"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު"ގެ ބިލް، މިހަފްތާ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސް މުޙަންމަދު ނަޝީދު ނިންމަވައިފިއެވެ.
މި ޤާނޫނަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނޫ އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދަންޖެހޭ އިދާރާތަކާއި ކައުންސިލުތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞްތައް ކަނޑައަޅައި ބަޔާން ކުރުމަށްޓަކައި ހަދާފައިވާ ޤާނޫނެކެވެ.

މި ބިލުގައިވާގޮތުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން 20 އިދާރީ ދާއިރާ ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި 7 ޕްރޮވިންސަކަށް ބަހައި، މިއިން ކޮންމެ ޕްރޮވިންސަކަށް ނިސްބަތްވާ އިދާރާތައް ހިންގުމަށްޓަކައި އަތޮޅު ކައުންސިލެއް އުފެއްދޭނެއެވެ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ހިމެނޭ ރަށްތައް ހިންގުމަށްޓަކައި އިދާރީ ދާއިރާގެ ކޮންމެރަށެއްގައި ރަށުކައުންސިލެއް އުފެއްދޭނެއެވެ. މި ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބު ކުރެވޭނެގޮތްތައް މިޤާނޫނުގައި ބަޔާންވެގެންވެއެވެ.

މި ޤާނޫނުގެ ދެލިކޮޕީއާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މިދިޔަ ފެބްރުއަރީމަހުގެ 14 ގައި ވަނީ ބައްދަލުވުމެއް ބާއްވަވައި، މި ބިލާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާލައްވާފައެވެ.