މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، ދިވެހިންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރެއްވުމުގެ ކުރިން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވާކަން ފާހަގަކުރައްވައިފައެވެ. "އެފަދަ ރަށްރަށާ ކައިރީގައި ހުރި ރިސޯޓްތަކުގެ އެހީތެރިކަން، މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ލިބޭނަމަ، ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރައަކަށް ނުވެ، އަދި ހަލުވިމިނެއްގައި، އެފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަވެގެންދާނެ. ރަށްރަށުގެ ތަރައްޤީއަށް، ވިޔަފާރިވެރިންނާއި ރިސޯޓްތަކުން، މިހާރުވެސް ވަރަށް ގިނަ އެހީތަކެއް ވެދޭކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މުޅި އިޤްތިޞާދު، އޭގެ ވަށައިގެން ދައުރުކުރާ ނާރެހަކީ، ދިރިއުޅުން ވެއަތުކުރާ ގޯތިކަމަށާއި، ޢާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް، ނުވަތަ ގޯއްޗެއް ނެތި، ޙާޞިލުކުރެވޭނެ ތަރައްޤީއެއް ނޯންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބޮޑެތި އިޖްތިމާޢީ މައްސަލަތަކުގެ އަސްލަކީވެސް ގެދޮރުގެ ދަތިކަންކަމަށާއި، ގެދޮރުގެ ދަތިކަން ޙައްލުވެގެން ނޫނީ، އިޤްތިޞާދުގެ ރޫފަ ހެޔޮވެގެން ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޤައުމުގެ ކޮންމެ ފަރުދަކީ ގެދޮރުވެރިއަކަށް ހެދުން. ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް، ހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކުރެވިގެންދާ އިރު، މި ރަށުގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުވެގެންދާނެ. ކޮންމެ ޢާއިލާއަކަށް ވެސް ދިރިއުޅޭނެ ހިޔާވަހިކަމެއް ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކާބެހޭގޮތުން ވާހަކަފުޅުދައްކަވައި ސަރުކާރުގެ ބައެއް ސިޔާސަތުތައްވެސް ހާމަކުރައްވައިފައެވެ. މިގޮތުން ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިކަން ޙާޞިލުކުރެވޭނީ، ވަށައިޖެހިފައިވާ ތަޢުލީމީ ނިޒާމަކުން ކަމަށްވާތީ ސްކޫލް، މަދަރުސާތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ފަރުދީ ފެންވަރުގައި ދުޅަހެޔޮ ދިރިއުޅުމެއް ލިބިގެން ނޫނީ، ޤައުމީ ފެންވަރުގައި އެއްވެސް ނަތީޖާއެއް ޙާޞިލު ނުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ، ސަރުކާރު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް، އެއްވިޔުގައަކުން ގުޅައިލެވިގެންދާނެ. އަދި ހުރިހާ ރަށެއްގައި ޤާއިމުކުރާ ލެބޯޓަރީތަކެއް ޑިޖިޓައިޒްކުރެވޭނެ. އެއާއެކު، ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އަޅުގަނޑުމެން ގެންގުޅޭ ވިސްނުމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ދެންނެވި ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ކުރިއަށް މިއޮތް އަހަރުތަކުގައި ސަރުކާރުން އުންމީދުކުރާ، ހިތްފަސޭހަ ޖަޒީރާވަންތަ ދިރިއުޅުން ފެންނަން ފަށާނެކަމަށާއި، އުއްމީދަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މަސައްކަތްތައް، އެމަގަށް އަމާޒުކުރެވިގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.