ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ. 

ޤާނޫނު ނަންބަރު 4/93 "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ބޭއްވެވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި، ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި، ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދުގެ ޤުދުރަތީ މުއްސަނދިކަމާއި، މި ތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނަށް މަޢުލޫމާތު ދެއްވިއެވެ. މި ތިން ސަރަހައްދަކީވެސް ރާއްޖެއިން އާންމުކޮށް ނުފެންނަ ފަދަ ދިރޭ ތަކެތި ދިރިއުޅޭ ތަންތަންކަން އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

 ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.