ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، ފާދިއްޕޮޅު ނައިފަރަށާއި، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ރ. އަތޮޅު ދުވާފަރަށް ވަޑައިގެން، ދުވާފަރު ކައުންސިލާއި އެއަތޮޅު އުނގޫފާރު ކައުންސިލާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ. އަދި، އެމަނިކުފާނު ވަނީ ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އެމަނިކުފާނު އުފަންވެވަޑައިގެންނެވި ރަށްކަމުގައިވާ ފާދިއްޕޮޅު ހިންނަވަރަށް ނުރަސްމީ ޒިޔާރަތެއް ކުރައްވައިފައެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ޅ. ނައިފަރަށް ޒިޔާރަތްކުރައްވައި، ނައިފަރު ކައުންސިލާވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި، މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވާފައިވެއެވެ.