ނެދަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅެއްވި އާ ސަފީރު މިސިޒް ލޮއޯނީ މާރގަރީތާ ކޫލަނޫރަ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ނެދަރލޭންޑްސްއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ނެދަރލޭންޑް ސަރުކާރުން ރާއްޖެއަށް މީގެކުރިންވެސް ތަފާތު އެހީތައް ވެދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖެއަށް ފުރިހަމަ ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގައި ނެދަރލެންޑް ސަފީރުން އަދާކުރެއްވި ދައުރަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ދުނިޔޭގައިވާ އެންމެ ފުރަތަމަ ކާރބަން ނިޔުޓްރަލް ޤައުމަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، އެކަމުގެ ތަފްޞީލުވެސް ސަފީރަށް ރައީސް ނަޝީދު ދެއްވިއެވެ. އަދި އެކަން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ނެދަރލޭންޑް ސަރުކާރާއި އަމިއްލަ އިދާރާތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢްލޫމާތުވެސް ނެދަރލޭންޑް ސަފީރަށް ރައީސް ދެއްވިއެވެ. އަދި ރާއްޖެއަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޓީޗަރުން ބޭނުންވެފައިވުމާއެކު، މިކަމުގައި ނެދަރލޭންޑް ސަފީރުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ނެދަރލޭންޑް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީގެ ނިޒާމެއް ޤާއިމު ކުރެވުނު ކަމަށްޓަކައި މަރްޙަބާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކާމިޔާބީއާއި ކުރިއެރުންތައް ލިބެމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް ޓީޗަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ނެދަރލޭންޑްގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށްވެސް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.