ނެދަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސިޒް ލޮއޯނީ މާރގަރީތާ ކޫލަނޫރާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ނެދަރލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ ޙާލަތު ކުރިން އޮތްގޮތާއި މިހާރު އޮތްގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޭނުން ކަމުގައި ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހިލޭސާބަހަށް ރާއްޖޭގައި މަސައްކަތް ކުރާނެ ޓީޗަރުން ހޯއްދަވައިދެއްވުމުގައި އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަގާމާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ޙަވާލުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.