ދައުލަތުގެ މުއައްސަސާތަކުން ބާއްވާ ރަސްމީ ޖަލްސާތަކުގައްޔާއި އެކިއެކި އިޙްތިފާލުތަކުގައި ޤައުމީ ސަލާމް ކުޅުމާއި، ޤައުމީ ސަލާމް ކިޔުމުގައި ތިރީގައިވާގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

  1. މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހާޒިރުވެވަޑައިގަތުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުން.
  2. ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާއި، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ނިމޭއިރު، އެމް.އެން.ޑީ.އެފް. ގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުމާއި،    އެ ބޭންޑު ޕާޓީން ބަޔަކު އިސްވެ ޤައުމީ ސަލާމް ކިޔުން.
  3. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޖަލްސާއަށް ވަޑައިގަތުމުންނާއި، ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން، އެމް.އެން.ޑީ.އެފް. ގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުން.
  4. ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިން ނުވަތަ ބޮޑުވަޒީރުން ބައިވެރިވެވަޑައިގަންނަވާގޮތަށް، ރާއްޖޭގައި ބާއްވާ ޖަލްސާތަކާއި، ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ނުވަތަ ބޮޑުވަޒީރުންނަށް، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަސްމީ ފަރިއްކޮޅުތައް ފަށްޓާއިރު އެމް.އެން.ޑީ.އެފް. ގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުން.
  5. ޖަލްސާ ފަށްޓާއިރު ޤައުމީ ސަލާމް ކުޅޭގޮތަށް ހަމަޖެހިފައިވާ ޖަލްސާތަކާއި އިޙްތިފާލުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ސްޓޭޖަށް އަރާވަޑައިގަތުމުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ހަމަޖެހިފައިވާ ތަނަށް ވަޑައިގެން ހުއްޓިވަޑައިގަތުމުން، ޤައުމީ ސަލާމް ކުޅުން. ރަސްމީ ފަރިއްކޮޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މޭޒުކޮޅު ކައިރިއަށް ހުއްޓިވަޑައިގަތުމުން ޤައުމީ ސަލާމް ކުޅުން.
  6. ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގަންނަވާ ޖަލްސާތަކާއި އިޙްތިފާލުތަކުގައި އެމް.އެން.ޑީ.އެފް.ގެ ބޭންޑުގައި ޤައުމީ ސަލާމް ނުކުޅުމާއި، އެ ބޭންޑު ޕާޓީން ޤައުމީ ސަލާމް ނުކިޔުން.
  7. 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރުގައި ބަޔާންވެދިޔަ ޖަލްސާތަކާއި ޙަފްލާތައް ފިޔަވައި، ދައުލަތުގެ މުއައްސަސާތަކުން އިންތިޒާމުކުރާ ރަސްމީ ޖަލްސާތައް ނިމުމުން، ޖަލްސާ އިންތިޒާމުކުރާ ފަރާތުން ހަމަޖައްސާގޮތެއްގެ މަތިން، ބޭންޑުގައި ޤައުމީ ސަލާމް ކުޅުމާއި، ޖަލްސާ އިންތިޒާމުކުރާ ފަރާތުން ޚާއްޞަކުރާ ބަޔަކު އިސްވެ ޤައުމީ ސަލާމް ކިޔުން. ބޭންޑުގައި ޤައުމީ ސަލާމް ކުޅެވޭނެ ގޮތް ހަމަޖެހެން ނެތްނަމަ، މިޔުޒިކާއެކު ޤައުމީ ސަލާމް ކިޔައި، ރެކޯޑުކޮށްފައި އޮތް އޯޑިޔޯއެއްގެ ޒަރީޢާއިން ޤައުމީ ސަލާމް އިއްވުން. އެފަދަ އޯޑިޔޯއެއް އިއްވޭގޮތް ހަމަޖެހެން ނެތްނަމަ ހަމައެކަނި ޤައުމީ ސަލާމުގެ ރާގު ރެކޯޑުކޮށްފައި އޮތް އޯޑިޔޯއެއް އިއްވާފައި، ޖަލްސާ އިންތިޒާމުކުރާ ފަރާތުން ޚާއްޞަކުރާ ބަޔަކު އިސްވެ ޤައުމީ ސަލާމް ކިޔުން. ޤައުމީ ސަލާމުގެ ރާގު އޯޑިޔޯގެ ޒަރީޢާއިން އިއްވޭ ގޮތް ހަމަޖެހެން ނެތްނަމަ، ޖަލްސާ އިންތިޒާމުކުރާ ފަރާތުން ޚާއްޞަކުރާ ބަޔަކު އިސްވެ ޤައުމީ ސަލާމް ކިޔުން.
  8. ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމުކުރާ އެއްވެސް ޖަލްސާއެއް ނުވަތަ ޙަފްލާއެއްގައި ޤައުމީ ސަލާމް ކުޅޭނަމަ ނުވަތަ ޤައުމީ ސަލާމް އިއްވޭނަމަ އެތަނަކަށް ހާޒިރުވެތިބޭ އެންމެން، ތިރީގައިވާ ގޮތަށް އެވަގުތު ޢަމަލުކުރުން. އަދި ޤައުމީ ސަލާމް ކުޅެމުންދާ ޖަލްސާއަށް ނުވަތަ ޙަފްލާއަށް ނުވަތަ ޤައުމީ ސަލާމް ކިޔަމުންދާ ޖަލްސާއަށް ނުވަތަ ޙަފްލާއަށް މީހުން ވަދެ ނުކުމެ ނެހެދުން.

(ހ)  ކޮޅަށް ތެދުވެ ހުއްޓި ހުރުން. މިގޮތަށް ހުންނައިރު އެމީހެއްގެ ކަނާތްތިލަ ހުޅުވާފައި މޭމަތީގައި ވާތްފަރާތުގައި ބަންޑުން ބޭއްވުން.

(ށ)  ޤައުމީ ސަލާމް ކިޔަން ހަމަޖެހިފައިވާނަމަ، ޤައުމީ ސަލާމް ކިޔުން.

(ނ)  ޔުނިފޯމު އެޅި މުއައްސަސާތަކުގެ މުވައްޒަފުން ކުރުނީސް (ސެލިއުޓް) ކުރުން.

މި ދެންނެވުން ނެރުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 47/2001 (12 އޮގަސްޓު 2001) ނަންބަރު ދެންނެވުން ބާޠިލުކުރައްވައިފިއެވެ.