بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އާދެ، ޝައްކެއްވެސްނެތް، މިއަދަކީ އަޅުގަނޑަށްވެސް ހަމަ ވަރަށް އުފާވެރި ދުވަހެއް. މި ނަލަ ރީތި ފުށްޓަށް، ހޯރަ އަޅަމުން އަޅުގަނޑު އައިއިރު، ކަމަކުދާކަށްނެތް، މިތާ އެއްގަމު ތޮށި މިއޮތީ ހިމާޔަތްކޮށް ނިންމާފައި. އަދި ހަމައެއާއެކީ، އަޅުގަނޑާއެކީ އައި ޕާޓީގެ ތެރޭގައި، އަޅުގަނޑަށްވުރެ ކުރިން މިރަށަށް، މާބޮޑަށް ހޯރަ އަޅާފައި ތިބި ބޭފުޅުންވެސް ގޮވައިގެން އަޅުގަނޑަށް އާދެވުނީ. އެހެންވީމާ ގަބޫލުކުރެވެނީ، މިރަށުގެ އެއްގަމު ތޮށްޓާއި ބޭރު ތޮށި، އަދި މިއަށްވުރެ ބޮޑަށް އެބަ އުފުލައިލަންޖެހެއޭ. އަދި ހަމަ މި ދަތުރުކޮށްފައި އަންނައިރު، ގައްލަންދޫ ކަނޑު، ވަރުގަދަ ކަނޑެއް ހުރަސްކޮށްފައި މި އަންނަނީ. މާލެއިން އިހަވަންދިއްޕޮޅަށް އަންނައިރުވެސް، އަދި އިހަވަންދިއްޕޮޅުން ފުރައިގެން މާލެއަށްދާއިރުވެސް، އެއީ ވެރިކަމުގެ އިޙްސާސްތައް މި އަންނަނީ މާލެއިން ކަމަށްވާތީ، މި ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހޭނީ، ވަރުގަދަ މާލިމީއެއްކަން ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާތި.

 

އަޅުގަނޑުގެ އިސްތިޤްބާލުގައި ތިޔަ ހުރިހާ ބޭފުޅުން ތިއްބެވި ކަމަށްޓަކައި، ވަރަށް އިޚުލާޞްތެރިކަމާއެކީ، މަރްޙަބާ ދަންނަވަން. ޝުކުރު ދަންނަވަން. އަޅުގަނޑަށް ގަބޫލުކުރެވެނީ، ތިޔަބޭފުޅުންގެ އިޚުލާޞްތެރިކަން. އަދި ތިޔަބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ޝައުޤުވެރިކަން، ކިތަންމެހާވެސް ދީލަތިކޮށް ތިޔަބޭފުޅުން މިއަދު، އަޅުގަނޑުމެންނަށް ދައްކަވައިދެއްވައިފި. އިންތިޒާމު ކުރެއްވި ހުރިހާ ބޭފުޅުންނާއި، އަދި ޚާއްޞަކޮށް، މިރަށުގެ ޔާގޫތެއްފަދަ މެންބަރު، މުޙައްމަދު އިސްމާޢީލަށް ފަށްފަށުން މި ޝުކުރު ދަންނަވަނީ. އަދި މި ޝުކުރުގައި، ކައުންސިލްގެ މެންބަރުން، ފިކުރަކަށް ބަލާނެކަމެއްނެތް. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ، ޤައުމު ތަރައްޤީ ކުރަން. ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރުން. އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ ހަމަޖެހުމާއި، އަމާންކަމުގެ ތެރެއިން، އަޅުގަނޑުމެންގެ މި ދިވެހި ދައުލަތަކީ ކުޑަ ނަމަވެސް، މި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ، މުއްސަނދިކަމުގެ ގޮތުން އެންމެ ވަރުގަދަ ޤައުމުކަމަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގައި، މުޙައްމަދު އިސްމާޢީލް ވިދާޅުވިގޮތަށް، އޭރު ގެޅި ފޫ ނިއުޅައިނުލާ އަޅުގަނޑާއެކީ ކުރިއަށް ވަޑައިގަންނަވާ.

 

އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ މި އުފަލުގައި މި ބައިވެރިވަނީ، ހޯރަފުށްޓަކީ އަޅުގަނޑާވެސް ހަމަ ވަރަށް ގާތް ރަށެއް. އެއްފަހަރަށްވުރެ ގިނަ ފަހަރު އާދެވިއްޖެ. އަންނަ ކޮންމެ ފަހަރަކު ފަރިއްސެއްގެ ތެރެއިން، ނޫނީވިއްޔާ ރައިވަރެއްގެ ތެރެއިން، ހޯރަފުށްޓަށް ދަތިވެފައިހުރި ކަންތައްތައް އަޅުގަނޑަށް ހުށަހަޅައިދެއްވާނެ. ހަމަ ވަރަށް ދީލަތިކަމާއެކީ. އިރާދަކުރެއްވިއްޔާ ދެންމެ އިވިގެންދިޔަ، ތަފާސާއި، ކުރެވިފައި ހުރި ކަންތައްތަކަށް ބަލާއިރު، ހޯރަފުށްޓަށް ބޭނުންވާ، ވަރަށްގިނަ ކަންތައްތައް ﷲގެ ރަޙްމަތާއެކީ މިހުރީ ކުރިއަށް. އެހެންނަމަވެސް، އިންސާނީ ޠަބީޢަތަކީ އަބަދުވެސް، ކަންކަން ފުދެމުންދިޔަވަރަކަށް، އިތުރު އިޙްސާސްތަކާއި، އިތުރު ބޭނުންތައް އިތުރުވަމުންދާނެ ކަމެއް. އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް މިރަށަކީ ހަމަ، ތަރައްޤީއަށް ވަރަށް ލޯބިކުރާ، މުރާލި، ހީވާގި، ރައްޔިތެއް އޮތް ރަށަކަށްވާތީ، އަޅުގަނޑު ގަބޫލުކުރަނީ، އަދިވެސް ހަމަ މިއަދު އެތައް ކަމެއް ކޮށްދީފައި ދިޔަޔަސް، ދެން އަންނަ ދަތުރެއްގައި، ދެ މަސްފަހުން އަންނައިރުވެސް، އެލިސްޓް އަނެއްކާވެސް އަންނާނެ ކަމަށް.

 

ދެން މީގައި، އަޅުގަނޑުގެ ޚިޔާލަށް މިގެންނަނީ ކީއްވެގެންބާވައޭ، މި ލިސްޓް މި އަންނަނީ. އެއީ އަޅުގަނޑުގެ ކުރީގައިވެސް ރާއްޖޭގައި އަޅުގަނޑަކީ 100 ވަނަ ރައީސް ނޫނީވިއްޔާ ރާއްޖޭގެ ޒަޢާމަތުގެ ވެރިކަން ކުރަމުންދާ މީހާ ކަމަށްވާތީ، މީގެ ކުރީގައިވެސް އަދި އަޅުގަނޑުމެންގެ މި ޒަމާނުގެ، މި ފަހުގެ ތާރީޚުގައި، މިތާ ތިބި ޒުވާނުންވެސް ހަނދާންވާ ހިސާބުންވެސް އަޅުގަނޑުމެންނާއެކީ، ފިކުރުތަކަކާއެކީވެސް އަދި ފިކުރެއް، ވަކި ފިކުރެއްނެތި، ވައިނޭޅިވެސް ރައީސުން، ނޫނީ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެބޭފުޅުންވެސް ހަމަ މި ފުށްޓަށް އުފަލާއެކީ ހޯރަވެސް އެޅުއްވި. ކީއްވެގެންބާއޭ މި ހުރިހާ ކަންކަން ނުނިމެހުރީ؟ ނޫނީވިއްޔާ މިއަދު ކީއްވެގެންބާއޭ، އިތުރު އުންމީދުތަކެއް އަޅުގަނޑުމެންނަށް އައިސްގެން މިއުޅެނީ؟

 

އަޅުގަނޑުމެންނަށް އުއްމީދުތަކެއް އައިސްގެން މިއުޅެނީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ދިރުމެއް ވާކަމަށްވަންޏާ، އުންމީދެއް އޮންނަންވާނެ ކަމަށް އަޅުގަނޑު ބުނި ބުނުމުގެ މައްޗަށް. އަޅުގަނޑު އޭރުވެސް ދެންނެވިން، ކޮންމެ މީހަކުވެސް އިމްތިޙާނު ކޮށްލަންވާނެއޭ. ކޮންމެ މީހަކުވެސް އެ ދައްކާ ވާހަކައިގެ އިތުރަށް، އޭނާ އޭގެ ކުރީގައި، ސަރުކާރުގެ ޚިދުމަތުގައި، ނޫނީ ރައްޔިތުންގެ ޚިދުމަތުގައި، ކޮންމެ ދާއިރާއަކުން މަސައްކަތް ކޮށްފައި ހުރި ނަމަވެސް، އޭނާ ކޮށްފައި ހުރި މަސައްކަތް އަޅައިކިޔާލާފައި، އޭނާއަށް ފުރުޞަތެއް ދޭންވާނެއޭ.

 

އަޅުގަނޑުމެން ކޮށްގެން ނުވާނެކަމަކީ، ޖައްވުގައި ހަވާގައި، އަޅުގަނޑުމެންގެ ގަނޑުވަރުތައް އެޅުން. އެއީ އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވާނީވެސް، އަޅުގަނޑުމެން އުއްމީދު ކުރަންވާނީވެސް، އަޅުގަނޑުމެންނަށް ކުރެވޭ ޒާތުގެ ކަންކަމަށް. މީހަކާ ދޭތެރޭގައި، ދައުލަތް ހިންގުމުގައި ޝައުޤުވެރިވާންވާނީވެސް، އެމީހަކާ ދޭތެރޭގައި، އޭނާގެ ސިފަތަކާއި، އަދި އޭނާ ސްޓޭންޑްއަޕް ކުރަނީ ކޮންކަހަލަ ޙައްޤުތަކަކަށްތޯ، އޭނާގެ ތަޞައްވުރަކީ، ވިސްނުމަކީ ކޮބައިތޯ، އަދި މިހާތަނަށް މިތަންތަން ތަރައްޤީ ކުރުމުގައި، އޭނާ ކަންތައްތަކެއް ކޮށްދީފައި ހުރިތޯ ބަލާފައި. މިކަންކަމަށް ބަލާފައި، އާނ! މިއީ ކިހާވަރެއްގެ މީހެއްހޭ ކުރިމަތިލައިގެން މިއުޅެނީ. އެހެންވީމާ، ގައްލަންދޫ ކަނޑު ހުރަސްކުރާއިރު، އަޅުގަނޑު މިދެންނެވީ ހަމަ ފައްކާ ކައްޕިއެއް އަބަދުވެސް ބޭނުންވާނެއޭ. މިއީ ވަރަށް އުނދަގޫ ކަނޑެއް ދަތުރުކުރަން. އެހެންނަމަވެސް، މިރަށުގެ ރައްޔިތުންގެ ޝުޢޫރުތަކާ އެއްގޮތަށް، މުޙައްމަދު އިސްމާޢީލް މަސައްކަތް ކުރައްވައިފި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންކަން ޙައްލުކޮށްދެވޭތޯ އެބަ ބަލަން.

 

މިރަށުގައި ވާހަކަ ދައްކާއިރު، އަޅުގަނޑު އަބަދުވެސް ދައްކަންޖެހޭނެ، އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން ހަދަން މިއުޅޭ އައި-ހެވަން މަޝްރޫޢުގެ ވާހަކަ. އައި-ހެވަން މަޝްރޫޢުގެ ވާހަކަ އަޅުގަނޑުމެން ހަނދާންނެތީކީނޫން. އެކަމަކު އަޅުގަނޑު މުޙައްމަދު އިސްމާޢީލަށް ނަންގަތިން، އަޅުގަނޑަކަށް އާންމުކޮށް ދެއްކެން އޮތް ވާހަކައެއް ނޫނޭ މިއީ. ގަބޫލުކުރައްވާށޭ ރައީސަކު މިވާހަކަ ބުނީމާ، ރައީސް އެ ދައްކާ ވާހަކަ ގަބޫލުކުރައްވާފައި، އަޅުގަނޑަށް ފުރުޞަތު ދޭށޭ. އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގާ އުސޫލަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ބަލަންވާނެ، ވަށައިގެން އަޅުގަނޑުމެންގެ ކަންކަން ހިނގާގޮތް. ސަރަޙައްދުގައި ކަންކަން ހިނގާގޮތާއި، ބޭރުގެ ކަންކަން ހިނގާގޮތާއި، އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ސިޔާސީ އޮއިވަރުތަކާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީއާ ދެކޮޅަށް ހިންގާ އޮއިވަރުތަކާ ދޭތެރޭގައި އަޅުގަނޑުމެން ނަޒަރުކޮށްލަންވާނެ.

 

މިސާލު، މި ރަށާ ދުރުގައި އޮތް ރަށެއް، ފ. އަތޮޅު ނިލަންދުއަކީ. އެކަމަކު ނިލަންދުއަކީ އަޅުގަނޑުމެން ދުވަހަކުވެސް އުއްމީދުނުކުރާވަރުގެ، ހުވަފެނުންވެސް ނުދެކޭވަރުގެ، ބޮޑު ބިޔަ މަޝްރޫޢެއް، އަމާޒުވެފައި، އަދި މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމާފައި މިޞްރާބު ޖަހާފައި އޮތް ތަނެއް ނިލަންދުއަކީ ފ. އަތޮޅު. މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއްނިމި މުޅި ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކޮށްލާވަރުގެ ބޮޑުބިޔަ މަޝްރޫޢެއް. އެއީ ދުނިޔޭގައި ހުރި ބައެއް ޤައުމުތަކަށް ބަލާކަމަށްވަންޏާ، އޭގެ ބައެއް މިސާލުތައް އެބަހުރި، ތަރައްޤީ ކޮށްފައިހުރި މިސާލުތައް. އަޅުގަނޑު ދަންނަވާނީ ހަމަ ދުނިޔޭގެ ފެންވަރުންވެސް އެއްވަނަ، ދެވަނަ، ތިންވަނައިގައި ހިމެނޭވަރުގެ މޮޑެލްއެކޭ އެ މޮޑެލްއަކީ. ކީއްވެގެންތޯ އެ މަޝްރޫޢު ނުފެށިގެން މިއުޅެނީ؟ އެ މަޝްރޫޢު ނުފެށިގެން މިއުޅޭ ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ތިއްބެވިލެއް ގިނަކަމުން. ދިވެހިރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ތިއްބެވިލެއް ގިނަކަމުން. އެ މަޝްރޫޢު ފެށިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ދެއްކުނު ވާހަކަތަކުގެ ތެރޭގައި، ބިމުގެ މުއްސަނދިކަން ނެތް ވާހަކައާއި، ދިވެހިރާއްޖޭގައި ބިން ނެތް ވާހަކައާއި، ރާއްޖޭގައި މީހުން ދިރިއުޅޭނެ، ނޫނީވިއްޔާ އެމީހުންނަށް ގެދޮރު އަޅައިދޭނެ ބިން ނެތިގެން މިވާހަކަތައް މި ދައްކަނީ.

 

އަޅުގަނޑު މިރަށަށް އައިސް، އިހަވަންދޫގައި އައި-ހެވަންގެ ވާހަކަ، އިހަވަންދިއްޕޮޅު އަތޮޅުގައި، އައި-ހެވަންގެ ވާހަކަ ދައްކާއިރު، މިރަށުގައި މި ދައްކަނީ، ކޯޒްވޭއެއް އަޅާ ވާހަކަ. އެއީ އަޅުގަނޑުމެންގެ މަސައްކަތުން، ތިޔަބޭފުޅުންގެ މަސައްކަތުން، އުއްމީދުތަކެއް ފުރިގެންދާތީ، މާފިނޮޅުގައި އެއަރޕޯޓެއް އެޅިގެން މިދަނީ. މި އެއަރޕޯޓަކީ ކޮންމެ ގޮތެއްވީނަމަވެސް، އައި-ހެވަންގެ މަޝްރޫޢުގެ ދަށުން އެޅިގެންދާނެ އެއަރޕޯޓެއް. އައި-ހެވަންގެ މަޝްރޫޢުގެ ދަށުން ބިންތަކެއް އެބަ ހިއްކަންޖެހޭ. ސަބަބުތައް އަޅުގަނޑު ދަންނަވާލިން. އަޅުގަނޑު އާންމު ބައްދަލުވުމެއްގައި ސަބަބުތަކެއް ހާމައެއްނުކުރާނަން. އެހެންނަމަވެސް، އޭގައިވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. މިރަށުގައި ދެން މި އަޅާ އެއަރޕޯޓު، އައި-ހެވަންގެ މަޝްރޫޢާއެކީ، އަޅުގަނޑުމެންގެ އެއަރޕޯޓު އިތުރަށް ބޮޑުވެގެންދާނީ. އެކަމަކު އެ އެއަރޕޯޓް ނަގައި އެހެން ދިމާއެއްގައި އަޅާކަށްނުޖެހޭ. ބިން ނެތިގެން އުޅޭއިރު، މިރަށުގައި ހުރެ ވާހަކަ ދައްކާއިރު، މިރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދަންނަވާ ވާހަކަ.

 

ހޯރަފުށީގެ މި ފަޅު، ތިލަ ފަޅެއް މިއޮތީ. މި ގޮސް އަޅުގަނޑުމެން ހިއްކާއިރު، މި ދައްކަނީ ގާތްގަނޑަކަށް 4000 ހެކްޓަރުގެ ފަޅުގެ ވާހަކަ. ހުޅުމާލޭގައި ކުރީގައި ހިއްކާފައި އޮތް ހުޅުމާލެ، މާލޭގައި ގެދޮރުދެވޭނެ ގޮތެއް ނެތިގެން، މާލެ ފުރުނީމާ، އެ ހުޅުމާލެއާއި، އަދި އޭގެފަހުން މި ސަރުކާރުގައި ހިއްކާފައި އޮތް ހުޅުމާލޭގެ އާ ފިޔަވައްސާއެކީ، ދެ ފިޔަވަހި އެއްކޮށްލީމާ މި އަންނަނީ، 500 ހެކްޓަރު. އޭގެ 8 ގުނަ އެބައޮތް ހޯރަފުށީ ފަޅުތެރެއިން އެކަނި ލިބެން. އެހެންވީމާ، ކޮބައިތޯ ރާއްޖޭގެ ބިމުގެ މުއްސަނދިކަން ނެތިފައި؟ އަޅުގަނޑު، އަޅުގަނޑުގެ އުންމީދުތަކެއް އޮތީމައާއެކީ، ރައްޔިތުން އެ ފުރުޞަތު ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑު ހަމަ އެ އުންމީދާއެކީ މަސައްކަތް ކުރާތީ ދަންނަވާލާ ވާހަކައެއް. އަޅުގަނޑު ބެލިން، ރާއްޖޭގައި ހުރި ބޮޑެތި ފަޅުތައް. މަހާޖައްރާފާ ގެންނަމުން އަޅުގަނޑުމެން ބުނިން، މި ޖައްރާފާގެ ބޭނުން އަޅުގަނޑުމެން ހިފާނަމޭ. އަޅުގަނޑުމެންގެ ތެރޭގައި ބިމުގެ މުއްސަނދިކަން ނެތިގެން އުޅުއްވާ ބޭފުޅުންނަށް މިއަދު ފެނިވަޑައިގަންނަވާނެ، ބިން އުފެދެމުންދާ މިންވަރު. މެދުމިނުގެ އާބާދީ، ނުވަތަ މެދުމިނުގެ ބޮޑެތި ރަށްރަށް ޤުދުރަތީ ގޮތުން، ޖިއޮގްރަފީ ގޮތުން ބޮޑެތި ރަށްރަށަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން އެކި ރަށްރަށުގައާއި، އެކި ދިމަދިމައިގައި ހިއްކާފައި ހުރި ބިންތަކަށް ބަލައިފިއްޔާ، މި ސަރުކާރުގެ މި ހަތަރު އަހަރު ބައިގެ ތެރޭގައި އެކަނި، އަޅުގަނޑުމެން ރާއްޖެއަށް އުފަންކޮށްފީމު އިތުރު 20 ރަށް. އިތުރު 20 ރަށުގެ ބިން އުފަންކޮށްފީމު.

 

އެހެންވީމާ، އަޖުމަ ބަލައިލުމުގެ ގޮތުން، މިސާލަކަށް، ރައީސް ޔާމީނަށް އިތުރު ދައުރެއް ސެޕްޓެންބަރުން 23 މިއަހަރުގައި މުޙައްމަދު އިސްމާޢީލްވެސް އަދި ހޯރަފުށީގެ ގިނަ ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ލިބިގެން ހިނގައްޖެ ކަމަށްވަންޏާ މި ދާއިރާގައި އޮތް ފަޅަށް އެކަނި ބެލިނަމަވެސް މި ދައްކަނީ 4000 ހެކްޓަރުގެ ވާހަކަ. މި ދޭތެރެއިން، އަޅުގަނޑު މިހާރުވެސް ކުރަމުންގެންދާ މަސައްކަތެއް. އަޅުގަނޑު ބަލައިލިން މިހެން ހުރި ބައެއް ފަޅުތައް. އެންމެ ބޮޑު ފަޅެއްވެސްނޫން. ތ. އަތޮޅު ހިރިލަންދޫ. އަޅުގަނޑު އިންތިޚާބުގެ ތެރޭގައިވެސް ވާހަކަ ދައްކަމުން އަޅުގަނޑުމެން ބުނިން، މިއީ ބޮޑު ފަޅެކޭ، މިތަނުގައި އުއްމީދު އެބައޮތޭ. މި ފަޅުގެ ބޭނުން އަޅުގަނޑު ކުރާނަމޭ. އެ ފަޅަކީވެސް ތިލަ، ބޮޑު ފަޅެއް. އެ ފަޅުގައި އެކަނިވެސް އެބަހުރި 4000 ހެކްޓަރު. ހުޅުމާލޭގައި، އަޅުގަނޑުމެން މިހާރު ވިސްނާގޮތުން، އަޅުގަނޑުމެން އަލަށް އާބާދުކުރުމަށްޓަކައި ނޫނީވިއްޔާ، ބޯހިޔާވަހިކަމުގެ މަޝްރޫޢު މި ހިންގަނީ، ބޯހިޔާވަހިކަން، ގެދޮރުވެރިކަން ނެތް ޒުވާނުންނަށާއި، އެހެން ގިންތިތަކުގެ، ނޫނީ އެހެން ޢުމުރުފުރައިގެ މީހުންނަށް. މިހާރު ބިންގާ އަޅަމުން ހަދަމުން އެދާ ތަންތަނުގައި އެކަނި އެއްލައްކަ ވިހިހާހަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ހަމަޖެހިގެން އެބަދޭ. އެއީ، މި ފަޅުގެ ގާތްގަނޑަކަށް އަށްބައިކުޅަ އެއްބައި. އެހެންވީމާ، ކޮބައިތޯ ރާއްޖޭގައި ބިން ނެތިފައި. ރާއްޖޭގައި ބިން އެބަހުރި. ރާއްޖޭގައި ވަސީލަތް އެބަހުރި. ލޯނު ނަގައިގެން ރާއްޖެއަށް ކަންތައް ކުރެވޭ. ރާއްޖޭގެ އެތަން މިތަނުގައި އެއަރޕޯޓުތައް އެބަ ހެދޭ. އެތަންމިތަނުގައި އެއަރޕޯޓު ހެދިގެންދާއިރު، އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުގެ ވިސްނުމަކީ، ހއ. އާއި ހދ. ގައި އެކަނި، މިއަދު އަޅުގަނޑު އިޢުލާނުކުރިގޮތަށް ތިންހާސް އެނދު، އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން އުފައްދާނަމޭ.  

 

ހޯރަފުށްޓަކީ މަސްވެރިވެސް ރަށެއް. އެހެންނަމަވެސް، އެއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ހަމަ މަސްވެރިންނަށްވެސް އޮތް ރަނުގެ ފުރުޞަތެކޭ މިއީ. މަސްވެރިން ބާނާ މަސް އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ބޭނުންތަކަށް ވިއްކުމުގެ އިތުރަށް، މިތަނުގައި ޓޫރިޒަމްގެ ބާޒާރެއް އުފެދިގެން ދިޔައިމާ، ނޫނީވިއްޔާ ތިންހާސް އެނދު އުފެދިގެން ދިޔައިމާ، އޭގެ ސީދާ މަންފާ، ސީދާ ނަފާ މި އަންނަނީ މި ސަރަޙައްދުގެ ޒުވާނުންނަށް. ހަމައެއާއެކީ، މިތާ އުފެދިގެންދާ އެކިއެކި އެހެން ކަހަލަ މަސައްކަތްތަކަށް. ނޮޅިވަރަމުގައި އަޅުގަނޑު ދެންނެވިން، ނޮޅިވަރަމަކީ ދަނޑުވެރިކަމުގެ ރަށަކަށްވާތީ، ނޮޅިވަރަމުގެ ދަނޑުވެރިކަމަށް ބޮޑު އިންޤިލާބެއް އެކަމުގެ ސަބަބުން އަންނާނެ. ހޯރަފުށި، އިހަވަންދޫ މަސްވެރިކަމަށް ޝައްކެއްވެސްނެތްގޮތުގައި، އިންޤިލާބެއް އަންނާނެ.

 

އެހެންވީމާ، މުޞްތަޤްބަލާއި އުއްމީދާއި، އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އެކަހަލަ މެސެޖްތަކެއް އަޅުގަނޑުމެން ދޭންވީ ރައްޔިތުންނަށް. އެ މެސެޖުތައް ﷲ ގެ ރަޙްމަތުން، އެ މެސެޖުތައް އަޅުގަނޑުމެންގެ ސަރުކާރުން، އަޅުގަނޑުމެންގެ މީހުން އެ މެސެޖުތައް ދިނީމާ، އެ މެސެޖުތައް ގަބޫލުކުރާ ރައްޔިތުން މިއަދު ދިވެހިރާއްޖޭގައި ގިނައީ. އެއީ، މި ސަރުކާރުގެ، މި ޒަޢާމަތުގެ މި ހިނގައިދާ ހަތަރު އަހަރާއި ބައިގެ ތެރޭގައި އޭގެ ގިނަ ކަންތައްތައް ރާއްޖޭގެ ހުރިހާ ދިމާއެއްގައި އިރާދަކުރެއްވިއްޔާ އެދަނީ ފުދެމުން. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކަށް ބަލާކަމަށްވަންޏާ، ޠާރިޤް، ތަންތަނުގެ ތަފާސް ހިސާބު ވިދާޅުވަމުން ވިދާޅުވާނެ. އަދި އެއީ މި ރަށުގައި މިއޮތް 600 މީޓަރު ނުލާ. އެއްތިރީސްހާސް މީޓަރު ދޮގެއްތޯ. އެއްތިރީސްހާސް މީޓަރު، ނޫނީވިއްޔާ އެއްތިރީސް ކިލޯ މީޓަރުގެ ތޮށިލައި ނިމިއްޖެ. ދިވެހިރާއްޖޭގެ އެތަން މިތަނުގައި. އެއީ ވަރަށް ބޮޑު ޢަދަދެއް. އެއީ ކުރީގެ ސަރުކާރުތަކުން ލާފައި ހުރި ތޮށިކަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އޭރު ވިދާޅުވީ، ހަތަރު ގުނަ އިތުރު ޢަދަދެއް ކަމަށް. ކުރީގައި 7 ކިލޯ މީޓަރު، މިހާރު 31 ކިލޯ މީޓަރު. އެހެންވީމާ، އެއީ ހަތަރު ގުނަ. އެހެންވީމާ، ހަތަރު ސަތޭކަ ބޮޑު އަދަދެއް މިހާރު މި ލައި ނިމުނީ. އެހެންވީމާ، އަދިވެސް އޮތީ މިކަން ކުރިއަށް. އަދިވެސް މިކަން އޮތީ ކުރިއަށް. އަޅުގަނޑުމެންގެ ރަށްރަށުގެ ޠަބީޢަތަކީ، ޙަޤީޤަތުގައިވެސް ގިރާ ސަރަޙައްދު ހުންނާނެ. އަބަދުވެސް މިކަން އަޅުގަނޑުމެން ކުރަންޖެހޭނެ. އެކަމަކު މި ރަށުގެ ރައްޔިތުން އަޅުގަނޑު ކައިރީ މިއަދު ވިދާޅުވެދެއްވާ، ތިޔަބޭފުޅުންގެ ގިރާ ސަރަޙައްދު ހިމާޔަތްކުރަން އަޅުގަނޑު މި ފައިސާ ހޯދީ ލޯނު ނަގައިގެންތޯ، ތިޔަބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާނަންތޯ؟ ނުކުރާނެ ނޫންތޯ މި ސުވާލެއް. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންގެ އިދިކޮޅު ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ކައިރީ ވިދާޅުވަނީ، މި ސަރުކާރުން މިކުރާ ކަންތައް މި ކުރަނީ، ލޯނު ނަގައިގެންނޭ. ލޯނު ނަގައިގެން ކަންތައް ކުރާނީ. ލޯނު ނަގައިގެން ކަންތައް ކޮށްފައި، ލޯނު އަދާކޮށްފައި، އަދިވެސް މި ރަށުގައި ދެން އަޅަން އޮތީ މަގުތަކުގައި ތާރު ކަމަށްވަންޏާ، އެކަންވެސް ކުރާނީ ލޯނު ނަގައިގެން ނޫންތޯ.

 

އެހެންވީމާ، އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތައް ބައިވަރު. އަޅުގަނޑުމެން މިއަދު ދިވެހިން، އިރާދަކުރެއްވިއްޔާ، އުފާވެރި އުއްމީދީ ހުވަފެންތަކެއް އެބަދެކޭ. ކުރީގައި އަޅުގަނޑުމެން ދެކޭ ހުވަފެން ޙަޤީޤަތަކަށް ނުހެދިގެން އަޅުގަނޑުމެން މިއުޅެނީ. އެކަމަކު މިއަދު އަޅުގަނޑުމެން ހުވަފެނުން ދެކެން ބޭނުންވާ އެއްޗެއް ހިތުގައި އަޅުވައިގެން، ހިތުގައި ބާއްވައިގެން އަޅުގަނޑުމެން ނިދީމާ، އެ ހުވަފެން ފެނޭ. އެ ހުވަފެން ފެނުނީމާ، ޔާގޫތެއްފަދަ މެންބަރުން އަޅުގަނޑު ގާތު ވިދާޅުވާނެ، ހޯރަފުށީގައި އެބައޮތޭ ހުވަފެނެއް. މި ހުވަފެން ފުއްދައިދޭށޭ. ހަމަ އަޅުގަނޑު އާނއެކޭ ކިޔާފައި، އެ ހުވަފެން ފުއްދައިދެނީ. އެހެންވީމާ، ރައްޔިތުންނާއި އަޅުގަނޑާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ރައްޔިތުން ގެންދަވާ ހުވަފެން ދެކެމުން. އަޅުގަނޑު ކައިރީ ވިދާޅުވޭ ޙަޤީޤަތަކަށް ހަދައިދޭށޭ. އެހެންވީމާ، ކޮބައިތޯ މިއަށްވުރެ ރަނގަޅު ޕާޓްނަރޝިޕެއް ނެތެއްނޫންތޯ. ތިޔަބޭފުޅުން ހުވަފެން ދެކެންވީ. އެ ހުވަފެނުގެ ތެރޭގައި، ރަށްރަށަށް ބޭނުންވާ ކަންތައްތައް، ތަރައްޤީއަށް ބޭނުންވާ ކަންތައްތައް އަޅުގަނޑު ކައިރީ ވިދާޅުވޭ. އިރާދަކުރެއްވިއްޔާ، އެ ކަންތައްތައް މިހާރު އެހެރީ ކުރެވިފައި. ގިނަ ކަންތައްތައް ފުދި ނިމިއްޖެ.

 

އެހެންވީމާ، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންޖެހެނީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ހިނގާ ބައެއް މަޝްރޫޢުތަކަކީ ހަމަ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރާ މަޝްރޫޢުތަކެއް. އަޅުގަނޑުމެން މި އަޅަމުންގެންދާ ބްރިޖަށް އެކަނި ބަލައިލައިފި ކަމަށްވަންޏާވެސް، އެހާ ވަރުގަދަ ކަނޑެއްގައި، އެހާ ފުންމިނުގައި ތަނބު ޖަހައިގެން މި އަޅާ ބްރިޖެއް، ދުނިޔޭގެ އެހެންތަނަކު ނެތް. އެކަމަކު ﷲ ގެ ރަޙްމަތުން އެ ބްރިޖުވެސް އެއޮތީ އަޅާ ނިމިފައި. އެ ބްރިޖުވެސް އަޅައި ނިމިފައި އެއޮތީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހުގެ ތެރޭގައި، ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި، އެ ބްރިޖް ހުޅުވައިގެން، ހަމަ މިރަށުގެ ޒުވާނުންވެސް، ހަމަ ސަޅިކަމާއެކީ ސައިކަލުގައި ކޮފީ ބޯލަން ހުޅުމާލެއަށްވެސް ދަތުރުކުރާނެ. އެހެންވީމާ، މިއީ ދޮގެއްތޯ އަޅުގަނޑުމެން ކުރަން ބޭނުންވާ އުއްމީދަކީ. އެހެންވީމާ، މިކަހަލަ އުއްމީދުތަކާއި ހުވަފެންތައް ދެކޭއިރު، އެ އުއްމީދުތައް ފުއްދައިދެވޭވަރުގެ ރައީސަކަށް އިތުބާރު ނުކުރެވެންވީ ސަބަބެއް ނެތެއްނޫންތޯ.

 

ދެން، މި ރަށުގެ ތަފާސް ހިސާބަކަށް އަޅުގަނޑު ދާކަށްނެތިން. މުޙައްމަދު އިސްމާޢީލް ވަރަށް ގިނަ މަޝްރޫޢުތަކުގެ ވާހަކަ އެ ވިދާޅުވީ. ޝައްކެއްވެސްނެތްގޮތުގައި، އެތައް މަޝްރޫޢުތަކެއް ނިމި، އިތުރަށް ހުރި މަޝްރޫޢުތައް ކުރިއަށް އެދަނީ. އަޅުގަނޑުވެސް ތަފާސް ހިސާބުތަކުގެ ވާހަކަ ދައްކާކަށްނެތިން. މުޙައްމަދު އިސްމާޢީލް ތަފާސް ހިސާބުތަކުގެ ވާހަކަވެސް ދައްކައިފި. އެކަމަކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދިޔަ 5 އަހަރުގެ ތެރޭގައި މިރަށަށް ކުރެވިފައިހުރި ހޭދައިގެ ގާތްގަނޑަކަށް 250 ޕަސެންޓް އިތުރު ހޭދަ، މި ހަތަރު އަހަރާއި ބައިގެ ތެރޭގައި އަޅުގަނޑު ކޮށްފިން. ގާތްގަނޑަކަށް ހަމަ ތިންގުނަ، 250 ޕަސެންޓް. ދެގުނަ ބައި ހޭދަ މިއޮތީ މި ރަށަށް ކުރެވިފައި. އެކަމަކު މިރަށުގެ އާބާދީއަށް ބަލާކަމަށްވަންޏާ، ތިންހާހާ ހަމައަށް ކައިރިވާން މިއުޅެނީ. މިރަށުގެ ވަރަށް ގިނަ މީހުން އުޅެނީ މާލޭގައި. އެހެންވީމާ، އެންމެ ރަނގަޅު، ތިންހާސް ޕްލަސް އާބާދީއަކަށް މިކަން ވެގެންދާއިރު، މި ހުރިހާ ކަމެއް މިވަނީ، ތަރައްޤީގެ ރޫޙު ހުރެފައި، ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން އޮވެފައި، ހަމަ މި ރައީސަށް އިތުބާރު ކުރާތީ.

 

އޭރުވެސް އައިސް އަޅުގަނޑު ބުނަމުން ގެންދިޔައީމު، އެކި ކަންކަމުގައި އަޅުގަނޑަށް ފުރުޞަތު ދެއްވާށޭ. އަޅުގަނޑު އިމްތިޙާނު ކޮށްލައްވާށޭ. އިމްތިޙާނު ކުރީމާ، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ނަތީޖާތަކެއް ފެންނާނެ. އަޅުގަނޑުމެން މިދަނީ އެކި މީހުން އިމްތިޙާނު ކުރަމުން. އަޅުގަނޑުމެން އެކި މީހުން އިމްތިޙާނު ކުރަމުން، އެހެން ގޮސްފައި، އެ ގަހުކޭލާއި މި ގަހުކޭލާ އެއްވެ، އިޚުލާޞްތެރިކަމާއި، އިޚުލާޞްތެރިނޫންކަމާ، މިކަހަލަ އެތައް ވާހަކަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ފެނިގެން ގޮސްފި. ޓީ.ވީ އިންޓަވިއުތަކާ އެއްޗެތި ފެނިގެން ގޮސްފި. މިހާރު އެހެރީ ހުރިހާ އެއްޗެއް މަސްހުނިވެފައި. އެކަމަކު ފިކުރެއްގެ ގޮތުން ތަޣައްޔަރުނުވެ އޮތް ފިކުރަކީ އަޅުގަނޑު ދަންނަވާނީ، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ފިކުރޭ. ފިކުރެއްގެ ގޮތުން، އެއްވެސް ކަހަލަ ތަޣައްޔަރުކަމެއްނައިސް މިއޮތް ފިކުރަކީ އަޅުގަނޑުމެންގެ ފިކުރު. އަޅުގަނޑުމެންނާއެކީ މަސައްކަތްކުރަން އަތުކުރި އޮޅާލައިގެން އައި މީސްމީހުންގެ ތެރޭގައި އެމް.ޑީ.އޭ.އަކީ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެވޭކަހަލަ އިޚުލާޞްތެރި ޕާޓީއެއް. އެ ޕާޓީ އިޚުލާޞްތެރިކަމާއެކީ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް އެބަ ކުރައްވާ. އަދި އެ ޕާޓީގެ އެއްވެސް މެންބަރަކު ޕާޓީ ދޫކޮށްލައްވާފައި މަޖިލިސް ތެރެއަކުން އެހެން ގޮޅިއެއް އެބޭފުޅުން އިޚްތިޔާރެއް ނުކުރައްވާ. އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމަކީ، ރައްޔިތުން އެވަރުގެ ތާއީދެއް ދީފައި، ރައްޔިތުންގެ އެވަރުގެ ކަށަވަރުކަމާއެކީ، ރައްޔިތުން ހޮވައިދިނީމާ، ރައްޔިތުންގެ ވިންދާއި އިޙުސާސާއި، ރައްޔިތުން އެކުރި އިތުބާރަށް އެއްވެސްކަހަލަ ބަލައިލުމެއްނެތި، ރައްޔިތުން ކުރެން އަހާލުމެއްނެތި، އެމީހުންގެ ސިޔާސީ ފިކުރު ބަދަލުވެގެންދާ ދިޔުމަކީ، އަޅުގަނޑުމެން ހިތާމަކުރާކަމެއް. އެކަމަކު، ދެން އޭގައިވެސް އަޅުގަނޑު ދަންނަވާލާނީ، ހިތާމަ އަޅުގަނޑުމެން ކުރާއިރު، އަޅުގަނޑަކަށް ނެތް، އާންމު ރައްޔިތުން، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވެވޭ ވާހަކަ ދެއްކޭކަށް. އެއަށްވުރެ މާ ވަރުގަދަ، އެއަށްވުރެ މާ ތަޖުރިބާކާރު ސިޔާސީ ބޭފުޅުންވެސް ޕާޓީ ދޫކޮށްލެއްވުމަކީ، ހަމަ ފެންފޮދެއް ބޯލާފައި ނޭވާއެއްލުން، ވައެއްލުން ކަހަލަ ކަމެއްގެ ގޮތުގައި މިހާރު ފެނިގެން މިދަނީ. އެކަމަކު ރައްޔިތުން، މި ބޭބޭފުޅުންގެ އިޚުލާޞްތެރިކަން ވަޒަންކުރާނެ. އިމްތިޙާނު ކުރާނެ. އިމްތިޙާނުތައް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ.

 

އެހެންވީމާ، މިފަހަރުވެސް ވިސްނައިވަޑައިގަންނަވަން އޮތް ކަމަކީ، ދާދި އަވަހަށް މިއޮތީ އިންތިޚާބެއް އައިސް ޖެހިފައި، ކުރިމަތިވެފައި. އެ އިންތިޚާބުގައި އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައި ދިވެހިރާއްޖެއަށް ބޭނުންވެފައި ހުރީ ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ޚިޔާލުކުރުން. ދިވެހިރާއްޖެއަށް ބޭނުންވެފައި ހުރީ އެކި ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަމަށްވަންޏާ، އެކި ރަށްރަށަށް ބޭނުންވާ ތަރައްޤީގެ ވާހަކަ މިއަދުވެސް ދައްކަނީ. އިއްޔެވެސް ދެއްކީ. އަދިވެސް ދައްކާނީ ހަމަ ރައީސް ޔާމީން. އެކަމަކު، ދިވެހިރާއްޖެއަށް ބޭނުންވެފައިހުރި ކަންކަން އޮޅުވާލައިގެން އެހެން ވާހަކަތައް ދައްކާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެންނަކީ އޮޅުވާލައިގެން، ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންނަށް ދޮގުހަދައިގެން ވާހަކަ ދައްކާނެ ބައެއްނޫން.

 

ދެން ދައްކާނެ ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑަށް އަމާޒުވާ ކަންތައްތަކުގެ ތެރޭގައި، ބައެއް ވާހަކަތައް އަޅުގަނޑު ދަންނަވާލާނަން. ހޯރަފުށްޓަކީ ފޯރިގަދަ ރަށަކަށްވާތީ، އަދި ހަމަ އެހެންމެ، ހޯރަފުށީގައި އަޅުގަނޑު މި ދައްކާ ވާހަކައަކީ، ހަމަ ހުރިހާ ރައްޔިތުންވެސް އަޑުއައްސަވާނެ ވާހަކަތަކަކަށްވާތީ، އަޅުގަނޑު ހަމަ އެއް ވާހަކަ ދަންނަވާލާފައި ކުރިއަށް ދާނަން. އަޅުގަނޑަށް ނޮޅިވަރަމުން އައި އިލްތިމާސެއް. ހޯރަފުށީގައި އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، މިހުރީ ދެބުރީގެ ފުލުހުންގެ ޢިމާރާތެއް ހަދާފައި. ފުލުހުން ބޭންޑް އެބަކުރޭ. ނޮޅިވަރަމުން އަޅުގަނޑަށް އައި ރިކްއެސްޓަކީ، އޭރު އަޅުގަނޑަށް ޖަވާބު ނުދެވުނީ. އެކަމަކު، އަޅުގަނޑު އުއްމީދުކުރަން، ނޮޅިވަރަމުގެ ރައްޔިތުން އަޑުއައްސަވަން ތިއްބަވާނެ ކަމަށް. ފުލުހުން މަސައްކަތްކުރާނެ ޢިމާރާތެއް އެވަނީ ކައުންސިލުގެ ފަރާތުން ދެއްވާފައި. ދެންމެ އަޅުގަނޑު ޚަބަރު ބަލައިލާފައި، އަޅުގަނޑު ނޮޅިވަރަމުގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، ހަމަ ދާދި އަވަހަށް އެ ފުލުސް ސްޓޭޝަން، ހަމަ ހިނގަން ފަށާނެއޭ. ނޮޅިވަރަމުގެ ވެށި ބަލަހައްޓަން ބޭނުންވާ ފުލުހުން، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ގޮސް ހަރަކާތްތެރިވާން ފަށާނެ.

 

އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑަށް އަމާޒުވާ ބައެއް ކަންތައްތައް. 2008 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެން މިއައީ އުއްމީދުތަކެއް ކުރަމުން. މީހުންގެ ވިސްނުންތަކެއް ބަދަލުވަމުން. އަދި ކުރީގައި ކުރެވިފައި ހުރި ކަންތައްތައް، އެނޫންގޮތަކަށް ކުރެވޭނެކަމަށް ޒުވާން ޖީލެއް އައުމާއެކީ އުއްމީދުތަކެއް ކުރަމުން. އެ ޒުވާން ޖީލަކީ އިންޓަރނެޓުގެ ވަސީލަތްތަކާއި، އިންޓަރނެޓުގެ ޒަރީޢާއިން މުޅި ދުނިޔެއާ ގުޅިފައި ތިބި ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ޚިޔާލަކީ އާރޯތާނަ ޚިޔާލު. ޒުވާނުންގެ ޚިޔާލަކީ ފޯރިއާއި ޖޯޝް ހުންނަ ޚިޔާލު. ޒުވާނުންނަކީ ކޮންމެ ކަމެއް އޮންނަ ގޮތަށް އޮތުން، އެ އޮތުން އޮންނަ ގޮތުގައި ދެމިއޮންނާކަށް ބޭނުންވާނެ ބައެއްނޫން. ޒުވާނުންނަކީ ހާލަތު ބަދަލުކުރަން ނުކުންނަ ބައެއް. އެ ހާލަތު ބަދަލުކުރުމަށް އެ މީހުންނަށް ހިތްވަރުދީ، އެކަންކަން ކުރާކަމަށްވަންޏާ، ޒުވާނުންނަކީ އެންމެ ފޯރީގައި ކަންކަމުގައި ކުރިއަށް ނުކުމެ އުޅޭ މީހުން.

 

މި ރަށުގައިވެސް އަޅުގަނޑު ހަމަ ކައުސިލަރުންނަށް، އަޅުގަނޑުމެންނާ އިދިކޮޅުގެ ފިކުރުގައި ތިއްބެވި ކައުސިލަރުންނަށްވެސް އަޅުގަނޑު ހަމަ ޝުކުރު މި ދަންނަވަނީ، ރަށަށް އަންނަ ތަރައްޤީއާ ގުޅިގެން ހިނގާ ކަންކަމުގައި ތިޔަބޭފުޅުން ތިޔަ އެއްބާރުލައްވަނީ. ތިއީ އަސްލުގައި މިސާލު ދައްކަންޖެހޭ ގޮތަކީ. އެކަމަކު، އެހެން ބައެއް ރަށްރަށުގައި އަޅުގަނޑުމެންގެ ޕާޓީ ނޫން އެހެން ފިކުރެއްގެ މެޖޯރިޓީ، ކައުންސިލުގައި އޮވެއްޖެ ކަމަށްވަންޏާ، ފުޓްސެލް ދަނޑެއް އަޅަން ބިން ކަނޑާލަދޭށޭ ބުނީމާ، ފުޓްސެލް ދަނޑު އަޅަން ބިން ކަނޑާލަނުދީ އެތަކެއް މަހެއް ހޭދަވެގެން އެބަދޭ. ކޮން ބަޔަކަށްތޯ މީގައި ގެއްލުން މިވަނީ؟ މީގައި ގެއްލުންވަނީ ހަމަ އެ ރަށްރަށުގެ ރައްޔިތުންނަށް. މިއިން ކޮންމެ ރަށެށްގައި ބޭނުންވާ އެތައް ކަމެއް އެބަހުރި. މިކަންކަން އެބަ ފުދެންޖެހޭ.

 

ދެން އަޅުގަނޑު ސިޔާސީ ވާހަކައަށް އެނބުރިލާނަން. ސިޔާސީ ވާހަކައަށް އެނބުރިލާއިރު، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނާ ދޭތެރޭގައި މި ދެކެވޭ ވާހަކަތަކުގެ ތެރޭގައި، ޑިމޮކްރަސީއާއި، ޑިމޮކްރަސީ ނެތް ވާހަކަ މިހިރީ. ޝައްކެއްވެސްނެތް، 2018 އާ ހަމައަށް މިޞްރާބު ޖަހަމުން އައީ، ޒުވާނުންގެ ވިސްނުންތަކަކާއި، އަދި އޭރުއޮތް ސިޔާސީ އޮއިވަރު ބަދަލުކުރުން، ހާލަތު ބަދަލުކުރުމުގެ ވާހަކަތަކެއް ދައްކަމުން އައީ. އޭރުއޮތް ޑިމޮކްރަސީގެ ވާހަކަ ދައްކަމުން އައީ. ޑިމޮކްރަސީގެ ތެރޭގައި އަޅުގަނޑުމެން އަޑުއަހަމުން ގެންދިޔައީ ވަރަށް ރަނގަޅު ވާހަކަތަކެއް. އޭގައި އައި ވާހަކަތަކުގެ ތެރޭގައި މި އަންނަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މުއައްސަސާތައް މިނިވަންކުރުމާއި، ހުރިހާ މުއައްސަސާތަކަކީ ސަރުކާރު ހިންގަން ހުންނަ މީހެއްގެ ނުފޫޒުން ބޭރުގައި ހުންނަ މުއައްސަސާތަކަކަށް ހެދުން. ޢަދުލުއިންސާފުގެ ދާއިރާއަކީ މުޅިން މިނިވަން މުޞްތަޤިއްލު މުއައްސަސާގެ ބަޔަކަށް ހެދުން. އަދި ޢަދުލުއިންސާފު ދާއިރާއަށް ހިންގާނެ މީހުން ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް އޮވެގެން ނޫނީވިއްޔާ ނުކުރެވޭ ކަންތައްތަކެއްގެ ގޮތުގައި ނިމުނީ. ހިސާބު ކިތާބު ބަލަހައްޓާ، އެ ކަންކަން ކުރާނެ އޮޑިޓަރ ޖެނެރަލެއް އަޅުގަނޑުމެން ކަނޑައެޅީމު. ޤާނޫނުއަސާސީގައި، މި ދެންނެވި ކަހަލަ ވަރަށްގިނަ ކަންތައްތައް އެހެރީ ކޮށްފައި. އަދި ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އޭ.ސީ.ސީ.ވެސް އުފައްދައިފީމު. މިއީ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ކަނޑައަޅައިދީފައި ހުރި ކަންތައްތަކުގެ ތެރޭގައި ހުރި ކަންކަން. އެކަމަކު މީގައިވެސް އަސާސީ ޙައްޤުތަކެއް އެބަވޭ. މީގައިވެސް ހިމެނޭ ޙައްޤުތަކެއް އެބަ ހުރޭ.

 

އެހެންވީމާ، ޑިމޮކްރަސީގެ މަގުން ހިނގަމުން އައިއިރު، ޝައްކެއްވެސްނެތްގޮތުގައި، 2008ން ފެށިގެން މިއައި ދުވަސްތަކަކީ، އަޅުގަނޑުމެން ޑިމޮކްރަސީގައި ކުރިތަކެއް ހޯދި އަހަރުތަކެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުނު. އަދި އެއްވެއުޅުމުގެ މިނިވަންކަން ލިބުނު. ވަރަށް ގިނަ ކަންތައްތައް ލިބުނު. އަދި ޤާނޫނުއަސާސީ އޭރު އިޞްލާޙު ކުރިގޮތަށް މި ދެންނެވި ކަހަލަ މުއައްސަސާތައް މިނިވަންވެގެންދިޔަ. މި ދެންނެވި ކަހަލަ މުއައްސަސާތައް، ވެރިކަމުގައި ހުންނަ ރައީސެއްގެ އަތްދޮށުން މިނިވަންވެގެންދިޔަ. އޭގައި ރަނގަޅުތަކެއް އެބަހުރި، ޝައްކެއްވެސްނެތް. އެކަމުގައި އޭރު އުޅުއްވި ބޭފުޅުންނަށް ކްރެޑިޓް ދޭއިރު، އަޅުގަނޑުމެން ދަންނަންވާނެ، ހަމަ އެ މަސައްކަތް އެގޮތުގައި ރައްޔިތުން އެ ބޭފުޅުންނާ ހަވާލުކުރިގޮތުގައި އެ މަސައްކަތް މިއަދުވެސް ކުރައްވަން އެބަޖެހޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިފެހެއްޓިގެން މިއުޅޭ ޚިޔާލާ ދޭތެރޭގައި ވިސްނައިލައްވާ. ހޯރަފުށީގެ ރައްޔިތުންނަކީ ހޭލުންތެރި ރައްޔިތަކަށްވާތީއާއެކީ، އަދި އެހެންމެ، އަޅުގަނޑުގެ މި ވާހަކަ އިދިކޮޅު ބޭފުޅުންވެސް އަޑުއައްސަވާނެތީ، އަޅުގަނޑު މިއީ ހަމަ ދަންނަވާލާ ވާހަކައެއް. އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީ ގެނައީ، ޑިމޮކްރަސީގެ ރީތި މިސާލުތަކާއެކީ، އަޅުގަނޑުމެން ބޭނުންވީ އިސްލާމީ ޑިމޮކްރަސީ މިތާ އޮންނަން. އިސްލާމީ ވެށްޓާ ގުޅޭ، އަޅުގަނޑުމެންގެ ފިކުރާ ގުޅޭ ޑިމޮކްރަސީއެއް. ކޮންމެ ޤައުމަކަށްވެސް އެންމެ ފިޓް ޑިމޮކްރަސީއަކީ އެއީ. ޑިމޮކްރަސީއަކީ އަޅުގަނޑުމެން ގެންގުޅޭ ނިޒާމުގެ ފޭރާން ކަމަށްވަންޏާ، އަޅުގަނޑާއި މުޙައްމަދާ އެއް ސައިޒުގެ ކޯޓެއް ނުލާނަމު. އަޅުގަނޑުގެ ކޯޓު ފަހާނީ އަޅުގަނޑުގެ މިނަށް. މުޙައްމަދަކަށް އަޅުގަނޑުގެ ކޯޓެއް ނުލެވޭނެ.

 

އެހެންވީމާ، ކޮންމެ ޤައުމެއްގެ ޑިމޮކްރަސީއަކީ، އެ ޤައުމެއްގެ ހާލަތާއި، އެ ޤައުމެއްގެ މަޞްލަޙަތު ނިޔާކުރާގޮތުން ޖަހާ އިންތަކެއްގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާ ނިޒާމެއް އެއީ. ވެރިކަން ކުރުމުގެ ނިޒާމު އެއީ. އެ ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން ހުއްދަ ނުދޭ ކަންކަން ހުންނާނެ. އަޅުގަނޑުމެން ހުއްދަ ނުދޭ ކަންކަމަކީ މައިގަނޑު ގޮތެއްގައި އިސްލާމީ އުސޫލުތަކާ ޚިލާފުވާ، ތަޢާރުޒުވާ ބޮޑެތި ކަންކަން. އޭގެ ބަހާގެ ތެރޭގައި ޑިމޮކްރަސީގެ ނަމުގައި ތަންފީޒުކުރަން އުޅޭތީ، އެއަށް ހުއްދަ ނުދެވެނީ. އޭގެތެރޭގައި، ހައްދެއްނެތްގޮތުގައި، އަސާސެއްނެތްގޮތުގައި، މުޅި ރައްޔިތުންގެ ޙައްޤު ގެއްލޭފަދަ ކަންތައްތައް ކުރުން މިއީކީ ޑިމޮކްރަސީއެއް ނޫން. ރައްޔިތުންގެ ތެރޭގައި މަޞްލަޙަތު ނަގާލައި، ރައްޔިތުންގެ ތެރޭގައި މީހަކާ ދޭތެރޭގައި އެ މީހަކީ ނުރައްކާތެރި މީހަކަށް ދައްކައިގެން ކޮންމެ ފަދަ ކަމެއް ކުރުމަކީ ހުއްދަކަމެއް ނޫން. އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައި، އަޅުގަނޑު ނަގާނަން ޖަރުމަނުގެ މިސާލު. އޭގައި ދީނީ ކަންކަމުގައި މީހުންގެ ޚިޔާލު، އެމީހުން ގަބޫލުކުރާ ދީނަކާއި، އެއާ ޚިލާފަށް، ނޫނީ ރައްޔިތުންގެ ތެރޭގައި ޚިޔާލު ފާޅުކުރަމުންގޮސް ރައްޔިތުންނަށް ބިރުވެރިކަން އުފައްދާ ކަހަލަ ވެބްސައިޓްތައް ހޯސްޓުކުރާ ފަރާތްތައް އެބަކުރޭ ބޮޑެތި އަދަދުން ޖޫރިމަނާ. ޖަރުމަނަށް ބަލައިލައިފި ކަމަށްވަންޏާ، 50 މިލިއަން ޔޫރޯއިން އެބަ ޖޫރިމަނާ ކުރޭ، މިކަހަލަ ސައިޓުތައް ހޯސްޓުކުރާ ފަރާތްތައް. އެއީ، ލާމަސީލު ޑިމޮކްރަސީގެ ކަންތައް އޮތްގޮތް. އެއްވެސް މީހަކު ހުދޫދެއްނެތި ނުހިނގާނެ. އެއީ، ކޮންމެ މީހަކަށްވެސް ޑިމޮކްރަސީގެ ދަށުން ޙައްޤެއް އޮންނާތީ. އެހެންވީމާ، މި ޙައްޤުތައްކަށް އިޙްތިރާމު ކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

 

އަޅުގަނޑުމެންގެ އަމްނަށް ގެއްލުންވާވަރަށް، އަޅުގަނޑުމެންގެ ޤައުމީ ސަލާމަތަށް ނުރައްކާތެރިވާ ވާހަކަ އަޅުގަނޑުމެން ނުދައްކާނަން. އެއީކީ، ރާއްޖޭގެ ޙައްޤުގައި އެއްވެސް ފަރުދަކަށް އޮތް ޙައްޤެއް ނޫން، އެ ޙައްޤަށް އަރައިގަތުން އެއީ. އެހެންވީމާ، ރާއްޖެއިން ބޭރުގެ ސިފައިން ގެންނަ ވާހަކަ، އަޅުގަނޑުމެން ނުދައްކާނަން. އަދި އަމުދުން، ދައުލަތް ގޮވައިގެން ރައްޔިތުންނަށް މިސާލު ދައްކައިގެން ހިނގަން ތިބޭ މީހުން އެ ވާހަކަ ދައްކައިގެން ނުވާނެ. އެކަންކަން އަޅުގަނޑުމެން ކުށްވެރިކުރީމާ، އެއީކީ ޑިމޮކްރަސީއާ ޚިލާފަށް އަޅުގަނޑުމެން ކުރާ ކަމެއްނޫން. އެއީ، މުޅި ޤައުމުގެ މަޞްލަޙަތަކީ ޑިމޮކްރަސީގެ ކުރިއަށް އިސްކުރާ އެއްޗަކަށްވާތީ. އަސާސެއް ނެތްގޮތުގައި މީހުންގެ އަބުރު ކަތިލާކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނެ. އެއީ، އިސްލާމްދީން ހުއްދަވެސް ކުރާކަމެއް ނޫން. އެކަމަކު ޙަޤީޤަތަށް ބިނާކޮށް ވާހަކަ ދައްކާ. މުއައްސަސާތަކުން ކުރާ ކަންތައްތަކުގައި އެކުރާ ކަންތައްތަކުގެ ސަބްސްޓެންސަށް ފާޑުކިޔާ. އެކަމަކު، އަސާސެއްނެތި ފަނޑިޔާރެއްގެ އަބުރު ނަގާލުން. ސްކޫލް ޕްރިންސިޕަލެއްގެ އަބުރު ނަގާލުން. ސްކޫލް ޓީޗަރެއްގެ އަބުރު ނަގާލުން. މި ރަށުގައި ހުންނަނީ، އިސްލާމް ޓީޗަރުގެ އެންމެ ޓީޗަރެއް ކަމަށްވަންޏާ ވިސްނާވަޑައިގަންނަވާ، އަސާސެއް ނެތްގޮތަށް އޭނާގެ އަބުރު ނަގާލައިފިއްޔާ ވާނެގޮތް. އޭނާއެއް ނޫޅޭނެ، މުޖުތަމަޢުގެ ތެރެއަށް ނުކުމެއެއް. އެ ހިސާބުން އިސްލާމް މުދައްރިސް ގެއްލުނީ. އެހެންވީމާ، މިއީ ކޮންމެ މީހަކު ކުރަންއޮތް ދަތުރެއް. މިއީ ކޮންމެ މީހަކު ނަގަންޖެހޭ ފިލާވަޅެއް. ކޮންމެ މީހަކަށް އަމާޒުވާނެ ތީރެއް މިއީ.

 

އެހެންވީމާ، އެކަހަލަ މަޞްލަޙަތުތަކެއް ހިފަހައްޓަން މިޖެހެނީ، މިހެން ހުންނަ ފަރުދީ ވަކިވަކި މަޞްލަޙަތަށްވުރެ، މުޅި މުޖުތަމަޢުގެ މަޞްލަޙަތު އިސްކަންދޭންޖެހޭތީ. ކީއްވެގެންތޯ މުޅި ދައުލަތުގެ، މުޅި ދައުލަތުގެ ކަރާމާތް ނަގާލަން މި ކުރެވޭ މަސައްކަތަށް އަޅުގަނޑުމެން ޖާގަ މިދެނީ. އެ މަސައްކަތްކުރަނީ ކޮން ބަޔަކަށްތޯ. އެ ފިކުރަށް މި ޖާގަ މި ދެވެނީ ކީއްވެގެންތޯ. މިއީ އަޅުގަނޑުމެން ކުރިއަށް އަމާޒު ހިފާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. ރާއްޖޭގައި ޑިމޮކްރަސީ ނެތީކީއެއްނޫން. ރާއްޖޭގައި ޑިމޮކްރަސީ އެބައޮތް. ރާއްޖޭގެ ޑިމޮކްރަސީ ފައްކާ ނުވަނީކީވެސްނޫން. ފައްކާ ނުވަނީ، ޑިމޮކްރަސީއަށް ޢަމަލުކުރުމުގައި ނާޖާއިޒް ފައިދާ ނަންގަވަން މަސައްކަތްކުރާ ބޭފުޅުންގެ ވިސްނުން ގޯސްވީމާ. ދިވެހިރާއްޖޭގައި ކިޔަވައިގެން ތިބި މީހުން އެބަ ތިބި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި މި ތިއްބެވީ، ކަމަށް ތަޞައްރުފު ފުދޭ މީހުން. އެ ބޭފުޅުންނަށް އެ އިޚްތިޔާރު ދިނީ ރައްޔިތުން. ރައްޔިތުން އެކަންކަން ގަބޫލުކުރާތީ. އަޅުގަނޑުމެން އެންމެ އެ މައްޗަށް ޢަމަލުކުރަންޖެހޭ ޤާނޫނު ހެދުމުގެ ބާރު މިދެނީ، ހަމަގައިމުވެސް އެ ކަންކަމަށް ތަޞައްރުފު ފުދޭ ބައެއްކަމަށް އަޅުގަނޑުމެން ދެކިގެން.

 

 އެހެންވީމާ، އެ މީހުން ނުކުމެ، މި ދެންނެވި ކަހަލަ ކަންތައް ކުރަންޏާ އެއީ، ތަޞައްރުފު ނުފުދޭތީކީނޫން، އެއީ ޑިމޮކްރަސީ ޅަފަތުގައި އޮތީމަކާއެއްވެސްނޫން. ޑިމޮކްރަސީގެވެސް ފޫޅު ކަނޑައިފި މިހާރު. އެހެންވީމާ، ޑިމޮކްރަސީ ޅަފަތުގައި އޮތް ވާހަކަ ދެއްކުމުގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެންނަކަށް ނެތް. މި ވެގެން އުޅޭގޮތަކީ، އޭގެ ބައެއް ކަންތައްތައް އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވާގޮތަށް ހުންނަން. އެފަހަރަކު ޖެހުނު ގޮތަކަށް އަޅުގަނޑުމެން ބޭނުންވަނީ، ދޯނި އަނބުރާލަން. ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސަކީ، އެންމެ ފުރަތަމަ އަސާސަކީ، މީހުންގެ ތެރޭގައި ހަމަހަމަކަން އޮތުން. އެއީ، ޢަދުލުގެ ނިޒާމުގެ ވާހަކަ މި ދައްކަނީ. ޖިނާޢީ ނިޒާމުގެ ވާހަކަ މި ދައްކަނީ. މޮޅު މީހާއަށް މޮޅުގޮތް. ދެރަ މީހާއަށް ދެރަގޮތް ނެތުން. އެހެންވީމާ، އެކަން ކަށަވަރުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ކިހިނެއްތޯ ދަލަށް އަރައިގެން މިއުޅޭ ބަޔަކު އަރައިގެން މިއުޅެނީ. ބޮޑެތި މަސްތަކެއް އަރައިގެން މިއުޅެނީ. ކުދިކުދި މަހެއް މި ދަލަކަށް ނާރާ.

 

އެހެންވީމާ، ޑިމޮކްރަސީ އެބައޮތެއް ނޫންތޯ. ކުދިކުދި މީހުން ކުރާ ކަންތައްތަކެއް ނޫޅޭ މީގައި. މީގައި މިއުޅެނީ ބޮޑެތި މީހުންތަކެއް ތިބެ، ހަމަގައިމުވެސް އެ އެންމެން ހޮވައިނެގީކީ ފަތިސްނަމާދު ކުރަން ތިއްބަކައެއް ނޫން. އެމީހުން ނަގާފައި ތިބީ ކުށުގެ ވެށިން. ކޮންމެވެސް ކަހަލަ ވިޔާނުދާ ކަންތައްތަކެއް ކުރަނިކޮށް. އެހެންވީމާ، ރައީސާ ރައްޔިތުން ހަވާލުކުރި މެންޑޭޓެއް. ރައީސާ ރައްޔިތުން ހަވާލުކުރި މެންޑޭޓަކީ، ރައްޔިތުން ގަބޫލުކުރާގޮތް. ރައްޔިތުން ގަބޫލުކުރާގޮތަކީ، އުސޫލުތައް ބަޔާންކޮށްފައި ކަނޑައަޅަން ހުރި ޤާނޫނުތައް. އެއާ އެއްގޮތަށް ދިވެހިރާއްޖެއަށް ހިންގައިދޭށޭ ފުރަތަމަ ކަމަކަށް. ދެވަނަ ކަމަކަށް ބުނި ވާހަކައަކީ، ދިވެހިރާއްޖެއަށް ނުގެނެވިގެން މިއުޅޭ ތަރައްޤީ ގެންނާށޭ. ތިންވަނަ ކަމަކަށް ހޯރަފުށީ ރައްޔިތުން ބުނި ވާހަކައަކީ، މިތާ ކައިރީގައި އެއަރޕޯޓެއް އަޅައިދޭށޭ. ދެން ބުނި ވާހަކައަކީ، މިހާރު ބުނަމުންދާ ވާހަކައަކީ، މި ރަށުގެ މަގުތައް ހަދައިދޭށޭ. ކޮބައިތޯ ރައީސް މިއިން ކަމެއްގައި ފެއިލްވެފައި. ރައީސް މިއިން ކަމެއްގައި ފެއިލެއްނުވޭ. ރައްޔިތުން އެދޭގޮތަށް ހަމަގައިމުވެސް، ޑިމޮކްރަސީގެ އުސޫލުތައް އެބަ ހިފަހައްޓައިދޭ. ފަރުދީގޮތުން، ޝަޚްޞީގޮތުން، އަޅުގަނޑާ ދިމާއަށް އަމާޒުކޮށް ދައްކާ ވާހަކަ. އަޅުގަނޑު ނުދަން މީހުން ގޮވައިގެން ކޯޓަކަށް. އެކަމަކު، ބައެއްގެ އަމިއްލަ މަޞްލަޙަތު ނިޔާކުރާގޮތަކަށް ޤާނޫނުގެ ބޭރުން ކަންކަން ބަދަލުކުރަން އުޅުނީމާ، އެކަންކަން ޤާނޫނު އަރާ ހަމަކުރާނެ. މީގެ ލާމަސީލު މިސާލެއް ނޫންތޯ، ފެބުރުވަރީ އެއްވަނަ ދުވަސް އެއީ. ތަފްސީލަށް ނުދަމާ ހިންގަވާ.

 

އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ފިކުރެއްގައި ތަޣައްޔަރުނުވެ އޮތް ހަމައެކަނި ފިކުރަކީ، ޕީ.ޕީ.އެމް ފިކުރުކަން މިއަދުވެސް އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އަޅުގަނޑުމެން ތަފާތުގޮތަކަށް މިކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. އަދި މިގޮތަށް ކުށްތައް ކުރަން ދޫކޮށްލައިފިއްޔާ، ގިނަވެއްޖެ ކަމަށްވަންޏާ، ގަބޫލުކުރައްވާ، ދިވެހިރާއްޖޭގައި ހިނގާނީކީ ހަމައެކަނި ދިވެހިރައްޔިތުން ކުރާ ކުށެއްނޫން. އެއަށްވުރެ މާ ބޮޑެތި ޖަރީމާތައް ހިނގާނެ. ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް އަންނާނެ. ޖަރީމާ ހިންގަން ބޭނުންވާނެ. ދިވެހިރާއްޖޭގައިވެސް އެކިކަހަލަ ޖަމާޢަތްތަކާ ގުޅިގެން ކަންކަން ކުރާނެ. އެއީ ކީއްވެގެންތޯ ނުކުރާންވީ. މި ސަރަޙައްދުގައިވެސް މިއަދު އެންމެ ތަނަވަސްކޮށް، ނޫނީ އެންމެ ވަސީލަތް ތިޔާގިކޮށް، ކަންކަން ކުރަމުން ތަރައްޤީ ގެންނަމުންދާ ޤައުމަކީ، ހަމަ އެންމެން ގަބޫލުކުރޭ ދިވެހިރާއްޖެކަން. ދިވެހިރާއްޖެއަށް ދުނިޔޭގެ އެތަން މިތަނުން އެ އަންނަނީ ބޮޑެތި ވިޔަފާރިވެރިން.

 

އެންމެ އިންވެސްޓްމަންޓަކަށް ބަލައިލަމާ ހިންގަވާ. އަޅުގަނޑުމެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ބޮޑު އެއަރޕޯޓަކަށް ހަދާ، ބޮޑު އެއަރޕޯޓަކަށް ހެދުމަށްޓަކައި 1000 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން، އެއަރޕޯޓް ހަދަން ބިންގާ އެޅި ހިސާބުން އެހެން އެއްވެސް ކަމެއްނޫން ކަށަވަރުކޮށްދިނީކީ. ބިންގާ އެޅި ހިސާބުން، ތައިލެންޑުގެ ނަން މަޝްހޫރު އެންމެ ވަރުގަދަ 9 ކުންފުނީގެ ތެރެއިން އެއް ކުންފުނި އައިސް، އެނބޫދޫ ފިނޮޅު ފަޅުގެ ތެރޭގައި އެ އަޅަނީ ހަމަ އެ ޢަދަދުގެ އިންވެސްޓްމަންޓެކޭ. 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކޭ އެތާ އެ ހަދަނީ. ސަރުކާރުން ކޯއްޗެއްތޯ މިއަށް ލީ. ސަރުކާރުން އެންމެ ލާރިއެއްވެސް މިއަކަށް ނުލަމޭ. އެހެންވީމާ، އެކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ، ރާއްޖޭގައި ހަމަޖެހުން އޮވެގެން. ރާއްޖޭގައި ހަމަޖެހުން އޮތުމަކީ، ރާއްޖޭގައި ހަމަޖެހުން ނަގާލާ މީހުންނާ ދޭތެރޭގައި ޖަވާބުދާރީ ކުރުވުން.

 

ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރަސީ އޮވެގެން ކަންތައްތައް ދިޔައީ ކިހިނެއްތޯ. އޭރު އަޅުގަނޑުމެން ދުށިން ނުކުތް އޮޑިޓް ރިޕޯޓްތަކެއް. ޓައިމްބޮމްތަކެއް. އޭގައި ހުރި ވާހަކަތަކެއް ހުރި. މިހާރުވެސް އޮޑިޓް ރިޕޯޓް ނުކުމޭ. މިހާރުވެސް އޮޑިޓަރ ޖެނެރަލް އެބަހުރި. ދައްކަވާ ސަރުކާރަށް، ސަރުކާރުން ކުރާ ގޯސްކަމެއް. އެއިރަށް ސަރުކާރުން އެއަށް ޖަވާބުދާރީވާނެ. އެކަމަކު ބްރިޖެއް އަޅާތީ، ދަރުމަވަންތަ ހޮސްޕިޓަލް އަޅާތީ، މިތާ އެއަރޕޯޓެއް އަޅާތީ، އެހެންކަމެއް ކުރާތީ، އަޅުގަނޑުމެންނާ ދިމާއަށް އަމާޒުވެގެން މިއަންނަނީ ހަމަ އެންމެ ވާހަކައެއް. އެ އަމާޒުވެގެން އަންނަ ވާހަކައަކީ، ދަރަނި އޮވެގެންނޭ، ދަރަނި އުފުލިގެންނޭ. ދަރަންޏާ ބެހޭގޮތުން އަޅުގަނޑު ވާހަކަ ދެއްކިން. ޖަވާބުދިނިން ނޮޅިވަރަމުގައި. ދިވެހިރައްޔިތުން އަޑުއައްސަވާނެ. އަދި އަޅުގަނޑާ އިދިކޮޅު ބޭފުޅުން މި ދައްކަވާ ވާހަކައިގައި އެ ބޭފުޅުންނަށް މީގެ ޖަވާބު ލިބިވަޑައިގަންނަވާނެ.

 

އެހެންވީމާ، ރާއްޖޭގައި މިއުޅެނީ ޑިމޮކްރަސީ ނެތިގެންތޯ؟ ރާއްޖޭގައި ޑިމޮކްރަސީ އޮވެގެން މިއުޅެނީ. ޑިމޮކްރަސީ އޮތީމަތާ، ކެރިގެން މުއައްސަސާތަކުގެ އިސް މީހުންނަށް އެކި ފާޑުގެ ނުފޫޒު ފޯރުވައިގެން، އެ މީހުން ނެރެންޖެހޭ ޙުކުމް ނޫން ޙުކުމް ނެރެން ކެރޭނީ، ޑިމޮކްރަސީ އޮތީމަތާ. އެހެންވީމާ، ފައިސާ ހުރީމަތާ، ތަންތަނަށް ވަދެ ބޮޑެތި ކޯޓުތަކުން ނެރެން ނުވާވަރުގެ ޢަމުރު ނެރެވޭނީ. އެކަންކަން ކޮށްގެން މިއުޅެނީ ކޮންބައެއްތޯ؟ އެކަން ކޮށްގެން މިއުޅެނީ މި ރައީސެއް ނޫން. އެހެންވީމާ، މިއަދު ބަޔަކު ބަންދުގައި ތިބެގެން، އެކަންކަމާ ދޭތެރޭގައި ވިސްނާކަމަށްވަންޏާ، އެ މީހުން ހައްޔަރު ކުރެވިފައި އެތިބީ ކީއްވެގެންތޯ ވިސްނާ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ކަންތައްތައް ނިންމާއިރު، އަޅުގަނޑުމެން ގަބޫލުކުރަން، މިހާރު ތިބި ފަނޑިޔާރުން. ދެން ބޭރުގެ ކަރަކަރައިން މީހުން އައިސް އެބުނީ، ތިމަންނާމެންގެ ފަނޑިޔާރުންގެ ފެންވަރެއް ދިވެހިރާއްޖެއަކު ނެތޭ. ތެދެއްމެ. އެމީހުންގެ އެ ފެންވަރު އަޅުގަނޑުމެންގެ ތެރޭގައި ނުހުރެދާނެ. އެކަމަކު، އިސްލާމީ ޝަރީޢަތް ހިންގުމުގައްޔާއި، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އުސޫލުތައް ހިންގުމުގައި އަޅުގަނޑުމެންގެ ފަނޑިޔާރުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އެ ހިންގާ އިންސާފު އަޅުގަނޑުމެން އެބަ ގަބޫލުކުރަން. ދެން ކީއްވެގެންތޯ. އަޅުގަނޑުމެންގެ އެންމެ އިސް މީހުންނާ ދޭތެރޭގައި ހިންގާ އިންސާފު އެއީ، އިންސާފުން ކަސިޔާރުވެފައި އޮތް އިންސާފެއް ކަމަށް ގަބޫލުކުރަންވީ. އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އިންސާފު ޤާއިމުކުރަން، މި ހަވާލުކުރަނީ ފަނޑިޔާރުންނާ. އެހެންވީމާ، މިވާ ގޮތަކީ، ކެކުރީގެ ސައިޒް ތަފާތުވަނީ. އެހެންނަމަވެސް، އަޅުގަނޑު ކަށަވަރުކޮށްފިން، ހަމަގައިމުވެސް ނޮޅިވަރަމުގައި ދެން ހައްދާނީ ހަމަ އެއް ސައިޒުގެ ކެކުރި. އެއީ، ދަނޑުވެރިކަމަށް އަޅުގަނޑު ޢިނާޔަތް މިދެނީ، އެ އެއް ސައިޒުގެ ކެކުރި ހައްދަން. ގަބޫލުކުރައްވާ! ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންގެ ހަމަޖެހުން އޮތީ އެންމެންނަށް އެއް އުސޫލަކުން ކަންތައް ވެގެން.

 

މިއަދުވެސް ހިންގަވާ ވިސްނަމާ، އިކޮނޮމިކް މިނިސްޓްރީން ގެޓްސެޓް ލޯނެއް ދޭނެ. ގެޓްސެޓް ލޯނު ދޭއިރު، ކީއްވެގެންތޯ އަޅުގަނޑާ ހަމަޔަށް، ނޫނީ އެކި މީހުންނާ ހަމައަށް މި އަންނަނީ، އެކި މީހުން މިކަންކަމަށް އިލްތިމާސްކޮށް. އަޅުގަނޑުމެންގެ ތެރޭގައި މި ހަމަ ގަބޫލެއްނުކުރެވޭ. ކީއްކުރަންތޯ އަޅުގަނޑު އެކަންކަމާ ބެހެންވީ. ކާކަށްތޯ ގެޓްސެޓް ލޯނު ލިބެނީ؟ އެއީ، ރައީސް ބެހޭ ކަމެއްނޫން. އެންމެ ޙައްޤުކަން ބޮޑު މީހަކަށް، އެންމެ އިންސާފުވެރިކޮށް އެކަން ދާގޮތަށް ރައީސް ދޫކޮށްލަންވީ އެކަން. އެކަމަކު، މި ކަންކަމަށް ކީއްވެގެންތޯ ރައީސް ކައިރިއަށް އަންނަންވީ؟ އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ މި ވިސްނުން ދޫކޮށްލަން. މި ވިސްނުން ދޫކޮށްލެވޭނީ، އަޅުގަނޑު މި ދަންނަވާގޮތަށް ތާހިރުގޮތެއްގައި އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ކަންތައް ކުރަން ދަސްކޮށްގެން. އަޅުގަނޑުމެން މިއަދާ ހަމައަށް ގޮވާލަމުން މިދިޔައީ، އެތައް ކުށެއްގައި އަދަބު ލިބިފައި ތިބި މީހުން ދޫކޮށްލަން. މިއަދުވެސް އެ ގޮވާލަނީ، އެތައް ކުށެއްގައި އަދަބު ލިބިފައި ތިބި މީހުން ދޫކޮށްލަން.

 

މަސްވެރިކަމަށް ޖެހިލާއިރު، މަސްވެރިންނަށް އެބަ ބުނޭ، މަސްވެރިންނަށް ކިލޯއަކަށް 35 ޑޮލަރު ދޭނަމޭ. ކޮންތާކުންތޯ މި ލާރި ދޭނީ؟ ކޮންތާކުންތޯ މިކަން ކުރާނީ؟ އެކަމަކު އޭގެ ބަދަލުގައި ރައީސް ޔާމީން މަސްވެރިންގެ ކައިރީގައި، ހޯރަފުށީގައި އައިސް ދައްކާ ވާހަކައިގައި މި ބުނަނީ، އަޅުގަނޑުގެ މެނިފެސްޓޯ ނިއުޅާލަމުންދާއިރު، އަޅުގަނޑު މި ބުނަނީ، މަސްވެރިން ގަބޫލުކުރާށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެން މިހާރު ނިންމާފައި އެއޮތީ، ރީނދޫ އުރަހަ ކަންނެލި، އޭގެ އެންމެ ދަށްވެގެން ގަންނާނެ އަގެއް އަޅުގަނޑުމެން ކަނޑައަޅާނަން. އެއަށްވުރެން ދަށް އަގެއްގައި ރީނދޫ އުރަހަ ކަންނެލި ވިއްކާކަށް ހުއްދައެއް ނޯންނާނެ. އެހެންވީމާ، މަސްވެރިންނަށް އަޅުގަނޑު ކަށަވަރުކޮށްދޭ ކަމެއް މިއީ. އަދި ހަމައެއާއެކީ، އަޅުގަނޑުމެން ދަންނަވާނަން. މަސްވެރިކަންކުރާ އެކި ދާއިރާތަކުގައި، ރާއްޖޭގައި މިހާރުވެސް އެތަން މިތަނުގައި އެހެރީ އައިސް ޕްލާންޓް އެޅިފައި. އިރާދަކުރެއްވިއްޔާ، މިދިޔަ އަހަރުގެ ނިޔަލާ ހަމައަށް އައިސް މިއަހަރުގެ ކުރީކޮޅާ ހަމައަށް އައިއިރު، މި ހުރިހާ އައިސް ޕްލާންޓްތަކެއް އެހެރީ ހިނގާފައި. އެކަމަކު، އަމިއްލަ މީހުން ކުރާ ވިޔަފާރިއަކީ އަބަދުވެސް އިތުރުވެ ފުޅާވަމުންދާ ވިޔަފާރި. އެ ފުޅާވަމުންދާ ވިޔަފާރި ދިޔަވަރަކަށް މަސްގަންނަ ތަންތަންވެސް ގިނަވާނެ. މަސް ކިރާވަރުވެސް ގިނަވެގެންދާނެ. އައިސް މަދުވާނެ.

 

އެހެންވީމާ، އަނެއްކާވެސް އަޅުގަނޑުމެން މި ޖެހެނީ، އިތުރު ތަންތަނަށް އައިސް ޕްލާންޓް ގެންދަން. އެކަމަކު، އިތުރު ތަންތަނަށް އައިސް ޕްލާންޓް ގެންދެވޭނީ، ކުރީގައި ހުރި އައިސް ޕްލާންޓްތައް، ކީއްވެގެންތޯ ސަރުކާރުތަކެއް ދިޔައިރު، އައިސް ޕްލާންޓްތައް ރަނގަޅު ނުކުރެވުނީ. އެ އައިސް ޕްލާންޓްތައް ރަނގަޅުކުރީވެސް ހަމަ މި ސަރުކާރުން އައިސް. އެހެންވީމާ، އިތުރު އައިސް ޕްލާންޓާއި، އިތުރު ފެކްޓްރީވެސް ހަދާނީ ހަމަ މި ސަރުކާރުން. އެހެންވީމާ، މަސްވެރިންވެސް ގަބޫލުކުރައްވަންޖެހޭ އެއްޗަކީ، އަޅުގަނޑުމެން ނުދަންނަވާނަން، މަސްވެރިންނަކަށް ކިލޯއަކަށް 35 ޑޮލަރު ދޭނަމޭ. އަޅުގަނޑުމެން ނުދައްކާނަން، އަޅުގަނޑުމެންނަށް ނުކުރެވޭ ކަންކަމުގެ ވާހަކައެއް.

 

އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވަލާނަން. އަޅުގަނޑުމެން މިކަން ކަށަވަރުކުރާއިރު، އަޅުގަނޑު ހަމަ ދަންނަވާލާނަން މަސްވެރިންނަށް ދަންނަވާނަން. އާންމު ޚިދުމަތްތައް ލިބުމުގައި އަޅުގަނޑުމެން އެބަ ތަޢާރަފުކުރަން މަސްވެރިންނަށް ފިޝަރމަންސް ކާޑެއް، ނޫނީ މަސްވެރިންނަށް ދޭ އައި.ޑީ.ކާޑެއް. އޭގެ ބޭނުމަކަށްވަނީ، ހޮސްޕިޓަލަކަށް ދިޔަޔަސް، ރާއްޖޭން ބޭރަށްދާން ޕާސްޕޯޓެއް ހައްދަން ދިޔަޔަސް އަދި އިމިގްރޭޝަން ކަމަކަށްދިޔަސް، ޕަބްލިކަށް މި ދޭ ޕަބްލިކް ސަރވިސް، ނޫނީ އާންމު ޚިދުމަތްތައް، ދައުލަތުން މި ދޭ އާންމު ޚިދުމަތްތައް ލިބުމުގައި މަސްވެރިންނަށް އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ އިސްކަން ދޭނަން. އެހެންވީމާ، އެމީހުން ނުޖެހޭނެ، އިރާދަކުރެއްވިއްޔާ އާންމު ޚިދުމަތްތައް ހޯދަންގޮސް ތިބޭ ދިގު ކިޔޫތަކުގައި ތިބޭކަށް. އެހެންވީމާ، މަސްވެރިންނަށް އަޅުގަނޑުމެން ކޮށްދޭ ކަންތައްތަކުގެ ވާހަކަ މި ދަންނަވާލީ. އެއީ ހަމަ 35 ޑޮލަރުގެ ވާހަކަ ދައްކާތީ. އަޅުގަނޑު ހިތަށް އެރީ އެއަށްވުރެ ރަނގަޅު ވާހަކައެއް، އެއަށްވުރެ ޓެންޖިބަލް، ކުރެވޭނެ ކަމެއްގެ ވާހަކަ އަޅުގަނޑު ދައްކާނަމޭ. އެހެންވީމާ، މަސްވެރިންނަށްވެސް، މަސްވެރިންނަކީ ރާއްޖޭގައި ހަމަ ޙަޤީޤަތުގައިވެސް ރާއްޖޭގެ ލޭނާރު. އެއާ ހަވާލުވެ ތިބި މީހުން. އެހެންވީމާ، މަސްވެރިންނަށް އެބަ ހުންނަންޖެހޭ ޚާއްޞަ ޢިނާޔަތްތަކެއް. އެއާއެކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، މަސްވެރިން އެ ބާނާ މަހުން، އަބަދުވެސް ނުކުންނަ މައްސަލައަކީ، ވަގުތުން ވަގުތަށް ދޭންވާ ފައިސާ ނުދެވޭ ނުދިނުން. އެއީ އަޅުގަނޑުމެން އެންމެ ބޮޑަށް އަމާޒުކުރަންޖެހޭ ކަމަކީ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަންވެސް އެބަޖެހޭކަންނޭނގެ. އެކަމަކު، އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގަބޫލުކުރައްވާށޭ. ވަރަށް ގިނަ ކަންތައްތަކެއް ވެގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ، މީގެ ވަރަށް ގިނަ ކަންތައްތައް މި ކުރެވެނީ، ސަރުކާރު ދެމިއޮވެގެން. މިހާރު ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެގޮތް ފަސޭހަވެގެން. އެކަން ކަށަވަރުވެގެން. އެކަން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުން ކުރަންޖެހޭ ކަންތައްތައްވެސް އެބައޮތް. ރައްޔިތުން ކުރަންޖެހޭ ކަމަކީ، މިހާރުން ފެށިގެން ވޯޓުލާ ހިސާބަށްދާއިރު، ތަނަވަސް ސިކުނޑިއެއް ރައްޔިތުން ގެންގުޅެންވީ. އެ ސިކުނޑި ބްލޮކް ނުކޮށްލާ. ލައްކަ ގިނަ ވާހަކަ، ލައްކަ ގިނަ މީހުން ދައްކާނެ. އެކަމަކު، ޚިޔާލަށް ގެންނަވަންވީ، އެ ވާހަކަތައް ކުރީގައިވެސް ދެއްކިތޯ. އެ ވާހަކަތައް މިހާރުވެސް ދައްކާތޯ. ޢަމަލުކުރުމުގައި، ތަންފީޒު ކުރުމުގައި، ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބަދަލެއް ގެނައީ ކޮންބައެއްތޯ. ހާލަތު ބަދަލުވެގެން މިއަދު އުއްމީދުތަކާއެކީ، ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށް، ކޮންމެ ރަށެއްގައި ނަރުދަމާއާއި، ބަނދަރާއި، ފެނާއި، މަގު ހެދުމުގެ ވާހަކަ ކީއްވެގެންތޯ މިއަދު މި ދައްކަނީ؟ ކީއްވެގެންތޯ 99 ވަނަ ރައީސާއި، 98 ވަނަ ރައީސާއ، 97 ވަނަ ރައީސް އަރިހު މި ވާހަކަ ނުދެއްކުނީ؟ މި ރައީސުންތައް އަޅުގަނޑުމެންނަށް ފެނިފައިހުރީ. މި ރައީސުން އަރިހުގައިވެސް ދަންނަވާފައި، ނުފުދިފައިހުރި ކަންތައްތައް 100 އާ ހަމައަށް އަންނައިރު، 100 މަޝްރޫޢަށް ވުރެން ކޮންމެ ރަށެއްގައިވެސް ހުރި މަޝްރޫޢުތައް ގިނަ. އެކަމަކު އޭގެ ތެރެއިން، ގިނަ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ފުދިގެން އެދަނީ.

 

މި އަތޮޅުގައި، މި ރަށުގައި އެންމެ ފަސޭހަކަމެއް ލިބިގެންދާނީ، މި ދެންނެވިގޮތަށް ޓޫރިޒަމް ފުޅާވެގެން ދިޔުން. މި ރަށަށް ޒިޔާރަތްކުރާ މީހުން، މި ރަށުގެ ރައްޔިތުން މާލޭގައި ތިއްބަވާފައި އެހެން ދިމަދިމާއަށް ވަޑައިގަންނަވާއިރު، ގައްލަންދޫ ހުރަސްކުރާއިރު، ހަމަ ހޯރަ އަޅާގޮތަށް، ހޯރަ އަޅާލާފައި މިތަނަށް އާދެވުންކަންނޭނގެ. އެހެންވީމާ، މާފިނޮޅުގައި އެއަރޕޯޓު ހެދެން މި ޖެހެނީ. މާފިނޮޅުގައި އެއަރޕޯޓު މަސައްކަތް އެއޮތީ ފެށިފައި. އިރާދަކުރެއްވިއްޔާ، އެ އެއަރޕޯޓާއެކީ، ޙަޤީޤަތުގައިވެސް މި ދާއިރާގައި ޓޫރިޒަމުގެ މަސައްކަތްތައް އިތުރުވެގެންދާނެ. އަޅުގަނޑުމެންނަކަށް ޓޫރިޒަމްގެ ރިޒޯޓުތަކެއް އިތުރެއްނުކުރެވޭނެ، މި ދެންނެވިގޮތަށް ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި އެއަރޕޯޓު ހަދައިގެން ނޫނީވިއްޔާ. ދެން މިހަދާ އެއަރޕޯޓުތައް، މިހާރު ގާތްގަނޑަކަށް ރާއްޖޭގެ ކޮންމެ އަތޮޅަކާ ދިމާއަށް އެއަރޕޯޓެއް މިޞްރާބުޖެހީ. މި އެއަރޕޯޓުތައް ދާންއުޅޭއިރު، އަޅުގަނޑުމެންގެ މީހުންނެއްނޫން ނުކުމެ ބުނާނީ، މިއޮތީ ރާއްޖެ ދަރާވިކިފައޭ. ހެޔޮނުވާނޭ މިކަން ނުކުރާށޭ.

 

ފ. އަތޮޅުގެ ރައްޔިތުންނަށް، ނިލަންދޫގެ ރައްޔިތުންނަށް، ޚާއްޞަކޮށް މުޅި ދިވެހިރައްޔިތުންނަށް އާންމުކޮށް އެނގިވަޑައިގަންނަވާނެ. ކީއްވެގެންކަން ނިލަންދޫގައި ހިންގަން އޮތް އެއޮތް ބޮޑު މަޝްރޫޢު ހިފެހެއްޓިފައި އެއޮތީ. މިއީ، ރައްޔިތުންނަށް ހެޔޮއެދިގެން އަޅުގަނޑުމެން ކުރާ ކަންކަމެއްނޫން. ރައްޔިތުންނަށް ހެޔޮއެދިގެން ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ނުކުރެވުނު ކަމެއް، އެހެން ބަޔަކު އައިސް ކުރަން ހުރަސްއަޅާ އެއްޗެއްނޫން. ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގައި އެންމެ އިސް ސަފުގައި އުޅެންޖެހޭ ބަޔަކީ، ރައްޔިތުން ގޮވައިގެން، މާދަމާވެސް ތިމަންނާމެންނަށް ވޯޓެއްލާށޭ ކިޔާފައި ނުކުންނަ މީހުން.

 

އެހެންވީމާ، އެކަން އެ މީހުންނަށް ސާބިތުކޮށްނުދެވޭ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވޯޓު ފޮށްޓާ ހަމައަށް ވަޑައިގަންނަވާއިރު، ސިކުނޑި ތަނަވަސްކޮށް، ސިކުނޑި ހުޅުވައިގެން ވަޑައިގަންނަވާ. ގޭގައި ސިކުނޑި ބާއްވާފައި ވަޑައިނުގަންނަވާތި. އަޅުގަނޑު ގެދޮރު ބިނާކޮށްދޭން މިއުޅެނީ ހިއްކާ ބިމުގައި. އަޅުގަނޑު ގެދޮރު ބިނާކޮށްދޭން މިއުޅެނީ ހުޅުމާލޭގައި. އަޅުގަނޑު ގެދޮރު ބިނާކޮށްދޭން މިއުޅެނީ މިތަންތަނުގައި. އެހެންވީމާ، ތިޔަބޭފުޅުން ފަޒާގައި ގެދޮރުއަޅަން ނުވިސްނަވާ. އެއަށްވުރެ އަޅުގަނޑުމެން ހިންގަވާ، ބިމާ ހަމައިގައި ތިބެމާ. ބިމާ ހަމައިގައި ތިބެގެން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވުނު އެއްޗަކީ، ތަރައްޤީ މި އަންނަނީ، ރާއްޖެތެރެއަށް ބޭނުންވާ ތަރައްޤީ. މާލެއަށް، ދިވެހިރައްޔިތުންނަށް ބޭނުންވާ ތަރައްޤީ މި އަންނަނީ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮވެގެން. އަޅުގަނޑުމެންގެ ވަގުތުތަކެއް ނަގައެއްނުލަމޭ މަގުމަތީގައި މުޒާހަރާ ކުރާކަށެއް. އަޅުގަނޑުމެންގެ ވަގުތުތައް އެކަންކަމުގައި ނަގާލާކަމަށްވަންޏާ، ޢަބްދުއްރަޙީމާއި، މޫސާ މަނިކާ، ދެންވެސް މި ތިއްބެވި މެންބަރުން އަބަދު އުޅެންޖެހޭނީ އެކަމުގައި. އަޅުގަނޑުމެން މަސައްކަތް ކުރުމަށާއި، މި ދެންނެވި ކަހަލަ އީޖާބީ، ނޫނީވިއްޔާ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ވަގުތު ހޯދެނީ އަޅުގަނޑުމެން މަސައްކަތް ކުރުމުގައި އަޅުގަނޑުމެން އުޅޭތީ. އެހެންނަމަވެސް، މި ދެންނެވިގޮތަށް ބޭކާރުކޮށް ބިރުދެއްކުމާއި، ނާމާންކަން ފެތުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި މުޅި ރާއްޖެ ހަލަބޮލި ކޮށްލައިފި ކަމަށްވަންޏާ، އޭގެ ތެރެއަކުން އައި ތަރައްޤީއެއް ހަމަގައިމުވެސް، 2008 ވަނަ އަހަރުން ފެށިގެން މިއައި 2013 އާ ހަމައަށް އައިއިރު، އެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެ ނުފެންނާތީ، މި ދަންނަވަނީ، މި ރަށަށްވެސް ކުރެވުނު މަސައްކަތް، އޭރު ކުރެވުނު މަސައްކަތުގެ ނިސްބަތުން ދެގުނަ ބައި މިއޮތީ އިތުރުވެފައޭ.

 

ދެން ހިންގަވާ ނިންމާލަމާ. މިކަހަލަ ވާހަކަ، ހަމަ ވަރަށް ގިނަ ވާހަކަ ދެއްކެން ހުންނާނެ. އެހެންނަމަވެސް، ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނަންޖެހޭނެ ނޫންތޯ. އަޅުގަނޑުވެސް ހަމަ އެހެން ދަތުރުތަކަށްވެސް އެބަޖެހޭ ދާން. އެކަމަކު ހަމަ ދަންނަވާލަން ބޭނުންވަނީ، ހޯރަފުށީގެ ރައްޔިތުންނަކީ ފޯރިގަދަ ރައްޔިތެއް. އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ، ތިޔަބޭފުޅުން ތިއްބެވި ވިސްނުމުގައި، ތިޔަބޭފުޅުންގެ ވިސްނުމަށް އިތުރުކުރާނެ މީހުންތަކެއް އިތުރުކޮށްދެއްވުން. މުޙައްމަދު އިސްމާޢީލް އެ ވިދާޅުވިގޮތަށް، މި ރަށުން އަޅުގަނޑުމެން ސުޕަރ މެޖޯރިޓީއެއް ހޯދަންޖެހޭ. މި ރަށުން މިކުރާ މަސައްކަތުން، ކައިރި ރަށްރަށާއި، މާލޭގައިވެސް ތިޔަބޭފުޅުންގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިން އެތަން މިތަނުގައި ތިބޭނެ. އެހެންވީމާ، އެ ވޯޓު ހޯދަން ކުރާ މަސައްކަތް ކުރަމާ ހިންގަވާ. އަޅުގަނޑުމެން ހެޔޮގޮތުގައި ދިވެހިވަންތަ ސިފަތަކަކާއެކީ، މި ދެންނެވިގޮތަށް ޑިމޮކްރަސީގެ އިސްލާމީ ސިފަތައް ޖައްސައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ހިފަންޖެހޭނީ އަޅުގަނޑުމެން އަޖުމަބަލައި ޓެސްޓްކޮށްފައި އޮތް ކަމެއްގައި. އަޅުގަނޑުމެން އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި ގެއްލިގެންދިޔަ ކަންތަކާ ދޭތެރޭގައި ވިސްނާފައި، މިހާރު އެކަން ބަދަލުވެއްޖެ ކަމަކަށް ވިސްނާ އެއްޗެއްނޫން. އެއީ ނުބައި ވިސްނުމެއް.

 

އަބަދުވެސް، ޤާސިމް ވިދާޅުވާ ވާހަކަފުޅެއް އޮންނާނެ. މުއުމިނެއްގެ ގަޔަކަށް، އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެއޭ. އެހެންވީމާ، އެ ވާހަކަ ހިންގަވާ، މިއަދުވެސް އަޅުގަނޑުމެން ހަނދާންކޮށްލަމާ. އަނެއްކާ ޤާސިމަކީވެސް މިރަށާވެސް ދުރު ބޭފުޅެއްނޫން. އެހެންވީމާ، މި ރަށުގައި ވަރަށް މުނާސަބުކަންނޭނގެ، މި ވާހަކަ ދައްކާފައި، މޫސައާއި ޤާސިމާ، މި ބޭފުޅުން މި ކަންކަމާ ދޭތެރޭގައި ޚިޔާލުފުޅު ބަހައްޓަވައިފި ކަމަށްވަންޏާ އަޅުގަނޑު ވަރަށް އުފާވާނެ. ޙަޤީޤީ ތަރައްޤީގެ ރަހަ އަޅުގަނޑުމެންގެ ކަރުގައި ލީމާ، ދެން އަޅުގަނޑުމެން ޖެހޭނީ، އެ ރަހަ ދެމެހެއްޓޭތޯ ބަލަން.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.