ރައީސް މުޙަންމަދު ނަޝީދު މެދު ޕްރޮވިންސަށް ފެށްޓެވި ދަތުރުފުޅުގައި ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ފީއައްޔަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފީއަލީ މަދަރުސާއަށް ސަރުކާރުން ރަނގަޅު ހެޑްމާސްޓަރަކާއި ޓީޗަރުން ހޯއްދަވައި ދެއްވާނެ ކަމަށާއި ފީއަލީ ބަނދަރު ބޮޑު ކުރެއްވުމުގެ މަސައްކަތް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށްއޮތް ދެމަސް ދުވަހުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވަނީ ޙަޤީޤަތުގައި ވަރަށް އިންސާފުވެރި ގޮތެއްގައި ކަމަށް ވިދާޅުވިއެވެ.

ފީއައްޔަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ރަށުގެ އެކިދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެރަށުގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.