ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިޓީ ކައުންސިލަށް އަލުން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ހިމެނެއެވެ. އަދި، ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މިގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.