ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހެނބަދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ރ. ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އެމަނިކުފާނު އުފަންވެވަޑައިގެންނެވި ރަށްކަމުގައިވާ ޅ. ހިންނަވަރަށްވެސް އިއްޔެ ނުރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތްކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ޅ. ނައިފަރަށް ޒިޔާރަތްކުރައްވައި ނައިފަރު ކައުންސިލާއި ބައްދަލުކުރައްވާފައިވެއެވެ.