ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

މީގެ އިތުރުން، ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވެސް މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.