ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރުމަށް އެސްއެމްއީ ފައިނޭންސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުންޏެއް އުފައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ގެސްޓް ހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ޙައްލުކޮށްދިނުމުގައި ވެސް، ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމައެވެ.

"މިކުންފުނި ފުރަތަމަ ޤާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ބޭންކަކީ ދިވެހި ތާރީޚްގައި ވެސް މީގެ ކުރިން އުފައްދާފައި ނުވާފަދަ ގޮތަކަށް، ސިޓީ ކައުންސިލްތަކުގެ ޙިއްޞާއާ އެކު އުފެދޭނެ ބޭންކެއްކަމަށާ އަދި މި ބޭންކު ވެގެންދާނީ، ދިވެހީންގެ މާލީ ތަނަވަސްކަމާ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ޤާއިމްކުރެވޭ މާލީ އިދާރާއެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ރައީސުލްޖުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަންކަމަށާއި މި މުހިންމު ވަސީލަތް، އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ރޫފަހެޔޮކަމާއި، ފަރުދީ ތިޔާގިކަމަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްހުމްހޫރިއްޔާ ވިދާޅުވިގޮތުގައި ގެސްޓް ހައުސް ވިޔަފާރި ތަޢާރަފްވުމާ ހަމައަށް، ރާއްޖޭގެ ޓޫރިޒަމް އޮތީ، ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައިކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، ފަތުރުވެރިކަމުގެ ނަފާ، ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރާނެ ގޮތަކަށް، މިޞިނާޢަތުގެ ކަންކަން ތަރުތީބުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޤަވާޢިދުތައް އިޞްލާޙް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށާއި، މި ސިމްޕޯޒިއަމުން ވެސް އެކަންކަމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، ގެސްޓްހައުސް ވިޔަފާރި ވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ، މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ އިޝްތިހާރު ކުރަންވީ، ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައި ނޫންކަމަށާއި، އަދި ރާއްޖޭގައި ހުރި މެދުފަންތީގެ ފުރުޞަތުތަކާއި، ހެޔޮ އަގުގައި ޗުއްޓީ ހޭދަކުރުމުގެ ވާހަކަ ވެސް، ގިނަގިނައިން ދައްކަންވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ރަށު ތަރައްޤީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭކަމަށާއި، އެކި އަތޮޅުތަކުގައި ގެސްޓް ހައުސް ވިޔަފާރި ތަރައްޤީވެ ފުޅާވަމުން އަންނައިރު، މިވިޔަފާރި ހިނގަނީ އެންމެ ރަނގަޅަށް ރެގިއުލޭޓް ކުރެވިގެން ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އެއަމާޒަށް ވާޞިލުވެވޭނީ، ފަތުރުވެރިކަމުގެ ޞިނާޢަތުވެސް ލާމަރުކަޒީ ކުރެވި، ގެސްޓް ހައުސް ވިޔަފާރީގެ މައި އިންޖީނަކީ ކައުންސިލްތައް ކަމުގައި ހަދައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.