ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގެންފިއެވެ.    

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނައިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދަތުރުފުޅާއި ބެހޭގޮތުން ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ މިބަޔާނުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބަވަންގައެވެ.