ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްޤީއަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކުރިޔަށް ގެންދާ "ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ" އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމުގެ ކޮންމެ ފަރުދަކުމެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި، ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސަށާ، އޭނާގެ ޒާތަށް އަންނަ ތަރައްޤީކަމުގައި ވިދާޅުވިއެވެ. އަދި، އެ ތަރައްޤީ ޙާޞިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރައިގެންކަމަށާއި ޞިއްޙީ ދުޅަހެޔޮކަން ޙާޞިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ޙާޞިލެއް ނުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހަމައެފަދައިން ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްވެސްމެ. އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުން އައީ ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކޮށްގެންކަމަށާއި އެހެންކަމުން ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވާހަކަފުޅުގައި ދިވެހި ބޭސްވެރިކަމަކީ ވެސް، ރާއްޖޭގެ ވަށައިޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާއެވެ. އަދި ކޮންމެ ޢާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ޙާޞިލެއް ނުކުރެވޭނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް  ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށެވެ. އެގޮތުން ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާ ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ދިވެހިންގެ ވިސްނުން ބަހައްޓަންވީ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.