ދިވެހިރާއްޖޭގެ އީ.އީ.ޒެޑް.ގައި މަސްވެރިކަން ކުރުމުގެ ހުއްދަ އިތުރު ފަރާތަކަށް ދޫނުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިމައްސަލައާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ޢާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ހިސާބަށްވުރެ ބޭރުން (އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން – އީ.އީ.ޒެޑް.އިން) އެކްސްޕޯޓް ކުރުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަށް މަސްވެރިކަމުގެ ހުއްދަ ދެއްވަނީ ޤާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ ދަށުންނެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން އީ.އީ.ޒެޑް.ގައި މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވިފައިވާ ބޯޓުފަހަރު، ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމުން، އެކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ނޭދެވޭ އަސަރު ފޯރަމުންދާކަމުގެ ޝަކުވާ ދިވެހި ސަރުކާރަށްވަނީ ލިބިވަޑައިގެންފައެވެ. މިމާޗްމަހުގެ 12ވަނަ ދުވަހު ފިޝަރމަންސް ޔުނިއަންގެ އިސްބޭފުޅުންނާ ރައީސް މުޙަންމަދު ނަޝީދު ބައްދަލުކުރެއްވި ކުރެއްވުމުގައިވެސް، ބޭރުގެ ފަރާތްތަކަށް ދޫކުރައްވާފައިމިވާ ލައިސަންސްގެ ދަށުން ނާޖާއިޒު ގޮތެއްގައި ދިވެހި މަސްކަނޑުތައް ބޭނުންކުރާކަމަށް ތުހުމަތު ކުރެއްވޭތީ އެޔުނިއަނުން އެމައްސަލަވަނީ ނަންގަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިމައްސަލައާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، މަސްވެރިކަން ކުރުމަށް އިތުރަށް ލައިސަންސް ދޫނުކުރެއްވުމަށް ކަނޑައަޅުއްވައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކަމާބެހޭ ބޭފުޅުން ބައްދަލުކުރައްވައި މިކަމުގައި ހުރި މައްސަލަތައް ދިރާސާ ކުރެއްވުމަށް ނިންމެވިއެވެ. އަދި މިހާރު އީ.އީ.ޒެޑް.ގައި މަސްވެރިކަން ކުރަން ހުއްދަދެވޭ އުޞޫލުތަކާއި މަސްވެރިކަން ކުރާ ގޮތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ނުރަނގަޅު އަސަރެއް ކުރޭތޯ ބެއްލެވުމަށާއި، މަސްކަނޑުތަކުން މަސް މަދުވަމުންދާ ސަބަބުތައް ހޯދައި އެސަބަބުތަކުގެ ތެރޭގައި މިކަން ހިމެނޭތޯ ބެއްލެވުމަށްވެސް ނިންމެވިއެވެ. އަދި މިހާރު އީ.އީ.ޒެޑް.ގައި މަސްވެރިކަން ކުރަމުންގެންދާ ބޯޓުފަހަރުން އެމަސައްކަތް ކުރަމުން ގެންދަނީ، އެފަރާތްތަކާ ދެމެދު ކުރައްވާފައިވާ އެގްރިމެންޓާ އެއްގޮތަށްތޯ ބެއްލެވުމަށާއި، އެއްގޮތް ކުރެއްވުމަށް ކުރައްވަންޖެހޭ ކަމެއްވާނަމަ 10 ދުވަހުގެ ތެރޭގައި އެކަމެއް ކުރައްވާ ނިންމެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.