بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ކޮނޑޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އައްސަވަމުން، ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، ކޮނޑޭއަށް މިއަދު ހެނދުނު، މި ހިތްފަސޭހަ ވަގުތު އަޅުގަނޑުމެން އައުމުން، އަޅުގަނޑުމެންނާ ދޭތެރޭގައި ކޮނޑޭގެ ރައްޔިތުންގެ ހުރި ޝައުޤުވެރިކަމާއި، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރު ކިތަންމެހާވެސް ރަނގަޅަކަށް އަޅުގަނޑަށް ދައްކަވައިދެއްވައިފީމު. އަޅުގަނޑުމެންގެ އިސްތިޤްބާލުގައި، އަޅުގަނޑުމެންނަށް މަރުޙަބާ ވިދާޅުވުމަށްޓަކައި، އަޅުގަނޑުމެންގެ ޝައުޤުވެރިކަމުގައި ތިޔަ ހުރިހާ ބޭފުޅުން ތިއްބެވި ކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ، އަޅުގަނޑުގެ ޓީމުގެ ފަރާތުން، އަޅުގަނޑުގެ ފަރާތުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީ، އަޅުގަނޑުމެންގެ މި ދަތުރަށް، ރަށް ޒީނަތްތެރި ކުރެއްވުމުގައި، ވަކި ފިކުރެއްނެތި، ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވާފައިވާތީ، ކޮނޑޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ވާހަކަކޮޅު ފަށަމުން، އަޅުގަނޑަށް ހަމަ މިތަނުން ދަސްވި ފިލާވަޅެއް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑަށް މި ގަބޫލުކުރެވުނީ ކޮނޑޭއަކީ ކުޑަކުޑަ ރަށަކަށްވެފައި، ކޮނޑޭއަކީ މިހާތަނަށް އިހުމާލުކޮށްލެވިފައި އޮންނަ ރަށަކަށްވާތީ، ކޮނޑޭއަށް މި އައި ތަރައްޤީއަކީ ވަކި ފިކުރެއްނެތި، ދެ ފިކުރުގެ ބޭފުޅުންވެސް ބަލައިގަތް ތަރައްޤީއެއްކަން ތިޔަބޭފުޅުން ކިތަންމެ ރަނގަޅަކަށްވެސް މިފަހަރު ކޮނޑޭއިން ތިޔަ ދައްކަވައިދެއްވީ. އަދި ދެންމެ ޖޭ.ޔޫ، އަޅުގަނޑުމެންގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ޖަމީލް ޢުޘްމާނުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، މި ރަށް ޒީނަތްތެރި ކުރުމުގައި އަދި އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ތިޔަ ކުރެއްވި މަސައްކަތްތަކުގައި ފިކުރެއްނެތި، ތަރައްޤީއަށް ލޯބިކުރައްވާތީ، ދެ ފިކުރުގެ ބޭފުޅުންވެސް ވަރަށް އިޚުލާޞްތެރިކަމާއެކީ ބައިވެރިވެވަޑައިގެންނެވިކަން އެއީ، އަޅުގަނޑަށް މި ރަށުން ނަގައިދިން ފިލާވަޅެއް.

 

އަޅުގަނޑު ހަމަ ރަށްރަށަށް ޒިޔާރަތްކުރާއިރު، ދަންނަވަމުން މިގެންދަނީ ހުރިހާ ރަށެއްގައިވެސް. އަޅުގަނޑު ކޮންމެ ރަށަކަށް މިދަނީ ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮންމެވެސް މަސައްކަތެއް ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްދެވުނީމާ، އެކަމުގެ އުފަލުގައި ބައިވެރިވާން.

 

ކޮނޑޭއަކީ އެކަހެރިކޮށް އޮތް ރަށެއް. ކޮނޑޭއަކީ ޙަޤީޤަތުގައިވެސް ތަރައްޤީގެ މަޝްރޫޢުތަކުން މުޅިން ބީވެފައި އޮތް ރަށެއް. މީގެ ކުރީގެ ހަތަރު ފަސް އަހަރެއްގެ ދައުރަކާ ހަމައަށް އަޅުގަނޑު ޖެހިލާއިރު، އެއީ އަޅުގަނޑުގެ ޒަޢާމަތުގެ ކުރީގެ ހަތަރު ފަސް އަހަރަކާ ހަމަޔަށް ޖެހިލާއިރު، މައި މަޝްރޫޢެއް ކޮނޑޭގައި ހިނގާފައި އޮތް ކަމަކަށް ތަފާސް ހިސާބަކުން ނުދައްކާ. އަޅުގަނޑުމެން  މި ރަށުގައި މި ބަނދަރު ހުޅުވިގެންދާއިރު، 32 މިލިއަން، ނޫނީ 33 މިލިއަންގެ ބަނދަރެއް ހުޅުވިގެން މިދަނީ. ދާއިރު މިހާތަނަށް މި ރަށަށް 38.7 މިލިއަން، ނޫނީވިއްޔާ 39 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް މިހިރީ އައިސްފައި. މީގެކުރީގައި ހަމަ އެއްވެސް ފައިސާއެއް، މިކަހަލަ އިންވެސްޓްމަންޓަކަށް އައިސްފައެއް ނެތް. އަދި މި ހިސާބުތަކުގެ ތެރޭގައި، ދެންމެ ޖަމީލް ޢުޘްމާންގެ ވާހަކަފުޅުގައި އެ ވިދާޅުވި ކަހަލަ، ބައެއް ދާއިރާތަކަށް އައިސްފައި ހުރި ތަރައްޤީއެއް އަޅުގަނޑުމެން ނުހިމަނަމު. އަޅުގަނޑުމެން ހިމަނާފައި މިހިރީ ހަމަ ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ފައިސާގެ ހިސާބު އެކަނި. އެހެންވީމާ، މިއިން އެބަ އެނގޭ، ޙަޤީޤަތުގައިވެސް ކޮނޑޭއަކީ ދެން މިހާރު އިރާދަކުރެއްވިއްޔާ، އެކަހެރިކޮށް، ނޫނީވިއްޔާ ތަރައްޤީގެ ޗާޓުން ބީވެފައި، ދުރުވެފައި އޮންނާނެ ރަށެއް ނޫންކަން، ކޮނޑޭގެ ރައްޔިތުންނަށްވެސް ޔަޤީންވާނެ.

 

އެހެންވީމާ، ކޮނޑޭގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑު މި ބައިވެރިވަނީ އަޅުގަނޑުވެސް ހަމަ އުފަލުންނޭ. އެއީ، ކޮނޑޭއަށް ބަނދަރު ލިބުނީމާ. ދެން އަޅުގަނޑުމެން ވިސްނަންވީ ކޮނޑޭގައި ފުރުޞަތު އޮތް ރަށަކަށްވާތީ، ބިން ބޮޑު ރަށެއް. އިޤްތިޞާދީ މަސައްކަތްތަކެއް ކުރެވޭނެ ޖާގަ އޮތް ރަށެއް. ދަނޑުވެރިކަމުގެ ރަށެއް. އަދި އެޔާއެކީ މިހާރު ތިޔަބޭފުޅުންގެ އުއްމީދާއި، ތިޔަބޭފުޅުންގެ ވިސްނުން ތިޔަހުރީ ކޮންމެވެސް ހިސާބަކުން މިރަށުގައި ބިން ކަނޑާލާފައި ދީފިކަމަށްވަންޏާ، ޓޫރިޒަމްގެ ޞިނާޢަތު ތަރައްޤީ ކުރުމުގެ ވިސްނުން.

 

ދެން އަޅުގަނޑު މީގައި ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ހަމަޔަށް ތިޔަ މަޝްރޫޢު ފޮނުއްވާށޭ. ކައުންސިލްގެ މެންބަރުން ފޮނުއްވައިފި ކަމަށްވަންޏާ، މިތަނުން ބިން ވަކިކޮށްދޭނަމޭ އަޅުގަނޑު. އެއީކީ މައްސަލައެއް އޮތް ކަމެއްނޫނޭ. ގެސްޓްހައުސް ހެދުމަށް ބޭނުންވާ ބިން ވަކިކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ ގެސްޓްހައުސް ހެދުމަށް މިކަމަށް ފުރުޞަތު ފަހިވެގެންވެސްދާނެ. އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ހުރިހާ ވައްތަރެއްގެ ޞިނާޢަތްތަކަކީ އެކުއެކުގައި މަސައްކަތް ކުރެވޭނެ ޞިނާޢަތްތައް. ކޮނޑޭއަކީ ޒަމާނުއްސުރެ ބިން ބޮޑު ރަށަކަށްވެފައި، ބިމުގެ ފެންވަރު ރަނގަޅު ރަށަކަށްވާތީއާއެކީ، ކޮނޑޭއަކީ ޙަޤީޤަތުގައިވެސް ދަނޑުވެރިކަމުގެ ވަރަށް މަޝްހޫރު ރަށެއް. ދަނޑުވެރިކަމަށް މަޝްހޫރުވީމާ، އެއާއެކީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ހަމަ ޓޫރިޒަމަށްވެސް މަޝްހޫރުވެގެންދާނެކަން.

 

އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެބޮޑު މައްސަލައަކީ، އަޅުގަނޑުމެންގެ ދާއިރާތައް ފުޅާވެގެންދާއިރު، ޚާއްޞަކޮށް، ޓޫރިޒަމްގެ ޞިނާޢަތް ފުޅާވެގެންދާއިރު، ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާ މަސްވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަމުގެ ބާވަތްތައް ލިބޭލެއް މަދީ. ވަރަށްގިނަ ތަކެއްޗަކީ އިމްޕޯޓްކުރާ ތަކެތި. އެކަމަކު މިހިސާބުގަނޑުގައި ޓޫރިޒަމް ތަރައްޤީ ވެގެންދާއިރު، އަދި ޚާއްޞަކޮށް، މިރަށުގައި ގެސްޓްހައުސް އެޅިގެންދާއިރު، ގޮވާމުގެ ބާވަތްތަކުން ލިބޭ އެއްޗެއްސާއި، ތަރުކާރީއާއި މޭވާގެ ތާޒާކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން އިމްޕޯޓްކުރާ އެއްޗެއްސާ ހަމަ އެއްގޮތަކަށްވެސް ވާދަނުކުރެވޭނެ. އިމްޕޯޓް ކުރާ އެއްޗެއްސަކަށް މި އެއްޗެއްސަކާ ވާދައެއްނުކުރެވޭނެ.

 

އެހެންވީމާ، މިއަދުވެސް ކޮނޑޭގައި ދަންނަވާލަން ބޭނުންވަނީ، ކޮނޑޭގެ ދަނޑުވެރިންނަށް ދަންނަވާލަން ބޭނުންވަނީ، މިހާރުވެސް ސަރުކާރުގެ ތެރޭގައި ވަސީލަތްތަކެއް އެބަހުއްޓޭ ޤާއިމުކުރެވިފައި. ދަނޑުވެރިކަމުގެ ދާއިރާގައި ވަސީލަތްތަކެއް އެބަހުރި. ދަނޑުވެރިކަމުގެ ދާއިރާއިންވެސް އެބަ ލޯނުދެވޭ. ޒުވާނުން، ނޫނީ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން. ހަމައެއާއެކީ ޒުވާނުން އެކިކަހަލަ މަސައްކަތްތަކަށް ވަންނަން، ޞިނާޢަތްތަކަށް ވަނުމަށްޓަކައި ގެޓްސެޓް ލޯނުގެ ނަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން އެބަ ލޯނު ދެމުންދޭ. ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން، މަސްވެރިކަމަށް ޚާއްޞަކޮށްގެން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އެބަ ލޯނު ދެމުންދޭ. އަދި އިރާދަކުރެއްވިއްޔާ ތަރައްޤީއަކީ މިހާރު އަޅުގަނޑުމެން ގަބޫލުކުރާގޮތުން ވެއްޖިއްޔާ، މި ރަށްރަށުގެ ހަމަޖެހުން، ނޫނީ ރަށްރަށުގެ ރައްޔިތުން ރަށްރަށުގައި ތިބެގެން މި މަސައްކަތްކޮށް ލިބޭ ތަރައްޤީކަން އެބަ ފެނޭ މި ރަށްރަށަށް އަޅުގަނޑުމެން އައީމާ. ކޮންމެ ރަށަކުންވެސް ކުރެވިފައި ހުންނަ ތަރައްޤީގެ މަޝްރޫޢުތަކެއް ނިމިގެން ދިޔައިމާ، ދެން އަޅުގަނޑުމެން އެތަންތަނަށް ޒިޔާރަތް ކުރީމާ، އިތުރު މަޝްރޫޢުތަކުގެ ވާހަކަ މި ވިދާޅުވަނީ. އެހެންވީމާ، މިއިން އެބަ އެނގޭ، ރައްޔިތުން ކުރިއަށްދާން ބޭނުންވާ މިންވަރު.

 

އެހެންވީމާ، ފިކުރަކަށް ބެލުމެއްނެތި، އަޅައިގެން ހުންނަ ގަމީހުގެ ޓައީގެ ކުލަޔަކަށް ބެލުމެއްނެތި، ހަމަގައިމުވެސް ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެއް ޕްލެޓްފޯމަކަށް އާދެވެންޏާ، ނޫނީ އެއްކަމަކަށް އެއްބަސްވެވޭކަމަށްވަންޏާ، އެކަމަކަށް މިއޮތީ ތަރައްޤީ. ތަރައްޤީއަކީ އަޅުގަނޑުމެން ހުރިހާ އެންމެން އެކަމަށް އެއްބަސްވާ ކަމެއް. އެއީ މިހާ ދުރުގައި ފަސް ހަސަތޭކައެއްހާ މީހުން އުޅޭއިރު، އަދި ރަށުގައި އުޅެނީ ތިން ހަތަރުސަތޭކަ މީހުންނަށްވާއިރުވެސް، މިރަށަށް ތަރައްޤީ މަޙްރޫމްވެގެން ނުވާނެކަން، ކޮނޑޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރައްވާ. މިއީ ހުރިހާ އެންމެ ގަބޫލުކުރާ އެއްޗެއް.

 

ދެން ތަރައްޤީގެ ވާހަކަ ކުރީގައިވެސް އެންމެ ގިނައިން ދައްކަމުން އައީ ކޮންބައެއްތޯ، މިހާރުވެސް އެ ވާހަކަ އެންމެ ގިނައިން ދައްކަމުން އައީ ކޮންބައެއްތޯ، އަދި ތަރައްޤީގެ ވާހަކަ ދައްކަމުން އައިމާ، ތަރައްޤީގެ ވާހަކަޔާ އަރާހަމަކުރުމަށް އެކިއެކި ފަރާތްތަކުން، އެކަންކަމަށް ނުކުޅެދިފައި ތިބި ފަރާތްތަކުން ދައްކާ ވާހަކަވެސް އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެނެސްދޭންޖެހޭ. މިހުރިހާ ކަމަކުންވެސް އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި އެއް ލަފްޒެއް ހަރުކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ހަރުކުރަން ބޭނުންވާ ލަފްޒަކީ، ހަރުލައްވަން ބޭނުންވާ ލަފްޒަކީ ތަރައްޤީ. ތަރައްޤީގެ ވާހަކަ ދައްކައި، ތަރައްޤީގެ މަންޒަރުތައް ފެނިގެން ދިޔައިމާ، އަދި ކަރުން ނާރުއަރާވަރަށް އިސް އުފުލައި ބަލައިލަންޖެހޭ ކަހަލަ އިމާރާތްތައް އުފުލިގެން ދިޔައިމާ، އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް އަމާޒުވަމުން އައި، އެންމެ ގިނައިން ސޯޝަލް މީޑިއާގަޔާއި، މީޑިއާގައި އަމާޒުވަމުން އައީ އިދިކޮޅު ފަރާތްތަކުން، ތަރައްޤީއަކީ ކޮންކްރީޓެއް ނޫނޭ.

 

ދެން ޙަޤީޤަތުގައިވެސް ކޮންމެ ކަމަކަށް އޯލްޓަރނޭޓިވް ނެރޭޓިވްއެއް ހޯއްދަވާ ބޭފުޅުންގެ ފަރާތުން މި އަންނަނީ. އިސްލާމްދީނާ ބެހޭގޮތުންވެސް ދެކެވިފައި ހުރި ވާހަކަތަކުގައި، އަޅުގަނޑެއް ނޫން މި ލަފްޒު ބޭނުންކުރީކީވެސް. އަޅުގަނޑެއް ނޫން މި ލަފްޒު ބޭނުންކުރީ. މިހާރު ހަމަ ހުރިހާ މީޑިއާއެއް ބައްލަވައިލެއްވި ނަމަވެސް، ޚާއްޞަކޮށް، ސޯޝަލް މީޑިއާ ބައްލަވައިފި ކަމަށްވަންޏާ، އަބަދުވެސް އޯލްޓަރނޭޓިވް ނެރޭޓިވްގެ ވާހަކައެއް އަންނާނެ. އިސްލާމްދީނުގައި ކަންކަން އޮންނަގޮތް ނޫން ގޮތަކަށް ކަންކަން އޮތްތޯ. ބައެއްކަހަލަ ނަފްސާނީ ބަލިތަކުން ފަސޭހަވުމަށް ރަސޫލާގެ ޙަދީޘުން، ނޫނީވިއްޔާ އިސްލާމްދީނުގައި ހުންނަ ކަންކަމުން، ފިލާވަޅުތަކުން، އިސްލާމީ ސައިކޮލޮޖީން ނަގައިދޭ ފިލާވަޅުތަކުން މިކުރާ ކަންތައްތަކުގެ އިތުރަށް، މިނޫން އެހެން ނެރޭޓިވްއެއް އޮތްތޯ އަޅުގަނޑެއް ނޫން ސުވާލު އުފެއްދީކީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނާ ހަމަޔަށް ކާބަފައިން ގެނެސްދީފައި މިހިރަ ކަންތައްތަކާއި، ދީނުގައި އަޅުގަނޑުމެންނާ ހަމަޔަށް ތިލަވެފައި ހުރި ކަންތައްތަކުން އިސްލާމީ ސައިކޮލޮޖީއާ ހަމަޔަށްދާއިރު، މިކަންކަމުގައި އަޅުގަނޑުމެންނެއް ނޫޅޭ، އޯލްޓަރނޭޓިވް ނެރޭޓިވްއެއް ހޯދާކަށް. އެކަންކަމުގެ ނެރޭޓިވްއެއް، ނޫނީވިއްޔާ މިނޫން އެހެން ގޮތެއް މިކަމުގައި އޮތްތޯ ސުވާލުކުރީކީވެސް އަޅުގަނޑެއް ނޫން.

 

އެހެންވީމާ، ތަރައްޤީއަކީ ކޮންކްރީޓްތޯ، ތަރައްޤީ ކޮންކްރީޓްގެ ސިފައިގައި ފެންނަމުންދާތީ، އަދި ޢިމާރާތްތައް އުފުލެމުންދާތީ، ޢިމާރާތްތަކުން ތަރައްޤީ ދެވޭތީ، ރައްޔިތުން ތަރައްޤީގައި ވާހަކަ ދައްކާތީ، މިކަމަށްވެސް އަންނަންވީ ފުރަތަމަ އޯލްޓަރނޭޓިވް ނެރޭޓިވްއެއް. އެންމެ ފުރަތަމަ މި ވާހަކަ ދައްކަވަމުން ގެންދެވިއިރު، މި ވާހަކައަށް އަނބުރާ އަންނަ މަފްހޫމެއް ގޮތަށް، ނޫނީ އިޞްޠިލާޙެއްގެ ގޮތަށް މި އަންނަނީ، ތަރައްޤީއަކީ ކޮންކްރީޓެއް ނޫނޭ.

 

އެކަމަކު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު މި ބަނދަރު، ކޮނޑޭގެ ރައްޔިތުންނަށް ހަދައިދީފައި ދާއިރު، ކޮންކްރީޓް ބޭނުންނުކޮށް، ނޫނީވިއްޔާ މި ތަރައްޤީ ބޭނުންނުކޮށް، ކޮނޑޭގެ ރައްޔިތުން ރުހޭނެތޯ މިއަދު މިތަނުން އަޅުގަނޑު ކައިރީގައި ވިދާޅުވެދެއްވާ! އަޅުގަނޑަކަށް ނުވިސްނޭ، އެކަން ކުރާނެގޮތެއް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ، އެކަން ކުރާނެގޮތެއް. މި ރަށުގައި ޓޫރިޒަމްގެ މަސައްކަތް ކުރަން ބޭނުންވާކަމަށްވަންޏާ، ބިން ކަފާފައި ދިނީމާ، އަޅުގަނޑަކަށް ނުވިސްނޭ، ތަރައްޤީނުކޮށް އެކަން ކުރާނެގޮތެއް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ، އެރަށަކުން ލިބޭ އެއްޗަކުން ކައިގެން، ބޮއިގެން އެރަށަށް ބޭނުންވާ ހުރިހާ ބޭނުންތައް ފުދިގެންދާނެ ކަމަކަށް.

 

އެހެންވީމާ، ކޮންކްރީޓަކީ ތަރައްޤީ ނޫންކަމަށް ދެއްކި ވާހަކަ، މިހާރު އެ ވާހަކަ ކުޑަކޮށް އޮބިއްޖެ. އޮވެފައި މިހާރު މި އަންނަނީ، ކޮންމެ ރަށަކުން، އެ ރަށަކުން ލިބޭ އެއްޗަކުން ދިރިއުޅޭ ވާހަކަ. ޖަޒީރާ އިކޮނޮމީއެއްގެ ކޮންސެޕްޓް މި އަންނަނީ. އެކަމަކު މި ވާހަކަވެސް މަސްހުނިވެގެން ހިނގައްޖެކަން، އަޅުގަނޑަށް އެންމެ ރަނގަޅަށް ހަނދާންކޮށްދެއްވަނީ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ މިނިސްޓަރ ޠާރިޤު. ޠާރިޤަކީ މިހެން ބޭބޭފުޅުން ދައްކަވާ ވާހަކަ ވަރަށް ގިނައިން ބައްލަވައި، އައްސަވައި، ދިރާސާ ކުރައްވާ ބޭފުޅެއް. ކޮންމެ ރަށަކުން އެ ރަށުން ލިބޭ ކަމަކުން ފުއްދާލައިގެން ތިބޭ ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދަނީ، އޭގެތެރެއަށް މަސްހުނިކަން އަންނަތަން. މަސްހުނިކަން އަންނައިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެކި ތަންތަނަށް، އިދިކޮޅު ކެންޑިޑޭޓުން ވަޑައިގަތީމާ މިހާރު ރައްޔިތުން ނުދައްކާ ތަރައްޤީ ނޫން ވާހަކައެއް. ރައްޔިތުން، ރައްޔިތުންގެ ވިސްނުމާއި، ރައްޔިތުންގެ އުއްމީދު މިއޮތީ ތަރައްޤީއަށްކަން ފާޅުކަންބޮޑުގޮތުގައި ވިދާޅުވަމުން އެ ގެންދަވަނީ. ފާޅުކަންބޮޑުކޮށް، ކޮންމެ ރަށަކަށް ވަޑައިގަތަސް އެ ދަންނަވަނީ، ފާޅުކަންބޮޑުކޮށް އެ ދަންނަވަނީ ތަރައްޤީ ބޭނުންވާ ވާހަކަ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ކިހިނެއްތޯ މިވަނީ؟ އިސްދޫކަލައިދޫވެސް ބޭނުންވޭ، ދެން އޮތް ރަށަކާ ކޯޒްވޭއަކުން ގުޅުވާލަން. ބްރިޖެއް، ނޫނީވިއްޔާ ކޯޒްވޭއެއް އަންނަން އެބަޖެހޭ.  ދެން އަޅުގަނޑުމެން އިދިކޮޅު ބޭފުޅުންނަށް ވިދާޅުވާންޖެހޭނީ ހަމަ އާނއެކޭ ތިޔަކަން ކޮށްދޭނަމޭ. އެހެން ދިމާއަކަށް ވަޑައިގަންނަވާއިރު، އެ ދިމާއިން އެބަ ބުނޭ، ތިމަންނާމެންނަށް މިއަތޮޅުގައި އަދި އިތުރު އެއަރޕޯޓެއް ބޭނުންވެއޭ. ދެން ހަމަ ކީކޭތޯ އިދިކޮޅު ބޭފުޅުންނަށް ވިދާޅުވާންޖެހެނީ؟ އާނއެކޭ ތިޔަ އެއަރޕޯޓްވެސް އަޅައިދޭނަމޭ. ދެން އެހެން ދިމާއަކަށް ވަޑައިގަންނަވާއިރު އެބަ ބޭނުންވޭ، ނިލަންދޫގައި އަޅާފައި ހުރި ފެންވަރުގެ ސްކޫލެއް އަޅަން. ހަމަ ކީކޭތޯ އިދިކޮޅު ބޭފުޅުން ވިދާޅުވާންޖެހެނީ؟ ކޮންކްރީޓް ބޭނުންނުކޮށް، ތިމަންނާ ތިވަރުގެ އިމާރާތެއް އަޅައިދޭނަމޭ ދަނޑިފަނުން. ދެން ކިހިނެއްތޯ މިކަން ކުރަނީ؟

 

އެހެންވީމާ، މިހާރު މި ހިނގެނީ މި ދެންނެވި ގޮތަށް މަސްހުނިކޮށް. ތަރައްޤީ ނޫންގޮތަކަށް އަޅުގަނޑުމެންގެ ޤައުމެއް ކުރިއަކަށްނުދާނެ. ތަރައްޤީކޮށްގެން އަޅުގަނޑުމެންގެ ޤައުމު ކުރިއަށްދާނީ. މިރަށުގެ ރައްޔިތުންވެސް ބޭނުންވާނެ، މި ރަށަށް ލިބޭ އާމްދަނީ އިތުރުވާން. މިރަށުގެ ޒުވާނުން ބޭނުންވާނެ ވަޒީފާތައް. މިރަށުގެ ޒުވާނުން ބޭނުންވާނެ އާމްދަނީ އިތުރުކުރަން. އަދި މަސްވެރިކަމަށް ޒުވާނުން އިތުރަށް ނުކުތުމަށްޓަކައި ދެން ގެންނަންޖެހޭ ބަދަލުތައްވެސް އަޅުގަނޑުމެން އެބަ ގެންނަންޖެހޭ. އެއީ ތަރައްޤީއަކީ. ތަރައްޤީއަކީ ވަކި އެއް ދާއިރާއަކުން ކޮންކްރީޓް އެކަންޏެއްނޫން. ތަރައްޤީއަކީ ކުރަމުން އަންނަ ކަމެއް، އެއަށްވުރެ މޮޅުކޮށް، އެއަށްވުރެ ރަނގަޅަށް، އެއަށްވުރެ ކުރިއަށްދާނެ ގޮތަކަށް ކުރާ ކޮންމެ ކަމަކީ ތަރައްޤީ. ތަރައްޤީގެ ތެރޭގައި މީހުންގެ ވިސްނުމަށް އަންނަ ތަރައްޤީވެސް ހިމެނޭ. އެކަމަކު ތަރައްޤީ، ޢާންމުކޮށް އަޅުގަނޑުމެންނަށް މި އެނގެނީ، އަޅުގަނޑުމެން އެކި ކަންކަމަށް ބޭނުންވެފައި ހުންނަ މިންވަރުން، އެކަންކަމަށް ބޭނުންވާ މިންވަރު އިތުރަށް ކުރިއަށް ގެންދަން ބޭނުންކުރާ ވަސީލަތަށް އަޅުގަނޑުމެން މި ކިޔަނީ ތަރައްޤީ.

 

މާލޭގައި ބިންކުޑަ ރަށެއް. ބިން ފުރިފައި އޮތް ރަށެއް. އެހެންނަމަވެސް، މާލޭގައި އަޅުގަނޑުމެން ޢިމާރާތްތައް ކުރާއިރު، ކޮންކްރީޓް ނޫންގޮތަކަށް ކިހިނެއްތޯ މާލެއިން ޖާގަ ހޯދާނީ؟ މި މައްސަލަ މިގޮތަށް އަންނަން ފެށީ ބްރިޖް އެޅި ހިސާބުން. ދެން އެއާއެކީ ހަމަ އެކުއެކުގައި ކޮންކްރީޓަކީ ތަރައްޤީ ނޫންކަމަށް ވިދާޅުވަމުން، ނޫނީ ތަރައްޤީއަކީ ކޮންކްރީޓް ނޫންކަމަށް ވިދާޅުވަމުން އައީ. ދަރުމަވަންތަ ހޮސްޕިޓަލް، 25 ބުރިއަށް ހިއްލެމުންދާތީ. އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލް، 25 ބުރިއަށް ހިއްލިގެން ގޮސްފައި، އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެން ގޮސްފައި، އަޅުގަނޑު އުއްމީދުކުރާގޮތުގައި، ބޭސްފަރުވާއަށް އަޅުގަނޑުމެން ސިންގަޕޫރާ ހަމަޔަށް ދާންނުޖެހޭ މިންވަރަށް އެކަން ވެގެން ދިޔައިމާ، ދެން ބަލާނެ ކަމެއް ނެތެއް ނޫންތޯ، އެތާ މަތީގައި ހުރީ ކޮންކްރީޓްތޯ، އަރިމަތީގައި ހުރީ ކޮންކްރީޓްތޯ، ސިމެންތިތޯ، ނޫނީވިއްޔާ ދަނޑިފަނުންތޯ ހުރީ، ވިސްނަންޖެހޭތޯ؟

 

އެހެންވީމާ، ހުރިހާ ދިމާއަކުންވެސް އަޅުގަނޑުމެންނަށް މި އިވެނީ ތަރައްޤީގެ ވާހަކަ. ހުރިހާ ދިމާއަކުން ތަރައްޤީގެ ވާހަކަ އަންނަ ސަބަބަކީވެސް ހަމަ އިންސާނީ ޠަބީޢަތާ ގުޅޭ ސަބަބެއް. ކޮންމެ މީހަކުވެސް، ކޮންމެ ކޮމިއުނިޓީއަކުންވެސް، ކޮންމެ ޤައުމަކުންވެސް ބޭނުންވާނެ، އެ ޤައުމެއް އޮތް ހިސާބުން ކުރިއަށް ޖެހިލަން. އަޅުގަނޑުމެން ދުނިޔޭގައި މިއަދު މިއުޅެނީ އެކަހެރިކޮށެއްނޫން. އަޅުގަނޑުމެންގެ ވަށައިގެން މިހިރަ ކަނޑުތަކުގައި ﷲ ނިޢުމަތް، ނޫނީވިއްޔާ ރިޒްޤު ތަނަވަސްކޮށްދެއްވީ ކީއްވެގެންތޯ؟ ހަމަ މިތަންތަނަށް އާދޭ ދޮގެއްތޯ، އެހެން ކަރަކަރައިންވެސް މީހުން. އައިސްފައި އަޅުގަނޑުމެންގެ މަސްކޮޅު ހިފައިގެންދާ ވާހަކައަކީވެސް މީގެކުރިން އަޅުގަނޑުމެން އަޑުއަހާ ވާހަކަ.

 

އެހެންވީމާ، އަޅުގަނޑުމެންގެ މަސްކޮޅު، އަޅުގަނޑުމެންނަށް މި ބޭނުންވާ މަސް އަޅުގަނޑުމެންގެ ބޭނުމުގައި ބަހައްޓަން ބޭނުންވާކަމަށްވަންޏާ، ހަމަ އެކަންކަމާ ކުރިމަތިލާނެ ގޮތްތައްވެސް އަޅުގަނޑުމެން އެބަ ތަރައްޤީ ކުރަންޖެހޭ. އެ ތަރައްޤީ ކުރާއިރު، ކޯސްޓްގާޑުގެ އުޅަނދުފަހަރު އެކަންޏެއްނޫން. ދެންމެ ޖަމީލް ޢުޘްމާންގެ ވާހަކައިގައި ވިދާޅުވިއިރު، މިއަދު ޒުވާނުން ބޭނުންވަނީ މަސްވެރިކަމަށް ނުކުންނައިރު، މަސްވެރި އައިނުތައް ހުރި ސަރަޙައްދު، އެމީހުން ގޫގުލް އަށް، ނޫނީވިއްޔާ ކޮންމެވެސްކަހަލަ ސައިޓަކަށް ވަދެގެން އެމީހުން ހޯދާނެ. ހޯދާފައި އެތަނަކަށް ދާން ބޭނުންވާނީ. މިހާރު ކުރީގައި ދުއްވާހެން، ތެޔޮ ހުސްވަންދެން ދޯންޏެއް ނުދުއްވާނެ. މަސްއައިނެއް ނުފެނިގެނެއް ނުދުއްވާނެ. ތެޔޮވެސް އެހާ އަގުބޮޑު.

 

އެހެންވީމާ، މިއަދު މި އަންނަ ތަރައްޤީއަކީ އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ ތަރައްޤީވެސްމެ. އަދި އަޅުގަނޑުމެން ކުރިއަށްދާން އުއްމީދުކުރާ ތަރައްޤީވެސްމެ. އެހެންވެގެން ޒުވާނުން މިއަދު ބޭނުންވާނީ ޒުވާނުންގެ ޙާލަތު ރަނގަޅުކުރަން. ޒުވާނުން ހިމެނޭ ރައްޔިތަކު ބޭނުންވާނެ، އެ ރަށުގެ ޙާލަތު ރަނގަޅުކުރަން. އެއީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނަށް ބޭނުންވާ ކޮންމެ ޚިދުމަތަކަށް އަޅުގަނޑުމެން ފައިސާ ދައްކަން އެބަޖެހޭ. ކޮންމެ ޚިދުމަތަކަށް ލާރި ހޯދަން އެބަޖެހޭ. ގެދޮރު ބިނާކުރަން، ކައިވެންޏެއް ކުރަން، ޙަޔާތެއް ފަށަން، ޢާއިލާ ގޮވައިގެން އުޅެން، ކުދިން ބޭހަށް ފޮނުވަން، ކުދިން ބޭރަށް ކިޔަވަން ފޮނުވަން. ކޮބައިތޯ ފައިސާ ބޭނުންނުވާ ކަމެއް؟ ހިއެއްނުވޭ މި ހުރިހާ ފައިސާ ހަމައެކަނި ދެ ލެޕްޓޮޕުން އަޅުގަނޑުމެންނަށް ލިބިދާނެހެނެއް. އެކަމުން ކުރާ މަސައްކަތަކުން ހިއެއްނުވޭ ލިބިދާނެހެނެއް. އެހެންނުވާތީ މި ރަށްރަށަށް އައިމާ، މިހާރު މި ރަށްރަށުންވެސް އަޅުގަނޑު ކައިރީގައި ދަނޑުވެރިކަމުގެ ވާހަކަ އެކަންޏެއް ނޫން ވިދާޅުވާނީ. ކުރީގައި ދަނޑުވެރިކަމުން ފުއްދާލައިގެން، ކޮނޑޭއަށް ލިބުނުގޮތަކަށް އާމްދަނީ ހޯދައިގެން އުޅުނީ. އެކަމަކު ގައިމު ރަށުން ބޭރުގައި އާބާދީގެ ދެބައިކުޅަ އެއްބައި އުޅޭކަމަށްވަންޏާ، އެބަ އެނގޭ ހަމައެކަނި ދަނޑުވެރިކަމުން ނުފުދޭކަން. ޒުވާނުން ބޭނުންވާނެ، ރަށެއްގެ ޙާލަތު ބަދަލުކުރަން. ޒުވާނުން ބޭނުންވާނެ، ކަންކަން އިޞްލާޙުކުރަން. ޒުވާނުން ބޭނުންވާނެ، ޒުވާނުންގެ ޙާލަތު ބަދަލުކުރަން. ކޮނޑޭގެ ޒުވާނުން ބޭނުންވާނެ، ހަމަ އެންމެ މުއްސަނދިކޮށް އުޅޭ ރަށްރަށުގެ ޒުވާނުން އުޅޭގޮތަށް އުޅެން. މިއީ އިންސާނީ ޠަބީޢަތު. މިކަން މަނާކުރެވޭނެ އުސޫލެއް، ނޫނީވިއްޔާ މިކަން މަނާކުރާނެ ފިކުރެއް ނާންނާނެ. އެއީ، އެއަށްވުރެ އަޅުގަނޑުމެން އިންސާނުން ބޭނުންވާ ކަންތައްތައް އިތުރުވެގެން ދިޔައިމާ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ޠަބީޢަތުގައި ހުރި ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީގެ ވާހަކަ މި ދައްކަނީ.

 

މި ރަށަށް އައިސް އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު މި ދަންނަވަނީ، ކުރީގައި ކޮނޑޭއަކީ ބަނދަރު އެކަންޏެއްނޫން ދޮގެއްތޯ. މިއަދު އިރާދަކުރެއްވިއްޔާ މި ލިބިގެންދިޔައީ ކޮނޑޭއަށް ވަރަށް ހިތްހަމަޖެހޭ މެސެޖެއް ލިބިގެން މިދިޔައީ. ހިތްހަމަޖެހޭ މަޝްރޫޢެއް ލިބިގެންދިޔައީ. ކޮނޑޭއަށް ބަނދަރު ލިބިފައި މިއޮތީ. އެއާއެކީ ތިޔަބޭފުޅުން ތިޔަ އުއްމީދު ކުރައްވަނީ، މި ދާއިރާ ދެން ތަރައްޤީ ވެގެންދާނީ ކިހިނެއްތޯ؟  ދެން އަޅުގަނޑު މިތާ ހުރެފައި ދަންނަވާނަން، ގއ. އަށް އަޅުގަނޑު ނިންމާފައި އެއޮތީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، އެއީ ފަސް އަހަރުގެ ތެރެއިން ފުރަތަމަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑު ބޭނުމޭ، ގއ. އަށް 4000 އެނދު ގެންނަން. 4000 އެނދު ގެންނައިރު، އެއީ މިހާރުހުރި ރަށްތަކުގެ އިތުރަށް. 4000 އެނދު ގެންނައިރު، މި ހުރިހާ އެނދުތައް މި ހެދެން މިޖެހެނީ އެއަރޕޯޓާ ކައިރީގައި ހުރި ރަށްރަށް ކައިރީގައި. ގއ. ގދ. އަކީ ބޮޑު އަތޮޅެއް. ގއ. ގދ. އިން އެކަނި ބަލާކަމަށްވިޔަސް، އަޅުގަނޑުމެންނަށް 50 ކީއްކުރަންތޯ، 70 ރަށްވެސް ނެގިދާނެކަންނޭނގެ ޓޫރިޒަމް ތަރައްޤީއަށް. އެހާ ބައިވަރު ރަށް އޮތް، ބޮޑެތި ފަޅުތައް ހުރި، ޤުދުރަތީ ބޮޑު އަތޮޅެއް މިއީ. އެކަމަކު ތަރައްޤީ ކުރާއިރުވެސް، ތަރައްޤީގައިވެސް ހުރޭ ލިމިޓޭޝަންތަކެއް. ތަރައްޤީގައިވެސް ހުރޭ ބަލަންޖެހޭ ކަންތައްތަކެއް.

 

އެހެންވީމާ، އަޅުގަނޑު އައިސް ކަމެއް މިތާ އިޢުލާނު ކުރާއިރު، އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވަނީ، ދިވެހި ރައްޔިތުންނަށް، އަދި ޚާއްޞަކޮށް އިދިކޮޅު ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މިއީކީ މީހަކު ވާހަކައެއް ބުނީމާ، އެ ވާހަކައިގެ ފަހަތުން ކަމެއް ކުރާ ވާހަކަ ދައްކާ މީހެއްނޫން. އަޅުގަނޑުގެ މެނިފެސްޓޯއެއް ތައްޔާރުކުރަން އަޅުގަނޑު މަސައްކަތް ކުރާތާ މިހާރު އެއް އަހަރަށްވުރެ ގިނަވެއްޖެ. އަޅުގަނޑުގެ މެނިފެސްޓޯއާއި، އަޅުގަނޑުގެ ތަރައްޤީގެ ވިސްނުމާއި، ކުރިއަށް އޮތް ފަސް އަހަރަށް މިކަންކަން ރައްޔިތުން އެދޭ މިންވަރާއި، އަދި އަޅުގަނޑުމެންނަށް ކޮށްދެވިފައި ހުރި ކަންކަމުން ރައްޔިތުންގެ އުއްމީދުތައް އިތުރުވެގެންދިޔަ މިންވަރު އަޅުގަނޑަށް ވަޒަންކުރެވޭތީ، ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން.

 

މިއަދުވެސް ތިޔަބޭފުޅުން ވިދާޅުވާނެކަންނޭނގެ، 24 ގަޑިއިރު ކަރަންޓް ލިބިފައި ހުރިއިރު، މިހާރު ކޮނޑޭއަށް ބޭނުންވާ ކަންކަމަށް ކަރަންޓް އިތުރަށް، ޖަނަރޭޓަރ އިންވެސްޓް ކުރަން އެބަޖެހެޔޭ. މިގޮތަށް ހުރީ އަޅުގަނޑުމެންގެ ހާލު، ހުރިހާ ރަށެއްގައިވެސް. އެހެންވީމާ، އެބަޖެހޭ ދޮގެއްތޯ، ފަސް އަހަރަށް، ރައްޔިތުންގެ ކައިރިއަށް އައިސް، ރައްޔިތުންނަށް ކަންކަން ކޮށްދޭ މީހަކު އެބަޖެހޭ ދޮގެއްތޯ ވިސްނުންތަކެއް ގެންގުޅެން. ދެން ކިހިނެއްތޯ ރާއްޖޭގެ 187 ރަށަށް ޖަނަރޭޓަރު އިތުރުކުރާނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. އެއީކީ ރަށަކަށް އައިސް ކަރަންޓް ނެތިގެން، އެ އަންނަ ލީޑަރަކު ފަހައިގަތީމައެއް ނޫން އެކަމާ ވިސްނަންޖެހޭނީ.

 

އެހެންވީމާ، ތަރައްޤީ ގެނެވުނީމާ، ތަރައްޤީގެ ފަސޭހަ މީހުން ބޭނުންކުރާނެކަން އެބަ އެނގޭ. ހޫނުވަނީކީ މާލޭގައި އެކަންޏެއްނޫން. އެއަރކޮންޑިޝަން ބޭނުންވާނީ މާލެއަށް އެކަންޏެއް ނޫން. އައިސް އަލަމާރި ބޭނުންވާނީ މާލެއަށް އެކަންޏެއްނޫން. ހަމަ އެގޮތަށް، ޒުވާނުން ކޮފީއަށް ދާން ބޭނުންވާނީވެސް މާލޭގައި އެކަންޏެއްނޫން. އެހެންވީމާ، މިކަންކަމަށް ވިސްނާފައި، މިހާރު ރައްޔިތުންނަށް އެކި ދާއިރާތަކަށް ގެނެސްދީފައި ހުރި ތަރައްޤީއަށް ބަލާއިރު، ދެން އެ ތަރައްޤީ އިތުރަށް ކުރިއަށް ގެންދިޔުމަށް މުޅި ރާއްޖެ އެކުގައި ކުރިއަށްދާނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ.

 

އެހެންވީމާ، އަޅުގަނޑު މެނިފެސްޓޯގައި މި ހިމަނާ ކަންކަމަކީ، އިއްޔެ އަޅުގަނޑަށް ހުވަފެން ފެނިގެން އުޅޭ ކަންކަމެއްނޫން. އެއަރކޮންޑިޝަން ބޭނުންވާނީ މާލެއަށް އެކަންޏެއް ނޫން. އައިސް އަލަމާރި ބޭނުންވާނީ މާލެއަށް އެކަންޏެއްނޫން. ހަމަ އެގޮތަށް، ޒުވާނުން ކޮފީއަށް ދާން ބޭނުންވާނީވެސް މާލޭގައި އެކަންޏެއްނޫން. އެހެންވީމާ، މިކަންކަމަށް ވިސްނާފައި، މިހާރު ރައްޔިތުންނަށް އެކި ދާއިރާތަކަށް ގެނެސްދީފައި ހުރި ތަރައްޤީއަށް ބަލާއިރު، ދެން އެ ތަރައްޤީ އިތުރަށް ކުރިއަށް ގެންދެވޭނީ، މުޅި ރާއްޖެ އެކުގައި ކުރިއަށްދާނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

 

އެހެންވީމާ، އަޅުގަނޑު މެނިފެސްޓޯގައި މި ހިމަނާ ކަންކަމަކީ، އިއްޔެ އަޅުގަނޑަށް ހުވަފެނުން ފެނިގެން އުޅޭ ކަންކަމެއްނޫން. މި މަސައްކަތް ކުރާތާ އެއް އަހަރު ދުވަހަށްވުރެ ގިނަވީ. އަޅުގަނޑު މެނިފެސްޓޯގައި އިސްކަންދޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއެކީ މަސައްކަތް ކުރާތާ ހަމަގައިމުވެސް މިހާރު ހައެއްކަ، އަށެއްކަ މަހަށްވުރެ ގިނަވެދާނެ. މެނިފެސްޓޯގެ މަސައްކަތް، އަޅުގަނޑު، އަޅުގަނޑުގެ އޮފީހުގައި ކުރާތާ މި ދެންނެވި ގޮތަށް އެއް އަހަރަށްވުރެ ގިނަވެގެން މިދިޔައީ. އެހެންވެ ތަފްޞީލުތަކަކާއެކީ، ބޮޑެތި މަޝްރޫޢުތަކެއްގެ ވާހަކަ މި ދައްކަނީ. ވާހަކަ ދެއްކީމާ، އެކަންކަމަށް ޚިޔާލު ނުފޯރީމާ، ނޫނީ ކީކޭ ދަންނަވާނީ، އާޝޯޚްވެގެން އެކަންކަމާ ދޭތެރޭގައި ވިސްނަން އިނީމާ އެންމެ ފުރަތަމަ މި އަންނަނީ ނީޖަރކް ރިއެކްޝަން. އެއީ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިންދާ ކަކުލުގައި ޖަހާލައިފިއްޔާ ފައި ފުންމައިގެންދާނެ. އެ ރިއެކްޝަން މި އަންނަނީ. ފުރަތަމައިނުންވެސް ބުނާނެ، ތިޔަކަމެއް ނުވާނޭ. ފުރަތަމައިނުންވެސް ބުނާނެ، ތިޔަކަމެއް ނުވާނޭ، ކިހިނެއްހޭ ތިޔަކަން ކުރާނީ؟ މި ނީޖަރކް ރިއެކްޝަން ނާދޭތޯ، ބްރިޖްއަޅާ ވާހަކަ ދެއްކީމާ.

 

އެހެންވީމާ، އަޅުގަނޑު ނެތިން ދޮގެއްތޯ މާދުރަށް ދާކަށް. މިއީ ތިން ހަތަރު އަހަރު ކުރީގެ ވާހަކަ މި ދައްކަނީ. އިރާދަކުރެއްވިއްޔާ ބްރިޖެއް އަޅާނަމޭ. އަދި އޭގެ ފަސޭހަކަން، ޚާއްޞަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ، މާލޭގައި ދިރިއުޅުއްވާ ގިނަ ބަޔަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑުބަޔަކީ، އަތޮޅުތެރެއިން ވަޑައިގެން އުޅުއްވާ ބޭފުޅުން. އެބޭފުޅުންނަށް މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ފަސޭހަކަން އުފައްދައިދިނުމަށްޓަކައި ބްރިޖެއް އަޅާނަމޭ ބުނީމާ، ހަމަ މި ދެންނެވި ގޮތަށް އެއްފައިމަތީގައި އިން ކަކޫ، ނޫނީ އެއްފައިމަތީގައި އިން އަނެއްފައި، އަޅުގަނޑަށް ހީވަނީ ބޮލުންމައްޗަށް ދިޔަކަންނޭނގެ ފުންމައިގެން. އެ ނީޖަރކް ރިއެކްޝަން މިއައީ ފުރަތަމަ ބްރިޖް އަޅާ ވާހަކަ ދެއްކީމާ.

 

އެހެންވީމާ، އަޅުގަނޑު ޙައިރާނެއްނުވޭ، އަޅުގަނޑު މި އިޢުލާނުކުރާ ކަންކަން އިޢުލާނު ކުރީމާ، ކުއްލިއަކަށް މި ރިއެކްޝަން އަންނާތީ. އެއީ، އަޅުގަނޑު މިހާރު ހޭނިފައި ހުރި ކަންކަން. އެއީ، އެބޭފުޅުންނެއް މިކަންކަމަކާ ފިކުރެއް ނުކުރައްވާ. އެހެންވީމާ، ފިކުރު ނުކުރައްވާ، މިހާރު އަޅުގަނޑުމެން ކަންތައްތަކެއް އިޢުލާނު ކުރީމާ، އޭގެ ފަހަތުން ވަޑައިގަންނަވަން ޖެހުނީމާ، މިހާރު އެ ވިދާޅުވަނީ އަޅުގަނޑުގެ ތަރައްޤީގެ މަޝްރޫޢުގެ ނިމިފައި ހުރި ކަންތައްތަކުގެ ޗެޕްޓަރުތައް. ނަރުދަމާ އަޅައިދީފައި ހުރި ތަންތަނުގައި އެ ވިދާޅުވަނީ އިތުރަށް ނަރުދަމާ އަޅައިދޭނަމޭ. ބިން ހިއްކާފައި ހުރި ރަށްރަށަށް ވަޑައިގެން އެ ވިދާޅުވަނީ ބިން ހިއްކައިދޭނަމޭ. ފްލެޓް އަޅައިދޭނަމޭ ބުނެފައި އަދި ފްލެޓް މިހާ ބައިވަރު އަޅައިދޭނަމޭ ބުނެފައި ހުންނަ ތަންތަނުގައި އެ ވިދާޅުވަނީ، އާނ! މިހާރު ތިމަންނާމެންވެސް ފްލެޓް އަޅައިދޭނަމޭ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން، ރައްޔިތުންނަށް، ގެދޮރުނެތް ހުރިހާ އެންމެންނަށް 2030ގެ ނިޔަލާ ހަމައަށް ދާންވާއިރަށް ގެދޮރުވެރިކަން ދޭނަމޭ ބުނީމާ، ހަމަ އެބޭފުޅުން ވިދާޅުވާންޖެހޭ، ތިމަންނާމެންވެސް ކޮށްދޭނަމޭ.

 

އެހެންވީމާ، ކޮބައިތޯ މީގައި އިންޖިނިއުޓީ؟ ނޫނީވިއްޔާ ކޮބައިތޯ މީގެ އުފެއްދުމެއް؟ ކޮބައިތޯ މީގައި ތަރައްޤީއެއް؟ ތަރައްޤީގެ ވާހަކަ ދައްކާއިރު، ތަރައްޤީގެ ވިސްނުމެއް ނާދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް، އެހެންނަމަވެސް މިހާރު އެނގޭ އެއްޗަކީ ޓްރެންޑް ސެޓް ކުރެވިއްޖެކަން. މިރަށަށް އައިސް އަޅުގަނޑު ދަންނަވާނަން. މި ރަށުގައި މި ހިމެނޭ ސަރަޙައްދުގައި، މިއޮތީ ހަމަ މި ރަށް މި ހިމެނޭ، އެއަރޕޯޓް ކައިރިން މި ރަށް މި ހިމެނޭ ސަރަޙައްދުގައި އަޅުގަނޑު ޚިޔާލުކޮށްފައި މިއޮތީ މަދުވެގެން ހަތަރު ރިޒޯޓް، ފުރަތަމަ ތިން އަހަރުގައި އަޅަން. 800  އެނދު އުފެދިގެންދާނެ. ގާތްގަނޑަކަށް 1500 ވަޒީފާ އިތުރުވެގެންދާނެ. އެއީ، ހަމަ މި ދާއިރާއަށް އެކަނި. ގއ. އަށް އަޅުގަނޑުމެން ޚާއްޞަކުރި 4000 އެނދުގެ ތެރެއިން ހަމަ މި ދާއިރާއަށް އެކަނި. އެއީ، އަދި މި ރަށުގައި އަޅާ ގެސްޓްހައުސްއާއި، ދެން މިތާ ކައިރީގައި އަޅާ ގެސްޓްހައުސްތައް. މިއީ ހަމައެކަނި ރިޒޯޓްގެ ވާހަކަ މި ދައްކަނީ.

 

އެހެންވީމާ، އަޅުގަނޑުމެން އައިސް މިކުރާ ކަންތައްތަކުގެ ބޭނުމަކަށްވަނީ، ހަމަ ޙަޤީޤަތުގައިވެސް ރަށްރަށުގެ ޒުވާނުން، ރަށްރަށުގެ ރައްޔިތުން ތިއްބަވައިގެން، އެބޭފުޅުންނަށް އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހަދަން. އަޅުގަނޑަކަށް ނުވިސްނޭ، އަދި އެހެން މީހަކުވެސް މިހާތަނަށް އައިސްފައި ވިސްނައިދީފައެއްނެތް. އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުންވެސް ވިސްނައިދެއްވާފައެއް ނެތް، އަޅުގަނޑުމެންނަށް ލިބޭ ޤައުމީ އުފެއްދުންތެރިކަން ހަތަރުހާހުން ދިހަހާހަށް ބަދަލުވެގެންދިޔައިރު، ކީއްވެގެންތޯ އެ މައްސަލަ ފައިޞަލާ ނުކުރައްވަނީ، ދިރާސާ ނުކުރައްވަނީ؟ ދިރާސާ ކުރައްވާފައި، ކީއްވެގެންތޯ އެއަށް ޢިލްމީ ޖަވާބެއް ނުދެއްވިގެން މި އުޅުއްވަނީ؟ އަދި މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހު ހުއްޓިހުރެ، ރައްޔިތުންނާ މުޚާޠަބުކޮށް މި ދައްކާ ވާހަކައިގައި އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުގެ ތަރައްޤީގެ ވިސްނުން ތަންފީޒު ވެގެންދާއިރު، ފަސް އަހަރެއްގެ ތެރޭގައި ތަންފީޒު ވެގެންދާއިރު، މިއަދު ދިހަހާހަށް އުފުލައިލެވިފައި އެހެރަ ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަން، އަޅުގަނޑު ބޭނުންވޭ، ފަސް އަހަރުގެ ތެރޭގައި، ވިހިހާސް ޑޮލަރަށް ޖައްސަން. މިކަން ކުރާކަމަށްވަންޏާ، މީގެ ނާރެހަކަށް، ނޫނީ މީގެ ބެކްބޯނަކަށް، ނޫނީވިއްޔާ މީގެ އެންމެ އިސްކޮށް، މި މަސައްކަތް ކުރާނެ ޞިނާޢަތަކަށް މިއޮތީ ޓޫރިޒަމްގެ ޞިނާޢަތް. ކީއްވެގެންތޯ ޓޫރިޒަމްގެ ޞިނާޢަތް އަޅުގަނޑުމެން ތަރައްޤީ ނުކުރަންވީ؟ އަޅުގަނޑުމެން މާލޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެހާބޮޑު ހޭދަ އެބަކުރަން. ރާއްޖޭގެ މިހުރިހާ ދިމާއެއްގައި އަޅުގަނޑުމެން އެއަރޕޯޓްތައް އެބަ އަޅަމުން ގެންދަމު. މި އަތޮޅުގައިވެސް އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ މަދުވެގެން ހަތަރު އެއަރޕޯޓް، ނޫނީ ފަސް އެއަރޕޯޓް އޮންނާނެ. މިހާރުވެސް އެހެރީ އެއަރޕޯޓްތަކެއް ހެދިފައި. އަނެއްބައި އެއަރޕޯޓްތަކުގެ ބިންގާ އެޅިގެން މަސައްކަތް އެދަނީ ފެށެމުން. އަނެއްބައި އެއަރޕޯޓްތައް ނިމުމާ ހަމަޔަށް، ބައެއް އެއަރޕޯޓްތައް އެދަނީ. އަނެއްކާ މި އަތޮޅުގައި މިހާރު އަޅުގަނޑު ކަށަވަރުކޮށްދީފިން، ގއ.ގައި ބައިނަލްއަޤްވާމީ އެއް އެއަރޕޯޓް، ގދ. ގައި ކާޑެއްދޫ ސަރަޙައްދުގައި، ކާޑެއްދޫ އެއަރޕޯޓަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ވެގެންދާނޭ. އަޅުގަނޑުމެން މި އެނދުތައް ފުރަން، އަޅުގަނޑުމެންގެ ޒުވާނުންނަށް ވަޒީފާ ހޯދައިދޭން، މި ރަށްރަށަށް ތަރައްޤީ ގެންނަން، އަޅުގަނޑުމެން މިކަން އެބަ ކުރަންޖެހޭ.

 

އެހެންވީމާ، މިކަންކަން ކުރެވޭނެ. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެހީތެރިވުމަށް، ތިޔަބޭފުޅުން އަޅުގަނޑަށް އެހީތެރިވެދެއްވިއްޔާ ދޮގެއްތޯ. ޖޭ.ޔޫ ވަރަށް ތިލަކޮށް މި ވާހަކަ އެ ވިދާޅުވީ. ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ކަންކަމަށް އަޅުގަނޑު މިހިރީ ތިޔަބޭފުޅުންނަށް އެހީތެރިވާން. އެކަމަކު ތިޔަބޭފުޅުންނަށް އެހީތެރިވުމަށްޓަކައި ފުރަތަމަ ޖެހޭ ތިޔަބޭފުޅުން އަޅުގަނޑަށް އެހީތެރިކަން ދެއްވަން ދޮގެއްތޯ.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަކަށް ހަމަ ނުވިސްނެއޭ، ކިޔާކިޔާވެސް ތަރައްޤީ ނޫންގޮތަކަށް މިކަން ކުރާނެ ވާހަކައެއް. ދާއިރާތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ހަމަ ޖޭ.ޔޫ ވަރަށް ފަރިތަކޮށް ދެންމެ ވަރަށްގިނަ ވާހަކަފުޅުތައް އެ ދެއްކެވީ. ތަރައްޤީގެ ވާހަކައާއި، އަދި ސަރުކާރުން ތަންފީޒު ކުރެވިފައި ހުރި ކަންކަމުން ކޮނޑޭ ކަހަލަ ރަށްރަށުގައި އެކަހެރިކޮށް، ވަސީލަތްތަކުން އެކަހެރި ކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި އައިސްފައި ހުރި ފަސޭހަކަން އެ ވިދާޅުވީ. މިސާލަކަށް، މަދަރުސާ ކުދިން ކަމަށްވަންޏާ، މަދަރުސާ ކުދިންނަށް، ނޫނީވިއްޔާ މި ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުންނަށް އިންޓަރނެޓް މެދުވެރިކޮށްގެން އެބަ އެމީހުންނަށް އެކްސެސް ކުރެވޭ، އިސްކަންދަރު ސްކޫލްގެ ޓީޗަރުންނަށް އެބަ އެކްސެސް ކުރެވޭ.

 

އަޅުގަނޑުމެން ހަމަ ފަށާފައި އޮތް މަޝްރޫޢެއް، އަދި ޙަޤީޤަތުގައި ޓެލެ މެޑިސިންގެ ދާއިރާއިން  މީހުންތަކެއް މީގެ ކުރީގައި ތަމްރީނުވެސް ކުރެވިފައި އޮތް ދާއިރާއެއް. ކީއްވެގެންތޯ ކޮނޑޭގައި ތިބޭ ޑޮކްޓަރުންނަށް މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ މަޝްވަރާ ނުކުރެވެންވީ؟ ކޮންމެ ފަހަރަކު ބަލި މީހާގެ ހާލު ނޭނގި، އޭނާ އުފުލައިގެން ގެންދަން ޖެހުމަކީވެސް ތަކުލީފެއް. އެ މީހާއަށްވެސް ތަކުލީފެއް. އެކަމަކު މިއަދު އަޅުގަނޑުމެންގެ ހަނދާނަށް ފުރަތަމައިނުންވެސް ކަމެއް ގެންނަމާތޯ؟ މި ރަށްރަށް، އެކަހެރި ރަށްރަށް ކަމަށް ވިދާޅުވަމުން ގެންދަވާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެނެވޭތޯ ކޮން ސަރުކާރަކުންތޯ  45 މިނިޓުގެ ތެރޭގައި އެމް.ބިޔު ލޯންޗެއްގެ ޚިދުމަތުގައި ޑޮކްޓަރަކާ ހަމައަށް ކޮންމެ ހިސާބެއްގެ މީހެއް ބަލިވިކަމުގައި ވީނަމަވެސް، ގެންދެވޭ އިންތިޒާމު ހަމަޖެއްސީ ކޮންބައެއްތޯ؟ ކީއްވެގެންތޯ އިދިކޮޅު ފަރާތްތަކުން މިކަހަލަ ވާހަކަ ނުދައްކަވަނީ؟ މި ނުވޭތޯ ތަރައްޤީއަކަށް؟ ހަމަގައިމުވެސް މާބަނޑު އަންހެނަކު، އެރަށުގައި  ގައިނީ ޑޮކްޓަރެއް ނެތިގެން އެވޭނުގައި އުޅޭއިރު، އޭނާގެ ފިރިމީހާއާއި، އޭނާގެ ޢާއިލާއާއި، އެރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ ހުރިހާ އެންމެން، ބޭނުންވާނެ އޭނާ 45 މިނެޓުގެ ތެރޭގައި އެންމެ ފަސޭހައިން ފަރުވާ ލިބޭ ޑޮކްޓަރަކާ ހަމައަށް ދާން. މީގެކުރީގައި ރާއްޖޭގައި މިކަން އޮތްގޮތްތޯ މިއީ؟ މިތާ މި އިންނެވި ނަޞީރު. މިއީ މީގެކުރީގައި، ރާއްޖެތެރޭގެ ތަރައްޤީއަށް ހަމަ ވަރަށް ދޯޅު ބޭފުޅެއް. ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވާ ކަންކަންހުރިގޮތް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ނަޞީރަކީ. ވިދާޅުވޭ؟ މިރަށުންވެސް ވިދާޅުވަނީ މީގެކުރީގައި ބަލިމީހުން އުފުލާ މިހަދަނީ ބަރޯގައޭ. އެހެންނޫންތޯ؟

 

ދެން ހަމަ ބަނދަރުތަކުން ދަތިކަން ހުރީމަ، ކަންކަން ހިނގާދިޔަ ގޮތުގެ ވާހަކަ މި ދަންނަވަނީ. އެހެންވީމާ، މި ތަރައްޤީ ނުގެނެސް ކިހިނެއްތޯ މިކަންކަން ކުރަނީ؟  ހަމަ އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ މިކަހަލަ ރަށްރަށުގައި، ހަމަ ޤުދުރަތީ ވަސީލަތްތައް ނެތީމަ، ތަރައްޤީނުވާނެއޭ ކިޔާފައި ހަމަ މިހެންތޯ ތިބެންޖެހޭނީ؟ ހަމަ މިހެންތޯ؟ ހިކިފައި އޮތް ކުރެއްޖެއް ބިމަށް ހަރާލާފައި، މިއަކު ދިރުމެއްނެތޭ ކިޔާފައި، އެހެންތޯ ތިބެންވީ އަބަދު؟ އެހެނެއް ކަމަކުނުދާނެ ދޮގެއްތޯ؟ އަޅުގަނޑުމެންވެސް ބޭނުންވޭ ދުނިޔޭގެ ތަރައްޤީގެ ރޭހުގައި ބައިވެރިވާން. އަޅުގަނޑުމެންނަކަށް އެކަނި ނޫޅެވޭނެ. އަޅުގަނޑުމެން އުފައްދާ އެއްޗެތި ބޭރަށް އެކްސްޕޯޓްވެސް ކުރަންޖެހޭ. އަދި އެކްސްޕޯޓްކުރާ އެއްޗިއްސަށް ރަނގަޅު އަގުވެސް ބޭނުންވޭ. އަދި ވިއްކޭ އަގުގެ ޚަރަދުތައްވެސް ދެކޮޅު ޖައްސަންވެސް އެބަޖެހޭ. ހަމަ އެތަރައްޤީއާއެކީ އަޅުގަނޑުމެންގެ ކުދިންނަކީވެސް ދެންމެ ޖަމީލު ޢުޘްމާނު އެ ވިދާޅުވީ، މިހާރު ގެމަނަފުށީގައިވެސް އެބައުޅެއޭ މާސްޓަރޒް ޑިގްރީ ހަދައިގެން އުޅޭކުދިން މަސްވެރިންނަށް. މަސްވެރިކަމަށްދާ. އެހެންވީމާ، އެބަޖެހޭ ދޯނިފަހަރަށްވެސް އާ ޖީލެއް ތަޢާރުފު ކުރަން. އާ ޖީލެއްގެ ދޯނިފަހަރު އަންނަން އެބަޖެހޭ. އެހެންވީމާ، މިއީ ދޮގެއްތޯ ތަރައްޤީއަކީ؟

 

އެކަމަކު މި ވިސްނުމާއެކީ، މި ތަރައްޤީއަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިކަމަށް އަޅުގަނޑުމެން ފެން ބޮވައިގަނެގެން، ޝައުޤުވެރިކަން މި އައިސްގެން މިއުޅެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ޖެހިލަންވީނޫންތޯ މީގެ ފަސް އަހަރު  ކުރީގައި އޮތް ދުވަސްވަރަށް. ކިހިނެއްތޯ އަޅުގަނޑުމެންގެ އެތެރޭގެ ކަންކަން ހުރީ؟ އަޅުގަނޑުމެންނަށް އެޅުނިއްޔާ އެޅުނުތަނެއް، ހެދުނިއްޔާ ހެދުނު ޢިމާރާތެއް، އެއޮތީ ބޭރުބަޔަކަށް ކުއްޔަށްދީފައި ނޫންތޯ؟ ވިއްކާލާފައި ނޫންތޯ؟ މިއަދު އަޅުގަނޑުމެން ރާއްޖެތެރޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓު އަޅަނީ ކީއްވެގެންތޯ؟ އެއިން އެއްވެސް އެއަރޕޯޓަކީ، އަޅުގަނޑުމެންގެ ދިވެހިން އެކަނި އެތަންތަނުން އުފުލައިގެން  ޚަރަދު ދެކޮޅު ޖެއްސޭނެ ތަންތަނެއް ނޫން. މިއަދު އެއަރޕޯޓުތައް އަޅާވާހަކަ އިދިކޮޅު ބޭފުޅުންވެސް ދައްކަވަން މަޖުބޫރުވެގެން އެއުޅެނީ، އަޅުގަނޑުގެ ސަރުކާރުގައި އެއަރޕޯޓުތައް އެތަން މިތަނުގައި އަޅާތީ. އަދި އެއަރޕޯޓުތައް އެޅުމުގެ ބޭނުމަކީ، މިރަށަށް އައިސް އިޢުލާނު މިކުރަނީ، މި ސަރަޙައްދުގައި އެކަނި 800 އެނދު އުފައްދާނަމޭ. އަދި އޭގެ ނަތީޖާއަކަށް ވާނީ، ދޮޅު ހާހެއްހާ ކުދިންނަށް ވަޒީފާ ލިބިގެން ދިޔުމޭ ޓޫރިޒަމްގެ ދާއިރާއިން.

 

އެހެންވީމާ، މިކަންކަމަށް ވިސްނާއިރު އެބަ އެނގޭ، މި ރަށްރަށުގައި މި ހިސާބުގައި އެއަރޕޯޓުތައް އެޅިގެން މިދަނީ ކީއްވެތޯ. މި އެއަރޕޯޓުތަކުގެ ބަދަލުގައި އެބޭފުޅުންގެ ވިސްނުމުގައި މީގެކުރިން އޮތީ ކޮންކަމެއްތޯ؟ ހަމަ ގއ، ގދ،ގެވެސް އެއް ބިތުން އަނެއް ބިތަށް 4 ގަޑިއިރު ލޯންޗުގައި ދުއްވާފައި ދާވާހަކަ، ނޫނީވިއްޔާ ފެރީ ނިޒާމެއްގެ ވާހަކަ ނޫންތޯ ދެއްކީ. މިއަދު ނޫންތޯ ފަސޭހަވެގެން މިއުޅެނީ. މި އެއަރޕޯޓުތައް މި އެޅެނީ ކީއްވެގެންތޯ؟ މި އެއަރޕޯޓުތައް މިއެޅޭ ސަބަބު ހަމަ ހުރިހާ ފިކުރެއްގައި ތިއްބެވި ބޭފުޅުން ރަނގަޅަށް ވިސްނައިވަޑައިގަންނަވާ. އަދި ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ކަންކަމުގައި ކުރިއަށް ގޮތް ނިންމަވާއިރު، މިކަންކަން ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! މި އެއަރޕޯޓުތަކެއް އެޅިގެނެއް ނުދާނެ، އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ އެއަރޕޯޓް އަނބުރާ ނެތް ނަމަކައެއް. ވެލާނާ އެއަރޕޯޓްގެ ނަމުން މިހާރު ނަންދީފައި އެ އޮތް މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓް އަޅުގަނޑުމެން އަތުގައި ނެތްނަމަކައެއް، ރަށްރަށުގައި މި އެއަރޕޯޓްތަކެއް ނޭޅޭނެ. މި ރަށްރަށުގައި އަޅާ އެއަރޕޯޓްތަކަކީ، މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލަން އަޅާ އެއަރޕޯޓްތަކެއް. އަޅުގަނޑުމެންގެ މައި ބަނދަރު، މައި ދޮރާށި 8 މިލިއަން ފަސިންޖަރުން އުފުލޭވަރަށް، ހެންޑުލް ކުރެވޭވަރަށް، އަޅުގަނޑުމެން ހަދާތީ، އެވާހަކަ އެދެއްކެވީ، ޓޫރިޒަމް ދާއިރާގެ އެންމެ އިސް ބޭފުޅުން އިހަށްދުވަހު ޔުނިވަރސިޓީ ކުދިންތަކާ ބައްދަލުކުރައްވާ. ކުރީގައި އެ އެއަރޕޯޓް އޮތްގޮތަށް ބޭރުބައެއްގެ އަތްމަތީގައި އޮތްނަމަ، އެ ތަރައްޤީއެއް ނާންނާނެ.

 

އެހެންވީމާ، އެ އެއަރޕޯޓް އަޅުގަނޑުމެން ހޯދި ހޯދުން އަސްލުގައި އަޅުގަނޑުމެންގެ ތަރައްޤީގެ އަސަރަކީ. އަސްލަކީ މިއީ. އެހެންވީމާ، މީގެ ކުރީގައި ކަންކަން ހިނގާފައި ހުރިގޮތަށް ބަލާކަމަށްވަންޏާ، ފެން ކުންފުންޏެއް، ފޯނު ކުންފުންޏެއް، ބަނދަރެއް، އެއަރޕޯޓެއް، ވަކިތަނެއް ބަލާނެކަމެއް ނެތް. ހަމަހުރިހާ ތަނެއް އެހެރީ ގޮސްފައިނޫންތޯ؟ އެބޭފުޅުންގެ ފަލްސަފާއަށް ބަދަލެއް އައިތޯ؟ ފަލްސަފާއަށް ބަދަލެއް އައިސްގެން އާމްދަނީ ހޯދާނެގޮތުގެ ވާހަކައެއް ނުދައްކަވައޭ. ހައްތަހާވެސް  މި ވިދާޅުވަނީ، މި ޒަޢާމަތުގައި އެއަރޕޯޓެއް އަޅައިފިއްޔާ، ހަމަ ވިދާޅުވާނެ އިތުރު އެއަރޕޯޓެއް އަޅުއްވާނަމޭ. ހަމަ މުޅިންވެސް އެކަންކަން. އެކަމަކު އެއިންވެސް އެބަ އެނގޭ، އެބޭފުޅުން އެ ވިދާޅުވާ ޖަޒީރާ ކޮންސެޕްޓަށްވެސް މިހާރު މަސްހުނިކަން އައިސްފިކަން. ޖަޒީރާތަކުގައި މިހެން ތިބޭތިބުމުގައި ހަމައެކަނި އެމީހުންނަށް އެލިބޭ އެއްޗަކުން، މިވަރުން ފުދިގެން ތިބޭކަށް މިހާރަކު ރައްޔިތުންނެއް ބޭނުމެއް ނުވާނެ. ރައްޔިތުން މިއަދު ބޭނުންވަނީ، އަވަސްކަމާއެކީ ތަރައްޤީ. ރައްޔިތުން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން އަވަހަށް ފުދިގެން ދިޔުން. އެމީހުންގެ ބްރޭންޑަކަށް މިހާރު ތަރައްޤީ މިއޮތީ އަވަސްވެފައިކަން އެމީހުން ގަބޫލުކުރޭ. އެ ތަރައްޤީ ގެނެސްދޭނެ މީހެއްގެ ގޮތުގައި އެމީހުން އެބަ ގަބޫލުކުރޭ ރައީސް ޔާމީން. ރާއްޖޭގެ ހުރިހާ ދިމާއަކަށް ތަރައްޤީ އައިސްފިކަން. އެހެންވީމާ، މި ތަރައްޤީއަށް  އޯލްޓަރނެޓިވް ނެރެޓިވެއް  އަންނަންޖެހޭނީ.

 

އެއް ރިވާގައި މިއަންނަނީ، ތަރައްޤީއަކީ ކޮންކްރީޓެއް ނޫނޭ. މިހާރު އެބައި ދުރަށްދިޔައީ. އަނެއް ރިވާގައި މިއަންނަނީ، ރަށްރަށް އެކަހެރިކޮށް މިހެން ތިބެފައި އެއް ޖަޒީރާއަކުން ޖަޒީރާއަކުން ފުއްދާލައިގެން ކަންކަން ކުރާ ވާހަކަ. އެއަށް މިއައީ މަސްހުނިކަން. ރަށްރަށަށް ވަޑައިގަތީމާ ރައްޔިތުން އެގޮތް ނޭދޭކަން ރައްޔިތުން ދެންނެވީމާ، ދެން މިޖެހެނީ އަނބުރާ އަޅުގަނޑުގެ މެނިފެސްޓޯއަށް ރުޖޫޢަވާން. އެއީ، ތަރައްޤީގެ މެނިފެސްޓޯ. ތަރައްޤީ ނުކޮށެއް އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. އެއީ، އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން އެކަނި ފުއްދާލައިގެން އުޅޭ ބައެއް ނޫން. އަޅުގަނޑުމެން ލޯނު ނަގަނީވެސް އެސަބަބަށްޓަކައި.

 

ދެން އައި އަނެއް ވާހަކައަކީ، ދެން އައި އަނެއް ވޭރިއޭޝަންއަކީ މިއަށް، މައްސަލައެއް ނެތޭ ތިޔަ ބުނާ މަޝްރޫޢުތައް ތިއޮއް ހިނގަމުން ދަނީއޭ. އެކަމަކު މަޝްރޫޢުތައް ހިންގާލެއް ޚަރަދު ބޮޑީއޭ. މާ ޚަރަދު ބޮޑީއޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚަރަދު ބޮޑުކޮށް މަޝްރޫޢުތައް ހިންގަންޖެހެނީ، އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން އެކަންކަން ނިންމަން ބޭނުންވާތީއޭ. ޚަރަދު ކުޑަކޮށް ދަނޑިފަނުން ނުހެދޭނެކަން އެބަ އެނގޭ. ކޮންކްރީޓް ބޭނުން ނުކުރަންޏާ ދެން ދަނޑިފަނުން ކަންނޭނގެ ހަދަންޖެހޭނީ. އަޅުގަނޑަކަށް ހީއެއްނުވޭ އެކަން ކުރެވޭނެހެނެއް. 25 ބުރިއަށް ޢިމާރާތެއް އަޅައިގެންދާއިރު އެތަނަށް ޚަރަދު ހިނގާނެ. އެތަނަށް ހޭދަތަކެއްވާނެ. އެއަށްވުރެ ޚަރަދުކުޑަކޮށް އެކަން ކުރަން ތިބެވިދާނެ. އަޅުގަނޑު މިސާލެއްވެސް ދަންނަވާލާނަން.

 

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިންމަން އަޅުގަނޑުމެން އަތުގައި ހުރި ޑްރެޖަރު ބޭނުންކޮށްގެން އެކަންކަން ކޮށްލަން ތިބީމު. މިރަށުގައިވެސް އަޅުގަނޑުމެންނަށް އުނދަލިކޮޅެއް ހިފައިގެން ނުކުމެވިދާނެ. ނަރުދަމާއަށް ބޭނުންވާ ތަންތަން ކޮންނަން. އެކަމު އެ މަސައްކަތް ކުރަން ކިތައް ދުވަސް ނަގާނެތޯ! ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 9 އަހަރު. ހުޅުމާލޭ ފުރަތަމަ ފިޔަވަހި ނިމިފައި އެއޮތީ 9 އަހަރުން. ކީއްވެގެންކަން ޚަރަދުބޮޑުވަނީ އަޅުގަނޑު ދަންނަވާލާ ސަބަބު މި ދަންނަވަނީ. އެ 9 އަހަރުން ނިންމި ހުޅުމާލެއަށްވުރެ ބޮޑު ހުޅުމާލެއެއްގެ ދެވަނަ ފިޔަވައްސެއް އަޅުގަނޑުމެން ހަދައިފީމު. އެތަން ހަދަން އަޅުގަނޑުމެންނަށް ނެގީ 9 ހަފްތާ. އެހެންވީމާ، 9 އަހަރުން ކުރިކަމެއް 9 ހަފްތާގެ ތެރޭގައި ކުރާއިރު ޚަރަދުތަކެއް އިތުރުވާނެ. 9 އަހަރުން ކުރިކަމެއް. އަޅުގަނޑުވެސް 9 އަހަރު ނެގިނަމަ ޚަރަދުކުޑަވީސް. އެކަމަކު ޙަޤީޤަތުގައި ހިސާބުކޮށްފިކަމަށްވަންޏާ އޭގެ ޚަރަދު މާބޮޑުވާނެ.

 

އަޅުގަނޑު ދަންނަވާނަން މިސާލު. ހިސާބު ޖަހާ މީހުން، އިޤްތިޞާދީ މަސައްކަތްކުރާ މީހުން އަބަދުވެސް ޚަރަދު އެމީހުން ކަލްކިޔުލޭޓް ކުރާނީ ނޫނީ ހިސާބު ކަލްކިޔުލޭޓް ކުރާނީ  އެއްގޮތަކަށްވެސް އެތަނަށް ޚަރަދުވި ލާރިއަކުންނޫން. އެންމެ ބޮޑު އެއްޗަކަށް އަންނާނީ ގެއްލުނު ފުރުޞަތުގެ އަގު. 9 އަހަރު ދުވަހުން ކަމެއް ކޮށްފިކަމަށްވަންޏާ ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ، އަޅުގަނޑުމެންނަށް މި ޒުވާނުންގެ ޝަހަރު ހަދައި ނިންމައިދެވޭނެތޯ! ޒުވާނުންގެ އާބާދީއަކީ، މިއަދު އަޅުގަނޑުމެންގެ 35 އަހަރުން ދަށުގެ އާބާދީއަކީ، ގާތްގަނޑަކަށް 70 ޕަސެންޓް. ތިންބައިކުޅަ ދެބައި. ޒުވާނުން މީހުންނާ އިންނާނެ. ޒުވާނުން ޢާއިލާތައް ފަށްޓާނެ. އަޅުގަނޑުމެން ޒުވާނުންނަށް ދަޢުވަތު މި އެރުވީ ހުޅުމާލެއަށް ވަޑައިގަންނަވާށޭ. އަޅުގަނޑު މިކުރު މުއްދަތުގެ ތެރޭގައި ހުޅުމާލެ ނުހިއްކިނަމަ 9 އަހަރު ވަންދެން، އަޅުގަނޑު ހުންނަންޖެހޭނީ ހުޅުމާލެ ހިއްކާލާފައި، އަނެއް 5 އަހަރު ހުންނަންޖެހޭނީ، އޭގެ ބޭރުން ކޯސްޓަލް ޕްރޮޓެކްޝަން ތޮށިލާފައި. އަނެއް 3 އަހަރު ހުންނަންޖެހޭނީ ނަރުދަމާ އަޅާފައި. އަނެއް 5 އަހަރު ހުންނަންޖެހޭނީ، އެތަން ވައި-ފައި ކުރަން. ކޮބައިތޯ؟ އަޅުގަނޑުގެ ޢުމުރު ދިޔައީ ނޫންތޯ.

 

އެހެންވީމާ، ކޮން އިރަކުންތޯ އަދި އެތަނުގައި އެޕާޓްމަންޓެއް އެޅިގެން މީހަކަށް އެތަނަށް ވަދެވޭނީ. އެހެންވެގެން، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑާ ވަކާލާތު ކުރައްވާ ބޭފުޅުން، އަޅުގަނޑާ ވާހަކަ ދައްކަވާ ބޭފުޅުންނަށް، އަޅުގަނޑާ ޖަދަލު ކުރައްވާ ބޭފުޅުންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޢިލްމީ ދިރާސާއެއް ކޮށްދެއްވާށޭ ރައްޔިތުންގެ ކުރިމަތީގައި. އެހެންވީމާ، ކަންކަން ޚަރަދު ބޮޑުވެގެންދަނީ، ކުރު މުއްދަތެއްގެ ތެރޭގައި ކަންކަން ނިންމަނީ. މި ދެންނެވި ސަބަބަށްޓަކައި. ހުޅުމާލޭގެ މިސާލު މިސާލަކަށް ފުދޭނެ. އަދި، ހުޅުމާލޭގެ މިސާލު، މިސާލަކަށް ނަންގަވާފައި، 9 އަހަރު ވަންދެން މަޑުކޮށްފައި އެތަނަށް ކުރާ ހޭދަ، 9 އަހަރު ތެރޭގައި ކޮށްފިކަމަށްވަންޏާ، ހުޅުމާލެ ހިއްކަންދާ ޚަރަދު ކުޑަވެގެން ހިނގައިދާނެ. އެކަމަކު، ގެއްލުނު ވަގުތާއި ގެއްލުނު ވަގުތުގެ ވަސީލަތްތައް އަގުކޮށްފި ކަމަށްވަންޏާ، އެތައް ގުނައެއް އިތުރުވެގެން ދިޔައީ. މިއަދަކު، އެއްވެސް އެކައުންޓަންޓަކު، އެއްވެސް އިކޮނޮމިސްޓެއް ހިސާބެއް ނުކުރާނެ ގެއްލުނު ވަގުތު ނުލައެއް.

 

މީހެއްގެ ޢުމުރުން ގެއްލޭ ދުވަހަކީ، އޭނާއަށް ލިބޭ ފުރުޞަތުން ގެއްލޭ އެއް އަހަރުކަމަށް ވިސްނަންވާނެ. އެއީ، މިއަދު ދުނިޔެ ގަބޫލުކުރާ ޙަޤީޤަތް. އޭނާއަށް މިއަދު ލިބިފައިއޮތް ފުރުޞަތެއް އޭނާ ދޫކޮށްލައިފި ކަމަށްވަންޏާ، އެ ފުރުޞަތު ދެން އަނބުރާ އޭނާއަކާ ބައްދަލެއްނުކުރާނެ، ދެ އަހަރު ވާއިރުވެސް. އެހެންވެގެން، ވަގުތަކީ މުހިންމު އެއްޗަކަށްވަނީ. އެހެންވެގެން، ވަގުތުގެ ބޭނުން ހިފަން މިޖެހެނީ. އެހެންވެގެން، ކުރާ މަސައްކަތުގައި އަގު ބޮޑުވެގެންދަނީ. އަނެއްކާ، މަސައްކަތުގެ އަގު ބޮޑުވެގެންދާއިރުވެސް، އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް.

 

ދަރުމަވަންތަ ހޮސްޕިޓަލާ ބެހޭގޮތުން އެންމެ ބޮޑަށް މިކަން އަމާޒުވަނީ. ދަރުމަވަންތަ ހޮސްޕިޓަލު އަޅަމުން ދިޔައިރު، ހަދާ ނިމިގެން މިހާރު ނިމިފައި ހުރިއިރު، މުޅި އޭޝިޔާ ޕެސިފިކް ރީޖަނުގައި ރިއަލް އެސްޓޭޓް ވެލިޔުކޮށްފައި އެއަށް ދަރަޖަ ދޭ، ނޫނީ ރޭންކް ކުރާ ބައިނަލްއަޤްވާމީ މުއައްސަސާއެއް. އެތަނުން އެންމެ ވަރުގަދަ ޢިމާރާތަކަށް، އެންމެ ރީތި ޢިމާރާތަކަށް ނިންމާފައި އޮތީ، ދަރުމަވަންތަ ހޮސްޕިޓަލޭ. މިއީ، އޭޝިޔާ ޕެސިފިކް ރީޖަން މިކަން އޮތްގޮތް. މިއީ، އޭޝިޔާ، މުޅި އޭޝިޔާ ޕެސިފިކް ރީޖަނުގައި، މިއަހަރުގެ އެންމެ ވަރުގަދަ އިންފްރާސްޓްރަކްޗަރ ތަނަކަށް އެއޮތީ ރޭންކުކޮށްފައި، ދަރުމަވަންތަ ހޮސްޕިޓަލް. އެހެންވީމާ، އެއަށް އަގުދާނެ.

 

އަޅުގަނޑުމެން މާލޭގައި މިހަދާ، ބައިނަލްއަޤްވާމީ އެއަރޕޯޓު. އަޅުގަނޑުމެން މި ހަދަނީ، އަޅުގަނޑުމެންނަށް ހެދޭ އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓް. އަޅުގަނޑު އެތަނަށް މި ގެންނަނީ، އެންމެ މޮޅު ކޮންސަލްޓަންޓުން. އަޅުގަނޑަކަށް އެތަނަކީ، ބާލިދީ އެއަރޕޯޓޭ ކިޔައިގެނެއް ފުއްދާލެވޭކަށްނެތް. އަޅުގަނޑަށް އެކަން ކުރެވިދާނެ، ދިވެހި ކޮންސަލްޓަންޓުން ކޮޅެއް ލައިގެން. ނޫނީވިއްޔާ، އެތެރެވަރިން ބަޔަކު ގެނެސްގެން އަޅުގަނޑަށް އެކަން ކުރެވިދާނެ. އެކަމަކު، އަޅުގަނޑު މި ހަދަނީ، މި ރީޖަންގައިވެސް އޮތް އެންމެ ފެންވަރު ރަނގަޅު ފުރުޞަތު ލިބޭވަރުގެ ތަނަކަށް. އަޅުގަނޑުމެންގެ ރީޖަންގައި އެންމެ ނަން މަޝްހޫރު ކުރަނީ ކޮން ބައެއްތޯ، ސިންގަޕޫރު. ސިންގަޕޫރުގެ މިހާރު ތަރައްޤީގެ ވިސްނުން އަބަދުވެސް އުޅޭނީ 30 އަހަރު ކުރީގައި. އެ މީހުން ޓަރމިނަލްތައްވެސް، އެއަރޕޯޓުވެސް، ޓަރމިނަލްވެސް ބޮޑު ކުރަމުންދަނީ ކުރިއަށް އޮތް 30 އަހަރަށް ވިސްނާފައި. އެހެންވީމާ، މި ސަރަޙައްދުގައި މިކަހަލަ ކަންކަމަށް އެންމެ ޑައިނަމިކް ބައެއްގެ ގޮތުގައި މި އުޅެނީ ސިންގަޕޫރު.

 

އެހެންވީމާ، އަޅުގަނޑު ބޭނުމެއް ނުވޭ، އާދައިގެ މީހުން ގެންނާކަށް. އަޅުގަނޑު މި ގެނައީ ހަމަ ސިންގަޕޫރުގެ އެންމެ ވަރުގަދަ މީހުން، ޗަންގީއިން މި ގެނައީ. ޗަންގީއިން ގެނެސްގެން ކޮންސަލްޓަންޓުން މި ބޭނުންކުރަނީ. އެހެންވީމާ، އެނގޭ އަޅުގަނޑަށް މި އެއަރޕޯޓު ނިމިގެންދާއިރު، ޗަންގީގައި ހުންނަ ހުރިހާ ވަސީލަތްތަކެއް މިތާ ހުންނާނެކަމަށް. އަޅުގަނޑު ބޭނުންވަނީ، އެއަރޕޯޓު އަޅާ ނިމުނީމާ، އެއަރޕޯޓަކީ ފައިދާ ލިބޭ، އަދި އެންމެ މިޒަމާނުގެ ވަސީލަތްތައް ޤާއިމުކުރެވިފައިހުރި އެއަރޕޯޓަކަށް ވެގެންދާން. ކިހިނެއްތޯ އަޅުގަނޑު އެކަން ކުރާނީ. އަޅުގަނޑު ހޯދާ ކޮންސަލްޓަންޓުނަށް ދޭންޖެހޭ ލާރި ކުޑަވެގެން، އަޅުގަނޑު މި ހޯދަން ޖެހެނީ  މި ސަރަޙައްދުން ދަމާކަނޑާ ކޮންމެވެސް ބަޔަކު. އެމީހުން އައިސް ކޮން ކަމެއްތޯ މިތާނގައި ކުރާނީ. އަޅުގަނޑުމެންގެ ތަރައްޤީ ވިސްނުން އެއަށްވުރެ މާ ކުރީގައި މިއުޅެނީ. އެހެންވީމާ، އަޅުގަނޑު ބޭނުންވާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މީހުން މިކަން ކުރަން.

 

ހަމަ ފ. އަތޮޅު ނިލަންދޫގެ ޕްރޮޖެކްޓުގެ ވާހަކަވެސް ދަންނަވާލާނަން މިއަދު އިނގޭތޯ، ތަރައްޤީއަށް މަސައްކަތް ކުރާއިރު. ފ. އަތޮޅު ނިލަންދޫގައި އަޅުގަނޑުމެން ހަދަން އުޅުނު ޕްރޮޖެކްޓަކީ، މުޅި ރާއްޖޭގެ ޖިއޮގްރަފީގެ ލޭންޑް ސްކޭޕް ނޫނީވިއްޔާ އިކޮނޮމީގެ ލޭންޑް ސްކޭޕް ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް. ކޮން ބައެއްތޯ އެއަށް ހުރަސްއެޅީ. ހަމަ މިހާރު ސިޔާސީ ގޮތުން، އިދިކޮޅުގައި އެ ތިއްބަވާ ބޭފުޅުން. އެ ބޭފުޅުން އެކި ކަހަލަ ޝަކުވާކޮށް، އެކި ކަހަލަ ބަދުނާމުކޮށްގެން އެކަން މި ވަގުތަށް ހުއްޓިފައި އެއޮތީ. އެކަމަކު، އެ ތަނަށްވެސް އަޅުގަނޑުމެން ނެގީ، ހަމަ ދުނިޔޭގައި ތިބި އެންމެ މަޝްހޫރު، ހިސާބާއި، ފައިނޭންޝިއަލް ފީސިބިލިޓީ ހަދާ އެންމެ ވަރުގަދަ މީހުން. ހަދާފައިއޮތް ފީސިބިލިޓީ ޕްރޮޖެކްޓު އެއޮތީ އެތާނގައި. އިހަވަންދޫގައި، ހަދަން އުޅޭ ބަނދަރު. ހަމަ އެންމެ ވަރުގަދަ މީހުން ލައްވާ އެކަން ކުރުވާފައި އެއޮތީ. އެހެންވީމާ، މިކަންކަމަކީ ކުރެވޭނެ ކަންކަންކަން އަޅުގަނޑުމެންނަށް އެނގޭ. ހަމައެކަނި ޖާގަ ނުދެނީ، ސިޔާސީ މީހުންގެ ނުބައި ވިސްނުން. ސިޔާސީ މީހުން މިކަންކަމަށް ހުރަސް އެޅީމާ، އަޅުގަނޑުމެންގެ މަޝްރޫޢުތައް ނުހިނގާ މި ހުންނަނީ.

 

އަޅުގަނޑު ދަންނަވާނަން، ޖީ.އެމް.އާރު އަތުން އެއަރޕޯޓު އަތުލަން އުޅުނުއިރު، އޭރުގެ ސަރުކާރުގައި މަޝްވަރާތައް ކުރެވިގެންދިޔައިރު، އަޅުގަނޑުގެ ޕާޓީ ތަމްސީލުކުރަން އެތަނަށް ދިޔައީ. އަޅުގަނޑު އެކަނި. އެހެން ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ އެއަރޕޯޓު އޮތްގޮތަށް ބާއްވަން. ހަމަ މިއަދު މި ދަންނަވަނީ، އެތަނަށް ވަޑައިގެންނެވި އެހެން ބޭފުޅުން ބުނީ، އަޅުގަނޑު އެކަނި ވަކާލާތުކުރީ ތިޔަ އެއަރޕޯޓަކީ އަޅުގަނޑުމެންގެ އެއަރޕޯޓަކަށް ވާންޖެހޭނެއޭ. އެންމެފަހުން، ޖަލްސާ ރޫޅާލާފައި، އަޅުގަނޑު ތެދުވެގެން އައީމާ، ޖަލްސާ އެ ހިސާބުން ހުއްޓާލަން ޖެހުނީ.

 

މިހާރު އިދިކޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުން، ފުރަތަމަ އިދިކޮޅުގައި އެންމެ ވަރުގަދައަށް އުޅުއްވަނީ، އެމް.ޑީ.ޕީ. ތާ. އެބޭފުޅުން ތިއްބެވީ އެއަރޕޯޓު ދެއްވައިގެން. ދެން، އެބޭފުޅުންނާއެކީ މަސައްކަތް ކުރައްވަން ހުރީ ޤާސިމް އިބްރާހީމް. ޤާސިމް އިބްރާހީމް ކަނޑައެޅިގެން ވިދާޅުވީ، އެވަގުތަކު ހުންނަ ރައީސްއަށޭ، އެންމެ ރަނގަޅަށް ތިޔަކަން ކުރާނެގޮތް އެންމެ ރަނގަޅަށް އެނގޭނީ. ރައީސް ވިދާޅުވަނީ، އެ އެއަރޕޯޓު އެމީހުންގެ އަތުގައި އޮންނަންޖެހޭ ކަމަށްވަންޏާ، ތިމަންނަ އެއަށް ތާއީދުކުރަމޭ. މިއަދު ވަޑައިގެން އަޅުގަނޑު ކައިރީގައި ޕޯޑިއަމްގައި، ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެބައްލަވާ، ތާއީދު ނުކުރަމޭ. އެއަރޕޯޓު އަތުލަން ކުރެއްވި މަސައްކަތް އޮތްތޯ ވިދާޅުވެ ބައްލަވާ. އެ އަތުލަން ކުރި މަސައްކަތުގެ ތެރޭގައި، ނުޙައްޤުން، އަޅުގަނޑަށްވެސް އަނިޔާކޮށް އަޅުގަނޑު ޖަލަށްލީ. މިއަދު ނުޙައްޤުން މީހުންނަށް އަދަބު ދެވޭ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ މި ކައިރި މާޒީގައި މި ހިނގާދިޔަ ކަންތައްތަކެއް، އެބޭފުޅުންގެ ތެރޭގައި ނުޙައްޤުން ކަންތައް ކުރެއްވި ވާހަކަ ދައްކަވާކަށް ބޭނުންފުޅެއް ނޫނޭ.

 

މިއަދު ވެއްޖިއްޔާ، މީހަކު ޖަލުގެ ގޮޅިއެއްގައި ނޯންނާނެ، ޝަރުޢީ ޙުކުމެއް އައިސްގެން ނޫނިއްޔަކާއެއް. އަދި ޝަރުޢީ ޙުކުމެއް އަންނައިރު އެއިން ކޮންމެ މީހަކަށް ބޮޑަސް ކުޑަޔަސް، މުއްސަންޖަސް، ކޮންމެ ރާއްސަކަށް ވިހާފައިހުރި މީހަކަށްވިޔަސް، ކޮންމެ ގިންތިއެއްގެ މީހަކަށް ވިޔަސް، ބޭނުން ލޯޔަރެއް ނަގައިގެން، ތިން މަރުޙަލާގައި އެމީހުން ހިނގަން ވަގުތު ލިބުނޭ. އެހެންތޯ، އެބޭފުޅުންގެ ސަރުކާރުގައި އަޅުގަނޑުމެން ޖަލަށްލާހެދީ. އެހެނެއްނޫނޭ، އެކަންކޮށްފައި އޮތީކީ. އަދި އޭގެ ފަހުން، އެކަން އެހެން ދިޔައީމާ، ދައުލަތުން އަޅުގަނޑަށް ބަދަލު ދޭންޖެހޭކަމަށް ޝަރުޢީ މަރުޙަލާތަކުން ނިންމާފައި އެހުރީ.

 

އެހެންވީމާ، މިހާރު ނުޙައްޤުން އަދަބުދޭ ވާހަކަ ދައްކަން ކޮން ޖާގައެއްތޯ އޮތީ. ކާކުތޯ ދިވެހިރާއްޖޭގައި، ބޯމައްޗަށް ޖަހައިގެން ހުރި މީހަކު ބުނާނީ، އަޙްމަދު އަދީބަށް އަދަބު ދެވިފައި އެހުރީ، ކޯޓުތެރެއިން ކުރި ޙުކުމަކާއެކީ، އޭނާގެ އަދަބު ތަންފީޒުވަމުން އެދަނީ، ނުޙައްޤުންނޭ. ކާކުތޯ އެކަން ގަބޫލުކުރާނީ. ދެންތިބި އެހެން މީހުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ނޫނީވިއްޔާ ބައެއް ސިޔާސީ މީހުން. ނުޙައްޤުން ކަމަށްވަންޏާ، ސިޔާސީ ބައެއް މީހުން ބޭރުގައި އުޅޭ މީހުން އަންނަންވީނޫންތޯ އެމީހުންގެ ޙައްޤު ކަށަވަރުކޮށްދޭން. ޙައްޤު ކަށަވަރުކޮށްދޭން އައިސް މިތާނގެ ޝަރުޢީ މަރުޙަލާ ތެރެއިން ހިނގާލަ ބައްލަވާ. އެހެންވީމާ، އެކަހަލަ ވާހަކަ މިހާރު މި ދައްކަނީ.

 

އެކަމަކު އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަންވެސްމެ. އަޅުގަނޑުގެ ދަތުރު ހަމަ ކުރިއަށް އޮތީމައާއެކީ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނަށް އުއްމީދު ދޭން. ތިޔަބޭފުޅުންނަށް އުއްމީދު ދޭން ބޭނުންވާ ސަބަބަކީ، އަޅުގަނޑަށް، ހަމަ ދިވެހިރައްޔިތުންނަކީ، ދިވެހިރައްޔިތުން ކޮންމެތާކު ތިއްބަސް، ކިތަންމެ ކުޑަ ރަށެއްގައި ތިއްބަސް، ކިތަންމެ ބޮޑު ރަށެއްގައި ތިއްބަސް، ދިވެހިރައްޔިތުންނަކީ، އުއްމީދުތަކެއް އޮތް ބައެއްކަން އަޅުގަނޑަށް އެނގޭ. އަދި ޚާއްޞަކޮށް ޒުވާނުންނަކީ، ކޮންމެ ގޮތެއް ހެޔޮވާނެ ބައެއް ނޫން. އެމީހުން ބޭނުންވާނެ ކުރިއަށް ދާން. އެކަމަކު، އެމީހުންނަށް ކުރިއަށް ދެވޭނީ، އެމީހުން ކުރިއަށް ގެންދާނެ، އެމީހުން ގޮވައިގެން ދާނެ ކައްޕިއެއް އެމީހުންނަށް ފެނިއްޖެއްޔާ. އެހެންވީމާ، އެމީހަކާއެކީ، ކުރިއަށް ދާން އެމީހުން ބޭނުންވާނެ.

 

ދެން، ކިހާވަރެއްގެ މީހުންނެއްތޯ މިއުޅެނީ، ބަލައިލާ ކަމަށްވަންޏާ، ކޮންމެ މީހެއްގެ މާޒީ އެހެރީ އަޅުގަނޑުމެންނަށް ފެންނަން. އަޅުގަނޑުމެންގެ ކުންފުންޏެއްގެ ހިސާބުތައް، ހިސާބު ފޮތްތަކުން ބަލާ އުސޫލުން، އަޅުގަނޑުމެން ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތައް ކިހާ ވަރަކަށްތޯ ތަންފީޒުކުރެވިފައިހުރީ. ބަހާއި ޢަމަލާ ކިހާ ވަރަކަށްތޯ ސީދާވެފައިހުރީ، އެއެއް ބަލައިލާކަށް މިހާރަކު އުނދަގުލެއް ނޫން. ކޮންމެ ބަޔަކަށްވެސް ވާހަކަ ދެއްކޭނެ. އެކަމަކު، ދައްކާ ވާހަކައިގައި މަސްތުވާތަކެތި ބޭނުންކުރުމަށް ޒުވާނުންނަށް ވަކާލާތުކޮށްދޭ މީހަކު އައިސްފައި، ދިވެހިރާއްޖެއިން މަސްތުވާތަކެތި ފިލުވާލާނަމޭ ބުނީމާ، ކާކުތޯ އެ ވާހަކަ ގަބޫލުކުރާނީ. ޤައުމިއްޔަތުގެ ވާހަކަ ދައްކާއިރު، އެ ބޭބޭފުޅުންގެ މެނިފެސްޓޯގައި، ޤައުމިއްޔަތާބެހޭ ކަންފުޅެއްވެސް ނެތިއްޔާ ކިހިނެއްތޯ، ޤައުމިއްޔަތުގެ ވާހަކަ ދައްކާނީ. އިސްލާމްދީނުގެ ހުރި ކަންކަމަށް އޯލްޓަރނޭޓިވް ނެރެޓިވްއެއް ބޭނުންފުޅުވާކަމަށް އެ ބޭފުޅުން ފާޅުގައި ވިދާޅުވެފައި ހުރެއްޖެ ކަމަށްވަންޏާ، ކިހިނެއްތޯ އެ ބޭފުޅުން ވިދާޅުވީމާ، އަޅުގަނޑުމެން ގަބޫލުކުރާނީ، ދިވެހިރާއްޖޭގައި އެންމެ އިސްކަމެއް ދޭނީ، އިސްލާމްދީން މި ތާނގައި އޮންނާށޭ. އިސްލާމްދީނުގައި އަޅުކަންކުރާ މިސްކިތްތައް ފިޔަވައި، އެހެން ދީންތަކުގައި އަޅުކަންކުރާ ފައްޅިތައް އެޅިދާނެތޯ ލިޔުމުން ސުވާލު އުފެއްދީ ކޮން ބައެއްތޯ. އެ ސުވާލުތައް ދިޔައީމާ، މިހާރު، އޭގެތެރެއިން އެއް ބަޔަކަށް އިސްކޮން ތިބި ބަޔަކަށް ބުނެވިދާނެ، ތިއީ ތިމަންނަމެންނަށް އެނގިގެން ދިޔަ ސުވާލެއް ނޫނޭ. ތިމަންނަމެން ތިޔަ ސުވާލުން ދުރަށްދަމޭ. އެކަމަކު، އެހެން ކަންކަމުގައި ތިމަންނަމެން ބައިވެރިވަމޭ.

 

ސުޕްރީމް ކޯޓުގެ އަމުރު ނުކުމެގެން، އަދި މިތަނަށް ބޭރުގެ ޢަސްކަރިއްޔާއިން މިތަނަށް އަންނަން ގޮވައިލީމާ، ދެތިން ދުވަސް ފަހުން އަނެއްކާ މި މީހުންނަށް ހޭލުވުނީ. މި ދެއްކެނީ ކިހާވަރެއްގެ ވާހަކައެއް. އެ ހިސާބުން އެންމެން ބުނަން ފަށައިފި. ސުޕްރީމް ކޯޓުގެ ޙުކުމަށް ތިމަންނަމެން ތާއީދުކުރިނަމަވެސް، ބައެއް ބޭފުޅުން އެ ދައްކަވާ ވާހަކަ، ޢަސްކަރިއްޔާއިން، އެ ވާހަކައިގައި ތިމަންނަމެން ބައިވެރިއެއްނުވަމޭ. އެހެންވީމާ، މި ހުރިހާ ބޭފުޅުން ބައިވެރިވާ އެއް ވާހަކައެއް ނުވެސް ނެތް. ކޮންމެ ކަމެއް އައީމާ، އެ ބޭފުޅުންނަށް ވިސްނި ވަޑައިގަންނަވަނީ، އާ މިއޮތީ އަތަށް ގޮވާފައޭ. އެ ހިސާބުން ވިދާޅުވާނީ، މިކަމުގައި ތިމަންނަމެން ބައިވެރިއެއް ނުވަމޭ. މިއީ، އަޅުގަނޑުމެންގެ ތެރޭގައި ފެނިފައި ހުރި ކަންކަން ދޮގެއްތޯ. މިއީކީއެއް، ރައީސް ޔާމީން ހަދައިގެން ދައްކާ ވާހަކައެއްނޫން. އަޅުގަނޑެއް ނޫން ދޮގެއްތޯ ބުނީ، ސުޕްރީމް ކޯޓުން ފެބުރުވަރީ އެއްވަނަ ދުވަހު ތިމަންނަމެން އަމުރެއް ނެރުނީމޭ. އެކަމަކު، އެ އަމުރު ވެރިކަންކުރަން ހުރި މީހާއަކަށް ކަމަކު ނުދިޔައޭ. އަޅުގަނޑުތޯ އެ ވާހަކަ ބުނީ. އެހެންވީމާ، އެ އަމުރު ކަމުނުގޮސްގެން، އެ އަމުރު ސުޕްރީމް ކޯޓުން ދެން ތިބި ފަނޑިޔާރުން ބާޠިލުކުރާ ހިސާބަށް ގޮސް އެކަންކަން ދިޔައިމާ، އެ އަމުރު ނެރުނު މީހުންގެ ގޯސްތަކެއް އުޅޭކަން އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނަށް ހާމަވޭ. އަދި، އެ އަމުރު ނެރުމުގައި ބައިވެރިވި މީހުންނަކީވެސް ބޮޑެތި ޖަރީމާ ހިންގާފައި ތިބި މީހުންކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.

 

ދިވެހިރާއްޖޭގައި މިހާރު އަޅުގަނޑުމެންގެ ޒުވާނުން، ދިވެހިރާއްޖޭގެ ޒުވާނުން ގަބޫލުކުރާނީ އެއްވެސް މީހެއްގެ ކުލައަކަށް، އެއްވެސް މީހެއްގެ ނަސްލަކަށް، އެއްވެސް މީހެއްގެ ހަސަބަކަށް ވިސްނާފައެއްނޫން އަދަބު ލިބެންޖެހޭނީ. ވައްކަން ކޮށްފިއްޔާ، މޮޅު މީހާ ވައްކަން ކުރިއަސް، އެ ކުރީ ވައްކަން. ދެރަ މީހާ ކުރީމާ އެ ލިބޭ އަދަބު އޭނާއަށް ލިބެންވާނެ. އެހެންވީމާ، ޤާނޫނާ ޚިލާފަށް މިކަހަލަ ކަންތައް ކުރާކަމަށްވަންޏާ، މޮޅުދެރަ ނުކިޔަމާ ހިންގަވާ. މުޅި ދައުލަތަށް ލޮޅުން އަރާވަރުގެ ބޮޑެތި ކަންކަން ކުރީމާ އެކަންކަން ކުރާ މީހުންނާ ޤާނޫނު އަރާ ހަމަކުރާނެ.  އެ ކަށަވަރުކަން އަޅުގަނޑުގެ ސަރުކާރާ ދޭތެރޭ ތިޔަބޭފުޅުން އަބަދުވެސް ބާއްވަވާ. ދެން އޮންނަ ކަށަވަރުކަމަކަށް ބާއްވަވާ. ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. ތަރައްޤީގެ ވާހަކަ ދައްކާއިރު ތަރައްޤީއަކީ ފައިސާ ފޮތީގެ އެއްފުށް ކަމަށްވަންޏާ، އޭގެ އަނެއް ފުށުގައި އަބަދުވެސް   އޮންނާނީ ރައީސް ޔާމީނުގެ ސިއްކަކަން ގަބޫލު ކުރައްވާ. އެކަން ގަބޫލުކުރައްވައިފިއްޔާ ތިޔަބޭފުޅުން ކުރައްވާ އުއްމީދުތައް އުޖާލާވެ، އުއްމީދުތަކުގައި ކުލަ ޖެހޭނެކަން ތިޔަބޭފުޅުން ގަބޫލުކުރައްވާ.

 

އަޅުގަނޑުވެސް އެދެނީ ހަމަ ތިޔަބޭފުޅުންނަށް އެހީތެރިވުމަށްޓަކައި އަޅުގަނޑަށް ތިޔަބޭފުޅުން އެހީތެރިވެދެއްވުން. ކޮނޑޭއިން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. އަދި ތިޔަ ޢަޒުމުގައި ތިޔަ ވިސްނުމުގައި ޤައުމައިގެން ކުރިއަށް ދިޔުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތުގައި ހަމަ ތިޔަ ޢަޒުމުގައި ތިއްބަވާ. ފިކުރަކަށް ބައްލަވާނެ ކަމެއްނެތް. އަޅުގަނޑު މިތަނަށް އައިސް ނުދަންނަވާނަން، ހުރިހާ ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީއަށް ވެދެވަޑައިގަންނަވާށޭ. އެކަމު އަޅުގަނޑު ދަންނަވާ ވާހަކައަކީ، ޤައުމިއްޔަތަށާއި އަޅުގަނޑުމެން ގަބޫލުކުރާ ސިފަތަކަށާއި ތަރައްޤީއަށް ލޯބިކުރާ ކަމަށް ވަންޏާ 23 ވަނަ ދުވަހުގެ ވޯޓުގައި، ތަރައްޤީގެ އަނެއް ފުށުގައި އޮތީ ކާކުގެ ފޮޓޯތޯ، ކާކުގެ ސިއްކައެއްތޯ ބައްލަވާލައްވާފައި އެއަށް ވޯޓު ދެއްވާށޭ.  ވަރަށް ބޮޑަށް ޝުކުރިއްޔާ.  

 

والســّلام عليــكم ورحـمــة اللّـه وبـركاتـه