ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން،  އެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުގެ ބާރުތަކާއި، އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، އަލުން ކަނޑައަޅުއްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ސިޓީ ކައުންސިލުގެ ބާރުތަކާއި، އެ ކައުންސިލުން ދޭ ޚިދުމަތްތައް މިހާރު ހަމަޖެހިފައިވާގޮތް ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

ސިޓީ ކައުންސިލުގެ ބާރުތައް

  1. ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
  2. ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށްއަވަށުގެ އަވަށުބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތިން އެކަށައަޅާ މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
  3. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލުގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ،     އެ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
  4. އަވަށު އޮފީސްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި، އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
  5. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި، ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.
  6. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލުގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
  7. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުން.
  8. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި، މިލްކުކުރުމާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
  9. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް  ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން  ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލުގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް، ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
  10. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
  11. ކައުންސިލުގެ މެންބަރުން ބަދަލުވާ ހާލަތްތަކުގައްޔާއި ކައުންސިލުގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
  12. ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
  13. ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
  14. ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
  15. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  16. ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ ބިމާއި ސިޓީ ކައުންސިލުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވައިލުން.
  17. ކައުންސިލުގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުން.
  18. ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
  19. ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެކަމެއް ތަޙުޤީޤުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
  20. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
  21. ސިޓީ ކައުންސިލުގެ އިދާރާ ހިންގުން.
  22. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.

ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް

  1. މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  2. އެކަށީގެންވާ ރައްކާތެރިގޮތެއްގައި ކުނި ނައްތައިލުން.
  3. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
  4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
  5. ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  6. އާންމު ލައިބްރަރީ ހިންގުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމްކުރުން.
  7. އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި އާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  8. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޭންޑް ޔޫޒް ޕްލޭނާއި ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  9. ސިޓީގައި ހިމެނޭ ބިންބިމުގެ ދަފުތަރު އެކުލަވައި އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
  10.  މިސްކިތްތައް ބެލެހެއްޓުން.
  11. ޤަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
  12. ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
  13. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.
  14. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  15. މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  16. ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
  17. ޕެސްޓް ކޮންޓްރޯލްކުރުން.
  18. އާންމު ފަރުދުންނަށް ދިމާވާ ކުއްލިނުރައްކަލުގެ ހާލަތްތަކުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުން.
  19. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި އާންމުމާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.
  20. މަގުމަތީގައި މީހުން ހިނގައިއުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  21. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
  22. ސިޓީ ކައުންސިލުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި،  ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލުކުރުން.
  23. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުން.
  24. ސިޓީ ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.