އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެޤައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، އިންޑިޔާގެ ނައިބު ރައީސް ޝްރީ ވެންކައިއަ ނައިޑު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިޔާގެ ރާޝްތްރަޕަތީ ބާވަންގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެޤައުމުގެ މިގުޅުން ބިނާވެފައިވަނީ ޘަޤާފީ އަދި ޒަމާންވީ ތަރިކަތަކުގެ މައްޗަށްކަމުގައި ހާމަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުން ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް އިންޑިޔާގެ ފަރާތުން އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވުމަށް ހަމަޖެހިފައިވަނީ، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބާވަންގައެވެ.