ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ. އަޙްމަދު ނުޢުމާނަށް ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަޙްމަދު ނުޢުމާން ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އަޙްމަދު ނުޢުމާން ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، އަޙްމަދު ނުޢުމާން ‏ކުރެއްވިއެވެ.