ބޭރު ޤައުމުތަކުގައި އުޅޭއިރުވެސް  އަޅުގަނޑުމެންނަކީ މުސްލިމުންކަން، އަބަދުވެސް ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ޢަޤީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދެއްވައިގެން ނުވާނެ. ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން،  ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަޞީލަތަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުންކަމަށާއި، އެގުޅުން ކެނޑިގެންދާ ފަދަ ކަމެއް، މި ސަރުކާރުން ނުކުރާނެކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިޔާއާ އެކު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ބޭނުންތަކުގައި އިންޑިޔާއަށް ދިވެހިން ދަތުރު ކުރާ ނިސްބަތް، ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އިންޑިޔާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަން ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިދަތުރުގައި، އިންޑިޔާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފް ކުރުމަކީ،  ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް، ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް، ސަރުކާރުން މަސައްކަތްކުރަވަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

އަދި، އިންސާނީ ވަސީލަތުގެ ގޮތުން، ރާއްޖޭގެ ތަރައްޤީގައި އިންޑިޔާގެ ޙިއްޞާ  ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ، ތަރައްޤީވުމުގައި، އިންޑިޔާ އަދާކޮށްފައިވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަމަށާއި ވިޔަފާރީގެ ގޮތުން ވެސް ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތީ ވަރަށް ޒަމާންވީ، ވަރަށް ބަދަހި ގުޅުމެއްކަމުގައެވެ.

 މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުއަހުވާލު އޮޅުންފިލުއްވިއެވެ.