ސަރުކާރުގެ އަމާޒަކީ ދުނިޔޭގައިވާ ކާރބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ހެއްދެވުންކަމުގައި ހާމަކުރައްވާ ބަޔާނެއް ރައީސް މުޙަންމަދު ނަޝީދު މިރޭ އިއްވަވާނެއެވެ. މި ބަޔާން އިއްވެވުން އޮންނާނީ މިރޭ ތީމުގޭގައި މިނިސްޓަރުންނަށާއި ސްޓޭޓް މިނިސްޓަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފިލްމެއްކަމަށްވާ "ދި އޭޖް އޮފް ސްޓިއުޕިޑް" ދެއްކެވުމަށްފަހުގައެވެ. މި ފިލްމް ޕްރީމިއަރކުރުން އިނގިރޭސިވިލާތުގެ ލެސްޓަރ ސްކުއަރގައި މިރޭ އޮންނާނެއެވެ.

ސަރުކާރުގެ އަމާޒަކީ 10 އަހަރު ދުވަހުގެ ތެރޭގައި، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފުރަތަމަ ކާބަން ނިޔުޓްރަލް ޤައުމަށް ހެއްދެވުމެވެ.

ދިވެހި ސަރުކާރުން ގެންދަވަނީ މޫސުމާއި ހަކަތައިގެ ދާއިރާއާބެހޭ ބޭރުގެ މާހިރުންނާ މަޝްވަރާކުރައްވައި، ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް ބޭނުންވާ އީކޯ ޕްލޭން ހެއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ. މި އީކޯ ޕްލޭން ގެ އެންމެ ބޮޑު އަސާސަކީ، ހަކަތައިގެ ގޮތުގައި ތެލުގެ ބާވަތްތައް ބޭނުންކުރުމުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުވުމުން އިންޖީނުގެތަކުން އުފައްދަމުން ގެންދާނީ ތިމާވެށްޓާ ރައްޓެހި ހަކަތައެވެ. އަދި، ރާއްޖޭގައި ކުރިން ބޭނުންކުރަމުންގެންދިޔަ ކަރަންޓު އިންޖީނުތައް ބޭނުންކުރުން ހުއްޓާލައި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރަން ފަށާނެއެވެ.

ސަރުކާރުން އުންމީދު ކުރައްވަނީ ދުނިޔޭގައިވާ ތިމާވެށްޓާ އެންމެ ރަށްޓެހި ޤައުމަށް ރާއްޖެވުމުން، ތިމާވެށްޓާމެދު ވިސްނާ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޝައުޤުވެރިވެގެންދާނެކަމަށެވެ.

"ދި އޭޖް އޮފް ސްޓިއުޕިޑް"އަކީ 2055 ވަނަ އަހަރު ހަލާކުވެ ވިރާނާވެފައިވާ ދުނިޔެއެއްގައި ދިރިއުޅޭ މީހެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެކެވެ. މި ފިލްމުގައި 2008 ވަނަ އަހަރުގެ މަންޒަރުތަކެއް އޭނާ ބަލަމުން ތިމަންނާމެންނަށް ފުރުސަތުއޮއްވާ މިކަންތައްތައް ނުހުއްޓުވީ ކީއްވެގެންތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރެއެވެ.