މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބަލަން ކަނޑައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މަދުވެގެން ދެ މައްސަލަ ކުރިއަށް ގެންދަވާނީ އާންމުކޮށް ހުޅުވާލައިގެން ކަމުގައި އެ ކޮމިޝަނުން މިއަދު ހާމަކުރައްވައިފިއެވެ. 

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު ވިދާޅުވީ މިގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ މައްސަލަތަކުގެ ތަހުގީގު ހިންގާނީ ލައިވް ޓެލެކާސްޓް ކޮށްގެނެވެ. އަދި، އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ހިންގެވުމުގެ ބޭނުމަކީ، ބައެއް މައްސަލަތައް ތަހުގީގު ކުރެއްވުމުގައި އެކިއެކި މުއައްސަސާތަކުގެ މަސްއޫލިއްޔަތު ފުރިހަމަ ކުރުމުގައި އުނި ކަންތައްތަކެއް ހުރިކަމަށް ފާހަގަ ކުރެވިފައިވާތީ، މުސްތަގުބަލުގައި އެ ކަންތައްތައް ހުއްޓުވޭނެ އިސްލާހުތަކެއް ފާހަގަކޮށް، މުއައްސަސާތަކުގެ މައްޗަށް އާންމުންކުރާ އިތުބާރު ހޯދުމަށް ކަމުގައި ޙުސްނުއް ސުޢޫދު ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި، ކޮމިޝަނުގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ކޮންމެ މައްސަލައަކަށް ސީދާ ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާތަކެއް ކުރުމަށް އަމާޒު ކުރެވިގެން ނޫންކަމުގައި ވިދާޅުވިއެވެ. އަދި، ކޮމިޝަނުން ބަލާނެ ބައެއް މައްސަލަތަކަކީ އޭގެ ޒާތުގައި އިޖުރާއީ ގޮތުން މައްސަލަ ބެލުމުގައި އުނި ކަންތައްތަކެއް ހުރި ކަމަށް ހުށަހެޅިފައި ހުރި މައްސަލަތައް ކަމުގައިވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ކޮމިޝަނުން ބަލަން އެދޭ މައްސަލަތައް ހުށަހެޅުމަށް އާންމުކޮށް ހުޅުވައިލުމާ ގުޅިގެން އާންމުން ހުށަހަޅާފައިވާ މައްސަލަތަކާއި، ކޮމިޝަނުގެ އިސްނެގުމަށް ބަލަން ކަނޑައަޅާފައިވާ މައްސަލަތަކާއެކު ޖުމްލަ 24 މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމުގައިވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މިގޮތުން، މި 24 މައްސަލައިގެ ތަފުސީލު ކޮމިޝަނުގެ ރައީސް ހިއްސާ ކުރެއްވިއެވެ.
 
އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ވާހަކަފުޅުގައި، މިދިޔަ ނޮވެންބަރު މަހުގެ 25 ގައި ކޮމިޝަނުގެ މަސައްކަތް ފެއްޓެވި ފަހުން މައްސަލަތަކުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދެވި، ބައެއް މައްސަލަތަކަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި، އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކޮމިޝަނުގެ ހުރިހާ މަސައްކަތެއް ނިންމައިލެވޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީވެސް ހޯއްދަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެފް.ބީ.އައި. ގެ ކޮންސަލްޓަންސީ ހޯދަން އެދިފައިވާނެ ކަމަށާއި، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެބޭފުޅުން ވަޑައިގެން މަސައްކަތް ފަށްޓަވާނެ ކަމުގެ މައުލޫމާތު ކޮމިޝަނުގެ ރައީސް ދެއްވިއެވެ. އެފް.ބީ.އައި. އިން ކޮމިޝަނަށް އެހީތެރިވެދޭ ދާއިރާތަކުގެ ތެރޭގައި ކްރައިމް ސީން އިންވެސްޓިގޭޝަނާއި، ޑޭޓާ، އޯޑިއޯ ވިޜުއަލް ފޮރެންސިކްސް އާއި، ދުވަސްވެފައިވާ މައްސަލަތައް ތަހުގީގު ކުރުން ހިމެނެއެވެ.

އެފް.ބީ.އައި. ގެ އިތުރުން، ވެސްޓަރން އޮސްޓްރޭލިއާގެ ފުލުހުންގެ ފަރާތުންނާއި، ބައިނަލްއަޤްވާމީ އަމިއްލަ ޖަމާއަތަކުންވެސް ކޮމިޝަންގެ މަސައްކަތަށް އެހީތެރިވެދިނުމަށް ހުށަހަޅާފައިވާ ކަމަށާއި، ކޮމިޝަނުންވާނީ މި ހުށަހެޅުންތައް ގަބޫލުކޮށްފައި ކަމުގައިވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޕްރޮފެސަރ ޙަސަން އުގައިލްވެސް އަންނަ ޖަނަވަރީ މަހު ކޮމިޝަންގެ މަސައްކަތަށް އެހީތެރިވެދެއްވަން ފައްޓަވާނެ ކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.