަމަދާދި ކައިރީގައި، ދާދި މާޒީގައި އިޙުސާސްކޮށްފި، އެ ބޭފުޅުންގެ ވެރިކަމުގައި ކަންތައްތައް ހިނގައިދިޔަގޮތް. ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވަން ވިދާޅުވި. ވަރަށް ގިނަ ހުވަފެންތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ތަފާތަކަށްވީ އެ ބޭފުޅުންވެސް، އެ ބޭފުޅުން ދެކެވަޑައިގެންނެވި. ހުވަފެން ޙަޤީޤަތަކަށް ހެއްދެވޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ. ވިލިނގިލީގައި، މަސްވެރި ރަށެއްގައި، އަޅުގަނޑު އައިސް މި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ މަސްވެރިންނަށްވެސް ދަންނަވާލަން ބޭނުންވާ ވާހަކަތަކެއް އެބަހުރި.

 

ޝައްކެއްވެސްނެތްގޮތުގައި، ވިލިނގިއްޔާ ދޭތެރޭގައި އެންމެ އަޅާލާފައި އޮތް ސަރުކާރެއް، އަބަދުވެސް އޮތީ އަޅުގަނޑުމެންގެ ފިކުރުގައި. އެންމެ ފުރަތަމަ، އެންމެ ބޮޑަށް ވިލިނގިއްޔަށް އަޅާލި ސަރުކާރަކަށްވާނީ ރައީސް މައުމޫނުގެ ސަރުކާރު. އޭގެފަހުން، ސިޔާސީ ޙަރަކާތަށް ނޫނީވިއްޔާ ލީޑަރޝިޕަށް، ބަދަލެއް އައިސްގެން މި ދިޔައީ. ރައްޔިތުން ފުރުޞަތު ދެއްވި. ފުރުޞަތު ދެއްވީމާ، ފުރުޞަތުގެ ބޭނުން ހިއްޕެވި. ވިލިނގިލީގައި މި ވާހަކަ ދައްކާލާފައި، އަޅުގަނޑު ދަންނަވާނަން، އޭރު ދެންވީ ކިހިނެއްތޯ. މިއަދު މި ވަނީ ކިހިނެއްތޯ.

 

ވިލިނގިއްޔަކީ އަބަދުވެސް އަޅުގަނޑުމެންގެ ފިކުރަށް މުހިންމުވާ ރަށެއްގެ ގޮތުގައި މި ދަންނަވަނީ. އަދި ޚުދު އަޅުގަނޑުގެ ސަރުކާރުން، އަޅުގަނޑު ވެރިކަމާ ހަވާލުވިފަހުން، ވިލިނގިއްޔާ ދޭތެރޭގައި ކަންކަން ހިނގާފައި ހުރިގޮތް އަޅުގަނޑު ތަފާސް ހިސާބުން ދަންނަވާލާނަން. ތަފާސް ހިސާބު އަޅުގަނޑުމެންގެ ޚިޔާލަށް، ކަންފަތަށް އަޑު އިވުނީމާ، އަޅުގަނޑުމެންގެ ކަންފަތުގައި އެއަޑު ހަރުލާ ހުންނާނެކަމަށް އަޅުގަނޑު ގަބޫލުކުރާތީ. މަޝްރޫޢުތަކެއްގެ ނަން ކިއިދާނެ. އެކަމަކު، އަޅުގަނޑަށްވެސް މިއުޅެނީ މި ތާނގައި ހިނގާ މަޝްރޫޢުތައް، ބައެއް ފަހަރު އެހެން ރަށެއްގައި ހިނގާ މަޝްރޫޢުތަކާ އޮޅިގެން މި ދަނީ. އަޅުގަނޑަށް އެއަށްވުރެބޮޑަށް އޮޅޭކަމެއް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު، މަޝްރޫޢު ނިންމައިދީފައި ހުންނަ ރަށްރަށަށް، އަޅުގަނޑުގެ ވާދަވެރިން ވަޑައިގެން އެބަ ވިދާޅުވޭ، އެ މަޝްރޫޢުވެސް ހިނގާނަމޭ. އެހެންވީމާ، މި ރަށުގައި އަޅުގަނޑު ދަންނަވާލާނަން، މަޝްރޫޢުތަކުގެ ތަފްޞީލަކަށް ނުދާނަން. އެކަމަކު، ހިސާބު އަކުރެއް ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް އަޅުގަނޑު ދޫކޮށްލާނަން.

 

2013 ގެ ކުރީގައި އެ ހިނގައިދިޔަ ދެ ވެރިކަމުގައި، ފަސް އަހަރުގައި، ތިން އަހަރަކާއި، ދެ އަހަރު، ހިނގައިދިޔަ ވެރިކަމުގައި މުޅިއަކުވެސް ވިލިނގިއްޔަށް، ވިލިނގިލީގެ ރައުސްމާލަށް ނޫނީވިއްޔާ، ވިލިނގިލީގެ އެސެޓަށް، ރިސޯސަށް، ހިނގާފައި ހުރި ބޮޑެތި މަޝްރޫޢުތަކުގެ ޢަދަދަކީ، 18 މިލިއަން ރުފިޔާ. އެކަމަކު، މި ރަށަކީ ގާތްގަނޑަކަށް 4000 ހަމަވާ އާބާދީއެއްއޮތް، އަދި ފިސާރި މުރާލި މަސްވެރިންތަކަކާއި، ފިސާރި މުރާލި ޞިނާޢަތެއް އޮތް ރަށެއް އެހެންވީމާ، އެ ވިދާޅުވާ ކަންތައްތައް އެކި ހިސާބަށް ކޮށްދެއްވަން ވިދާޅުވާއިރު، ވިލިނގިލީ، މިއޮތް އާބާދީ ބޮޑު ރަށަށް ޙަޤީޤަތުގައި މިއޮތީ އެންމެ 18 މިލިއަން ރުފިޔާގެ ހޭދަ ކުރެވިފައި. 18 މިލިއަން އެއީ، ބޮޑު އެއްޗެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ހަމަ ހުރިހާ ބޭފުޅުން އަޑު އައްސަވާލައްވާ އަޅުގަނޑު ދެން ދަންނަވަން މިއުޅޭ ހިސާބު.

 

އަޅުގަނޑުގެ މި ފަސް އަހަރުގެ ތެރޭގައި، މިހާރު ނިމެމުންދާ މަޝްރޫޢުތަކުގެ ޢަދަދު ނުލައި، ނިމިފައިހުރި މަޝްރޫޢުތައް، މިއަދާ ހަމައަށް އަންނައިރު، 425.7 މިލިއަން ރުފިޔާ. ހަމަގައިމުވެސް، ވިލިނގިއްޔަކީ އާބާދީ އޮތް ރަށަކަށްވާތީ، ވިލިނގިލީގައި ވިޔަފާރި ކުރައްވާ ބޭފުޅުން މި ތާނގައިވެސް އެބަ ތިއްބެވި. އަޅުގަނޑު ދަންނަ ބައެއް ބޭފުޅުންވެސް ހަމަ ކުރީގެ ބަރިބަރީގައިވެސް އެބަ ތިއްބެވި. 425 މިލިއަން ރުފިޔާއޭ ބުނީމާ، އެބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ މި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްކަން. އަދި މީގެކުރީގައި މިތަނަށް މިއޮތީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާއޭ. މިއަދު އެ ޢަދަދު މިއޮތީ ދިހަ ގުނައެއްވެސް ނޫން ދޮގެއްތޯ، ދިހަ ގުނަ ވެއްޖިއްޔާ، 180 ގުނަ ގުނަވެސް މިހާރު ހަނދާންނެތޭ. ދިހަ ގުނައެއްވެސް ނޫން މިއީކީ އިނގޭތޯ. ދިހައަކުން ދިހައަކުން ދިހައަކުން ގުނަވެގެން ދިޔައިމާ، 425 މިލިއަނަށް އަރާނީ. އެހެންވީމާ، ވިލިނގިއްޔަށް މި ސަރުކާރުން އަޅާލައިފި ދޮގެއްތޯ؟ ޕީ.ޕީ.އެމް.ގެ ސަރުކާރުން، ރައީސް ޔާމީން އިސް މީހަކަށް ހުރެގެން ވިލިނގިއްޔަށް އަޅާލައިފި.

 

އެހެންވީމާ، މިއަކަށް ދެބަސް ވެވޭނެ، ހަމަ އެއްވެސް މީހަކު ނުހުންނާނެ. އަދިވެސް މިރަށުގައި ކުރިއަށް ހުރި މަޝްރޫޢުތައް ހިނގަމުން އެދަނީ. ފެނުގެ މަޝްރޫޢު ހިނގަމުން އެދަނީ. ބަނދަރު ހެދުމުގެ މަޝްރޫޢު ހިނގަމުންދަނީ. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖެއްޔާ، ބަނދަރު ހެދުމުގައިވެސް ގާތްގަނޑަކަށް 18 ވަރަކަށް ޕަސެންޓުގެ މަސައްކަތް މިހާރު މިއޮތީ ނިމިފައި. ދެން، މަސައްކަތް އިރާދަކުރެއްވިއްޔާ، ކުރިއަށްދާނެކަމަށް، އަޅުގަނޑަށް ގަބޫލުކުރެވެނީ. ވިލިނގިއްޔަށް ބޭނުންވާނެ ކަންތައް އަދިވެސް ހުންނާނެ. ހަމަ ވިލިނގިލިންވެސް ބޭނުންވާނެ، އެކި ރަށްރަށުގައި އަޅުގަނޑު އިޢުލާނު ކުރަމުން އަންނަހެން، ވިލިނގިލިވެސް ބޭނުންވާނެ، މި ސަރަޙައްދުގައި ޓޫރިޒަމް ރަށްރަށް ހަދާނެތޯ އަޅުގަނޑާ ސުވާލު ކުރައްވާނެ. އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި، ފުރަތަމަ ތިން އަހަރޭ ދެންނެވީ، ގއ. ގދ. ގައި ޙަޤީޤަތުގައިވެސް ޓޫރިސްޓު ރިޒޯޓު ހަދަން ހަމަ ވަރަށް ގިނަ ރަށްރަށް ހުރި އަތޮޅަކަށްވާތީ. 10,000 ގެ ތެރެއިން 4000 މި އަންނަނީ ވިލިނގިއްޔަށް. ވިލިނގިލީ ކައިރީގައި މިހާރުވެސް ބައެއް ރިޒޯޓުތައް އެބަހުރި.

 

އަދި އެއާއެކީ، އަޅުގަނޑު އެންމެފަހުން މިހާ ހިސާބަށް އައި ދަތުރެއްގައި، މި ތާ ކައިރީގައި އިންވެސްޓް ކޮށްގެންއުޅޭ ބޭރުގެ ފަރާތަކުން، ސިންގަޕޫރުގެ ވިޔަފާރިވެރިންތަކެއް އަޅުގަނޑު އިން ޖަލްސާއެއްގައި ޢާންމުކޮށް އިޢުލާނުކުރި، ރައީސް ޔާމީން 2018 ގައި ހޮވިއްޖެ ކަމަށްވަންޏާ، މިތަނުގައި ތިމަންނަމެން ބައިނަލްއަޤްވާމީ އެއަރޕޯޓެއް އަޅާނަމޭ. މިއީ ހަމަ ސީދާ، އެމީހުންގެ ޚަރަދުގައި ކުރާނެ ކަމެއްގެ ގޮތުގައި ބުނީ. އެހެންވީމާ، ވިލިނގިލި ކައިރީގައި، ނޫނީ، މި އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެޅިފައި، ކާޑެއްދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުވެގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި، ބޭރުން އަންނަ ބޯޓުފަހަރު މާލެއަށް ޖެއްސުމުގެ ބަދަލުގައި ސީދާ މި ތަންތަނަށް އޮޕަރޭޓް ކުރާނެ. އެހެންކަމަށްވަންޏާ، މި ތަންތަނުގައި ޓޫރިޒަމްގެ މަސައްކަތް އަޅުގަނޑުމެން އިތުރުކުރަމުން ގެންދާނަން.

 

މިހާރު މި ދައްކަނީ، ކަނޑު މަގުން ދަތުރުކުރާ ވާހަކައެއްނޫން. އަޅުގަނޑު އެންމެފަހުން ދިޔަ ރަށަކަށް މިއޮތީ ކޮލަމާފުށި. ކޮލަމާފުށީ އެއްގަމަށް ދިޔައިރު، ރަންވޭއެއް ނެތި އެތާ ބާއްވާފައި އޮތީ މަތިންދާ ބޯޓެއް. މިއީ، އަޅުގަނޑުމެންގެ ވިސްނުން ހުރިވަރު. އެހެންވީމާ، ވިލިނގިލީގައިވެސް ޝައްކެއްނެތް، މިކަހަލަ ސަމާސާ ކަންތައް ކުރައްވާނެ ބޭފުޅުން މަދެއް ނުވާނެ. އެހެންވީމާ، މި ދާއިރާގައިވެސް އަޅުގަނޑުމެން ފަށާއިރު، އަޅުގަނޑު ދަންނަވާލާނަން. އެންމެ ފުރަތަމަ ފަށާއިރުވެސް، ތިން އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެން ބޭނުންވޭ، މިހާރު ހުރި ރަށްތަކުގެ އިތުރަށް، އިތުރު ތިން ރިޒޯޓު އަޅަން. އެއާއެކީ، މި ދާއިރާގައި ބައިނަލްއަޤްވާމީ އެއަރޕޯޓު ހެދިގެން ދިޔައިމާ، އަޅުގަނޑު ހަމަ ޝައްކެއްނުކުރަން، މި އަތޮޅުގެ މި ހިސާބުގަނޑުގައި އިތުރު ރިޒޯޓު ހެދިގެން ދާންވާނެ. ތިން ރަށުގައި ރިޒޯޓު ހެދިގެންދާއިރު، މި ދައްކަނީ ހަމަ، ގާތްގަނޑަކަށް 1000 އާ ވަޒީފާ އުފެދިގެންދާ ވާހަކަ. މަސްވެރިކަމުގެ ދާއިރާއާ ބޭރުން ކުރާ ސީދާ ޓޫރިޒަމްގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، ގއ. ގެ ދާއިރާއިން 4000 އެނދު ހެދިގެންދާއިރު، ވިލިނގިލީ ދާއިރާއަށް އޭގެ ތެރެއިން އެބަދޭ ގާތްގަނޑަކަށް ތިން ރިޒޯޓު ނޫނީ 600 ނޫނީ އެއަށްވުރެ ގިނަ އެނދު އުފެދިގެން އެބަ އާދޭ.

 

މިއީ، ހަމަ ޒުވާނުންގެ ވަޒީފާގެ ވާހަކަ އަޅުގަނޑު މިދައްކަނީ. މަސްވެރި ރަށަކަށްވާތީ، މަސްވެރިންނަށް ކޮށްދޭން ބުނި ކަންތައްތަކުގެ ވާހަކަ، މި ދަތުރުގައި އިޢުލާނު ކޮށްފިން. އޭގެ ކުރީގައިވެސް ބައެއް ކަންތައް އިޢުލާނު ކޮށްފިން. ވިލިނގިލީގައި ތިއްބެވި އަޅުގަނޑުމެންގެ ފިކުރުގެ މަސްވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު އިދިކޮޅު ފަރާތްތަކުން، މަސްވެރިންނަށް މިވެނިކަމެއް ކޮށްދެއްވަން، އެވެނިކަމެއް ކޮށްދެއްވަން، މިވެނި އަގެއް ދެއްވަން ވިދާޅުވާ ވާހަކައަށް، އަޅުގަނޑުމެންގެ ފިކުރުގައި ތިބި މަސްވެރިން ހޭލުންތެރިވާށޭ. އެއީ، އެކަންކަން އޭގެ ކުރިންވެސް އެބޭފުޅުންނަށް ކޮށްދެވެންވާނެ. އެކަމަކު މަސްވެރިކަމުގެ ޞިނާޢަތަށް ބަލާކަމަށްވަންޏާ، އެބޭފުޅުން އެވިދާޅުވާގޮތަށް އެކަންކަން ކުރެއްވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އަދި މީގެ ތަފުސީލުތައް ވަރަށް އަވަހަށް ސަރުކާރުގެ ފަރާތުން، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސްވެރިންނަށް އޮޅުންފިލާ ވަރަށް މިކަންކަން ވިދާޅުވެ ދެއްވާނެ.

 

މަސްވެރިންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ބާނާ މަހަށް ވަގުތުން ފައިސާ ނުލިބުމާއި، މިކަހަލަ ދަތި ހުންނާނެ. ތެޔޮ ލިބޭ އަގު ބޮޑުވުން، މިކަހަލަ ދަތި ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަކީ، މިޞަރަޙައްދުގެ މީހުންނަކީ، އަބަދުވެސް މަސްވެރިން ކަމުގައިވާތީ، އިތުރަކަށް މަސްވެރިން، އެބޭފުޅުން އެ ދައްކަވާ ޖާދޫގައި ޖެހިގެން، އަޅުގަނޑުމެން ހަލާކުވާކަށް، އަޅުގަނޑުމެންގެ ވޯޓު އެކޮޅަށް ދޭކަށް އެއީކީ ހަމަ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން.

 

އަޅުގަނޑުމެންގެ ފިކުރުގައި ތިބި މަސްވެރިން މަދެއްނުވާނެ. މަސްވެރިންނަށް އެނގޭނެ، މިއަދާ ހަމައަށް އައިއިރު ދަތިތަކެއް ހުރި ނަމަވެސް، މަސްވެރިންނާ ދޭތެރޭގައި ހަމަ އެންމެ އަޅާލާފައި އޮތީ އަދިވެސް ހަމަ މި ސަރުކާރުންކަން. އަދި މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އިތުރު ކަންތައްތަކެއްކޮށް، މަސްވެރިންނަށް ވަގުތުން ލިބެންވާ ފައިސާ  ލިބުމުގެ އިންތިޒާމުތައް ހަމަޖައްސާނެއޭ ބުނަމުން މިގެންދަނީ. އަޅުގަނޑުމެން ކަނޑައެޅިގެން ނުދަންނަވާނެ އެއްޗަކީ، އަޅުގަނޑުމެންނަށް އޭގައި ސާބިތު ނުހިފޭ ވާހަކައެއް. އެ އަޅުގަނޑުމެން ނުދަންނަވާނަން. އަޅުގަނޑުމެންނަށް ކަނޑައެޅިގެން ދަންނަވާކަށް ނޭނގޭ، ބާނާ ކޮންމެ މަސް ކިލޯއަކަށް މިތައް ރުފިޔާއެއް ދޭނަމެކޭ އަޅުގަނޑަކަށް ބުނާކަށް ނުކެރޭނެ. އެއީ، އެހެން އަދަދެއް ބުނެފިކަމަށްވަންޏާ، އެ އަދަދު ސީދާ ނުވާފަހަރު، ދެން އަޅުގަނޑަށް އުނދަގޫވާނެ.

 

ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހުރިހާ ސިޔާސީ ލީޑަރުންވެސް ރައްޔިތުންގެ އިޙުސާސްތައް ހުންނަ، ނޫނީ ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ބޮޑެތި ކަންކަމުގައި، އޮޅުވާލައިގެން ވާހަކަ ދެއްކެވީމާ، އެއީކީ ކަމަކުދާ ވާހަކައެއް ނޫން. އަދި ވާހަކައެއް ވިދާޅުވެފައި، މިހާރު ހާލަތު ބަދަލުވިއްޔޭ، އެހެންވީމާ އެކަން ވާންނެތިއްޔޭ ވިދާޅުވީމާ، އެއީކީ ރަނގަޅުކަމެއް ނޫން. ސިޔާސީ ލީޑަރުން، އަދި ޤައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށް، އުއްމީދު ކުރައްވާ، އިންތިޒާރު ކުރައްވާ، މަސައްކަތްކުރައްވާ ބޭފުޅުން، ވާހަކަފުޅު ދައްކުވާއިރު އެބޭފުޅުން ދައްކަވަންވާނީ ރައްޔިތުންނަށް އެނގޭވަރުގެ ވާހަކަ. ރައްޔިތުންނަށް އެވާހަކަ އުފުލޭވަރުގެ ވާހަކަ. އަދި ރައްޔިތުންނަށް އެވާހަކަތައް ގަބޫލުކުރެވޭވަރުގެ ވާހަކަ.

 

އެހެންވީމާ، މަސްކިލޯއަކަށް މިވެނި ވަރަކަށް ދޭނަމޭ ބުނުމަކީ، އަޅުގަނޑުމެންގެ ހިސާބުތަކުން އަދި އެއަކަށް އެއްޗެއް އަޅުގަނޑުމެން ދަންނަވަން ބޭނުންވާ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ދަންނަވަން އެނގޭ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން އަދަދާއެކީ ދަންނަވަމުން އެބަދަން. މިސާލަކަށް އުފައްދާނެ ވަޒީފާގެ އަދަދު އަޅުގަނޑުމެން ދަންނަވަމުން އެބަދަން. އުފައްދާނެ ވަޒީފާގެ އަދަދު، ޓޫރިޒަމްގެ ދާއިރާއިން އިތުރަށް އުފައްދާނެ ވަޒީފާގެ އަދަދު ދަންނަވަން އެނގޭ ގޮތަކީވެސް އަޅުގަނޑުމެންގެ ސަރުކާރުގައި، މި ހިނގަމުންދާ ފަސްއަހަރުގެ ތެރޭގައި، އަޅުގަނޑުމެން އުފައްދައިފިން، އަލަށް އުފައްދައިފިން، 76,000 ވަޒީފާ. އެހެންވީމާ، ވަޒީފާތަކަކީ އުފެދި، އަދި އެވަޒީފާތަކަށް ޒުވާނުންނާއި އަދި އެވަޒީފާތަކަށް އަންހެނުންނާއި، އަދި އެވަޒީފާތަކަށް ނުކުޅެދޭ ކުދިންނާއި، އެ ވަޒީފާތައް އަދާކުރަމުންދާ ގިންތިތައް އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، ވަޒީފާތައް އަދާކުރާ މީހުންތަކެއް މިހާރު އެބައުޅޭ.

 

މިހާރު އަޅުގަނޑުމެންނަށް އިތުރަށް ނުކުންނަ ކަންކަމަކީ، އިތުރު ވަޒީފާ އުފައްދާނެ ގޮތް. އިތުރު ވަޒީފާ އުފެއްދޭނެ ގޮތްތަކަކީ، ޙަޤީޤަތުގައިވެސް ޞިނާޢަތްތަކެއް އިތުރަށް ތަރައްޤީ ކޮށްގެން، އިތުރަށް ބިނާކޮށްގެން. އަދި އެވަޒީފާތަކަށް އަންނަ މީހުންނަކީ، އެމީހުންނަށް ލިބޭ ފުރުޞަތުތަކަށް ކޮންމެވެސްވަރެއްގެ ހޭދައެއް ކުރެވޭވަރުގެ އާމްދަނީގެ ޤާބިލުކަމެއް ހުރި ބަޔަކަށް ވާންއެބަޖެހޭ. 2030ހާ ހަމައަށް ދާންވާއިރަށް 18 އަހަރު ފުރޭ އެންމެންނަށް އެޕާޓްމަންޓެއް ނޫނީ ގެދޮރުވެރި ކުރުވާނަމޭ ބުނީމާ، އޭގެމާނައަކީ ހުރިހާކަމެއް ހިލޭ ވާހަކައެއް ނޫން. އެކަމަކު އޭގެ މާނައަކީ އެމީހުންނަށް ކެރިފޯރާ ވަރެއްގައި، އެޕާޓްމަންޓް ކުއްޔަށްދީގެން ނަމަވެސް އެޕާޓްމަންޓް ކުއްޔަށް ހިފޭނެ ވާހަކަ. އެހެންކަމަށްވަންޏާ، އެ މީހުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް އޮންނަންވާނެ. އެހެންވީމާ، މީހުންނަށް އާމްދަނީ ހޯދައިދޭނެ ގޮތްތަކުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކަންވާނެ. ޢާމްދަނީ ހޯދައިދޭނެ ގޮތްތަކުގެ ވާހަކަ ދައްކަންވީ ފަރުދީ ލެވަލްއެއްގައި. އޭގެފަހުން، މުޅި ރަށަށް ބޭނުންވާ އާމްދަނީ ހޯދޭނެ ވާހަކަ ދައްކަންވާނެ. އެއީ، ޚަޒާނާއެއްގެ ފެންވަރުގައި. އެވާހަކަ ދެއްކުނީމަ، ރައްޔިތުންގެ ތެރެއިން ކަންކަން ދިރާސާކުރާ މީހުންނަށް އެނގޭނެ، މިދައްކާ ވާހަކައިގައި އާރުލާ ކަންކަން އެބަހުއްޓޭ. މިމީހުންނަށް މިކަން ކުރެވިދާނެއޭ.

 

އެހެން އެބޭފުޅުންނާ ދޭތެރޭގައި ދަންނަވަން މިޖެހެނީ އޭގެކުރީގެ ސަރުކާރަކަށް އެބޭފުޅުން އުއްމީދުކުރައްވަމުން ދިޔައިރު، އޭރު އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް. އޭރު އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް އަޑުނާއްސަވާ، އެނގިވަޑައިނުގަންނަވާ ހަމަ އެއްވެސް ބޭފުޅަކު ނުއުޅުއްވާނެ. ހަނދާން އާކޮށްލަން ބޭނުމިއްޔާ، ތާޒާކޮށްލަން ބޭނުމިއްޔާ، އޭރު ދައްކާފައިހުރި ވާހަކަތަކަށް ވަޑައިގަންނަވާ. އާކައިވްތަކުގައި އެހެރީ ޓީވީތަކުން ދައްކާނެ. އަދި މީހުންގެ ހަނދާނުގައި ހުރި ކަންތައްތައް ހުންނާނެ. ހަމަ އެގޮތަށް ރުޖޫޢަވެ ވަޑައިގެންދެއްވާ، އެބޭފުޅުންގެ ސަރުކާރުގެ ކަންތައް ހިނގައިދިޔަ ގޮތަށް. އެބޭފުޅުންގެ ސަރުކާރުގެ ކަންތައްތައް ހިނގައިދިޔަގޮތް އެހެރީ އަޅުގަނޑުމެންނަށް ޓީވީތަކުން ފެންނަން. އެކި ކުލިޕްތައް މިހާރުވެސް ޓީވީތަކުން ދައްކާ އެބަ، އަޅުގަނޑުމެންގެ އަމާންކަން އޮތީ ކިހާމިންވަރެއްގައިކަން އަޅުގަނޑުމެންނަށް އިޙުސާސް ކުރެވޭ. އަދި އަޅުގަނޑުމެން ޒުވާނުންނަށް އަޅާލީ ކޮން ސަރުކާރަކުންކަން އަޅުގަނޑުމެންނަށް އިޙުސާސް ކުރެވޭ. ޒުވާނުން އޭރު ދިޔައީ، ވަޒީފާތަކަށްތޯ، ޒުވާނުން އޭރު ދިޔައީ ޖަލު ތޭރި ބިއްދޮށަށްތޯ މިއީ ހަމަ އުފެދޭ ސުވާލު. ޒުވާނުންނަށް އަޅާލެވުނުގޮތުގެ ތަފާތު ހުރިގޮތް މިދަންނަވަނީ.

 

އަޅުގަނޑުމެންނަށް ފެނިގެންގޮސްފައިހުރި މަންޒަރުތަކަށް ބަލާކަމަށްވަންޏާ، މަޤާމަށް ނުފޫޒު ފޯރުވާ ވާހަކަ އަޅުގަނޑުމެން އެބަ އަޑުއަހަމު. އަޅުގަނޑު ހަމަ ބައެއް މިސާލުތައް ދަންނަވާލާނަން. އަޅުގަނޑު ދެންނެވިން ވިލިނގިލީގައި އަޅުގަނޑު ދައްކަން ބޭނުންވަނީ ސިޔާސީ ވާހަކައޭ. އެ ސިޔާސީ ވާހަކަ ދައްކަން ބޭނުންވަނީ ހަމަ ޙަޤީޤަތުގައިވެސް، އަޅުގަނޑުވެސް މިހާހިސާބަށް އައިއިރު މިހާރު ހަކަތަ ހަމަ މިދަނީ. އިތުރަށް ތެޔޮ އަޅައިގެން ނޫނީވިއްޔާ ކުރިއަކަށް ނުދެވޭނެ. މަސްކަނޑަށް ނުކުންނަ ކަމަށްވަންޏާ، ތެޔޮ އަޅަންޖެހޭނެ ދޮގެއްތޯ!

 

އެހެންވީމާ، އަޅުގަނޑުވެސް ބޭނުންވަނީ، މިފަހަރު މި ނިންމާ ދަތުރުގައި އަޅުގަނޑު ބޭނުންވަނީ ހަމަ ސިޔާސީ ވާހަކަތަކެއް، ތިޔަބޭފުޅުންގެ އިސްތަށިފުޅަށް ބުރަވާވަރަށް ވިސްނާލަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލަން. އެކަމަކު އެ ދޫކޮށްލަނީ، އެބޭފުޅުން ދައްކަވާ ވާހަކައިގައި އެބޭފުޅުންނަށް ރައްދު ދިނުމުގެގޮތުން އަޅުގަނޑު މިވާހަކަތައް ދޫކޮށްލަނީ. އަޅުގަނޑުމެންނާ ބެހޭގޮތުން، އަޅުގަނޑުމެންނާ ރައްދުކުރައްވާ ދައްކަވާ އެއް ވާހަކައަކީ، ނުފޫޒު ފޯރުވާ ވާހަކަ. ދެން އަޅުގަނޑު ހިތަށް އަރަނީ، ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އަރާގޮތަށް، ނުފޫޒު ފޯރުވުމުގެ ވާހަކަ ކިހިނެއްބާއޭ އަޅުގަނޑުމެންގެ ތެރޭގައި ބަޙުޘެއްގެ ތެރޭގައި ދައްކާނުލަންވީ؟

 

އަޅުގަނޑުމެން ކަންކަމާ ދޭތެރޭގައި ވިސްނާއިރު، މިދިޔަ ރިޔާސީ އިންތިޚާބުގައި، 2013 ވަނަ އަހަރު އިންތިޚާބަށް ކުރިމަތިލި މީހެއް އަޅުގަނޑު މިއީ. އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅެއް ރައީސް ނަޝީދު އެއީ. އިންތިޚާބު ކައިރިވެގެން އުޅުނުއިރު، އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނަރުގެ އިސްބޭފުޅަކަށް ހުންނެވި، ފުވާދު ތައުފީޤުގެ ގެޔަށް ވަދެގެން، ބޭފުޅަކު ވަދެގެން ނުނިކުމެވިގެން އުޅުނު ވާހަކަ އަޅުގަނޑުމެން ދުށިން ޓީވީ ތަކުން އަޑުއެހިން. ނޫސްތަކުގައި ޖެހި. ކޮން ބޭފުޅެއްތޯ އޭރު އިލެކްޝަންސް ކޮމިޝަންގެ، އިސް ކޮމިޝަނަރަކަށް ހުންނެވި ފުވާދު ތައުފީޤުގެ ގެއަށް ވަޑައިގެން އެ އުޅުއްވީ؟ އިންތިޚާބުގެ ދުވަސްވަރު ކީއްކުރަންތޯ އިލެކްޝަންސް ކޮމިޝަނަރުގެ ގެއަށް ދާންވީ؟ އުނދަގޫ ވަގުތެއްގައި އެންމެން ހޭލާއުޅޭ ވަގުތެއްގައެއް ނޫން. ވަދެވަޑައިގެންފައި، އެހެންނަމަވެސް، މީހުން ހޭލައިގެން ހިނގާބިނގާވާ ހިސާބަށް ދިޔައިމާ އެނގިވަޑައިގަތީ، ތިމަންނަ މިހާރު މިގެއިން އެބަ ނުކުންނަންޖެހޭކަން. ދެން އެ ގެއިން ނުކުމެވަޑައިނުގެންނެވި އެތައްއިރަކު އެގޭގެ ތެރޭގައި އަމިއްލައަށް ޙިޞާރުވެގެން އިންނެވީ. އެއީ ހަމަ އަޅުގަނޑާއެކީ ވާދަކުރެއްވި ރިޔާސީ ކެނޑިޑޭޓަކު. މަޤާމުގެ ނުފޫޒު ފޯރުވާކަށް ނޫންބާ އެދިޔައީ. ނޫނީ ކަންކަމަށް ނުފޫޒު ފޯރުވާކަށް ނޫންބާ އެދިޔައީ. މިވާހަކަތައް އަޅުގަނޑުމެން ދައްކާލަން ވީނޫންތޯ. އަޅުގަނޑުމެންނަށް ހަމަ ޔަޤީން ކަށަވަރު، މީޑިޔާގައި އޭރު ދެއްކި ވާހަކަ ތިޔަބޭފުޅުން ދިރާސާކޮށްލެއްވުމަށް މީޑިޔާގައި އޭރުގެ ޞަފްޙާތަކަށް ވަޑައިގެންފިއްޔާ ތިޔަބޭފުޅުންނަށް މިޞަފްޙާތައް ފެންނާނެ.

 

ނުފޫޒު ފޯރުވާ ވާހަކަ، އަނެއްކާވެސް ހިންގަވާ ވާހަކަ ދައްކާލަމާ. ޖޭ.އެސް.ސީ.ގައި ފަނޑިޔާރުންނަށް ހުވާލައިދެއްވުމުގެ ރަސްމިއްޔާތެއް ޙިޞާރުކޮށްގެން، ކޮންމެވެސް އަންހެން ބޭފުޅަކު އުޅުއްވިތަން އަޅުގަނޑުމެންނަށް ޓީވީތަކުން މިހާރުވެސް ފެނެއެއް ނޫންތޯ. މިހާރުވެސް ފެނެއެއް ނޫންތޯ އެ ފޮޓޯތައް. ކީއްތޯ އެކުރީ އޭރު؟ އަނެއްކާ އެބޭފުޅަކީ ކޮން ބޭފުޅެއްތޯ؟ އެކަނބަލަކީ އޭރުގެ ރައީސް، ރައީސް ނަޝީދު ޖޭ.އެސް.ސީ.އަށް ޢައްޔަންކުރައްވާފައި ހުރި މެންބަރު. ހަމަ ދެކޮޅަށް ދެކޮޅަށް ހިނގަމުން މިދަނީ، އެބޭފުޅުންގެ ހުވާލައިދެއްވުމުގެ ރަސްމިއްޔާތު ބަރުބާދު ކޮށްލުމަށްޓަކައި. އެހެންވީމާ، ވަކިބަޔަކު ހުވާކުރިއަ ނުދޭންވެގެން މިކަންކަން މިއޮއް ހިނގައި ނަގަނީ. ކޮންބައެއްބާ ނުފޫޒު ފޯރުވީ؟

 

ދެން އަޅުގަނޑުމެން ދާދިފަހުން ސިޔާސީ ޕޯޑިއަމްއެއްގައި، އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު ވާހަކަ ދައްކަވާ އަޑު އަޅުގަނޑުވެސް އެހިން. ޕޮލިސް ކޮމިޝަނަރުގެ ގޮނޑީގައި ސިޔާސީ ބޭފުޅަކު، ރައީސް ނަޝީދު ޕާޓީގެ ސިޔާސީ ބޭފުޅަކު އިންނަވައިގެން، ފުލުހުންނަށް އަމުރު ކުރައްވަމުން ގެންދަވަނީ ކަންކަންކުރަން. ކޮބައިތޯ ނުފޫޒު ފޯރުވުމަކީ؟ ނޫނީ ކޮބައިތޯ ނުފޫޒު ނުފޯރުވުމަކީ؟ މިހިރީ ހިނގާފައިހުރި ކަންތައްތައް ދޮގެއްތޯ؟ މިކަހަލަ ކިތައް ކަންތައްތޯ ހިނގާފައިހުރީ. އެންމެ ބޮޑެތި، އެންމެ ބޮޑެތި މުއައްސަސާތަކަށް އަސަރު ފޯރުވަން ކޮށްފައިހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މިދައްކަނީ.

 

ކީއްވެގެންތޯ ޖޭ.އެސް.ސީ.ގެ އެރޭގެ ޖަލްސާގެ އެހާހަޑިކޮށް އެކަންތައް ހިނގައި އެދިޔައީ. އެބޭފުޅުން ޖަވާބު ދެއްވަންވީނޫންތޯ؟ ޤާނޫނުގައި އޮންނަ ގޮތުގެމަތިން ފަނޑިޔާރުންނަށް ހުވާލައިދިނުމާއި، ފަނޑިޔާރުން ހަމަކުރުމަކީ ޖޭ.އެސް.ސީ.އިން ކުރަންޖެހޭ ކަމެއް. އެމަސައްކަތް ކުރެއްވޭތޯ އޭރު ޖޭ.އެސް.ސީ.ގެ ރައީސަކަށް ހުންނެވި މުޖުތާޒު ފަހުމީ. އޭނާ އެމަސައްކަތް ކުރެއްވޭތޯ ބައްލަވަމުން ގެންދެވި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އޭރުގެ ރައީސް ޢައްޔަންކުރައްވާފައި ހުރި ކަނބަލަކު ނުކުމެ ހަމަ، އެކަމާ އިޙްތިޖާޖުކުރަމުން އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދާތަން. އެހެންވީމާ، ނުފޫޒު ފޯރުވާ ވާހަކަ އަޅުގަނޑުމެންނަށް އެބަ ދެއްކޭ ދޮގެއްތޯ.

 

ނުފޫޒު ފޯރުވާވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ މިހާހިސާބަށް އައިއިރު، ކިހިނެއްތޯ މި ސަރުކާރުގެ ކަންކަމާ ދޭތެރޭގައި، އެބޭފުޅުން ޢަމަލުކުރައްވަމުން މިގެންދަވަނީ؟ އެބޭފުޅުން، ހުރިހާ ބޭފުޅުން މިހާރު އެތިއްބެވީ، އެއް އޮޑިއެއްގައި. އެ އޮޑީގައި ތިއްބެވި ބޭފުޅުންގެ ބައެއް ވާހަކަތައް އަޅުގަނޑު ދަންނަވާލާނަން. ކިހާވަރަކަށް ނުފޫޒު ފޯރުވުނީމަތޯ އެބޭފުޅުންގެ ތެރޭގައި ތިއްބެވި ވިޔަފާރިކުރައްވާ އެކިއެކި ބޭފުޅުން ސަރުކާރަށް ދައްކަންވާ ފައިސާ ނުދައްކާ، އެކި ކަހަލަ ބަހަނާ ދައްކަވަމުން އެކިކަހަލަ ކަންތައް ސަރުކާރުން އެބޭފުޅުންނަށް ކޮށްދެމުން، އަދި ނުވިތާކަށް ފަޅުތަކާ އެއްޗެހި ދެމުން އެގެންދެވީ. މިއީ ނުފޫޒެއް ނޫންތޯ؟ ހަމަ ނުފޫޒު ފޯރުވަމުން ގެންދިޔައީ.

 

ރައްޔިތުން މަޖިލީހުގައި ގޮނޑިކޮޅެއް ހުރީމަ، ނޫނީވިއްޔާ ނުފޫޒު ފޯރުވޭ މަޤާމުތަކެއްގައި، އޭގެ ބޭފުޅުން ތިއްބެވީމާ، އެބޭބޭފުޅުންގެ އެހީހޯއްދެވުމަށްޓަކައި، ހިނގަމުންދިޔަ ކަންތައް. ވަރަށް ގިނަ ކަންކަން މިކަހަލަ ބޭފުޅުންނަށް އޭރުގެ ސަރުކާރުން ވަނީ ކޮށްދެއްވާފައި. ނުފޫޒު ފޯރުވުމުގެގޮތުން ކުރައްވަމުން ގެންދެވި ކަންތައްތައް އެއީ. ހަމަ ނުފޫޒު ފޯރުވުމުގެގޮތުން ކުރައްވާ ކަންތައްތައް އަދިވެސް ހިންގަވާ ބަލައިލަމާ!

 

ހަމަ ހުރިހާ ބޭފުޅުން، މިއަދު އެ ތިއްބެވީ އެއް އޮޑިއެއްގައި. އަޅުގަނޑުމެން އޮޑިން ފުންމާލީ، އަޅުގަނޑުމެން އޮޑިން ފުންމާލި ބަޔަކު. އެވާހަކައިން އަޅުގަނޑު ފެށީ، ވިލިނގިލީގައި ވާހަކަ ދައްކަމުން. އެއިން އަޅުގަނޑުމެންގެ ޕާޓީއަށް ހީނަރުކަން އައި. ނިކަމެތިކަން އައި. އަޅުގަނޑުމެންގެ އާންމު މެންބަރުންނަށް މާޔޫސްކަން އައި. އަދި އަޅުގަނޑުގެ ޕާޓީ ބަލިކަށިވިކަންވެސް އަޅުގަނޑު ގަބޫލުކުރަން. މަޖިލީހުގެ ތެރޭގައިވެސް އަޅުގަނޑުމެން ނިކަމެތިކަން އިޙުސާސް ކުރީމު. އެކަމަކު އެއީ ޚިޔާނާތްތެރިވީމާ އޭގެ ނަތީޖާ. ބަޔަކު ޚިޔާނާތްތެރިވީމާ ނުކުންނަ ނަތީޖާ އެއީ. އެއީ ހަމަގައިމު ނުފޫޒު ނުފޯރުވައެއް ނޫން އެ ބޭބޭފުޅުން، އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެން ދިޔައީކީއެއް. އެއީވެސްހަމަ ނުފޫޒު ފޯރުވައިގެން.

 

ދެން ނުފޫޒު ފޯރުވާ ވާހަކަ މިހާރު އަޅުގަނޑުމެން ދެއްކީމާ މި ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ކުރައްވާ ކަންކަމުގެ ތެރޭގައި ރިޝްވަތުގެ ކަންތައްތައް ހިމެނުނީމާ، އެއާ ޖަދަލު ކުރައްވައިގެން އެ މަސައްކަތް ކުރައްވަނީ. ވިލިނގިލިން ތިޔަބޭފުޅުން ހޮއްވެވި މެންބަރު، ތިޔަބޭފުޅުން ގަބޫލު ކުރައްވަންތޯ، އެބޭފުޅުންގެ ގޮނޑި އެގޮތަށް ބަދަލުވެގެން ދާންޖެހޭނެ ކަމަށް؟ އަޅުގަނޑަކަށް ހިއެއްނުވޭ މިތާ އެކަކުވެސް ގަބޫލުކުރާނެހެނެއް. ޕީ.ޕީ.އެމް.ގެ ވިންދުގައި، ޕީ.ޕީ.އެމް.ގެ ވިންދުޖަހާ ހަށިތަކުން އަޅުގަނޑުމެން ވޯޓުލައިގެން މިތަނުން މީހަކު ހޮވީ. އެކަމަކު އެބޭފުޅަކަށް ނޭނގުނު، އެ އަމާނާތް ދަމަހައްޓާކަށް ތެދުވެރިކަމާއެކީއެއް.

 

އެހެންވީމާ، ނުފޫޒުތަކެއް އެހެރީ ފޯރާފައި ދޮގެއްތޯ. އެ ހުރިހާ ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތުން ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޕްރޮސެކިއުޓަރ ޖެނެރަލަކަށް ހުންނެވި ބޭފުޅަކު، ހަމަ މި އަތޮޅުގައި ދައްކާލަން ރަނގަޅު ވާހަކައެއް މިއީ، ގއ.ގެ ބޭފުޅަކަށްވާތީ. މަގާމުން ވަކިވީ މަޤާމުގެ ޝަރުޠުތައް އުނިވެގެން. ދެން އަޅުގަނޑުމެންނަށް ފެނުނީ ކޮންކަމެއްތޯ؟ ދެން އަޅުގަނޑުމެންނަށް ފެނުނު ކަންކަމުގެ ތެރޭގައި، އެހެން ކޯޓެއްގެ ފަނޑިޔާރަކަށް މަޝްވަރާ ދެއްވައިގެން، ސައްލާ ކުރައްވައިގެން، ކޯޓެއްގެ ލެޓަރހެޑް ފޯޖް ކުރައްވައިގެން، ކޯޓެއްގެ ލެޓަރހެޑްގައި، ރައީސް ޔާމީން ހައްޔަރުކުރަން އަމުރެއް މި ނެރެނީ. މަޤާމުގެ ނުފޫޒެއް ނޫންތޯ މިފޯރުވީ؟ ނޫނީ ނުފޫޒެއް ނޫންތޯ މި ފޯރުވަނީ؟ އެވަރުގެ ކަންތައްތައް މިހިރީ ކޮށްފައި.

 

ހަމައެއާއެކީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި، އެބޭފުޅުން ހިންގަވަން އުޅުއްވި ޖަރީމާތަކެއް ކުޑައެއްނޫން، މަދެއްނޫން. ދާދި އިހަށްދުވަހު އަޅުގަނޑުމެންނާ އަލްވަދާޢުވެގެން މިދިޔައީ، ހަމަ ކައިރީގެ މާޒީގައި ހިނގައިދިޔަ ކަންތައް ދޮގެއްތޯ. ސުޕްރީމް ކޯޓުގެ ފެބުރުވަރީ 1 ވަނަ ދުވަހުގެ އަމުރަކީ ކޮންކަހަލަ ކަމެއްތޯ؟ އެއީ ހަމަ އިލާހީ ޤާނޫނުގައި އެކަން އޮތީމާ، އެގޮތަށް އައި ކަމެއްތޯ އެއީ؟ އެއީ ނުފޫޒު ނޫންތޯ. އެއަށް ނުފޫޒު ނުކިޔަންޏާ، ކޯޗަކަށްތޯ ނުފޫޒު ކިޔަންވީ؟ އަދި އެ ނުފޫޒުގެ މަންފާ ލިބެނީ ކޮންބަޔަކަށްތޯ؟ އޭގެ ބެނެފިޝަރީންނަކީ ނޫނީ އޭގެ ފައިދާ ލިބެނީ ކޮންބަޔަކަށްތޯ؟ ހަމަގައިމުވެސް އެ ނުކުތް އަމުރުގައި ރައީސް ޔާމީން ނުފޫޒު ފޯރުވައިފި ކަމަށްވަންޏާ، އެ އަމުރު އޮންނާނީ އެގޮތަކަށް ނޫނެއްނޫންތޯ؟ އެ އަމުރުގައި ފުރަތަމައިނުންވެސް ލިޔާނެ ވާހަކައަކީ ރައީސް ނަޝީދު ރާއްޖެއަށް ގެންނަން އެބަޖެހެޔޭ. އެކަމަކު އޭގައި ކިހިނެއްތޯވީ؟ ރައީސް ނަޝީދު މިނިވަންވީ. އަދީބު މިނިވަންވީ. ދެން ޖަލުގައި ތިބިއްޔާ ތިބިހާ ސިޔާސީ މީހުން މިނިވަންވެގެންދިޔައީ. އަދި ކުރީގައި ކޮށްފައި ހުރި އެތައް ކަމެއް މަންސޫޚު ވެގެންދިޔައީ. ބާޠިލުވެގެންދިޔައީ. މެންބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށްވީ. އެހެންވީމާ، ކޮންބައެއްތޯ ނުފޫޒު މި ފޯރުވަނީ؟ މިއީ ޝަރުޢީ ދާއިރާގެ އެންމެމަތީ މަރުޙަލާގެ ކޯޓުގެ ވާހަކަ އަޅުގަނޑުމެން މި ދެއްކީ. ކޮންބައެއްތޯ އެ ތަނަށް ނުފޫޒު ފޯރުވީ؟ އެހެންވީމާ، ކޮންބައެއްތޯ ނުފޫޒު ފޯރުވަނީ؟

 

ސަރުކާރުން ނުފޫޒު ފޯރުވީ ކޮންކަމެއްގައިތޯ؟ ސަރުކާރުން ނުފޫޒު ފޯރުވާ ކަންތައްތަކުގެ ތެރޭގައި، މިއަދު ވިދާޅުވަންޏާ، އެބޭފުޅުން ވިދާޅުވާން އޮންނާނެ، ސަރުކާރުން ވަރަށް ގަދައަޅައި އެބަ މަސައްކަތް ކުރެޔޭ ރީ-ރަޖިސްޓްރީ ކުރުވަން. އެއީ ޖާއިޒް ނުފޫޒު. އެއީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް. އެހެންވީމާ، ސަރުކާރުން ހުރިހާ އެންމެން ކައިރީގައި ބުނާނެ، ވޯޓްލުމަށްޓަކައި ކަލޭމެން ރަޖިސްޓްރީ ކުރާށޭ. އެކަމަކު ސަރުކާރަކުން އެމީހުން ކައިރިއަކު ނުބުނާނެ، ކަލޭމެން ރަޖިސްޓްރީ ތިޔަކުރަނީކީ ޔާމީނަށް ވޯޓްލާށެކޭ. މާލޭގައި ދިރިއުޅުއްވާ ވިލިނގިލީ ރައްޔިތުން މަދެއްނުވާނެ. މާލޭގައި ދިރިއުޅުއްވާ އެހެން ރަށްރަށުގެ ރައްޔިތުން މަދެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ނުކުމެ މަސައްކަތްތަކެއް މިކުރީ އެމީހުން ރަޖިސްޓްރީ ކުރުވަން. އެއީ ކުރަންޖެހޭ ކަމަކަށްވާތީ. އެއީ ރައްޔިތުންގެ ބަހެއް އޮވެގެން ރައްޔިތުންގެ ކަންކަން ނިންމަން، 23 ސެޕްޓެންބަރުގައި މި ލާ ވޯޓް އަޅުގަނޑުމެން ލަނީ. އެހެންވީމާ، އަޅުގަނޑުމެން ބުނާނަން، ރީ-ރަޖިސްޓްރީ ކުރާށޭ. އެހެންވީމާ، ރީ-ރަޖިސްޓްރީ ކުރަން ބުނުމަކީ ނުފޫޒު ފޯރުވުމެއްނޫން. އެކަހަލަ ނުފޫޒެއް ނޫން އެއީކީ. އެއީ، ސިޔާސީގޮތުން ކުރާ ކަމެއްނޫން. އެމީހަކަށް ލިބިފައި އޮންނަ ރައިޓެއް، އެމީހަކަށް ލިބިފައި އޮންނަ ޙައްޤެއް، އެ ޙައްޤު އެމީހުން ބޭނުންކުރަން އަޅުގަނޑުމެން އެ މީހުންނަށް އެންގީ. އަދި އަޅުގަނޑުމެން ބުނެގެން ރީ-ރަޖިސްޓްރީ ކުރި މީހުން ވޯޓްލާނެ ގޮތެއް އަޅުގަނޑުމެންނަށް މިއަދު އެނގޭތޯ؟ އެއީ، ސިއްރު ވޯޓެއް. އަޅުގަނޑުމެން ބުނެގެން ރީ-ރަޖިސްޓްރީ ކުރި މީހުން، 23 ސެޕްޓެންބަރުގައި، އެ ހުރިހާ އެންމެންނަކީ ވަކިގޮތަކަށް ވޯޓްލާނެ ބައެއް ކަމެއް އަޅުގަނޑަކަށް ނުވެސް އެނގޭ.

 

އެހެންވީމާ، ނުފޫޒުގެ ބޭނުންކުރާ ވާހަކަ ދައްކާއިރު، ކޮންބައެއްތޯ ނުފޫޒުގެ ބޭނުންކޮށްފައި ހުރީ؟ ހަމަގައިމުވެސް އަޅުގަނޑެއް ނުހުންނާނެ އިލެކްޝަންސް ކޮމިޝަނަރު އުޅުއްވާ ގެކޮޅަށް އެއްވެސްއިރެއްގައި ގޮސް، ނުގަޑިއެއްގައި ވަދެ، އަދި އަޅުގަނޑަށް އެތަނުން ނުނުކުމެވިގެން އުޅެ، މިކަހަލަ ކަންތައްތަކެއްގެ ތެރޭގައި އަޅުގަނޑެއް ތާށިވެގެނެއް ނޫޅެން އެއްގޮތަކަށްވެސް. އަޅުގަނޑުގެ ފަރާތުން ދިޔަ މަންދޫބަކު ނޫޅޭނެ، ފަނޑިޔާރުން ހުވާކުރާ ޖަލްސާއެއްގައި، އެ ޖަލްސާ ހުއްޓުވާލާކަށެއް. އަޅުގަނޑުގެ ފަރާތުން ނުކުމެއުޅޭ މީހުންތަކެއް ނޫޅޭނެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، އެހެން ހުރިހާ މެންބަރުން ޙިޞާރުކޮށްގެން، ވަކިގޮތަކަށް ވޯޓް ނުލިބޭ ކަމަށްވަންޏާ ޖަލްސާ ކުރިޔަނުދޭކަށެއް. އަޅުގަނޑުމެން ގަބޫލުކުރާ ޑިމޮކްރަސީގައި، އެމީހަކު ދައްކާ ވާހަކައެއް މަޖިލީހުގެ ތެރޭގައި އެމީހަކު ދައްކާނެ. އަދި އެމީހެއްގެ ވިސްނުންހުރިގޮތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު، ނޫނީ ތާއީދު އޮތް ގޮތެއް ދައްކަވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލާ ވޯޓަކުން. އެކަމަކު އެކަންކަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޙިޞާރުކޮށް، މަޖިލީހުގެ ޖަލްސާތަކުން މެންބަރުން ނުކުތަނުދީ، މިކަހަލަ އެތައް ކަމެއް ކުރަމުންދިޔަ. އެއީ ކޮންއިރަކު ހިނގައިދިޔަ ކަންތަކެއްތޯ؟ ކޮންބައެއްގެ ފަރާތުން ހިނގައިދިޔަ ކަންތަކެއްތޯ؟ އެކިގޮތްގޮތަށް ދުއްޕާން ކުރުމާއި، ދުއްތުރާ ކުރުމާއި، ނުފޫޒު ފޯރުވުމާއި، އަދި މަޤާމުތަކުގައި ތިބި މީހުންނަށް އޭރު ބިރު ދައްކައިގެން ކަންކަން ކުރުވުމާ، މިހިރީ ހައްތަހާ ކޮށްފައި ހުރި ކަންތައްތައް ދޮގެއްތޯ. ރައީސް މައުމޫނުގެ ފަރާތްޕުޅުން އޭރު އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމުންދާތީ، ކޮންމެވެސްކަހަލަ ނުފޫޒެއް ރައީސް މައުމޫނަށްވެސް ފޯރުވޭތޯ ބަލަންވެގެން ދޮގެއްތޯ، މަޖިލިސް ކައިރީ ބިންމަތީގައި ދޫލަ އަޅައިގެން ތިބެ މާލޭސިޓީ ކައުންސިލުން ޖަލްސާއެއްކުރީ. ޖަލްސާއެއް ކޮށްފައި ކީއްތޯ ކުރީ؟ މއ. ކިނބިގަސްދޮށުގެ ސަރުކާރަށް ބޭނުންވެގެން ސަރުކާރަށް ނެގީ. އެއީ، ރައީސް މައުމޫނުގެ ވިސްނުންފުޅަށް ނުފޫޒު ފޯރުވާކަށްނޫންތޯ؟ 

 

އެހެންވީމާ، ނުފޫޒު ފޯރުވާ ވާހަކަ ދައްކާއިރު، މިހިރަ ވާހަކަތައް އަޅުގަނޑުމެންގެ ހަނދާނަށް، އަޅުގަނޑުމެންގެ ޚިޔާލަށް ނާންނާތީ، ހަމަ ދެރަވޭ އިނގޭތޯ. ނުފޫޒު ފޯރުވާ ވާހަކަ އެއީ، އެބޭފުޅުންނަށް ދެއްކެވޭނެ ވާހަކައެއް ނޫން އެއީ. އަދި އެބޭފުޅުންނަކީ މިހާރު  އެ ދައްކަވާ އެހެން ވާހަކައެއްވެސް ދެއްކެވޭނެ ބޭފުޅުންނެއް ނޫން. އެބޭފުޅުން ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ދައްކަވަންވީ، ތިމަންނާމެންނަށް ލިބުނޭ ތިން އަހަރު، ވެރިކަން ކުރަން. ފުރަތަމަ ވިދާޅުވެދެއްވަންވީ، ތިމަންނާމެންނަށް ވެރިކަމުގައި ކެތްކޮށްނުލެވިގެން ތިމަންނާމެން ދުރަށްދިޔައީ ކީއްވެގެންތޯ ވިދާޅުވާންވީ. ނުފޫޒު ފޯރުވުމުގެ ބޭނުމަކު ނޫންތޯ، އަޅުގަނޑުގެ މައްސަލަ އޭރު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔައީ. އަޅުގަނޑު ޤާނޫނާއި އުޞޫލުތަކާ ޚިލާފަށް އަޅުގަނޑު ނަގައި ހައްޔަރުކުރި. އަދި މިގޮތަށް ހައްޔަރުކުރި ބޭފުޅުން މަދެއްނުވާނެ. އަޅުގަނޑު މިއަދުވެސް ހަމަ ޤާސިމް އިބްރާހީމަށްވެސް ދަންނަވާލަން ބޭނުން، އަޅުގަނޑަށް ކޮންމެވެސް ޖަވާބެއް ދެއްވާތޯ. ޙައްޤުންތޯ، ނުޙައްޤުންތޯ ޤާސިމް އިބްރާހީމް ނަގައި ހައްޔަރުކުރީ. އެބޭފުޅުންނާއެކީ ޑޮކްޓަރ ޖަމީލް އެ އުޅުއްވަނީ. ބުނާތީ އަޅުގަނޑުމެން އަޑުއަހަން، ޑޮކްޓަރ ޖަމީލް ފުލުހުންގެ މުއައްސަސާއަށް އެއްދުވަހު ހަތްފަހަރު، އަށްފަހަރު ޙާޒިރު ކުރިއޭ. ކޮންމެފަހަރަކު އެތަނުން ނުކުމެގެން ލޯންޗަށް އަރާތަން އަޅުގަނޑުމެންނަށް ޓީ.ވީ އިން ފެނޭ. ވިދާޅުވެދެއްވަންވީ ނޫންތޯ، އެއީ ޙައްޤުންތޯ، ނުޙައްޤުންތޯ އެ ބޭފުޅުން އޭރު ޙާޒިރުކުރީ. އެހެންވީމާ، ޙައްޤުންތޯ، ނުޙައްޤުންތޯ ކަންކަންވަނީ، އޭރު ހިނގާފައި ހުރީ ކިހިނެއްތޯ؟ މިއަދު އަޅުގަނޑުމެންނަށް ޖަވާބު ދެއްވަންޖެހޭ އަނެއް މައްސަލަ މިއީ. ޙައްޤުންތޯ، ނުޙައްޤުންތޯ ކަންކަން ހިނގާފައި ހުރީ.

 

ނުފޫޒުގެ ބޭނުންކުރާ މިންވަރު އަދިވެސް ދަންނަވާލާނަން. އަޅުގަނޑު ދެނަހުރި ކަމެއް. އަޅުގަނޑުގެ މައްސަލަ ހިނގަމުންގޮސް، ހައިކޯޓުން މައްސަލަ ނިމި، އަޅުގަނޑުގެ މައްސަލަ އަޅުގަނޑު އިސްތިއުނާފު ކުރިން ސުޕްރީމް ކޯޓުގައި. ސުޕްރީމް ކޯޓުގައި އެންމެފަހުގެ އަޑުއެހުން، ނޫނީވިއްޔާ އެންމެފަހުގެ އަޑުއެހުން ނިންމާލާފައި، އަޅުގަނޑުމެން އިންތިޒާރު ކުރަމުންދިޔައީ ސުޕްރީމް ކޯޓުގެ ޙުކުމަށް. އޭރު އިންތިޤާލީ ޖަސްޓިސްއެއްގެ ގޮތުގައި، ސުޕްރީމް ކޯޓުގެ އިސް ޖަސްޓިސްއެއްގެ ގޮތުގައި ހުންނެވީ ޢަބްދުﷲ ސަޢީދު. މައްސަލަ ނުނިމިގެން، އެބޭފުޅުން ޗެމްބަރަށް ވަޑައިނުގަންނަވައިގެން، އަޅުގަނޑުމެން ދިގު އިންތިޒާރެއް ކުރީމު. މަޣުރިބު ނަމާދު ނިމި، ޢިޝާ ނަމާދާ ކައިރިވެފައި ހުއްޓައި، އެބޭފުޅުން ވަޑައިގެން ޗެމްބަރަށް ވެދެވަޑައިގަތީ. މިހާރު، އޭރު ކަންތައްތައް މިހިނގައިދިޔަގޮތް، ތިޔަބޭފުޅުންގެ ތެރެއިން އެނގިވަޑައިގަންނަވާ ބޭފުޅުން އައްސަވައިލައްވާ! އަޅުގަނޑު ދެނަހުރިކަމަކީ، ޢަބްދުﷲ ސަޢީދާ އޭރު ރައީސް ނަޝީދު، ރައީސް ކަމުގައި ހުންނެވީ. ގުޅުއްވަން އުޅުއްވައި އެއްގޮތަކަށްވެސް ނުގުޅިގެން، އެންމެފަހުން އޮފިސަރެއްގެ އަތަށް ދެއްވާފައި ފޯނު ފޮނުއްވީ ޢަބްދުﷲ ސަޢީދު އަތަށް. އެބޭފުޅަކު ވަޑައިގެން ވިދާޅުވީ، މިއީ ރައީސްގެ ފޯނޭ. މި ފޯނަށް ޖަވާބު ދެއްވާށޭ.

 

ކޮބައިތޯ ނުފޫޒު ނުފޯރުވިފައި؟ މިއީ ހިނގައިދިޔަ ކަންތައް. މިކަމެއް ޑިސްޕިޔުޓެއް ނުކުރެވޭނެ. މިއީ ދޮގެކޭ ނުބުނެވޭނެ. އޭރު އަޅުގަނޑުގެ މައްސަލަ ވަކިގޮތަކަށް ނިންމިދާނެތޯ ބެލުމަށްޓަކައި ކުރެވުނު މަސައްކަތެއް ނޫންތޯ މިއީ. އެކަމަކު ސުޕްރީމް ކޯޓުން އެ މައްސަލަ ނިމިގެންދިޔައީ އަޅުގަނޑުގެ ކުށެއް ނެތް ކަމަށް. އެކަމަކު އެ މައްސަލަ ނުނިމި، ޗެމްބަރަށް އެބޭފުޅުން ވަޑައިނުގެން، އެހާ ދިގުލައިގެން އެ ދިޔައީ ކީއްވެގެންތޯ، އަޅުގަނޑު މި ސުވާލުކުރަނީ. އޭރު ހިނގައިދިޔަކަމަކީ، އޭރުގެ ޗީފް ޖަސްޓިސްއަށް ރައީސް ނަޝީދު ގުޅުއްވަން އުޅުއްވައި އުޅުއްވައި ނުގުޅިގެން އެންމެފަހުން އޮފިސަރަކު ފޮނުއްވީ ފޯނު ދެއްވާފައި. މިހިރީ ހިނގާފައި ހުރި ކަންތައް. މިކަންކަން އެނގޭ މީހުންނަށް، މިކަންކަން ހިނގާފައި ހުރިކަން އެނގޭނެ. އެހެންވީމާ، ކޮބައިތޯ ނުފޫޒު ނުފޯރާފައި؟

 

ސަރުކާރުން މިހާރު ކުރާ ކަމެއްގައި ވިދާޅުވޭ، ނުފޫޒު ފޯރުވާފައި އޮތް ކަމެއް. އަޅުގަނޑުމެންނަކީ ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގެން ކަންތައްތައް ކުރާނެ ބައެއްނޫން. އަޅުގަނޑުމެންނަކީ ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގެން އަޅުގަނޑުމެން ބޭނުންވާގޮތަށް ކަންތައްތައް ކުރެވޭ ބައެއް ކަމަށްވަންޏާ، 1 ފެބުރުވަރީގައި އެ ނުކުތް އަމުރަކީ ހަމަގައިމުވެސް އަޅުގަނޑުމެންގެ ނުފޫޒެއް ފޯރައިގެން ނުކުތް އަމުރެއްނޫން. އޭގެ މަންފާ ލިބޭ އެންމެން މިހާރު އެތިބީ އެއް އޮޑިޔަކަށް އަރާ. އެހެންވީމާ، މަޤާމުގެ ނުފޫޒު ފޯރުވުން، ނޫނީ ކަންކަމަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކާއިރު، މިކަހަލަ ވާހަކަތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. ސިޔާސީ މީހުން މިކަހަލަ ވާހަކަ ދެއްކީމާ، އެހެން ރައްޔިތުންނަށް މިކަންކަން ތިލަވެގެންދާނީ، ފަހުމްވެގެންދާނީ.

 

އެހެންވީމާ، މިއީ މިކަންކަން ހުރިވަރު. އެހެންވީމާ، މި ހުރިހާ ސިޔާސީ ވާހަކަ ދޫކޮށްލަންވީ ނޫންތޯ އަޅުގަނޑުމެން. ދޫކޮށްލާފައި އަޅުގަނޑުމެން ބުނަންވީ ނޫންތޯ، ރައްޔިތުންގެ ކައިރިއަށް އައިސްފައި، ވިލިނގިލީގެ ރައްޔިތުން އަޑުއަހަން ބޭނުންވާނީ ސިޔާސީއެއް ވާހަކައެއް ނޫނޭ. ވިލިނގިލީގެ ރައްޔިތުން އަޑުއަހަން ބޭނުންވާނީ އިތުރަށް ތަރައްޤީ ކުރަން ކޮށްދޭނީ ކީއްތޯ. ގއ. ގައި ދެންހުރި ރަށްތަކުން ބޭނުންވާނީ، އިތުރަށް އެ ރަށްރަށަށް ތަރައްޤީ އަންނާނީ ކިހިނެއްތޯ؟ ޒުވާނުންނަށް ކުރިއެރުން ލިބިގެންދާނީ ކިހިނެއްތޯ؟ ރަށްރަށަށް ބޭނުންވެފައި ދެންހުރި އެހެން ކަންތައްތައް ކުރިއަށްދާނީ ކިހިނެއްތޯ؟ މި ވާހަކަ ދައްކަންޏާ މި އަންނަނީ ކޮން ވާހަކައެއްތޯ؟ މި ވާހަކަ ދައްކަންޏާ މި ދެއްކެނީ ހަމަ އެންމެ ލަފްޒެއްގެ ވާހަކަ. އެކަމަކު ބުރަ، ރައްޔިތުން މިއަދު އޭގެ އަގު ވަޒަންކުރާ، އެބޭފުޅުންނަށް އެހެންނަމަވެސް، ޖަވާބުދާރީވާން ދަތި ލަފްޒެއް މި އަންނަނީ. [ތަރައްޤީ] ތަރައްޤީއޭ ބުނީމާ، ތަރައްޤީ މިހާރު މިއަދުގެ ޒުވާނުންނާއި، އަޅުގަނޑުމެންގެ ޖީލު މިހާރު އެސޯސިއޭޓް ކުރަނީ ޕީ.ޕީ.އެމް ސަރުކާރާ.

 

އެހެންވީމާ، މިހާތަނަށް ހުރިހާ ދިމާއެއްގައި ހުރިހާ ކަމެއް ތަރައްޤީކުރި ބަޔަކީ ޕީ.ޕީ.އެމް ސަރުކާރުކަން އެމީހުން ގަބޫލުކުރޭ. އަޅުގަނޑަށް މި ވާހަކަ ހަމަ ކޮންމެ ރަށެއްގައި ދަންނަވަން ފަސޭހަ. އެއީ އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ، އެބޭފުޅުން ހިންގެވި ކޮންމެ މަޝްރޫޢަކަށް ރާއްޖޭގައި އެހެރީ ހަ މަޝްރޫޢު އަޅުގަނޑުމެން ހިންގާފައޭ. އެއީ، ބޮޑެތި މަޝްރޫޢުގެ ވާހަކަ.

 

ވިލިނގިލީގައި މި ވާހަކަ ދައްކަން އިތުރަށް ފަސޭހަވެގެންދާ ސަބަބު މި ދަންނަވާލަނީ. ވިލިނގިލީގައި މި ވާހަކަ ދަންނަވަން އިތުރަށް ފަސޭހަވެގެންދާ ސަބަބަކީ، އެބޭފުޅުންގެ ސަރުކާރުގެ ފަސް އަހަރު ދިޔައިރު، ވިލިނގިއްޔަށް ހޭދަވެފައި އޮތީ 18 މިލިއަން ރުފިޔާ. އަޅުގަނޑުމެންގެ ސަރުކާރުގެ މި ފަސް އަހަރު ވިލިނގިއްޔަށް 425 މިލިއަން މިހާރު ހޭދަވެއްޖެ. މި ހިނގަމުންދާ މަޝްރޫޢުތައް ނިމުނީމާ މި ޢަދަދު، 500 މިލިއަނަށްވުރެ އިތުރުވެގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންނަށް މި ވާހަކަ ނުދެއްކެންވީ؟ އެބޭފުޅުންނަށް މި ވާހަކަ ނުދެއްކެވިގެން މިއުޅެނީ މިކަހަލަ ރަށްރަށަށް ވަޑައިގަތީމާ، މި ރަށްރަށުގެ ރައްޔިތުން އެބޭފުޅުންގެ އަރިހުގައި އަހާނެ، މި ރަށަށް ތިޔަބޭފުޅުންގެ ސަރުކާރުގައި ކޮށްދެއްވީ ކީއްތޯ؟

 

އަޅުގަނޑު މި އަންނަނީ ކޮލަމާފުށިން. ކޮލަމާފުށީގައިވެސް އޮތީ ހަމަ މިކަހަލަ ގޮތަކަށް. އެބޭފުޅުންގެ ސަރުކާރުގައި، ކޮލަމާފުށްޓަކަށް ނެތް ހަމަ އެންމެ މަޝްރޫޢެއްވެސް ހިނގައިދީފައެއް. އެހެންވީމާ، އެބޭފުޅުން ތަރައްޤީގެ ވާހަކަ ނުދައްކަވަނީ. އެކަމަކު ތަރައްޤީގެ ވާހަކަ މިއަދު ނުދައްކާ ކަމަށްވަންޏާ، މިތަނުގައި ތިއްބެވި ޒުވާން ބޭފުޅުން، ދެ ގިންތީގެ ބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުވޭ. ކޮންމެ މީހަކުވެސް ފުރަތަމަ ކުރާނެ ސުވާލަކީ، ތިމަންނާ ދިރިއުޅުމާއިގެން ކުރިއަށްދާން، ތިމަންނާގެ ޙަޔާތް ބާއްޖަވެރިކުރަން އުފާވެރިކުރުމަށްޓަކައި ތިމަންނާ ބޭނުންވެޔޭ އާމްދަނީ. އަދި ލިބެމުންދާ އާމްދަނީ ކުޑައޭ. އެހެންވީމާ، ރައީސް ޔާމީން ބުނެދޭށޭ، ތިމަންނާމެންގެ އާމްދަނީ އިތުރުވެގެންދާނީ ކިހިނެއްހޭ؟ އެބޭފުޅުންގެ އާމްދަނީ އިތުރުވެގެންދާގޮތް ބުނީމާ ބުނާނެ. އަދި ބުނަންހޭ ވާހަކައެއް. ތިމަންނާގެ ކޮއްކޮ އެބަހުއްޓޭ. އޭނާއަކީ ކިޔަވައިގެން ހުރި ކުއްޖެކޭ. ވަޒީފާއަށް ނުނުކުމެ އުޅޭތާ މިތައް އަހަރުވެއްޖެއޭ. އޭނާ އިންޓަރވިޔުއަކަށްދިޔައޭ. އިޢުލާނުކުރިއޭ ވަޒީފާއަކަށް. އެކަމަކު މިއަދު ސަރުކާރުން އިޢުލާނުކުރާ ކޮންމެ ވަޒީފާއަކަށް ވެއިޓް ލިސްޓް އެބަވޭ، ނޫނީވިއްޔާ އެ ކުއްޖަކަށް އިންޓަރވިޔުއަށް ކިޔޫ އެބަދޭ އަށްޑިހަ މީހުންނަށްވުރެ އިތުރަށް ދިގުދެމިގެން. އެހެންވީމާ، ތިމަންނާގެ މި އުޚްތަށް، ނޫނީ މި އަޚަށް އަދި ވަޒީފާއެއް ހޯދައިދޭށޭ. މިއީ ދޮގެއްތޯ، ޒުވާނުން މިއަދު އަޅުގަނޑާ ކުރާނެ ސުވާލަކީ. ހަމަ މި ސުވާލު އެބޭފުޅުންނާ ކުރާނެ.

 

އެހެންވީމާ، މިކަންކަމަށް ޖަވާބު ދެއްވޭތޯ އެބޭފުޅުން މަސައްކަތް ކުރައްވަން އެބަޖެހޭ. ޒުވާނުންނަކީ ގިންތިއެއް ކަމަށް ގަބޫލުކޮށްގެން، ޒުވާނުންނަކީ ކުށްކުރާ ބައެއް ނޫންކަމުގައި ހަދަން، ޒުވާނުންނަކީ ޝަރަފުވެރިކަމާއެކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ޢިއްޒަތާއި ކަރާމާތާއެކީ އުޅެވޭނެ ބައެއްގެ ވާހަކަ އަޅުގަނޑު ދެއްކިން، ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ނުކުތްއިރު. އޭރު އަޅުގަނޑު ދެއްކިން، އަޅުގަނޑުގެ ކެމްޕޭން މި ބިނާކުރަނީ ތިން މަފްހޫމެއްގެ މައްޗަށް ބިނާކޮށޭ. އެއްކަމަކަށް އަޅުގަނޑު ދެންނެވީ ޔޫތު. އެންމެ ފުރަތަމަވެސް އަޅުގަނޑު ނެގީ ޔޫތު. ޒުވާނުންގެ ޙާލަތު ރަނގަޅުކުރުން. ޒުވާނުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން. އެއީ، ޒުވާނުންގެ ވަޒީފާ ކަމަށްވިޔަސް، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވޭ، ރަށްރަށަށް ބޭނުންވާ ކުޅިވަރު ކުޅުން ކަމަށްވިޔަސް، އަޅުގަނޑުމެން ނެގީ ޒުވާނުންގެ ވާހަކަ. ދެން އަޅުގަނޑު ނެގި އިސްޠިލާޙަކީ E އަކުރެއް. Economy އިޤްތިޞާދު އެހާ ހާލުގައި އޮތީމާ، އަޅުގަނޑުމެން ބޭނުންވީ އިޤްތިޞާދު ނަގައި ކޮޅަށްޖަހަން. މިއަދު އިޤްތިޞާދު ނަގައި ﷲގެ ރަޙްމަތުން ކޮޅަށް ޖެހިއްޖެތޯ މީހަކު ކުރާ ސުވާލުގެ ހަމަ ވަރަށް ސީދާ ސާދާ ޖަވާބެއް ކުރުކޮށް ދަންނަވާނަން.

 

އަޅުގަނޑުމެންގެ ޒަޢާމަތު ވެރިކަމާ ހަވާލުވިއިރު އޮތް ގާތްގަނޑަކަށް އޮނަތިރީސްހާސް މިލިއަން ރުފިޔާގެ ދަރަނި. އޮނަތިރީސްހާސް މިލިއަން ރުފިޔާގެ ދަރަނި އޮތް. އެއީ ކުރީގެ ސަރުކާރުތަކުގެ ދަރަނި. އޭގެތެރޭގައި، ރައީސް މައުމޫން ސަރުކާރުގެ ދަރަންޏަކީ އެންމެ ހަތަރުހާސް މިލިއަން. ދެން އޮތް ބޮޑު ދަރަންޏަކީ އެމް.ޑީ.ޕީ ސަރުކާރުގެ ދަރަނި. އެދަރަނި އަޅުގަނޑުމެން ފިލުވައިލީމު. އަދި އެ ދަރަނި އަދާކޮށް، އެއަށްވުރެ ނަފާވާ އިތުރު ކަންތައްތައް އަޅުގަނޑުމެން ކޮށްފީމު. އެ ދަރަނި އަޅުގަނޑުމެން އަދާކުރީމު. އަދާކޮށްފައި އަދިވެސް އެބޭފުޅުންގެ ސަރުކާރުގައި ކުރައްވާފައި ހުރި ކަންތައްތަކުގައި، ބަދަލުދީފައި އަޅުގަނޑުމެން ބޭނުންވާ ތަކެތި އަޅުގަނޑުމެން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް މިދަނީ. އަޅުގަނޑަށް މިއަދު ބުނެވިދާނެ، އެއަރޕޯޓް އަޅުގަނޑު އަނބުރާ ހޯދައިފީމޭ. އެކަމަކު އަދިވެސް އަޅުގަނޑަކަށް ނެތް ބުނެވޭކަށް، ދިރާގުން އަޅުގަނޑުމެންގެ އަތުން ގެއްލިގެންދިޔަ ޙިއްޞާ އަނބުރާ ސަރުކާރަށް ހޯދިއްޖެއެކޭ. އަދިވެސް އަޅުގަނޑަކަށް ނެތް ބުނެވޭކަށް، ފެން ކުންފުނިން އަޅުގަނޑުމެންގެ އަތުން ގެއްލިގެންދިޔަ ޙިއްޞާ އަނބުރާ ގެނެސްފީމޭ. އަދިވެސް އަޅުގަނޑަކަށް ނެތް ބުނެވޭކަށް. އެކަމަކު މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ނޫންތޯ. އަޅުގަނޑުމެންގެ ޙިއްޞާ، އަޣްލަބިއްޔަތު އޮތްއިރު، ކީއްކުރަންތޯ އެ ޙިއްޞާތައް ވިއްކާލަންޖެހުނީ؟ މިއަދު އެބޭފުޅުން ވިދާޅުވެދެއްވަންޖެހޭ، އެ ޙިއްޞާތައް ވިއްކާލަން ޖެހުނު ސަބަބު.

 

އެހެންވީމާ، ތަރައްޤީގެ ވާހަކަ އެބަ ދައްކަންޖެހޭ. ޒުވާނުން، ގިންތިއެއްގެ ގޮތުގައި ގަބޫލުކޮށްގެން ޒުވާނުންނަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރާ ވާހަކަ. ވަޒީފާ ހޯދައިދޭ ވާހަކަ ދެއްކީ އަޅުގަނޑުމެން. ތިންވަނަ ކަމަކަށް އަޅުގަނޑުމެން ނެގީ، އޭރު މުޅި ރާއްޖެ އޮތީ ނާމާން ރާއްޖެއެއްގެ ގޮތުގައި. ރާއްޖޭގައި ޞުލްޙަވެރިކަމެއް ނެތް. މަޞްލަޙަތެއް ނެތް. މީހުންނަށް ނުކުމެއުޅޭކަށް ނުކެރޭ. އަދި އެބޭފުޅުންނާ އިދިކޮޅު ފިކުރުގެ މީހަކަށް ވެއްޖިއްޔާ އަމުދުން ނުކެރޭ، ނުކުމެ މަގުމަތީގައި ހަރަކާތްތެރިވާކަށެއް. އެހެންވީމާ، ރާއްޖެއަށް ސެކިއުރިޓީ ބޭނުންވާ ކަމަށް، ރާއްޖޭގެ ރަށްރަށަށް އަމާންކަން ބޭނުންވާ ކަމަށް އަޅުގަނޑު ދެންނެވިން. އޭރު އަޅުގަނޑުމެންނަށް އެނގޭ، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ކަންތައްތައް ކުރަމުން ގެންދިޔަގޮތް. މިއަދު އުފަލާއެކީވެސް ދަންނަވާލަންޖެހެނީ، އެ ކުށްތަކުގެ އަދަދު ނިސްބަތުން ވަރަށްބޮޑުތަން މަދުވެއްޖެއޭ. 35 ޕަސެންޓްގެ ކުށުގެ އަދަދުވެސް، ބޮޑެތި ކުށްތައް މަދުވެއްޖެއޭ.

 

ދެންއޮތީ އަޅުގަނޑު ދަންނަވާލިހެން، އިޤްތިޞާދަށް ހެޔޮ ބަދަލެއް އަތުވެއްޖެހެއްޔޭ؟ ޒުވާނުންނަށް ކުރިއެރުން އަތުވެއްޖެޔޭ. ހަތްދިހަ ހަހާސް ވަޒީފާ އުފައްދައިފީމު. އަދިވެސް މި ދައްކަނީ އިތުރު ވަޒީފާ އުފައްދާ ވާހަކައޭ. ޒުވާނުންނަށް ދެން ބޭނުންވަނީ ކޮން ކަމެއްހެއްޔޭ؟ ފުޓްސަލް ދަނޑާއި، ބަށިކޯޓާއި، ވޮލީކޯޓާ އެބަ އުފެދޭހެއްޔޭ؟ އެތަންމިތަނުގައި ފުޓްސަލް ދަނޑާއި ވޮލީކޯޓާ އުފެދެމުން އެބަދޭ. އަދިވެސް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވާ ވަރަށް، ބާރުމިނުގައި އެކަންކަން ނުކުރެވެނީ. އެކަމަކު ޒުވާނުން އުއްމީދުކުރޭ އެބަ، މިކަންކަން ވާނެކަމަށް.

 

ދެން ދަންނަވާލަން އޮތީ، ރާއްޖެ އަމާންވެއްޖެއޭ. ރާއްޖޭގައި ޒުވާނުން ބޭނުންވާ ކަންތައްތައް ކުރެވިއްޖެއޭ. ރާއްޖޭގެ އިޤްތިޞާދަށް ބަދަލެއް އަތުވެއްޖެހެއްޔޭ؟ ގާތްގަނޑަކަށް އޮނަތިރީސް ހާސް މިލިއަން ރުފިޔާގެ ދަރަނީގެ ވާހަކަ މި ދެންނެވީ. އޭރު ޤައުމަށް ލިބޭ، ނޫނީ ޤައުމުގެ އުފެއްދުންތެރިކަން، ބޯބޯމައްޗަށް ބަހާލައިފި ކަމަށްވަންޏާ، އަނެއްކާވެސް ހަމަ އެންމެ އަދަދެއް ދަންނަވާލަން މިއުޅެނީ. މީހަކަށް ބޮލަކަށްޖެހޭ އުފެއްދުންތެރިކަން ބަހާލީމާ މި ޖެހެނީ، ގާތްގަނޑަކަށް ހަތަރުހާސް އެމެރިކާ ޑޮލަރު. މިއަދު އެ ޢަދަދު އެހެރީ ގާތްގަނޑަކަށް ދިހަހާސް އެމެރިކާ ޑޮލަރުގައި. އަދި އަޅުގަނޑު ދަންނަވަމުން މި އަންނަނީ، ﷲގެ ރަޙްމަތާއެކީ، މި އަންނަ ފަސް އަހަރު ނިމިގެންދާއިރު، އެއްކަހަލަ ހަތަރުހާހުން ފެށި މުއްސަނދިކަން، އަޅުގަނޑުމެން ވިހިހާސް ޑޮލަރަށް ޖައްސަން ބޭނުމޭ.

 

އެހެންވީމާ، އެ އަންނަނީ މުއްސަނދިކަން. އެހެންވީމާ، އިޤްތިޞާދީ ގޮތުން އެންމެ ވާހަކައެއް ބުނެލާކަމަށްވަންޏާ، ތަނަވަސްވެއްޖެހެއްޔޭ؟ ޝައްކެއްވެސްނެތް، ތަނަވަސްވެއްޖެ. މަސައްކަތް އެބަހުރިހެއްޔޭ؟ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ނުތަކާވަރަށް މަސައްކަތް އެބަހުރި. އެހެންވެގެން ބަނދަރުތައް އަޅުގަނޑުމެން ބޭނުންވާހާ ބާރުމިނުގައި ނުދަނީ. އަޅުގަނޑުމެންގެ ރިސޯސް އެވަރަށްނެތީ. އެހެންވެގެން އަޅުގަނޑުމެން މަގުހަދަން ބޭނުންވާ ބާރުމިނުގައި ހުރިހާ މަގެއް ނުހެދެނީ. ދައުލަތުގައި ފައިސާ ނެތިގެނެއްވެސް ނޫން. ދައުލަތުން މިކަންކަން ކުރެވޭނެވެސްމެ. އެކަމަކު އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ހަކަތައިގައި، އަޅުގަނޑުމެންގެ ކުންފުނިތަކުން މިކަންކަން ކުރަން.

 

މިހާރު މި ދެކެވޭ ވާހަކައަކީ، މިކަންކަން ކުރާ ކުންފުނިތަކާ ދޭތެރޭގައި ބޮޑެތި ފިޔަވަޅުތައް އަޅާ ވާހަކަ. މިވެނި ކުންފުނިތައް ކޮށާލާ ވާހަކަ. ނޫނީ މިވެނި ކުންފުނިތަކުގައި ކުރާ ވިޔަފާރި މަދުކުރާ ވާހަކަ. މިކަންކަން ކުރީމާ ފުރަތަމައިނުންވެސް އެތައްހާސް ވަޒީފާއެއް ގެއްލިގެން އެދަނީ. އަދި މިކަހަލަ މަސްވެރި ރަށްރަށުން ފާހަގަކުރާނެ، އެސް.ޓީ.އޯ އަށް އަންނަ ނިކަމެތިކަމެއް އައިސްފިއްޔާ. މިފްކޯއަކީ ހަމަ ނުމިޔަ ނުދިރި އޮންނަ ކުންފުންޏެއް. އެ ނިކަމެތިކަން އިތުރަށް އިޙްސާސްވެގެންދާނެ.

 

އެހެންވީމާ، ވިލިނގިއްޔަށް އައިސް އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑު ބޭނުންވަނީ މި ވާހަކަ ހަމަ ތިޔަބޭފުޅުންގެ ޚިޔާލުފުޅުގައި ދައުރުކޮށްލަން. ނުފޫޒާ ބެހޭގޮތުން އަޅުގަނޑު ދެއްކި ވާހަކަ ތިޔަބޭފުޅުން ސުވާލުކޮށްލައްވައި ބައްލަވައިލައްވާ!  އަޅުގަނޑު ދެއްކި ވާހަކައިގެ އެއްވެސް އުނި އިތުރެއް އުޅެންޖެހޭތޯ. އުނި އިތުރު އުޅޭކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާނަން. އަޅުގަނޑަށް ފާހަގަކޮށްލައްވައިދެއްވާށޭ! އަޅުގަނޑު މި ދެންނެވި ކަންކަމަކީ ހިނގާފައި ހުރި ކަންކަން. އެހެންވީމާ، ކަންކަމަށް ނުފޫޒު ފޯރުވަނީ ކޮންބައެއްތޯ، ކިތަންމެ ސާދާކޮށްވެސް، ކިތަންމެ ރީތިކޮށްވެސް އެއޮތީ ފެންނަން.

 

ދެންހުރި އެހެން ބައެއް ވާހަކަތައް އަޅުގަނޑު މި ދަންނަވާލަނީ. އެހެންވީމާ، ސިޔާސީ ވާހަކަ ދައްކާ ކަމަށްވަންޏާ، ރައްޔިތުންގެ ކުރިމަތީގައި ލީޑަރުން އައިސް ތިބެގެން ދައްކަންވާނީ، އޭރު ހިނގާފައި ހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް.

 

އެހެންވީމާ، ކަންކަން ހުރިގޮތުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ލީޑަރުން ސާފުކޮށްދޭންވާނެ. ސާފުކޮށް ކިޔައިދޭންވާނެ. އެހެންވީމާ، ގެދޮރުވެރިކުރާނެ ކަމަށް ބުނާކަމަށްވަންޏާ، ގެދޮރުވެރިކުރާނެ ގޮތް ކިޔައިދޭންވާނެ. ވަޒީފާ އުފައްދާ ކަމަށްވަންޏާ، ވަޒީފާ އުފައްދާނެގޮތް ކިޔައިދޭންވާނެ. ރަށްރަށް ގުޅާލާ ވާހަކަ ދައްކާ ކަމަށްވަންޏާ، ރަށްރަށް ގުޅާލަދެވޭނީ ކިހިނެއްތޯ ދައްކަންވާނެ. އަދި އެކަންކަން ކުރާނީ ރައީސް ޔާމީން ނަގައިގެން މިކުރާ ހޭދަކުރަނީ ލޯނު ނަގައިގެން ކަމަށްވާތީ، ލޯނު ނެގުމަކީ ކުރަން ނުޖެހޭ ކަމަކަށް، ނޫނީ އޭގެ ދަރަނި ބޮޑުވެގެންދާ ކަމަށް ވާހަކަ ދައްކަވާ ކަމަށްވަންޏާ، އެބޭފުޅުން އެ ވިދާޅުވާ ކަންތައްތައް ކުރައްވާނީ ދެން ކޮންގޮތަކުންތޯވެސް އެބޭފުޅުން ވިދާޅުވެދެއްވަންވާނެ. ލޯނު ނަގައިގެންތޯ، ނޫނީ ކޮންގޮތަކުންތޯ ފައިސާ ހޯދަނީ؟ އަޅުގަނޑަކަށް ހިއެއްނުވޭ، އެބޭފުޅުން އެ ވިދާޅުވާ ކަންކަން ކުރައްވާކަށްވެސް އެހެން ދައުލަތަކުން އަބަދުއަބަދު މި ދިވެހިރާއްޖެއަށް އެހީވަމުންދާނެހެނެއް.

 

އެހެންވީމާ، އަޅުގަނޑު ހަމަ ވިލިނގިލީގައި ދަންނަވާލަން ބޭނުންވަނީ، ހަމަ ޝުކުރުވެރިވަމޭ، އުފާކުރަމޭ ވިލިނގިލީގައި މިހާގިނަ ރައްޔިތުން އަޅުގަނޑުމެންގެ ޝައުޤުވެރިކަމުގައި ތިއްބެވީމާ. އެކަމަކުވެސް ދަންނަވާލަން ބޭނުންވަނީ، އަދިވެސް އަޅުގަނޑުމެންގެ ފައުޖު ބަދަހިކުރައްވާށޭ. ވިލިނގިލި އަދިވެސް އެކަތިގަނޑަކަށް ހައްދަވައިދެއްވާ! އަޅުގަނޑުމެން ބޭނުންވޭ ވިލިނގިލިން ހަމަ ބޮޑު އަޣްލަބިއްޔަތެއް ލިބެން. އެއީ ވިލިނގިއްޔަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ބައެއް. އަޅުގަނޑުމެންނަކީ ވިލިނގިއްޔާ ވަރަށް ގާތް ބައެއް. އަޅުގަނޑު މި ދަންނަވާލީ އަޅުގަނޑުގެ ސަރުކާރުން ވިލިނގިއްޔާ ދޭތެރޭގައި ހިނގާފައި ހުރި މުޢާމަލާތްތަކަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް ހަތަރުސަތޭކަ ފަންސަވީސް މިލިއަން، ނޫނީ ހަތަރުސަތޭކަ ސައްބީސް މިލިއަން އެއޮތީ ހިނގާފައި. އެއިން ހަމަގައިމުވެސް ދައްކައިދޭ، އަޅުގަނޑުގެ ޝައުޤުވެރިކަން ވިލިނގިއްޔާ ދޭތެރޭގައި އޮތްވަރު.

 

އެހެންވީމާ، ދެން ހަމަ ނިންމާލަމުންވެސް ދަންނަވާލަން އޮތް ވާހަކައަކީ، ވިލިނގިލީގެ ރައްޔިތުންވެސް ތަރައްޤީވުމަށްޓަކައި ކުރައްވާ އިތުރު އުއްމީދުތައް ހުންނާނެ. ތިޔަބޭފުޅުން އަޅުގަނޑުގެ ކައިރީގައި ވިދާޅުވާނެ، މިކަންކަން ކޮށްދޭށޭ. އަދި މިކަންކަން ކުރުމުގައި ތިމަންނާމެންނަށް އެހީތެރިވެދޭށޭ. އެހެންވީމާ، އަޅުގަނޑު އޭގެ ޖަވާބުގައި ދަންނަވާނީ، އާދޭހޭ، އަޅުގަނޑު އެހީތެރިވާނަމޭ. އެކަމަކު އަޅުގަނޑަށް އެހީތެރިވެވެން އަންނަނީ ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެހީތެރިވެދެއްވައިގެންނޭ. އެހެންވީމާ، ވޯޓުލާ ދުވަހުގެ މަތިން ތިޔަބޭފުޅުން ހަނދާންކުރައްވާ! އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން، އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤުގައި، މަޞްލަޙަތާއި ޞުލްޙާއި، އިސްލާމްދީން އިސްކޮށްގެން ކުރާ މަސައްކަތްތަކެއް. މި މަސައްކަތްތަކަކީ ހަމަގައިމުވެސް ﷲގެ މަގުގައި ކުރެވޭ މަސައްކަތް. އަޅުގަނޑުމެން ގޮވައެއްނުލަން، އެހެން ކަންކަމަކަށް. އަޅުގަނޑުމެން ގޮވައެއްނުލަން، ތަފާތު ނެރެޓިވެއް، މިވެނި ކަމަކަށް އޮތްތޯ. އަޅުގަނޑުމެން ގޮވައެއްނުލަން މިތަނުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއް އޮތްތޯއެއް. އަޅުގަނޑުމެން ގޮވައެއްނުލަން، މިސްކިތްތައް ފިޔަވައި މިތަނުގައި އެހެން ފައްޅިތައް އެޅިދާނެތޯއެއް.

 

އެހެންވީމާ، މިކަންކަމަކީ އަޅުގަނޑުމެން ދުވަހަކުވެސް އަޑުއަހަން ބޭނުންވާ ކަންކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންގެ ފައިދާއަށް، ރައްޔިތުންގެ މަންފާއަށް، މުޅި ރައްޔިތުން އޭގައި ޝާމިލުވާގޮތަށް ކުރާ މަސައްކަތް. އެހެންވީމާ،   މި މަސައްކަތްތަކުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

وما توفيقى إلّا بالله عليه توكّلت وإليه أنيب.

 والسّلام عليــكم ورحـمــة اللّـه وبـركاتـه.