بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُلِلّـهِ رَبّ العَــالَمِـين،  وَالصّــلاة وَالسّــلام علـى ســيّدنا محـمَّدٍ، خـاتـم الأنبيــاء والمرســلين، وَعلـى آلـه وَصَحْبِـــهِ أجمـعـين.

 

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ނައިބު ރައީސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު، މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޛީދު މުޙައްމަދު، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަދި މީރާގެ އެންމެހައި ވެރިން، މީރާގެ ހީވާގި މުވައްޒަފުން، މީރާގެ ބޯޑު މެންބަރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

މިރޭ އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މީރާގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީރާގެ ކޮމިޝަނަރ ޖެނެރަލަށާއި، މީރާގެ ބޯޑު މެމްބަރުންނަށާއި، މީރާގެ ހީވާގި މުވައްޒަފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުން.

 

މިވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، މީރާގެ ހިންގުމަށް ގެނެވިފައިވާ މުހިއްމު ބަދަލުތައް، މި ފުރުޞަތުގައި ފާހަގަކޮށް، މީރާގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު މި ފުރުޞަތުގައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިރޭގެ ޙަފްލާގައި އެކިއެކި އެވޯޑުތައް ހާސިލު ކުރެއްވި ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. މިގޮތުން ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރުމާއެކު، އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ [ރަންލާރި އެވޯޑް] މި އަހަރު ހާސިލު ކުރެއްވި ފަރާތްތަކަށާއި، ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ލިބުނު މުއައްސަސާތަކަށާއި، ވާރު ފޯރި ކުއިޒް މުބާރާތުން ވަނަވަނަ ހޯދި ފަރާތްތަކަށްވެސް އަޅުގަނޑު އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

 

މީރާގެ ހީވާގި މުވައްޒަފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް އެކިއެކި އެވޯޑު ދެއްވަމުން ގެންދަވާކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރާ ކަމެއް. އެގޮތުން މިއަހަރު ސްޓާފް އޮފް ދި އިޔަރގެ މަގާމު ހާސިލު ކުރެއްވި މުވައްޒަފަށާއި، ބެސްޓް އެޓެންޑެންސް އެވޯޑު ހޯއްދެވި މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށްހޫނު މަރުޙަބާއެއް ދަންނަވަން.

 

މީރާ އުފެދިފައިވަނީ ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ ފަދައިން، 2010 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން. އެހެންކަމުން، މީރާ މި ފާހަގަކުރަނީ 8 ވަނަ އަހަރީ ދުވަސް. މީރާގެ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، މީރާ މެދުވެރިކޮށް، ދައުލަތަށް ލިބޭ އާމްދަނީ، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، 2011 ވަނަ އަހަރު ލިބުނީ 4.6 ބިލިއަން ރުފިޔާ. އަދި މިދިޔަ އަހަރު، 2017 ވަނަ އަހަރު 15.19 ބިލިއަން ރުފިޔާގެ ޓެކްސް ކަލެކްޓް ކޮށްފައިވޭ.

 

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މީރާ ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު، އާދެ، ކުރިން ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ރާއްޖޭގެ 12 ސަރަޙައްދެއްގައި މީރާގެ އޮފީސްތައް މިހާރުވަނީ ޤާއިމުކުރެވިފައި. ބައެއް އޮފީސްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ ފަރާތުން ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި، ޔޫތު ސިޓީގައިވެސް މީރާގެ އޮފީހެއް ޤާއިމުކުރެވިފައިވާކަން ފާހަގަކުރެއްވި. އަޅުގަނޑަކީ ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުރިއިރު މީރާގެ މަސައްކަތް ވަރަށްގާތުން ބަލަމުންދިޔަ މީހަކަށްވާތީ، މީރާ މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް އަޅުގަނޑަށް ވަރަށް ރަނގަޅަށް ތަޞައްވުރު ކުރެވޭ. އަދި ހަމައެހެންމެ، އެ މަޤާމުގައި ހުރިއިރުވެސް މީރާގެ ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ބޮޑަށް ބާރުއެޅިން. އޭގެ އެންމެބޮޑު އެއް ސަބަބަކީ، ސަރުކާރަށް ލިބެންޖެހޭ ޓެކްސްގެ ފައިސާ، ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުކުރުން.

 

މި ފުރުޞަތުގައި މީރާގެ މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތްތައްވެސް އަޅުގަނޑު ހަނދާންކުރަން. މީރާގެ މުވައްޒަފުންނަކީ، ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ޙަޤީޤަތުގައިވެސް ނަމޫނާ ދައްކަމުންދާ މުވައްޒަފުންތަކެއް. މިރޭވެސް އޭގެ މަންޒަރުތައް، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަދި ޤައުމު ބިނާކުރުމުގައި ފުރިހަމަ ޙިއްޞާއެއް އަދާކުރަމުންދާ މުވައްޒަފުންތަކެއް ޚާއްޞަކޮށް، މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޛީދު މުޙައްމަދު، މީރާގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ކުރައްވާ ބުރަ މަސައްކަތްތައް އަޅުގަނޑު ޚާއްޞަގޮތެއްގައި ފާހަގަކުރަން. އަދި ކޮމިޝަނަރ ޖެނެރަލް ޔަޛީދު މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ވާހަކަ ދައްކާއިރު، މިދިޔަ މިނިވަންދުވަހު އޭނާއަށް ލިބިވަޑައިގެންނެވި ޚާއްޞަ އެވޯޑްގެ މަތިން އަޅުގަނޑުވެސް ހަނދާންކުރަން. އިންޓަރނޭޝަނަލް ޓެކްސް ރިވިއު އިން އިންތިޒާމުކޮށްގެން ބޭއްވި [އޭޝިއާ ޓެކްސް އެވޯޑްސް 2018]ގެ [އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދި އިޔަރ 2017] ހާސިލު ކުރައްވައިގެން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މިނިވަންދުވަހުގެ ޖަލްސާގައި އޭނާއަށް ލިބިވަޑައިގެންނެވިކަން އެއީ، ރާއްޖެއަށް އޭނާ ހޯއްދަވައިދެއްވި ވަރަށްރީތި ނަމެއް. އަދި އެއީ ރާއްޖޭގައި ޓެކްސް ނެގުމުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ހާމަވެގެންދާ ހެތްކެއްވެސްމެ. އެހެންކަމުން، މި ފުރުޞަތުގައި، ކޮމިޝަނަރ ޖެނެރަލް ޔަޛީދު މުޙައްމަދަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި ވަރަށް އިޚުލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

 

ރާއްޖެ ތަރައްޤީގެ އެންމެ އުސް ކުންނުއާ ހަމައަށް ވާސިލުވުމަށް ކުރާ މި ދަތުރު ކާމިޔާބުވުމުގެ އެންމެ މުހިއްމު އެއްކަމަކީ، ޤައުމުގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންކަން ކަށަވަރު. އެގޮތުން، ވަކި އުޞޫލުތަކެއްގެ ދަށުން ޢާންމު ފަރުދުންނާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކާ ޓެކްސްއަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރާ އުފެއްދުންތެރި ހޭދައެއް. ރައްޔިތުންގެ އަތުން ނަގާ ޓެކްސްއަކީ، ސީދާގޮތުންނާއި އަދި ނުސީދާގޮތުން ރައްޔިތުންނަށް އަނބުރާ ރައްދުކުރެވޭ އެއްޗެއް. އެއީ، ޓެކްސްއިން އެންމެބޮޑު ފައިދާ އާޚިރުގައި ކުރަނީ އެ ޤައުމެއްގެ ރައްޔިތުންނަށް ކަމަށްވާތީ.

 

ސަރުކާރުން ހިންގާ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކާއި، ދައުލަތް ހިންގާ ޚަރަދުތައް ހަމަޖެއްސުމުގައި ޓެކްސްގެ ގޮތުގައި ނެގޭ ފައިސާގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު. އެހެންކަމުން، ޓެކްސްގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށްޓަކައި ޓެކްސް ނެގުމުގެ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަކީ، ވަރަށް މުހިއްމު ކަމެއް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ އިޖުތިމާޢީ ހަމަޖެހުމާއި އަމާންކަމުގެ އެއް ސިއްރަކީ ޓެކްސްގެ ފޭރާން ހެޔޮ ނިޒާމެއް ޤާއިމުވެފައި އޮތުން. އަދި އެންމެ އާދައިގެ ރައްޔިތުންނާ ހަމައަށް ޓެކްސްގެ މަންފާ ފޯރުން. މިފަދައިން ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ރަނގަޅުކޮށް ކުރިއެރުވުމަށްޓަކައި މީރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން.

 

ޓެކުހުގެ ޤާނޫނުތަކުގެ ތެރެއިން ދެވެންހުރި ލުއިތައް ކުދި ވިޔަފާރިތަކަށް ދެއްވަމުންދާ ކަމަށް ދެންމެ ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި. މީރާއިން ކުދި ވިޔަފާރިތަކަށް ދެމުންދާ ލުއިތަކަކީ، ރާއްޖޭގެ އިޤްތިޞާދުގައި އައު ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ވަރަށް މުހިއްމު ކަމެއް. މި ގޮތުން ފާއިތުވި އަހަރު، ކުދި ވިޔަފާރިތައް ރަޖިސްޓަރީ ކުރުމާއި، ހިސާބުތައް ތައްޔާރުކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމާއި، އޮޑިޓްކުރުމުގައި ގިނަ ލުއިތަކެއް މީރާއިން ދީފައިވާކަން ފާހަގަކުރަން. އަދި، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކެއްގެ ޖޫރިމަނާވެސް މައާފުކޮށްދީފައިވާކަން ފާހަގަކުރަން. ޓެކްސް ނެގުމުގެ މުހިއްމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ، ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަކީ، އެފަރާތްތަކުގެ އިތުބާރު، ޓެކްސްގެ ނިޒާމަށް ހޯދުމަށް ވަރަށް މުހިއްމު ކަމެއް. އެހެންކަމުން، މި އިތުބާރު ދެމެހެއްޓުމަށްޓަކައި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އަދި ހަމަހަމަކަމާއެކު މަސައްކަތް ކުރެއްވުމަށް މީރާގެ މުވައްޒަފުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ފާއިތުވެދިޔަ ތާނގައި މީރާގެ މުވައްޒަފުން ދައްކަވައިދެއްވާފައިވާ ނަމޫނާގެ މަތީގައި މުސްތަޤްބަލުގައިވެސް ސާބިތުވެ ތިއްބެވުމަށް އަޅުގަނޑު ނަސޭހަތްތެރިވަން.

 

ރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ރާއްޖޭގެ މިއަދުގެ ޢިއްޒަތްތެރި ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވަމުން ގެންދަވާ ހުޅުވައިލެވިފައިވާ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫޢުތައް އައިސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެގެންދާކަން އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. އަދި މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުގެ ނަމުގައި އަދި ތިޔަބޭފުޅުންގެ ނަންފުޅުގައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ވަރުގަދަކޮށް، މި ނިޒާމު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން، ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ޤާބިލު މުވައްޒަފުން އުފެއްދުން. އެހެންކަމުން، މި ރޮނގުން މީރާގެ މުވައްޒަފުން އިތުރަށް ތަމްރީނު ކުރުމަށާއި، ބޭރުގެ ކަމާގުޅޭ ފަންނީ ފަރާތްތަކުގެ އެހީތެރިކަން މީރާއަށް ލިބޭނެގޮތް ފަހިކޮށްދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމެއް ކަމުގައި މި ފުރުޞަތުގައި ދަންނަވަން.

 

ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގެ ޤައުމުތަކާއެކު ކުރަމުންދާ މުޢާމަލާތްތަކުގައި ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމުގެ ގޮތުން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން، ބޭރުގެ ޤައުމުތަކާއެކު ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވައިލުމުގެ މަސައްކަތް މިއަހަރުވެސް ސަރުކާރުން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. އަދި ޓެކްސްގެ ނިޒާމު ހަރުދަނާކަމާއެކު ކުރިއެރުވުމުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮންޖެހުންތަކާއި، ޤާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، މީރާގެ ލަފަޔާއެކު ސަރުކާރުން ކުރަމުން ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން. އަދި ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުންވެސް، އެފަރާތްތަކުގެ ޤާނޫނީ ޒިންމާތައް، ޒިންމާދާރުކަމާއެކު ވަގުތުންވަގުތަށް ފުރިހަމަކުރަމުން ގެންދިޔުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން.

 

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، މީރާއަށް ފާގަތި ދުވަސްތަކަކަށް އެދެމުން. މީރާގެ ކޮމިޝަނަރ ޖެނެރަލާއި، މީރާގެ ބޯޑު މެންބަރުންނާއި، ހުރިހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމުން.

 

އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތްތަކުގައި، މާތްﷲ ކާމިޔާބީ މިންވަރު ކުރައްވާށި! އަދި ރާއްޖެ ތަރައްޤީގެ މަގުގައި ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު ދެއްވައި، އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވާށި! އާމީން.

 

والسّــلام عليــكم ورحمــة اللّـه وبـركاتــه.