ފެހި ޤާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމެއް ގެނައީވެސް ރަށު ތަރައްޤީއަކީ، އެ ރަށެއްގެ ވަޒަންވެރިންގެ ކިބައިން އުފަންވާންޖެހޭ އެއްޗެއް ކަމަށް ޤަބޫލުފުޅު ކުރެއްވޭތީކަމަށާއި، އެކަމަށްޓަކައި ކައުންސިލްތައް އަލުން ބާރުވެރި ކުރުވުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވާނީ ފަށާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  އަރިއަތޮޅު އުތުރުބުރީ އުކުޅަހު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް ސިޓީ ކައުންސިލްތަކަށް މިހާރު ވާނީ، ކުރިން ހިފަހައްޓާފައި ހުރި ބައެއް ބާރުތައް ދޫކޮށްލާފައިކަމަށާއި، ޤާނޫނުތަކާ އެއްގޮތަށް އެކި ކަންކަމަށް ބިން ދޫކުރުމާއި، ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ޢިމާރާތްކުރުމާއިގުޅޭ އެންމެހައި ކަންކަންވެސް މިހާރު ވާނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލައިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވިޔަފާރިތަކާއި، އެ ސިޓީއެއްގައި ދިރިއުޅޭ އެންމެހައި މީހުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމާއި، މަގުތަކާއި ބަނދަރުތަކާއި ފާލަމާއި ފެރީ ޓާރމިނަލް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް މިހާރު ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައިވާ ބާރުތަކެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ބައެއް ބާރުތައް ވެސް، ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް، މި ހަފުތާގައި ބާއްވާ ވަޒީރުންގެ މަޖިލީހަށް ހުށަހެޅިގެންދާނެކަމާއި، މި ނިންމުންތައް ތަންފީޒުވެގެން ދާއިރު، ލާމަރުކަޒީ ޤާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް މިވަގުތު ވެސް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ.

"އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، މިރަށުގެ މުއައްސަސާތަކުގައި އެފަދަ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް މިދިޔަ ހަފުތާގައި މިރަށު ކައުންސިލުން ނިންމި ނިންމުމަކީ، މިރަށުން ދައްކައިދިން ވަރަށް ރީތި މިސާލެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު، ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ ކިބައިން ސަރުކާރުން އެދޭ ވަރަށްބޮޑު އެދުމެއްކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރައްވަން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.