އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެޤައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދު މިރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ އެކުވެރި ގުޅުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ދެ ޤައުމަށްވެސް ފައިދާވާ ގޮތަށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި އިންޑިޔާއިން އަބަދުވެސް ހިއްސާވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޝަރަފުގައި، އިންޑިޔާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދް ވަނީ ޖާފަތެއް ދެއްވާފައެވެ.

މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އާ ގުޅުންތައް ޤާއިމު ކުރުމާ އެއްވަރަށް، މިހާތަނަށް ޤާއިމުކޮށްފައިވާ ގުޅުންތައް ދެމެހެއްޓުމަށްވެސް މި ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަމުގައި ވިދާޅުވިއެވެ.