ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝް ސަފީރަށް މަރުޙަބާ ދަންނަވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލްދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

އަދި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމަށް ފައިދާހުރިގޮތަކަށް އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބަންގްލަދޭޝް ސަފީރު ހާމަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އަދި ޚާއްޞަކޮށް ދިވެހި ދަރިވަރުންނަށް ކޮންމެއަހަރަކު ދެމުންގެންދާ އިންޓަރންޝިޕްގެ ފުރުޞަތުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.