بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަވަލާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ބިލެތްފަހީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވަޑައިގަންނަވާ، އަދި އަޅުގަނޑުމެންގެ މި ދަތުރަށް މާލެއިން ވަޑައިގެންނެވި، އަދި ކައިރި ރަށްރަށުން މިރަށަށް ވަޑައިގެންނެވި އެންމެހާ ލޮބުވެތި ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަން.

ބިލެތްފައްސަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ތިޔަބޭފުޅުންގެ ހިތްޕުޅު ހަމަޖެހުމުގައި، އަޅުގަނޑަށްވެސް ޖާގަލިބޭތީ، އެކަމަށް ހަމަ ތިޔަ ހުރިހާ ބޭފުޅުންނާ އެކީގައި މިއުފަލުގައި އަޅުގަނޑު ބައިވެރިވަން. ބިލެތްފައްސަށް އިރާދަކުރެއްވިއްޔާ އެއްގަމު ތޮށިލުމާއެކީ، ނޫނީ ގޮނޑުދޮށުގެ ހިމާޔަތްކަން ލިބުމާއެކީ، ބިލެތްފައްސަށް ހަމަޖެހުންތަކެއް ލިބިގެން މިދިޔައީ. ހަމަގައިމުވެސް، ރައްޔިތުން އޭރު ކުރަމުންދިޔަ އެތައް ބައިވަރު އުނދަގޫތަކަކަށް ފަސޭހަތަކެއް ވެގެން މިދިޔައީ. އަޅުގަނޑު ބިލެތްފައްސަށް މި ޒިޔާރަތްކުރާއިރު، މަތިން އައިއިރު، ކޮމަންޑޫ ފަހަނަޅައި މިއައީ. ކޮމަންޑޫގައިވެސް ހަމަ މިކަން ހިނގާފައި އޮތްގޮތް ވަރަށް ރީތިކޮށް އެއޮތީ ފެންނަން. ކޮމަންޑޫއަކީވެސް އަޅުގަނޑުމެން ކުރާ ދަތުރުތަކުގައި ފެނޭ، ހަމަ ވަރަށްބޮޑަށް ރަށްގިރާ ނުރައްކާތެރިވަރަށް ރަށަށް ގެއްލުން ލިބެމުން މިހާތަނަށް އައިސްފައި އޮތް ރަށެއް. އެހެންނަމަވެސް، މިއަދު ކޮމަންޑޫ ފެނިގެންދަނީ ވަރަށްރީތި ރަށެއްގެ ގޮތުގައި. ވަށައިގެން އޮތް ދޮންވެލީގެ ތެރެއިން އުފެދިފައިހުރި ގެތަކެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ ކޮމަންޑޫގައި މުޅިން ވަށައިގެން އެއޮތީ ތޮށިލެވިފައި. ރަށް ހިމާޔަތްކުރެވިފައި.

މި ރަށަށްވެސް މިއައީ، އަމާންކަމެއް. މިރަށަށްވެސް މިއައީ، މި ދެންނެވި ކަހަލަ އުނދަގޫތަކުން، ފަސޭހަ ހައްލުތަކެއް ލިބިގެން އައި ދުވަހެއް. ގޮނޑުދޮށުގެ ތޮށިލެވިގެންދިޔައިމާ، ނޫނީ ގޮނޑުދޮށުގެ ހިމާޔަތްކަން ލިބިގެންދިޔައިމާ. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، އަޅުގަނޑުމެންގެ ރަށްރަށުގައި، ޚާއްޞަކޮށް އުތުރުގައި ވަކިވަކިން މި ހުންނަ ޤުދުރަތީ ފަޅެއް ނުހުންނަ ވަކިވަކި ރަށްރަށުގައި ދިމާވާ އެންމެބޮޑު މައްސަލަ.

ދިވެހިރާއްޖެއަކީ، މިކަހަލަ ރަށްރަށް ވަރަށްގިނަ ޤައުމެއް. ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހަމަ ހުރިހާ ރަށެއްގައިވެސް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުން އެބަ ހިމެނޭ. ގޮނޑުދޮށް ހިމާޔަތްކޮށްފައި، އެ ހިސާބުން އަދި ނިންމާލެވެނީކީނޫން. ގިނަފަހަރަށް މި ދިމާވަނީ، ބިލެތްފަހީގައި ދެންމެ އަޅުގަނޑަށް އިލްތިމާސް އައި ފަދައިން، ނެރު ކެނޑިފައި ހުންނަ ދިމާއެއްގެ ސަބަބުން، ނޫނީ ނެރުގައި އެ ނަގާ ރާޅުގެ ސަބަބުން، އެއީވެސް ނުރައްކާތެރިކަން ހުރީމާ ހައްލުތަކެއް ހޯދަންޖެހޭ ކަމެއްގެ ގޮތުގައި.

އެހެންވީމާ، ދިވެހިރާއްޖޭގައި މި ދިމާވާ، ދާ ކޮންމެ ދިމާއަކުން، ކޮންމެ ރަށަކުން އަދި ދިމާވާ ކޮންމެ ބަޔެއްގެ ފަރާތުންވެސް މި އިވެނީ ކަންތައްތަކެއް ހައްލުކުރަންޖެހޭކަން. ޞުލްޙަވެރިކަމާއި އަމާންކަމާއެކީ އަޅުގަނޑުމެން ތަރައްޤީ ހޯދަންކުރާ މަސައްކަތްތަކެއް ކުރަމުން މިދަނީ.

މިހެން ހުންނަ، ދުރުގައި، މާލެއާ ދުރުގައި މާލެއާ ދުރޭ މިދެންނެވީ، ސިޔާސީގޮތުން އެންމެ ވަރުގަދަ ލެއިން، ނޫނީ އެންމެވަރުގަދަ ވިންދު ހިނގާ ހިސާބާ ދުރުގައި މި ހުންނަ ރަށްރަށުގެވެސް، އަޅުގަނޑުމެންގެ ހިސާބުގަނޑުގައި މި ހުންނަ ހޫނުގެ ދިލަ، މި ހިސާބުގަނޑަށްވެސް އަންނާނެ. އެހެންވީމާ، އެކަންކަމުގެ ތެރޭގައި މިކަހަލަ ކުދިކުދި ރަށްރަށް، މަޢުޞޫމް ރަށްރަށް، މަޢުޞޫމް މުޖުތަމަޢުތައް ހަލާކުވެގެން ދިޔުމަކީ، އަޅުގަނޑުމެންނަކަށް އޭގެ ފައިދާހުރި ކަމެއްނޫން.

ބިލެތްފައްސަށް އަންނައިރު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ބިލެތްފަހީގެ މިއޮތް ބޮޑު ފަޅު. ބިލެތްފަހީގެ ފަޅުގެ ސައިޒަށް ބަލައިލާކަމަށްވަންޏާ، ބޮޑު ބަޔަކީ ތިލަފަޅެއް. ބިލެތްފަހީގެ ފަޅުގެ ސައިޒަށް ބަލާކަމަށްވަންޏާ، މިހާރު ކުރީގައި ހިއްކާފައި، ރައީސް މައުމޫނުގެ ޒަޢާމަތުގައި ހިއްކަވާފައި އޮތް ހުޅުމާލެއާއި އަދި ދާދި އިހަށްދުވަހު ހިއްކާނިމި، އިމާރާތްކުރަމުންދާ ހުޅުމާލެއާއި ދެ ތަން އެއްކޮށްލީމާ، އޮންނަވަރުގެ ބޮޑުމިން އެބައޮވޭ. ގާތްގަނޑަކަށް 450 ހެކްޓަރު އެބައޮވޭ.

އެހެންވީމާ، ބިލެތްފައްސަކީ، ބިލެތްފަހީގެ ވަށައިގެން މިއޮތް، ނޫނީވިއްޔާ ބިލެތްފަހީގެ މިއޮތް ބޮޑުފަޅާއެކީ، އުންމީދުތަކެއް އޮތް ރަށެއް ކަމުގައި އަޅުގަނޑު މިއަދު ހަމަ ދަންނަވަން ތިޔަ ބޭފުޅުންނަށް. މި އުންމީދު އެރުވުމުގެ ބޭނުމަކީ، އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ޤުދުރަތީގޮތުން، އަޅުގަނޑުމެންނަށް ފަހިވާ ކަންތައްތަކެއް އަންނާނެކަން. އެހެންނަމަވެސް، އެއާއެކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެން ބޭނުންވެފައިހުރި ކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭނެ. ކޮންމެކަމެއް އޭގެޒާތުގައި އަމިއްލައަށް ހައްލުވެގެންދާނެކަމަށް ވިސްނާކަމަށްވަންޏާ، ވަރަށްގިނަ ޒަމާންތަކެއް އެކަމުގައި ހިނގައިދާނެ. އަދި އެތަކެއް ދުވަހެއް އެކަމުގައި ހޭދަވުމަށްފަހުވެސް އަޅުގަނޑުމެން އެދޭ ހައްލު ނައިސް ހިނގައިދާނެ.

އެހެންވީމާ، މިހެން ހުންނަ ރަށްރަށުގައި ޤުދުރަތީގޮތުން ކަންކަން ހަމަޖެހިގެންގޮސް، ގޮނޑުދޮށް ހިމާޔަތްވެގެންދާން އަޅުގަނޑުމެން އިންތިޒާރުކުރާ ކަމަށްވަންޏާ، އެ ފަހަރުގައި ވެދާނެކަންނޭނގެ، ޤަރުނުތަކެއްގެ އިންތިޒާރަށް. އަޅުގަނޑުމެންގެ މިއަދުގެ ޒުވާނުން އަދި އަޅުގަނޑުމެންގެ ހަރުމީހުންވެސް، މިކަހަލަ ދިގު އިންތިޒާރުތަކެއް ކުރާކަށް ބޭނުމެއްނުވާނެ. އަދި މި ކުރެވޭ އިންތިޒާރުގެ ތެރޭގައި، އަޅުގަނޑުމެން ބަލާކަށް ބޭނުމެއްނުވާނެ، މި ރަށްރަށަށް ބޭނުންވެފައި ހުންނަ ކަންތައްތައް ހަމަޖެއްސުމަށްޓަކައި، ދައުލަތުން ފައިސާ ހޯދަނީ، ކޮންގޮތަކަށްތޯ ދައުލަތުން ފައިސާ ހޯދަނީ، ދައުލަތުން އުފައްދާ އެއްޗަކުން ލިބޭ ފައިސާއިންތޯ، ބޭރުގެ އެހީންތޯ، ލޯނު ނަގައިގެންތޯ، ދަރަންޏެއް އޮތްތޯ، ނެތްތޯ، އަޅުގަނޑުމެންގެ ރައްޔިތުންނެއް ނުބަލާނެ. އެކަންކަމާ ދޭތެރޭގައި ފިކުރު ހިންގާނީ، އެކަންކަމާ ދޭތެރޭގައި ފިކުރު ހިންގުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު. ނޫނިއްޔާ ރައްޔިތުން ބަސްބުނުމުގެ ބާރު ދީފައި އޮތް ބަޔަކު. އޭގެތެރޭގައި ދައުލަތް ހިންގަން ތިބޭ މީހުން، ސަރުކާރު ހިންގަން ތިބޭ ބަޔަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. މިކަހަލަ ގިންތިތަކެއްގެ ބޭފުޅުން މީގެތެރޭގައި ހިމެނޭނެ. އެ ބޭބޭފުޅުންގެ ތެރޭގައި، މި ނެގޭ ދަރަންޏަކީ އަދާނުކުރެވޭނެ ދަރަންޏެއް ކަމަށްވެގެން، އެކަންކަމާ ދޭތެރޭގައި ހިތްނުތަނަވަސްކަންއޮވެ، ނޫނިއްޔާ ނާއުންމީދުތަކެއް އުޅޭކަމަށްވަންޏާ އެއީ މައްސަލައެއް.

އަޅުގަނޑުމެންގެ ސަރުކާރުގައި އަބަދުވެސް އަމާޒަކީ، ރައްޔިތުންނަށް އުންމީދު ދިނުން. އުންމީދާއެކީ މަސައްކަތްތަކެއް ކުރުން. ﷲ ގެ ރަޙްމަތާއެކީ މި ރަށުގެ ގޮނޑުދޮށް ހިމާޔަތްވެގެން ދިޔުމާއެކީ، ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް އެނގިގެންދިޔަ ފަދައިން، ދުނިޔޭގެ އެންމެބޮޑަށް ތޮށިލެވިފައި އޮތް އެންމެދިގު ތޮށި ލެވިފައި އޮތް ޤައުމުތަކުގެ ތެރޭގައި، އެންމެ ކުރީގައި މިއުޅެނީ ދިވެހިރާއްޖެ. ގާތްގަނޑަކަށް 32 ކިލޯ މީޓަރުގެ ތޮށި މިއޮތީ، ދިވެހިރާއްޖޭގައި ލެވިފައި، 33 ރަށެއްގައި. އެހެންވީމާ، އެވްރެޖުކޮށް އަދި މި ރަށުގައި ބައި ކިލޯ މީޓަރު އަދި 500 ކިލޯ މީޓަރު ކަމުގައިވީނަމަވެސް، އެވްރެޖުކޮށް ކޮންމެ ރަށެއްގައި މިއޮތީ ކިލޯ މީޓަރެއްގެ ތޮށި ލެވިފައި. އަދި މި ލެވުނު ތޮށިތަކުގެ ތެރޭގައި، މީގެ ބޮޑުބައި ގާތްގަނޑަކަށް 75 ޕަސަންޓު މިއޮތީ، މި ހިނގާ 4 އަހަރުގެ ތެރޭގައި ލެވިފައި.

އެހެންވީމާ، މިތަންތަނުގައި ތޮށިލާން އަޅުގަނޑުމެން އޭގެ ޒާތުގައި ޤުދުރަތީގޮތުން މުރަކަ އުފެދިގެން މިކަމަށް އިންތިޒާރުކުރާ ކަމަށްވަންޏާ، އަޅުގަނޑުވެސް ހަމަ ޠާރިޤުގެ ވާހަކަފުޅު އަޑުއަހާލަން އިނީމު. އެއަކަށް އެއްޗެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑުމެން ދަންނަވަން ބޭނުންވެގެން މިއުޅޭ ވާހަކައަކީ، މިކަންކަން ކުރުމުގައި، ރައްޔިތުން ކެތްތެރިކަން ކުޑަވެފައިހުރި ކަންކަން ކުރުމުގައި، ސަރުކާރުން އިސްނަގައިގެން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ، ރައްޔިތުން އެދޭގޮތް. އެވަރުގެ ބަޔަކު، އެވަރުގެ ކެޕޭސިޓީ، އެވަރުގެ ޤާބިލުކަން ނޫނީ ފުދުންތެރިކަމާއި ވިސްނުންހުރި ބަޔަކު އަބަދުވެސް ރައްޔިތުން ބޭނުންވަނީ ކުރިއަށްނެރެން.

ދިވެހިރާއްޖެ ވަށައިގެން މިހިރަ ރަށްތަކާއި ދިވެހިރާއްޖެ މި ހިމެނޭ، ޤައުމުތަކުގެ ތެރޭގައި އަދި ޤައުމުތަކުން ބޭރަށްދާކަމަށްވަންޏާ، އެ ޤައުމުތައް އެ ދަނީ ހަމަ ފަތުއަޑުކިޔާފައި ކުރިއަށް. ކުރިއަށްދާއިރު، ދިވެހިރާއްޖޭގެ މީގެ ކޮންމެކަމަކީ، މި ދެންނެވިގޮތަށް ބޯދާ ވިސްނުމުގެ ތެރެއިން ހައްލު ހޯދަން އަޅުގަނޑުމެން ޚިޔާލުކުރާ ކަންކަން ކަމަށްވަންޏާ، އަޅުގަނޑުމެން މިހާރު ތިބި ވަރަށްވުރެން، އެތައް މޭލެއް. އެތައް އަހަރެއް ފަހަތަށްދާން އަޅުގަނޑުމެން މި ވިސްނަނީ. އެއީ ހަމަގައިމުވެސް، މި ސަރުކާރާ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރައްވާ، ވަޒީރުންނާއި ވެރިންގެ ވިސްނުންހުރި ގޮތެއްނޫން. އަޅުގަނޑުމެން ބޭނުންވަނީ، ޒުވާން މޫނުތަކުން އެ ފެންނަ އުންމީދާއި، އުޖާލާކަން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ތަރައްޤީގެ މަސައްކަތްތަކުގައިވެސް ހަމަ ޑަނޑޫރަޖަހާ އަޑު އަހަން އަޅުގަނޑުމެން ބޭނުންވާނެ.

އެހެންވީމާ، މި ރަށަށް އައިމާ، މި ރަށުގައި ތިޔަހުރި ކަންތައްތައް ވިދާޅުވާއިރު، މި ރަށުގެ ގޮނޑުދޮށް ހިމާޔަތްވެގެން ދިޔައިމާ، މި ރަށުގެ ރައްޔިތުންނަށް ލިބޭ ފަސޭހަކަމާއި އަމާންކަމާއި، ރައްކާތެރިކަމުގެ ކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް އެބަގެންނަންޖެހޭ. އެ ސުވާލުކުރާއިރު، ނޫނީ އެކަން ހިތަށް އަންނައިރު، ބިލެތްފަހީގެ ރައްޔިތުން ސުވާލެއް ނުކުރާނެ، މިކަންކަން ތިމަންނާމެންނަށް ސަރުކާރުން ކޮށްދިނުމުގައި ނަގާފައި އޮތީ، ކިހާވަރެއްގެ ލޯނެއްތޯ. އަދި އެ ލޯނު އަދާކުރާނީ ކިހިނެއްތޯ އަހާކަށް، އެ ބިލެތްފަހީގެ ރައްޔިތަކު، އަދި މިކަމަށް ވިސްނާ ބިލެތްފަހީގެ ރައްޔިތަކު. ނޫނީ ދިވެހި ރައްޔިތުންނާ ދޭތެރޭގައި ހިތްހެޔޮކަމާއެކީ ވިސްނާމީހާ، ނުކުރާނެ ސުވާލެއް. އެންމެ ފަހުން ކުރާނެ ސުވާލެއްވެސްނޫން. ނުކުރާނެ ސުވާލެއް. ސަރުކާރުގައި ދަރަނި ހުރެގެން، ދަރަނީގެ އުނދަގޫވެގެން ބޭރުގެ ދައުލަތްތަކުގެ ޕްރެޝަރެއް، އޭގައި އަންނަ ވާހަކައެއް ތިޔަބޭފުޅުންނަކަށް، އެއްވެސްކަހަލަ ޚަބަރުގެ ޒަރީޢާއަކުން އިވިވަޑައެއްނުގަންނަވާނެ. އަބަދުވެސް މި ޚަބަރުގެ ޒަރީޢާތަކުން އިވޭނީ، ދިވެހިރާއްޖެއަކީ، މިހާރު އިޤްތިޞާދީގޮތުން ތަރައްޤީވަމުން އަންނަ ޤައުމެއްކަމާއި، ލޯނު އަނބުރާ ދެއްކުމުގެ ޤާބިލުކަން ހުރި ޤައުމެއްކަމާއި އަދި ކްރެޑިޓް ރޭޓިންގ، ނޫނީވިއްޔާ ޤައުމު އިޤްތިޞާދީގޮތުން، އެއީ އެތަނުގައި އިންވެސްޓް ކުރުމަށް، ނޫނީވިއްޔާ އިޤްތިޞާދު ރަނގަޅަށް މެނޭޖްކުރާ ޤައުމެއްތޯ ބެލުމަށް މި ރޭޓުކުރާ ރޭޓުކުރުމުގެ ތެރޭގައި، ބީ ދަރަޖައިގައި އަޅުގަނޑުމެން އޮތުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ދުވެއްޔާއި، ދުޅަހެޔޮކަން ދައްކައިދޭ އިންޑިކޭޓަރެއް. އެހެންވީމާ، ދަރަނި އަދާކުރެވޭތޯ، މިއަދު ސުވާލު ކުރާނެކަމެއްނެތް. ﷲގެ ރަޙްމަތާއެކީ ދަރަނި އަދާކުރަން މަސައްކަތް ކުރާނީ. ދަރަންޏަށް ފައިސާ ނަގަންޖެހޭނީ، މި ދެންނެވި ކަހަލަ ބޮޑެތި ބޭނުންތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް.

މި ރަށަށް އައިސް އަޅުގަނޑުމެން އަމާންކަމާއި، އަމާންކަމުގެ ތެރެއިން ތަރައްޤީގެ ވާހަކަ ދައްކާއިރު، އަޅުގަނޑުވެސް ހަމަ އުފަލާއެކީ މިއަދު ފާހަގަކުރަން. އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔަ ގާތްގަނޑަކަށް 15 ވަރަކަށް އަހަރެއްހާ ދުވަސް މިދިޔައީ. ވަރަށްގިނަ ތަކުލީފުތަކެއް ރައްޔިތުން އުފުލައިފި. ސިޔާސީ ކޯޅުންތަކުގެ ތެރޭގައި، ހަމަނުޖެހުންތަކުގެ ތެރޭގައި، ހަމަގައިމުވެސް މާލެއާއި މާލެވަށައިގެން މާލޭގެ ހޫނު ފޯރާ ހިސާބުގައި ތިބި ހުރިހާ ރަށްރަށަކަށް އަދި ދުރުން އައްޑުއަތޮޅު، ގދ. ތިނަދޫ ފަދަ ރަށްރަށާ ހަމައިގައިވެސް، މިކަންކަން އަޅުގަނޑުމެން އިޙްސާސްކޮށްފިން. ގާތްގަނޑަކަށް 15 ވަރަކަށް އަހަރު މި އިޙްސާސްކުރި، މި ދެންނެވި ކަހަލަ ހަނގާކުރުންތަކެއްގެ ތެރޭގައި. ކުރިމަތިލުންތަކެއްގެ ތެރޭގައި، މީހުންނަށާއި، މުދަލަށާއި، ތަކެއްޗަށް ގެއްލުންދިން ގެއްލުންދިނުންތަކެއްގެ ތެރޭގައި. މިއީކީ އަޅުގަނޑުމެން އެކަން ކުރަންޖެހޭނެ އުސޫލެއްނޫން. އަޅުގަނޑުމެން މި ރަށްރަށަށް އައިމާ، ތިޔަ ވިދާޅުވާ މަރުޙަބާގައިވެސް ތިޔަ ވިދާޅުވަނީ، ހަމަޖެހުމާއި، މަސްލަޙަތާއެކީގައި ކަންކަން ކުރިއަށް ގެންދަން، ތަރައްޤީކުރަން ކުރާ މަސައްކަތް.

އެހެންވީމާ، އަޅުގަނޑު މިއަދު އުފާކުރަނީ، އެމް.ޑީ.ޕީ. ގެ ތެރޭގައިވެސް ކޮންގްރެސްއެއް ބާއްވައި، އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު އިބްރާހީމް މުޙައްމަދު ޞާލިޙު، އެ ޕާޓީން އެއޮތީ ދައްކާފައި. އަޅުގަނޑު އުންމީދުކުރަނީ، އެމް.ޑީ.ޕީ. ގެ ތެރޭގައި މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަކި ބޭފުޅަކަށް ކުރިމަތިނުލެއްވޭތީ، މިއައި ހުރިހާ ހޫނުގަނޑު، މި އުދާސްގަނޑު އިރާދަކުރެއްވިއްޔާ ފިލައިގެންދިޔައީކަމަށް.

ކޮންމެ ޕާޓީއެއްގައި މިކަހަލަ މައްސަލައެއް އުޅުނެއްކަމަކު، މުޅި ރައްޔިތަކު އުފުލަންޖެހޭ ވޭނާއި ބުރައަށް ބަލާކަމަށްވަންޏާ މިއީ، އުނދަގޫކަމެއް. އެހެންވީމާ، މި ހަމަޖެހުން އެމް.ޑީ.ޕީ. އަށް އައިމާ އަޅުގަނޑު އުންމީދުކުރާހިތްވަނީ، އެމް.ޑީ.ޕީ. ގެ ތެރޭގައި މި ހަމަޖެހުމާއެކީ ޤައުމަށް، މުޅި ޤައުމުގެ ޞުލްޙަވެރިކަމަށް، މަޞްލަޙަތަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް. އެހެންވީމާ، އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދަންނަވަމުން، އަޅުގަނޑު ހަމަ އެމް.ޑީ.ޕީ. ގެ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އަމާންކަމާއެކީ ރައްޔިތުންނަށް ފަސޭހަކަމާއެކީ، ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސާ ރައްޔިތުންގެ ހިތުގެ ކަށަވަރުކަން ހޯދުމަށްކުރާ މަސައްކަތް، ކެމްޕޭނުގައި އަޅުގަނޑުމެން ކުރަންވިއްޔޭ. ޕީ.ޕީ.އެމް. ގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް ނުކުމެ މިހާރު މިހުރީ އަޅުގަނޑު. ޕީ.ޕީ.އެމް. އިން ނިންމަވާފައި މިއޮތީ، އަޅުގަނޑު ވާދަކުރަން. އެމް.ޑީ.ޕީ. ގެ ފަރާތުން އިބްރާހީމް މުޙައްމަދު ޞާލިޙް.

އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެ މަސައްކަތުގެ ސަބަބުން، ނޫނީ މަސައްކަތް ކުރެވޭ ގޮތުން ރައްޔިތުންނަށް އުނދަގޫތަކެއްވާ ކަމަކަށް ވެގެންނުވާނެ. ރައްޔިތުންނަށް އުނދަގޫ އުފުލަންނުޖެހި، ރައްޔިތުންނަށް ގެއްލުންނުވާ ގޮތަކަށް މިކަން ކުރަންޖެހޭ ސަބަބަކީ، މި އިންތިޚާބަށްފަހު ރައްޔިތުން ނިންމާ ނިންމުމަކަށްފަހު، ގެއްލުންތަކެއް ލިބިއްޖެ ކަމަށްވަންޏާ އަނެއްކާވެސް އެކަންކަން އާރާސްތުކުރަން އެތަކެއް ފައިސާއެއް، އެތަކެއް ވަގުތެއް، އެތަކެއް ކަމެއް އަޅުގަނޑުމެން ހޭދަކުރަންޖެހޭނެ. އަޅުގަނޑުމެން މި ޒަޢާމަތާ ހަވާލުވެގެން އައިއިރު ދިވެހިރާއްޖޭގައި ހަމައެކަނި، އިޖުތިމާޢީ ފޭރާން ވީދިފައި އޮންނަ ވާހަކަ އެކިއެކި ބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާނެ. ތެދުފުޅެއްމެ، އިޤްތިޞާދީގޮތުން ނޫނީވިއްޔާ، ޢުމްރާނީ ތަރައްޤީއަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގެ އެކި ހިސާބުގައި ކަންކަން އިތުރަށް ބޭނުންވެފައި ތިބި މިންވަރު މިއޮތީ، އިންތިހާއަށް އިތުރުވެގެންގޮސްފައި. އެއީ، ކޮންމެހެން ބޭސްގުޅައެއް ފާމަސީއަކުން ގަންނަން ނުލިބޭތީ ފާމަސީނެތް ވާހަކަ އެކަންޏެއްނޫން. އާރާސްތުކޮށް ހިނގަމުންދާ ޞިއްޙީ މަރުކަޒުތަކުގައި ކުޑަދޮރަކާ ހަމައަށް އާބާތުރަ ފިލުވައިނުލެވިފައި އޮތް ހިސާބުން އަޅުގަނޑުމެންގެ މިކަން ޚިޔާލަށް ގެންނަންވީ. އެއީ، ހަމަގައިމުވެސް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުތްއިރު، ރާއްޖޭގެ ޙާލަތު އޭރު އޮތްގޮތް. އަޅުގަނޑު ލޮލުން އެތަން ދުށީމު. ތަރައްޤީގެ އާ އިތުރު މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ތަރައްޤީގެ އާ އިތުރު މަޝްރޫޢުތަކެއް ހިނގާފައެއްނުވޭ. ހިނގަންވާވަރާ ކައިރިއަށްވެސް ހިނގާފައެއްނުވޭ.

އެހެންވީމާ، މި ދެންނެވިގޮތަށް މިކުރާ ކެމްޕޭނުގެ ތެރޭގައި ރައްޔިތުންނަށް އުނދަގޫނުވާގޮތަށް އަދި މީހުންގެ ތަކެއްޗަށާއި، މުދަލަށް ގެއްލުންނުވާގޮތަށް މަސައްކަތްކުރަން އަޅުގަނޑުމެން އާދަކުރަންވާނެ. އަޅުގަނޑުމެން މާޒީ އެބަޖެހޭ ހަވާސާގެ ތެރެއަށް ދޫކޮށްލަން. އަޅުގަނޑުމެން އެބަޖެހޭ އަނެއްކާވެސް، ދިވެހިރާއްޖެ އާރާސްތުކުރުމަށް ސިޔާސީ އާ ވިސްނުންތަކަކާއެކީ ކުރިމަތިލާން. ސިޔާސީ އާ ވިސްނުންތަކަކީ، ޑިމޮކްރަސީގެ އުސޫލު.

ޑިމޮކްރަސީގެ އުސޫލަކީ ނިޒާމަކަށް އުސޫލުތަކެއް ގަބޫލުކޮށްގެން މަސައްކަތްކުރުން. އެ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރަން ދަސްކުރުމަކީ، އެއްގޮތަކަށްވެސް ނުކުމެ ތަންތަން ހަލާކުކޮށް، ތަންތަން ލޫޓުވައި، މީހުންނަށް ގެއްލުންދީ، މުދަލާއި ތަކެއްޗަށް ގެއްލުންދީ ހެދުމެއްނޫން. އަދި ވަކި ކަމަކާ ހިތްހަމަނުޖެހިގެން، ވަކި ކަމަކުން މަނާވެގެން ތިބުމެއްވެސް ނޫން. ވަކި ފިހާރަތަކަކަށް ނުދާން ގޮވާލުމެއްވެސް ނޫން. ޓީޗަރަކު މަދަރުސާގައި ނެތް ހާލަތެއްގައި ކުދިން ސްކޫލަށް ނުފޮނުވުމެއްވެސް ނޫން. މިހުންނަނީކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑު އުއްމީދު މިކުރަނީ، އެމް.ޑީ.ޕީ. ގެ ރިޔާސީ ކެނޑިޑޭޓާއެކީ ދެން އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ތެރޭގައި އަނެއްކާވެސް ދިވެހިރާއްޖެއަށް އަމާން 5 އަހަރެއް ގެނެސްދެވޭތޯ. އަމާން 5 އަހަރެއް ގެނެސްދެވިއްޖެ ކަމަށްވަންޏާ އެއީ ފާގަތިކަމާއި، އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަހިވެގެންދާނެ ކަންކަން.

އަޅުގަނޑުމެން ޒަޢާމަތާ ހަމައަށް އައިއިރު، ދިވެހިރާއްޖޭގައި މި ދެންނެވި ކަހަލަ ހިތްދަތި އެތައްކަމެއް އޮތީ ހިނގާފައި. އެއް ރަށެއް، ދެ ރަށަކު ނޫން. އެކަކަށް، ދެ މީހަކަށް، އެއް އާއިލާއަކަށް، ދެ އާއިލާއަކަށް ނޫން ގެއްލުން ވެފައިއޮތީ. ރާއްޖޭގެ އެކި ހިސާބުގައި އެކިވަރަށް ގެއްލުން ލިބިފައި ހުރީ. އަދި ހަމައެއާއެކީ، ސިޔާސީގޮތުން އިތުރަށް ކަންކަން ގޯސްކުރުމުގެ މަސައްކަތްތަކެއް ހިނގި. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާތީ، ސިޔާސީ އޮއިވަރުވެސް އެންމެ ބާރަށް ދައުރުކުރާ ތަނަކަށްވާނީ މާލެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި، އަދި މަގުމަތީގައި މި ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، އުސޫލެއްގެ ތެރޭގައި ކަންކަން ކުރުން ދޫކޮށްލާފައި، އެ އުސޫލުތަކަށް ގޮންޖަހާލާފައި ކުރެވުނު މަސައްކަތުގެ ތެރޭގައި، ވަރަށް ބޮޑެތި ގެއްލުންތައް އަޅުގަނޑުމެން އުފުލައިފީމު. އޭގެތެރޭގައި، އެކިއެކި ކުށްތަކުގައި ޢިއްޒަތްތެރި ބޭފުޅުންވެސް ހައްޔަރުކުރަންޖެހުނު. އެކަމަކު އެ ބޭފުޅުންވެސް ހައްޔަރުކުރަން ޖެހިފައި އެހެރީ، އެ ބޭފުޅުން ކުރެއްވި ކުށްތަކަކަށް ޝަރީޢަތުގެ މަރުޙަލާ ހިނގައި، ޝަރީޢަތަށް އެކަން ސާބިތުވެގެން. އަދި އެ ބޭފުޅުން، އެ ބޭފުޅުން ކުރެއްވި ކަންކަމަށް ދައުލަތުން އުފުލި ތުހުމަތުތަކަށް އުފުލި ޝަކުވާތަކުން އެ ބޭފުޅުންގެ މަސައްކަތްޕުޅުން ބަރީއަ ނުވެވުނީ. އެހެންވީމާ، އެހެރީ ކަންކަން ހިނގާފައި. ކަންކަން ހިނގައިގެން މި ދެންނެވި ކަހަލަ، އެއްގޮތަކަށްވެސް ބަންދުވާންނުޖެހޭ މީހުންތަކެއް ބަންދުވެސްވެއްޖެ. މީގެ އުނދަގޫ، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢަށް ހިއްސާކުރޭ. މީގެ އުނދަގޫ މުޅި މުޖުތަމަޢު އެބަ އުފުލާ.

އަޅުގަނޑުމެން ދެކޭކަށް ބޭނުމެއްނުވޭ އަޅުގަނޑުމެންގެ ސިޔާސީ އެކިއެކި ބޭފުޅުންނާއި، އިސް މަޤާމުތައް، ނޫނީ އިސް ޚިދުމަތްތަކެއް ރައްޔިތުންނަށް، ނޫނީ ގިނަ ދުވަހުގެ މުހިންމު ޝަރަފުވެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާފައި ތިބި ބޭބޭފުޅުން މިކަހަލަ ކަންކަމުގައި ތާށިވާކަށް، ބަންދުވާކަށް އެއީ އަޅުގަނޑު އެދޭގޮތެއްނޫން. އަޅުގަނޑުމެން ކުރާ މަސައްކަތެއް ކުރަންވީ ޕޯޑިއަމްތަކަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނަށް ވިސްނައިދީ، ދެން ދިވެހިރާއްޖޭގައި ކަންތައްތައް ކުރާނީ ކިހިނެއްތޯ، ތިމަންނާގެ ވެރިކަމެއްގައި، ނޫނީ ތިމަންނާގެ ޕާޓީއަށް މި އިތުބާރު ރައްޔިތުން ދެއްވައިފި ކަމަށްވަންޏާ. އެނޫންގޮތަކަށް މަސައްކަތްކުރީމާ، މިދެންނެވި ކަހަލަ ކަންކަންވަނީ.

ބިލެތްފައްސަށް އައިއިރު، އަޅުގަނޑުގެ ޚިޔާލު ހުރިގޮތް އަޅުގަނޑު ދަންނަވާނަން. ބިލެތްފައްސަށް އަންނައިރު، ބިލެތްފަހިން ތިޔަ ވިދާޅުވީ އަޅުގަނޑުމެން ކައިރީގައި ބައެއް ކަހަލަ ކަންތައްތައް މިހާރުން މިހާރަށް ދަތިވެފައި ހުރި ކަންކަން. އަޅުގަނޑު މަސައްކަތް މިކުރީ އޮތް ހާލަތުގައި އޮވެގެން ކުރިއަށް ދިއުމަކީ ހާލަތު ބަދަލުވެދާނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލުނުކުރާތީ، ހާލަތު ބަދަލުކުރުމަށް އިސްވެ މަސައްކަތްތަކެއް އަޅުގަނޑުމެންކުރީ. އިސްވެ މަސައްކަތްތަކެއް ކުރީމާ އޭގެ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ބިލެތްފައްސަކީ އާބާދީގެ ގޮތުން ކުޑަކުޑަ ރަށެއް. 400 އެއްހާ މީހުން މި އުޅެނީ. އެހެންނަމަވެސް، ބިލެތްފައްސަށް ދަތިވެފައި ހުރި ކަންތައްތައް ކުރާއިރު، އަޅުގަނޑުގެ ވިސްނުމުގައި ބިލެތްފަހީގައި އުންމީދުތަކެއް އެބައޮތް. ށ. އަތޮޅަކީ ބޮޑު އަތޮޅެއް. އަތޮޅު ބޮޑުވަނީ، އަތޮޅުގެ ދެ ބިތުގައި ދުރުގައި ރަށްރަށް ރުކުރުވާލެވިފައި ހުރީމާ. ދަތުރުފަތުރު ފަސޭހައެއްނޫން. ތަރައްޤީ ގެންނާކަށްވެސް އެހާ ފަސޭހައެއްނޫން. އެހެންވެގެންތާ، މި ދާއިރާއަށް މިއޮތްހާ ދުވަސްވީއިރު ޓޫރިޒަމް ނައިސް މި ދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޗާޓުގައި ށ. އަތޮޅު އެބަދޭ ހއ.، ހދ.، ށ. އެބަދޭ ޓޫރިޒަމް ޗާޓުގައި ޖެހިގެން. އެނގިވަޑައިގަންނަވާނެ، އެންމެފަހުން ޓޫރިޒަމްގެ ރަށްތައް ދޫކުރިއިރުވެސް، އެންމެބޮޑު ޕަސެންޓޭޖެއް، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖެއްޔާ، 75 ޕަސެންޓަށްވުރެ މަތީ ޕަސެންޓޭޖް އެއޮތީ، މި ތިން އަތޮޅުގެ ރަށްތަކުގައި މީހުން އިންވެސްޓްކުރަން ހުޅުވާލާފައި. އެހެންނަމަވެސް އުފެދޭ ސުވާލަކީ، ކީއްވެގެންބާއޭ އިންވެސްޓަރުން ނާންނަނީ؟ އެ އިންވެސްޓަރުން ނާންނަ ކަންތައްތަކަށް ހައްލުތަކެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

ފުނަދޫގައި، މިހާރު އިރާދަކުރެއްވިއްޔާ، އެއަރޕޯޓުގެ މަސައްކަތް އެއޮތީ ފެށިފައި. އަޅުގަނޑުމެން މި އުއްމީދުކުރަނީ ހަމަ މި ބިތުގައި، މި ހިސާބުގައި، ދެން އެއަށްވުރެ ސީދާކޮށް ދަންނަވަންޏާ ހަމަ ބިލެތްފަހީގައި، އިރާދަކުރެއްވިއްޔާ އެއަރޕޯޓެއް އަޅަން. އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް އަޅައި، މި ހިސާބުގަނޑުގައި ރިޒޯޓެއް ހަދަން. ބޭރުގެ ފަރާތްތަކުން، ހަމަ ސީރިއަސް ފަރާތަކުން، ފައިސާ ހުރި ފަރާތަކުން، ޝައުޤުވެރިކަން އޮވެގެން ހާމަކުރަމުންދާތާ ދުވަސްކޮޅެއްވެއްޖެ. އެމީހުންގެ އިސްމީހުންނަށް ރާއްޖެ ނާދެވޭތީ، އަޅުގަނޑުމެން އިންތިޒާރުކުރަމުން މި ދިޔައީ. އަޅުގަނޑު އުންމީދުކުރިން، އަޅުގަނޑުގެ މި ދަތުރާ މިކަމާ ދިމާވޭތޯ. އެހެންނަމަވެސް، އެކަން ލަސްވެގެންދާތީއާއެކީ، މިހާރުވެސް މި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުނުތާވެސް އަހަރަކަށްވުރެ ގިނަދުވަސްވީމަޔާއެކީ، މި ފެށި ދަތުރުގައި ބިލެތްފައްސަށް ޒިޔާރަތްކުރަން އަޅުގަނޑު ޚިޔާލުކުރީ. އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާގެ ތެރޭގައި މިނިސްޓަރ ޒަމީރު އަރިހުގައި މި ބޭފުޅުން، މި މެހުމާނުން ޒިޔާރަތް ކުރާނެ. އަޅުގަނޑުމެން ސަރުކާރުން ޑިރެކްޝަން ދީގެން މިއުޅެނީ، މިސްރާބު ދައްކައިގެން މިއުޅެނީ ބިލެތްފަހީގައި އެއަރޕޯޓް އެޅުމަށްޓަކައި. އިރާދަކުރެއްވިއްޔާ އެކަން ވެގެންދާނެ.

އަޅުގަނޑު ދަންނަވާލިގޮތަށް، ބިލެތްފަހީގައި މިއޮތް ފަޅަށް ބަލާކަމަށްވަންޏާ، މިއީ، ހުޅުމާލެ މިހާރު ހިއްކާފައި އޮތް، ހުޅުމާލޭގެ ސައިޒާ ދާދި އެއްވަރުގެ ސައިޒެއް. އެހެންވީމާ، 400 މީހުން ބިލެތްފަހީގައި އުޅުނަސް، އަޅުގަނޑުމެންގެ 5 އަހަރުގައި، ކުރިއަށް އޮތް 5 އަހަރުގައި ޒަޢާމަތުގައި ހުރި ޚިޔާލުތަކަށް ވިސްނާކަމަށްވަންޏާ، މިއީ އޭގެ ޒާތުގައި ތަރައްޤީ ކުރެވޭނެ ދާއިރާއެއް، ހަމައެކަނި ބިލެތްފައްސާއި ބިލެތްފަހީގެ ފަޅު މިއީ. މި ރަށުގައި މިއޮތް ފަޅަށް ބަލާކަމަށްވަންޏާ، މިރަށުގެ ފަޅުން އެކަނިވެސް އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ، ބައެއް ބޭފުޅުންގެ ކޮންސަރން، ނޫނިއްޔާ ބައެއް ބޭފުޅުންގެ ހިތްޕުޅުހަމަނުޖެހިގެން، އެ ދައްކަވާ ވާހަކައިގައި އެއްވެސް ކަހަލަ އަސާސެއް ނެތްކަން. ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކީމާ، ނޫނީ މީހުންނަށް އަމިއްލަކޮށްދޭން، ދިގު މުއްދަތަކަށް އެމީހުންނަށް ވިއްކީމާ، ރާއްޖޭގެ ބިންކޮޅު ހުސްވަނީ ކަމުގައި ވިދާޅުވާ ވާހަކަ، ބިލެތްފަހިން އެކަނި ދައްކައިދޭ، އެއީ ރަނގަޅު ވާހަކައެއް ނޫންކަން.

ބިލެތްފަހީގައި މިއޮތް ފަޅަކީ، އަޅުގަނޑު ދަންނަވައިލިގޮތަށް، މިހާރު އެއޮތް ހުޅުމާލޭގެ ސައިޒުގެ ފަޅެއް. ފަޅުގެ ބޮޑު ބަޔަކީ ތިލަ ފަޅެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުއްމީދުކުރަނީ، އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި ބިލެތްފައްސަށް އަޅުގަނޑުމެން މި ބުނާ ތަރައްޤީ ގެންނަން. މިތަނަށް އެއަރޕޯޓު އައުމާއެކީ، ށ. ގައި ފުނަދޫގައި އެއަރޕޯޓު ހެދުމާއެކީ ށ. އަތޮޅު ފައްކާވެގެން އެދިޔައީ ޓޫރިޒަމްގެ މަސައްކަތްތައް ކުރަން. އޭރުން އިރާދަކުރެއްވިއްޔާ މިތަނުގައި ރިޒޯޓުތައް ހެދިގެންދާނެ. މިއަތޮޅުގައި ތިބި ޒުވާނުންނަށާއި، އެހެން އުމުރުފުރައިގެ މީހުންނަށް މީގެ ނަފާ ލިބިގެންދާނެ.

އެހެންވީމާ، ށ. އަތޮޅު ވެގެންދާނީ، ޙަޤީޤަތުގައި އަޅުގަނޑު ވިސްނާގޮތުން ވެއްޖިއްޔާ، އުތުރުގައި އޮންނަ ޓޫރިޒަމް ހަބަކަށް. ނޫނީވިއްޔާ ޓޫރިޒަމްގެ ނާރެހަކަށް ށ. އަތޮޅު ބަދަލުވެގެންދާނެ. އެއީ، އަޅުގަނޑުމެން ކުރާ އުންމީދު. އެހެންވީމާ، ހާލަތު ބަދަލުކުރަން، އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ ސަބަބު މިދަންނަވާލީ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅާނުލެވި، ޤުދުރަތީގޮތުންވެސް ވަރަށް އެކަހެރިކޮށް އޮންނަ ރަށްރަށުގައިވެސް ﷲ އެބަ ތަނަވަސްކޮށްދެއްވާ، ކޮންމެވެސްކަހަލަ ދިރުމުގެ ނިޝާންތަކެއް. ބިލެތްފައްސަށް މިއޮތް ކަމަކީ، ބިލެތްފަހީގެ ވަށައިގެން މިއޮތް ބޮޑު ފަޅު. އެހެންވީމާ، މި ފަޅަށް ބަލައިފިކަމަށްވަންޏާ، މިއީ، ތަރައްޤީގެ އެކިއެކި އުންމީދުތައް އެކިވަރަށް ވިންދުޖަހާ ފަޅެއްކަން އަޅުގަނޑަށް އެބަ އިޙްސާސްކުރެވޭ.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްކުރާނީ، މިދެންނެވި ގޮތަށް. ބިލެތްފަހީގެ މި ސަރަޙައްދަށާއި އަދި މުޅި ށ. އަތޮޅަށް ޓޫރިޒަމްގެ މަންފާ، އިރާދަކުރެއްވިއްޔާ ލިބިގެންދާގޮތަށް މަސައްކަތްކުރާނީ. އެކަމަކު މިކަންކަން ކުރެވޭނީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުންވެސް އޮވެގެން. އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުންނެތިގެން މިދާ ކޮންމެ ފަހަރަކު ފެނިގެންމިދަނީ، އެކިއެކި މީހުންނަށް ޤާނޫނުގައި އޮންނަ އަދަބު ލިބިގެންދިޔައިމާ، އަބަދުވެސް ސުވާލު މިއުފެދެނީ، މިއީ، ޑިމޮކްރަސީ ނެތިގެން، މިއީ ޑިމޮކްރަސީ ނެތިގެންވާ ކަމެއްތޯ؟ މިއީ، ޙަޤީޤަތުގައި ޑިމޮކްރަސީ އޮތީމާ ވާކަމެއް. މިއީ، ޙަޤީޤަތުގައި ޤާނޫނު ތަންފީޒުކުރީމާ ވާކަމެއް. ޤާނޫނު ތަންފީޒު ނުކުރީމާ ވާގޮތަކީ، ޑިމޮކްރަސީ ނެތީމާ ވާގޮތަކީ، އެއްވެސް މީހަކަށް ނޭނގެނީ، އޭނާ ހުރަސްނުކުރާނެ ރޮނގު، ނޫނީ އޭނާ ހުރަސް ނުކުރާނެ، ނޫނީވިއްޔާ އޭނާ ހުންނަންޖެހޭނެ ހުދޫދު، އޭނާއަށް ނޭނގެނީ. އޭނާއަށް ނޭނގުނީމާ، އެހެންމީހުންގެ ޙައްޤުތަކަށް، ނޫނީވިއްޔާ އެއަށްވުރެން ގިނަ ބަޔެއްގެ ޙައްޤުތަކަށް އަރައިގަނެވެނީ. އަޅުގަނޑުމެން އެންމެންނަކީ، ޞުލްޙައަށް ލޯބިކުރާ، އެއްބަޔަކު އަނެއްބަޔެއްގެ ޙައްޤުތަކަށް އިޙްތިރާމުކުރާ ބަޔެއްކަމަށްވަންޏާ، މި ރަށުގެ އަވަށްޓެރިންވެސް، ގޭގޭގައި ތިބޭ މި އަވަށްޓެރިންވެސް ގަބޫލުކުރަންވާނެ، ތިމަންނާގެ އިންފާރުގެ ތެރޭގައޭ ތިމަންނާ މިއުޅެނީ. ތިމަންނާގެ އިންފާރުން، އަނެއް މީހާގެ ފުރާޅަށް އެއްވެސްވަރަކަށް ދަތިވާގޮތަށް ވެޔޮގަނޑެއް އަރުވައިގެން، އެ ވެޔޮގަނޑުގައި ފިނިހަށްއަޅައި، އެ ފުރާޅުން ފެން ނުނެގޭކަމަށްވަންޏާ އަވަށްޓެރިއާއަށް ވާ ގެއްލުން، އަވަށްޓެރިޔާއަށްވާ އުނދަގޫ އަޅުގަނޑުމެން އެބަ އިޙްސާސްކުރަންޖެހޭ. މިއީ ހުދޫދުގެ ތެރޭގައި ކަންކަން ކުރަންޖެހޭ ސަބަބަކީ މިއީ.

އެހެންވީމާ، ގެއިން ފުރާޅުން ފެން ނަގައިގެން، ފެން ބުއިމަކީ، ދާދި އިހަށްދުވަހާ ހަމައަށް އަޅުގަނޑުމެންގެ ރަށްރަށުގައި ކުރަމުން އައިކަމެއް. މިއަދު ދޮގެއްތޯ އަޅުގަނޑުމެންނަށް އުންމީދެއް ލިބިގެން މިއުޅެނީ، އަޅުގަނޑުމެންގެ މި ސަރުކާރުގައި 5 އަހަރު ނިމިގެންދާއިރު، އާބާދީގެ ކޮންމެ 4 މީހުންގެ ތެރެއިން 3 މީހަކަށް ވާވަރަށް ފެނުގެ، ރައްކާތެރި ފެނުގެ ނިޒާމު ފޯރުކޮށްދޭނެކަމަށް. އާދެ، 75 ޕަސެންޓުގެ ފެނުގެ ކަށަވަރުކަން އަޅުގަނޑުމެން ކޮށްދޭނެކަމަށް. އެހެންނޫނީވިއްޔާ މި ދެންނެވިގޮތަށް ވެޔޮތައް އަރައިގެން، ފުރާޅުން ފެންނަގާ ފުރާޅަކަށް ފިނިހައް އަރައިގެން، އެ އުނދަގޫވީމާ، އަވަށްޓެރިޔާއަށް އިޙްސާސްކުރެވޭނެ، އަނެކަކު ތިމަންނާގެ ޙައްޤަށް އަރައިގެންފިކަން. ސިޔާސީގޮތުންވެސް މިވަނީ މިކަން.

އެހެންވީމާ، ހުދޫދެއްގެ ތެރޭގައި މަސައްކަތްކުރަންޖެހޭ ސަބަބަކީ އެއީ. އެ ހުދޫދުގެ ތެރޭގައި މަސައްކަތް ނުކުރެވޭ ކަމަށްވަންޏާ، މިތަނުގެ ކައުންސިލުން މިސާލަކަށް، ކައުންސިލުގެ ރައީސާ، ކައުންސިލުގެ މެންބަރުންނާ، މި ދެ އަވަށްޓެރިންގެ ދޭތެރޭގައި މިއުޅޭ މައްސަލަ، ފިނިހަށްއަރާ ވެލެއްގެ މައްސަލަ ހައްލުނުކޮށްދެވިއްޖިއްޔާ، ދެން ކޮބައިތޯ މީގެ ނަތީޖާއަކީ. ގަދަ މީހާ ނުކުމެ އެ ވެޔޮގަނޑު ކަނޑާލާނީތޯ؟ ނޫނިއްޔާ ހަމަ ގަދަކަމުންވެސް އެ ވެޔޮގަނޑު ފުރާޅަށް، އަނެއް ގޭގެ ފުރާޅަށް އަރުވާފައި ބާއްވަން ޖާގަ ލިބޭނީތޯ؟ އެއީ، ދޮގެއްތޯ އުސޫލު ހުންނަންޖެހޭ ސަބަބަކީ. އެއީ، ދޮގެއްތޯ ޤާނޫނު ހަދަންޖެހޭ ސަބަބަކީ. އެ ހިސާބުން އެ ތަންފީޒުކުރަން އެބަޖެހޭ. އެ ތަންފީޒު ނުކޮށްފިއްޔާ މި ނުކުންނަ މަޞްލަޙަތު މާބޮޑު. އެހެންވެގެން ޙަޤީޤަތުގައި ޑިމޮކްރަސީއަކީ، ނިޒާމުތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމެއް ކަމަށް މިވަނީ، އުސޫލުތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމަކަށްވަނީ. އުސޫލުތަކަކީ، ފޮތުގައި ލިޔެފައި، ނޫނީ ޤާނޫނު ފޮތުގައި، ނޫ ފޮތެއްވިޔަސް، ފެހި ފޮތެއްވިޔަސް ލިޔެފައި އޮންނަ އެއްޗެއްނޫން. އުސޫލުތަކެއް ލިޔެފައި އޮންނަކަމެއް. ތަންފީޒުކުރީމާ ނުކުންނަ ނަތީޖާ އެއީ އުސޫލަކީ.

އެހެންވީމާ، އެކަންކަން ތަންފީޒުކުރާތީ، ބަޔަކު ހިތްހަމަނުޖެހިގެން މިއުޅެނީ. އެކަމަކު އަޅުގަނޑު ކިހިނެއްތޯ ދޫކޮށްލާނީ. ހުރިހާ ޢިލްމުވެރިންނާއި، ހުރިހާ ސިޔާސީ މީހުންނާއި، ހުރިހާ މީހުން މިހާތަނަށް ދައްކަމުން އައި ވާހަކައަކީ، އިސްލާމްދީނުގައި ކިހާވަރެއްގެ ނުބައި ކަމެއްތޯ؟ މަގާމުގެ ނުފޫޒު ފޯރުވެން އޮންނަ މީހަކަށް ރިޝްވަތުދީގެން، އޭނާ ރައްޔިތުންގެ ޙައްޤުތަކާ، ޚިލާފަށް އެ ރިޝްވަތު ފައިސާ ބޭނުންކޮށްގެން، އޭނާގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކު ބޭނުންވާގޮތަށް ކަންކަން ފުރޮޅާލުމަކީ ކިހާ ނުރައްކާތެރި ކިހާ ނުބައި ކަމެއްތޯ؟ މިއީ، އަޅުގަނޑު ދައްކަމުންއައި ވާހަކައެއްނޫން. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް މިކަން ކުރައްވައިގެންވެސް އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ކަންކަން ފުރޮޅާލުމަކީ، ޞައްޙަ ކަމަކަށްވެއްޖެ. ޖާއިޒު ކަމަކަށްވެއްޖެ. އެކަމަކު އެކަން އެ ހިސާބަށްގޮސް، އެކަން އެނގިގެންދިޔައިމާ، އެއަށް ފިޔަވަޅު އަޅަން ލާޒިމު. އެއަށް ފިޔަވަޅު ނާޅާކަމަށްވަންޏާ، އެއަށްވުރެން ބޮޑެތި ޙައްޤުތައް ގެއްލިގެންދާނެ.

އެހެންވީމާ، ރިޝްވަތާއި، ފަސާދައިގެ ވާހަކައަކީ، މިއީ، މީގެކުރިން އަޅުގަނޑުމެން އަހަމުން އަންނަ ވާހަކަތައް. އެ ވާހަކަތައް ދައްކަވާ ބޭފުޅުންގެ ފަރާތްޕުޅުން އެކަން ފެނިގެންދިޔައިމާ، ދެން ކީއްވެގެންތޯއޭ އެއަށް ފިޔަވަޅު ނާޅަންވީ؟ ކޮންމެ ބޭފުޅަކު ވާހަކަފުޅު ދައްކަވާއިރު ވިދާޅުވާނެ، ތިމަންނާގެ ކުރިމަތީގައި އެންމެންގެ މައްޗަށް ހަމަހަމަކޮށް ޤާނޫނު ހިނގާނޭ. އަޅުގަނޑުމެންނަށް މިއަދުގެ ދިވެހިރާއްޖޭގައި ފެނިގެން މިއުޅޭ މައްސަލައަކީ، އެންމެންގެ މައްޗަށް ޖިނާއީ ޤާނޫނު ހަމަހަމައަށް ހިނގާތީ ނުކުމެގެން އުޅޭ މައްސަލަ. އެމް.ޑީ.ޕީ. ގެ ތެރޭގައި އޮތް ނުތަނަވަސްކަން، މުޅި ރާއްޖޭގެ މުޖުތަމަޢަށް އިހަށްދުވަހު، އެމް.ޑީ.ޕީ. ގެ ކޮންގްރެސްއިން އިބްރާހީމް މުޙައްމަދު ޞާލިޙު ދައްކަންދެން، މިއައީ ކީއްވެގެންތޯ؟ މިއައި، ސަބަބަކީ، ޤާނޫނުގައި ޙުކޫމަތު، ނޫނީވިއްޔާ، ޤާނޫނު ދަމަހައްޓާތީ، އެކަން ގަބޫލުނުކުރެވިގެން، ނުކުތް މައްސަލަ. އޭގެ އުނދަގޫ މިއައީ.

ރައީސް ނަޝީދާ ދޭތެރޭގައި އައިސްފައި އޮތް ޙުކުމެއް އައިސްފައި އެއޮތީ. ޙުކުމް ކުރަނީކީ ރައީސް އޮފީހަކުން ނޫން. ޙުކުމް ކުރަނީ ކޯޓުތަކުން. ތިން މަރުޙަލައިގެ ޙުކުމް ނިންމަވައިފި. އިސްތިޢުނާފު ނިމިއްޖެ. ދެން އެ ހިސާބުން ރައީސަކަށް ހުންނަ މީހަކަށް މި ޖެހެނީ އެކަން ތަންފީޒުކުރަން. އެއީ، އެ ނޫންގޮތަކަށް އެކަން ކުރާކަށެއްނޫން، ރައީސުން އިންތިޚާބުކޮށްފައި މިތިބެނީ.

އެހެންވީމާ، ކުރިއަށް އޮތް އިންތިޚާބާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާއިރުވެސް، އަޅުގަނޑުމެން ވިސްނަންޖެހެނީ އަޅުގަނޑުމެން އެންމެބޮޑަށް ބޭނުންވަނީ ކޮންކަމެއްތޯ؟ ބިލެތްފަހި ކަހަލަ ކުދި އާބާދީތައް ވިސްނަންޖެހޭ ކަމަކީ، ތިމަންނަމެން ތިމަންނަމެންގެ ހާލައިގެން އުޅުމަށް ޖާގަދޭށޭ. ތިމަންނަމެން ތިމަންނަމެންގެ ހާލައިގެން އުޅުމަކީ، ތިމަންނަމެންގެ ވެށްޓަކީ އަމާން ވެށްޓެއް ކަމަށް ސަރުކާރުން ކަށަވަރުކޮށްދޭށޭ! ތިމަންނަމެންގެ ތެރޭގައި ބޮޑެތި ކުށްކުރުންތައް ހުއްޓުވާށޭ! ކުށްކުރުން އުފެދިގެނެއް ނުވާނޭ. އެ ޞުލްޙަވެރިކަން އެ މަޞްލަޙަތު އެ ހަމަޖެހުމަކީ، އަޅުގަނޑުމެން އެންމެ ފުރަތަމަ ބޭނުންވާ ކަންތައް.

ވަޒީފާއަކަށް މީހަކު ކުރިމަތިލީމާ، ވަޒީފާގެ ޝަރުޠު ފުރިހަމަވޭތޯ ބަލަން، އިމްތިޙާނެއް ކުރާނެ. ހަމަ އެ އިމްތިޙާނުކުރާ އުސޫލުން ތަރައްޤީ ކުރުމަށްޓަކައި، ނޫނީވިއްޔާ ރަށެއްގެ އުފަލާއި އަރާމަށްޓަކައި އެންމެފުރަތަމަ އޮންނަންޖެހޭ ކަމަކީ، މި ދެންނެވި ހިތްހަމަޖެހުން، ހަމަޖެހުން، މަސްލަޙަތު، އަމާންކަން ރައްކާތެރިކަން. އެ އޮތުމަށްފަހު ދެން ވިސްނާނީ ބިލެތްފަހީގެ ބޭރުގައި ބޮޑުފަޅެއް އެބައޮތްތޯ؟ އެ ފަޅުން ލިބޭނީ ކޮންކަހަލަ ނަފައެއްތޯ؟ ބިލެތްފަހީގައި އެއަރޕޯޓެއް ހަދައިފިއްޔާ، އެތަނުން ފައިދާވާނެތޯ؟

އެކަމަކު ކޮން އިންވެސްޓަރެއްތޯ މިތަނަށް އަންނާނީ، މިތަނަކީ، ހަމަޖެހުންނެތް، އަމާންކަންނެތް، އަދި ބޮޑެތި ކުށްތަކަށް އަރައިގަންނަ ރައްޔިތެއް އުޅޭތަނަކަށް ވެއްޖިއްޔާ އެތަނަށް ފައިސާ ހިފައިގެން އަންނާނީ؟ ދުނިޔޭގައި ފައިސާ ހިފައިގެން ގޮސް އިންވެސްޓް ކުރާނެ ތަންތަން މަދެއްނޫން. ކީއްވެގެންތޯ ދިވެހިރާއްޖެއަށް އަންނަންވީ؟ ދިވެހިރާއްޖެއަށް އަންނަންޖެހޭ ސަބަބު ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެއީ، ހަމައެކަނި ސަރުކާރުން ކަށަވަރުކުރާނެ ކަމެއްނޫން. ސަރުކާރުން ޝައްކެއްވެސްނެތްގޮތުގައި މަސައްކަތްކުރަންވާނެ. އެކަމަކު އެއީ ރައްޔިތުންވެސް މަސައްކަތް ކުރައްވަންޖެހޭ ކަމެއް.

އެހެންވީމާ، ކުރިއަށްއޮތް އިންތިޚާބާ ހަމައަށް އަޅުގަނޑުމެން ދާއިރުވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަމަކީ މިއީ. ހަމަޖެހުމާއި އަމާންކަމުގެ ވެށްޓެއް ފުރަތަމަ އެބަ ގާއިމުކޮށްދޭންޖެހޭ. ހަމަޖެހުމާއި އަމާންކަމަށް ގޮވާލާ ފަލްސަފާއެއް ގެންގުޅޭ ބަޔަކާ ދޭތެރޭގައި ވިސްނަންޖެހޭ، ޝައުޤުވެރިވާން އެބަޖެހޭ. އެއާއެކީ އެބައެއްގެ ވިސްނުންހުރީ، ކުދިކުދި ރަށްރަށަށް ތަރައްޤީ ގެންނަންތޯ، ބިލެތްފަހީގެ ރައްޔިތުން ވިސްނަން އެބަޖެހޭ. އެ ތަރައްޤީގެ ތެރެއިން، އެ ތަރައްޤީގެ ތެރެއިން އުފެދޭ މައްސަލަތައް، ދަރަނިކަހަލަ، އުފެދޭ މައްސަލަތައް އަދާކުރުމުގެ ޤާބިލުކަން، ނޫނީ އެކަން ބޮޑުވެގެން ވާހަކަ ދައްކާ ބަޔަކުތޯ ވެރިކަމަށް ގެންނަން ތިމަންނާމެން މަސައްކަތް މިކުރަނީ. ނޫނީ ތިމަންނާމެން ވެރިކަމަށް ގެންނަން މި މަސައްކަތްކުރަނީ، ހާލަތު ބަދަލުކޮށްގެންވެސް ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުމާއި ތަނަވަސްކަން ގެނެސްދޭން މަސައްކަތްކުރާ ބައެއްތޯ؟ އެއީ، މިއަދު ވޯޓު ފޮށްޓާ ހަމައަށްދާއިރު، އަޅުގަނޑުމެން ކުރަންޖެހޭ ސުވާލު.

އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ބިލެތްފަހީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންވެސް ވިސްނައިދެއްވާ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ބިލެތްފަހީގެ ތިޔަ ހުރި މައްސަލަތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލުކުރާނަމޭ. މިހާރުވެސް، އެތަކެއް ކަންތައްތަކެއް ހައްލުވެގެން އެ ދިޔައީ. އެއާއެކީ، ތިޔަބޭފުޅުން ހިތްޕުޅަށް ނުގެންނަވާ ކަމެއްގެ ވާހަކަ މި ދެންނެވީ. އެއަރޕޯޓަކީ ހުރިހާ އެންމެންވެސް އިންތިޒާރުކުރާ، އުންމީދުކުރާ، އެދޭ ކަމަކަށްވެގެންދާނެ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، ބިލެތްފަހީގައި އެއަރޕޯޓެއް އެޅި، މި ފަޅުގެ ބޭނުން، އިޤްތިޞާދީގޮތުން ހިފޭ ހިސާބަށް ދިޔައިމާ ބިލެތްފައްސަކީ، މި ހިސާބުގަނޑުގައި އޮތް އެންމެ ތަނަވަސް ރަށަށް ވެގެންދިޔުމަކީ، ހަމަގައިމުވެސް ބިލެތްފަހީގެ ރައްޔިތުން ކުރައްވާ އުންމީދު. ތިޔަބޭފުޅުންގެ އުންމީދުގައި ކުލަޖައްސައިދޭނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.