‏"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ. އެމަނިކުފާނު މި ކޮމިޓީ އެކުލަވައިލައްވައިފައިވަނީ 19 ޑިސެންބަރު 2018 ގައެވެ. މިކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ރެޕިޑް އެކްޝަން ޔުނިޓުންނެވެ.
 
ރައީސުލްޖުމްހޫރިއްޔާ އަލަށް މި އެކުލަވައިލެއްވި ކޮމިޓީއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން އުފައްދަވާފައިވާ ކޮމިޓީއެކެވެ.
 
މި ކޮމިޓީ އާ ހަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ހިޔާ"، "ގެދޮރުވެރިކުރުން"، އަދި "ގުޅިފަޅު" މަޝްރޫޢާ ގުޅޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރަން އުސޫލުތައް ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯއާއި ހުށަހަޅާފައިވާ މަޢޫލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް ޝަރުތުފުރިހަމަނުވާ ފަރާތްތައް ސަބަބާއެކު ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ހިމެނެއެވެ.
 
އަދި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނުޙައްޤުން ފްލެޓްލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ނިންމުމާ ބެހޭގޮތުންނާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓްދޫކުރުމުގެ މަސައްކަތްކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް މަސައްކަތްކޮށްފައިވާ ފަރާތްތައް ބަލައި އެފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ނިންމުމުގައާއި، "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓަށް ފައިސާ ދައްކާފައިވީނަމަވެސް ފްލެޓް ހަވާލުނުކޮށްހުރި ފަރާތްތައް ބަލައި އެފަރާތްތަކަށް ޙައްޤު ބަދަލުދެވޭނެ ގޮތްތައް ދެނެގަނެ، މިކަމާމެދު ޢަމަލުކުރާނެގޮތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަކީވެސް މި ކޮމިޓީގެ މަސްއޫލިއަޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
 
‏"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ދިރާސާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މ. ގުލްފާމްގެ މުޙައްމަދު މުޢިއްޒު އަދުނާނާއި، އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާއާއި، ގ. ދާސްތާން ނުޒުހާ ޢަލީމާއި، މއ. އަންޑާޕޫލްއާގެ އަޙްމަދު ޠަލާލާއި، އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން މ. ފެންގަސް އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދެވެ.