بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ފުނަދޫގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، އަދި އަޅުގަނޑުމެންގެ މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މާލެއިން ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން، ކައިރި ރަށްރަށުން ވަޑައިގެން ތިއްބެވި މެހްމާނުން؛  

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުވެސް އުފަލެއްގެ ގޮތުގައި ދެކެނީ ފުރަތަމަ ފުނަދޫގެ ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދެންނެވުން. އަޅުގަނޑުގެ ޝައުޤުވެރިކަމުގައި އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ތިޔަހާ ގިނަ އަދަދެއްގެ ބޭފުޅުން އެހާ ގިނަ ވަގުތު ހޭދަކުރައްވައި، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އަޅުގަނޑުމެންގެ ހަމަ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުންވާ ވާހަކަ ދަންނަވަން.

ހަމައެހެންމެ، ރަށުގައި މިވަރުގެ އިވެންޓެއް، ރައީސްގެ އިންތިޒާރުގައި ތައްޔާރުވަމުންދާއިރު، ރަށުތެރޭގައިވެސް ހަމަ ވަރަށްގިނަ ބޭފުޅުންތަކެއް ނުކުމެގެން މަސައްކަތްތަކެއް ކޮށްފައި ހުންނާނެ. އެހެންވީމާ، އެކަމަށްޓަކައިވެސް މި މަސައްކަތުގައި އުޅުއްވައިދެއްވި ހަމަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަދި އެއާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މި ހުރިހާ ކަމެއް ހިނގަމުން މިދަނީ ފުނަދޫ އިންތިޒާރު ކުރަމުން އައި ހަދިޔާއެއް ފުނަދުއަށް ހަމަ ލިބިގެން ދިޔައިމާ. ޝައްކެއްވެސްނެތް، 15 އަހަރެއްވެސް ނޫން. އެއަށްވުރެވެސް ދިގު އިންތިޒާރެއް ކަންނޭނގެ މި އިންތިޒާރަކީ. މި އަތޮޅުގެ ތަރައްޤީއަށް ޙަޤީޤަތުގައި އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އެއަރޕޯޓަކީ ފާހަގަކުރަންޖެހޭ ކަމެއް. އެހެންވީމާ، އެއަރޕޯޓެއްގެ ބޭނުމުގެ ވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް، ސަރުކާރުގެ އެކި ފެންވަރުގައި، އެކި ސަރުކާރުތަކުގައި، އެކި ލެވެލްތަކަށް އައިސްފައި ހުރިކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުވެސް ސަރުކާރުގައި މަސައްކަތް ކުރަމުންދިޔައިރު، އަދި ޚުދު އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުމެ މަސައްކަތް ކުރަމުން ދިޔައިރުވެސް، ދެންމެ ޒަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތަށް ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމް އަބަދުވެސް ފުނަދޫގެ އެއަރޕޯޓެއްގެ ވާހަކަ ދައްކަވަމުން ގެންދަވާނެ. ﷲގެ ރަޙްމަތާއެކީ ފުނަދޫގެ އެއަރޕޯޓް ހަމަޖެހިގެން މިދިޔައީ. ފުނަދޫގެ ރައްޔިތުންނަކީ މި އެއަރޕޯޓް ލިބުމުގައި ހަމަ ވަރަށް ނަސީބު ރަނގަޅު ބޭފުޅުންކޮޅެއްގެ ގޮތުގައި، ބައެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލާނަން.

އަޅުގަނޑުމެން ސަރުކާރާ ފުރަތަމަ ހަވާލުވެގެން ސަރުކާރުގެ ކަންތައްތައް ހަމަޖައްސަމުން ދިޔައިރު، އޭރު އޮތް ބޮޑު ދަރަންޏާއި، އަދި ރާއްޖޭގެ އެކި ހިސާބުގައި މިއަށްވުރެ މާ އަސާސީ ކަންކަމުގައި ޙާލަތު އޮތްގޮތުން، އެހާ ދެރަވަރުކޮށް ޙާލަތު އޮތްގޮތުން، އަޅުގަނޑުމެންނަކަށް މިކަހަލަ ބޮޑެތި އާ މަޝްރޫޢުތައް ފެށުމަކީ ފަސޭހަކަމަކަށްނުވޭ. އަދި އަމުދުން އެއަރޕޯޓަކަށް އިންވެސްޓް ކުރުމަކީ ފަސޭހަކަމަކަށްނުވޭ. އަދި އެއީ މޯރަލީ ޖަސްޓިފައި ކުރެވޭ ކަމަކަށްވެސްނުވޭ. އެއީ އެއަށްވުރެ މާ އާދައިގެ ޙާލަތުގައި، ޞިއްޙީ ދާއިރާގެ ތަންތަން ހުރީ. އެޑިޔުކޭޝަންގެ ދާއިރާގެ ކަންކަން ހުރީ. ރައްޔިތުންގެ އެންމެ ޢާންމު ޙާލަތާ ގުޅުންހުރި މިކަހަލަ ހުރިހާ ކަމެއްހުރީ، ރާއްޖޭގެ ވަކި ހިސާބެއްނޫން، ހުރިހާ ހިސާބެއްގައި ހުރީ، އެއީ މާލެވެސް ހިމެނޭގޮތަށް. އެހާ ޙާލަތުގައި ހުރީމާ، އެކަންކަމަށް ކޮންމެވެސްކަހަލަ ގޮތްތަކެއް ހަމަޖައްސާފައި ނޫނިއްޔާ، މިކަހަލަ ވެލިއު އެޑްކުރާ މަޝްރޫޢުތަކުގައި، ނޫނީވިއްޔާ އޭގެ ޒާތުގައި، ޟަރޫރަތުގައި އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްނުވޭ، އޭރުގެ ޙާލަތަކުންނެއް އެއަރޕޯޓެއް.

އެހެންވީމާ، އެއަރޕޯޓަށް ފައިސާ ހޯދުމަކީ، ބަޖެޓްގައި ޖަހައިގެން ފައިސާ ހޯދުމަކީ ފަސޭހަކަމަކަށްނުވޭ. އަދި ބަޖެޓުގައި ޖަހައިގެން އެއަރޕޯޓަށް ފައިސާ ހޯދާކަމަށްވަންޏާ، ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާނެ، ރައްޔިތުންގެ މަޖިލިސް ހުޅުވިގެން އައިއިރު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކީ ޕީ.ޕީ.އެމް.ގެ މެންބަރުން. ޕީ.ޕީ.އެމް އާއި އެމް.ޑީ.އައި.ގެ މެންބަރުން. އެހެންވީމާ، އެއް ދާއިރާއަކަށް އެއަރޕޯޓެއް ހޯދާފައި، ދެން ރައީސް ވޯޓު ހޯދާނެކަމެއްނެތް، މަޖިލީހުގެ އެހެން ކަންކަމަކާއި އެހެން ދާއިރާތަކަށް އެއަރޕޯޓް ނުގެންގޮސް. އެހާ ވާދަވެރިކޮށް އޮތް ކަމެއްގެ ގޮތުގައި މިކަން އޮތީ. އެހެންނަމަވެސް، ކަންކަން ދިމާވަމުންދިޔަގޮތް، ދެންމެ މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ރާއްޖެއަށް އައީ ވަރަށްބިޔަ މަޝްރޫޢެއް. އެ މަޝްރޫޢުގެ ތެރޭގައި، މަޝްރޫޢުގެ އަގު ނެގޯޝިއޭޓް ކުރަމުންދިޔައީ. އަގު ނެގޯޝިއޭޓް ކުރަމުންދިޔައިރު، އޭގެކުރީގައި އެ މަޝްރޫޢު ވަކިގޮތަކަށް އަގުތަކެއް ހަމަޖެހިގެން ގޮސްފައި އޮތީ. އެހެންނަމަވެސް، އެންމެފަހުން އަޅުގަނޑާ ހަމައަށް މި މަޝްރޫޢުގެ އިސް މީހުން އައިމާ، ހަމަ ޚުދު އަޅުގަނޑު މި މަޝްރޫޢަށް އަގު ނެގޯޝިއޭޓްކޮށް ނިންމީ. ނިންމާފައި އޭގެތެރޭގައި، ސަރުކާރަށް ސީ.އެސް.އާރު.ގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދޭންޖެހޭނެ ކަމަށް ބުނެގެން ހަމަޖެހިގެންދިޔަ 10 މިލިއަން ޑޮލަރު، އަޅުގަނޑުމެން ހަދިޔާ މިކުރީ މިތަނުގެ އެއަރޕޯޓް ހަދަން.

މިއީ ބަޖެޓުން ބޭރުން އޭރު ބަޖެޓުން ކުރަން އުޅުނުނަމަ ހޭދަނުކުރެވޭނެ ކަމެއް. އެހެންވީމާ، ބަޖެޓުން ބޭރުން ކޮށްގެން މި ނިމެނީ. އެމް.ޓީ.ސީ.ސީ.ގެ ހަރަކާތްތެރިކަން މިކަމުގައި ވަރަށް ރަނގަޅަށް ދެންމެ ޒަމީރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެމް.ޓީ.ސީ.ގެ ސީ.އީ.އޯ، ޑެޕިއުޓީ ސީ.އީ.އޯ އަދި މި ޓީމު މިތާ އެބައުޅޭ. އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެ އަވަހަށް އެމް.ޓީ.ސީ.ސީ އިން އެއަރޕޯޓް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވޭ. އެހެންވީމާ، އެކަމަށްޓަކައި އެމް.ޓީ.ސީ.ސީ އަށް ޝުކުރު ދަންނަވަމުން، އަދި މި އެއަރޕޯޓްތައް ރާއްޖޭގެ އެކި ހިސާބުގައި އެޅުމުގައި، މިނިސްޓަރ ޒަމީރުގެ މަސައްކަތްޕުޅުވެސް ހަމަ އަޅުގަނޑު ފާހަގަކުރަން.

ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑަށް ވަރަށް މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ ރަށްރަށުގައި މި ހަދާ ބޮޑެތި މަޝްރޫޢުތައް. އަޅުގަނޑުގެ އެޖެންޑާގައި އަބަދުވެސް މި ދިމާވާ މައްސަލައަކީ ހަމަ ވަގުތުނެތޭ ވަގުތުނެތޭ، މި އަންނަ ބައި މި އަންނަނީ. އަޅުގަނޑުމެން ކޮށްދޭން ބޭނުންވާ ކަންތައް ބައިވަރު. ﷲގެ ރަޙްމަތާއެކީ ވަރަށްގިނަ ތަންތަނަށް، ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ހަމައެކަނި މި ރަށަށް ބަލައިލިކަމަށްވިޔަސް، އަޅުގަނޑު ދަންނަވާނަން.

މި ރަށަކީ ރާއްޖޭގެ ރަށްރަށުގެ ނިސްބަތުން ތަރައްޤީގެ މަޝްރޫޢުތައް އައިސްފައި ހުރި، ނިސްބަތުން ވަރަށްގިނަ މަޝްރޫޢުތަކެއް އައިސް ހަމަޖެހިފައި އޮތް ރަށެއް އިނގޭތޯ. ހަމަ ހުރިހާ ދާއިރާއެއްގެ ބޭފުޅުންވެސް މިކަން ގަބޫލުކުރައްވާނެ. ރާއްޖެތެރޭގެ ޙާލަތު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑާއެކީ ކުރީ ސަފުގައި މި ތިއްބެވީ. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަތޮޅުގެޔަށް ބެލިޔަސް، އެހެން ކަމަކަށް ބެލިޔަސް، މި ރަށަކީ ވަރަށް ނަސީބު ރަނގަޅު ރަށެއް. އެހެންވީމާ، މި ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި އޮންނަ ރަށަކަށް ފުނަދޫ ވެގެންދިޔައިރު، އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް އައިއިރުވެސް، މިކަން އޮތީ މިހެން. އަޅުގަނޑުމެން ބަލައިލިން، 2000 ވަނަ އަހަރާއި، 2013 ވަނަ އަހަރު، މި ދާއިރާއަށް އައިސްފައި އޮތް ބޮޑެތި މަޝްރޫޢުތަކުގެ ޖުމްލަ އަދަދު. މި ދާއިރާއަށް އައިސްފައި އޮތް ބޮޑެތި މަޝްރޫޢުތަކުގެ ޖުމްލަ އަދަދު، މި ދެންނެވި 5 އަހަރު، އެއީ ރައީސް ނަޝީދުގެ 3 އަހަރާއި، ރައީސް ވަޙީދުގެ 2 އަހަރު. 105 މިލިއަން ދިވެހި ރުފިޔާ އިނގޭތޯ.

އަޅުގަނޑުމެން މަސައްކަތް ފެށީ، ބަޖެޓުގެ މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދި ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަ އަޑުއައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ގާތްގަނޑަކަށް އޮނަތިރީސް ހާސް މިލިއަން ރުފިޔާގެ ދަރަންޏާއެކީ. އެހެންވެގެން، އަތޮޅުތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި، މި ދެންނެވި ގޮތަށް ވީރާނާވެ ހަލާކުވަމުންދާ އެތައް ބައިވަރު ކަންކަމަކަށް އެޑްރެސް ކުރަމުން، ދަރަނި ފިލުވަމުން، އަދި ބޭރުން އަޅުގަނޑުމެން ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދަމުން، އަޅުގަނޑުމެން އަމިއްލަ މަރުކަޒީ ބޭންކުންނާއި، އަޅުގަނޑުމެން އަމިއްލަ ބޭންކްތަކުގެ އިތުބާރު ހޯދަމުން އަޅުގަނޑުމެން މި އިޤްތިޞާދު ބިނާކުރަމުން، އާރާސްތު ކުރަމުން ދާންޖެހުނީ.

އެހެންވީމާ، ފުރަތަމަ ދެ އަހަރަކީ، ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ އެހާ ފަސޭހަކަމާއެކީ އަޅުގަނޑުމެންނަށް ކަންކަން ކުރެވުނު ދެ އަހަރެއް ނޫން. ވަރަށްގިނަ މަސައްކަތްތަކެއް އޭރު ހުރި ކަންކަން ފިލުވަން. މުޅި ނިޒާމުގެ އާބާތުރަ ފިލުވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރީ. ބޭންކްތަކުގެ އިތުބާރު ހޯދަންޖެހުނީ. ރާއްޖެއިން ބޭރުން އަޅުގަނޑުމެންނަށް ފައިސާދޭ، އެހީދޭ ފަރާތްތަކުގެ އިތުބާރު ހޯދަންޖެހުނީ. މިކަހަލަ ވަރަށްގިނަ ކަންތައްތަކެއްގެ ތެރޭގައި އަޅުގަނޑުމެން އުޅުނީ.

އެހެންވިޔަސް ދަންނަވާލަން މިއުޅެނީ ފުނަދޫގައި މި ހުރިހާ ކަމެއް ފުރިހަމަވެގެން ގޮސްފައި އޮންނައިރުވެސް، މިދިޔަ ދެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފުނަދުއަށް މިއޮތީ 105 މިލިއަން ހޭދަކުރައްވާފައި. އެއީ ނިސްބަތުން ވަރަށްބޮޑު އަދަދެއް. އެއް ރަށަކަށް ޚަރަދުކުރަން ވަރަށްބޮޑު އަދަދެއް. ވަރަށްބޮޑު ހޭދައެއް. އެކަމަކު އެއާއެކީވެސް ދަންނަވާލާނަން. އަޅުގަނޑުމެންގެ މި ހިނގާ ފަސް އަހަރުގެ ތެރޭގައި، އެއަރޕޯޓްގެ މަޝްރޫޢުގެ ބޭރުން ފުނަދުއަށް ކޮށްދެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި އެބައުޅޭ 145 މިލިއަން. އެއަރޕޯޓަށް ދާނެކަމަށް އަޅުގަނޑުމެން އަންދާޒާ މިކުރަނީ 125، 130 މިލިއަން. އެހެންވީމާ، މި ފަސް އަހަރުގައި ފުނަދުއަށް އެކަނި 275 މިލިއަން.

އެހެންވީމާ، ވިސްނާވަޑައިގަންނަވާ! ފުނަދުއަކީ 2008 ވަނަ އަހަރު އައިއިރުވެސް، މި ދެންނެވި ކަހަލަ ވަރަށްގިނަ ވަސީލަތްތަކެއް، ރާއްޖެތެރޭގެ އެހެން ރަށްރަށުގެ މީހުން ކޮންމެވެސްވަރަކަށް އެކަމާ ދޭތެރޭގައި ވިސްނައި ތުންފިއްތާ ހާލަތުގައި އޮތް ރަށެއް. އެހާވަރަށް މިތަނުގައި ކަންތައްތަކެއް އެބަހުރި. ދެން އުތުރުގައި ހަމަ އެގޮތަށް، ދިއްދޫގައިވެސް ހަމަ ހުންނާނެވެސްމެ. އެކަމަކު އެއާއެކީވެސް އޭގެކުރީގެ ފަސް އަހަރު 105 މިލިއަން ހޭދަކޮށްފިއޭ. މި ސަރުކާރުން އެކަނި މި ފަސް އަހަރުގެ ތެރޭގައި، 275 މިލިއަން ހޭދަކޮށްފިއޭ.

އެހެންވީމާ، ފުނަދޫގައި ކަންތައްތަކެއް ވެގެން މިދަނީ. ކަންތައްތަކެއް ވެގެންދާއިރު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އެއަރޕޯޓެއް އަޅައި ނިމުނީމާ، އެ ހިސާބުން މި މަސައްކަތް ނިމުނީކީ ނޫން ދޮގެއްތޯއޭ. އެއަރޕޯޓަށް އުދުއްސެން ފެށޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު މި އިވިގެންދަނީ އޮގަސްޓު މަހުގެ ތެރޭގައި. ނޫނީވިއްޔާ ސެޕްޓެންބަރު މަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އެއަރޕޯޓްގެ އުދުހުންތައް ފެށިގެންދާނެ. އެމް.ޓީ.ސީ.ސީ އިން އެ ވިދާޅުވާގޮތަށް، އެބޭފުޅުންގެ މަސައްކަތްޕުޅު ގެންގޮސް ނިންމަވައިލަދެއްވައިފި ކަމަށްވަންޏާ، ހަމަ އެކަން އެހިސާބަށް ގެންދެވޭނެ. ދެން އެމް.ޓީ.ސީ.ސީ އަށް މި މަސައްކަތް ކުރެވޭއިރު، އަޅުގަނޑުމެން ހަމަ ދަންނަވާލާނަން، ކީއްވެގެންތޯ އަޅުގަނޑުމެންނަށް ވަގުތު ނެތޭ، މި ވާހަކަ މި ދައްކަނީ. މި އެއަރޕޯޓަށް ބަލައިފި ކަމަށްވަންޏާ، މިއީ ރާއްޖޭގެ އުތުރުގައި އެޅޭ ދެވަނަ އެއަރޕޯޓެއް މިހާރު މި ޒަޢާމަތުގައި. ކުޅުދުއްފުށީގައި އެއަރޕޯޓްގެ މަސައްކަތް ކުރަމުން އެދަނީ. ކުޅުދުއްފުށީގެ އެއަރޕޯޓަކީ މިއަށްވުރެ މާއުނދަގޫ އެއަރޕޯޓެއް. އެއީ ޗަސްބިން ހިއްކައި، އަދިވެސް މިއުޅެނީ ޗަސްބިންގެ ޗަހުން ސަލާމަތްނުވެގެން، ކިސަޑުން ސަލާމަތްނުވެގެން. އެހުރިހާ ކަމެއް ކުރަމުން އެތާ އަޅުގަނޑުމެން މަސައްކަތް ފެށިއިރު ހިއެއްނުކުރަން، އެހާ ޗެލެންޖިންގ ތަނަކަށް ކަމަކަށް. އެކަން ކުރަމުން، މިތަނުގެ އެއަރޕޯޓްގެ މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން ހަމަ ވަގުތުނެތޭ ދަންނަވާލާ ސަބަބު މި ދަންނަވަނީ.

ރާއްޖޭގެ އެކި ހިސާބުގައި މާލެއާއެކީ ރާއްޖޭގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް އެބަ ހިނގަމުންދޭ. ޚުދު އެއަރޕޯޓްގެ މަޝްރޫޢުތަކަށް ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ އެއަރޕޯޓްގެ ހުރިހާ ތަނެއްގެ ބިން ހިއްކަން އެމް.ޓީ.ސީ.ސީ އަށް ދޭން. އެއީ ސަރުކާރު ކުންފުންޏެއް. އެއާއެކީ ސަރުކާރުގެ ޙިއްޞާދާރު، ނޫނީ ދިވެހި ރައްޔިތުން ޙިއްޞާދާރުންގެ ގޮތުގައި ތިބީ. އެކަމަކު އެމް.ޓީ.ސީ.ސީ.ގެ އެމް.ޑީ އާއި، ޑެޕިއުޓީ އެމް.ޑީ މިތާ އެބަ ތިއްބެވި. މިނިސްޓަރ ޒަމީރު މިތާ އެބަ އިންނެވި. އަޅުގަނޑު އެއަރޕޯޓްތައް ރާއްޖޭގެ އެކި ހިސާބަށް ގެންދަން ޝައުޤުވެރިކަން ހުންނަވަރުން ހަމަ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރާއްޖޭގެ އެކި ހިސާބަށްދާ އެއަރޕޯޓްތަކުގެ ޕްރޮގްރެސް އެބަ ގެންނަން. ސްޓޭޓަސް އެބަ ގެންނަން. ގެންނަން ބަލާއިރު، އަޅުގަނޑުމެންގެ ދެންހުރި އެއަރޕޯޓްތަކަށްވެސް، އެމް.ޓީ.ސީ.ސީ މިވަގުތު އުޅެންޖެހޭ ބުރަކަމުންނާއެކީ، މަސައްކަތުގެ ބުރަކަމުންނާއެކީ، އަޅުގަނޑަކަށް ނެތް އެމް.ޓީ.ސީ.ސީ.ގެ އެއް މަޝްރޫޢު ނިމުނީމާ އަނެއް މަޝްރޫޢު އެމް.ޓީ.ސީ.ސީ އަށް ދޭކަށް ލަސްކުރެވޭކަށް. އެހެންވީމާ، އެއްފަހަރާ އަނެއްކާ އެއަރޕޯޓްތައް ހަދަން އަނެއްކާވެސް ރާއްޖެއިން ބޭރުގެ ފަރާތްތައް ހޯދައިގެން އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން. މިސާލަކަށް، ދެކުނުގެ ބައެއް ދިމަދިމާގައި އެއަރޕޯޓް. އަޅުގަނޑުމެން ކުރިން އެމް.ޓީ.ސީ.ސީ އަށް ދޭން ނިންމީ ޑްރެޖިންގއާ، ހުރިހާ ކަމެއް އެހެން ނޫންތޯ. އެހެންނަމަވެސް، އެއަށް މަޑުކުރާކަމަށްވަންޏާ، އަޅުގަނޑަށް އެބަ ގެއްލިގެންދޭ ހަތަރު މަސް ދުވަސް.

އެހެންވީމާ، އެއަރޕޯޓެއް ކަހަލަ ބޮޑު ބިޔަ މަޝްރޫޢެއް އަޅާއިރު، ހަތަރު މަސްދުވަސް ގެއްލިގެންދާއިރު، މިހާރު އަޅުގަނޑުމެންނަށް މިއީ ރަން ވަގުތުތަކެއް ކަމަށް އަޅުގަނޑުމެން މިދެކެނީ. މީގެކުރީގައި އަޅުގަނޑުމެން އެހެނެއް ނުދެކެމު. ހަތަރު މަސް ދުވަހަކީ ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ސިޓީ ފޮނުވާލާފައި، އަދި ވެރިޔަކަށް ހުންނަވާ ބޭފުޅަކު، އެ އޮފީސްތަކުގައި ވެރިޔަކަށް ހުންނަވާ ބޭފުޅަކު، އާނ މިތަނަށް ސިޓީއެއް އައިސްފިތަ، ބަލައިލާނަމޭ. އެވަރުގެ ޖަވާބެއް ދެއްވަން ހަތަރުމަސް ދުވަސް ނަގާނެ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް އެއަރޕޯޓް ކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކާ ހަމައަށްދާއިރު، ހަތަރު މަސްދުވަސް ގެއްލިގެން ދިޔުމަކީ އަޅުގަނޑުމެން ދެކެނީ، ހަމަ ކޮށްގެން ހެޔޮވާވަރުގެ ކަމެއްނޫނޭ.

އެހެންވީމާ، ކިތަންމެވަރަކަށް ސަރުކާރުގެ ކުންފުނިތަކަށް މަސައްކަތް ދޭން ބޭނުންވިޔަސް، އަޅުގަނޑު މިއީ ސަރުކާރުގެ ކުންފުނިތަކަށް ވަރަށް ތާއީދުކުރާ މީހެއް. އަބަދުވެސް ތާއީދު ކުރަމުން އައި މީހެއް. އެހެންވީމާ، އަޅުގަނޑު އެމް.ޓީ.ސީ.ސީ އަށް މިހުރިހާ މަސައްކަތެއް ދޭން ބޭނުންވީ. އެހެންނަމަވެސް، އެމް.ޓީ.ސީ.ސީ.ގައި އެކަމަކު މިއަދަކު ނެތް އެ ކެޕޭސިޓީއެއް، އެއްފަހަރާ ހައެއްކަ، އަށެއްކަ އެއަރޕޯޓްގެ މަސައްކަތް ކުރައްވާކަށެއް. އެހެންވީމާ، އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ އަށް ބައެއް މަސައްކަތް ދެމުންދާއިރު، ހަމަ ބޭރުގެ ފަރާތްތައް މި ގެންނަނީ. ބޭރުގެ އިންވެސްޓަރުން ގެންނަން މިޖެހެނީ އެހެން އެއަރޕޯޓްތައް ހަދަން.

އެއީ މި ވަގުތުގެ މައްސަލަ ދިމާވާ ކަމެއް. ޙަޤީޤަތުގައި ބައެއް މަޝްރޫޢުތައް ލަސްވެގެން މިދަނީވެސް އެހެންވެގެން. އަދިވެސް ރަށްރަށަށް އައިމާ، މި ރަށުންވެސް އަޅުގަނޑަށް ޔަޤީން، އަޅުގަނޑު ދެން ނުރަސްމީކޮށް ބައްދަލުކުރާއިރުވެސް، މި ރަށުގައި ދެންވެސް ބޭނުންވެފައި ހުރި ކަންތައްތަކުގެ އިލްތިމާސް އަޅުގަނޑާ ހަމައަށް އަންނާނެ. އަޅުގަނޑު ބަލައިގަންނާނަން.

އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރަށުގެ ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ، މި ރަށަށް މި އަންނަ ތަރައްޤީ. މި ރަށަށް އައިސްފައި ހުރި ކަންތައްތައް. ދެން އަޅުގަނޑުމެން ތަރައްޤީ އަންނަންވީ އަޅުގަނޑުމެން ވިސްނާ ވިސްނުމަށޭ. އަޅުގަނޑުމެންގެ ވިސްނުން ސީދާކުރަންވީ. ކިހިނެއްތޯ އަޅުގަނޑުމެން މި ތަރައްޤީ ދަމަހައްޓާނީ. ނޫނީ މި ތަރައްޤީއާއެކީ އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ ރާސްތާ އަޅުގަނޑުމެންނަށް ފެންނަނީ ކިހިނެއްތޯ. މިއީކީ ކުރެވޭ މަސައްކަތާއި، މަސައްކަތް މިހާރު ކުރެވޭ މިންވަރާއި، އަދި ދައުލަތުގެ ހޭދަކުރުމުގެ ޤާބިލިއްޔަތުކަމާއި، އަދި ދައުލަތުގެ އިޤްތިޞާދުގެ ހަރުދަނާކަމާ، މިކަންކަމަށް ބަލާއިރު މިއީކީ ޖަވާބުދޭން ދަތި ސުވާލެއްނޫން. މިއީ ޖަވާބުދޭން ވަރަށްފަސޭހަ ސުވާލެއް. އެކަމަކު ސިޔާސީ ފިކުރަށް ބިނާކޮށްފައި މިކަން ކުރާކަމަށްވަންޏާ، ސިޔާސީ ފިކުރުގައި ތަފާތު ޚިޔާލު އުޅޭނެ. އެކަމަކު ރައްޔިތުންގެ ބޮޑު މަޞްލަޙަތާ ގުޅޭ ކަންކަން، ދައުލަތް ކުރިއަށްދިޔުމާބެހޭ ކަންކަން، ރަށަކަށް އަންނަންވާ ތަރައްޤީއާބެހޭ ކަންކަން ނިންމާނީ ސިޔާސީ ވޯޓަކުންނެއް ނޫން. އެކަން މިނަންވާނީ، ރައްޔިތުންގެ ހިތްހަމަޖެހުން، ރައްޔިތުންގެ އުފާވެރިކަން، ރައްޔިތުންނަށް ކަންކަން ފުދިގެންދަނީ ކިހާ މިންވަރަކަށް، ކޮންގޮތަކަށްތޯ. އެހެން މި ދެންނެވި ސަބަބުވެސް ތިޔަބޭފުޅުންނަށް ދަންނަވާލާނަން.

އަޅުގަނޑު ސަބަބެއްނެތިއެއްނޫން، މި ތަފާސް ހިސާބުން މި ފެށީކީ. އެއް ފަސް އަހަރެއްގައި 105 މިލިއަނެއްގެ ވާހަކަ އަޅުގަނޑު މި ދެއްކީ. މި ހަތަރު އަހަރު ބައިގެ ތެރޭގައި މި ދައްކަނީ 275 މިލިއަންގެ ވާހަކަ. އެހެންވީމާ، މި ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، އެއްގޮތަކަށްވެސް އުނދަގުލެއްނުވާނެ، ދެން އަޅުގަނޑުމެންގެ ސިޔާސީ މިޞްރާބު ކަނޑައަޅަންވީ ކޮން ދިމާއަކަށް، ކޮން މިޞްރާބަކަށްކަން، މި ރަށުގެ ރައްޔިތުންނަކަށް އޮޅިވަޑައިގެނެއް ނުވާނެ. ދެން ހުރީ މި މަސައްކަތް ދެމެހެއްޓުމަށް ކުރާ ކަންތައް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި މި ދައްކަނީ ހއ. އާއި، ހދ. އާއި ށ. މިއީ އަޅުގަނޑުމެން ދެކޭގޮތުގައި ވެއްޖިއްޔާ، ޓޫރިޒަމްގެ ތަރައްޤީ، ނޫނީވިއްޔާ ޓޫރިޒަމްގެ ޞިނާޢަތުގެ ޖާގަ އޮތް ތަނެއްކަމަށް. އަޅުގަނޑުމެން މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ޓޫރިޒަމްގެ ރަށްތައް އިޢުލާނު ކުރަމުން ދިޔައިރު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ކުޅުދުއްފުށި، ނޫނީވިއްޔާ މިކަހަލަ އުތުރުގެ ކޮންމެވެސް ރަށެއްގައި ދައްކަމުން ގެންދިޔަ ވާހަކައެއްގައި، ހަމަ މިކަހަލަ ޕޯޑިއަމެއްގައި އަޅުގަނޑު ބުނިން، ދެން ސަރުކާރުން ގެޒެޓްކުރާ ރަށްރަށުގެ ތެރޭގައި، ބޮޑު ބުރައެއް ދޭން އޮންނާނީ، ނޫނީވިއްޔާ ބޮޑު އިސްކަމެއްދޭނީ އުތުރުގެ މި ތިން އަތޮޅަށޭ. އަޅުގަނޑުމެން އެކަން ގެންދިޔައީ އެގޮތަށް. އަޅުގަނޑުމެން އެކަން ގެންދިޔައީ ހއ. އާއި ހދ. އާއި ށ. ހިމެނޭގޮތަށް. މިހާރުވެސް ގެޒެޓްގައި ހުރި ރަށްރަށް، ޓޫރިޒަމްގެ ރަށްރަށަށް ބޭރުގެ އިންވެސްޓަރުން ފައިސާ ހިފައިގެން އައިސް، އެ މަސައްކަތް ކުރަން. އަދި ދިވެހި އިންވެސްޓަރުންވެސް. އޭގެ ބޮޑުބައި އެއޮތީ މި ތިން ރަށަށް.

އަދި ހަމައެގޮތަށް، ހދ. މަކުނުދުއަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި، މަކުނުދޫގެ ރައްޔިތުންވެސް އެދިވަޑައިގެންނެވި. ހަމަ އެދިވަޑައިގެންނެވި ރަށް އަޅުގަނޑުމެން އެއޮތީ ގެޒެޓްކޮށްދީފައި. އެހެންވީމާ، ޓޫރިޒަމްގެ ޝައުޤުވެރިކަން ހުންނަ ފަރާތްތައް، ބޭރުންވިޔަސް، އެތެރެއިންވިޔަސް ވަޑައިގަންނަވާފައި، ދެން އަޅުގަނޑުމެން މި ޓާގެޓްކުރާގޮތަށް މިކަން ގެންދެވެނީ. މިކަން ޙަޤީޤަތުގައި ފަސޭހަވެގެން މިދަނީ މިކޮޅުގައި އެއަރޕޯޓެއް ހެދުނީމާ. އެހެންވީމާ، ށ.ގައި އިރުމަތީ ބިތުގައި އެއަރޕޯޓެއް އިރާދަކުރެއްވިއްޔާ މިއަދު މި ރަންވޭ ސަރފަސް ލޭން، ނޫނީ ރަސްމީކޮށް އެކަން ކުރަން ކުރުން އަޅުގަނޑުމެން ފާހަގަކުރަނީ. މި އުފަލުގައި ތިޔަބޭފުޅުންނާއެކީ އަޅުގަނޑު ބައިވެރިވަން.

ހަމައެހެންމެ، މިއަދު ހެނދުނު އަޅުގަނޑު ބިލެތްފަހީގައި އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ ބިލެތްފަހީގައި އެ ބިތުގައި އަޅުގަނޑުމެން އެއަރޕޯޓެއް އަޅާނަމޭ. އެ ބިތުގައި އެއަރޕޯޓެއް އެޅުމުގެ ބޭނުމަކީވެސް މި ދެންނެވި ގޮތަށް، މި އަތޮޅަކީ ޤުދުރަތީ ގޮތުން އިރުމަތި، ނޫނީވިއްޔާ އިރުވައި ތޮށްޓަކާއި ހުޅަނގު ތޮށްޓަކާ އޮންނަ އަތޮޅެއް މި އަތޮޅަކީ. އެހެންވީމާ، މި ދެ ބިތުގައި ހުރި ރަށްތަކަށްވެސް ޓޫރިޒަމްގެ ތަރައްޤީ އެބަ އަންނަންޖެހޭ. ޓޫރިޒަމްގެ ތަރައްޤީ އައުމަކީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ މުޅި ރަށަށް އޭގެ ފައިދާ ލިބިގެންދާނެ ކަމެއް. ފަރުދުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމެއް. އަދި އެއާއެކީ އަޅުގަނޑުމެން ވިސްނާ މިންވަރާއި، އަދި އަޅުގަނޑުމެން އުންމީދުކުރާ އުންމީދު ކުރުން، އެއީ އަމިއްލަ ހޭދަކުރުމަށް ބަލައިލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އަމިއްލައަށް ހޭދަކުރާ ކުރުމަށްވެސް ބަދަލުތަކެއް އަންނާނެ. ބާރަސޭތަކަ ރުފިޔާ، ތޭރަސަތޭކަ ރުފިޔާ، ހަތަރުހާސް ރުފިޔާ މުސާރަ ލިބިގެން ގޭގެ ޚަރަދު ދެކޮޅުޖައްސަން މަސައްކަތްކުރާ މީހަކަށް، އަށްހާސް ރުފިޔާ ލިބުނީމާ، އޭނާގެ ބޭނުންތައް އުފުލިގެންދާނެ. އޭނާ އިތުރަށް ބޭނުންވާ ކަންކަން އިންތިހާއަށް އިތުރުވެގެންދާނެ. މި އަޅުގަނޑު ބޭނުންވަނީ ދިވެހިންގެ ވިސްނުމުގައި ހުންނަން. އަޅުގަނޑުމެންގެ ވިސްނުމުގައި ހުންނަންޖެހޭނީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޙާލަތު، މިހާރު އޮތް ޙާލަތުން މިއަށްވުރެ ކުރިއަށްދާން އަޅުގަނޑުމެން ބޭނުމޭ. އެ ރޫޙާއި އެ ޢަޒުމު އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓޭ.

އަޅުގަނޑުމެން ވިސްނައިގެން ނުވާނެ، އަޅުގަނޑުމެން މިހެން ތިއްބައި، ކޮންމެވެސްކަހަލަ ނަޞީބެއްގެ ތެރެއިން އަޅުގަނޑުމެންގެ ކަންކަން ރަނގަޅުވެގެން، ބަދަލުވެގެން ހިނގައިދާނެ ކަމަކަށް. އެއީ ބައެއް ބޭފުޅުންގެ މެނިފެސްޓޯގައި ލިޔުއްވާފައި ހުންނަ ވާހަކަތައް. އަޅުގަނޑުމެން މެނިފެސްޓޯގައި ލިޔަނީ ޙާލަތު އެނގިގެން، އެ ޙާލަތު ބަދަލުކުރަން ބޭނުމޭ. އެ ޙާލަތު ބަދަލުކުރަން ބޭނުންވަނީ ރައްޔިތުންގެ ތަރައްޤީއަށްޓަކައޭ. އަދި އެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އެންމެ ދުވަހެއްވެސް ނަގާލާކަށް ބޭނުމެއްނޫނޭ. އެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ބޭރުން ލޯނުވެސް ނަގާނަމޭ. އަދި ދައުލަތުން މި ހޭދަކުރާއިރު، ސަރުކާރުގެ ޓްރެޜަރީ، ނޫނީވިއްޔާ ސަރުކާރުން ދައްކަންޖެހޭ ފައިސާ، ބޭރަށް ދައްކަންޖެހޭ ލޯނުވެސް ހުންނާނެއޭ. އެކަމަކު ފުރަތަމަ ފެށިއިރު، ސުމަކުން ފަށާއިރު އޮނަތިރީސް ހާސް މިލިއަން، 29 ބިލިއަންގެ ދަރަންޏަކާއެކީ އުޅެފައި، އެ ދަރަނި އަދާކޮށް ނިންމާފައި، މިހާ ހިސާބަށް އައިއިރު، ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގައި އިރުހުރަހަށް، އުތުރު ދެކުނަށް ތަރައްޤީގެ މަޝްރޫޢުތައް ދާއިރު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެވަރަކަށް ޖެހިލުމެއްނުވޭ. އަޅުގަނޑުމެން މިދޫކުރާ ދަރަނި އަދާކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ހުންނާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ސުވާލެއް ނުއުފެދޭ.

އެ ވާހަކަ މި ދަންނަވާލި ސަބަބަކީވެސް އަޅުގަނޑުމެން މި ހިންގާ މަޝްރޫޢުތަކުގައި، އަޅުގަނޑަށް އެއްގޮތަކުން ވަރަށް ފަސޭހަވެއްޖައީސްކަންނޭނގެ، ލޯނެއް ނުނަގައި، އެހެން ގޮތެއް ނުހަދާ ހަތަރު މަސްދުވަސް ދަންމާލައިފި ކަމަށްވަންޏާ ވަރަށް ފަސޭހަ. އެކަމަކު ހަތަރުމަސްދުވަސް ދަންމާލައިފި ކަމަށްވަންޏާ، ށ. އަތޮޅު ފުނަދުއަކަށް އެކަން ފަސޭހައެއްނުވާނެ. ރައްޔިތުންނަކަށް އެކަން ފަސޭހައެއްނުވާނެ. އެހެންވީމާ، ރައްޔިތުން ވިސްނާވަޑައިގަންނަވަންވާނީ، މި އަންނަ ތަރައްޤީއާއެކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒު، ނޫނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން ހުރީ ކޮން ދިމާއަކަށްތޯ. ބިލެތްފަހި ވެގެންދާނެ، އެ ބިތުގެ އިޤްތިޞާދީ ނާރެހަކަށް. ސަބަބުތައް އަޅުގަނޑު ކިޔައިދިނިން. އަޅުގަނޑު ދަންނަވާކަށް، ތަކުރާރު ކުރާކަށްނެތިން، ވަގުތު ސަލާމަތްކުރާނަން. އެކަމަކު ހަމަ އެއާއެކީ މި ބިތުގައިވެސް މިއޮތީ ތަރައްޤީގެ މަސައްކަތްތައް ފެށިފައި. ތަރައްޤީގެ ނާރެހަކަށް މިކަން ބަދަލުކޮށްލެވޭނެކަން އަޅުގަނޑުގެ ހަމަ ޚިޔާލުގައި އެއަށް ޖާގަ އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވޭ. މިތަނުގައި އެއަރޕޯޓެއް ހެދުމާއެކީ، އަޅުގަނޑުމެންގެ ދަތުރުފަތުރުގެ އިތުރަށް، އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ އުދުހުމުގެ އިތުރަށް، މި ހުޅުވައިލެވިގެންދަނީ މި ތަނުގެ އެކިއެކި އިންވެސްޓްމަންޓްތަކަށް މި ފުރުޞަތު ލިބިގެންދަނީ.

އަދި ހަމަ މިއާއެކީ ވިސްނަންވާނެ، އަޅުގަނޑުމެންގެ ހަނދާނުގައި ނެތީކީވެސް ނޫން. އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުގެ ޗާޓުން އުނިވެގެންދިޔައީކީވެސް ނޫން. އެކަމަކު ސަބަބުތަކެއް ހުރެގެން. އެ ސަބަބުތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮންމެވެސް ފޯރަމެއްގައި ދިވެހި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކީ ދަންނަވާނަން. މިއަދު އަޅުގަނޑަށް އެ ވާހަކަތައް ދެންނެވެންނެތީތީ ހިތާމަވެސް ކުރަން.

އަޅުގަނޑުމެން އައިހެވަން މަޝްރޫޢުގެ މަތިން ހަނދާނެއްނުނެތޭ. އެއީ އުތުރުގެ ތަރައްޤީގެ އެންމެ ވަރުގަދަ މަޝްރޫޢު. އެންމެ ބިޔަ މަޝްރޫޢު. އެ މަޝްރޫޢު ހިނގާނެ އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދައުލަތަކަށް އެންމެ ހައްސާސްވެގެން، އެންމެ އުނދަގޫ ކަންތައްތަކެއް އަންނަނީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންތޯ. އެކަންކަން އެނގިވަޑައިގަންނަވަންޖެހޭ ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ، އައިހެވަންގެ މަޝްރޫޢު ކުޑަކޮށް މަޑުޖައްސާލާފައި އެއޮތީ ކީއްވެގެންތޯ. އެއީ އަޅުގަނޑުމެންނަކީ ބިޔަ ބޮޑު ކަނޑެއްގެ ތެރޭގައި އޮންނަ ޖަޒީރާ ޤައުމަކަށްވާއިރުވެސް އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ބިޔަ ބޮޑެތި ރާޅުތައް ބީއްސާތަން އަޅުގަނޑުމެންގެ ހިތަށް ގެންނަންވާނެ. އަޅުގަނޑުމެން އެކަހަލަ ހާލެއްގައި މި ދަތުރުކުރަނީ، އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ޒަޢާމަތު މި ދަތުރުކުރަނީ އެކަހަލަ ހާލެއްގައި. އަޅުގަނޑުމެން ނިންމާ ކަންކަމާ ދޭތެރޭގައި އެކި ފަރާތްތަކުގެ ފިއްތުންތައް ހުންނަވަރާއި، ބުރަތައް އުފުލިގެންދާ މިންވަރު އަޅުގަނޑުމެންގެ ރައްޔިތުންނަށް އެނގޭ. އެހެންވީމާ، ކަންކަން ކުރުމުގައި ދަތިތަކެއް ހުންނާނެކަން ގަބޫލުކުރައްވާ.

އެހެންވީމާ، މަޞްލަޙަތަށްޓަކައި އަދި އަޅުގަނޑުމެން ވިސްނާ ކަންތައްތަކަކަށް ވިސްނަން މަޖުބޫރުވާތީއާއެކީ، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތައް ނުހިންގެނީ. އެއީ އެއަކަށް ފައިސާ ނެތީމާއެއްވެސްނޫން. އޭގެ އިންވެސްޓް ކުރާނެ މީހުން ނެތީމާއެއްވެސްނޫން. އެހެންވީމާ، އައިހެވަންގެ މަޝްރޫޢުގެ ވާހަކަ މި ދެންނެވީ ހަމަ އުތުރުގެ ތަރައްޤީގެ އެންމެ ވަރުގަދަ ނާރެހަކަށްވާނީ އެ މަޝްރޫޢު ކަމަށްވާއިރު، އަޅުގަނޑުގެ ކްރިޓީކުން، ނޫނީ އަޅުގަނޑަށް ފާޑުކިޔާ މީހުންނަށް މި ވާހަކަ އެނބުރުވުމަކީ ފަސޭހަކަމަކަށް ވެގެންދާނެ. އެކަމަކު ހަމަ އެމީހުންނަށް އެނގޭނެ، ކީއްވެގެންކަން، އެމީހުންގެ ކިހާވަރެއްގެ ދައުރެއްކަން އޮތީ އެ މަޝްރޫޢު ހިންގިޔަނުދޭން އެމީހުންނަށްވެސް އެނގޭނެ.

އަދި ހަމައެހެންމެ، ފ. އަތޮޅުގައި އަޅުގަނޑުމެން ހިންގަން އުޅުނު ބޮޑު ބިޔަ މަޝްރޫޢު، އެއީ އެތައްހާސް މިލިއަން ޑޮލަރެއްގެ މަޝްރޫޢު. ކޮން ބައެއްގެ ހެޔޮއެދުމާއެކީތޯ އެ މަޝްރޫޢު ހިންގިޔަނުދިނުމަށް، ވަކި ފެންވަރެއް ނެތް، ސިޔާސީ ވެރިން، ޤައުމަށް ޚިދުމަތް ކޮށްފައި ތިބި މީހުން، މިކަހަލަ އެތައް ބަޔަކު، އެތައް ބައިވަރު ސުވާލެއް އުފައްދައި، އެތައްވަރަކަށް ހުރަސްއަޅައިގެން އެ މަޝްރޫޢުވެސް ނުހިނގައި ލަސްވެފައި އެއޮތީ. އެހެންވީމާ، އެއްގޮތަކުން ދިވެހިންނަކީ ނަޞީބު ރަނގަޅު ބައެއް. އެއީ އަޅުގަނޑުމެންނަށް ޤުދުރަތީ ވަސީލަތްތައް ﷲ މިންވަރު ކުރައްވާފައި އޮތުމާއެކީ، އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ﷲ އެބަ މަގު ދައްކަވާ. އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނެގޮތް އެބަވޭ. އެކަމަކު އަޅުގަނޑުމެންނަކީ އަޅުގަނޑުމެން އުފައްދާ ބައެއްގެ ސަބަބުން ހާދަހާ ބަދުނަޞީބު ބައެކޭ އިނގޭތޯ. އަޅުގަނޑުމެން ތަރައްޤީގައި ކުރިއަށްދާން މި މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން ކަންކަމަށް ހުރަސްއެޅެނީ.

އެހެންވީމާ، އޭގެ މީހުން ސިޔާސީގޮތުން އިދިކޮޅު މީހުންނަށްވެ، މިއަދު އެ ވާހަކަ ދައްކަނީ، ރައްޔިތުންނަށް ތަރައްޤީ ގެންނަ ވާހަކަ. ރައްޔިތުންގެ ތަރައްޤީ ގެންނަ ވާހަކަ ދައްކާ ކަމަށްވަންޏާ، މީގެކުރީގެ މަޝްރޫޢުތަކާ ދޭތެރޭގައި ކަންކަން ކުރެވިފައި ހުރިގޮތް އެމީހުން އެބަޖެހޭ އެމީހުންގެ ފޮތްތަކުގައި ހިސާބު ހުޅުވާލަދޭން ރައްޔިތުންގެ ކުރިމަތީގައި. ތަރައްޤީގެ ކިތައް މަޝްރޫޢު ހިމެނޭ ކިތައް ބަޖެޓަށްތޯ ވޯޓްދިނީ އެބޭފުޅުން އެބަޖެހޭ ހާމަކޮށްލަދެއްވަން. އެބޭފުޅުން އެބަ ހާމަކޮށްދެއްވަންޖެހޭ، ފ. އަތޮޅުގެ މަޝްރޫޢު ނުހިނގާ އެއޮތީ ކީއްވެގެންކަން. އެއީ އެތައްހާސް ބައެއްގެ ވަޒީފާ. މުޅި ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނެ މަޝްރޫޢެއް، އެ މަޝްރޫޢަކީ. މުޅި ހއ.ގެ ޖިއޮގްރަފީގެ ޓޮޕޯގްރަފީ ބަދަލުވެގެންދާނެ މަޝްރޫޢެއް އައިހެވަން މަޝްރޫޢު އެއީ. އައިހެވަން މަޝްރޫޢާއެކީ އަޅުގަނޑު މި ދައްކަނީ ހަމައެކަނި މި ރަށުގައި އަޅާކަހަލަ އާދައިގެ އެއަރޕޯޓެއްގެ ވާހަކައެއް ނޫން. އެއީ ބައިނަލްއަޤްވާމީ ވަކި ބައްރެއް ގޮތަށް ތަރައްޤީ ކުރަން ޚިޔާލުކޮށްފައި، ހުރިހާ ކަމެއް ނިންމާފައި، ފީޒިބިލިޓީ ޕްލޭނަށް ދަންދެން، ހުރިހާ އެއްޗެއް ނިންމާފައި. މި މަޝްރޫޢުތައް ހުޅުވިގެން ދިޔައިމާ، ދައުލަތަށް އަންނަނީ މުއްސަނދިކަން. ރައްޔިތުންނަށް އަންނަނީ އުފާފާގަތިކަމާއި، މުއްސަނދިކަމާއި ހަމަޖެހުން. އަދި އެއާއެކީ ވަޒީފާގެ ފުރުޞަތު ހުޅުވިގެން އެދަނީ، އަޅުގަނޑުމެން ދުވަހަކުވެސް އުންމީދުނުކުރާ މިންވަރަށް.

އެހެންވީމާ، ކީއްކުރަންތޯ އަޅުގަނޑުމެން ފަޅުގޮވާންކުރާ ވާހަކަ ދައްކަންވީ މަކުނުދޫ ފަޅުތެރޭގައި. އެއީ އަޅުގަނޑުމެން ދައްކާނެ ވާހަކައެއްނޫން. އަޅުގަނޑުމެން ދައްކާ ވާހަކައަކީ، މި ދެންނެވި ކަހަލަ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ރާއްޖެއަކީ ދުނިޔޭގެ ޗާޓްގައި، އެއީ ވައިގެ މަގުން ދަތުރުކުރިޔަސް، އަދި ކަނޑުމަގުން މުދާ އުފުލަން ދަތުރުކުރިޔަސް، ދުނިޔޭގެ ޗާޓްގައި ދިވެހިރާއްޖެއަކީ އޮތް ތަނެއްކަން ފާހަގަކުރެވިފައި، އެންމެ ބޮޑެތި ބޯޓުފަހަރުވެސް، އެއީ އުދުހޭ ބޯޓުފަހަރު ކަމަށްވިޔަސް، ކަނޑަށް ޖައްސާ ބޯޓުފަހަރުވިޔަސް، އަޅުގަނޑުމެން ހުރަސްކޮށްފައި ދާކަމަށްވަންޏާ، އަޅުގަނޑުމެންގެ ބަނދަރަށް ޒިޔާރަތް ކުރަންޖެހޭނެ. އެ ފެންވަރަށް އަޅުގަނޑުމެންނަށް ކަންތައް ކުރެވެންވާނެ. އަޅުގަނޑުގެ މަޝްރޫޢުގައި، އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ތަޞައްވުރުގައި އަޅުގަނޑު ދިވެހިރާއްޖެ އެހިސާބަށް ގެންދަން ބޭނުންވޭ.

ﷲގެ ރަޙްމަތާއެކީ ވައިގެ އުދުހުންތަކަށް ބަލާކަމަށްވަންޏާ، މި ސަރަޙައްދުގައިވެސް އިރާދަކުރެއްވިއްޔާ ހަމަ ނެތްވަރުގެ އެއަރޕޯޓެއް އިރާދަކުރެއްވިއްޔާ މި ނިމިގެން މިދަނީ. އެއާއެކީ އަޅުގަނޑުމެންގެ ފަތުރުވެރިކަން އިތުރުވެގެން އެދަނީ ހަގުނަ، ހަތްގުނައަށް. އެ ފަތުރުވެރިކަމުގެ އެ ދޮރާށި ހުޅުވިގެން ފުނަދުއަށްވެސް މީހުން ޒިޔާރަތް ކުރާނީ. ހަމަ އެ ދޮރާށި ހުޅުވިގެން ގދ. އިން އަޅުގަނޑުމެން މި ހުޅުވާ އެއަރޕޯޓްތަކާއި، އެހެން ރަށްރަށުން ހުޅުވާ އެއަރޕޯޓްތައްވެސް މި ހުޅުވިގެންދަނީ. ޓޫރިޒަމަކީ ޞިނާޢަތް ފެށިގެން ދިޔައިރު، މާލެ ކައިރީގެ ސަރަޙައްދުތަކަށް އެކަނި ޚާއްޞަވެފައި އޮތް ކަމެއް. އެހެންނަމަވެސް، މިއަދު ޓޫރިޒަމްގެ ޞިނާޢަތަކީ ހުރިހާ ދިމާއަކަށް ފާޅުކަން ބޮޑުވެގެންދާ ޞިނާޢަތެއް.

އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް މަޑުމަޑުން އަޅުގަނޑު ނިއުޅުވަމުން މިގެންދަނީ. ކޮންމެ އެހެންކުރާ ދަތުރެއްގައި އަދި މާލޭގައ ބާއްވާ ބައްދަލުވުމެއްގައި އަޅުގަނޑު ކޮންމެވެސް އެއްކަމެއް، ދެކަމެއް އަޅުގަނޑު ދަންނަވަމުން ގެންދާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައިވެސް، މިރަށުގެ ގިނަ ބޭފުޅުންގެ ރައްޓެހިންތަކެއް، މާލޭގެ ޝަރަފުވެރި ބޭފުޅުންގެ ތެރޭގައި، އެކިއިރު ސަރުކާރުގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި އެ ތިއްބަވަނީ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރަން މިތަނަށް އައިމާ އެކަން އިޙްސާސް ކުރެވުނު. އަދި ރިޔާސީ އިންތިޚާބުގައި ލިބުނު ވޯޓުގެ ނަތީޖާއަށް ބަލާއިރު، އަޅުގަނޑަށް އެކަން ފެނިގެންދިޔަ. އެކަމަކު ތިޔަބޭފުޅުންނަށް ހުރިހާ ކަމެއް އަޖުމަ ބެލުމުގެ ފުރުޞަތު ލިބިއްޖެ. ވަގުތު ތިޔަބޭފުޅުންނަށް އެ ޖާގަދީފި.

އެހެންވީމާ، މިއަދު ވިސްނަންވީ ކޮންމެ މީހަކު ލާ ވޯޓަކީ އަޚަކަށް، އުޚުތަކަށް، ރައްޔިތަކަށް ލައިދެވޭ ވޯޓެއް ކަމަށް ވިސްނާވަޑައިގެންނެވުން. އެއީ ރަށުގެ ތަރައްޤީއަށް، ރަށުގެ ހަމަޖެހުމަށް، ރަށުގެ ދީން، އިސްލާމްދީނުގެ ގޮތުގައި އޮތުމަށްޓަކައި އަދި އަޅުގަނޑުމެންގެ މި ތަރައްޤީއަށް މިކުރާ މަސައްކަތް ދެމެހެއްޓުމަށްޓަކައި ލާ ވޯޓެއް ކަމަށް ދެކެވަޑައިގަންނަވާ. އެއީ ސިޔާސީ ވޯޓެއް ކަމަށް ދެކެވަޑައިނުގަންނަވާ ސިޔާސީ މަސައްކަތަށް ވޯޓުލުމަކީ. އެހެންވީމާ، އެ ސިޔާސީ މަސައްކަތް އެހާ އިޙްތިރާމު ލިބިގެންވާ، އެހާ ރައްކާތެރި މަސައްކަތަކަށް ސިޔާސީ މަސައްކަތުގައި ވޯޓުލުންވާތީ، ސަރުކާރުން ހުއްޓުވީ ބާލިދީގައި ވޯޓު އަޅައިގެން ގެންދާ ގެންދިޔުންވެސް. އެއީ އެ އިންތިޚާބު ހުއްޓުވާކަށެއް ނޫން. ބާލިދީގަޔާއި، ލަކުޑި ބުރިބުރީގަޔާއި، ލަކުޑި ފޮށީގަޔާއި، އުވަގަށާ މެޝިންގަޔާއި، ސިމެންތި ގަށާ މެޝިންގައި ގެންދިޔައިމާ އެއީ ވޯޓަށް އޮންނަ އިޙްތިރާމާއި ކަރާމާތް ކެނޑިގެންދާ ކަމެއް.

އެހެންވީމާ، މިހާރު މި ލާ ވޯޓާ ހަމައަށްދާއިރު ވިސްނަވާ، މިއީ ކޮންބައެއްގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަންކަމެއްތޯ. މިއީތޯ އަޅުގަނޑުމެންގެ މުއައްސަސާތަކާ ދޭތެރޭގައި އަޅުގަނޑުމެން ކަން ކުރަންވީ ގޮތަކީ. ރައްޔިތުން އެ ވޯޓަކަށް އިތުބާރުކޮށް، އެ ސިއްރު ވޯޓަކަށްވަނީ ކީއްވެގެންތޯ، އަދި ރައްޔިތުން އިޚްތިޔާރުކުރާ ގޮތެއް، ހާމަކަން އޮންނަ ގޮތެއްގައި އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ވޯޓުގެ ނަތީޖާ ފެނިގެން ދިޔައިމާ.

އެހެންވީމާ، މި ރަށުގައި އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު ބޭނުން، މި ރަށުގެ ހުރިހާ ރައްޔިތުންނާ ވަރަށް ގާތްވާން. އެކަމަކު އެއާއެކީގައިވެސް އަޅުގަނޑުމެންގެ މިރަށުގެ ރައްޔިތުންގެ ކުރީގައި ހުރި ގުޅުންތަކާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. ދެވަނަފަހަރު އެކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، އަޅުގަނޑު މި ދަންނަވާ ވާހަކައެއް މުރާޖަޢާކޮށްލައްވާ.

އަޅުގަނޑުމެން ވޯޓްލާންވީ އަޅުގަނޑުމެންގެ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމުގެ ތަރައްޤީއާއި، މިހިސާބަށް އަންނަ ތަރައްޤީއާއި، ކޮންމެ ފަރުދަކަށް އަންނަ ތަނަވަސްކަމާއި، ބޮޑެތި ބިޔަ މަޝްރޫޢުތައް މި ފެށިގެންދަނީ ކީއްވެގެންތޯއާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ހަލާކުވެގެންމިދާ ފޭރާން، ވީދެމުންދާ  ފޭރާން ވީދުނަނުދީ ހިފެހެއްޓުމަށާއި، ރައްޔިތުން، އަޅުގަނޑުމެންގެ ގިނަ ބަޔަކު އެކަންކަމަށް ލަޢުނަތްދޭ ކިތަންމެ ކަމެއް ހުއްޓުވާލާށާއި، އަދި ބޮޑެތި ޙައްޤުތަކަށް، މީހުންގެ ޙައްޤުތަކަށް އަރައިގަތަނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކެއް، ސަރުކާރުން މި ކުރަނީ. މިއިން އެއްވެސް ކަމަކީ އޭގެ ޒާތުގައި ރައީސް ޔާމީނަކަށް، ނޫނީ އަޅުގަނޑުގެ ކެބިނެޓްގައި ހިމެނޭ ވަކި ބޭފުޅަކަށް، ޝަޚްޞަކަށް އެއިން ހަމަ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއްނޫން. މި ހުރިހާ ކަމެއް ކުރަމުންދާއިރުވެސް، އަޅުގަނޑުމެންގެ އަބުރަށް އަރައިގަތުމަށް ކުރާ މަސައްކަތް ކުރާނެ. އެކަމަކު އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި، އެމީހުންނާ ދޭތެރޭގައި ޝަރީޢަތް ހިންގައި، ތަޙުޤީޤު ހިންގާ، އެއީކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއްނޫން.

އެހެންވީމާ، ރައްޔިތުން އެބަ ގަބޫލުކުރައްވަންޖެހޭ، މިފަހަރު މި ލާ ވޯޓަކީ ސިޔާސީ ވޯޓެއްނޫން. މިއީކީ ސިޔާސީ މަސައްކަތެއް ނޫން މި ކުރަނީ. މިކުރާ މަސައްކަތަކީ އަޅުގަނޑުމެންނަށް ކުރީގައި ތަޖުރިބާ ކުރެވިފައި އޮތީމާ، އަނބުރާ އެކަހަލަ ދުވަސްތަކެއް އިޢާދަކުރިޔަ ނުދިނުމަށްޓަކައި. އަދި އަޅުގަނޑުމެންގެ ރަށަށް އަންނަންވާ ތަރައްޤީ އައުމަށްޓަކައި އަޅުގަނޑުމެންގެ ޤައުމު، ދުނިޔޭގެ ދައުލަތްތަކުގެ ތެރޭގައި ހިމެނުމަށްޓަކައި ކުރާ މަސައްކަތެއް. ކޮން ބައެއްތޯ އެންމެ ބޮޑަށް އަތްޖަހައި އުފާފާޅުކުރީ، އަޅުގަނޑުމެން މިފަހަރު އ.ދ.ގެ ސަލާމަތީ މަޖިލީހަށް ހޮވުމަށްޓަކައި ކުރި މަސައްކަތުން އަޅުގަނޑުމެންނަށް އެކަމުން ނާކާމިޔާބުވެގެން ދިޔައިމާ. އެއީ ދިވެހިރާއްޖެއަށްވާތީ އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ ކަމެއްތޯ، އުފާކުރަންޖެހޭ ކަމެއްތޯ. ކޮންބައެއްތޯ އެކަމާ އެންމެ އުފާކުރީ؟ އެކަމަކު އެ ގޮނޑީގެ ފައިދާ އަޅުގަނޑުމެންނަށް ލިބުނުނަމަ، ހުރިހާ އެންމެންނަށް މީގެ ފައިދާ ލިބުނީސް ނޫންތޯ؟ ފ. އަތޮޅުގެ ރައްޔިތުންނާއި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ބިޔަ މަޝްރޫޢެއްގެ ހިޔާވަހިކަމުން އަދި އޭގެ އިޤްތިޞާދީ ފައިސާއިން މަޙްރޫމްވެގެން ދިޔައިމާ، ކޮންބައެއްތޯ އެކަމަށް ސަނާކީ؟ ކޮންބައެއްތޯ އެކަމާ އުފާފާޅުކުރީ؟ ކޮންބައެއްތޯ އެކަމަށް މެދުވެރިވީ؟ އެކަމަކު މިއީވެސް ހަމަ ރައްޔިތުންނަށް ހެޔޮއެދޭ މީހުން. އެހެންވީމާ، މިކަންކަން ވޯޓާ ހަމައަށްދާއިރު ވިސްނާވަޑައިގެންދެއްވާ! އަދި އެހެން ޒުވާނުންނަށްވެސް، ތިޔަބޭފުޅުންގެ ރަށްރަށުގެ ރައްޓެހިންނަށްވެސް މިކަންކަން ވިސްނައިދެއްވާ.

އަޅުގަނޑުގެ ވާހަކަކޮޅުވެސް ކުރުކޮށްލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ ދާއިރާގެ މެންބަރަށްވެސް ވަގުތު އަރުވާށާއެކީ، މަޣުރިބު ނަމާދު ވަގުތު ކައިރިވަމުންދާތީ.

އަޅުގަނޑު އެދެނީ ފުނަދުއަށް، ށ. އަތޮޅަށް، މުޅި ރާއްޖެއަށް ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް އުފާފާގަތިކަމާއި ތަނަވަސްކަން މިންވަރުވެގެންދިޔުން. އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެ އަސާސަކީ ރައްޔިތުންގެ ހަމަޖެހުމާއި އަމާންކަމާއި، ތަނުގައި އޮންނަންޖެހޭ ޞުލްޙަވެރިކަން ކަމަށް ގަބޫލުކުރައްވާ! އެކަމަށް އެންމެ ގަދައަޅައި ވަކާލާތުކުރާ، އަދި ފަލްސަފާގެ ތެރޭގައި އެކަމަށް ބާރުއަޅައި ލިޔެވިފައި އަދި ޢަމަލީގޮތުން އެކަން ކޮށްދިނީ ކޮންބައެއްތޯ، އެކަން ކޮށްނުދިނީ ކޮންބައެއްތޯ ތިޔަބޭފުޅުންނަށް ތިހިރީ ފެންނަން.

އެހެންވީމާ، ވޯޓު ދެއްވާއިރު އޮޅިވަޑައިގަންނަވަންޖެހޭ ކަމަކަށްނުވާނެ. ފަސޭހަފުޅުވާނެ ވޯޓު ދެއްވަން.

މާތް ﷲ އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި ބަރަކާތް މިންވަރު ކުރައްވާށި!

والسّــلام عليــكم ورحـمــة اللّـه وبـركاتـه.