އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެޤައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުޝްމާ ސްވަރާޖް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިޔާގެ ރާޝްތްރަޕަތީ ބާވަންގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މިނޫނަސް ތަރައްޤީގެ އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވުމަށް ހަމަޖެހިފައިވަނީ، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބާވަންގައެވެ.