بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ބައިވެރިކުރަމުން.

މާފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މާފުށީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރުގެ އެކި އޮފީސްތަކާއި މުއައްސަސާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑަށް ލިބިގެންދިޔަ އުފަލެއް، ތިޔަބޭފުޅުންގެ ގާތްކަން، އަޅުގަނޑަށް ހާމަކޮށްދެއްވީ، އަޅުގަނޑު މިއައި ވަގުތު އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއިން. އިޚުލާޞްތެރިކަމާއެކީ ފަށްފަށުން ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ހަމައެއާއެކީ ދަންނަވާލާނީ، މިރަށުގައި މިއަދު އަޅުގަނޑުމެން ރަސްމީކޮށް ފަށައިގެން މި ގެންދިޔަ މަޝުރޫޢު ނިމިފައިވީތާ މަސްތަކެއްވީއިރުވެސް އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ނުކުރެވުނު ސަބަބުތަކެއްދިޔަ. އޭގެ ތަފްޞީލަށްދާކަށް ނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުން ހަމަ ދަންނަވާލަން ބޭނުންވަނީ ބައެއްފަހަރު އަޅުގަނޑުމެންނަށް އެންމެ ކައިރީގައި ހުރި ކަންކަމާ އަޅައިނުލެވިދާ ސަބަބުތައް ހުންނަނީއޭ. މާފުށްޓަކީ މާލެއިން ޒިޔާރަތެއް ކުރަން ނިންމައިފި ކަމަށްވަންޏާ އެހާ ދުރުގައި އޮތް ތަނެއް ނޫން. އަޅުގަނޑުމެންނަށް ޒިޔާރަތް ކުރެވޭނެ. އެހެންނަމަވެސް، ގަބޫލުކުރެއްވޭނެ، އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް މި ކުރިމަތިވަމުންދާ ބައެއް ކަންކަމާ ގުޅިގެން ދަތުރުފަތުރުކުރުމާ، މިކަހަލަ ބައެއް ކަންކަން، ސިޔާސީ އެންމެ އިސް މީހުންނަށް، އަދި އަމުދުން ދައުލަތް ހިންގަން ހަވާލުވެ ހުންނަ މީހަކަށް އެހާ ފަސޭހަނުވި ދުވަސްކޮޅެއް އަޅުގަނޑުމެން ހޭދަކޮށްފީމު. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ އެކަންކަމުން އަޅުގަނޑުމެން އަރައިގެންފީމު. އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ، މިގޮތަށް ނިންމިފައި، އެހެން ނަމަވެސް، ރަސްމީގޮތުން އިފްތިތާޙު ނުކުރެވި ހުރި މަޝުރޫޢުތައް އިފްތިތާޙު ކުރުމަށް ރަށްރަށަށް، ތިޔަބޭފުޅުންގެ އަރިހަށް ކުރާ ޒިޔާރަތް.

އަޅުގަނޑަށް ލަފާކުރެވެނީ ގާތްގަނޑަކަށް މިގޮތަށް ނިންމިފައި ހުރި ބޮޑެތި ކަންތައްތައް، ފެނާއި ނަރުދަމާ، މަގުހެދުން، ބަނދަރު ހެދުން، މިކަހަލަ އެތައް ކަމެއް، ގޮނޑުދޮށް ހިމާޔަތް ކުރުން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ކަހަލަ، ފަސްގަނޑު ތިރި ޖަޒީރާ ރަށްތަކެއްގައި އުޅޭއިރު ދިމާވާ އެންމެބޮޑު މައްސަލަ. މާފުށްޓަށްވެސް މި މައްސަލައަކީ އާ މައްސަލައެއް ނޫން. ހަމަ ވަރަށް ކައިރީގައި އޮތް މައްސަލައެއް. އެހެންވީމާ، މާފުށީގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް މި ކުރެވުނު މަސައްކަތްތަކަކީ ޝައްކެއްވެސްނެތްގޮތުގައި، މާފުށީގެ ލޮބުވެތި ރައްޔިތުން ވަރަށް ބޭނުންވެފައި، އިންތިޒާރު ކުރައްވަމުން ގެންދެވި ކަމެއް. އެކަމަށް ނިމުމެއް އައީތީ، ތިޔަބޭފުޅުންގެ ތިޔަ އުފަލުގައި އަޅުގަނޑުވެސް ހަމަ ބައިވެރިވާ ވާހަކަ ދަންނަވަން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑަށް ލިބުނު ހަމަ ވަރަށް އިޚުލާޞްތެރި، ވަރަށް ރަނގަޅު ފުރުޞަތެއް، މި މަޝްރޫޢު ފަށައިދިނުމަށް އައިސް، ތިޔަ އެންމެ ބޭފުޅުންނާ ވާހަކަ ދައްކާލައި އަދި އަޅުގަނޑުގެ ޚިޔާލު ހުރިގޮތް ތިޔަބޭފުޅުންނަށް ދަންނަވާލުން.

އަޅުގަނޑުމެން ރަށްރަށަށް މިކުރާ ޒިޔާރަތުގައި، ޝައްކެއްވެސްނެތްގޮތުގައި، ރަށްރަށުން ހިނިތުންވުން މި ފެނިގެންދަނީ ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ކޮށްދެވޭތީ. އެހެންނަމަވެސް، އިންސާނީ ޠަބީޢަތަކީ އަދި އަޅުގަނޑުމެން މީގެކުރީގައި ރަށްރަށުގައި ދިރިއުޅެމުންދާއިރު، ކޮންމެ ރަށަކީ އެ ރަށަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިފައި ހުންނަންވާނެ ތަންތަން ކަމުގައިވާތީ. ނުކުރެވި ހުންނަ ކަންތައްތައް މަދެއްނޫން. ކިތަންމެވަރަކަށް ކަންތައްތައް ކުރަމުން ގެންދިޔަސް، އަދިވެސް ހަމަ އާ ކަންތައްތައް އަޅުގަނޑުމެންނަށް ފެންމަތިވަމުންދާނެ. މިރަށުގައި ނުކުރެވި ހުރި ބައެއް ކަންކަން ނިމިގެންދިޔައީ. ދާއިރުވެސް މިރަށުގައި އަދިވެސް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެންނަށް ދެންމެވެސް އިވިގެން މިދިޔައީ. ބޯހިޔާވަހިކަން، މިރަށަކަށް އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށްވެސް ޢާންމުވެފައި އޮތް، އެންމެން ބޭނުންވެފައި އޮތް ކަމެއް މިއީ.

ބޯހިޔާވަހިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނެސްދެވޭތޯ ބެލުމުގެ ގޮތުން އަޅުގަނޑުމެން ހިޔާ މަޝްރޫޢު ފަށައިގެން ކުރިއަށް މިގެންދަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަޝްރޫޢު، 2018 ވަނަ އަހަރުގެ ނިޔަލަށް، ނޫނީވިއްޔާ 2019، މި އަންނަ އަހަރުގެ ކުރީކޮޅު މަޝްރޫޢު ނިންމާފައި، ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ އެއްލައްކަ ކޮންމެވެސްވަރެއްގެ މީހުންނަށް ބޯހިޔާވަހިކަން ފަހިވެގެންދާނެ. އެކަމަކު އެހިސާބުން އެ މަޝްރޫޢު އެ ނިމުނީކީނޫން. އެ މަޝްރޫޢުގެ އެހެން ފިޔަވަހިތައް އަނެއްކާވެސް ހިނގާނެ. ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން މަދެއްނޫން. ޒުވާނުން، ބޯހިޔާވަހިކަން ނެތް، ގެދޮރުވެރިކަން ނެތް ޒުވާނުން މަދެއްނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންކަން ޙައްލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން އަމާޒުކޮށްފައި ހުރި ކަންކަން.

ހަމައެއާއެކީ، ކޮންމެ ރަށަކަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ރަށް ގިރާކަމަށްވަންޏާ، ރަށް ހިމާޔަތް ކުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކަންކަން މިއީ އަޅުގަނޑުމެންނަށް ހަމަ އެންމެ ކުރީ ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ދިމާވެފައި އޮތް ބޮޑެތި ގޮންޖެހުންތައް.

ދެންމެ މިނިސްޓަރ ތާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެންމެ ބޮޑަށް މިގޮތަށް އާޓިފިޝަލީ ތޮށި ހިމާޔަތް ކުރުމުގެ މަސައްކަތެއް ކުރެވިފައި އޮތް ކަމަށްވަންޏާ، އެންމެބޮޑު ހޭދައެއް ކުރެވިފައި، ގާތްގަނޑަކަށް ތިރީހަކަށް ކިލޯ މީޓަރުގެ ތޮށި ލެވިފައި މިއޮތީ ހަމަ ދިވެހިރާއްޖޭގައި. އޭގެތެރޭގައި، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި މަސައްކަތުގެ ގާތްގަނޑަކަށް ހަތަރު ގުނަ، މި ހަތަރު އަހަރުގެ ތެރޭގައި އިތުރުވެގެން އެދިޔައީ. އެހެންނަމަވެސް، މިވަރުންވެސް އަޅުގަނޑުމެންގެ ރަށް ގިރުމުގެ މައްސަލައަކަށް، ނޫނީ ތޮށިލާން އިތުރަށް ބޭނުންވާ ރަށްރަށުގެ މި އެދުމަކަށް އަދިވެސް ނިމުމެއް އައީކީ ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ދިރުން ހުރިއްޔާ އުންމީދުކުރާ އުސޫލުން މި ރަށަށް ދަތިވެފައި ހުރި ކަންތައްތައް ޙައްލުކޮށްދޭން އަޅުގަނޑުމެން މަސައްކަތްކުރާހެން އެހެން ރަށްރަށަށް ދަތިވެފައި ހުރި ކަންތައްތައްވެސް ޙައްލުކޮށްދޭން އަޅުގަނޑުމެން މަސައްކަތް ކުރާނަމު.

މިރަށުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި، މި ރަށަކީ ޝައްކެއްވެސްނެތްގޮތުގައި، އާމްދަނީ ހޯދަން މަސައްކަތް ކުރާނެ ހިތްވަރުގަދަ އަދި ޢަޒުމު ހުރި ރައްޔިތެއް ދިރިއުޅޭ ރަށެއް. ފަންސާހަކަށް ގެސްޓްހައުސް ހުރިކަން، ދެންމެ އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ. އަދިވެސް އިތުރު ގެސްޓްހައުސް މި ރަށުގައި އުފެދުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އެދުމެއް. މިރަށުގައި ބިން ބޮޑުކުރުމަކީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ މިކަހަލަ ރަށްރަށުގައި އަންނަ އަނެއް އިލްތިމާސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދެން ރައްޔިތުންނާ އާ ދައުރަކާއެކީ ބައްދަލުކުރާއިރު، ރައްޔިތުން އަޅުގަނޑުމެންނަށް އެ ފުރުޞަތު ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުގެ ޗާޓުގެ އެންމެ ކުރީކޮޅުގައި މި ރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫޢު ހިމަނާނަން.

ހަމައެއާއެކީ މިއަދުން މިއަދަށްވެސް ތިޔަބޭފުޅުންނަށް މީގައި ކޮންމެވެސްވަރެއްގެ ޙައްލެއް އަޅުގަނޑު ގެނެސްދޭން ބޭނުންވޭ. އެއީކީ ބޮޑު ހޭދައެއް ކޮށްގެން ކުރާ ކަމެއްވެސް ނޫން. އަޅުގަނޑަށް ދެންމެ ޗާޓުން ފެނުނު ގޮތުގައި ވެއްޖިއްޔާ މިރަށުގައި ވަރަށްބޮޑު ބައެއް މި އޮންނަނީ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް ނަގާފައި. ޙަޤީޤަތުގައި ވަރަށްބޮޑު ބިމެއް މިއޮތީ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް ނަގާފައި. ކުޑަކުދިންގެ އިޞްލާޙިއްޔާއަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ބޭނުންތެރި ކަމަކަށް ވެގެންދާނެ. އެހެންނަމަވެސް، އެންމެ ރަނގަޅަށް މިކަން ކުރެވޭނީ އަޅުގަނޑުމެން މާފުށީގައިތޯ، މިހާރު ތިބީ ކިތައް ކުދިންތޯ ބަލައިލާފައި، އަޅުގަނޑު މިއަދުން މިއަދަށް ނިންމައިފިން، ކުޑަކުދިންގެ އިޞްލާޙިއްޔާ، ސަރުކާރުން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލަން.

އެހެންވީމާ، ކުޑަކުދިންގެ އިޞްލާޙިއްޔާ އެއޮތް ބޮޑު ބިމުގައި މާފުށީގެ ރައްޔިތުން، ކައުންސިލުން ރައްޔިތުންނާ ވާހަކަފުޅު ދައްކަވައިގެން ތިޔަބޭފުޅުން އެތަނުގެ ލޭންޑްޔޫސް ޕްލޭނެއް ހައްދަވަންވީ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އެންމެ ރީތި ގޮނޑުދޮށް ކުރިމަތީގައި އޮތް ތަނަކަށް މިވަނީ އިޞްލާޙިއްޔާ އޮތްތަން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި މިރަށުގެ  އެތައް ބައިވަރު ޒުވާނުންނަކަށް ވަޒީފާ ލިބި، އަދި އެތައް ރައްޔިތުންނަކަށް އާމްދަނީ ލިބޭނެ ކަމަކަށް ވެގެންދާނެ، އެތަނުގައިވެސް އިތުރު ގެސްޓްހައުސްތަކެއް ހެދުން. އެއާއެކީ ހަމަ ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް އެ ބިމުން ޖާގަ ލިބިގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާފުށީގެ ރައްޔިތުންނަށް މާފުށީގެ ރައްޔިތުން ނިންމާ ކަމެއް ކުރުމަށް، ކުޑަކުދިންގެ އިޞްލާޙިއްޔާ ހުރި ބިން، މިއަދުން ފެށިގެން ހަމަޖެހިގެން  މިދިޔައީ.

މާފުށީގައި ރައްޔިތެއް ދިރިއުޅެމުންދާއިރު އަދި މާފުށީގައި ގެސްޓްހައުސްތަކެއް ހިމެނި، އަދި ކައިރި ރަށްރަށުންނާއި ދުރުން މީހުން އައިސް މިތަނުގައި މަސައްކަތް ކުރަމުންދާއިރު، ޝައްކެއްވެސްނެތްގޮތުގައި، ކުނިކޮށްޓާއި ނަރުދަމާގެ ނިޒާމަކީ މުހިންމު ކަންކަން. ރާއްޖޭގައި މިގޮތަށް މުހިންމު ކަންކަން ބޭނުންވެފައި ހުރި ރަށްރަށް ހަމަ ވަރަށްގިނަ. އެހެންނަމަވެސް، މާފުށްޓަކީ މާލެއާ މިހާ ކައިރީގައި އޮތް ރަށަކަށް ވެގެންދާއިރު، އަޅުގަނޑު ހަމަ ކަށަވަރުކޮށްދޭނަން، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، މާފުށީގައި ކުނި ކަލެކްޓްކޮށްގެން ތިލަފުށްޓަށް ގެންގޮސް، މާފުށީގައި ކުނި ޖަމާނުވެ، ތިލަފުށީގައި އެންދުމުގެ އިންތިޒާމު މިހާރު އަޅުގަނޑުމެން ހަމަޖައްސަމުން މިގެންދަނީ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ތިލަފުށީގައި ކުނި އަންދާ މެޝިންތަކެއް ގެނައުމަށް ޓެންޑަރު އެއޮތީ ކޮށްފައި. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ތިލަފުށީގައި އިންސިނަރޭޓަރުތަކެއް، މިއަހަރު ހުސްވުމުގެ ކުރިން އިންސްޓޯލް ކުރެވިގެންދާނެ ކަމަށް. އެހެންވީމާ، މި ސަރަޙައްދުގެ ރިޒޯޓްތަކާއި، މާފުށި ކަހަލަ ރަށްރަށުގެ ކުނި އެންދުމުގެ މައްސަލަ އަދި ކުނި ކަލެކްޓްކޮށް އެންދުމުގެ މައްސަލަ ޙައްލުވެގެންދާނެ، އިރާދަކުރެއްވިއްޔާ ތިލަފުށީގައި މި އިންތިޒާމުތައް ހަމަޖެހިގެން ދިޔައިމާ.

ދެން މިހުރި ހުރިހާ ކަމަކީވެސް ހައްތަހާވެސް ހަމަ ރަނގަޅު ކަންކަން. ﷲ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވާ ނިޢުމަތްތައް. މި ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރާއިރު، އަޅުގަނޑުމެންގެ ވިސްނުމަށް އަންނަންޖެހޭ ކަމަކީ، މިކަންކަން ކުރާއިރުވެސް، ސަރުކާރުން މިކުރާ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިޔުމުގެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ފިޔަވަޅުތަކެއް އެޅުމުގެ ޖާގަ އެބަ ހޯދަންޖެހޭ. މިކަންކަމަކީ މީގެކުރީގައިވެސް ރާއްޖޭގައި ރަށްރަށުގައި ބޭނުންވެފައި ހުރި ކަންކަން. އެހެންވީމާ، މިހާރު މިދަނީ މިކަހަލަ އެތައް ކަމެއް ވަމުން. އަދި އަޅުގަނޑުމެން ޚިޔާލުނުކުރާ ކަންކަމަށް އަޅުގަނޑުމެންގެ އުންމީދު ވާސިލު އެބަވޭ. އަތް ނުފޯރާ ހިސާބަށް އަޅުގަނޑުމެން އެބަ އަތް ދަމާލަން. މިހާރު ރަށްރަށުންވެސް، އަޅުގަނޑު ރަށްރަށަށް ޒިޔާރަތް ކުރީމާ، ކައިރި ދެ ރަށް ގުޅުވައިދޭ ވާހަކަ މި ދައްކަނީ ބްރިޖެއް އަޅަން، ކޯޒްވޭއެއް އަޅަން. މާލެއާއި ހުޅުމާލެއާ، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ގުޅިގެން، އެ ފަސޭހަކަން މާލެ ހުޅުމާލޭގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ.

މި ހުންނަނީ އަޅުގަނޑުމެން މީގެކުރީގައި ތަޞައްވުރުކޮށްފައި، މިކަންކަމާ ދޭތެރޭގައި ހަމަގައިމުވެސް ޢަމަލީ ފިޔަވަޅު އެޅިފައި ހުރި ކަންކަމެއް ނޫން. އަޅުގަނޑުމެން ހަމަ ރީތި ހުވަފެން ދެކޭހެން، މީގެކުރީގައި މި ހުވަފެންތައް އަޅުގަނޑުމެން ދުށީމު. އެހެންނަމަވެސް، އެ ހުވަފެންތައް އެއްވެސްވަރަކަށް ޙަޤީޤަތަކަށް ހަދާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރަމު. އަޅުގަނޑުމެން ގަބޫލުކުރަންވާނެ، މާފުށީގައިވެސް އިޤްތިޞާދުގެ މައި ބަދައަކަށް މިއޮތީ ޓޫރިޒަމް. މާފުށީގައި ޓޫރިޒަމް އިތުރުވެގެންދާނީ، މުޅި ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ދިޔައިމާ. މުޅި ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުވެގެންދިޔުމަކީ، މުޅި ރާއްޖެއަށް ޓޫރިޒަމްގެ އާމްދަނީއާއި، ދަތުރުފަތުރުގެ ފަސޭހަކަން، އެއަރޕޯޓްތައް ޤާއިމުވެގެން ދިޔައިމާ، އެކަމުންނާއި އަދި ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދިޔައިމާ، އެކަމުން ލިބޭ ކަންކަމުން މުޅި ރާއްޖެއަށް ޢާންމުވެގެންދާ ކަންކަން. މިއަދަކު އެއްގޮތަކަށްވެސް ޓޫރިޒަމަކީ މާލެ ވަށައިގެން އޮތް އެއްޗެއް ނޫން. މާލެ ވަށައިގެން އޮތް ޞިނާޢަތަކަށް ޓޫރިޒަމްވުން ހުއްޓިއްޖެ. މިހާރު ރާއްޖޭގައި ހުރިހާ ދިމާއެއްގައި، އެ ދާއިރާތަކަށް ދަތުރުފަތުރު ކުރުމަކީ ފަސޭހަކަމަކަށްވަންޏާ، ޓޫރިޒަމް ހަމަ ދިލަނުޖެހޭ އެއްވެސް ދިމާއެއް ނޯންނާނެ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި އެންމެ އުނދަގޫވެފައި އޮތް ދިމާއަކީ ހއ. އާއި ހދ. އަށް ޓޫރިޒަމްގެ މަސައްކަތްތައް ގެންދަން. އެއީ އެތަނަށް ދަތުރުފަތުރުގެ ދަތިތައް ހުރިވަރުން. އެހެންނަމަވެސް، ހަމަ މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހއ. އާއި ހދ. ގައި މި ސަރަޙައްދު ހިމެނޭގޮތަށް، ށ. ވެސް ހިމެނޭގޮތަށް އެއަރޕޯޓްތަކެއް އެޅުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި.

ކުޅުދުއްފުށީގެ ބިން ހިއްކުމުގެ ބޮޑެތި މަސައްކަތްތައް ކުރަމުން އެދަނީ. އަދި ހަމައެހެންމެ، ހއ. ހޯރަފުށީގެ ކައިރީގައި އަޅުގަނޑުމެން އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އެއޮތީ ނިންމާފައި، އިޢުލާނުކޮށްފައި. ށ.އަތޮޅުގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. މިކަންކަމުން މުޅި ރާއްޖެއަށް ޓޫރިޒަމް ޢާންމުވެގެންދާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭނެ، މިހާރު ރާއްޖެއަށް މި ޒިޔާރަތްކުރާ 1.5 ނޫނީ 2 މިލިއަނާ ކައިރިކުރާ މީހުން، މި ފަތުރުވެރިން ހަމައެކަނި އައިސްގެނެއް، ރާއްޖެއަށް ޒިޔާރަތްކޮށްގެންނެއް މާފުށީގެ އިތުރު ގެސްޓްހައުސްއަށް ބޭނުންވާ ޓޫރިސްޓުން، ނޫނީ މުޅި ރާއްޖެއިން އަޅުގަނޑުމެން ޢާންމުކުރަން ބޭނުންވާ ޓޫރިސްޓުންނެއް، އެވަރަކުންނެއް ނުފުދޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން ހުރީ އަދި އެއަށް ޢަމަލީ މަސައްކަތް ކުރެވެމުން މިހާރު އެދަނީ، އެއްހާސް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދު ހޭދަކޮށްގެން، ބައިނަލްއަޤްވާމީ އެއަރޕޯޓެއް، މި ސަރަޙައްދުގައިވެސް އޮތް އެންމެ ވަރުގަދަ، އެންމެ ރީތި އެއަރޕޯޓަށްވުމަކީ އަޅުގަނޑު ހަމަ ދެކޭ ހުވަފެން. ﷲ އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވާނެ. އެ އެއަރޕޯޓް ނިމިގެން ދިޔައިމާ، އަޅުގަނޑުމެން އުންމީދު މި ކުރަނީ ގާތްގަނޑަކަށް 7.5، 8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް. މިހާރު ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރާ އަދަދަކީ 1.5 ވަރު ކަމަށްވަންޏާ، އޭގެ 6 ގުނަ، 7 ގުނަ އިތުރުވެގެން ދިޔައިމާ، ދެން އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ، އެންމެ ޒުވާން ކުދިންވެސް ޚިޔާލަށް ގެންނަންވީ، 18 އަހަރާއި، 30 އަހަރާ ދޭތެރޭގެ ޒުވާން ކުދިންވެސް، ބަލިނުވާނެ ކަމަށް ނިންމައިގެން ތިބި ކުދިންވެސް، އަދި ޞިއްޙީ ދާއިރާގެ ފަރުވާ ހޯދަން ވަންނަން ނުޖެހޭނެ ކަމަށް އުންމީދުކުރާ ކުދިންވެސް އަދި ދިގުލައިގެންދާ، ދެމިގެންދާ ކަހަލަ ފަރުވާއެއް ބޭނުންނުވާނެ ކަމަށް މިހާރު އަޅުގަނޑުމެންގެ ޚިޔާލުގައި ހުރި ޒުވާން ގިންތިވެސް ޚިޔާލަށް ގެންނަންޖެހޭނެ، އެކަމަކުވެސް މިހުރިހާ ކަމެއް ތިމަންނާ ބޭނުންނުވިނަމަވެސް، ތިމަންނަ ބޭނުންވާނެ ކަމަކީ މައިންބަފައިންނަށް އެހީތެރިވުމާއެކީ، މައިންބަފައިންނަށް ތިމަންނާގެ ފަރާތުން އިތުރު ތަކުލީފެއް އުފުލަން ނުޖެހި، ތިމަންނާއަކީވެސް އާމްދަނީ ހޯދާ، މަސައްކަތެއްކުރާ، ވަޒީފާއެއް އަދާކުރާ، ނޫނީވިއްޔާ އާމްދަނީ ލިބޭ މީހަކަށް ވެގެންދިޔުން. އެއާއެކީ ތިމަންނާއަށްވެސް ގަބޫލުކުރެވެނީ، ތިމަންނާވެސް ޒަވާޖީ ޙަޔާތަކާ އެއްކޮށް ރާއްޖެއަށް މިކުރާ މަސައްކަތުގައި ތިމަންނާގެވެސް ދައުރެއް އޮންނާނެކަން.

އެހެންވީމާ، މިކުދިންނާ ހަމައަށް މި ވިސްނުން ގެންގޮސްދެއްވާތޯ މާފުށީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވާލަނީ، ޙަޤީޤަތުގައި މިހާރު މިކުރެވޭ ހުރިހާ ކަމަކީ، އެއްވެސް ގިންތިއެއް ބާކީނުވެ، އެއްވެސް ދާއިރާއެއްގެ މަޝްރޫޢެއް ބާކީނުވެ، އެއްވެސްކަހަލަ ދާއިރާއެއް އެކަހެރިނުކޮށް މިކުރެވޭ މަސައްކަތްތަކަކީ، މުޅި ސަރުކާރެއް ބޭނުންވާ ވަށާޖެހޭ ތަރައްޤީގެ މަޝްރޫޢުތަކެއް އަޅުގަނޑުމެންގެ ޚިޔާލުގައި އުޅޭތީ ކުރާ މަސައްކަތްތަކެއް. މިކަންކަން ކުރުމުގައި ފާޑުކިޔުންތެރިން އަޅުގަނޑަށް އެންމެ ބޮޑަށް ފާޑުކިޔާ އެއްކަމަކަށްވާނީ، މީގެކުރީގެ ސަރުކާރުތަކުގެ ތެރޭގައި ބޯ ޞަފްޙާތަކެއް ހިމެނޭގޮތަށް މި ހިމެނޭ ބޮޑެތި ފޮތްތަކުގައި، ތަރައްޤީގެ މަޝްރޫޢުތަކެއް، 3 އަހަރު، 5 އަހަރު، 10 އަހަރު، 15 އަހަރު، މިހެނެއް ނުހުންނާނެ. ތަރައްޤީގެ މަޝްރޫޢަކީ ކަރުދާހުން ފެންނާނެ އެއްޗެއް ނޫން. ތަރައްޤީގެ މަޝްރޫޢުން ޢަމަލީ ސިފަ އަންނާނީ، ވެރިޔަކަށް ހުންނަ މީހަކު ސިކުނޑިން ކުރާ މަސައްކަތުން އެކަން ކޮށްދޭން ބޭނުމިއްޔާ. ފޮތްތައް، މި ހޯލު ފުރޭވަރަށް އަޅުގަނޑުމެންނަށް ލިޔެ ޗާޕްކުރެވިދާނެ. އެހެންނަމަވެސް، އެ ފޮތްތަކާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ނެތީމާ، މިއަދުވެސް މާލެއާ މިހާ ކައިރީގައި ހުރި ރަށްރަށުގައިވެސް މި ދެންނެވި ކަހަލަ ބޮޑެތި ގޮންޖެހުންތަކާއެކީ، ރައްޔިތުން ބޭނުންވާ ކަންތައް އަދިވެސް ހުރިކަމަށް އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ.

އެހެންވީމާ، ތަރައްޤީގެ މަޝްރޫޢުތަކަކީ، މި ދެންނެވި ގޮތަށް ވަށާޖެހޭގޮތަށް، މުޅި ރަށެއްގެ ރައްޔިތަކަށް ބޭނުންވާވަރަށް ކުރެވޭ މަސައްކަތްތައް. މާފުށީގައި ހަމައެކަނި މިހާރު މި ގޮނޑުދޮށް ހިމާޔަތް ކުރިގޮތަށް، ރީތި ބީޗާއެކީ މާފުށި ގިރުން ހުއްޓާލީމާ، އެހިސާބުން ނިމުނީކީ ނޫން. އެ ފަސޭހައާއެކީ ދެން އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ މާފުށްޓަކީ ކުރިއަށް ދިޔުމުގެ ޢަޒުމު އޮތް ރައްޔިތެއް އޮތް ތަނަކަށްވާތީ، މިހާރުވެސް ޓޫރިޒަމްގެ މަސައްކަތް އެހާ ބޮޑަށް ކުރެވެމުންދާތީ، ކުނި ނައްތާލުމާއި، ފެނާއި ނަރުދަމާއާއި، ދެންވެސް މި ދެންނެވި ޞިނާޢަތްތަކަށް ބޭނުންވާ ކަހަލަ މަސައްކަތްތަކެއް ކުރެވެންވާނެ. އެހެންވީމާ، މާފުށީގެ ބިންވެސް އިތުރުކުރެވެން އޮތް މިންވަރަކަށް އިތުރުވެގެން ދާންވާނެ. އަދި މި ދެންނެވި ކަހަލަ މުނިސިޕަލް ޚިދުމަތްތައް މާފުށްޓަށް ލިބިގެން ދިޔުމަކީ ހަމަ އަޅުގަނޑުވެސް މާފުށީގެ ރައްޔިތުންނާ އެއްގޮތަށް ހަމަ އަޅުގަނޑުވެސް އުންމީދުކުރާ އުންމީދު ކުރުން.

އެހެންނަމަވެސް، މިއާއެކީވެސް ހަމަ ދަންނަވާލަންޖެހެނީ، މިކަންކަން ކުރުމަށް އިޚްތިޔާރު ކުރަނީ ކާކުތޯ، މާފުށީގެ ރައްޔިތުންވެސް ނިންމަންޖެހޭނެ. މިހާރު މިއޮތީ އަޅުގަނޑުމެން އެހިސާބަށް އައިސްފައި. މިހާރު މިއޮތީ އަޅުގަނޑުމެން ދެ މޫސުމް ބައްދާ ހިސާބަށް އައިސްފައި. އެއް ރައީސެއްގެ މޫސުމް ނިމިގެންދާއިރު، އަނެއް ރައީސަކަށް، ނޫނީ ރިޔާސީ ޒަޢާމަތަކަށް އަޅުގަނޑުމެން މިތިބީ އިންތިޒާރުކޮށްގެން. އެހެންވީމާ، މި ވޯޓަކީ ކޯޓެއްގެ ޙުކުމަކުންނެއް ނިންމާނެ ވޯޓަކަށް ވެގެންނުވާނެ. މި ވޯޓަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުން ފާހަގަލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންވާނެ. މި ވޯޓުގެ ސަބަބުން، މި ވޯޓު ނަގަންޖެހޭ ޖެހުމުގެ ސަބަބުން ވޯޓު ނޫން އެހެން ގޮތަކަށް އެކަން ކޮށްގެން، މާފުށްޓަކީ މި ދެންނެވި ކަހަލަ ކުށްވެރިން ހިމާޔަތް ކުރަން އޮންނަ ރަށަކަށް ވެގެންނުވާނެ. މި ވޯޓަކީ ރައްޔިތުން ހިތުން ރުހުމުން، ރައްޔިތުންގެ ތަރައްޤީއާއި، ރައްޔިތުންގެ އިންތިޒާރުތަކަށް، އުންމީދުތަކަށް ނިމުމެއް ގެނެސްދޭ، އެވަރުގެ ޤާބިލިއްޔަތާއި، އެވަރުގެ ހަކަތައާއި، އަދި އެވަރުގެ ކެރުންތެރިކަމެއް މާޒީގައި ދައްކާފައި ހުރި މީހަކަށް ތިމަންނަމެން އާނއެކޭ ބުނުމަށް ދޭ ވޯޓަކަށް ވެގެންނުވާނެ.

މާފުށީގައި ޖަލެއް ހުރުމާއެކީ، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ރާއްޖެއަކީ ކޮންކަހަލަ ރަށެއްބާވައޭ މީގެކުރީގައި. ކޮންކަހަލަ ރަށްތަކެއް ހިމެނޭ ޤައުމެއްބާވައޭ ދިވެހިރާއްޖެއަކީ. އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ދޮގެއްތޯ މާލޭގަޔާއި ރާއްޖޭގެ އެކި ހިސާބުގައި ބޮޑެތި ޖިސްމާނީ އަނިޔާތައް މީހުންނަށްކޮށް، އަދި ނުވިތާކަށް މީހުންގެ ފުރާނަ މީހުންގެ ޖިސްމާއި މީހުންގެ ހަށިގަނޑުން ވަކިވެގެން ގޮސްފައިވަނީ. މިއީ ކައިރި މާޒީ. މިކަންކަމަށް ޙައްލެއް އަންނަންޖެހޭ. މިތަނުގައި އެންމެ ބޮޑެތި މުޖުރިމުން ހައްޔަރުކުރާނެ ޖަލެއް ހުރީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭ، މިކަހަލަ ބޮޑެތި ކުށްތަކަކީ ދިވެހިރާއްޖެއާ ޢާންމުކޮށް ގުޅިފައި އޮންނަ އަޅުގަނޑުމެންގެ ޘަޤާފަތެއް ނޫން. މިއީ އަޅުގަނޑުމެން ދަންނަ ކަމެއްނޫން. މިއީ އަޅުގަނޑުމެންނާ ބީރައްޓެހި ކަމެއް. ދިވެހިރާއްޖެއަކީ އެއް ނަސްލެއްގެ ބައެއް އުޅޭ ތަނެއް. އެއް ދީނެއްގެ މަތިވެރި ހިދާޔަތުގައި ތިބި ރައްޔިތުންތަކެއް ތިބި ތަނެއް. އަޅުގަނޑުމެންގެ ދީން މަނާކުރާ ކަމެއް މީހުންނަށް މިކަހަލަ ޙައްޤުތަކަށް އަރައިގަތުމަކީ. ހަމައެކަނި މެރުމެއްވެސް ނޫން. މީހުންގެ މިފަދަ ޙައްޤުތަކަށް އަރައިގަތުމަކީ، އަޅުގަނޑުމެންގެ ދީން މަނާކުރާ ކަމެއް. އެކަމަކު ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަޅުގަނޑުމެންގެ ވިސްނުމަށް، ނޫނީ އަޅުގަނޑުމެންގެ ކެރުންތަކަށް ކޮންމެވެސް ބަޔަކު މަގު ދައްކައިދީގެން ވިޔާނުދާ ކަންތައްތަކެއް ކުރާތީ، އޭގެ ނަތީޖާގައި އަޅުގަނޑުމެން މިއަދުވެސް ވިސްނަން މި ޖެހެނީ.

އެހެންވީމާ، ބޮޑެތި ކުށްތައް ކުރާކަމަށްވަންޏާ އަދަބު ލިބެން އެބަޖެހޭ. އެއީ އޭނާއަށް އަދަބުދޭކަށެއް ނޫން. އެއީ އެކަމުން އޭނާވެސް ސަލާމަތްކުރަން. އަދި އެފަދަ ކަންކަމުގެ މަގަށް ގޯޅި އަޅާފާނެ މީހުންވެސް ސަލާމަތް ކުރުމަށްޓަކައި. މަޢުޞޫމް މުޖުތަމަޢެއް ދިވެހިރާއްޖޭގައި މިހާތަނަށް މިއޮތީ. އަޅުގަނޑުމެން އަހާ ވާހަކަތަކެއް ނޫން، މީހުން މިގޮތަށް މިހާ ޢާންމުކޮށް ރުޅިވެރިކަމާއި، ޙަސަދަވެރިކަމާއި، ނަފްރަތުގެ ތެރޭގައި މީހުންނަށް މިކަހަލަ ގެއްލުން ދިނުމަކީ. އެހެންވީމާ، މިހާރު އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ޢާންމު ޙާލަތަކަށް ބަދަލުވާކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ރާއްޖޭގައި ކުށްކުރުން، ބޮޑެތި ކުށްކުރުން މަދުވެސް އެބަވޭ. އަޅުގަނޑުމެންނަކީ ޖަލުގެ ގޮޅިތައް އިތުރުކުރަންޖެހޭ ބަޔަކަށް ވެގެނެއްނުވާނެ. އަޅުގަނޑުމެންނަކީ ކްލާސްރޫމް އިތުރުކުރާ ބަޔަކަށްވާންޖެހޭނީ.

އެހެންވީމާ، މި ވިސްނުން އަޅުގަނޑުމެންނަށް އަންނާނީ، މި ދެންނެވި އުމުރުފުރާގެ ކުދިންނަށް. 18 އަހަރާއި 30 އަހަރާ ދޭތެރޭގެ ދުނިޔޭގައި އުޅޭ އުޅުމުގެ ތެރޭގައި، ޒަވާޖީ ޙަޔާތެއްގައި އުޅޭއިރު، ބޯހިޔާވަހިކަމާއި، ދެންވެސް ހުރި ކަންކަމަށް ދުނިޔޭގެ އޮޔާއި ވަޔާ، އެމީހުންގެ ސިކުނޑިއާ ހަމައަށް ނުފޯރާ ވިސްނުމުގައި ތިބޭ ކުދިންނަށް ވިސްނައިދޭންޖެހޭ ބަޔަކީ މިއަދު މި ހޯލުތެރޭގައި ތިއްބެވި ބޭފުޅުން. މިއީކީ ފޮތުގެ ތަރުބިއްޔަތުގެ ތެރެއިން އަންނާނޭ ކަމެއްނޫން. އަޅުގަނޑު މީގެކުރީގައި ވާހަކަ ދައްކަމުން، އަޅުގަނޑު ދަންނަވާލި ފަދައިން، އެއްގޮތަކަށްވެސް މިއީކީއެއް ކެމިސްޓްރީ ފިލާވަޅަކުން އަޅުގަނޑުމެންނަށް ކިޔަވައިދޭނެ އެއްޗެއް ނޫން. މިއީ ހަމަ ވަރުގަދަ މައެއްގެ ތަރުބިއްޔަތަކުން. މަންމަޔާއެކީ ބައްޕަ ކުއްޖާ ތަރުބިއްޔަތު ކުރާނީ. އަޅުގަނޑުމެންނަށް ތަރުބިއްޔަތުން ފެއިލްވެގެން ދިޔައިމާ، އަޅުގަނޑުމެން މި ދެންނެވި ކަހަލަ ބޮޑެތި ކުށްތައް އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވެގެން ގޮސްފައި މިހިރީ. ކިތަންމެ ރަނގަޅަށް ތަރުބިއްޔަތު ކުރިނަމަވެސް، އަޅުގަނޑު ނުބުނާނަން، ގޯޅިއަޅާނެ ކުދިން ނުތިބޭނެއެކޭ. އެހެންނަމަވެސް، އަޅުގަނޑުމެން އުންމީދު ނަގާލައިގެން ނުވާނެ ކަމަކީ، މި ކުދިންނަކީ ގޯޅި އަޅައިގެންދާނެ ކުދިން ކަމަށް ގަބޫލުކޮށްގެން، އަތް އުރާލައިގެން، ފަރުވާއަށް ކަމެއްނުކޮށް ތިބުމަކީ އަޅުގަނޑުމެން ހަދާ ގޯހެއް.

އެހެންވީމާ، މި ތަރުބިއްޔަތު އެބަޖެހޭ އަޅުގަނޑުމެންގެ ތެރޭގައި އަންނަން. މި ދެންނެވި ގިންތީގެ ކުދިން، 18 އަހަރާއި 30 އަހަރުގެ ކުދިންނަކީ އަދިވެސް އަދިވެސް އެކުދިންގެ ހާލިން ހިމާޔަތް ލިބިގެން އުޅޭ ކުދިންތަކެއް. ވަޒީފާގައި ކޮންމެހެން އުޅުމަކީ އެހާ މުހިންމު ކަމަކަށް ނުދެކޭ ކުދިން ތިބެދާނެ. އެއީ މަންމައާއި ބައްޕަ އާމްދަނީ އެބަ ހޯދާ. އޭނާއަށް 8 އަހަރުގައި އޭނާއަށް އުޅެވުނުގޮތަށް މިހާރުވެސް ގަބޫލުކުރަނީ، 18 އަހަރުވިޔަސް، އަދި ކިޔަވައި ނިމުނަސް ތިމަންނާއަށް އުޅެވިދާނެ ކަމަށް. ނޫން. މިހެނެއް ނުވާނެ.

ދިވެހިރާއްޖެއަކީ ވަޒީފާތަކެއް އުފައްދައިގެން، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެގެން މަސައްކަތްތަކެއް ކުރަން ބޭނުންވާ ޝަރަފުވެރި، ފަޚްރުވެރި ޤައުމަކަށް ހަދަން އަޅުގަނޑުމެން އެންމެން ބޭނުންވާނެ. އަޅުގަނޑުމެން ބޭނުންވާނެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ މަސައްކަތްކުރާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ޒުވާނުން އެއީ ދިވެހިރާއްޖެ ތަނަކަށް ހަދަން ތިބި މީހުން. ސިޔާސީ މީހުންނަށް ކުރެވޭނީ ފިކުރު. ސިޔާސީ މީހުން ކަންކަން ތަންފީޒު ކުރަން ބޭނުންވާނީ. އެހެންނަމަވެސް، އެ މަސައްކަތުގައި ޢަމަލީ މައިދާނުގައި މަސައްކަތް ކުރަން ތިބި ބަޔަކީ މާފުށީގެވެސް ޒުވާނުން. އަޅުގަނޑުމެންގެ ޤައުމުގައި ތިބި ޒުވާނުން.

އެހެންވީމާ، ޒުވާނުންނަކީ، މިހާރު އަޅުގަނޑުމެން ވިސްނައިދޭންޖެހޭ. ޒިންމާތަކެއް އުފުލަންޖެހޭ، ޒިންމާ އުފުލަން ކެރޭ، ޒިންމާދާރު، ޤައުމީ މަޞްލަޙަތަށް ލޯބިކުރާ، އަދި އަޅުގަނޑުމެންގެ ރީތި އިސްލާމީ އުޞޫލުތަކާއި، ދިވެހި މުޖުތަމަޢު ގަބޫލުކުރާ ރީތި އުސޫލުތައް، އެމީހުންނަކީ ބަލައިގަންނަ ބަޔަކަށްވާން އެބަޖެހޭ. އެއީ އެމީހުންނާ ރަޙްމަތްތެރި އުޞޫލުތަކެއް ކަމަށް އެމީހުން ގަބޫލު އެބަ ކުރަންޖެހޭ. ކޮންމެ 18 އަހަރުގެ ކުއްޖަކީ 20 އަހަރާ ހަމައަށް ދަތުރުކޮށްފައި، 30 އަހަރުން 50 އަހަރަށްދާނެ. އަޅުގަނޑު މި ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނައިރު، އަޅުގަނޑުވެސް އެއްއިރެއްގައި އުޅުނިން އެހެން 18 އަހަރުގައި. އޭރު އަޅުގަނޑުގެ ވިސްނުމާއި، އަޅުގަނޑުގެ ފިކުރާއި، އަޅުގަނޑުގެ ޒިންމާއާ މިއަދު ތަފާތު ނޫންތޯ؟ އެހެންވީމާ، މިއީކީ މަދަރުސާއިން ނަގައިދޭ ފިލާވަޅެއް ނޫން ދޮގެއްތޯ. މިއީ މަންމަގެ ތަރުބިއްޔަތު. މިއީ ޢާއިލާއާއި ބައްޕަގެ ތަރުބިއްޔަތު. މިއީ އެކުދިން އެ ބައެއްގެ ވާހަކަ އަޑުއަހާވަރުގެ ޕިއަރ ގްރޫޕް، ނޫނީވިއްޔާ އެކުދިންނަށް ކަންކަމުގައި ރަނގަޅު މަގު ދައްކައިދޭން ތިބޭ ހަރު މީހުންނާއި، ޓީޗަރުންނާ، އެމީހުން ކިޔަވައިދޭންޖެހޭ ނުރަސްމީ ތަޢުލީމު މިއީ ތަރުބިއްޔަތު. އެއީ ރަސްމީ ނިޒާމީ ތަޢުލީމުގެ ތެރޭގައި، ހިސާބު މާއްދާ ހަދާ ކުއްޖަކަށް ހިސާބު މާއްދާ ހަދާފައި، އޭނާއަކަށް ނޭވާއެއް ނުލެވޭނެ އެހެން ކަމެއް ކުރާކަށެއް. އަދި ހަމައެހެންމެ، ފިޒިކްސް ކިޔަވާ ކުއްޖަކަށް ހަމަ ފިޒިކްސް ކިޔަވާލަ ކިޔަވާލަ އޭނާ ހުންނާނީ. އޭނާއަކަށް ނޭވާއެއް ނުލެވޭނެ އެނޫން ކަމެއް ކުރާކަށް. ޓީޗަރުވެސް ބޭނުންވާނީ އެއީ ފިޒިކްސް އިން އޭ ޕްލަސް ހޯދާ ކުއްޖަކަށްވާން. މަންމަވެސް، ބައްޕަވެސް އެދޭނީ އެގޮތް. އަޅުގަނޑުވެސް އެދޭނީ އެގޮތް. އެކަމަކު ހަނދާންނެތިގެން މިދަނީ މިއީ ރަނގަޅު ތަރުބިއްޔަތެއްނެތި، އަޅުގަނޑުމެން މި ބޮޑުކުރާ ކުއްޖާ ފޮތުން ގިރާލައިގެން ހިތުދަސްކޮށްގެން މާއްދާތައް ކިޔަވައިގެން ހުންނަ ކުއްޖާ، އެ ކުއްޖާއަށް މި ތަރުބިއްޔަތު ނައިމާ، ދިމާވާ ދެރަ ކަންކަން އަޅުގަނޑުމެންނަށް މިއަދު މި މުޖުތަމަޢު އިޙްސާސް ކުރަމުން މިދަނީ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ކަންކަން ނިންމަން ދާއިރު، އަޅުގަނޑުމެންގެ ކަންކަން ނިންމަން ދާއިރު، އަޅުގަނޑުމެން އެބަޖެހޭ، މާފުށްޓަށް އަންނަންޖެހޭ ތަރައްޤީތަކެއް މާފުށްޓަށް އަންނަމުން އެބަދާކަން މާފުށީގެ ރައްޔިތުން ގަބޫލުކުރައްވާ. އެކަމަކު އެޔާއެކީވެސް މާފުށްޓަށް ބޭނުންވާ އެހެން ކަންކަން އެބަހުރި. މާފުށީގައިވެސް އަދި މުޅި ރާއްޖެއަށް ޢާންމުވެގެން މިދަނީ ވަޒީފާތައް ހުޅުވިގެންދިޔުން. މާލެއަތޮޅުގައި މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޖާގަ ލިބިއްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން އިޢުލާނު ކުރާނަން މާލެއަތޮޅުން 5 ފަޅެއް. އެއީ ޓޫރިޒަމްގެ ބޭނުންތަކަށް ތަރައްޤީ ކުރަން. ޓޫރިޒަމަކީ ރާއްޖޭގައި އިރާދަކުރެއްވިއްޔާ އޭގެ ކުރީގައި ބޯދާ ވިސްނުންތަކަށް ނުބަލާ އަޅުގަނޑުމެން ގަބޫލުކުރާކަމަށްވަންޏާ، އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ މިންވަރަކަށް ކުރިއަށް ދެވޭނެ. އަޅުގަނޑުމެން ކުރީގައި ރާއްޖޭގެ ބިންކޮޅު މަދުވާތީ ކަންބޮޑުވި ބަޔަކުވެސް އުޅުނު. އެކަމަކު މިއަދު ގަބޫލުކުރަންޖެހޭ އެއްޗަކީ، ރާއްޖޭގައި ބިން މަދެއް ނޫންކަން. ރާއްޖޭގައި ބިމުގެ މުއްސަނދިކަން އިތުރުކުރެވޭނެކަން. މިތަނުގައި މި އިންނެވީ އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ ޒިއަތުވެސް. ޒިއަތު ބުނުއްވާނެ، މިހާރުވެސް ތިމަންނާ ނުކުމެ ރާއްޖޭގެ ބިން އިތުރުކޮށްދޭނަމޭ. އެކަން ވާނެ. އެހެންވީމާ، އެއީކީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއްނޫން. އެއީ ތަންކޮޅެއް ބޯދާ ޚިޔާލު. އަޅުގަނޑުމެން ކުރިއަށްދާން ޢަޒުމާއި ރޫޙާއެކީ މަސައްކަތް ކުރަންޏާ، ހަމަ ގަބޫލުކުރަންޖެހޭ ކަމަކީ، މި ރައީސް ގަބޫލުކުރަނީ ނުވާނެ އެއް ކަމެއްވެސް ނޯންނާނެ އިރާދަކުރެއްވިއްޔާ.

 އެހެންވީމާ، އަޅުގަނޑާއެކީ މަސައްކަތް ކުރަން ތިބި ފަޅުވެރިންވެސް ގަބޫލުކުރަންޖެހޭނީ، ކައްޕި އެގޮތަށް ވިސްނާކަމަށްވަންޏާ ތިމަންނާމެންނަށް ގިރައިނުކުރެވޭނޭ ވަރުގަދަ ކަނޑުއޮޅިއެއް ނޯންނާނެ ކަމަށް ގަބޫލުކުރަންޖެހޭނީ. އެ ޢަޒުމުގައި މަސައްކަތް ކުރަންވާނީ ދޮގެއްތޯ.

އެހެންވީމާ، މާފުށީގައިވެސް އޮތީ ހަމަ އެ ވިސްނުން. 18 އަހަރުގެ ކުދިން، 30 އަހަރުގެ ކުދިންވެސް ވިސްނުމަށް އަންނަންޖެހޭނީ، ތިމަންނާމެންނަކީ ތިމަންނާމެންގެ އަމިއްލަ ކަރާމާތް މިރަށުގެ ރައްޔިތުންގެ ކުރިމަތީގައި ދައްކައިދޭން ބޭނުންވާ ބައެކޭ. މީހެއް ކައިރީގައި ކަމަކު އެދިގެން ދާން ނުޖެހޭ މިންވަރަށް ތިމަންނާމެން އާމްދަނީ ހޯދާނަމޭ. ވަސީލަތްތައް ތަނަވަހޭ. ރައީސް ޔާމީންގެ މަސައްކަތުން ރާއްޖެއިން ބޭރުން ލިބެންހުރި ފަރުވާ، ރާއްޖެއިން ލިބޭވަރު ކޮށްދޭނެއޭ. އެކަމަކު އެއާއެކީވެސް އެ ފަރުވާއަށް ހޭދަކުރާވަރުގެ ޖީބުގެ ފުންމިން ތިމަންނާ އަމިއްލައަށް އުފައްދާނަމޭ. އެހެންވީމާ، މި ވިސްނުމުގައި މަސައްކަތް ކުރަންވާނީ. މިއީ މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށްވެސް ބޭނުންވާ ކަންކަން.

އެހެންވީމާ، މި ފުރުޞަތު ރައީސް ޔާމީނަށް ދިނުމާއެކީ، ދެން މާފުށީގެ ޗާޓް ކުރިއަށްދާނީ ކިހިނެއްތޯ، މުޅި ދިވެހިރާއްޖޭގައި ކުރިއަށްދާ ޗާޓް ޢަޒުމު ކަނޑައަޅާނީ ކިހިނެއްތޯ، ނޫނީ މިޞްރާބު ކަނޑައަޅާނީ ކިހިނެއްތޯ؟ އެ ނިންމާ ހިސާބަށް އަޅުގަނޑުމެން މިއައީ. އަޅުގަނޑާއެކީ ވާދަކުރައްވަފާނެ ފިކުރުތަކުގެ، ނޫނީ ޕާޓީތަކުގެ ބޭފުޅުންނަށް އަޅުގަނޑު ނެތިން ކޮންމެހެން ބަދު ބަހެއް ދަންނަވާކަށް. އަޅުގަނޑު މިއައީ މާފުށީގެ ރައްޔިތުންގެ މިވަރުގެ އުފަލެއްގައި ބައިވެރިވާން.

އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލާނަން. އޭގެތެރެއިން އަޅުގަނޑުމެންނަށް އިވޭ އަޑަކީ، މިހާރުގެ ސަރުކާރާ ދޭތެރޭގައި ފާޑު ވިދާޅުވަމުން ވިދާޅުވާ ވާހަކައަކީ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ނުކުރާ ވާހަކައެއް ވިދާޅެއްނުވޭ. މިހާރު ހުރިހާ ބޭފުޅުންނަށް ބްރިޖްވެސް ފެނިވަޑައިގަންނަވާ. އަދި ދާދި ފަސޭހައިން ބްރިޖްމަތީ ދަތުރުކުރެވޭނެކަންވެސް މިހާރު ގަބޫލުކުރައްވާ. އެކަމަކު އެބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަން އުނދަގުލީ، މިހާބޮޑު ދަރަންޏެއް އޮތީމާ، ކިހިނެއްހޭ އެ ދަރަނި ފޫބައްދާނީ؟ އަޅުގަނޑުގެ ޖަވާބުވެސް ހަމަ މީގެކުރިންވެސް ދަންނަވައިފިން.

އަޅުގަނޑުމެންގެ ސަރުކާރަކީ އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް ރަން ތަބަކަކަށްލާފައި ހަވާލުވި ސަރުކާރެއް ނޫން މިއީކީ. ދިވެހި ދައުލަތުގެ މާލިއްޔާގައި ދަރަނި އޭރު އޮތް ގާތްގަނޑަކަށް އޮނަތިރީސް ހާސް މިލިއަން ރުފިޔާ. އޮނަތިރީސް ހާސް މިލިއަން ރުފިޔާއަކީ ރާއްޖޭގެ އުފެއްދުން، ދެ އަހަރު ބައިގެ އުފެއްދުން އެއީ. މިއަދު ކޮބައިތޯ އެ ދަރަނި؟ މިއަދު ހަމަގައިމުވެސް އެ ހިސްޓޮރިކަލީ އޮތް ދަރަނި އަދާކޮށް ނިންމައިފިން. މިރަށުގެ ބޭފުޅެއް ދޮގެއްތޯ އެމް.އެމް.އޭ.ގެ ގަވަރުނަރަކީ. ނަޞީރަކީ. ނަޞީރުވެސް ވިދާޅުވަނީ އެ ދަރަނި އަޅުގަނޑުމެން އަދާކޮށް ނިންމައިފީމޭ. އެކަމަކު ދަރަނި ނަގައިގެންވެސް މާފުށްޓަށްވެސް ބޭނުންވާ ކަންތައްތައް އަޅުގަނޑު ކޮށްދޭނެ. އެއީ އެ ދަރަނި އަދާކުރުމުގެ ޤާބިލުކަންވެސް އަޅުގަނޑުމެން އުފައްދަން ބޭނުންވާތީ. އެހެންވެގެން ޓޫރިޒަމް ޞިނާޢަތަށް އެހާ އިސްކަމެއް މި ދެވެނީ. މާފުށީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް އެނގޭނެ، އޭނާ އެ ހިންގާ ގެސްޓްހައުސް އެ ހިންގަނީ ކޮންމެ ދުވަހަކު އޭނާގެ މައިންބަފައިން ވާރުތަ މުދަލުން، ނޫނީ ތަރިކައިން އޭނާއަށް ދީފައި ހުރި ލާރިއަކުންނެއް ނޫނެއްނޫންތޯ؟ އަޅުގަނޑުމެން ރާއްޖޭގައި ބޭންކްތައް ގިނަކުރަނީ ކީއްވެގެންތޯ؟ ބޭންކްތަކުން ލޯނު ލިބުމާ، މި ފަސޭހަތައް މި އަންނަނީ ކީއްވެގެންތޯ؟ އެއީ ނެތް ފައިސާއިން ފައިސާ އުފައްދައިގެން ތަނަވަސްކަން އިތުރުކުރުން. އެހެންވީމާ، ޤައުމަކަށް އަންނަންވާނީ އެ ވިސްނުން. ޤައުމުގައި އެ ވިސްނުން ހުރެގެން ނޫނީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ.

އެހެންވީމާ، އޮނަތިރީސް ހާސް މިލިއަން ރުފިޔާގެ، އޭރު އޮތް ދަރަނި އަދާކުރުމާއެކީވެސް މިހާރު އެހެރީ ދަރަނި އުފެދިފައި. އެކަމަކު އެ ދަރަނި އުފެއްދެނީ، އެ ދަރަނި އަދާކުރުމުގެ ޤާބިލުކަމާއެކީ. އެކަމަކު އިދިކޮޅު ބޭފުޅުން ހިތްޕުޅުހަމަނުޖެހޭ ކަމެއް، ނޫނީވިއްޔާ އެބޭފުޅުންނަށް އެ ދަރަނި އަދާކުރެވޭނެގޮތް ނުވިސްނިވަޑައިގަންނަވައިގެން އެ އުޅުއްވަނީ. އެހެންވީމާ، ދެން އެ ދަރަނި ނަގައި، އެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ހުރި، ނޫނީވިއްޔާ އެ ދަރަނި އަދާކޮށްދޭނަމޭ ބުނާ މީހަކާ، އެކަންކަން ނުވާނެކަމަށް ބުނާ މީހުންނަށް ޖާގަނުދީ، ޖާގަދިނުން ދޮގެއްތޯ ރައްޔިތުންނަށް އޮތް ޗޮއިސްއަކީ.

އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުން މި މަސައްކަތް ކުރަނީ، ރަށްރަށަށް ބޭނުންވެފައި ހުރި  ތަރައްޤީ. ހަތަރު ފަސް އަހަރެއްގެ ކުރު މުއްދަތުގެ ތެރޭގައި މިއައީ އެތައް އަހަރެއްގެ ތަރައްޤީ. އެކަމަކު މި ދެންނެވި ގޮތަށް ދަރަނި އުފައްދައިގެން، ދަރަންޏަށް ލާރި ނަގައިގެން މިކަންކަން ނުކުރިނަމަ، ރާއްޖެއަށް ލިބޭ އާމްދަނީކޮޅަކުން މިކަން ކުރަން ތިބިނަމަ، އަދި އިތުރަށް 10 އަހަރު ނެގިޔަސް ނުކުރެވޭވަރުގެ ކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރެވޭތޯ މި މަސައްކަތް ކުރަނީ. އަދި ﷲގެ ރަޙްމަތާއެކީ އޭގެ ގިނަ ކަންތައްތަކެއް، ރާއްޖޭގެ ހުރިހާ ދިމާއަކުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އެހެންވީމާ، ކުރިއަށް ދިޔުމުގައި ވިސްނުމާއި މަސައްކަތާއި، އަދި ޢަމަލުން ދައްކާ ބަޔަކަށް މާފުށީގެ ރައްޔިތުން ވާތީއާއެކީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ އުންމީދީ މެސެޖްތަކެއް ދޭ ވާހަކަ މި ދަންނަވަނީ. އަޅުގަނޑުމެން ކުރިއަށްދާން މަސައްކަތް ކުރަންވާނެ. އަދި ކުރިއަށް ދާން އަޅުގަނޑުމެންނަށް ކެރެންވެސްވާނެ. ދަރަނި އޮތުމަކީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއްނޫން. އެއީ ދައުލަތެއްގައި ދަރަނި އޮވެއްޖިއްޔާ، އެ ދައުލަތް ހިންގަން ތިބޭ ބަޔަކު ދަރަނި އަދާކުރާނެ. އަޅުގަނޑުމެން މިއީ ފަރުދީގޮތުން ދަރަންޏެއް އޮވެގެން ﷲގެ ޙަޟްރަތަށް އަޅުގަނޑުމެން ދާއިރު ދަރަންޏެއް އޮވެގެން ކަންބޮޑުވާގޮތަކަށް، ދައުލަތެއްގެ ނިސްބަތުން އެކަމުގައި އަޅުގަނޑުމެން ކަންބޮޑެއްނުވާނެ.

ސިޔާސީ މީހުންނަކީ ބަދަލުވާނެ ބައެއް. ސިޔާސީ ނިޒާމުތަކަކީ ބަދަލުވާނެ ބައެއް. އެކަމަކު ދައުލަތެއް އޮތް ކަމަށްވަންޏާ، އަދި އެ ދައުލަތަށް ދޭންވާ އިޙްތިރާމާއި، ކަރާމާތާއި، ސިޔާދަތާއި މިނިވަންކަމާ، ނަގަހައްޓަން ބޭނުންވާ ދިވެހި ދަރިންތަކެއް ތިބެއްޖެ ކަމަށްވަންޏާ، ދިވެހި ދައުލަތެއްގައިވެސް އިރާދަކުރެއްވިއްޔާ، މި އަންނަ ޖީލުގައިވެސް ތިބި ބަޔަކު އަޅުގަނޑުމެންނަށް ހަމަ ދިވެހި ދައުލަތުގެ ނަމުގައި ބައްދަލުކުރާނެ. އޮލިމްޕިކްސްގައިވެސް އަޅުގަނޑުމެން ބައިވެރިވާނެ، ހަމަ ދިވެހިރާއްޖޭގެ ނަމުގައި. އަޅުގަނޑުމެން ވިސްނާކަށްނުޖެހޭ، އަޅުގަނޑުމެންގެ 5 އަހަރު، ނޫނީ 20 އަހަރު ނިމުނީމާ، މި ދަރަންޏާ ހެދި ދިވެހި ދައުލަތް، ދެން އެހިސާބުން ވެއްޔާ ފަނާވެގެންދަނީ ކަމަކަށް. ނޫނީވިއްޔާ އަޅުގަނޑުމެން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ބާރުމިނުން އަޅުގަނޑުމެން ފިކުރުކުރާކަށް ނުޖެހޭ. ދެން އެހިސާބުން އަޅުގަނޑުމެން ގޮތްހުސްވީތޯ. އަޅުގަނޑުމެން ނުޖެހޭ  އެކަމާ ދަތުރުކުރާކަށް ދުރު ކަރަކަރައަކަށް. އޮސްޓްރޭލިއާއިން ބިން ހޯދާކަށްނުޖެހޭ. ހިމާލިޔާ ފަރުބަދަ މަތިން ބިން ހޯދާކަށްނުޖެހޭ. އަޅުގަނޑުމެން ބިން އުފައްދާނީ. ﷲ މެދުވެރިކުރައްވާނެ މިކަހަލަ ހުރިހާ ކަންކަން.

ހަމައެއާއެކީ، ﷲ ހަމަ އެކަންކަމަށް ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ހަމަ ތައުފީޤު މިންވަރު ކުރައްވާ ދޮގެއްތޯ. އެއީ އަޅުގަނޑުމެން އިސްލާމުންގެ އިޢުތިޤާދު. އެ އިޢުތިޤާދުގެ މަތީގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދާއިރު، މާފުށީގެ ރައްޔިތުންގެ ޒިންމާއަކީވެސް މާފުށީގެ އިޤްތިޞާދަށް ތިޔަ ގެންނަވާ ބަދަލު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑާ ތިޔަބޭފުޅުން ބައިވެރިވެވަޑައިގަންނަވަން އަޅުގަނޑު އިލްތިމާސް ކުރަމުން، ތިޔަބޭފުޅުންނާ ވަކިވެލާނީ، އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އުފާވެރި ދުވަސްތަކަކާއެކީ ތިޔަބޭފުޅުންނާ ބައްދަލުކުރެވޭނެ އުންމީދާއެކީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.