ބަރަކާތްތެރި ފިޠުރު ޢީދު ދުވަހަށް މަރުޙަބާކިޔާހިނދު، މި ޢީދުގެ ދުވަސްތައް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، މި އުފާވެރި ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނުބޮޑު އުފަލެކެވެ. އަދި މި އުފާވެރި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާ ފޮނުވައި ހެޔޮއެދުންތައް އަރިސް ކުރުމަކީވެސް ހަމަ އެހާމެބޮޑު އުފަލެކެވެ.
ބަރަކާތްތެރި ފިޠުރު ޢީދަކީ، މުސްލިމުންނަށް މާތްﷲ ދެއްވާފައިވާ ޢިބްރަތުން ފުރިގެންވާ އުފާފާޅުކުރުމުގެ ދުވަހެކެވެ. ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ މަތިވެރި ނަމޫނާއެކެވެ. މިފަދަ އުފާވެރި ދުވަހެއްގައި އުފާފާޅުކުރަމުންދާއިރު އަޅުގަނޑުމެން މުސްލިމުން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަކީ އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކަށް ތަބަޢަވެ އެކަންކަމަށް ރައްކާތެރިވުމެވެ.
ފިޠުރު ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަޙައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންގެ ހިތްދަތި ޙާލާމެދު ހަމްދަރުދީވެ، އެޙާލުން ނަޖާކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވެ، ދުޢާ ދެންނެވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
އަޅުގަނޑުގެ ދުޢާއަކީ، ރަމަޟާން މަހު އަޅުގަނޑުމެން މި ހިފި ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ، މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އެކަލާނގެ މިންވަރު ކުރެއްވުމެވެ.
މި ބަރަކާތްތެރި ފިޠުރު ޢީދަކީ ދިވެހި އުންމަތަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޢީދެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އާމީން.