އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އޯލްޓަރނޭޓް އެގްޒެކެޓިވް ޑިރެކްޓަރ، މިސްޓަރ ސިރާޖް ޝަމްސުއްދީން، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ގޮތާބެހޭގޮތުން މިސްޓަރ ޝަމްސުއްދީނަށް ރައީސް މަޢުލޫމާތު ދެއްވިއެވެ. އަދި، އޭ.ޑީ.ބީ.އިން ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޙިއްޞާއެއް ވެދެއްވާކަން ބަޔާން ކުރައްވައި، އޭ.ޑީ.ބީ.އަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ ޝަމްސުއްދީން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފްކުރައްވަމުން ރާއްޖެއަށް އެހީ ހޯއްދަވައިދެއްވުމުގައި އިތުރަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.